16 Jan 2018

ގަސްތަކާނުލާ

ގަސްތަކާނުލާ

* ޖެނުއަރީ 13 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ދެއަހަރު ފަހެވެ. ހުޅުލޭ އެއަރޕޯޓްގައި ޖެއްސި ސިންގަޕޫރު އެއަލައިންސްގެ ބޯޓުން ފަސްވަނައަށް ފޭބީ އީމާއެވެ. އީމާ އެ އައީ ޑިގްރީ ކޯހުގައި ދެއަހަރު ދުވަހު ކިޔެވުމަށްފަހު ލިބުނު އަހަރީ ޗުއްޓީގައި މާލެއަށެވެ. ކުރީ އަހަރުވެސް އައި ފަދައިންނެވެ.

ކޮންމެހެން އަންނަން ޖެހޭ މަޖުބޫރު ސަބަބެއް އޮވެގެނެއް ނޫނެވެ. ހަމަ އެކަނި ބައްޕަ ދެކޭހިތުންނެވެ. ބައްޕައާއެކު ވަގުތުކޮޅެއް ހޭދަކޮށްލާ ހިތުންނެވެ. ބައްޕައަށްޓަކައެވެ.

ޓާމިނަލުން ނިކުމެވުމާއެކު އީމާއަށް ހުއްޓެވުނެވެ. އޭނައާ އެއް ފްލައިޓަކުން ދިވެހި ހައެއްކަ ކުދިން އައެވެ. އެއިން ކޮންމެ މީހަކުވެސް ބަލާ ކޮންމެވެސް ބަޔަކު އައިސް ތިއްބެވެ. ގާތް ތިމާގެ މީހުންނާއި ރަޙްމަތްތެރިންނެވެ. އެކުދިން ފެނުމާއެކު އާއިލާގެ މެމްބަރުން އުފަލުން ފޮޅުނެވެ. އެއްބަޔަކު ނަމުން ގޮވައެވެ. އަނެއްބަޔަކު ދަރިފުޅާއޭ ގޮވައެވެ. އަނެއްބަޔަކު ދޮންތައޭ ތިއްތިބެއޭ ވެސް ގޮވާލިއަޑު އިވުނެވެ. ކައިރިއަށް އައުމާއެކު ކޮންމެ މީހަކުވެސް ސަލާމްކުރިއެވެ. ދެތިން މަންމައަކު ފެންކަޅިވެފައި ދެއަތް ދިއްކޮށްލުމާއެކު އެ ކުދިން ގޮސް އެ އަތުގެ ތެރެއަށް ވަދެ ލޯތްބާއެކު ބައްދާލާ ހެދިއެވެ.

މި މަންޒަރު ބަލަން ހުރެފައި، ވަށައިގެން ބަލާލިގޮތުން ހީވަނީ އީމާވެސް ކޮންމެވެސް މީހަކު ނުވަތަ ބަޔަކު ހޯދާހެންނެވެ. ނަމަވެސް ނެތެވެ. އީމާ ބަލާ އެއްވެސް މީހަކުވެސް އަދި ބަޔަކުވެސް ނެތެވެ.

އޭނަގެ ބައްޕައަށް އާދެވޭނެ ނަމަ އަންނާނެއެވެ. އުފަލުން ފޮޅިފައިހުރެ އޭނަ އުރާލާނެއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. އޭނަގެ ނިކަމެތި ބައްޕައަކީ އަމިއްލަ ބާރުގައި ފިޔަވަޅެއް އެޅުމުގެ ގާބިލްކަން ވެސް ލިބިފައި ނެތް މީހެކެވެ. އެތަނަކުން އޭނައަށް ބައްޕަ ނުފެންނާނެއެވެ. ބައްޕަ ނެތިއްޔާ ދެނެއް އޭނަ ބަލާ އަންނާނެ މީހަކު ނުހުންނާނެއެވެ.

ބައްޕަމަތިން ހަނދާންކުރަމުން، އީމާ އެއްފަރާތަކަށް ޖެހިލާފައި ފޯން ނަގައި ބަލާލިއެވެ. ގުޅޭކަށްވެސް ނޯންނާނެއެވެ. ސިމް ބަދަލުކޮށްގެން ނޫނީ އެކަމެއް ނުވާނެއެވެ. އެކަމަކު އެތަނުގައި އިތުރު ވަގުތަކު މަޑުކުރާހިތެއް އީމާ ނުވިއެވެ. ވަށައިގެން ފެންނަ މަންޒަރުން އަސަރު ކުރަނީ މާ ބޮޑަށެވެ. ގެނައި ދެފޮށްޓާއި ކުޑަ ދަބަސް އަރުވާފައި ހުރި ޓްރޮލީ ކޮއްޕަމުން، ފެރީއަށް ދިއުމަށް އީމާ ހިނގައިގަތެވެ.

"އޭއި އޭއި...ތިޔޯ؟ ހާދަ އަވަހެއް އަރުވާލާފަ.....ކޮން ތާކަށް ތި ދަނީ؟" ތަންކޮޅަކަށް ދިޔަތަނާ އީމާ ހުއްޓުވާލީ މިއަޑެވެ. އެނބުރި ބަލާލިއިރު ހުރީ ޔާނާއެވެ. އޭނަގެ ދެގޮތެއް ނުވި އެކުވެރިޔާ ޔާނާއެވެ. ދެމީހުންނަށް ވެސް އެއްފަހަރާ ހީގަނެވުނެވެ.

އީމާއަށްވުރެ ކުރިން ޔާނާ ގޮސް އީމާ ގައިގަ ބައްދައިގަތެވެ. އީމާގެ ހިތަށް ވެސް ލުޔެއް ލިބުނެވެ. މިދިޔަ އަހަރުވެސް އޭނަ ބަލާ ޔާނާ އައެވެ. އެކަމަކު ލަސްވުމުން ހުޅުލެއަށް ދިއުމުގެ ބަދަލުގައި އީމާ ދަންދެން ޔާނާ މަޑުކުރީ މާލޭ ފެރީކައިރީގައެވެ. މިފަހަރު ހިތްވަރުކޮށްފައި އެހެރީ ހުޅުލެއާ ހަމައަށް އައިސްފައޭ ހިތަށް އެރުމުން ލިބުނު އުފަލުގައި ޔާނާ ގައިގައި ކުރިއަށްވުރެ ވެސް ބާރަށް އީމާވެސް ބައްދާލިއެވެ.

"މިފަހަރު ލަހުން ވިޔަސް ފޯރައިފި އެއަޕޯޓަށް، ދެން ފަހަރަކުން މެލޭޝިޔާގެ އެއާޕޯޓުން ކަންނޭނގެ ރިސީވް ކުރަން ޖެހޭނީ އިނގޭ..." މިދިޔަ އަހަރު ކަންތައް ވީގޮތް ޔާނާ ވެސް ހަނދާން ވިއެވެ. ޔާނާގެ އެ ވާހަކަކޮޅަށް ދެއެކުވެރިން ވެސް ހީގަތެވެ.

އޭނައަށްވުރެ އަށެއްކަ މަސް ހަގުވެފައި އަށެއްކަ އިންޗި ކުރު ނަމަވެސް ޔާނާ އަކީ އޭނަގެ ތަނބެވެ. އެފަދަ ކޮންމެ ވަގުތެއްގައި ވެސް ޔާނާގެ ސަބަބުން އޭނައަށް ހިތްވަރު ލިބެއެވެ. ކިތަންމެ ޖޯޝް ނެތް ނަމަވެސް ކުރިއަށް ހިނގައިގަތުމަށް ހިތްވަރު ދެއެވެ. އެއީ ހަމަ އަސްލުވެސް އޭނަގެ ހަގީގީ އެކުވެރިޔާއެވެ. އޭނަގެ ބެސްޓްފްރެންޑެވެ.

"ހިނގާ އަވަހަށް ދާން، ބައްޕަ އިންނާނީ ލަސްވެފަ." ޓްރޮލީ ދުއްވާލަމުން އީމާ ބުނެލިއެވެ.

"އުނހުނ އަދި މަޑުކުރޭ، މިފަހަރު އަހަރެން އެކަންޏެއް ނޫނޭ މިއައީ..." ޔާނާ މިހެން ބުނުމުން އީމާ ވަރަށް ހައިރާން ވިއެވެ. އޭނަ ބަލާ އަންނާނެ އެހެން މީހަކު ހުރިކަމެއް އީމާއަކަށް ނޭނގެއެވެ. އަނެއްކާ ޔާނާ ބޯއިފްރެންޑް ބާވައެވެ.

