12 Dec 2017

ގަސްތަކާނުލާ

ގަސްތަކާނުލާ

* ޑިސެމްބަރު 9 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

އެތެރެއަށް ވަދެ އެޕާޓްމަންޓްގެ ދޮރު ތަޅުލާފައި އިއާން ހިނގައިގަތީ އެމީހުން ތިބުމަށް ހަމަޖެހިފައި ހުރި ކޮޓަރިއަށެވެ. ހުޅުވާލި ދޮރުން އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު އިއާން ގަނޑުވި ކަހަލައެވެ. ދެލޯ ބޮޑުވެ ނޭވާލާން ހަނދާން ނެތުނެވެ.

ޝިއުނާ ހުރީ އެނދުކައިރީ ހުރި މޫނުބަލާ ލޯގަނޑު ކުރިމަތީގައެވެ. ނިދަންލާން ކަނޑައަޅާފައިވާ ހުދު ކުރުތާ އާއި ހަރުވާޅުގެތެރެއިން ޝިއުނާގެ ގައިގައި އޮތީ ހަރުވާޅު އެކަންޏެވެ. ކުރުތާ އަދި އޮތީ އެނދުމަތީގައެވެ.

އިއާން ދޮރު ހުޅުވާލިއަޑަށް ސިހިފައި ޝިއުނާ އެނބުރުމުން އިއާންއަށް ފުރަތަމަ ވެސް ފެނުނީ ޝިއުނާގެ ބަނޑެވެ. ބަލަހައްޓައިގެން އިއާންއަށް ހުރެވުނީއެވެ. އެއީ ކިތަންމެ ކުޑަނަމަވެސް ހަމަސްވެފައިވާ ބަނޑެކެވެ. އެހާ ބޮޑު ނޫނަސް ގަޔާ ދުރަށް އުފުލިފައިހުރި ޝިއުނާގެ ބަނޑު ފެނުމުން، މޫނު އަނބުރާނުލެވޭނެ ހަގީގަތެއް އިއާން ކުރިމައްޗަށް ހާމަވިއެވެ. ސިހި، ފައިތިލަ ތަތްވިހެން ހީވީ އެގޮތަށް ޝިއުނާ ފެނުމުންނެވެ.

ޝިއުނާ ބަލިވެއިންކަން އެއީ އިއާންއަށް ސިއްރެއް ނޫނެވެ. އެކަމަކު އެޙާލަތުގައި ޝިއުނާގެ ބަނޑު ފެނުނީ އިއާންއަށް އަލަށެވެ. ނޭވާ ހިފަހައްޓާލެވުނު ސިކުންތަކަށްފަހު، ދުރުދުރުގައި އެޅި ފިޔަވަޅުތަކަކުން ހިނގާފައި ގޮސް އެނދުމަތީގައި އޮތް ރަޖާ ނަގާ ޝިއުނާގެ ހަށިގަނޑު ފޮރުވާލިއެވެ.

ޝިއުނާ ހުރީ ޒާތެއްގެ ހިނިތުންވުމަކާއެކު އިއާންގެ މޫނަށް ބަލަހައްޓައިގެންނެވެ. އިއާންގެ ހަރަކާތްތަކުގައި ހުރި ކަންބޮޑުވުމަށް ބަލާށެވެ. އޭނަގެ ގައިގައި ރަޖާ އަޅާ ނިވާކޮށްލި އެގޮތުގައި، އިއާންގެ ކިބައިން ފެނުނު ފަރުވާތެރިކަމަށް ބަލާށެވެ.

"މިހާރު ބޭނުމެއް ނުވޭ ދޯ އަހަރެންނާ ދިމާލަށް ބަލާލަންވެސް؟ ލަދު ދޯ ގަންނަނީ؟" ޝިއުނާގެ އަނގައިން ބޭރުވި އެ ސުވާލަކީ އިއާންގެ ޙަރަކާތްތައް ހުއްޓުވާލި ސުވާލެކެވެ. އެއީ އިއާން ހިތަށްވެސް އެރިކަހަލަ އެއްޗެއް ނޫނެވެ. މޫނަށް ނުރުހުމުގެ ކުލަވަރެއް ގެނެސްފައި އިއާން އާއި ދުރަށް ޝިއުނާ ޖެހިލިއެވެ.

"އެހެނެއް ނޫނޭ، އިޓްސް ޖަސްޓް ދެޓް....." އިއާންއަކަށް ހަގީގަތުގައި ވެސް ބުނަންވީ އެއްޗެއް ނޭނގުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޝިއުނާގެ ހަށިގަނޑު އެގޮތަށް އެ ފޮރުވާލަދެވުނީ ދެކެން ބޭނުން ނުވެގެން ކަމެއް، ނޫނީ ކީއްވެކަމެއް ވެސް އެވަގުތަކު އިއާންއަށް ނުވިސްނުނެވެ. އިއާންއަށް ފެނުނުއިރު ޝިއުނާ ހުރި ޖެހިލުންކުޑަ ގޮތުން އިއާންއަށް އިހްސާސް ކުރެވުނީ ބުނެދޭން ނޭނގޭކަހަލަ ގޮތެކެވެ.

"އޯކޭ، ހަދަހަދައިގެން ވާހަކަ ދައްކަން މަސައްކަތް ނުކުރިއްޔާ ރަނގަޅުވާނީ." އިއާންއާ ދުރަށް ޖެހި އެނދުމަތީގައި އޮތް ކުރުތާ ނަގައިގެން ޝިއުނާ އެނބުރުނީ ފާހާނާއަށް ދިއުމަށެވެ. އިއާންއަށް ހުރެވުނީ އޭރުވެސް އެނދުމައްޗަށް ބަލަހައްޓައިގެންނެވެ. ޝިއުނާ ފާހާނާއަށް ވަނީ އިއާން އޭނަގެ ހަށިގަނޑުގައި އޮޅާލަދިން ރަޖާ ނަގާ އިއާންގެ ފައިކައިރިއަށް ބިންމައްޗަށް އެއްލާލާފައެވެ.

ޝިއުނާ ފާހާނާއަށް ވަނުމުން އިއާން އެނދުގައި އިށީނދެލިއެވެ.

މިރޭ މިއީ އެދެމީހުންގެ ކައިވެނީގެ ފުރަތަމަ ރެއެވެ. ބިރެއް ސިހުމެއް ނެތި، އެކަކު އަނެކެއްކައިރީ ހޭދަކުރުމަށް ލިބުނު ފުރަތަމަ ދުވަހެވެ. ފުރަތަމަ ރެއެވެ. އެކަމަކު މިރޭ އިއާންއަށް އެފަދަ ޝައުގުވެރިކަމެއް އިހްސާސް ނުވެއެވެ. ކައިވެނި ކުރެވުމުން ހިތްހަމަޖެހިއްޖެއެވެ. ނަމަވެސް އެ ކައިވެންޏަކުން އަދިއެއް އުފާވެރިކަމެއް އިހްސާސް ނުވެއެވެ. ޝިއުނާއަކީ ކުރިޔެކޭ އެއްފަދައިން މިހާރުވެސް ރީތި އަންހެންކުއްޖެކެވެ. އެއީ އޭނަ އެންމެ ލޯބިވި އަންހެންކުއްޖާއެވެ. އެއީ ހަގީގަތެވެ. އެހެންނަމަވެސް، ޝިއުނާއާއިއެކުވާ ކޮންމެ ފަހަރަކުމެ ކޮންމެވެސް ކަހަލަ "ނޭނގޭ އުނިކަމެއް" ނޫނީ އިއާންއަކަށް މިހާރު އިހްސާސް ނުވެއެވެ. އެވެސް ހަގީގަތެކެވެ.

ކުރަންޖެހޭ ކައިވެންޏެއްވީމަ ކުރީއެވެ. ނަމަވެސް އެ ކައިވެނީގެ ސަބަބަކުން އެދެމެދުގައި ގާތްކަމެއް ނުއުފެދޭނެއެވެ. ލިޔެކިޔުންތަކުން ކައިވެންޏެއްކަމަށް ވިޔަސް އެއީ ހަގީގަތުގަ ކައިވެންޏެއް ނޫނެވެ. އެއީ ދެއްކުމެކެވެ. އެ ދަރިފުޅު ދުނިޔެއަށް އަންނަންދެނެވެ.

ޝިއުނާ ފާހާނާއިން ނުކުމެއްޖެއެވެ. އިއާން އިނީ ބަލަންކަން އެނގޭއިރު ވެސް އިއާންއާ ދިމާލަށް ޝިއުނާ ބަލައިވެސް ނުލައެވެ. އަނގަޔަކުންވެސް ނުބުނެއެވެ. ހިފައިގެން ނުކުތް ތުވާލި ގޮނޑީގެ އަތްގަނޑުގައި އަޅުވާފައި އެނދު ވަށާލާފައި ގޮސް އަނެއްފަރާތުން އެނދުގައި އިށީނދެއްޖެއެވެ. ބޮލުގެ ރީތި އިސްތަށިގަނޑުގައި ފުނާ އަޅައި ނިމުމުން އޮށޯތެވެ. އަދި އިއާންއަށް ފުރަގަސްދީގެން އަނެއްފަރާތަށް އެނބުރި އޮވެއްޖެއެވެ.

ޝިއުނާއާ ދިމާލަށް ބަލަހައްޓައިގެން ހަމަ އެކައްޗެއްވެސް ނުބުނެ އިނދެއިނދެފައި އިއާންވެސް ވަނީ ފާހާނާއަށެވެ. މާގިނައިރެއް ނުވެ އިއާން ނުކުތެވެ. އުނަގަނޑުން ތިރީގައި ތުވާލިގަނޑެއް އޮޅާލައިގެން އިއާން އެ ނުކުތީ ފެންވަރާލައިގެންނެވެ. އަލަމާރިކައިރިއަށް ހުއްޓި އަޅިކުލައިގެ ތުނިތުނި ޓީޝާޓަކާއި ނުލާއި ހުދުގެ ބޮޑެތި ގޮޅިތަކެއްޖެހި ހަރުވާޅެއް ލައިގެން އިސްތަށިގަނޑުގައި އަތުން ފުނާއަޅާލަމުން ގޮސް އެނދުގައި އިށީނދެއްޖެއެވެ. ފޯން ބަލާލަން އިރުކޮޅެއް ހޭދަކުރިއެވެ. ދެން އެއްފަހަރު ޝިއުނާއަށް ބަލައިލި އެވެ. އަދިވެސް ޝިއުނާ އޮތީ ފުރަގަސްދީގެންނެވެ. އިއާންއަށް އެއީ އެހާ ބޮޑު ކަމަކަށް ނުވިއެވެ.

ޝިއުނާއާއި އޭނަގެ ކައިވެނި ކުރުމުގެ ވާހަކަ ދެއްކިއިރު ވެސް މިކަން ވާނީ މިހެންކަން އޭނަ އޮންނާނީ ޝިއުނާއަށް އަންގައިދީފައެވެ. ދެމީހުން އޮތީ އެއްބަސްވުންތަކެއް އެއްބަސްވެފައެވެ. ކައިވެނީގެ ފުރަތަމަ ރެޔަކަސް އިތުރު އުއްމީދުތައް ނުކުރުމަށް އޭނަ އޮންނާނީ ޝިއުނާކައިރީ ބުނެފައެވެ.

ކައިވެންޏަށްފަހު ޝިއުނާ ގޮވައިގެން ގޮސް މެލޭޝިޔާގައި ބަހައްޓާފައި އިއާން ފުރައިގެން ދާނީ ކޯހަށެވެ. ޝިއުނާ ބަނޑުބޮޑުކަން އެނގުމާއެކު ވަޒީފާ ދޫކޮށްލާފައި ޝިޢުނާ ގޮސް ހުރީ މެލޭޝިޔާގައި ދިރިއުޅޭ އޭނަގެ ތިއްތަ ކައިރީގައެވެ. ވިހަންދެންވެސް ޝިއުނާ ހުންނަން ހަމަޖެހިފަ އޮތީ މެލޭޝިޔާގައި އެ ތިއްތަ ކައިރީގައެވެ. ވިހަންވާއިރަށް ޝިއުނާކައިރިއަށް ދެ ދުވަހަށްވިޔަސް އިއާން ދާނެއެވެ. ނުދެވުނު ނަމަވެސް އެއީ އެއްވެސް ފަރާތަކުން ޝަކުވާ ކުރަންޖެހޭނެ ކަމެއް ނޫނެވެ. ވިހާ ގަދަވުމުން އިއާންގެ ކޯސް ނިމެންދެން ޝިއުނާ ހުންނާނީ ދަރިފުޅު ކައިރީ މެލޭޝިޔާގައެވެ. އިއާންގެ ކޯސް ނިންމާފައި އަންނަންދެނެވެ. ކޯސް ނިންމާފައި އިއާން މާލެ އަންނައިރު ޝިއުނާވެސް އަދި ދަރިފުޅުވެސް މާލެ ގެންނާނެއެވެ. މިއީ ރާވާ އެއްބަސްވެފައިވާ ގޮތެވެ. އިތުރަކަށް ދައްކާނެ އަދި ބަހުސްކުރާނެ ވާހަކައެއް އެކަމުގައި ނެތެވެ. އޭނަގެ އަމިއްލަ ކުށުން ދިމާވި ހުރިހާ ކަމެއްގެ ޒިންމާ ނަގަން އިއާންހުރީ އަމިއްލަ ގޮތްތަކެއް ރާވައި ނިންމައިގެންނެވެ.

އެއްއަރިއަކަށް އޮށޯވެގެން، އެއް އަތް ބޯދޮށަށް ލައްވައިގެން އޮތް އިއާންގެ ލޯމެރޭކަށް މާގިނައިރެއް ނުވިއެވެ.

***

ލޮލުން ފައިބާ ކަރުނަތައް ނުހުއްޓިގެން އުޅޭ އީމާ ރުޅިއަންނަނީ ކަރުނަތައް ދެކެއެވެ. ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ ރޯންބޭނުން ނުވާއިރުވެސް ރޮވޭތީއެވެ.

އިއާންއަކީ ކޮންކަހަލަ އިންސާނެއްހެއްޔެވެ؟ އެހާ ފަސޭހައިން އިއާން ޝިއުނާއާއި ކައިވެނިކޮށްފާނެ ކަމަކަށް ހިއެއް ނުކުރެއެވެ. އަދި އަމުދުން އެ ކައިވެނި ކުރެވޭތަނަށް އޭނަ ދިއުމުންވެސް އެކަމުގައި ހުރަހެއް އެޅިދާނެކަމަށް އީމާއަށް ހީވިއެވެ.

ތެދެކެވެ. އެއީ އޭނަ ދާންޖެހޭ ތަނެއް ނޫނެވެ. އެކަމަކު އިއާންއަށް ދެވަނަ ފުރުޞަތެއް ދޭން އީމާއަށް އެނގުނު ހަމައެކަނި ގޮތަކީ އެއީއެވެ. އޭނަ އެތަނަށް ދިއުމަކީ، އެ ބޮޑު ގޯސް އިއާން ހެދުމުގެ ކުރިން ވިސްނާލަން މަޖްބޫރުވާނެ ކަމެއް ކަމަށް އީމާ ހީކުރިއެވެ. އެހެންނަމަވެސް އެ ކައިވެނި އިއާން ކުރީއެވެ. އެއީ ހަލާލު ކައިވެންޏަކަށް ނުވާނެކަން ނޭނގެނީ ހެއްޔެވެ؟ ކައިވެނި ކުރިޔަސްވެސް އެދަރިފުޅުގެ މުޅި ޙަޔާތުގައިވެސް ލައްގަނޑެއް ޖައްސާލެވިއްޖެކަން އެދެމީހުންނަށް ހަމަ ނޭނގެނީހެއްޔެވެ؟

އޭނަ ނުވެސްދެނަހުރެ ހުއްޓާ އައިސް އޭނަގެ ހިތާ ކުޅެފަ، ހިތް ފުނޑުފުނޑުކޮށްލާފައި އިއާންއަށް އެގޮތަށް ދާން ކެރިއްޖެހެއްޔެވެ؟ ރަޙުމެއް ނެތް ނުލަފާ އިންސާނެކެވެ. އޭނައާއި އިންނަން ހުރިހާ ކަމެއް ހަމަޖައްސާފައި އެފަދަ ނުލަފާ ގޮތަކަށް ކަންތައްތައް ކުރަން ހެޔޮވެދާނެހެއްޔެވެ؟ އެހާފަސޭހައިން އެކަހަލަ ކަމެއް ފުރޮޅާލަން އިއާން ޖެހިލުމެއް ނުވިއެވެ. ވަރަށް ގޯސް މީހެކެވެ. މަކަރުވެރި ހީލަތްތެރިއެކެވެ.

އެނދުގައި އިށީނދެގެން އިން އީމާއަށް ކެތްކުރަން އުނދަގޫވަމުން ދިޔައެވެ. ޝިއުނާއާއި އިއާންގެ "މިރޭ" ކަންތައްވެގެންދާނެ ގޮތް އީމާއަށް ތަޞައްވަރު ކުރެވެމުން ދިޔައެވެ. އެކަމާ ވިސްނުނު ވިސްނުނުހެން އީމާގެ ހިތްދަތިވަމުން ދިޔައެވެ. އަމިއްލަ ނަފްސަށްވެސް އޮޅުވާލައިގެން އުޅުނު އިހްސާސް ތިލަވެ ހާމަވަމުން ދިޔައެވެ. ޚުދު އީމާގެ ހިތުގައިވެސް ރަސްކަން ކުރަނީ އެ ނުލަފާ އިއާންކަމަށް ގަބޫލުކުރަން އީމާއަށް ޖެހުނީ މަޖްބޫރަކުންނެވެ. އެ އިހްސާސްތަކަށް ފުރުޞަތު ނުދޭން ކިތަންމެމަސައްކަތެއް ކުރިނަމަވެސް ގަސްތަކާނުލާ އީމާގެ ހިތް އެ މަޅީގައި ޖެހި ނިމިއްޖެކަން އީމާއަށް ޖެހުނީ ގަބޫލުކުރާށެވެ. އެކަމަކު އެކަމުގައި ކުރާނެ އެއްވެސް ކަމެއް ދެނެއް ނެތެވެ. އެ ނުލަފާ މީހާ މަތިން ހަނދާން ނައްތަން މަސައްކަތް ކުރުން ނޫން ގޮތެއް ނެތެވެ.

***

އިއާން އާއި ޝިއުނާގެ ކައިވެންޏަށްފަހު ފުރައިގެން ދިޔަތާ ހަތްމަހާއި ދުވަސްކޮޅެއް ވެއްޖެއެވެ. އާލިޔާ ލަސްވެގެން އުޅެނީ އިއާންމެންނަށް ހިފާފައިވާ އެޕާޓްމަންޓަށް ނުދެވިގެންނެވެ.

"އެންމެ ދެ ދުވަސްމިއޮތީ، އަހަންނަކަށް ނޭނގެ އެ ދޮރުފޮތިތައްވެސް ނިމޭނެކަމެއް، ޢިލްމާ ދޭބަލަ އެތަނަށް އިނގޭ، އަހަރެން ދާނަން އެޕާޓްމަންޓަށް. ކަބަޑުތައް އެބަޖެހޭ ކޮންމެހެންވެސް ނިންމުވަން މިއަދު." އަތްދަބަހުން ކޮންމެވެސް އެއްޗެއް ހޯދަމުން ހޯދަމުން އާލިޔާ ވާހަކަ ދެއްކިއެވެ.

"އާނ އެކޮޅަށް ދާނަން އަހަރެން." ބަދިގޭގައި އުޅެފައި އައި ޢިލްމާ ޔަގީންކަން ދިނެވެ.

އެ ޢާއިލާއިން ތައްޔާރުވަމުން ދަނީ އިއާން އާއި ޝިއުނާ އަދި އެމީހުންގެ ދަރިފުޅު މާލެއަންނާތީ އެކަމަށްޓަކައެވެ.

އިއާން އާއި ޝިއުނާގެ ކައިވެންޏަކަށް އެމީހުން ނުދެއެވެ. އެދެމަފިރިން ފުރައިގެން ދިޔައިރުވެސް ދެކިލަންވެސް އެމީހުން ނުދެއެވެ. ކިތަންމެ ދެކެން ބޭނުންވިނަމަވެސް އިއާން ފެންނަ ހިސާބަށްވެސް އެމީހުން ނުދެއެވެ. ޝިއުނާގެ މޫނު ދެކެންވެސް އޭރު އެއިން އެކަކުވެސް ބޭނުމެއް ނުވިއެވެ. ޝިއުނާގެ ބައްޕައަށް މަޢާފްކޮށްފަ އެއީ އެމީހުންގެ ޢާއިލާގެ އެއްބައިކަމުގައި ހަދާނެހާ ހިތްވަރެއް ނުލިބުނެވެ. ޚާއްޞަކޮށް އިއާންގެ ބައްޕަ ރިޒްވީގެ ހިތުން ޝިއުނާއަށާއި އެ ޢާއިލާއަށް ޖާގައެއް ދިނުން ވީ ދަތި ކަމަކަށެވެ.

އެހެންނަމަވެސް، ދުނިޔަވީ އާދަތަކާއި އެއްގޮތަށް، ބަދަލުވަމުން ދިޔަ ވަގުތާއެކު ޒަޚަމްގައިވެސް ކުރަލިއެވެ. އިއާންދެކެ އައިސްފަ ހުރި ރުޅި އާއި އިއާންގެ ސަބަބުން ލިބުނު ހިތްދަތިކަމަށް ލުއި ލިބި، އިއާންއަށްޓަކައި އަލުން ލޯބި އިއާދަވާން ފެށީއެވެ. އެކަމަކު އެއީ ހަމައެކަނި އިއާންގެ މަންމަގެ ހިތުގައެވެ.

އާލިޔާއަކީ މަންމަ ކަމަށްވާތީ، ދަރިފުޅާއި ގުޅުން ކަނޑާލާފައި އެ މަންމައަކަށް މާގިނަ ދުވަހަކު ނުހުރެވުނެވެ. އިއާން ފުރައިގެން ދިޔަތާ ތިންވަނަ މަހުގައި އިއާންއަށް ގުޅީ އާލިޔާއެވެ. ރިޒްވީއަށް ސިއްރުންނެވެ. ދެމައިންގެ ގުޅުން ބަދަހިވަމުން ގޮސް، މެލޭޝިޔާގައި ހުރި ޝިއުނާ ވިހެއިތާ ދެވަނައަށްވީ ދުވަހު ޝިއުނާއާއިވެސް އާލިޔާ ވާހަކަ ދައްކަން ފެށިއެވެ. މާމަ ދަރިފުޅުގެ ފޮޓޯތައް އާލިޔާއަށް ވައިބަރ ކުރުމަކީ ޝިއުނާގެ ކޮންމެ ދުވަހަކުގެވެސް ރޫޓިންގެ އެއްބައެވެ. އެ ކުޑަކުޑަ ދަރިފުޅު ދެކޭހިތުން ވީޑިއޯ ކޯލެއް އާލިޔާ ނުކުރާ ދުވަހެއް ނުދާނެއެވެ.

އިއާން ހުރީ އިނގިރޭސިވިލާތުގައެވެ. ޝިއުނާ ހުރީ މެލޭޝިޔާގައެވެ. އާލިޔާ ހުރީ ރާއްޖޭގައެވެ. ނަމަވެސް އެ ތިންމީހުންގެ މެދުގައި އޮތީ އަތްދަމާލީމައި ފޯރާހާ ދުރުކަމެއް ކަހަލައެވެ. އެހާވެސް އެމީހުންގެ ގުޅުން ބަދަހިވިއެވެ.

ނަމަވެސް އުޅެއުޅެވެސް ރިޒްވީގެ ހިތް މަޑުނުވުމުގެސަބަބުން އާލިޔާއަށް ޖެހުނީ އެ ޢާއިލާގެ ފިރިހެން ދަރިފުޅު، ދެންވެސް ގެއިން ބޭރުގައި ގެންގުޅޭށެވެ. ރިޒްވީ އެންގީ އާލިޔާ ބޭނުންނަމަ އާލިޔާގެ ދަރިފުޅާއެކު ބޭނުންވަރަކަށް ވަގުތު ހޭދަކުރެވިދާނެ ކަމަށެވެ. އެހެންނަމަވެސް ރިޒްވީއަށް ފެންނަ ހިސާބަށްވެސް އިއާން އައުން ނޭދޭ ކަމަށެވެ. އަދި އެގެއިން އިއާންއަށް އެއްވެސް ޖާގައެއް ނެތް ކަމަށެވެ. އިއާންމެން މާލެ އަންނަންވާއިރަށް 3 ކޮޓަރީގެ އެޕާޓްމަންޓެއް ހިފަން ޖެހުނީ އެހިސާބުންނެވެ.

ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުނިނަމަވެސް އިއާންއަކީ އާލިޔާގެ ދަރިފުޅެވެ. ކުރިން އުޅުނު ގޮތަކަށް މިހާރު އިއާން ނޫޅޭނެ ކަމުގެ ވަރަށްބޮޑު ޔަގީންކަމެއް އާލިޔާއަށް އެބައޮތެވެ. ދަރިންނަކީ ކިތަންމެ ބޮޑު ކުށެއް ކުރިނަމަވެސް ހިކި ގޮފިގަނޑެއް ގަހުން ވަކިކޮށް އެއްލާލާފަދައިން ނަގާ އެއްލާލެވޭނެ ބައެއް ނޫންކަމަށް ބުނެފައި، އާލިޔާ ގަސްތުކުރީ އިއާން ދުރުކޮށްނުލުމަށެވެ. ވެގެންދިޔަތަންކޮންމެ ގޮތަކަށް ދިޔަނަމަވެސް ދެން އޮތް ތަންވެސް އިއާންއަށްޓަކައި ރަނގަޅު މަންމައަކަށް ވެވޭތޯއެވެ.

އެގޮތުން ކުރެވުނު ހުރިހާ ކަމެއްވެސް އާލިޔާ އަންނަނީ ކުރަމުންނެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައި، އެތަނަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިހަމަކޮށް، ފުރިހަމަކުރަމުން ދިޔައީ އިއާންގެ ޢާއިލާއަށްޓަކައެވެ. އިއާން އައުމާއެކު ކޯޓްމެދުވެރިކޮށް އެ ކައިވެނި އަލުން ކުރުވުމުގެ ހުރިހާ އިންތިޒާމެއްވެސް އާލިޔާ ވަނީ ހަމަޖައްސާފައެވެ. އެއްގޯހުގެ މައްޗަށް ވިހިގޯސް ނަހަދާން އާލިޔާ ހުރީ ގަސްތުކޮށްގެންނެވެ. އިއާންއަށް އެދިރިއުޅުން ލިބުމުގައި ޚުދު އޭނަގެ ޒިންމާވެސް އެބައޮތްކަމަށް އަމިއްލައަށް ގަބޫލުކޮށް، ދެވަނަ ފަހަރަކު އިއާންއާއި ޚުދު އޭނަގެ ޢާއިލާއަށް ހަޑިނަމަކާއި ބަދުނާމެއް އަދި ޙަރާމް ކަމަކަށް އަރައިގަނެވިދާނެ ފުރުޞަތެއް ނުދިނުމަށް އާލިޔާ ހުރީ ހުރިހާ ގޮތަކުންވެސް ތައްޔާރުވެގެންނެވެ.

އިއާންގެ ދަރިއަކަށް ޝިއުނާ އިނީ ބަލިވެކަން އެނގުނު ދުވަހު، ދުނިޔޭގެ ލަދާއި މަލާމާތް ލިބިދާނެތީ ގަތްބިރެއްގެ ސަބަބުން އެދެކުދިން ކައިވެނި ކުރަން މަޖްބޫރުކުރެވުނު ނަމަވެސް އެއީ ކިހާ ވަރެއްގެ ބޮޑު ފާފައެއްކަމާއި ކިހާ ބޮޑު ގޯހެއްކަން ، ވަގުތު ފާއިތުވިފަހުން ވިޔަސް އާލިޔާއަށް ވިސްނުނެވެ. މަންމައަކަށްވެހުރެ ދަރިއަކަށް އެފަދަ ކަމަކަށް މަޖްބޫރުކުރުމުގެ ސަޒާއަށް އާލިޔާ ބިރުގަތެވެ. އިއާންގެ ދިރިއުޅުން ފާފަވެރި ދިރިއުޅުމަކަށް ހަދައިދެވުނީ ޚުދު އިއާންގެ މަންމައާއި ބައްޕައަށްކަން އާލިޔާއަށް ވިސްނުނީ މާ ފަހުންނެވެ. ކަންވެ ނިމުނު ފަހުންނެވެ. ބިރުން ރޫރޫއަޅައިގެން ދިޔައީ ﷲ ގެ ކޯފާއާއި އެކަލާނގެ އެކަންކަން ޙަރާމްކުރައްވާފައިވާ މިންވަރު ހިތަށް އެރުމުންނެވެ.

އިއާން ނަގާ އެއްލާލުމުގެ ބަދަލުގައި ހެޔޮމަގަށް އިއާން ލަންބުވަން މަސައްކަތް ކުރުމަށް އާލިޔާ ޢަޒުމް ކަނޑައެޅީ އެހިސާބުންނެވެ. ރިޒްވީގެ އެއްބާރުލުމާއި އެހީތެރިކަން ނުލިބުނު ނަމަވެސް އާލިޔާ ދިޔައީ އާލިޔާގެ ކޮންމެ ރޭވުމަކާއި ކޮންމެ ވިސްނުމެއް އަދި ކުރާ ކޮންމެ ކަމެއްވެސް ރިޒްވީއަށް އަންގައި ޙިއްސާ ކުރަމުންނެވެ. ކޮންމެވެސް ދުވަހަކުން ރިޒްވީގެ ހިތްވެސް މަޑުވެ އިއާންމައްޗަށް ހިތްސާފުވާނެ ކަމަށެވެ.

***

"ދަރިފުޅު އައީ ކޮން އިރަކު، ބައްޕައަކަށް ނުވެސް އެނގޭ." ނިދިން ހޭލެވުނުއިރު، އެންމެ ފުރަތަމަވެސް ސައިފްއަށް ފެނުނީ އޭނަގެ ލޯބިވާ ދަރިފުޅު އީމާއެވެ. ފެންކަޅިވެފައި ބައްޕައާއި ދިމާލަށް އީމާ ބަލަން އިންނަތާ ވީ ކިހާއިރެއްކަން ބައްޕައަށް ނުވެސް އެނގޭކަން އީމާއަށް އެނގެއެވެ.

އީމާއަށް އެއްޗެއް ނުބުނެވުނެވެ. ހިންދިރުވާލެވުނީއެވެ.

"މަންމަގެ ޚަބަރު ބަލާލިންތަ؟ އާހިލް ނެތީމަ މަންމަ ވަރަށް އެކަނިވާނެ." ވަރުދެރަ އަޑަކުން ސައިފް ބުނެލިއެވެ.

"އަންނާނަން ބައްޕައަށް ކާލާނެ އެއްޗެއް ހިފައިގެން." އީމާ އިންތަނުން ތެދުވީ ކަރުނަތައް ނުހިފެހެއްޓިގެންނެވެ. މަންމަ އެކަންޏެއް ނޫނެވެ. އާހިލްގެ ވަކިވުން ޚުދު އީމާވެސް މުޅިން އެކަނިކޮށްފިއެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular