"ކިހާވަރެއްތަ ޝިއުނާ ގަޑިއަކަށް ޗާޖް ކުރަނީ؟ އެއަށްވުރެ އަގު ކުޑައެއް ނުވާނެ، ވިއްޔާ ވާނީ ބޮޑު،" ޚުދު އީމާ ވެސް އައިސްފަ ހުރި ރުޅިއަކުން އީމާ ބޭނުންވީ އިއާން ވެސް ރަނގަޅަށް ރުޅިއަރުވާލާށެވެ. ވީވެސް އެހެންނެވެ. އީމާގެ އަނގަމަތީގައި ޖެހުމަށް އިއާންގެ އަތްތިލަ ވަގުތުން އުފުލުނެވެ.
ދަތްކުނޑި ވިކާފައި ހުރި އިއާންގެ މޫނާއި، ޚުދު އޭނަގެ މޫނުގައި ޖަހަން އުފުލާފައި ހުރި އިއާންގެ އަތްތިލަ ފެނިފައި އީމާގެ ނޭވާ އެތެރޭގައި ހިފެހެއްޓުނެވެ. ބިރުން ގޮސް ދެލޯ ބޮޑުވިއެވެ.
"މާ ފޮންޏެއް ވެގެން ތިއުޅެނީ ކީއްވެ؟ ޝިއުނާއޭ މި އަނގައިން ނުކިޔާށޭ ބުނަމެއްނު އަބަދުވެސް؟" އީމާ ބިރުގަން ތަން ފެނިފައި ޖަހަން އުފުލި އަތް ތިރިކޮށް، އީމާގެ ދެކޮލުގައި ހިފައި އަނގައަށް ފިތައިގެންފައި އިއާން ބުނެލިއެވެ.
އީމާ ދެއަތަށް ބޯ ހޫރަން ފެށިއެވެ. އިއާންގެ އަތް އޭނަގެ ދަތްދޮޅިން ނެއްޓޭތޯ ތެޅިފޮޅެން ފެށިއެވެ. މިކަން ވެގެން ދިޔައީ އިއާންގެ ޝައުގުވެރިކަން އީމާގެ މައްޗަށް ބޮޑަށް ހުއްޓުނު ކަމަކަށެވެ. އީމާގެ މޫނުން ދޫކޮށްލާފައި އީމާގެ ދެއަތްތިލަ ބޯމައްޗަށް ގެންގޮސް އެނދާލައި ކުރިއަށްވުރެ ވެސް ބާރަށް އިއާން ހިފެހެއްޓިއެވެ. އީމާ ކަހަލަ ޝަޢީފު އަންހެންކުއްޖަކަށް އިއާންގެ އެ ގަދަބާރުގެދަށުން ސަލާމަތް ވެވޭގޮތެއް ނުވިއެވެ.
އިއާންގެ ބާރުގެ ދަށުގައި ގައިދުވެފައި އޮތް އީމާ، ހުއްޓާނުލައި ދެފަރާތަށް ބޯ ހޫރުމުގެ ސަބަބުން އިސްތަށިގަނޑު ވިހުރި ކިރިޔާ ދެލޯ ފެނި ނުފެނި ދާވަރަށް އިސްތަށިގަނޑު އޮތީ މޫނުމައްޗަށް އައިސްފައެވެ. މި މަންޒަރު ފެނުމުން އިއާންއަކަށް ވެސް ހިމޭނަކުން ނުހުރެވުނެވެ. ބޭއިޚްތިޔާރުގައި އީމާގެ އަތުން ދޫކޮށްލައި އީމާގެ މޫނުމަތިން އިސްތަށިތައް އެއްފަރާތްކުރަން ފެށިއެވެ. މަޑުމަޑުން ލަސްލަހުންނެވެ. އީމާއަށް ވާނެ އުނދަގުލަކަށްވުރެ ބޮޑަށް، ޚުދު ތިމާއަށް އީމާގެ މޫނު ނުފެންނާތީ އުނދަގޫވެގެން ހުރި ކަހަލައެވެ.
އިއާންގެ ހިތުގެ ހަގީގަތް ނޭނގޭ އީމާ އޮތީ ބިރުންނެވެ. އީމާގެ މޫނުމަތިން އިސްތަށިތައް ދުރަށްލާން އުޅޭ ކޮންމެ ފަހަރަކުމެ އީމާ ސިހެއެވެ. ޖެހިލުންވެއެވެ. އެކަމަކު އިއާންގެ ފަރާތުން އެކަހަލަ އެއްވެސް ހަރަކާތެއް ނުފެނެއެވެ. ޖަހާފާނެއޭ އީމާ ހިތަށް އެރިނަމަވެސް އެފަދަ ހަރަކާތެއް އިއާން ކުރީ ކުރިން ހަމަ އެންމެފަހަރަކުއެވެ.
އީމާގެ މޫނުން އިސްތަށިތައް ދުރަށްލައި ސާފުކޮށް ފެންނަވަރު ވުމުން އިއާންއަށް އީމާގެ ރީތި ލޮލާއި އެ މޫނުގައިވާ ކޮންމެ ސިފައެއް ވަކިވަކިން ބެލެމުން ދިޔައީ އަތުގެ އިހްސާސްވެސް އީމާއަށް ދެމުންނެވެ. އެއިން ކޮންމެ ސިފައެއް ހިތުގައި ފޮރުވަން މަސައްކަތް ކުރާ މީހެއްފަދައިން މަޑު ފިރުމުމަކާއެކުގައެވެ.
އިއާންގެ މޫނު އީމާގެ މޫނާއި ދިމާލަށް ގުދުވާތަން އީމާއަށް ފެންނަން ފެށިއެވެ. އިއާންގެ ނަޒަރު ހުރީ އީމާގެ ތުންފަތަށެވެ. އެއްއަތުން ހިފަހައްޓާފައި ހުރީ އީމާގެ ދަތްދޮޅީގައެވެ. އަނެއް އަތް އަދިވެސް އޮތީ އީމާގެ ބޮލާ ދިމާލުން މައްޗަށް އުފުލާފައި އޮތް އީމާގެ އެއްއަތުގައި ހިފަހައްޓާފައެވެ.
ގުދުވަމުން ދިޔަ އިއާންގެ މޫނު ކައިރިވަމުން ދިޔަވަރަކަށް އީމާއަށް އިއާންގެ ނޭވާގެ ހޫނުކަން އިހްސާސްވަމުން ދިޔައެވެ. އެއާ ހަމަ އެކުއެކީގައި ޚުދު އީމާގެ ލޭގައި ވެސް ހޫނުކަމެއް އުފައްދައި ހިތުގެ ތެޅުން އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ. ހިތުގެ އަޑު އަމިއްލަ ކަންފަތަށް އިވޭލެއް ގަދަވެގެން އެ އަޑުން ސަލާމަތްވުމަށް އީމާއަށް ލޯމަރައި ބާރުކޮށްލެވުނެވެ. ހިނދުކޮޅަކުން އީމާއަށް އިހްސާސްވީ ހޫނުކަމަކާއެކުވި ފިނި ކަމެކެވެ. ގަދަބާރުން އޭނަ ހިފަހައްޓައިގެން އޮތް އިއާން ބޮސްދިނީ އީމާގެ ލެއްޕިފައި ހުރި ދެލޮލުގައެވެ. ދެން ދެ ކަންފަތްކައިރިން ކޮލުގައެވެ. މަޑުމަޑުންނެވެ. އޯގާތެރިކަމާއި ލޯތްބާއެކުގައެވެ. ދުވަހަކު ވެސް އިއާންގެ ކިބައިން ފެނިދާނެހެން ހީވެސްނުކުރާ ފަދަ މަޑުމައިތިރިކަމަކާއި އޯގާތެރިކަމަކާއެކުގައެވެ.
ވަގުތުކޮޅުގެ އަސަރުގައި ޖެހިފައި އޮތް އިއާންގެ މޭގައި އަތްއަޅައި އީމާ ކޮއްޕާލީ އޭގެ ފަހުންނެވެ. ކުއްލިއަކަށެވެ. އިއާންއަށް ސަމާލުވާން ވެސް ހިނދުކޮޅެއް ވެސް ނުލިބުނެވެ. އީމާގެ ވައަތްފަރާތަށް އިއާން ވެއްޓުނެވެ. ހަމަ އެއާއެކު ފުންމައިގެން އީމާ ތެދުވިއެވެ. އިއާން އެނދުން ތެދުވީ އިރުކޮޅަކުންނެވެ.
"ނިކުމޭ..." ތެދުވެ އިށީނދެގެން އިން އިއާން އަށް ބަލަހައްޓައިގެން ހުރެ ހުރެފައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާފައި އީމާ އަމުރު ކުރިއެވެ. މިއަޑު އިއާންއަށް އިވުނު ނަމަވެސް އީމާއާ ދިމާލަކަށް އިއާން ނުބަލައެވެ. އިންތަނުން ތެދުވާކަށް ވެސް ނުއުޅެއެވެ. ކޮޓަރީގެ އެކިދިމަދިމާލަށް ހިމޭންކަމާއެކު ލޯ ހިންގާލަ ހިންގާލާ އިރުކޮޅަކު އިއާން އިނެވެ. ދެން ހަމަ އެހާމެ މަޑުމަޑުން ތެދުވެއްޖެއެވެ. ހިނގާލާފައި ގޮސް ދޮރުން ނުކުތުމުގެ ބަދަލުގައި އީމާގެ ގާތަށް ހުއްޓިއްޖެއެވެ.
އީމާއަށް ބަލައިލެވުނީ އިއާންގެ "އުނިކަމެއްހުންނަ" އަތްތިލައަށެވެ. އެ އަތުން ކަމެއްކުރާއިރު ބަލާމީހަކަށް އެކަން ފާހަގަ ނުވިނަމަވެސް އަތް އެލުވާލައިގެން ހުންނައިރު އެއީ އުނިކަމެއްހުރި އަތްތިލައެކެވެ. އެކަމަކުވެސް އެއީ ގުދުރަތުގެ ކުޅަދުންވަންތަކަމުން، އިއާންގެ ސޫރައަށް ލިބިފައިވާ ފުރިހަމަކަމެއް ކަހަލައެވެ.
އީމާ ބަލަހައްޓައިގެން ހުއްޓާ އިއާން ދެއަތްތިލައެއްކޮށް އިނގިލިތައް މަހާލިއެވެ. ދެން ކަރުކެހިލިއެވެ.
"އަހަރެން އައީ އެޕޮލޮޖައިޒްކުރަން، އެކަމަކު..." އިއާން އިސްއުފުލާ އީމާއަށް ބަލާލިއެވެ. އީމާ ހުރީ ދޮރުން ބޭރަށް ބަލަހައްޓައިގެންނެވެ.
"އަހަންނަށް ރަނގަޅީ ވީހާވެސް އަވަހަކަށް މިގެއިން ދިއުން،" އިއާން އާއި ދިމާލަށް ނުބަލާހުރެ އީމާ ބުނެލިއެވެ.
"ކޮންމެވެސް ދުވަހަކުން، ވީ ދުވަހަކުން އަހަންނަށް މަޢާފްކޮށްދޭނެކަމަށް ހީކުރަން، ގަސްތުގަ އީމާއަށް ލަނޑެއް ދޭކަށް ނޫން އުޅުނީ، އެކަމަކު، އެކަން ވެ ނިމިއްޖެ، ކާންޓް އަންޑޫ އިޓް، އެނގޭ ކިހާ ވަރެއްގެ ކަމެއްކަންވެސް، އެހުރިހާ ކަމަކަށް ސޮރީ ބުނަން އައީ، އައި ނީޑެޑް ޓު ޓޯކް ފޭސް ޓު ފޭސް، އެހެންވެ ވަގުތުކޮޅަކަށް އެދުނީ،" އިއާން އަމިއްލަ ކުށަށް އިޢުތިރާފް ވަމުން ދިޔައީ އުނދަގުލުންކަން އީމާއަށް އެނގެއެވެ. އިއާންގެ އަޑުގައި އެ އަސަރު ހުއްޓެވެ.
"އީމާ......" އެއްޗެއް ނުބުނެ ހުރި އީމާއަށް މާ ރީއްޗަކަށް އިއާން ގޮވާލިއެވެ. ހަމަ ވަގުތުން އިއާންއާ ދިމާލަށް އީމާއަށް ބަލައިލެވުނެވެ.
ބޮލުގެ އިޝާރާތުން ވީ ކީއްހޭ އިއާން އެހިއެވެ. އީމާއަށް ލިބުނީ ހައިރާން ކަމެކެވެ. ކަމެއް ވެއްޖެހެއްޔޭ އީމާ ހިތަށް އެރިއެވެ.
"ކިހިނެއްވީ؟ ޑިޑް އައި ހާޓް ޔޫ އެނީވެޔަރ؟ ތަދުކުރެވުނީތަ އަހަންނަށް." އީމާއާ ދިމާލަށް ދެފިޔަވަޅެއް ނަގަމުން އިއާން އެހިއެވެ. އިއާންގެ މޫނުމަތިން ފެންނަނީ އާދަޔާ ޚިލާފު ކަންބޮޑުވުމެކެވެ. އެކަމަކު އެއީ ކީއްވެކަމެއް އީމާއަކަށް ނުވިސްނެއެވެ.
އިއާންގެނިތުން ރޫފިލައިގެން ދިޔައީ ކުއްލިއަކަށެވެ. އިއާން އެ ސުވާލުތައް ކުރީ އީމާގެ ލޮލުން ކަރުނަފައިބާތީއެވެ. އެކަމަކު އެއީ އީމާއަށް އެނގިގެން ފައިބާ ކަރުނައެއްނޫންކަން އިއާންއަށް އެނގުމުން ހައިރާންކަން ފިލައިގެން ދިޔައީއެވެ. ތަނަކަށް ތަދުވަނީހޭ އެހުމުންވެސް އީމާއަށް އީމާގެ ލޮލުން ކަރުނަ ފައިބާކަމެއް ނޭނގުނެވެ.
އިއާންގެ ހުރިހާ އައްޑަނައެއް ބަހައްޓާލެވިއްޖެއެވެ. ކުރިއަށް ޖެހި އީމާގެ މޫނުގައި ދެއަތުން ހިފަހައްޓައި އުފުލާލިއެވެ.
"ޕްލީޒް ޑޯންޓް ކްރައި." އިއާންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ލަގޮނޑިއަށް ތަދުވާވަރުން ވާހަކަ ދައްކަންވެސް އުނދަގޫވެގެން ހުއްޓުނެވެ.
"އަހަރެން ހިތަކު ދުވަހަކުވެސް ނެތް އީމާ ދެރަކުރާކަށް، ގޯސް ސަމާސާއަކުން ފެށުނަސްވެސް، އައި ލައިކް ޔޫ، އިންފެކްޓް އައި ލައިކްޑް ޔޫ އަ ލޮޓް، ޖަސްޓް ޑިޑިންޓް ރިއަލައިޒް އިޓް، ހިތަކަށް ނާރާ މިހެން ވެދާނެއެކޭ، އެ ސަމާސާވެސް ވިހަވުމުގެ ކުރިން ހުއްޓާލަން ރާވައިގެން ހުރީ، އެކަމަކު.....ގަސްތަކު ނޫން އެއީ....އަންއިންޓެންޝަނަލީ...." އިއާން އަނެއްކާވެސް ހުއްޓާލިއެވެ. ޚުދު އޭނަގެ ހިތް އީމާގެ މައްޗަށް ދިޔަ ގޮތުގެ ވާހަކަ އަމިއްލަ ދުލުން ދައްކަން އިއާންއަށް އުނދަގޫވިއެވެ.
"އައި ނޯ އައިވް ހާޓް ޔޫ، އައި ނޯ، އަންއިންޓެންޝަނަލް އިޓް އިޒް، ނެވަރ ތޮޓް އޮފް ހާޓިންގ ޔޫ، ސޯ ސޮރީ، ފޯރ އެވްރީތިންގ. ޓްރޫލީ ސޮރީ" އީމާގެ ލޮލުން ފައިބާ ކަރުނަތައް ދެއިނގިލިން ފޮހެދެމުން އިއާން މަޢާފަށް އެދުނެވެ. ފަށްފަށްކޮށްވެސް މަޢާފަށް އެދުނެވެ.
"ފޮގެޓް އެބައުޓް މީ އޯކޭ، ޖަސްޓް ޓްރައި ޓު ލިވް ހެޕިލީ، ނަދީމް އާއެކު ހެޕީ ލައިފެއް ހޯދަން މަސައްކަތް ކުރާތި، ޖަސްޓް ހޭޓް މީ އެންޑް ފޮގެޓް މީ. އޯކޭ؟" އިއާން ދައްކަމުން ދިޔަ ވާހަކަތަކުން ނަގަންވީ ކޮން މާނައެއްކަމެއް ވެސް އީމާއަށް ވިސްނަން އުނދަގުލެވެ. ކުޑަކުއްޖަކު މަސަލަސް ކުރާހެން އެހާ އޯގާތެރި އަޑަކުން ، އެހާ ލޯބިން ބަލަހައްޓައިގެން ހުރެ އިއާން ހަނދާން ނައްތާލަން ނަސޭޙަތް އެ ދެނީ ކީއްވެކަމެއް އީމާއަށް ވިސްނައިގަންނަން ދަތިވަމުން ދިޔައެވެ.
"އެ ބޭޑް ޑްރީމް އައި އެމް، އީމާއަށް ފެނުނު ބިރުވެރި ހުވަފެނެއްކަމަށް ބަލާފަ ހަނދާން ނައްތާލާތި އިނގޭ." އެ ހިތުގައި އަބަދުގެ އަބަދަށް އޭނައަށްޓަކައި ލޯބި އޮންނަން އެދޭހިތުގެ ވެރިޔާ ކައިރީގައި އިއާން ބުނަމުން ދިޔައީ ޚުދު ތިމާގެ މަތިން ހަނދާން ނައްތާލުމަށެވެ. ހިތާ ދެކޮޅަށެވެ. މަޖްބޫރުވެގެންނެވެ. ހިތުން ރޮމުންނެވެ.
"ޖަސްޓް ލީވް..." އީމާ އޭނަގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާފައި ހުރި އިއާންގެ އަތްތިލަ މަޑުމަޑުން ނައްޓުވަމުން ބުނެލިއެވެ. އޭނަގެ ލޮލުން ފައިބާ ކަރުނައިގެ މައްޗަކަށް އީމާގެ އެއްވެސް އިޚްތިޔާރެއް ނެތް ކަހަލައެވެ. އީމާއަށް ވާނެ ނަމަ އެ ނުލަފާ ފިރިހެން މީހާ މައްޗަށް އެންމެ ތިއްކެއްވެސް އޭނަގެ ލޮލުން ބޭކާރުވިޔަކަ ނުދޭނެއެވެ. އެކަމަކު އެކަމެއް އީމާއަކަށް ނުހުއްޓުވެއެވެ.
"އަހަރެން ބޭނުމެއް ނޫން ދުވަހަކުވެސް ތި މީހާ ދެކޭކަށް، ޖަސްޓް ލީވް" އިއާންގެ ހިތް ކަތިލެވިގެން ދިޔަ ފަދަ ނަފްރަތަކުން އިއާންގެ ދެލޮލަށް ބަލާފައި އީމާ ބުނެލިއެވެ.
އިއާންއަކަށް އިތުރު އެއްޗެއްވެސް ނުބުނެވުނެވެ. ބަލަހއްޓައިގެން އިރުކޮޅަކު ހުރެވުނެވެ. ދެން މަޑުމަޑުން ކޮޓަރިން ނުކުތެވެ. ސިޓިންރޫމް ހުރަސްކޮށް ގޮސް އެޕާޓްމަންޓް ދޮރުންވެސް ބޭރަށް ނުކުތެވެ. ބޫޓަށް އެރީވެސް އީމާއަށް ފުރަގަސްދީގެން ހުރެގެންނެވެ. ސިކުންތުކޮޅެއްގެ އެ މަޑުޖެހުމަށްފަހު އިއާން ސިޑިން ފައިބާ އަޑު އަހަން އީމާ ހުއްޓެވެ. ބޭރު ދޮރުގަނޑުވެސް ލެއްޕުނު އަޑު އިވުމުން އިއާން ދިޔައީކަން އީމާއަށް ޔަގީންވިއެވެ. ކޮޓަރީގެ ދޮރުގައި ބޯޖެހި، ހިތްބަންޑުންވެގެން ރޮއިގަނެވުނީ އޭގެ ފަހުންނެވެ. ތިމާއަށް ރޮވެނީ ކީއްވެކަން ސާފުކޮށް ޚުދު އީމާއަށްވެސް ނޭނގެއެވެ. އެކަމަކު ރޮވި ރޮވި ގިސްލުންތަކަކަށް ބަދަލުވެގެން ދިޔައިރުވެސް އީމާއަށް ނުހުއްޓެއެވެ.
***
ތިން ދުވަސްފަހެވެ. ރޭގަނޑުން އަށްގަޑިބައިވީއިރު އިއާންއާއި ޝިއުނާ އިނީ ފެމިލީ ކޯޓްގައެވެ. ޝިއުނާއާއި އޭނަގެ ގުޅުމާ މަންމައާއި ބައްޕަ އިންތިހާއަށް ދެކޮޅެވެ. އެ ކައިވެންޏަށް އަދި މާ ނަފްރަތު ކުރާނެއެވެ. އެކަން އިއާންއަށްވެސް އެނގެއެވެ. އެހެންނަމަވެސް މަންމައާއި ބައްޕަ އޭނަގެ ކައިވެންޏަށް އަންނާނެ ކަމަށް އިއާންއަށް އުއްމީދު ކުރެވެމުން ދިޔައެވެ. މީހަކު ދޮރު ހުޅުވާލާ ކޮންމެ ފަހަރަކު އިއާންއަށް ފަސް އެނބުރި ބެލެމުން ދިޔައީ އެހެންވެއެވެ.
އިތުރު މީހަކު ދެން އަންނާނެތޯ ސެކްރެޓަރީ އެހިއެވެ. ޖަވާބުގައި ނޫނެކޭ ބުނީވެސް އިއާންއެވެ. އޭނަގެ ފަރާތުން އައިސް ތިބީ އެންމެ ގާތް ހަތަރު ރައްޓެހިންނެވެ. ދެން ތިބީ އަށާރަ މީހުންނަކީވެސް ޝިއުނާގެ ފަރާތުން އައި މީހުންނެވެ. އެ ޢާއިލާ މީހުންނެވެ.
ކައިވެނި ފެށިގެން ކުރިއަށް ދިޔައެވެ. ޝިއުނާ އިނީ އިންތިހާއަށް އުފާވެފައެވެ. އިއާން އެ ކުރަނީ މަޖްބޫރަކުން ކުރަން ޖެހުނު ކައިވެންޏެއްކަމުގައި ވިޔަސް، ޝިއުނާ ކައިވެނި އެ ކުރަނީ އޭނަ އެންމެ ލޯބިވި މީހާއާއެވެ.
ކުއްލިއަކަށް ދޮރުގައި މީހަކު ޓަކިޖަހައިފިއެވެ. އެންމެންމެ އެދިމާލަށް ބަލާލިއެވެ. އެންމެންމެ ހީކުރީ އިއާންގެ މަންމަ އާއި ބައްޕަ އައީ ކަމަށެވެ.
ނަމަވެސް ހުޅުވާލި ދޮރުން އެތެރެއަށް ވަނީ އީމާއެވެ. އެއީ ކާކުކަން އެތަނުން ގިނަ މީހުންނަށް ނޭނގެއެވެ. ނަމަވެސް އިއާން އާއި ޝިއުނާ އާއި އިއާންގެ ގާތް ރައްޓެހިންނަށް އެއީ ކާކުކަން އެނގެއެވެ.
"މި ފެމިލީތޯ؟" އެތެރެއިން ދޮރު ހުޅުވި ސެކްރެޓަރީ އީމާއާއި ސުވާލު ކުރި އަޑު އެ ހިމޭންކަމުގެ ތެރެއިން އެންމެންނަށްވެސް އިވުނެވެ.
"ފްރެންޑެއް." ރީތި ހިނިތުންވުމަކުން އީމާ މިހެން ބުނެލުމާއެކު އީމާ ވަނުމުގެ ހުއްދަ ލިބުނެވެ. ޝުކުރު އަދާކޮށްފައި އީމާ ގޮސް ފަހަތުން ދެވަނަ ބަރީގައި ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ. އެއްވެސް މީހަކާއި ދިމާލަށް ބަލާވެސް ނުލާ އީމާ ފެށީ ފޯން ނަގައިގެން މެސެޖެއް ލިޔާށެވެ. -- ނުނިމޭ --