ފަސް އެނބުރި ބަލާލުމުން އީމާ ހައިރާން ވިއެވެ. އެއީ މަންމައެވެ. އޭނަގެ އަސްލު މަންމައެވެ. މަންމަ އެކަންޏެއްވެސް ނޫނެވެ. އޭނަގެ އެއްބަނޑު ކޮއްކޮއާ ވެސް އެކުގައެވެ.

"މަންމަ....؟" އީމާގެ ކުރިމައްޗަށް މަންމަ އާއި ނީނާ ހުއްޓުމުން އީމާއަށް ބުނެވުނީ މިވަރަށެވެ.

"ހޫމް، މަންމައޭ މިއީ، ކިހިނެއްވީ؟ ގައިމު އެހެން ކުދިންގެ މަންމަ ފެނުމުން އެހެން ކުދިން ހާދަ އުފަލެއް ވެއޭ، ދަރިފުޅު ނުވޭތަ އުފަލެއް؟" މަންމަގެ މޫނުމަތިން އީމާއަށް ފެނުނީ ލޯތްބާއި ޝަކުވާގެ އަސަރެވެ. ވިސްނަންވީ ކޮން ގޮތަކަށް ކަމެއް އީމާއަކަށް ނޭނގުނެވެ.

އޭނަގެ މުޅި ޙަޔާތް ކަހަލަ ގޮތަކަށް ހޭދަކުރެވުނީ މަންމައާ ދުރުގައެވެ. މަންމަގެ ސަމާސާތަކާއި ލޯބިން ބުނާ ބަސްތަކަށް ވެސް އީމާ ނުހޭނެނީ އެހެންވެގެންނެވެ.

"ނޫނޭ.....އެކަމަކު...." އެއްވެސް އިރެއްގައި މަންމައާ ވާހަކަ ދައްކަން އީމާއަށް އެހާ ފަސޭހައެއް ނޫނެވެ.

"ކޮން އެކަމަކުއެއްތަ؟ މަންމަ އައީމަ އުފާވެއްޖިއްޔާ ނިމުނީ..." މާލަހެއްނުވެ ހިލަވެދާނެއޭ ހީވާފަދައަކުން ހުރި އީމާ ގެނެސް ކަރާއިކަރު ޖައްސައި ނާއިލާ ސަލާމް ކުރިއެވެ. ދެން އޭނަގެ އެ ދޮށީ ދަރިފުޅު ގައިގައި ބާރަށް ބައްދާލިއެވެ.

އީމާގެ ހިތަށާއި މެއަށް ގޮތެއްވެގެން ދިޔައެވެ. މަންމަގެ އަތުތެރޭގައި ހުރެގެންވީ ސިކުންތުކޮޅެކެވެ. މުޅި ރޫޙަށް ވެސް ހަމަޖެހުމެއް ލިބުނުކަހަލައެވެ. ދެމައިންގެ ހިތުގެ ހާލުވެސް އެކަކު އަނެކަކަށް އިހްސާސް ވާކަން ދެމީހުންގެ ފެންކަޅިވެފައި ހުރި ލޯ ހެކިކޮށްދެއެވެ.

އޭނަގެ މަންމަ އޭނައާ އެހާ ދުރުގައި އުޅޭއިރު ވެސް މަންމަގެ އެންމެ ފިރުމާލުމަކުން ވެސް އީމާއަށް ވާގޮތުން އަބަދުވެސް އީމާ ހައިރާން ވެއެވެ. އޭނަގެ މަންމައަކީ ނުބައި މަންމައެއް ނޫނެވެ. މަންމަ އާއި ބައްޕަގެ ކައިވެނި ރޫޅުނީއެވެ. ދިވެހިންގެ ތެރޭގައި އަދި ދުނިޔޭގައިވެސް އެއީ އާ ކަމެއް ނޫނެވެ. ދެމީހުން ވެސް އެހެން ދެމީހަކާ އިނީއެވެ. ވަކިވަކިން އުޅެން ޖެހުނީއެވެ.

އޭގެ އިތުރު ދުރުކަމެއް ދުވަހަކުވެސް އޭނައަށް މަންމަގެ ފަރާތުން ފެނިފައި ނެތެވެ. ދުރުވަންޏާ ދުރުވަނީ ޚުދު އޭނަ އަމިއްލައަށްކަންވެސް އީމާ ގަބޫލު ކުރެއެވެ. މަންމަ އޭނައާއި ދުރުގައި އުޅޭތީ ރުޅި އާދެވެނީ އޭނައަށެވެ. އެކަމުގެ ޝަކުވާ ދުވަހަކުވެސް މަންމަ ނުކުރެއެވެ. އަދި ދިފާޢަކުވެސް ވާހަކަ ނުދައްކައވެެ. އެކަމަކުވެސް މަންމަ އޭނަ ދެކެ ވާ ލޯބިން އުނިކަމެއް އީމާއަށް ފެނިފައި ނެތެވެ.

އޭނަގެ އިތުރުން އެ މަންމައަށް ލިބުނީ އެންމެ ކުއްޖެކެވެ. އެއީ ކުރިމަތީގައި ފެންނަން ހުރި އަށާރަ އަހަރުގެ ނީނާ އެކަންޏެވެ. އެ ކޮއްކޮއާހެދި އޭޏަ ނުއުޅޭއިރުވެސް އެ ކޮއްކޮ އޭނައާއި ހެދި އެހާ ވަރަށް އުޅުމާ އޭނައާއި ދޭތެރޭ އެއްވެސް ދުރުކަމެއް ނުގެންގުޅުން، އެއީ މަންމަގެ ތަރުބިއްޔަތުގައި މައްސަލައެއް ނުވާކަން އޭނައަށް ހެކިކޮށްދޭ ކަމެކެވެ.

"މަންމައަށް މިދިޔަ އަހަރުވެސް ނާދެވުނީމަ ވަރަށް ދެރަވި، އެކަމަކު އީމާ ގަބޫލުނުކުރާނެތީ އެވާހަކަ ނުދެއްކީ." އީމާގެ ދެއަތްތިލަ އެއްކޮށްލައިގެން ފިރުމާލަމުން ނާއިލާ ބުނެލިއެވެ. ކުޑަކޮށް ހީލުންފިޔަވައި އިތުރު ކަމެއް އީމާއަކަށް ނުކުރެވުނެވެ. އެތަން ފެނި ނާއިލާގެ ހިތް ލޯބިން ފުރުނެވެ. އިޚްތިޔާރުން ބޭރުގައި ކުރެވުނު ކަމެއް ހެން އީމާގެ ނިތްކުރީގައި ބޮސްދެވުނެވެ.

"މަންމަ ދުރުގައި ހުއްޓަސް މަންމަގެ ލޯތްބާ ދޭތެރޭ ސުވާލު ނުއުފައްދާށޭ މަންމަ އަބަދުވެސް ބުނަމެއްނު، ދަރިފުޅު މަންމައަކަށް ވީ ދުވަހަކުން އެނގޭނެ ކިތަންމެ ދުރުގައި ހުއްޓަސް، އަދި ކޮންމެފަދަ ކަމެއް ދިމާވެގެން ވަކިވި ކަމުގައި ވިޔަސް، ދަރިއަކު ދެކެ ލޯބިވުން މަންމައަކަށް ހުއްޓައެއް ނުލެވޭނެ، އެއީ ވާނެ ކަމެއް ނޫން." ނާއިލާގެ ލޯ އިތުރަށް ފެންކަޅިވިއެވެ.

މަންމަގެ އެ ވާހަކަކޮޅު އީމާއަށް ގަބޫލު ކުރެވުނީ ދާދި ފަސޭހައިންނެވެ. ހިތުގެ އަޑިންނެވެ. ބިންވަޅުނެގިގެން ދިޔަ ބަސްކޮޅަކަށް އެބަސްކޮޅު ވިއެވެ.

"ދޮންތާ...." މަންމައާއި ދޮންތަ އަސަރުގައި ޖެހިފައި ތިބިތަން ފެނިފައި ނީނާ ގޮވާލިއެވެ.

އީމާ ބަލާލިއެވެ. އެއީ އޭނަގެ މަންމަ ފަދަ ރީތި އަންހެންކުއްޖެކެވެ. މިދިޔަ އަހަރަށްވުރެވެސް މިއަހަރު ނީނާ ތަފާތުވެފައި ރީއްޗެވެ. ކުޑައިރުވެސް އީމާއަށް ނީނާ ވައްތަރުވީ އޭނައާއެވެ. މިހާރު ފެންނައިރު ހީވަނީ އެއީ އޭނަގެ ޓީނޭޖް ފޮޓޯއެއް ހެނެވެ. އެހާވެސް ނީނާއާއި އޭނައާއި ވައްތަރުކަން އީމާއަށް ފާހަގަ ކުރެވުނެވެ.

"ވެލްކަމް ބެކް..." ނީނާއާއި ދިމާލަށް ބަލަހައްޓައިގެން ވިސްނުމެއްގައި ހުރި އީމާ ގައިގައި ބައްދައިގަތީ ނީނާއެވެ. އީމާވެސް ކޮއްކޮގެ އެ ގާތްކަމަށް އުފާކޮށް މަރުޙަބާ ބަލައިގަތެވެ.

ޓްރޮލީގައި ހިފީ ޔާނާއެވެ. މެދުގައި އީމާ ބަހައްޓައިގެން ނާއިލާއާއި ނީނާވެސް ޔާނާގެ ފަހަތުން ހިނގައިގަތެވެ. ފެރީއަށް ދިއުމަށެވެ.

ފެރީތެރެއިންވެސް އީމާއަށް ފެނުނީ އޭނައާއިއެކުގައި އައި އެހެންކުދިންގެ ޢާއިލީ ގާތްކަމާއި ލޯތްބެވެ. އީމާ އޭނަގެ ވަށައިގެން ބަލާލިއެވެ. އެއްފަރާތުގައި ޔާނާއެވެ. އަނެއްފަރާތުގައި މަންމަ އާއި ކޮއްކޮއެވެ.

ޒަމާނުގެ ކަންކަން ހުރި ގޮތުން ކޮންމެ ޢާއިލާއަކީ މިހާރު އެއްފުރާޅެއްގެ ދަށުގައި ނޫޅެވިދާނެ ބައެއް ކަންނޭނގެއެވެ. ޚާއްޞަކޮށް ދިވެހިންގެ ތެރެއިން މިއީ ޢާއްމު ކަމެކެވެ. ވީއިރު މިކަމުން އަމިއްލަ ހިތަށް ތަދު ދިނުމުގެ ބޭނުމެއް ނެތްތާއެވެ. އެކިތަންތަނުގައި ތިބިނަމަވެސް އޭނަ ދެކެވެސް ލޯބިވާ ބަޔަކު މި ދުނިޔޭގައި އެބަ އުޅެއެވެ. ގޮވާލުމުން އާދެވޭ ހިސާބު ކައިރީގައެވެ. ޚުދު އޭނަ ފުރުޞަތު ދޭނަމަ، އޭނައަށްޖެހޭ ކޮންމެ ކަމެއްގައި ބައިވެރިވާނެ ބަޔަކު އެބަތިބި ތާއެވެ. އެވަރު ލައްކަ ރަނގަޅުތާއެވެ.

ލޯކުރިމަތިން ފެންނަ މަންޒަރުތަކަށް ވިސްނަމުން ދިޔަ އީމާއަށް، އޭނަގެ މަންމަ އާއި ނީނާ އާއި ޔާނާއަކީ އޭނަ އުޅޭ ގެއިން ބޭރުގައި އުޅުނު ނަމަވެސް އޭނަގެ ޢާއިލާކަމަށް ވިސްނުމުން، އެގޮތް ހިތުގައި ކަނޑައެޅުން ވީ ދާދި ފަސޭހަ ކަމަކަށެވެ.

***

މާލެ ފައިބާފައި އެންމެންވެސް އެރީ ނާއިލާގެ ގެއިން އެމީހުންބަލާ އައިސް އޮތް އެގޭގެ ކާރަށެވެ. ނާއިލާއާއި ނީނާއާއި އީމާ އެރީ ފަހަތު ސީޓަށެވެ. ކުރީ ސީޓްގައި އިނީ ޔާނާއެވެ.

"މަންމަ އެބައޮތޭ އަދި ދަރިފުޅާ ދައްކާލަންޖެހޭ ވަރަށް މުހިއްމު ވާހަކައެއް، މިރޭ އާދެވޭނެތަ ގެއަށް؟" ފެރީކައިރިން ކާރު ނައްޓާލިތާ މާގިނައިރެއް ނުވެ ނާއިލާ އަހާލިއެވެ.

"މިރޭ، ބައްޕަ....." އީމާއަށް އެ ޖުމްލަ ފުރިހަމަކޮށްނުލެވުނެވެ. މިތަން ބަލަން އިން ނާއިލާއަށް ވިސްނުނެވެ. އީމާއެއް މިރެއަކު ނުދާނެއެވެ. އީމާގެ ބައްޕައަށްވުރެ ދުވަހަކުވެސް މިހާތަނަށް އަދި މަންމަ އިސް ނުކުރެއެވެ. މިރޭވެސް ވަކި ތަފާތެއް ނުކުރާނެކަން ނާއިލާއަށް ޔަގީން ވިއެވެ.

"އޯކޭ، މިރޭ ނާދެވެންޏާ މާދަން ހެނދުނުން ސައިބޯން އަންނަންވީނު." ނާއިލާ ދެވަނަ ދަޢުވަތު ދިނެވެ.

"ހޫމް، ދާނަން." އީމާ އެއްބަސްވިއެވެ.

"ޔާނާވެސް އަންނައްޗޭ އީމާއާއެކު، ޔާނާއަށް ކޯޗެއް އެންމެ ރަނގަޅުވާނީ؟" ކުރީ ސީޓްގައި އިން ޔާނާއަށް މި ސުވާލު ލިބުމާއެކު ހެނދުނު ސަޔަށް ކަމުދާ ހައެއްކަ ވައްތަރު ކިޔާލިއެވެ. އީމާ ގާތަށް އަންނަ ހިނި ފެނުނީ ނީނާއަށް އެކަންޏެވެ. އެ ސުވާލު ޔާނާއާއި ނުކުރެވުނުނަމައޭ މިހާރު މަންމަ ހިތަށް އަރާނެކަން އީމާއަށް އެނގެއެވެ.

ޔާނާއެކޭ އޭނައެކޭ ހަށިގަނޑުން ތަފާތެއް ނެތެވެ. އެކަމަކު އެއް މޭޒެއްގެ ދޮށުގައި ކާން ބައިންދައިފިއްޔާ އެތަނުގައި ހުންނަ ގިނަ އެއްޗެހި ކާނީ ޔާނާއެވެ. ކާމޭޒެއްގެ ދޮށުގައި ޔާނާގެ ކެއުން ހުއްޓުވަން ޖެހޭނީ ގަދަކަމުންނެވެ. އެކަމަކު ހަށިގަނޑުން އީމާއެކޭ އެއްވަރަށް ހިއްކެވެ.

***

ވަޢުދުވެފައި އޮތްގޮތަށް ހެނދުނުގެ އަށްގަޑިބަޔަށް އީމާއާއި ޔާނާ ދިޔައެވެ. އެ ޚާއްޞަ ދުވަހަށްޓަކައި ނާއިލާއަށް ހެދުނު އެންމެ ގިނަ ވައްތަރުތައް ހަދާފައި ހުއްޓެވެ. އީމާ ކެއީ ވަޅޯމަހު މަސްހުންޏާއި ރޮށްޓެވެ. ދެން ކަޅު ސަޔެވެ. އެތައް ދުވަހަކަށްފަހު ދިވެހި ކެއުން އީމާ ކެއީ ގަޔާވެގެންނެވެ. އަދި ޚާއްޞަކޮށް އޭނަގެ މަންމަގެ އަތުން އޭނައަށްޓަކައި ތައްޔާރުކޮށްފައި ހުރި އެއްޗެހިކަން އެނގޭތީ އިތުރު މީރުކަމެއް އެއިން ކޮންމެ އެއްޗެއްގައި ހުއްޓެވެ.

ޔާނާ ކެއީ މިވެނި އެއްޗެކޭ ބުނަން އީމާއަށް ދަތިވިއެވެ. އެތަނުގައި ހުރި ކޮންމެ އެއްޗަކުން ރަހަ ބެލިއެވެ. ކެއުމުގައިވެސް ޔާނާ އަކީ މީހަކު ބަލާ ފޫހިވާނެ މަންޒަރެއް ނޫނެވެ.

"އީމާ، އާދެބަލަ މަންމައާއެކު...." ހެނދުނުގެ ސަޔަށްފަހު އެކިއެކި ވާހަކައިގައި ސިޓިންރޫމްގައި ތިބޭތާ އިރުކޮޅެއްފަހުން ތެދުވެގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަންނަމުން ނާއިލާ އެދުނެވެ. އީމާވެސް މަންމަ ފަހަތުން ހިނގައިގަތެވެ.

"މަންމަ ބުނީ.....މީ ވަރަށް އެހެން ކަހަލަ ވާހަކައެއް ދައްކަން މިއުޅެނީ، އީމާ ގޮތެއް ނިންމަންވާނީ ވަރަށް ވިސްނާފަ، އީމާ ދެކޭ ގޮތަކާ ބޭނުންވާ ގޮތަކަށް ކަންކަން ކުރުމުގެ އިޚްތިޔާރު އޮންނާނެ، އެކަމަކު ރުޅި އިސްކޮށްގެން ކުއްލި ނިންމުންތައް ނިންމައިގެން ނުވާނެ އިނގޭ..." ކޮޓަރީގެ މެދުގައި ހުރި ބޮޑު އެނދުގައި އިށީނދެފައި އީމާއާއި ވާހަކަ ދައްކަން ނާއިލާ ފެށިއެވެ. މަންމަ ދައްކަން އެ އުޅެނީ ކޮން ވާހަކައެއްކަން އީމާއަށް އެއްގޮތަކަށްވެސް ނުވިސްނޭތީ އިނީ ނިތަށް ރޫއަރާފައެވެ.

"ކޯސް ކުރިއަށް ދަނީ ރަނގަޅަށްތަ؟" އީމާ ހީކުރި ގޮތާއި ޚިލާފަށް މަންމަ މައުޟޫޢު ބަދަލުކޮށްލުމުން އީމާއަށް ކަމު ނުދިޔައެވެ.

"ކީކޭ ބުނަން މަންމަ އުޅުނީ ދެންމެ....؟" އީމާ ބޭނުންވީ މަންމަ ދައްކަން އެ އުޅޭ ވާހަކަ އަވަހަށް ދެއްކުމަށެވެ.

"ކޯހުގެ ވާހަކައޭ މަންމަ ދައްކަން މި އުޅެނީ...؟" ނާއިލާ އޭނަގެ ދަރިފުޅުގެ ޖުމްލަ މެދުކަނޑާލިއެވެ.

"ކޯސް ފީ ހަމަނުޖެހުނީތަ؟" އީމާ ކަންބޮޑުވި ވަރުން އިށީނދެއިންގޮތްވެސް ބަދަލުކޮށް، ސީދާ މަންމައަށް ކުރިމަތިލެވުނެވެ.

"ދެން އީމާ ހާދަ މޮޔައޭ ދޯ؟ އީމާއަށް ހީވޭތަ މަންމައަށް އެވަރު ނުވާނެހެން؟" ނާއިލާ ހީލިއެވެ. އޭނަގެ ތަނަވަސްކަމާއި ފައިސާވެރިކަމަކީ އީމާއަށް އެހާ އޮޅިދާނެ އެއްޗެއް ކަމަކަށް ނާއިލާ ހިއެއް ނުކުރެއެވެ.

"އެހެނެއް ނޫނޭ، އަސްލު މަންމަ ބުނަން މި އުޅެނީ އީމާގެ ކޯސްފީ މިހާރު ދައްކަނީ މަންމައެއް ނޫނޭ، އެހެން ބުނަން މި އުޅެނީ، މަންމަ ކައިރީ އޮތީ ބުނެފަ ކޯސް އެއްކޮށް ފުރިހަމަކޮށްގެން އީމާ އަންނަން ދެން ނުބުނާށޭ، އެކަމަކު މަންމައަށް މިވާހަކަ ސިއްރުކޮށްގެން ހުންނަން އުނދަގޫވެގެން މި އުޅެނީ، ނުބުނެ ހުއްޓާ ފަހުން އީމާއަށް އެނގުނީމަ އަނެއްކާވެސް މަންމަ ދެކެ ރުޅިއަންނާނެ ސަބަބަކަށް މިކަން ވާކަށް މަންމަ ބޭނުމެއް ނޫން، އެހެންވެ މި ބުނީ، އީމާ އެގޮތް ބޭނުން ނޫނިއްޔާ ބުނީމަ އެކަން ބަދަލުކުރާނަން މަންމަ، އެކަމަކު..." ނާއިލާގެ މޫނުމައްޗަށް ނުތަނަވަސްކަން އައެވެ.

"ކާކުތަ ކޯސް ފީ ދައްކަނީ؟ " އީމާއަށް މުހިއްމުވި ކަމާއި ގުޅޭ ސުވާލު އީމާ ކުރިއެވެ.

އީމާއާއި ދިމާލަށް ބަލަން އިން ނާއިލާއަށް އެ ސުވާލުގެ ޖަވާބު ދިނުން ކުޑަކޮށް ދަތިވިއެވެ.

"މަންމާ....؟ ކާކުތަ ކޯސް ފީ ދައްކަނީ؟ މަންމަ ބުނީމެއްނު މަންމައޭ ހުރިހާ ޚަރަދެއް ކުރާނީ، އެގޮތަށް މަންމަ ޔަގީންކަން ދިނީމަ ކިޔަވަންދާން އަހަރެން އެއްބަސްވީވެސް، މަންމައަށް އެނގެއެއްނު އެކަން؟" އީމާ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ.

އޭނައަށް ލޯން ނުލިބުނުކަން އެނގުމާއެކު، ކިޔަވަން ފޮނުވަދޭނެ ކަމަށް މަންމަ ދައްކަން ފެށި އެ ވާހަކައަށް އޭގެ ހައެއްކަމަސްފަހުން އޭނަ އެއްބަސްވީވެސް، މަންމަ ނޫން މީހެއްގެ އަތުން އެއްވެސް ޚަރަދެއް އޭނަ މައްޗަށް ނުކުރުވާނެކަމަށް މަންމަ ވަޢުދު ވީމައެވެ. ނީނާގެ ބައްޕަގެ އަތުން އޭނައަށް އެންމެ ފައިސާފޮއްޗެއްވެސް ޚަރަދު ނުކުރާނެކަމަށް މަންމަ އެއްބަސްވީމައެވެ. އެ ޝަރުޠުގެ ދަށުންނެވެ.

"މަންމައަށް އެނގެއޭ...." އީމާ އެ ދައްކަނީ ކޮން ވާހަކައެއްކަން ނާއިލާއަށް ވިސްނެއެވެ.

އެކޯހަށް އެއްބަސްވި ދުވަހު ކުރި ޝަރުޠުތައް ނާއިލާ ހަނދާން ނުނެތޭނެއެވެ. އީމާގެ ހުރިހާވެސް ސަމާލުކަމެއް ގޮސް އެ ނިމެނީ އީމާގެ ބައްޕައާއި ހަމައަށެވެ. ސައިފްއާއި ދިމާލަށް މީހަކު އުފްވެސް ބުނާކަށް އީމާ ނެއެދޭނެކަން ނާއިލާ ދަނެއެވެ. ނީނާގެ ބައްޕަގެ ކިބައިން ލިބޭ އެއްވެސް ކަހަލަ އެހީއެއްގައި އީމާ ނުހިފަނީ އެހެންވެކަންވެސް ނާއިލާ އަބަދުވެސް ދަނެއެވެ.

"ދެން އެހެންވިއްޔާ ކީކޭ މަންމަ ބުނަން ތިއުޅެނީ...." އީމާ އިނީ ހަގީގަތުގަވެސް ނުރުހުންވެފައެވެ.

"އީމާ ކޯހަށް ފުރިތާ ދެތިންމަސްވެސްނުވޭ އެމީހުން އައީ މިގެއަށް، ސީދާ މަންމައާއި ބައްދަލުކުރަން، މަންމައަށް ދެއްކުނީ އެންމެ ހަމަހުގެ ފީ، އެހެން ހުރިހާ ފީއެއް، މުޅި ކޯހަށް އެއްކޮށް އެމީހުން ފީ ދައްކައިފި..." މަޢާފާއެކު ބުނާހެން ނާއިލާ ބުނެލިއެވެ.

"ކާކުހޭ މަންމާ...؟" އީމާއަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. އިންތަނުން ކޮޅަށް ތެދުވެ ހަށަން ބަނދެލެވުނެވެ.

"އިއާން މަންމަ." ނާއިލާގެ އަނގައިން ނުކުތީ ކުރު ޖަވާބެކެވެ. އެހެންނަމަވެސް އެ އަޑުން އީމާގެ ކަންފަތް ފަޅައިގެން ދިޔަ ކަހަލައެވެ. ކަންފަތްމަތީގައި އެއްއަތް އެޅުމާއެކު ދެލޯ މަރާ ބާރުކޮށްލެވުނެވެ. ރުޅިއާއި އެކު ހިތަށް ލިބުނު ހާސްކަމަށް އީމާއަށް ކެތެއް ނުކުރެވުނެވެ.

"މަންމާ.......!!" އީމާއަށް ތަންކޮޅެއް ބާރަށް މަންމައަށް ގޮވާލެވުނެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular