"ފްރެންޑެއް." ރީތި ހިނިތުންވުމަކުން އީމާ މިހެން ބުނެލުމާއެކު އީމާ ވަނުމުގެ ހުއްދަ ލިބުނެވެ. ޝުކުރު އަދާކޮށްފައި އީމާ ގޮސް ފަހަތުން ދެވަނަ ބަރީގައި ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ. އެއްވެސް މީހަކާ ދިމާލަށް ބަލައިވެސް ނުލައި އީމާ ފެށީ ފޯން ނަގައިގެން މެސެޖެއް ލިޔާށެވެ.
އެންމެ ކުރީ ގޮނޑިބަރީގައި ތިބި އިއާން އާއި ޝިއުނާގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. އީމާ އެތަނަށް އައީ ކީއްކުރަން ބާވައެވެ؟ ކާކު ބުނެގެން ބާވައެވެ؟ އެހާ ހިތްވަރުގަދަ ކަމެއް ކުރަން އީމާއަށް ކެރުނީތީ އިއާން އާއި ޝިއުނާ ހައިރާން ވިއެވެ.
ހަމަ އެވަގުތު އިއާންގެ ފޯނަށް މެސެޖެއް އައެވެ. ނަގައިގެން ބަލާލިއިރު އެއީ އީމާގެ މެސެޖެކެވެ. ކައިރީގައި އިން ޝިއުނާއަށް ނުފެންނާނެހެން އިއާން މެސެޖް ހުޅުވައިގެން ކިޔަން ފެށިއެވެ.
"ތި ކައިވެނި ތި ކުރެވެނީ ބަލިވެ އިން އަންހެނަކާކަން ގާޟީއަށް އެނގޭބާ؟ މިތަނުގައި ތިބިކިތައް މީހުންނަށްބާ އެކަން އެނގޭނީ؟" އިއާންގެ ފޯނަށް އައި މެސެޖަކީ އެއީއެވެ. ލޮލަށް ގަބޫލުކުރަން ވެސް ދަތިވެފައި އިނދެ ދެފަހަރަކު އިއާން އެ މެސެޖް ކިޔެވެ. ދެން ހައިރާންކަމާއެކު ފަސް އެނބުރި އީމާއާ ދިމާލަށް ބަލާލިއެވެ. އެވަގުތުގެ އިންތިޒާރުގައި އިން އީމާ އިނީ ފަރި ހިނިތުންވުމަކާއެކު އިއާންއަށް ބަލަހައްޓައިގެންނެވެ. އިއާންއާ ހަތަރުކަޅި ހަމަވުމާއެކު އިންޒާރުގެ ބެލުމަކަށް އީމާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ހަމަ ހަގީގަތުގައި ވެސް އީމާ އައިސް އިނީ އިއާންގެ ކިބައިން ބަދަލުހިފަންބާއޭ އިއާން ހިތަށް އެރިއެވެ. އެކަމަކު އެއީ އީމާ ކީއްވެ ހިތަށް އެރިކަމެއް ބާވައެވެ؟ އޭނަ ކޮންމެ މީހަކާ އިންނަމަވެސް އީމާ އަކާ ކީއްބާވައެވެ؟ އެތަނަށް އީމާ ހަގީގަތުގައިވެސް އެއައީ ޝިއުނާއާއި އޭނަ ކައިވެނި ކުރާތީ ބިރުދައްކަން ބާވައެވެ. ތެދެކެވެ. ޝިއުނާގެ ހަގީގަތެއް އެތަނުގައި ތިބި އެކަކަށް ވެސް ނޭނގެއެވެ.
"ތި ކައިވެނި ކުރެވޭނެ ކަމަށް ހީނުކުރާތި. އައި އެމް ގޮއިން ޓު ރުއިން ޔޫ. ޖަސްޓް ލައިކް ޔޫ ޓޫ ރުއިންޑް މީ." އަނެއްކާ ދެވަނަ މެސެޖް ވެސް އިއާންގެ ފޯނަށް ލިބުނެވެ. އިއާން ވިސްނާލިއެވެ. އީމާ އައިސް އެއިނީ އެ ދެމީހުންގެ ކިބައިން ބަދަލުހިފަންކަން އިއާންއަށް ޔަގީންވިއެވެ.
ދެން ފެނުނީ ގާޟީގެ ކިބައިން އިޒުނައަށް އެދިފައި އިއާން އިންތަނުން ތެދުވެގެން ފަހަތަށް ހިނގައިގަތް ތަނެވެ. އެ ދިޔަ ގޮތަށް ގޮސް އިއާން ހުއްޓުނީ އީމާ ކައިރިއަށެވެ.
"އައިސްބަލަ ބޭރަށް،" އީމާ ކައިރިއަށް ގުދުވެ ވައި އަޑުން މިހެން ބުނެލާފައި އިއާންވެސް އެ ދޮރުން ބޭރަށް ނުކުތެވެ. ފަހަތުން އީމާވެސް ނުކުތެވެ.
"މިތަނަށް އަންނާށޭ ބުނީ ކާކު؟ ވަޓް އިޒް ދިސް؟" އަތުގައި އޮތް ފޯން ދައްކާލާފައި އެއަށް ދެންމެ އީމާ ފޮނުވި މެސެޖަށް މުޚާޠަބްކޮށް އިއާން އަހާލިއެވެ.
"މީހަކު ބުނަންޖެހޭނެތަ؟ މީހަކު ބުނެގެންތަ ތިދެމީހުންގެ ކުޅިގަނޑު ތެރެއަށް އަހަރެން ވެއްދީ؟ މީހަކު ބުނެގެންތަ މަގޭ ހަމަޖެހުން ނަގާލީ؟ ފަނީ ޔޫ ކުޑް އާސްކް ދެޓް؟" ޖުމްލަ ނިންމާލަމުން އީމާ ހީލީ މަލާމާތާއެކުގައެވެ.
އިއާންއަށް ހުރެވުނީ ހައިރާންވެފައި އީމާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެއީ އީމާގެ ކިބައިން ފެނިދާނެކަމަށް އިއާން ހީކުރި ކަހަލަ ގޮތެއް ނޫނެވެ.
"ވަޓް ކޭން ޔޫ ޕޮޒިބްލީ ޑޫ ހިއަރ؟ މިކަމަކާ އީމާ އަކާ ނޯންނާނެ އެއްވެސް ގުޅުމެއް، ސޯ ޔޫ ބެޓަރ ލީވް." އެތަނުން ދިއުމަށް އީމާއަށް އިއާން ނަސޭހަތް ދިނެވެ.
"އަހަރެން ބުނާނަން ގާޟީ ކައިރީ، ހީނުކުރައްޗޭ އަހަންނަށް ނުކެރޭނެއޭ، އެންމެންގެ ތެރޭގަ އެ ވާހަކަ ބުނާނަން. އެކަން ކޮށްފަ ދާނީ، ކެރެންޏާ ހުއްޓުވާ،" އީމާ އޭނަގެ ޕްލޭން ފާޅު ކުރިއެވެ. އަދި އިތުރު ވާހަކައަކަށް ވެސް މަޑުކުރުމެއް ނެތި އަނެއްކާވެސް ގޮސް، ކައިވެނި ކޮށްދޭން ހަމަޖެހިފައިވާ ކޮޓަރިއަށް އީމާ ވަނެވެ.
އިއާންއަށް ހުރެވުނީ އީމާ ދިޔަ ދިމާލަށް ބަލަހައްޓައިގެންނެވެ. ހާސްވެ ކަންބޮޑުވެފައެވެ. އީމާ ކުރަން ގަސްތު ކޮށްގެން އެ އުޅެނީ އެއްގޮތަކަށް ވެސް ކުޑަ ކަމެއް ނޫނެވެ. އެގޮތަށް އީމާ އެ ކަންތައް ކޮށްފި ނަމަ އޭނަ އަކީ ކުށްވެރިއަކަށް ވާނެއެވެ. ޝިއުނާ އާއި އޭނައާ ދެމީހުންނާއި ދޭތެރޭ ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެއެވެ. އެވަރުގެ ކަމެއް ކުރަން ހަމަ އީމާއަށް ކެރިދާނެ ބާވައެވެ؟ ކޮށްފާނެ ބާވައެވެ؟ އެދެމީހުންގެ ކައިވެނި ކުރެވެނީ މިއަދުކަން މި ގަޑީގަކަން އީމާއަށް އެނގުނީވެސް ކިހިނެއް ހެޔެވެ؟
އިއާން ބޭނުންވީ އީމާ އެތަނުން ނެރުމަށެވެ. ގެއަށް ފޮނުވާލުމަށެވެ. އީމާގެ މޫނުމަތިން ފެނުނު ކުލަވަރަށް ބަލާއިރު، އެކަން އެހެން އީމާ ކޮށްފާނެ ކަމަށް އިއާންއަށް ވަރަށް ޔަގީނެވެ. އީމާ އެތަނުގައި އިންހާ ހިނދަކު އިއާންއަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އެކަން އެހެންވާކަށް އިއާންއަށް ދޫކޮށްލެވޭކަށް ނެތެވެ.
އީމާއަށް ގުޅަން އިއާން ފެށިއެވެ. އެތަނުން އީމާ ނެރުމަށެވެ. ނުކުތުމުން، ދެން އެތަނަށް ނުވަނުމަށާއި ނުބެހޭ ކަންކަމާ ނުބެހުމަށް ބުނެފަ ގެއަށް ދާން އީމާއަށް މަޖްބޫރު ކުރުމަށް އިއާން ވިސްނިއެވެ. އެހެންނަމަވެސް ހުއްޓާނުލައި އިއާން ގުޅިއިރު ވެސް އެންމެ ކޯލަކަށް ވެސް އީމާ ޖަވާބެއް ނުދިނެވެ.
ވަގުތު ދިޔައީ ފާއިތުވަމުންނެވެ.
އިއާންއަށް މަޖްބޫރުވީ ހިތުގައި އޮތް ހާސްކަމާ ބިރުވެރިކަމާއެކު ވެސް އަލުން އަނބުރާ ގޮސް، ކައިވެނިކޮށްދޭ ކޮޓަރިއަށް ވަނުމަށެވެ.
އިއާން ވަންއިރު ފޯނުން ކޮންމެވެސް އެއްޗެއް ބަލަން އީމާ އިނެވެ. އިސް އުފުލާ އިއާންއާ ދިމާލަށް ވެސް ނުބަލައެވެ. އަނެއްކާ އީމާ މިތަނަށް މިއައީ މަންމަ އާއި ބައްޕަގެ ރޭވުމެއްގެ މަތިން ނޫންބާވައެވެ. އެކަމަކު އެފަދަ ދަށްފެންވަރުގެ ކަމަކަށް އޭނަގެ މަންމަ އާއި ބައްޕަ މީހަކު ކިބައިން ވެސް ނެއެދޭނެއެވެ. އަދި ޚާއްޞަކޮށް ޝިއުނާ ބެލި ޑޮކްޓަރުގެ ލިޔުންތައް މަންމަ އާއި ބައްޕައަށް އޭނާ ދެއްކި ވަގުތު މަންމަ ދެއްކި ވާހަކައިގެ ފަހުން، އެ ކައިވެނި ނުކުރެވިދާނެ ފަދަ އެއްވެސް ކަމެއް މަންމަ އާއި ބައްޕަ ނުކުރާނެކަން އިއާންއަށް ޔަގީނެވެ. އޭނަގެ ކައިވެންޏަށް އަންނަން އެހާ ނަފްރަތު ކުރާއިރު އޭނަގެ ޙަޔާތުގެ އެއްވެސް ކަމަކާ ދެނެއް މަންމަ އާއި ބައްޕަ ބޭނުންވެދާނެ ކަމާމެދު އިއާންއަށް ޝައްކެވެ.
އެއްކޮޅުން މަންމައާއި ބައްޕަގެ ދުރުކަން އިއާންގެ ހިތަށް ތަދު ކުރެއެވެ. އަނެއްކޮޅުން އީމާއެވެ. ގަދަކަމުން އޭނަގެ ހިތުން އީމާ ނެރެލާން އިއާންއަށް މިއަދު މަޖްބޫރެވެ. ޚުދު ތިމާއަށް އީމާއާ ދޭތެރޭ ކަންތައްތައް ކުރެވިފަ އޮތީ ކިތަންމެ ގޯސްކޮށް ކަމަށް ވިޔަސް އެކަންކަމާ ކުރިމަތިލާން ޖެހުމުން، ކަންކަން ރަނގަޅަށް ދިއުމަށް ބޭއިޚްތިޔާރުގައި އިއާންއަށް އެދެވެމުން ދިޔައެވެ. މީގެ ކުރިން ކުރި ކޮންމެ ކަމެއް އަމިއްލަ ޔަގީންކަމަކާއި އާދަޔާ ޚިލާފު ހިތްވަރަކާއެކު ކުރި ނަމަވެސް އެ ކައިވެނީގެ ވަގުތު އިއާން އިނީ ބިރުގެންފައެވެ. މުޅި ޙަޔާތްވެސް އަމިއްލަ ނަފްސަށް އެކަނި އިސްކަންދީގެން އުޅުނު އިއާން އިނީ ޖެހިލުންވެ ހާސްވެފައެވެ. ތިމާއަށް ކުރެވޭ ކަންކަމުގެ ނަތީޖާއާ ތިމާ ކުރިމަތިލާންޖެހޭނެ ކަމުގެ ހިތި ހަގީގަތް އިއާންއަށް އިނީ ޙަޔާތުގައި ފުރަތަމަ ފަހަރަށް އިހްސާސް ވެފައެވެ. އެކަމުގެ ސަބަބުން މޫނުގެ ތާޒާކަން ގެއްލި އިސްޖެހިފައެވެ.
ގާޟީ ކައިވެނިކޮށްދޭން ފެއްޓިއެވެ. ބިރުން ވިރިވިރި އިން ނަމަވެސް އިއާން އާއި ޝިއުނާ ވެސް ތިބީ މަޑުމަޑުންނެވެ. އެއްބަޔަކު ފޯނުން ފޮޓޯތައް ނަގަމުން ދިޔައިރު އަނެއްބަޔަކު ތިބީ ކައިވެނީގެ ޚުޠުބާ ފަރުވާތެރި ކަމާއެކު އަޑުއަހާށެވެ. ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިނީ އީމާއެވެ.
އޭނަ އެތަނަށް އައީ ޝިއުނާއާއި އިއާންއަށް ފިލާވަޅެއް ދޭން ގަސްތުކޮށްގެންނެވެ. ނަމަވެސް ދެންމެ އިއާންއާ ވާހަކަ ދެއްކުނު ފަހުން އޭނަގެ އަމިއްލަ މަގްޞަދާއި ދޭތެރޭ ޚުދު އީމާ ވެސް އިނީ ހިތް ނުތަނަވަސް ވެފައެވެ. އޭނައަށް އެތަނަށް އާދެވުން އެއީ ކުރެވުނު ވަރަށް ބޮޑު ކުށެއް ކަމަށް އީމާއަށް ވިސްނުނެވެ. ތިން ދުވަސް ވަންދެން ޝިއުނާ އާއި އިއާން ދެކެ އާދެވިފަ ހުރިރުޅިއަކުން އީމާއަށް އެތަނަށް އަންނަން ނިންމުނު ނަމަވެސް މި ކުރެވުނީ ކުށެއްކަން އީމާއަށް ދިޔައީ އިހްސާސްވަމުންނެވެ.
އިއާން އާއި ޝިއުނާގެ ކައިވެނިކުރެވި ނިމިއްޖެއެވެ. "އަނބި ގަބޫލުކޮށްފިން" ކަމަށް އިއާން ބުނެލި ކުރު ޖުމްލައާއެކު ޝިއުނާގެ ހިނިތުންވުން އެތައް ގުނައަކަށް ބޮޑުވެގެން ދިޔައެވެ. އިއާންގެ މޫނުމަތިން ހަމަޖެހުމެއްގެ އަސަރު ފެނިގެން ދިޔައެވެ. އީމާ ރާވައިގެން އައި ކަންތައް ހިނގަން ފުރުޞަތެއް ނުލިބި އެ ކައިވެނި ކުރެވުނު ކަމަށްޓަކައި އިއާންއަށް ލިބުނީ ބޮޑު ހަމަޖެހުމެކެވެ. ޝިއުނާގެ ޢާއިލާގެ އެންމެން ވެސް އެކަކު އަނެކަކަށް ހިނިތުންވަމުން ސިއްރު ސިއްރުން ވާހަކަތަކެއް ދައްކަމުން ދިޔައެވެ. އިއާންގެ ގާތް ރަޙްމަތްތެރި ހަތަރު ޒުވާނުންވެސް ހިނިތުންވުމާއެކު އިއާންގެ އަލަތު ދެމަފިރިންގެ ފޮޓޯތައް ނަގަމުން ދިޔައެވެ. އެންމެންނަށްވެސް ހަމަޖެހުމެއް ލިބުނެވެ. އެންމެންނަށްވެސް މިރޭ ހަމަޖެހިގެން ނިދާލެވޭނެކަމުގެ ޔަގީންކަން ލިބުނެވެ.
އެ އުފަލުގައި ބައިވެރި ނުވެވެނީ އެތަނުގައި އިން އީމާއަށް އެކަންޏެވެ. ކައިވެނިކޮށްދީ ނިމުމާއެކު ގާޟީއާ ސަލާމްކުރަން ތެދުވި އިއާން ސަލާމް ކޮށްފައި އެންމެ ފުރަތަމަވެސް އެނބުރުނީ އީމާއާ ދިމާލާށެވެ. އީމާ ފިޔަވާ އެންމެންވެސް ތިބީ ކޮޅަށް ތެދުވެއެވެ. ކޮންމެ މީހަކުވެސް ބޭނުންވީ ކުރިއަށް ޖެހި އެދެމަފިރިންނަށް މަރުޙަބާ ކިޔުމަށެވެ. ސަލާމް ކުރުމަށެވެ. އުފާ ފާޅު ކުރުމަށެވެ. ނުވަތަ ފޮޓޯއެއް ނަގާށެވެ. މިހުރިހާ ހަލަބޮލިކަމެއްގެ ތެރެއިންވެސް އިއާންގެ ނަޒަރު އިރުއިރުކޮޅާ ބައްދަލުވަމުން ދިޔައީ އީމާގެ ލޮލާއެވެ. އީމާ އިނީ ކަޅިޖަހާނުލާ އިއާންއާއި ޝިއުނާއާ ދިމާލަށް ބަލާށެވެ. އީމާ އަކީ ކާކުކަން އެނގެނީ އެތަނުގައި ތިބި އިއާންގެ ރަހްމަތްތެރި ހަތަރު ޒުވާނުންނަށާއި ޝިއުނާގެ ފަރާތުން ދެމީހަކަށެވެ. ގިނަ މީހުންނަށް އީމާ އަކީ ކާކުކަން ނޭނގޭތީ ޝިއުނާއާއި ދިމާލަށް އިއާން އެވަރަށް ބަލާ ސަބަބާއި ދޭތެރޭ ވިސްނާވެސް ނުލެވެއެވެ.
އިރުއިރުކޮޅާ ހިނިތުންވެފައި ކޮންމެވެސް އެއްޗެއް ބުނެލާ އިއާންއާއި ، އިއާންގެ އެއްއަތުގައި އޮޅުލައިގެން ކަހަލަ ގޮތަކަށް ހުރި ޝިއުނާއާއި ދިމާލަށް އީމާއަށް ބެލެމުން ދިޔައީ ވިސްނުންތަކަކާއެކުގައެވެ. ހީވަނީ މާ ދުރުން ފެންނަ ހިތްގައިމު ކަމަކަށް ބަލަހައްޓައިގެން އިންހެނެވެ. ފެނިފެނި އާދަވެފައި ހުރި ރީތި މަންޒަރެއް ލޯކުރިމަތިން ފަނޑުވަމުން ދާތީ ބަލާހެންނެވެ. ވިއްސާރަ ދުނީގެ ކުލަތައް ލޯކުރިމަތިން ފަނޑުވަމުންދާއިރު ވެސް އެ މަންޒަރު ދެކެ ނުރުހުން ނުވާފަދައިން އިއާން އެހެން މީހެއްގެ ހައްގަކަށް ވެ ނިމުމުން ދެންވެސް އިއާންއާއި ދިމާލަށް އީމާއަށް ބެލެމުން ދިޔައީ އެދުމާއި ފިދާވުމުގެ އިހްސާސްތަކަކާއެކުގައެވެ. ގަޔާވާ އެއްޗެއް އަމިއްލަ ބާރަކާއި ނުލައި ގެއްލެމުން ގޮސް ލޯކުރިމަތިން އޮބެމުން ދާއިރު ގޮތް ހުސްވެފައި ބަލަހައްޓައިގެން އިންނަ ފަދައިން އީމާއަށްވެސް ބަލަން އިނދެވުނެވެ.
މި ކުލަވަރު ފެންނަން ހުރި އީމާގެ މޫނު ފެނިފައި އިއާންވެސް އެ އޮއިގައި ޖެހެވުނެވެ. އީމާގެ މޫނުމަތިން ފެންނަން އެހުރި ހިތާމަވެރި އަސަރު ފޮހެލަދޭން އީމާ ކައިރިއަށް ދާހިތް އިއާން ވިއެވެ. އެ މޫނުން ތަންކޮޅެއްވެސް ބާކީނުކޮށް ބޮސްދޭހިތް އިއާން ވާން ފެށިއެވެ. ލޯބިން ސަމާސާކޮށް ހެއްވާލާ ހިތް ވިއެވެ. މާދުރުން ފެންނަ މީހަކަށް ބަލާހެން އޭނައާ ދިމާލަށް ބަލަން އިން އީމާގެ ރީތި ލޮލުގައި ފިރުމާލާ އެފަދަ މާޔޫސީއާއެކު ދުނިޔެއަށް ނުބެލުމަށް އެދެން އިއާން ބޭނުން ވިއެވެ. އޭނައަކީ އީމާއާއި އެކަށީގެންވާފަދަ މީހެއް ނޫންކަމާއި، އީމާފަދަ ރީތި، އަޚްލާޤް ރަނގަޅު ހިތްވަރުގަދަ ކުއްޖަކަށް ބޭނުންވާނީ އީމާފަދަ އިޚްލާޞްތެރި ހިތެއް އޮތް މީހެއްކަމަށް ބުނަން އިއާން ބޭނުން ވިއެވެ. ވަރަށް ބޮޑަށް ބޭނުން ވިއެވެ. ނުފެންނަ ބާރަކުން އީމާއާ ދިމާލަށް ދެވެން އުޅޭހެން އިއާންއަށް ހީވިއެވެ.
"އިއާން..." ޝިއުނާގެ މިއަޑަށް އިއާން ސިހުނެވެ. ބަލާލިއިރު ޝިއުނާ ހުރީ ނުރުހިފައި އޭނައަށް ބަލާށެވެ. ކައިރީގައި ތިބި މީހުންގެ މޫނަށް ބަލާލުމުން ފާހަގަ ކުރެވުނީ އެ އެންމެންވެސް ހައިރާންވެފައި ތިބި ކަމެވެ. "ކިހިނެއްވީ....؟" ޝިއުނާ ކައިރިން މަޑުމަޑުން އިއާން އެހިއެވެ.
"އަހަރެމެން ވާހަކަ ދައްކާ ދައްކާ އިއާންއަށް އަޑުނީވިގެން...." ޝިއުނާގެ ތިމާގެ ކުއްޖަކު ބުނެލިއެވެ.
"އޯވހ ސޮރީ، ކިހިނެއްވީ؟" ހީލަން މަސައްކަތް ކުރަމުން އިއާން އެހިއެވެ. ހަމަ އެއާއެކު އީމާ އިން ދިމާލަށް އަނެއްކާވެސް ބެލުނެވެ.
އީމާއެއް އެ ގޮނޑިއަކު ނެތެވެ. އިއާންގެ ލޯ ދަތުރުކޮށްލިއެވެ. އީމާ ގޮސް ދޮރު ހުޅުވާފައި ނުކުންނަނީއެވެ. އީމާ ދަނީއެވެ. "އިއާން، ގާޟީ އެބަ އެއްޗެއް އައްސަވައޭ..." އިއާންގެ ރަހްމަތްތެރިޔަކު އިއާންގެ ކޮނޑުގައި ހިފައި ބާރަށް އޮއްބާލަމުން ބުނެލިއެވެ. އިއާންއަށް ވަމުން ދާ ގޮތާއި އެހެން އެވަނީ ކީއްވެކަން އެނގޭތީ އިއާންއަށް ހަމަ ވިސްނުމަށް އައުމަށް އެ ރަޙްމަތްތެރިޔާ އެ ދިނީ އިންޒާރެއްކަން އިއާންއަށްވެސް ވިސްނައިގަނެވުނެވެ. ** ** ** ކައިވެނީގެ ކަންތައް ނިމުމުން ޝިއުނާ ގޮވައިގެން ގޮސް ކޮޓަރިއަށް ލާފައި އިއާން ނުކުތީ އޭނަގެ ރަހްމަތްތެރިންނާއެކު ބޭރަށެވެ. އިއާން އަށް ލިބިފައިވާ ނުތަނަވަސްކަމާއި ހިތަށްވެފައި އުނދަގޫ ލުއިކުރަން އިއާން ބޭނުން ވިއެވެ. އިއާންއަށް ވަގުތުކޮޅެއް ބޭނުންވާކަން ޚުދު އިއާންގެ ރަހްމަތްތެރިންވެސް ޤަބޫލުކުރާތީ ޝިއުނާގެ އިޒުނަ ހޯދައިގެން އިއާން ގޮވައިގެން އެމީހުން ނުކުތެވެ. ކޮފީއެއް ބޯލައިގެން އަންނާނެ ކަމަށް ބުނެލާފައި އިއާން ދިޔުމަކުން ޝިއުނާ ވަކި ކަންބޮޑެއް ނުވެއެވެ. އިއާންއަކީ މިހާރު އޭނަގެ މީހެކެވެ. އޭނަގެ ފަރާތުން އިއާންއަކަށް ދެނެއް މިނިވަން ނުވެވޭނެކަން ޝިއުނާއަށް އެނގެއެވެ. ދާނެ ވަރަކަށް ކޮފީއަށާއި އަނެއްތަނަކަށާއި ދާންވީއެވެ. ގައިމުވެސް ނިދަން އަންނަން ޖެހޭނީ އޭނަ ކައިރިއަށެވެ.
މި ވިސްނުމާއެކު ޝިއުނާގެ މޫނުމައްޗަށް ފަޚުރުވެރި ހިނިތުންވުމެއް ވެރިވިއެވެ.
"ޓިކެޓް ނަގަން ޖެހޭނެ އިނގޭ މާދަން، ރިޒަވޭޝަން ޓައިމް ލިމިޓް ހަމަވާނެ މާދަމާ" އޮޑެގައްލާއިން ލިބެން ހުންނަ މީރު ކޮފީތަކުން ތިން ކޮފީއަކަށް އޯޑަރުކޮށްފައި އިއާންގެ ރަހްމަތްތެރި ސިފާން ބުނެލިއެވެ.
"ހޫމް..." އިއާން ބުނެލީ ހަމައެކަނި މިވަރަށެވެ.
"ހޫމްއަކުން އަދި ނުނިމޭނެ، ތިއަދި ނިމުނީކީ ނޫން، އަދި އޮތި ކުރިޔަށް، އޭނަ ބަނޑުބޮޑުކަން މީހުންނަށް ރަނގަޅަށް ނޭނގެނީސް މިތަނުން އިއާން ދާންޖެހޭނެ." ސިފާން އަށް އެކަން އެނގުނީއްސުރެންވެސް އެކަމާ ސިފާން ހުންނަނީ ހިތްހަމަނުޖެހިފައެވެ. "އަހަރެން ހިތަށް އަރާ ހަމަ އެއްވެސް މީހަކަށް ނޭނގޭނެ ބާއޭ" އައްޔަވެސް އޭނަގެ ކަންބޮޑުވުން ފާޅުކުރިއެވެ. "ނޭނގޭނެ..." އިއާން ޖަވާބު ދިނެވެ. ޔަގީންކަމާއެކުގައެވެ. "އެތަނަށް އީމާއަށް އާދެވުނީ ކިހިނެއްހޭ އަހަންވެފައޭ އަދި މި ހުންނަނީ، ކިހިނެއްވީ ކަމެއް އެއީ؟" އިއާން އަށް އީމާ ފެނުނީއްސުރެން ވެފަ އެހުންނަ ގޮތް ސިފާން އަށް ފެންނާތީ އެ ވާހަކަ ދައްކަން ސިފާން ގަސްތުކުރިއެވެ.
އިއާން އެ ސުވާލަށް ޖަވާބެއް ނުދެއެވެ. ނޭނގެއޭ ބުނާ ކަހަލަ ގޮތަކަށް ދެކޮނޑު އަރުވާލާފައި ބޯހަލުވާލީއެވެ. ސިފާން އާއި އައްޔަ އާއި ދެމީހުންވެސް އެކަކު އަނެކަކަށް ބަލާލިއެވެ. އެ ދެމީހުންނަށްވެސް އިއާންގެ މޫނުމަތިން ފެންނަ އަސަރުތައް ކަމު ނުދެއެވެ.
"ތިހާވަރު ވާއިރު ކީއްކުރަންތަ ތި ކައިވެނި ކުރީ؟ " އިސް ނެގީ އައްޔައެވެ.
"އެބައޮތްތަ އެ ނޫންގޮތެއް؟" އިއާންއަށް އެހެން އަހާލެވުނީ ރުޅިއައިސްފައެވެ.
"އާނ، ގޮތް އޮތް. ގޮތް ނެތީ މިހާރު. އޭރު އޮތް" ފުރަތަމަ ވަގުތުވެސް ސިފާން އެ ކައިވެންޏާ ދެކޮޅު ހެދިއެވެ. އައްޔަވެސް ފުރަތަމަ ދުވަހު ވާހަކަ ދެއްކީ އެ ކައިވެނި ނުކުރުމަށެވެ. އެއެންމެންވެސް ނަސޭހަތް ދިނީ ވީހާވެސް އަވަހަކަށް ފުރައިގެން ދިއުމަށެވެ.
"ތަނަކުން އަންހެންކުއްޖަކު އައިސް ތިމަންނާ ބަނޑުބޮޑޭ ބުނާއިރަށް ގަބޫލުކުރަންޏާ ވާނީ ތިހެން، ކިހިނެއް އެނގެނީ އެއީ އިއާންގެ ދަރިއެއްކަމެއް. އޭނައާއި ރުޅިވީމަ އޭނަ ހުންނާނެތަ ނުކައި ނުބޮއި ރޯން؟ ހެހެހެ...އަހަރެމެން އެންމެންނަށްވެސް އެނގޭ އެ ޝިއުނާ ނުހުންނާނެކަން އެހެން" ސިފާން ވާހަކަ ދައްކަމުން ދިޔައީ އިއާން ދެކެ ނުރުހިފައި އިނދެގެންނެވެ. އިއާންއަށް ހެޔޮއެދޭތީއެވެ.
"ވަޓްއެވަރ... އެކަމަކު އަހަންނަށް އެނގޭ އެއީ އަހަރެންގެ ކަން، ވަރަށް ވިސްނާފަ މިގޮތަށް ނިންމީ." އިއާން އޭނަގެ ނިންމުމާއި އެއްކޮޅަށް ވާހަކަ ދެއްކިއެވެ.
"ވެދާނެ ތިހެން، އެހެންވެއްޖިއްޔާ އީމާ މަތިން ހަނދާންނައްތާލަންވެސް ވިސްނާ" ސިފާން އަވަހަށް ރައްދު ދިނެވެ. އެއާއެކު އިއާންއަށް ކުއްލިއަކަށް ސިފާންއާއި ދިމާލަށް ބަލާލެވުނެވެ. ސިފާން ބޯޖަހާލީ އޭނަ ބުނި އެއްޗަކަށް ބާރު ދިނުމުގެ ގޮތުންނެވެ.
***
"ދޮންތާ ނުރޮއި ހުއްޓާލާ ދެން، އެކަން ވެއްޖެ، އަހަރެމެންނަށް ކުރެވޭނެ ކަމެއް ނެތެއްނު އެޔަކު" އާލިޔާގެ ކޮޓަރީގައި އިނދެގެން ޢިލްމާ މަސައްކަތް ކުރަމުން ދިޔައީ އާލިޔާ ހަމަޖައްސައިދެވޭތޯއެވެ.
އެ ޢާއިލާ އާއި އެގޭތެރޭގައިވެސް ރަސްދަރިކަލެއްހެން ގެންގުޅުނު ދަރިފުޅުގެ ކައިވެނި މިރޭ ކުރެވިގެން ދިޔައިރު އާލިޔާއަކަށް އެތަނަށް ދާނެ ހިތްވަރު ނުލިބުނެވެ. އެމީހުންގެ ޢާއިލާއަށް އިއާންގެ ސަބަބުން އެ ލިބުނު ހަޑިނަމުގެ ޚަބަރު ޢާއްމުކޮށް މީހުންނަށް ނޭނގުނުނަމަވެސް އެ މަންމަގެ ހިތަކުން އިއާންއަށް މަޢާފެއް ނުކުރެވުނެވެ. ހިތްދަތިވެ ރޮވެމުން ދިޔައީ އިއާން ކުރި އެއް ފާފައިގެ މައްޗަށް އަނެއް ފާފަވެސް ކުރަން މަޖްބޫރު ކުރަންޖެހުމުންނެވެ. ކައިވެންޏަކާ ނުލާ ބަލިވެ އިން އަންހެނަކު ކައިވެންޏެއް ކުރުވުމަކީ ކިހާވަރެއްގެ ގޯސްކަމެއްކަން އާލިޔާއަށްވެސް އެނގެއެވެ. އެކަމަކު ބަނޑުގައި އޮތް ދަރިފުޅު "މަރާލަން" ބުނާކަށް އާލިޔާއަކަށް ނުކެރުނެވެ. އެދެމީހުން ކައިވެނި ކުރަން މަޖްބޫރު ކުރަން ޖެހުނީ އެހެންވެގެންނެވެ. އެކަމަކު އެކަމަށް އާލިޔާ ފަޚުރުވެރިއެއް ނުވެއެވެ. އާލިޔާއަށް އިހްސާސް ކުރެވެމުން ދިޔައީ އިއާންގެ ފާފައިގައި ސައްތައިން ސައްތައަށް ޚުދު އާލިޔާއަށްވެސް ބައިވެރިވެވިއްޖެ ކަމެވެ.
ޑޮކްޓަރުގެ ލިޔުންތައް ފެނުނުފަހުން ހުރިހާ އެއްޗެއް އާލިޔާއަށްވެސް ސާފުވިއެވެ. ޝިއުނާގެ ބަނޑަށް ފަސްމަސްފުރި ހިނގަމުން ދަނީ ހަމަހެވެ. ނަސީބަކުން މީހުންނަކަށް ޝިއުނާއާއި ދޭތެރޭ ޝައްކެއް ނުވެއެވެ. އެންމެންނަށްވެސް ހީވެފައި އޮތީ ހައެއްކަ މަސްވަންދެން މެލޭޝިޔާގައި ހުރެފައި އައިއިރު ޝިއުނާ ފަލަވެފައި ހުރީ ކަމަށެވެ. އައިފަހުންވެސް ގެއިން ބޭރަށް ނުކުތުން މަދުކަމުންނާއި ޢާއްމު ލޯތަކަށް ޝިއުނާ ފެނިފައި ނެތުމުން ޝިއުނާއާއި ދޭތެރޭ ޝައްކު އެކަކުވެސް ކުރާހެނެއް ހިއެއް ނުވެއެވެ.
"މާދަން ނޫން އަނެއް ދުވަހު އިއާންމެން ފުރާނެ އެ ކޮޅަށް، ކޯސް ނިންމާފައި އަންނައިރު ދަރިފުޅު ގެންނާނެ، ދޮންތަ ޖެހޭނެ މި ހުރިހާ ކަމަކަށް ވަރަށް ހިތްވަރު ކުރަން، ދޮންތަ ނުދާނަންތަ ފުރުމުގެ ކުރިން އިއާން އާއި ބައްދަލުކޮށްލަންވެސް؟ ކޮންމެ ގޮތެއްވިޔަސް ފެމިލީ އެއީ." ކެތްތެރިކަމާއި މަޑުމައިތިރި ކަމާއެކު ޢިލްމާ މަސައްކަތް ކުރީ ދޮންތައަށް ޙަގީގަތް ވިސްނައިދެވޭތޯއެވެ.
ނަތީޖާ ވީ ގޯހެވެ. އާލިޔާއަށް ރޮއިގަނެވުނީ މާ ބޮޑަށެވެ.
***
އިއާން އޭނައާއި ޝިއުނާގެ ކައިވެންޏަށްޓަކައި ކުއްޔަށް ހިފާފައި ހުރީ ނަލަހިޔާގެ އެޕާޓްމަންޓެކެވެ. ރަހްމަތްތެރިންނާއެކު ކޮފީ ބޮއިގެން އިއާންއަށް އެޕާޓްމަންޓަށް ދެވުނުއިރު ދަންވަރުން އެއްގަޑި ފަނަރަ ވެއްޖެއެވެ.
އެތެރެއަށް ވަދެ އެޕާޓްމަންޓްގެ ދޮރު ތަޅުލާފައި އިއާން ހިނގައިގަތީ އެމީހުން ތިބުމަށް ހަމަޖެހިފައި ހުރި ކޮޓަރިއަށެވެ. ހުޅުވާލި ދޮރުން އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު އިއާން ގަނޑުވި ކަހަލައެވެ. ދެލޯ ބޮޑުވެ ނޭވާލާން ހަނދާން ނެތުނެވެ. -- ނުނިމޭ --