13 Jan 2018

ގަސްތަކާނުލާ

ގަސްތަކާނުލާ

* ޖެނުއަރީ 9 ވަަނަ ދުވަހުގެ ބަޔާ ގުޅޭ ...

އީމާއަށް އެ ކޯސް މާލެއިން ހެދެން އޮތް އިރުވެސް ލޯނެއް ނަގައިގެން ވިޔަސް ދާން ބޭނުންވަނީ ރާއްޖެއިން ބޭރަށެވެ. އެންމެ މަގްޞަދެއްގައެވެ. އިއާން އާއި ދުރަށް ދިއުމަށެވެ. އިއާންގެ އމިއްލަ ޙަޔާތުގެ ކިލަނބުކަން ފިލާ ވަގުތު ހަށި ފޮޅާފައި އިއާން ތެދުވާނެކަން އީމާއަށް އެނގޭފަދައިން، އެދަނޑިވަޅުގައި އޭނައަށް އިއާންގެ އުނދަގޫވެސް ވަރަށް ބޮޑުވާނެކަން އީމާ ގަބޫލު ކުރެއެވެ.

އެހެންނަމަވެސް އެކަމެއް އެހެނެއް ނުވިއެވެ. އީމާއަށް ލޯން ނުލިބުނެވެ. ކިޔަވަން ބޭރަށް ދިއުމުގެ ރޭވުން ވީ ނާކާމިޔާބެވެ.

އީމާ ބައްޕައާއި ވާހަކަ ދެއްކުމުން ބައްޕަގެ މާ ބޮޑު ހުށަހެޅުމެއް އެކަމުގައި ނެތެވެ. އީމާއަށް ފެންނަ ކޮންމެ ގޮތެއްވެސް ރަނގަޅު ކަމަށް ބުންޏެވެ. ބައްޕައަށް ރަނގަޅު ގޮތަކީ ކޮބައިތޯ އަހަން ފެށުމުން، މާލޭގައި މަޑުކުރިއްޔާ ބައްޕަ އުފާވާނެ ކަމަށް ބުނުން ފިޔަވާ އިތުރު ޚިޔާލެއް އެ އޯގާތެރި ބައްޕަގެ ކިބަޔަކުން ނުލިބުނެވެ. ނަތީޖާއެއްގެ ގޮތުން އީމާއަށް ހުރެވުނީ ހަދަންވީ ގޮތް ނޭނގިފައެވެ. އެންމެ ގާތްކޮށް އުޅުނު ހުރިހާ ރަޙްމަތްތެރިންވެސް އީމާއަށް ނަސޭޙަތް ދިނީ ވަޒީފާއަކަށް ދާން ފެށުމަށެވެ. ގޭގައި ހުންނަން ވެއްޖެނަމަ ސްޓްރެސް ވާން ފަށާފާނެ ކަމަށެވެ. އެކަމަކުވެސް އީމާއަކަށް ގޮތެއް ނުނިންމުނެވެ.

ދެން ދެވުނީ އަމިއްލަ މަންމަ ކައިރިއަށެވެ. ދިޔައީ ވަކި މަގްޞަދެއް އޮވެގެން ނޫންކަހަލައެވެ. އެހެންނަމަވެސް އެގޭގައި ހޭދަވި ދެގަޑިއިރު ފަހުން އެގެއިން ނުކުމެގެން ހިނގައިގަތްވަގުތު މަޤްޞަދު ވިސްނުނެވެ. ޚުދު އޭނަ މަންމައާއި ވާހަކަ ދައްކަން އައީ އެހެން އެންމެން އެކައްޗެއް ބުނި ނަމަވެސް ތަފާތު ވިސްނުމެއް މަންމަ ދީފާނެ ކަމަށެވެ. މަންމައަކީ ތަނަވަސްކަމާއި ފައިސާވެރިކަން ހުރި މީހަކަށް ވާތީ، މަންމަގެ އަމިއްލަ ޚަރަދުގައި އީމާ ކިޔަވަން ފޮނުވަފާނެ ކަމަށް ހީކޮށެވެ. ޑިޕްލޮމާއަށްވުރެ މައްޗަށް އޭނަ ނުކިޔަވައިގެން އަބަދު އެ ވާހަކަ ދައްކާ މީހަކީ މަންމަ ކަމަށްވާތީ، މަންމަ އާއި ދޭތެރޭ ފޮނި އުއްމީދެއް ކުރެވުނީއެވެ. ނަމަވެސް ގެއިން ނުކުތީ އެކަންވެސް ނުވާނެކަން ޔަގީންވެގެންނެވެ.

ވީ ދެރައާއ ނާއުއްމީދުގައި، ވަޒީފާއެއް ހޯދުމުގެ ކަންތަކާއި އީމާ އުޅެގަތެވެ. ޔާނާ ބުނިހެން ޓުއަރިޒަމް މިނިސްޓްރީގައި ވަޒީފާއެއް ނެތެވެ. އެހެންކަމުން ގެޒެޓް ބަލައިގެން ވަޒީފާތަކަށް ކުރިމަތިލަމުން އީމާ ދާން ފެށިއެވެ. ވަރުގަދަ ޢަޒުމެއްގައެވެ.

މާގިނަ ދުވަހެއް ނުވެއެވެ. ޓުއަރިޒަމް މިނސްޓްރީގައި ރަނގަޅު ވަޒީފާއެއް ހުހަށް އޮތްތަން ގެޒެޓުން އީމާއަށް ފެނުނެވެ. މިވާހަކަ އެންމެ ފުރަތަމަވެސް ދެއްކީ ޔާނާއާއެވެ. އެއީ ކޮން ސެކްޝަނެއްތޯއާއި އެ ސެކްޝަނނުގެ މަސައްކަތަކީ ކޮބައިތޯ ޔާނާ ކައިރިން ރަނގަޅަށް އޮޅުންފިލުވިއެވެ.

"ނޭނގެ، ތިއީ އަދި ވެރިޔަކުވެސް ނެތް ޔުނިޓެއްގެ ހެޑްގެ ސެކްރެޓަރީކަން، ދެން އެކަމަކު އެހާ ކަމަކު ނުދޭ މީހެއްގެ ޕީއޭ އަކަށް އީމާ ހުރީމަ." ޔާނާގެ ޚިޔާލަކީ މިއީއެވެ. ޔާނާ ދެކޭގޮތުގައި، ޚުދު އޭނާގެ މަގާމަކީ އެޑްމިން ސެކްރެޓަރީކަން ކަމުގައި ވިޔަސް އީމާ އަކީ އޭނައަށްވުރެ މަތީ މަގާމެއް ލިބެން ޖެހޭ މީހެކެވެ.

"ދެން އެކަމަކުވެސް އެޕްލައި ކުރަން މި އުޅެނީ، މިހެން މާގިނަ ދުވަހު އުޅެންވެއްޖިއްޔާ އަހަރެން މޮޔަވެދާނެ. ފަހުން އެހެން ޖޮބަކަށް ދާން ޖެހިއްޖެއްޔާ ދާނީ، ބަޓް އައި ނީޑް އެ ޖޮބް ނައު." އީމާ ނިންމީ އެ ވަޒީފާއަށް ސިޓީ ލާށެވެ.

***

އިއާންގެ ބައްޕަ ދިން މުއްދަތުގެ އެންމެ ފަހު ދުވަސް ނުނިމެނީސް އިއާންގެ ޕްރޮޕޯސަލް ބައްޕައަށް އިއާން ހުށަހެޅިއެވެ. ސީދާ ބައްޕަގެ ރަސްމީ އޮފީހުގައި ބައްޕަ އިންދާ އެތަނަށް ގޮސްގެންނެވެ. އިއާން އެކަން ކުރީ ރަސްމީ ކަމެއްގެ ގޮތުގައެވެ.

އިއާން ގެންދިޔަ ޕްރޮޕޯސަލް މަތިމަތިން ކުޑަކޮށް ރިޒްވީ ބެލިއެވެ. ހިތްހަމަޖެހުނު ކަމުގެ ނިޝާން ބައްޕަގެ މޫނުން އިއާންއަށްވެސް ފެނުނެވެ.

"ދެ ދުވަހެއްގެ ތެރޭގައި ޑިސްކަސް ކޮށްލަން ބޯޑާއި މީޓް ކޮށްލަން ވާނެ، ފްރީ ވާނެތަ؟" ސްޕައިރަލް ބައިންޑުން އެކުލަވާލާފައި އޮތް، އަށްޑިހަ ވަރަކަށް ސަފްހާގެ ޕްރޮޕޯސަލް އެއްފަރާތެއްގައި ރީތިކޮށް ބާއްވާލަމުން ރިޒްވީ އެހިއެވެ.

"ފްރީ ވާނެ." އިއާން ޔަގީންކަން ދިނެވެ.

"އިއާން މަންމަ ބުނި ޓުއަރިޒަމް މިނިސްޓްރީއިން ވަޒީފާ ހަމަޖެހުނު ވާހަކަ، ކޮން އިރަކުން އެކޮޅަށް ނުކުންނަނީ؟" ރިޒްވީ އެ ހަނދާން ހުއްޓެވެ.

"އެމީހުން ބުނަނީ އަދި ހަފުތާއެއްވަރު ވެދާނެޔޯ" އެ ވަޒީފާއަށް ނިކުތްނަމަ އޭނައަށް ބައްޕަ ޙަވާލުކުރި އެ މަސައްކަތް ނުނިންމުނީހެވެ. އޭނަ ކުރިމަތިލި މަގާމު ލިބޭމީހެއްގެ ސެކްރެޓަރީއަކު ހަމަޖެހުމުން ނޫނީ، ވަޒީފާއަށް ނިކުންނަން އޭނައަށް ނައަންގާނެ ވާހަކަ އެތަނުން އޮތީ އަންގާފައެވެ. އިއާން ގަބޫލުކުރީ އެއީ އޭނައަށް ހުރި ރަޙްމަތެއްކަމަށެވެ. އެހެންނޫންނަމަ މިފަހަރުވެސް ބައްޕަ ކުރިމަތީގައި އޭނަ ފެއިލް ވީހެވެ.

ބައްޕަގެ ރުހުމާއި އިތުބާރު އޭނަ މައްޗަށް ހޯދުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެކަން އިއާން އަށް އެނގޭތީ އެކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއްވެސް އިއާން ހުރީ ކުރަން ތައްޔާރު ވެގެންނެވެ.

އަމިއްލަ ވިޔަފާރިއެއް ފެށުމަށްޓަކައި ހަދަންޖެހޭ ޕްލޭން އޭނަ ހެދީ އެ ވިސްނުން ހިތުގައި ބާއްވައިގެންނެވެ. ބައްޕަ ކުރިމަތީގައި މަޢާފަށް އެދުމުގެ ހައްޤަކީވެސް ބައްޕަ އޭނައަށް ނުދީ އޮތް ފުރުޞަތެކެވެ. އޭނަ ހުށަހެޅި ޕްރޮޕޯސަލް ކަމުހިނގައްޖެނަމަ، ލަހުންވިޔަސް އެ ފުރުޞަތާއި ހަމައަށް ވާޞިލުވެވޭނެ ކަމުގެ އުއްމީދު އިއާން އަށް ލިބުނެވެ.

***

ހައެއްކަ ދުވަސް ފަހެވެ.

"ދަރިފުޅު ވަޒީފާއަށް ނުކުންނަން ޖެހެނީ ކޮން ދުވަހަކުންނޭތަ ރޭގަ ބުނީ...؟" ރޭގަނޑުގެ ކެއުމުގެ ފަހުން ތަށިތައް ހިފައިގެން ކޮޓަރިން ނުކުމެ ނުކުމެ ހުރި އީމާއަށް މުޚާޠަބްކޮށް ސައިފް އަހާލިއެވެ.

"ބައްޕަ ހާދަ ގިނައިން ތިސުވާލު ތިކުރަނީ؟ ކިހިނެއްވީ ކޮންމެ ދުވަހަކު ތި ސުވާލު ތި ކުރަނީ؟ ބައްޕަ ހިތްހަމަނުޖެހެނީތަ " ހިނިތުން މޫނަކާއެކު އެނބުރިލަމުން އީމާ އެހިއެވެ.

"ނޫނޭ، ބައްޕައަށް ހަމަ ހީވަނީ އެއްވެސް ކަމެއް ނެތިފައި ގޭގައި ހުންނަން ޖެހޭތީ އީމާ މާ ފޫހިވެފަ ހުންނަހެން، އެހެންވެ ބައްޕަވެސް ބޭނުންވަނީ ދަރިފުޅު އަވަހަށް ޖޮބަށް ދާން." ލުއި ހީލުމަކާއެކު ވާހަކަ ދައްކަން ފެށި ސައިފްގެ މޫނުމަތިން ފިކުރުބޮޑުވުން ފެނިގެން ދިޔައެވެ.

"ދެން ބައްޕާ، އެވަރަށް އެކަމާ ވިސްނާއެއްޗެއް ނޫނޭ، ހަމަ ބުނެލާއިރަށް ނުކުންނަން އީމާ މިހިރީ ތައްޔާރަށް." ބައްޕަގެ މޫނުމަތިން ފެނުނު ކަންބޮޑުވުން ފެނިފައި އީމާ މަޑުކޮށްލިއެވެ. ދިއުމުގެ ބަދަލުގައި އަނބުރާލާފައި އީމާ ވަނީ ކޮޓަރިއަށެވެ.

"ބައްޕައަށް ތިކަން އެނގެޔޭ، ބައްޕަ ބިރުގަންނަނީ ފަހު ވަގުތު އެމީހުން އޭތި ކެންސަލްކޮށްފާނެތީ، ދަރިފުޅަށްވެސް އެނގޭނެ ސަރުކާރު ވަޒީފާތަކަކީވެސް މިހާރު އެހާ ޔަގީންކަން އޮންނަ އެއްޗެއް ނޫން، ގިނަފަހަރު އެ ވަޒީފާތައްވެސް ލިބެނީ އެތަނެއްގެ ހުންނަ ބޮޑަކު ބޭނުންވާ މީހާއަށް" ސައިފްގެ އަސްލު ކަންބޮޑުވުމަކީ ކޮބއިކަން އީމާއަށް އެނގުނެވެ.

"އެހެނެއް ނުވާނެ އިރާދަކުރެއްވިއްޔާ" ޚުދު އީމާގެ ވެސް ހިތްބިރުގަންނަ ސަބަބަކީ އެއީއެވެ. އެކަމަކު ބައްޕަ ކުރިމަތީ އެކަންބޮޑުވުން ފާޅުކުރެވޭކަށް އީމާއަކަށް ނެތެވެ.

"މިއަންނަ ހަފްތާގަތަ ނުކުންނަން ބުނީ؟." ސައިފްއަށް ޖަވާބު ނުލިބުނު ސުވާލު އަނެއްކާވެސް ސައިފް ކުރިއެވެ.

"މިއަންނަ ހަފްތާގެ އަންގާރައިގަ." އީމާ ފުރިހަމަ ޖަވާބު ދިނެވެ.

"އެހެންތަ، މިއަދު މިއީ ހުކުރު، އެހެންވިއްޔާ ދެން އޮތީ އެންމެ ތިންދުވަސް ދޯ؟ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ." ފަހަކަށް އައިސް ސައިފްގެ ހިތުގެ ދުޢާއަކީ އަބަދުވެސް އެއީއެވެ. އީމާއަށް ލޯން ހަމަނުޖެހުމުން ވެފައި ހުރި ދެރައިގެ މައްޗަށް އިތުރު ހިތްދަތިކަމެއް އެދަރިފުޅަށް ލިބިދާނެތީ ސައިފް ބިރުގަނެއެވެ.

***

އަންގާރަ ދުވަހަށް އިރު އެރީ ޔާނާގެ ކޯލަކުންނެވެ. އޭރު އަދި ކިރިޔާ ހައެއް ޖެހީއެވެ. ފުންމައިގެން ގޮސް އީމާއަށް އެނދުން ފޭބުނީ ގަޑިޖެހުނީކަމަށް ހީކޮށެވެ. ވާނީވެސް އެހެންތާއެވެ. ރޭގަ ނުނިދި ލަސްވީވެސް ނުހޭލެވިދާނެއޭ ހިތަށް އަރާވަރުންނެވެ.

"ސާބަހޭ، އަދި ނުވެޔޭ، އައިއެމް ޖަސްޓް ޓޫ ކިއުރިއަސް، އެހެންވެ އަވަހަށް ގުޅީ، ގެޓް ރެޑީ، އަންނައްޗޭ އަހަރެން ބަލާ، ދެމީހުން އެއްކޮށްނެއްނު ދާނީ ދޯ." ދެންމެ ހޭލައިގެން އުޅޭމީހެކޭ ޔާނާގެ އަޑު އިވުނު މީހަކު ނުބުނާނެއެވެ. މުޅި ދުވަހު ޕާޓީއެއްގައި އުޅޭފަދައެވެ. އެހާވެސް ޖޯޝާއި ފޯރި ޔާނާގެ އަޑުގައި ހުއްޓެވެ.

"އޯކޭ، އޯކޭ، ބޭއްވީ، ފެންވަރަން ދާންވެއްޖެ، ހަތްގަޑި ފަނަރަ ވާއިރު އަހަރެން ހުންނާނީ ތިގޭގަ، ނިމިގެން ހުންނާތި، ހުވާ ލަސްކޮށްފިއްޔާ ބަހައްޓާފަ ދާނީ." އީމާ އިންޒާރެއް ޖެހިއެވެ. ޔާނާއަކީ ތަނަކަށް ދާން ވެއްޖިއްޔާ އެ ކުރަންޖެހޭ މޭކަޕަކާހެދި އަބަދުވެސް ލަސްވެފައި ހުންނަ މީހެއްކަން އީމާ ދަނެއެވެ.

ޔާނާ އާއި އީމާ ޓޫރިޒަމް މިނިސްޓްރީއަށް ވަދެގެން ދިޔައީ އެކުއެކީގައެވެ. ހިނިތުންވެ ފަރިވެފަ ތިބެގެންނެވެ. ދެ އަންހެންކުދިންވެސް ލައިފަ ހުރީ ތުނިފޮތީގެ ގަމީހާއި އޮފީސް ކަޅު ފަޓްލޫނެކެވެ. ޔާނާ ހުރީ މަޑު ދަނބުކުލައިގެ ރޮގުދެމި ހުދު ގަމީހެކެވެ. އީމާ ހުރީ އެއްކުލައިގެ މަޑުފިޔާތޮށި ގަމީހެކެވެ. ދެކުދިންވެސް އަރާފަ ހުރީ ދެއިންޗިއެއްހާ އުސް ހައި ހީލްސްއަށެވެ.

"މިތާ އިހަށް މަޑުކޮށްލާ، އަހަރެން އަންނާނަން." ރިސެޕްޝަން އޭރިއާގައި އީމާ ބައިންދާފައި ޔާނާ ވަނީ އެތެރެއަށެވެ.

މާ ލަސްތަކެއް ނުވެ އަންހެންކުއްޖަކު ނުކުމެ އީމާއަށް ގޮވާލިއެވެ. އީމާ އިންޓަރވިއުއަށް އައި ދުވަހުވެސް މީޓިންރޫމާއި ހަމައަށް ގެންދިޔައީ އެ އަންހެންކުއްޖާއެވެ. އެހެންކަމުން ދެކެފަރިތަކަމުގެ ލުއި ހީލުމެއް ދެއަންހެންކުދިންވެސް ބަދަލުކޮށްލިއެވެ.

"ހައި، އީމާ ދޯ، ކޮންގްރެޗުލޭޝަންސް، " އިންތަނުން ތެދުވެގެން ގޮސް އެ އަންހެންކުއްޖާ ކައިރިއަށް ހުއްޓުމުން ސަލާމް ކުރަން އެކުއްޖާ ދިއްކޮށްލި އަތުގައި އީމާ ހިފިއެވެ.

"އާދޭ އެތެރެއަށް، ބައިދަވޭ ، މިއީ ޝިރަން، އީމާގެ ބޮސް އަދި ވަޑައެއް ނުގަންނަވާ، އެކަމަކު މިއަދު ނުކުންނަވާނެ، ސޯ، އޭގެ ކުރިން ހިނގާ ސެކްޝަން ދައްކާލާނަން، އިންޓްރޮޑިއުސްވެސް ވާންވާނެނު، އަނެއްހެން ބަލަންޏާ ތިއީ އެންމެ ބިޒީވާނެ އެއް ސެކްޝަން އިނގޭ، ބަޓް ދެޓް އޯލް ޑިޕެންޑްސް އޮން ހައު ޔޯރ ބޮސް އިޒް، ބޮސްގެ ސެކްރެޓަރީވީމަ ފޮލޯ ކުރަންޖެހޭނީ މުޅިންވެސް ބޮސްއަށް، ސޯ، އެނީވޭސް، އާދޭ އާދޭ، ރިސޯޓްތަކުގެ މާކެޓިންގ ސެކްޝަންވީމަ ވަރަށް ހަޕެނިންގ ވާނެ އަބަދުވެސް ތި ސެކްޝަން." ރަޙްމަތްތެރި ހިނިތުންވުމަކާއެކު އަމިއްލަ ނަން ބުނެލާފައި، ވާހަކަ ދައްކަމުން ކުރިޔަށް ދިޔައެވެ. އޭނައަށް ލިބޭ ބޮސް އަކީ އަބުއި ނޫން ބޮސްއަކަށް ވުމަށް އީމާގެ ހިތް އެދުނެވެ.

އީމާ ގެންދިޔައީ ބޮޑު ހޯލެއްހެން އޮތް ތަނަކަށެވެ. އެތަނަކީ މެގަޒިންތަކާއި ފިލްމުތަކުން އީމާއަށް ފެންނަ ފަދަ އޮފީސް މާޙައުލެކެވެ. ރީތި ޕާޓިޝަންތަކުން ކޮންމެ ސްޓާފެއްގެ ގޮޅި ވަކިވެފައި ހުރި ފާޑުވެރި ތަނެކެވެ. ގާތްގަނޑަކަށް ތިރީހަށްވުރެ ގިނަ މުވައްޒަފުން އެތަނުގައި ތިބިކަމަށް އީމާ ލަފާކުރިއެވެ. މާކެޓިން ޑިޕާޓްމަންޓެއްކަން އެތަން ބަލާލުމުންވެސް އީމާއަށް އެނގުނެވެ.

ހުރިހާ އެންމެންވެސް އީމާއަށް މަރުޙަބާ ކީ ހިނިތުންމޫނަކާއެކު ސަލާމް ކުރަމުންނެވެ. އީމާއަށް އެ އެންމެންވެސް ކަމުދިޔައެވެ. އެތަނުގައި މަސައްކަތް ކުރާ ހިތް ވިއެވެ. ފުރަތަމަ ދުވަހުގެ ފުރަތަމަ ފަނަރަ މިނެޓްތެރޭގައިވެސް އެތަން ދެކެ ލޯބި ވެވިއްޖެއެވެ.

"މިހިރީ އީމާގެ ގޮނޑި، މިހިރީ ބޮސްގެ ކޮޓަރި، މިހާރު ބޮސްވެސް ދުރުވާނެ، ބޮސްގެވެސް އާދުވަހެއް މިއަދު މިއީ." މުޅި ތަނުގައިވެސް ވަކިން ހުރީ ހަމަ އެކަނި އެ ކޮޓަރިއެވެ. އެ ކޮޓަރީގެ ބޭރުން ޖެހިފައި ކަހަލަ ގޮތަކަށް ހުރި މޭޒާއި ގޮނޑިއަކީ އީމާއަށް ޚާއްޞަ ވެފައި ހުރިތަނެވެ. އެއީ ޕާޓިޝަނެއްވެސް ނެތް ތަނެކެވެ. އެހެންނަމަވެސް އޮފީސް ސެކްރެޓަރީއަކަށް ބޭނުންވާނެ އެހެން ހުރިހާ އެއްޗެއް އެތަނުގައި ހުއްޓެވެ.

"އަވަހަށް އިށީނދޭ، ގެޓް ކޮމްފޮޓެބަލް، ބިފޯ ބޮސް ކަމްސް، ބޮސް ވަޑައިގަތީމަ އިންޓްރޮޑިއުސް ކޮށްދީފަ ދާނީ." އަމިއްލަ އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން ޝިރަން ބުނެލިއެވެ.

ޝުކުރު އަދާކޮށްފައި އީމާ ގޮސް އޭނައަށް ޚާއްޞަ ކުރެވިފައި ހުރި ގޮނޑީގައި އިށީނދެލިއެވެ. ދަބަސް އެއްފަރާތެއްގައި ބަހައްޓާފައި ވަށައިގެން ހުރި އެއްޗިއްސަށް ބަލަމުން ދިޔައެވެ.

"އޯވހ އަދި ހަނދާން ނެތުނީ، ކޮމްޕްގަ ހުންނާނެ ފޮލޯކުރަންޖެހޭ ކަންކަން، ހިނގާ ބަލާލަމާ ދޯ؟" ޝިރަންއަށް އެހަނދާންވީ ކުއްލިއަކަށެވެ.

ސަލާމް ފޯމުން ފެށިގެން ގޮސް ތަނުގެ ގަވާޢިދުތަކާއި އޯޓީ ޝީޓާއި، ކޮންމެ ދުވަހަކު ކުރަން ޖެހޭނެ ކަންކަމާއި، ސެކްރެޓަރީގެ ޒިންމާގެ ގޮތުގައި ކަނޑައެޅިފައި ހުންނަ ކަންކަން ފުރިހަމަ ކުރާނެ ގޮތާއި މިހެން ގޮސް އީމާގެ އެ މަގާމަށް އެނގެންޖެހޭނެ ހުރިހާ ކަމެއްހެން ޝިރަން ކިޔައިދެމުން ދިޔައެވެ. ޝައުގާއެކު އީމާ އަޑުއަހަމުން ދިޔައެވެ.

"އޭއި....ނިއު ބޮސް އެބަ އާދޭ މިކޮޅަށް،" ސެކްޝަނަށް ވަދެގެން އައި އަންހެންކުއްޖަކު ވައި އަޑަކުން ބުނެލި އަޑަށް އީމާއާއި ޝިރަންވެސް އިސް އުފުލިއެވެ.

"ހޫނު މަރުޙަބާއެއް ކިޔަންވާނެ އިނގޭ، ސަޅި ބިޓެކޭ، ޔޫ ވިލް ޑައި، ހުވާ މިބުނީ." އެ އަންހެންކުއްޖާއަށް ހިމޭނަކުންވެސް ނުހުރެވެއެވެ. ފާޑަކަށް ފުމެނީއެވެ. އުފަލުން ފޮޅެނީއެވެ.

ޝިރަންވެސް ހިންދެމިލިއެވެ. އީމާވެސް ޝިރަންއާއެކު ކޮޅަށްތެދުވެ ހަމަޖެހިލިއެވެ.

ދޮރު ހުޅުވުނު އަޑު އިވުނީ ހަމަ އެވަގުތުއެވެ. އެންމެންހެން ކޮޅަށް ތެދުވިއެވެ.

އެތެރެއަށް ވަނީ އެ އޮފީހުގެ ވެރިޔެކެވެ. އެކުގައި އައިސް ވަނީ އެބުނާ އާ ބޮސްއެވެ. އިސްކޮޅުން ދިގު، ގައިގެ ކުލަ ރަތްދޮން، ހުދު ގަމީހަކާއި ނޫ ފަޓްލޫނެއް ލައި ނޫ ޓައީއެއް އަޅައިގެން ހުރި ސްމާޓް ޒުވާނެކެވެ.

ބަލަހައްޓައިގެން އެންމެން ތިބީ އާޝޯޙްވެފައި ކަހަލައެވެ. އީމާއަށް ޖެހެވުނީ ފަހަތަށެވެ. ހިފުނީ ޝިރަންގެ އަތުގައެވެ. ވަރަށް ބާރަށެވެ. ތަދުވާވަރަށް ބާރަށެވެ.

"އައްސަލާމް ޢަލައިކުމް، ގުޑް މޯނިން ހުރިހާކުދިން" އާ ބޮސްއާއެކު އައި މީހާ ވާހަކަ ދައްކަން ފެށިއެވެ.

"މި ސެކްޝަންގެ ނިއު ބޮސް މިއީ، އިއާން ރިޒްވީ، ނަމުން ހީނުވެދާނެ ދިވެއްސެކޭ، ނޫނޭ، ސިފައިންވެސް ހީނުވެދާނެ ދިވެއްސެކޭ، އެކަމަކު ގައިމުވެސް މިއީ ޔޫރަޕިއަނެއް ނޫން، ދިވެއްސެއް، މި ސެކްޝަންގެ ބޮސް، ބިޒްނަސް މާކެޓިން އިން މާސްޓަސް ނަންގަވައިގެން ހުންނެވީ، ސަރުކާރު ވަޒީފާއަކަށް އަދި ހަމަ މުޅިން އާ، އެކަމަކު ވަރަށް ގިނަ މީހުންނަށް އެނގޭނެ ކަންނޭނގެ ރިޒްވީ، ރިޒްވީގެ ރިސޯޓްތަކަކީ ވަރަށް ކާމިޔާބު ރިސޯޓްތައް، ޓޫރިސްޓް ވިޔަފާރީގަ މުޅި ޢާއިލާވެސް އުޅެނީ، ސޯ، މިތަނުގެ އެއްވެސް ކަމެއް އިއާންއަށް އާ ވާނެހެނެއް ހިއެއް ނުވޭ، ދެން އެކަމަކު ތި ހުރިހާ ކުދިންގެ އެހީތެރިކަން ބޭނުންވާނެ އިއާންއަށް، އޯކޭ؟ އިއާން، މިއީ ސެކްޝަނަކީ، އެހެރީ ރޫމް، ހިންގަވާ އެކޮޅަށް." ކޮޅަށް ތެދުވެ ތިބި މުވައްޒަފުންނަށް މުޚާޠަބްކޮށް ވާހަކަ ދައްކަމުން އިއާން ގޮވައިގެން އެމީހާ އަންނަތަން އީމާއަށް ފެނުނެވެ.

ހިތް ތެޅޭ ވަރުން ކޮޅަށް ހުންނަންވެސް އީމާއަށް ދަތިވިއެވެ. އިއާން އައިސް އަރާ ހަމަވާ ވަގުތު ހެއަށް ގޮތެއްވެގެން އޭނަ ވެއްޓިދާނެއޭވެސް އީމާއަށް ހީވިއެވެ. މޭޒުގައި ހިފަހައްޓައިގެން ޝިރަންގެ ފުރަގަހުގައި އީމާ ހުރީ ފާޑަކަށް އެއްއަރިއަކަށެވެ. ފާޑަކަށް ކުރުވެގެންނެވެ. އެކަމަކު ޝިރަންއަށްވުރެ އީމާގެ އިސްކޮޅުން ދިގު ކަމުން އީމާގެ ކޮނޑުންމަތި ފެނެއެވެ. ނުފެންނަނީ މޫނެވެ.

"އަނހަ، ޝިރަންވެސް އެބަހުރި، ސެކްރެޓަރީ ގޮވައިގެން ދޯ ތި އުޅެނީ؟ އިއާންގެ ސެކްރެޓަރީވެސް އޮފީހަށް ނުކުތީ ހަމަ މިއަދު، ސޯ، ދެމީހުންވެސް ވަރަށް އާވާނެ ދޯ އޮފީހަށް، ކުޑަކޮށް ދަތިވެސް ވެދާނެ ކަންނޭނގެ، އެކަމަކު ޝިރަން މިހިރީނު، ޝީވިލް ހެލްޕް ޔޫ ބޯތު، ދޯ ޝިރަން" އިއާންއާއެކު އައި މީހާ ޝިރަންއާއި ވާހަކަ ދައްކަން މަޑުކޮށްލީ ދިމާ ކުރިމަތީގައެވެ.

"ލައްބަ..." މިހެން ބުނެފައި ޝިރަން ބަލާލިއިރު އީމާ ހުރީ ކުޑަކޮށް އަނެއްފަރާތަށް އެނބުރިގެންނެވެ. ދޫކޮށްފައި އޮތް އިސްތަށިގަނޑުން މޫނުގެ އެއްއަރިމަތިން ނިވާވެފައި ހުރުމުން އީމާގެ މޫނެއް ނުފެނެއެވެ.

"އީމާ، އީމާ...." އީމާގެ އަތުގައި ހިފައި ދަމަމުން ޝިރަން ގޮވަންފެށިއެވެ. މި ވަނީ ކިހިނެއްކަން ނޭނގޭތީޝިރަން ހުރީ ކަންބޮޑުވެފައެވެ.

ވަރަށް ހިތްވަރު ކޮށްފައި އީމާ އެނބުރުނެވެ. އިއާންއާއި ކުރިމަތިލިއެވެ. އިއާންއަށްވެސް ހީވީ ފައިދަށަށް ގުޑުމެއް އައިހެނެވެ. އެތަނުން މީހަކު ދެއްކި އެއްވެސް ވާހަކައެއްވެސް އަޑެއް ނީވުނެވެ. ފެނުނީ އެކަކު އަނެކަކުގެ މޫނެވެ. ދިމާވި މި ބޮޑު އިއްތިފާގަށްޓަކައި ދެމީހުންނަށްވެސް ޝޮކެއް ޖެހިފައި ހުރި ކަހަލައެވެ.

***

އީމާ އޮފީހަށް ދިޔައީ ހެނދުނު އަށަކަށެވެ. ޝިރަން އާއި ވާހަކަ ދައްކާފައި، ވަރަށް އެމަޖެންސީ ކަމަކު ގެއަށް ދާން ޖެހިއްޖެ ކަމަށް ބުނެފައި އީމާ ގެއަށް ދިޔައީ ހެނދުނު ނުވައެއް ޖެހިއިރުއެވެ. ދިހަގަޑި ފަނަރަ ވީއިރު އީމާ އޮފީހަށް އައެވެ. ނަމަވެސް ކައުންޓަރަށްވުރެ އެތެރެއަކަށް ނުވަދެއެވެ.

"މިއީ އީމާ ގެނައި ސިޓީއެއް، ސީދާ ޝިރަންއަތަށް ދޭށޭ ބުނީމަ މި ގެނައީ." ކައުންޓަރުގައި އިންނަ ލިއުޝާ އެ ސިޓީ ގޮސް ޝިރަން އާއި ހަވާލުކުރިއެވެ.

އީމާ ގެއަށް ދިޔައީތީ ލިބިފަ ހުރި ހައިރާންކަން، އެ ސިޓީގެ ސަބަބުން ބޮޑުވިއެވެ. ކަނޑައިގެން އަވަހަށް ބަލާލީ އޭނަގެ ހިތުގަ އުފެދުނު އެއްވެސް ސުވާލަކަށް ޖަވާބެއް ލިބޭތޯއެވެ.

"އަޅުގަނޑުގެ އަމިއްލަ ޒާތީ ސަބަބަކަށްޓަކައި މާކެޓިން ސެކްޝަނުގައި މަސައްކަތް ކުރެވެން ނެތްވާހަކަ ހިތާމަޔާއެކު ދަންނަވަމެވެ. އެހެންކަމުން އެހެން ސެކްޝަނަކުން އަޅުގަނޑަށް ވަޒީފާއެއް ހަމަޖައްސަވައިދެއްވުން އެދެމެވެ. އަދި އެގޮތަށް ހަމަޖައްސައިދެވެން ނެތްކަމުގައި ވަނީނަމަ މިއަދުންފެށިގެން އެ ވަޒީފާއިން އަޅުގަނޑު ވަކިކޮށްދެއްވުން އެދެމެވެ." ސިޓީގެ މެދު ޕެރެގްރާފުގައި އޮތް މި ޢިބާރާތް ކިޔުނު އަދަދުވެސް ޝިރަން އަކަށް ނޭނގުނެވެ.

އެޗްއާރް ބޮސް ކައިރިއަށް ސިޓީ ގެންދިޔައިރުވެސް ޝިރަން ހުރީ އަންތަރީސް އަރާފައެވެ.

***

ދެއަހަރު ފަހެވެ. ހުޅުލޭ އެއަރޕޯޓްގައި ޖެއްސި ސިންގަޕޫރު އެއަރލައިންސުން ފަސްވަނައަށް ފޭބީ އީމާއެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular