2 Dec 2017

ގަސްތަކާނުލާ

ގަސްތަކާނުލާ

* ނޮވެމްބަރު 28 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ހިމޭންކަމާއެކު ފޯނަށް ބަލަހައްޓައިގެން އިރުކޮޅަކު އިއާން އިނެވެ. ދެން ކުއްލިއަކަށް ހަށިގަނޑު ސީދާ ކޮށްލާފައި ހަމަޖެހިލިއެވެ. އަދި ނަންބަރަކަށް ޑައިލްކުރަން ފެށިއެވެ.

"ހަލޯވ، އީމާ؟ އައި ނީޑް ޓު ސީ ޔޫ ޓުނައިޓް، ދިހައެއްޖަހާއިރު ދާނަން ތިގޭދޮށަށް، ދިމާވާނެތަ؟ " އީމާ ފޯން ނެގުމުން އިއާން އޭނަގެ މަގްޞަދަށް އެދުނެވެ.

"އަހަރެން ނުއުޅޭނެ މިރެއަކު ގޭގަ." ވަގުތުން އީމާ ޖަވާބު ދިނެވެ.

"ކޮންތާކަށް... އައި މީން ކޮން އިރަކު އަންނާނީ ގެއަށް." އިއާން ހުރީ ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ.

"ނޭނގެ، ފޯނުންވެސް ބުނެވިދާނެނު ތި ދައްކަން އުޅޭ ވާހަކައެއް، ކިހިނެއްވީތަ؟" އެއްވެސް ޙާލެއްގައި އިއާންއާ ބައްދަލުވެ ވާހަކަ ނުދެއްކުމަކީ އީމާގެ އެންމެ އިސް އެއް މަގްޞަދެވެ.

"މިރޭ ގެއަށް އާދެވުނީމަ ގުޅާލަދީފާނަންތަ، އައި ވިލް ކަމް ދެން،" ކިތަންމެ ލަހުން ވިޔަސް އީމާއާއި ބައްދަލުވެ ވާހަކަ ދައްކަން އިއާން ބޭނުން ވިއެވެ. މާދަމާ ޝިއުނާ ގޮވައިގެން ޑޮކްޓަރަށް ދިއުމުގެ ކުރިން އޭނަ ގޮތެއް ނިންމަން ޖެހެއެވެ. އިތުރަށް އެއްވެސް ވަގުތެއް ނަގާލެވޭކަށް އޭނައަށް ނެތެވެ.

"ސީރިއަސްކޮށް މި ބުނަނީ، އަހަރެންނާއި އިއާންއާ ދައްކާނެ ވާހަކައެއް ދެން ނުހުންނާނެ، އަހަރެން މިއީ ނުވެސް ދަންނަ މީހަކަށް ހަދާފަ އިއާންގެ ލައިފް ކުރިޔަށް ގެންދޭ، އަހަންނެއް ނުދާނެ..." އިއާންގެ ކަންތައް ހުރި ގޮތުން ބޮލަށް އުނދަގޫވެގެން ވާހަކަ ދައްކަން ފެށި އީމާގެ މި ވާހަކަ ނުވެސް ނިމެނީސް އިއާން ވާހަކަ ދައްކަން ފެށިއެވެ.

"ޖަސްޓް ސީ މީ، ވަންސް، ދެޓްސް އިޓް" އެންމެ ފަހަރަކު ދެކި ވާހަކަ ދެއްކުމަށް އިއާން އެދުނެވެ. އިއާންގެ އެ ރިކުއެސްޓަށް އީމާއަށް އެއްޗެއް ނުބުނެވުނީ ކީއްވެކަމެއް އިއާންއަކަށް ނޭނގެއެވެ. އެނގުނުހާވެސް އެއްޗަކީ އީމާގެ އެއްވެސް ޖަވާބެއް ނުލިބުނު ކަމެވެ. އެއީ އާނއެކޭ ކަމަށް ބަލާފައި އިއާން ފޯން ބޭއްވިއެވެ.

އެރޭގެ ދިހައެއް ޖަހަން ދިހައަކަށް ވީއިރު އިއާން އިނީ އީމާމެންގެ ފެންނަ ހިސާބުގައި ތަންކޮޅެއް ދުރުގައި ސައިކަލް މަޑުކޮށްލައިގެން އޭގެ މަތީގައެވެ. އެހިސާބަށް ދިއުމުގެ ކުރިން ދެފަހަރަކު ގުޅާލުމުން ވެސް އީމާ ފޯން ނުނަގާތީ އިއާންއަށް ކަށަވަރު ކުރެވުނީ އީމާ އަދި ގެއަށް ނައަންނަނީ ކަމަށެވެ. ގެ ފެންނަ ހިސާބުގައި ދުރުގައި މަޑުކޮށްލީ އީމާ ގެއަށް އަންނާނެ ވަގުތަކަށެވެ.

ނަސީބު ކިތަންމެހާވެސް ރަނގަޅެވެ. ދިހައެއްޖަހާ ދެތިން މިނެޓްވީތަނާ އިއާންއަށް އީމާ ފެނުނެވެ. އެހެންނަމަވެސް ގެއަށް ގޮސް ވަންތަނެއް ނޫނެވެ. ގެއިން ނުކުތް ތަނެވެ. އެކަންޏަކުވެސް ނޫނެވެ. ޚުދު އިއާންއާއި އެއް އިސްކޮޅަކާއި އެއް ޢުމުރެއްގެ ޒުވާން ފިރިހެނަކާ އެކުގައެވެ. އެއީ ނަދީމެއް ނޫނެވެ. އިއާން ދުވަހަކުވެސް ދުށް މީހެއްވެސް ނޫނެވެ. އިއާންއަށް ހެދޭނެހެދޭ ވެސް ނޭނގުނު ކަހަލައެވެ. ވަރަށް އަވަސް ޙަރަކާތަކާއެކު ސައިކަލުން ފައިބައިގެން އީމާމެންގެއާ ދިމާލަށް ހިނގައިގަނެވުނެވެ. މަގުމަތިން ދިޔައިރު ބަޔެއްގެ ގައިގައި ލައިގަތްއިރު ވެސް އިއާން އެއިން މީހަކަށް ވެސް ނުބަލައެވެ. އިއާންގެ ނަޒަރަށް ފެންނަނީ އީމާމެންގޭ ދޮރުމަތީގައި ޒުވާން ފިރިހެނަކާ ވާހަކަ ދައްކަން ހުރި އީމާ އާއި އެ ޒުވާނެއްގެ ޙަރަކާތްތައް އެކަންޏެވެ. އިއާން ބޭނުންވީ އެ މީހަކު އެތަނުން ދިއުމުގެ ކުރިން ގޮސް އެމީހުން ކައިރިއަށް ހުއްޓުމަށެވެ. އެމީހަކު ދާ ހިސާބުން ފެށިގެން އީމާ ގެއަށް ވަންނާނެތީ އޭގެ ކުރިން އީމާއާ ހަމައަށް ވާޞިލު ވުމަށެވެ. އެކަން އިއާން ކުރިވެސް މެއެވެ.

އީމާ ވާހަކަ ދައްކަން ހުރި މީހާ އީމާއާއި ސަލާމް ކޮށްލާފައި ދިއުމުން މަގުގެ ދެކޮޅު ބަލާލާފައި ގެއަށް ވަންނަން އުޅުނު އީމާއަށް ހުއްޓެވުނީ އިއާން ހުރިތަން ފެނިގެންނެވެ.

"ނިމުނީ؟ ގޭގަ އުޅެމޭ ބުނިނަމަވެސް ތިކުރި ކަމެއް ނިމެންދެން އަހަރެން ނުވަންނާނަން، އެހާބޮޑު ދޮގެއް ނެހެދިނަމަވެސް ހަމަ ރަނގަޅުވީސް." ދެޖީބަށް އަތްޖަހާލާފައި އިއާން ބުނެލިއެވެ. ދެމީހުންގެ މެދަށްވެސް ކުޑަ ހިނދުކޮޅަކަށް ހިމޭންކަން އައެވެ.

"ދޮގުގެ ވާހަކަ ދައްކަން ހެޔޮވާވަރުގެ އަނގައެއްނޫން ތިއީ." ހިމޭންކަން ފުނޑުކޮށްލާފައި ބުނި މި ޖުމްލައާއެކު ދޮރު ހުޅުވާލާފައި އީމާ ވަނީ އެތެރެއަށެވެ. އިއާންއަށް ހީވީ ބޮލުގަ އެއްޗަކުން ޖެހިހެންނެވެ.

ގޭތެރެއަށް ވަދެފައި އީމާ ދޮރުލައްޕަން އެ ނެގި ވަގުތުކޮޅާއި، އިއާން ގޮތްނިންމަން ނެގި ވަގުތުކޮޅާ ދެމެދުގައި ހޭދަވީ މަދު ސިކުންތުކޮޅެކެވެ. ކުރިއަށް ޖެހި އެގޭގެ ދޮރުން ވަނުމަށް އިއާންވެސް ދޮރުފަތުގައި އަތް އަޅާކޮއްޕާލިއެވެ. އީމާ އުޅެނީ އޭނައާއި ބައްދަލުނުކުރާން އެކަނި ނޫން ކަމާއި، އެގެއަށްވެސް ވަނަ ނުދޭންކަން އިއާންއަށް ވިސްނުނީ އެވަގުތުއެވެ. އީމާ ހުރީ އެތެރެއިން ދޮރުގައި އަތް އަޅައި ހުޅުވިޔަނުދޭން ހިފަހައްޓައިގެންނެވެ. އީމާ މަސައްކަތް ކުރީ އެ ދޮރުން އިއާން ވަނަނުދީ އަވަހަށް ތަޅު ލުމަށެވެ.

"އީމާ ޕްލީޒް." އިއާންގެ އަޑުގައި ހުރީ އިންޒާރުގެ ގޮތެކެވެ. "މިގެއަށް ވަންނަން ނުއުޅޭ، އިއާންއާއި އަހަރެން ދައްކާނެ ވާހަކައެއް ނެތް ދެނެއް، ދޭ." އެތެރެއިން ދޮރު ހުޅުވިޔަނުދޭން އީމާ މަސައްކަތް ކުރިއެވެ.

އީމާގެ އެބަސްކޮޅަށް އިތުރު އެއްޗެއް އިއާން ނުބުނެއެވެ. މަޑުމަޑުން ހުރެފައި ކުއްލިއަކަށް ތަންކޮޅެއް ބާރަށް އެ ބާ ދޮރުފަތް ކޮއްޕާލިއެވެ. އެއާއެކު އީމާގެ ބާރުގެ ދަށުން އެ ދޮރުފަތް ދޫވެ، ހުޅުވިގެން ދިޔައެވެ. އިއާން އެތެރެއަށް ވަދެއްޖެއެވެ. އިއާންއާއި އީމާވެސް މިހާރު ތިބީ ދޮރު ފުރަގަހުގައެވެ. އީމާގެ ގޭގެ ސިޑި ބުޑުގައެވެ.

***

"އިއާން އެގޮތަށް ފޮނުވާލުން އެއީ އެންމެ ރަނގަޅުގޮތްހެން ދޮންތަބެއަށް ހީވޭތަ؟" ރޭގަނަޑުގެ ކެއުން ކާން އުޅުނުއިރު އިއާން އެގެ ދޫކޮށްދިޔަކަން އެނގުމުން ކެއުމަކާވެސް ނޫޅެ ސިޓިންރޫމްގައި އިށީނދެލައިގެން ތިބި އާލިޔާ އާއި ރިޒްވީ ކުރިމަތީގައި ހުރި ސޯފާގައި އިށީނދެފައި ޢިލްމާވެސް އެމީހުންގެ ޚިޔާލުގައި އެ ހިނގާ ބޮޑު ހައިޖާނުގެ ވާހަކައިން ވާހަކަ ދައްކަން ފެށިއެވެ.

"އަހަންނަށް ހީވަނީ އިއާން ފޮނުވާލުމުގެ ބަދަލުގަ އެދެމީހުން ކައިވެނި ކުރުވަން އުޅެންވީހެން ވީ އެންމެ އަވަހަކަށް، ކައިވެނި ކުރުވާފައި އިއާންއާއެކު އަވަހަށް އެކޮޅަށް ފުރުވާލަންވީހެންހީވަނީ." ޓީވީ ބަލާކަމަށް ހަދައިގެން އިން ރިޒްވީއާ ދިމާލަށް ބަލާލާފައި އަނެއްކާވެސް ވާހަކަ ދެއްކީ ޢިލްމާއެވެ. އާލިޔާވެސް އިނެވެ. އެހެންނަމަވެސް ރިޒްވީގެ ޚިޔާލުގައި އެނބުރެނީ ކޮން ކަމެއްކަން ނޭނގޭތީ އެކަމަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ޢުމުރު ދުވަހުވެސް އާލިޔާ އައީ އިއާން ދިފާޢުކުރަމުން ކަމަށްވިޔަސް ދެނެއް އިއާންގެ ދިފާޢުގައި އެއްޗެއް ބުނާކަށް އެ މަންމަ ބޭނުމެއް ނުވިއެވެ.

"އިއާންގެ ހުރިހާ އެއްޗެއް ޕެކްކޮށްފަ މިތަނަށް ސިޓިންރޫމަށް ނެރެފަ ބަހައްޓާތި އަހަރެން އަންނަންވައިރަށް." ޢިލްމާ ދެއްކި ވާހަކަ އަޑުވެސް ނީވޭ މީހެއްފަދައިން މުޅިން އެހެން ވާހަކައެއް ދައްކާލާފައި ރިޒްވީ ނިކުތީ އެޕާޓްމަންޓުން ބޭރަށެވެ.

ކަންބޮޑުވެފައި ޢިލްމާއަށްބަލާލެވުނީ އާލިޔާ އާއި ދިމާލަށެވެ.

"ދޮންތާ....؟" ޢިލްމާ ބަލާލުމުން އާލިޔާވެސް ދުރުބެލީތީ ޢިލްމާއަށް ލިބުނީ ޙައިރާންކަމެކެވެ. އާލިޔާހެއްޔެވެ؟ ޢިލްމާގެ އެ ސުވާލަށް ޖަވާބެއް ދިނުމުގެ ބަދަލުގައި ތެދުވެގެން ގޮސް ވަނީ އަމިއްލަ ކޮޓަރިއަށެވެ. އެ އަރަތެއްކަހަލަ ހިމޭންކަމުން ޢިލްމާއަށް ވަރަށް ފުރިހަމައަށް ޖަވާބު ލިބުނެވެ. ދޮންތަބޭ ބުނިގޮތަށް ހެދުން ނޫން ގޮތެއް ޢިލްމާއަކަށް ނެތްކަން ޢިލްމާއަށް ޔަގީންވިއެވެ.

***

"ހިލޭ ފިރިހެނުން ގެއަށް ވެއްދޭ، އަހަރެން އަންނަން ބުނީމަ ކޮބާ ދެން މައްސަލައަކީ؟" ދޮރު ފުރަގަހުގައި ހުރި އީމާގެ ރުޅިއައިސްހުރި ލޮލަށް ބަލަން ހުރެ އިއާން އެހިއެވެ. ދެމީހުންގެ ވެސް އެއް އަތްތިލަ ހުރީ ލެއްޕިފައިހުރި ދޮރުގައެވެ.

"އަހަރެން ބޭނުން މީހަކު ވެއްދޭނެ އަހަރެން ގެއަށް." ރުޅިވެރިކަމާއެކު އިއާންގެ ލޮލަށް ބަލަންހުރެ އީމާ ޖަވާބު ދިނީ ވަރަށް ހަރުކޮށެވެ.

"ތިކަން އެބައެނގޭ، އަދި ކިތައް ފިރިހެނުން ގޭގަ އެބަތިބިބާ؟" މަލާމާތާއި ޖެއްސުމުގެ ރާގުގައި މިހެން ބުނެފައި ސިޑިން މައްޗަށް އިއާން ބަލާލިއެވެ.

"ބެހޭކަމެއްނޫން." އީމާގެ ގާތަށް ވަރަކަށް ރުޅިއައެވެ.

"އޯވ ޔޫ އާ ސޯ ރޯންގު، އަހަންނާ ނުބެހޭނެ އެއްގޮތެއް ވެސް ނޯންނާނެ." ފާޑަކަށް ހީލާފައި މިހެން ބުނެލުމާއެކު ބަލާކަށް ނުހުރެ އިއާން އަރަން ފެށީ ސިޑިން މައްޗަށެވެ.

"ނުދާތި، ނުވަންނާތި ގެއަށް، ނުވަންނާތި." އިއާންގެ އެ ޖެހިލުންކުޑަ ޙަރަކާތުގެ ސަބަބުން އިތުރަށް ރުޅިގަދަވެފައި މިހެން ގޮވަމުން ގޮވަމުން އީމާ ވެސް ސިޑިންއަރަން ފެށިއެވެ. ދުވެފައެވެ. އެހެންނަމަވެސް ކުރީގައި ހުރީ އިއާންއެވެ. އީމާއަށް އެއް ހަރުފަތް ގިރާކުރެވޭއިރު އިއާން ދިޔައީ ކޮންމެ ދެހަރުފަތަކުން ގިރާކުރަމުންނެވެ.

އީމާ ގޮވަގޮވާހުއްޓާ އިއާން ސިޓިންރޫމަށް ވެސް ވަނެވެ. ވަށައިގެން ހޯދަ ހޯދާފައި އެ ކުޑަކުޑަ ތަންކޮޅުގައި ހުރި ދެކޮޓަރީގެ ވެސް ދޮރު ހުޅުވައި ބެލިއެވެ. ތިންވަނައަށް ހުރި ކޮޓަރިއާއި ހަމައަށް އިއާންއަށް ދެވުމުގެ ކުރިން އީމާ ގޮސް އެތަނަށް ހުރަސްވިއެވެ.

"ނުވަންނާތި، ޕޮލިހަށް ނުގުޅަނީސް މިތަނުން ދާން އުޅޭ." އީމާ ބާރު އަޑުން ބުންޏެވެ. އެހެންނަމަވެސް އެ އަޑަކަށް އިއާން ކުޑަވެސް ސިހުންވިހެނެއް ހިއެއް ނުވެއެވެ. "ޕޮލިހުންނަކަށް ވެސް އަހަރެން މިތަނުން ފޮނުވައެއް ނުލެވޭނެ، ނޭނގޭތަ އެކަމެއް." ދެ އުކުޅުގައި އަތް ވިދެލަމުން އިއާން ބުނެލިއެވެ.

"ކޮން ވައްތަރަކަށްތަ ތިއުޅެނީ، އިއާން ވަންނަން ޖެހޭ ގެއެއްތަ މިއީ، ބުނެފީމެއްނު ބޭނުމެއް ނެތޭ އެއްވެސް ގުޅުމެއް ބާއްވާކަށް، އަހަރެން ދައްކަންޖެހޭ ވާހަކައެއްނޯންނާނެ، ދާން އުޅޭ މިގެއިން،" އިއާންގެ ކަންތައް އެހެރަ ގޮތުން އީމާގެ ބޮލަށް އުނދަގޫވިއެވެ. ރުޅިއާދެވުނެވެ.

"ތިދޮރު ހުޅުވާ" މަޑު އެހެނަސް އިންޒާރެއްގޮތަށް އިއާން ބުނެލިއެވެ.

"ނުހުޅުވާނަން، އިއާންއާ ބެހޭތަނެއް ނޫން މިއީ، ދާށޭ، ދާށޭ މިކިޔަނީ." އީމާގެ ރުޅި ދިޔައީ ގަދަވަމުންނެވެ. ހައްދެއް ހުދޫދެއް ނެތި އައިސް ގެއަށް ވަދެގެން އިއާން އެހެން އުޅެނީ ކީއްވެކަމެއް އީމާއަކަށް ނުވިސްނުނެވެ.

އީމާ ހުރަސްވެ ހުރީ ކޮޓަރީ ދޮރުކުރިމައްޗަށެވެ. ދޮރުކަނީގައި ދެއަތް އަޅުވާލައިގެންނެވެ. އީމާގެ ގަޔަކު އިއާން އަތެއް ނުލައެވެ. އީމާގެ އުނަގަނޑާދި ދިމާލުން އަތް ގެންގޮސް ތަޅުގައި ހިފައި ދޮރު ހުޅުވާލީ އީމާ އެހެން ހުއްޓައެވެ. އީމާއަށް ލިބުނު ސިހުމުގައި ފަހަތަށް އެނބުރިލެވުނު ވަގުތު، އިއާން އެކޮޓަރިތެރެއަށް ދެމިގަތެވެ. އެ ކޮޓަރީތެރެ ފެނުމާއެކު އިއާންއަށް ހުއްޓެވުނެވެ. ފުރަތަމަ ނަޒަރުންވެސް އެއީ އީމާގެ ކޮޓަރިކަން އިއާންއަށް އެނގުނެވެ. ކޮޓަރީގެ ކުޑަކަމާ ބަލާފައި ތަރުތީބާއި ސާފުތާހިރުކަން އިއާންއަށް ފާހަގަ ކުރެވުނެވެ. އީމާ ނިދާ ސިންގަލް އެނދާ ދިމާލަށް އިއާންއަށް ބަލަހައްޓައިގެން ހުރެވުނެވެ.

"ނުކުންނާށޭ." މި ހަޅޭކާއެކު ކުއްލިއަކަށް އިއާންގެ މުލައްދަނޑީގައި ހިފައި އީމާ ފަހަތަށް ދަމައިގަތެވެ. އީމާ އުޅުނީ ދަމާފައި ވިޔަސް އިއާން އެ ކޮޓަރިން ބޭރުކުރާށެވެ. ނަމަވެސް ވީ އެހެނެއް ނޫނެވެ.

އީމާ ހިފަހައްޓައިގެން ހުރި އިއާންގެ އަމިއްލަ އަތަށްލީ ގަދަ ބާރަކާއެކު ކުރިޔަށް ގެންދިޔަލެއް ބާރުކަމުން އިއާންގެ ކުރިމައްޗަށް އީމާ ޖެހުނެވެ. ބޯހޭވި ރުޅިގަދަވެފައި ހުރި އީމާގެ މޫނަށް އިއާން ބަލަހައްޓައިގެން ހުރީ ފަތަޙައާއެކުގައެވެ.

"ނިކުމޭ، ނިކުންނާށޭ، އަޑެއް ނީވޭތަ،" ހިނދުކޮޅަކަށް ހިމޭންވިނަމަވެސް އަނެއްކާވެސް އީމާ ގޮވަން ފެށިއެވެ. އިއާންގެ މޭގައި އަތް އަޅައި ކޮއްޕާ އެ ކޮޓަރިން ނެރެން އީމާ މަސައްކަތް ކުރަމުން ދިޔައެވެ. އޭނަގެ ކޮޓަރިއަށް އިއާން ވަނުމަކީ އީމާގެ ކުރިމަތީގައި ވަރަށް ބޮޑު ކުށަކަށްވިއެވެ. އީމާ ގަބޫލުކުރާ ގޮތުގައި އިއާން އަކީ އެއްވެސް ހައިސިއްޔަތަކުން އޭނައާ އެކަށީގެންވާ މީހެއް ނޫނެވެ. އޭނަގެ އަމިއްލަ ކޮޓަރިއަށް ވަންނަން އަދި އަމުދުން އެކަށޭނަ މީހެއް ނޫނެވެ. އިއާން އަކީ އެއަށްވުރެ ދަށު ދަރަޖައިގެ މީހެކެވެ.

އީމާގެ ދެއަތުން އަޅާ ކޮއްޕަން ކުރި މަސައްކަތަށް މާ ބޮޑު ބާރެއް އިއާން ނައަޅައެވެ. އެއިން ކޮންމެ ފަހަރަކު އެއްފިޔަވަޅު ނޫނީ ދެފިޔަވަޅު ފަހަތަށް ނެގެމުން ދިޔައީ އިއާންގެ އިޚްތިޔާރަކާ ނުލައެވެ. ނަމަވެސް އެއީ ވަކި ހިސާބަކަށެވެ. ވީ ކިހިނެއްކަމެއްވެސް އީމާއަށް ނޭނގުނެވެ. އީމާގެ އެނދުމައްޗަށް ހުރަހަށް އީމާ ވެއްޓުނީ އިއާންއާވެސް އެކުގައެވެ. ތިރީގަ އީމާއެވެ. މަތީގަ އިއާންއެވެ. ދެމީހުންމެ ރުޅި އައިސްފައެވެ.

"އެހެން ފިރިހެނުންނަށް މިގެއަށް ވަދެވެންޏާ އަހަންނަށްވެސް އާދެވޭނެ." ވެއްޓުނުގޮތަށް ސިހުންވެފައި އޮތް އީމާގެ ދެއަތްތިލަ އެނދާލާ ބާރަށް ހިފަހައްޓާފައި ދަތްކުނޑި ވިކާފައި އިއާން ބުނެލިއެވެ.

އެސްފިޔަޖަހާލަން ވެސް އީމާ ހަނދާން ނެތްކަހަލައެވެ. ސިހިފައި ހުރި ލޮލަކުން އިއާންގެ ރީތި ސާފު ލޮލަށް އީމާ ބަލަމުން ދިޔައެވެ. ރުޅި އައުމުގެ އެއްވެސް ހައްގެއް ނެތް އިރުވެސް އޭނަ ދެކެ ރުޅިއައިސްފަ ހުރި އިއާންގެ މޫނު އެހާ ކައިރިން ފެނުމުން އީމާގެ ހިތުގެ ހިނގުން ބަދަލުވާން ނެގީ ސިކުންތުކޮޅެކެވެ. އޭނަގެ ހަށިގަނޑުގެ މައްޗަށް އިއާންގެ ފުޅާ ހަށިގަނޑުގެ ބަރުދަން ލިބުމުން، ދުވަހަކުވެސް އިހްސާސްނުވާކަހަލަ އަސަރެއް އީމާގެ ހަށިގނޑުގައި ހިނގަން ފެށިއެވެ.

"އަހަރެންނާ ވާހަކައެއް ދައްކާލަން މިނެޓެއް ވެސް ނުދެވޭ، އެކަމަކު ނަދީމްއާއެކު ބޭރަށް ދެވޭ، ގެއަށް މީހުން ގެނެވޭ، ގަޑިޔަކަށް މީހަކުތަ ގެންނަނީ؟ ގަޑިއަކަށް ޖެހޭވަރު ބުނެލިނަމަ އަހަންނަށްވެސް ދެވޭނެ." އިއާން އައިސްފަ ހުރި ރުޅި އީމާއަށް އިހްސާސްވަމުން ދިޔައީ އިއާންގެ އަތްތިލައިގެ ތެރޭގައި ތާށިވެފައި އޮތް އޭނަގެ އަތްތިލައަށް ވާ ތަދުންނެވެ. އެ ތޫނު ދެލޮލުންނެވެ. ދަތްކުނޑި ވިކާފައި އެވާހަކަ ދައްކާ ގޮތުން އިއާންގެ ކޯކަށިގަނޑަށް ކުރާ ބާރުންނެވެ. އެކަމަކު އެއީ އިއާން އަންނަން ޖެހޭ ރުޅިއެއްކަމަކަށް އީމާއަށް ގަބޫލު ނުކުރެވެއެވެ. އޭނައާއި އިއާންގެ ދެމެދުގައި އެއްވެސް ގުޅުމެއް ނެތެވެ. ނުވެސް އޮންނާނެއެވެ.

"ކިހާވަރެއްތަ ޝިއުނާ ގަޑިއަކަށް ޗާޖް ކުރަނީ؟ އެއަށްވުރެ އަގު ކުޑައެއް ނުވާނެ، ވިއްޔާ ވާނީ ބޮޑު" ޚުދު އީމާވެސް އައިސްފަ ހުރި ރުޅިއަކުން އީމާ ބޭނުންވީ އިއާންވެސް ރަނގަޅަށް ރުޅިއަރުވާލާށެވެ. ވީވެސް އެހެންނެވެ. އީމާގެ އަނގަމަތީގައި ޖެހުމަށް އިއާންގެ އަތްތިލަ ވަގުތުން އުފުލުނެވެ.

ދަތްކުޑަ ވިކާފައި ހުރި އީމާގެ މޫނާއި، އޭނަގެ މޫނުގައި ޖަހަން އުފުލާފައި ހުރި އިއާންގެ އަތްތިލަ ފެނިފައި އީމާގެ ނޭވާ އެތެރޭގައި ހިފެހެއްޓުނެވެ. ބިރުން ގޮސް ދެލޯ ބޮޑުވިއެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular