22 Jan 2018

ކާކުހެ މިހާ ލޯބިވާނީ

By: Mariyam Yasma

* ޖެނުއަރީ 18 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"މަންމާ...!!"

ދޮރާ ހަމަވެފައި ގުރައިޝާގެ ދެފައި ތަތްލީ ދާރިޔާ ގޮވާލި އަޑު އިވުނުހެން ހީވެގެންނެވެ. އެނބުރުނުއިރު ދާރިޔާ އެއިން ގޮތަށް ދުރު ބަލަހައްޓައިގެން އިނެވެ. އެމޫނުން ވަކި ތަފާތު އަސަރެއް ފައުޅެއް ނުވެ އެވެ.

"މަންމާ އަހަންނޭ މިގޮވަނީ." މިފަހަރު އަޑު އައީ ދޮރާ ދިމާއިންނެވެ.

ގުރައިޝާ ބަލާލިއިރު ދުންޏާ ހުއްޓެވެ.

"މަންމަ ހިނގާބަލަ ކާން ހަދައިދޭން. ހަވީރު އައިގޮތަށް ނިދިފަ އަދި މިހޭލެވުނީ. ވަރަށް ބަނޑުހައިވެއްޖެ." ދުންޏާ ބަނޑުގައި އަތް ހާކާލައިފައި އާދޭހާ އެކު އެދުނެވެ.

އާފުރެން ފެށުމުން އަނގަމަތީ އަތް އަޅައިލުމުން ޓޮޕްކޮޅު ހިއްލިގެން ބަނޑު އޮތީ ފެންނާށެވެ. ތިރިން ލައިގެން ހުރީ ކުރު ސޯޓެކެވެ. ބުރަކަށީގެ މެދާ ހަމައަށް ފޯރާ ބުޅި އިސްތަށިގަނޑު ހާވާލައިފަ އެވެ. ހުހަށް އޮތް އަތުން ގުރައިޝާއަށް ނިތުގައި އަތް ހާކައިލެވުނެވެ. އެވައްތަރަށް ހުއްޓާ މަންސޫރަށް ފެނިދާނެތީ ކަންބޮޑުވި އެވެ.

"ހޫމ ހިނގާބަލަ. ފުރަތަމަ ދާންވީއެއްނު ގަޔަށް އެއްޗެއް ލައިގެން އަންނަން. ގޭތެރޭގައި ބައްޕަ އުޅޭއިރު ތިހާ ކުރު އެއްޗެހި ނުލާށޭ ބުނަމެއްނު." ގުރައިޝާ ނިކުމެ ދޮރު ލައްޕައިލަމުން ވާހަކަދެއްކި އެވެ.

"އެއްކަލަ މަންމަ ފެށީއޭ." ދުންޏާ މޫނަށް ވައްތަރެއް ޖައްސައިލި އެވެ.

މަންމަ ދާންވާއިރަށް އޭނަ ގޮސް ކާމޭޒު ދޮށުގައި އިނެވެ. ތަބައް ސިންކު ތެރެއަށް ލައިފައި ގުރައިޝާ އެނބުރުނީ ދުންޏާއަށް ކެވޭނެ ގޮތް ހަދާށެވެ.

"ރިއާ މިހާރު ކިހިނެއް ވަނީ؟ ރަށަށް އާދެވުނީމަ އޭނައަށް އެއްވެސް ބަދަލެއް އަތުވެއްޖެތަ؟" މަންމަ ދިން ހުސް ތައްޓަށް ބަތް އަޅަމުން ދުންޏާ ފެށި އެވެ.

ގުރައިޝާގެ ހިމޭންކަމުން ދުންޔާއަށް ޖަވާބު ލިބުނެވެ.

"ނާހިލް ގުޅި އަހަރެން އަންނަން އުޅެނިކޮށް. އަހަރެން ކުރިން ގުޅާފަ އޮތީމަ އެގުޅީ. ވަރަށް ހަޑިކޮށް ވާހަކަދެއްކީ. އޭނަ ނުވޭ ރިއާދެކެ ލޯތްބެއް. އަހަންނަކަށް ނުފެނޭ ރިއާ ދެން އެނާހިލްއާ ގުޅުވާކަށް. ވަރިކޮށްފަ ހުއްޓަސް ރިއާ ކަހަލަ ކުއްޖަކަށް މީހުން ވާނެ. މިރަށުން ނުލިބުނަސް އެހެން ތަންތަނުން ރަނގަޅު މީހުން ވާނެ." ދުންޔާ މަންމައަށް ބަލާލައިފައި އިތުރަށް ބުނެލި އެވެ.

"ތިކަމާ ދެން ވިސްނާނީ އޭނަ ހަމައަކަށް އެޅުނީމަ." ގުރައިޝާ އެވާހަކަ ކުރިއަށް ގެންދާކަށް ބޭނުމެއް ނުވި އެވެ.

ދުންޏާ ނިތް އަރުވާލައިފައި ކާން ފެށި އެވެ. ގުރައިޝާ ނިކުމެގެން ދިޔައީ މަންސޫރު ކޮބައިތޯ ބަލާށެވެ.

***

ހެނދުނު އުޝްވާ ކޮޓަރިން ނިކުތްއިރު ރަޒާ އިނީ ސިޓިންރޫމްގަ އެވެ. ކުރިމަތީ ހުރި ކުޑަ މޭޒުމަތީގައި އާވި އަރައަރާ ހުރި ކޮފީ ޖޯޑެއް ހުއްޓެވެ. ދޮންބެއަށް ގޮވާލައިފައި އުޝްވާ ދިޔައީ ބަދިގެ އަށެވެ. ބަނޑުހައިވެފައި ހުރުމުން ޕާން ފޮއްޗެއް ޓޯސްޓް ކޮށްލައިގެން ކާން ތައްޔާރު ކުރި އެވެ. ބޮމްބޭ ސައި ކައްކައިގެން މޭޒު ދޮށުގައި އިންދާ ދޮންބެ އައިސް ބޯ ދިއްކޮށްލި އެވެ. މަސައްކަތް ފަށަން ދާ ވާހަކަ ބުނުމުން އުޝްވާ ބޯޖަހައިލި އެވެ.

"ދޮންބޭ....!" ދެފިކުރެއްގައި އިންދާ އުޝްވާގެ އަނގައިން އެބަސް ނިކުތެވެ.

އޭރު ރަޒާ ދާންވެގެން އެނބުރިލަނީ އެވެ. އޭނަ ވާހަކަދެއްކި އަޑަށް އެނބުރި ބަލައިލާފައި އެއް ބުމަ އަރުވައިލި އެވެ. އުޝްވާއަށް ކުރެވުނު ކަމަކީ އިސްޖަހައިލުމެވެ. ދޮންބެ ކައިރީ އަހަން ވެފައި އޮތީ ބޮޑު ވާހަކައެކެވެ.

"މިއަދު ވެސް ދާރިޔާއާ ބައްދަލުކުރަން ދާން ކަމަށް... އެކަމަކު ދޮންބެ ވޯކްކުރަންޏާ އެކުދިން ހަވާލު ކުރާނެ މީހަކު ނުހުންނާނެތީ... އޯކޭތަ އެކުދިން ގޮވައިގެން ދިޔަޔަސް....؟" ކޮންމެ ދެ ޖުމްލައެއް ދޭތެރޭ ދުރުމިނެއް ބަހައްޓާފައި އުޝްވާ ސުވާލު ކުރި އެވެ.

އެލޮލުގައި އާދޭހެވެ. ރަޒާ ޖަވާބު ނުދީ ބަލަން ހުރިގޮތުން އޭނައަށް ނޭވާ ހިފަހައްޓައިލެވުނެވެ. އިރުކޮޅަކުން ޖަވާބު އައީ އެންމެ އުންމީދު ނުކުރާ ގޮތަށެވެ. ރަޒާ އެންމެ ރަނގަޅޭ ބުނެފައި ފަސްދިން ގޮތަށް ލޯމަތިން ގެއްލުނެވެ. އުޝްވާއަށް ލިބުނު އުފަލަކުން ކޮޅަށް ތެދުވި ގޮތަށް ދޮންބެ ގެއްލުނު ދިމާއަށް ބަލަން ހުރެވުނީ ހިނިތުންވެފަ އެވެ.

ކުދިވެރިން ޤުރުޢާން ކުލާހުން ގެނެސް އުޝްވާ އެކުދިންނަށް ތަކުރާރުކޮށް ނަޞޭހަތް ދިނީ ބަސް އަހައިގެން މަޑުން ތިބުމަށެވެ. ބޭރަށް ދެވޭތީ އެކުދިން ތިބީ އުފާވެފަ އެވެ. ލިޕްސްޓިކް ޖައްސަ ދިނުމުން ކުލަ ފިލައިދާނެތީ ތުންނުތަޅުވަން ހުވާކޮށްގެން ތިބިފަދަ އެވެ. އުޝްވާ ހުރީ ހިތާއި ހިތުން ހީލަ ހީލަ އެވެ.

އެވަ ގްލޯ ކައިރިއަށް ގޮސް ސަލާމް ގޮވުމުން އެތެރެއިން ނިކުތީ ގުރައިޝާ އެވެ. އުޝްވާ އެދުނީ ދާރިޔާއާ ބައްދަލު ކުރުމުގެ ހުއްދަ އަށެވެ. ގުރައިޝާގެ ނަޒަރު ކުޑަ ދެ ކުދިންގެ މޫނުން އުޝްވާއަށް ހުއްޓާލި އެވެ. ދެން ފެނުނީ ބޯޖަހައިލިތަނެވެ. އުޝްވާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

"ދާރިޔާ އެބައިން ގޯތިތެރޭ ހުރި އުނދޯލީގަ." އުޝްވާ ވަދެގެން ދާން ފެށުމުން ގުރައިޝާ އޮޅުންފިލުވައިދިނެވެ.

ޝުކުރުވެރި ނަޒަރަކުން ބަލައިލާފައި އުޝްވާ އެދިމާއަށް ދާން ފެށި އެވެ. ފަހަތުން ކުޑަ ދެކުދިން ދިޔަ އެވެ.

ދާރިޔާ އިނީ ހުއްޓާފައި ހުރި އުނދޯލި ވަލުގައި ހިފަހައްޓައިގެން ދުރު ބަލާށެވެ. އުޝްވާގެ ހިލަން ވެގެން ބަލައިލި އެވެ. އެކުވެރިޔާގެ މޫނު ފެނުމުން އެމޫނުން ހައިރާންކަން ފެނިލި އެވެ. އެހާ އަވަހަށް އުޝްވާ އަންނާނެ ކަމަށް އުންމީދުކޮށްފައި ނުވަނީ ކަހަލަ އެވެ. ހައިރާންކަމުން އުފާވެރި ވިދުވަރަކަށް އެލޮލުގެ ކުލަ ބަދަލުވިތަން އުޝްވާ ދުށްޓެވެ. ހުއްޓިނުލާ އޭނަ ގޮސް ދާރިޔާގެ ކައިރިއަށް ހުއްޓުނެވެ.

"ކިހިނެއްތަ؟" އުޝްވާ ފެށި އެވެ.

"ރަނގަޅު." ދާރިޔާގެ ތުންފަތުން ހިނިތުންވުމެއްގެ އަސަރު ފެނިލިހެން ހީވި އެވެ.

އޭނަގެ ނަޒަރު ދެން ހުއްޓުނީ އުޝްވާގެ ގާތުގައި ހުރި ކުޑަ ދެކުދީންނަށެވެ. އެކުވެރިޔާގެ ނަޒަރު ހުއްޓިފައިވާ ދިމާ ފާހަގަވުމުން އުޝްވާ ވެސް އެކުދިންނަށް ބަލައިލި އެވެ. ދެން އަނެއްކާ ވެސް ދާރިޔާ މޫނަށް ނަޒަރު ހުއްޓައިލި އެވެ.

"ދައްތައާ ސަލާން ކޮށްލަންވީނު." ދާރިޔާ އެއްޗެއް ނުބުނާނެކަން އެނގުމުން އުޝްވާ އެކުދިންނާއި ދިމާއަށް އެނބުރުނެވެ.

ރޫތު އާއި ރާޔަން ވެގެން ފަހަރަކު ކުއްޖަކު ކުރިއަށް ޖެހިލައިފައި ދާރިޔާއާ ސަލާމަށް އަތް ދިއްކުރި އެވެ. ދާރިޔާ އެއިން ކޮންމެ ކުއްޖަކާއި ސަލާމް ކުރިއިރު ޝައުޤުވެރިކަމާއެކު އެކުދިންގެ ސިފަތަކަށް ބެލި އެވެ.

"ދެން ދޭ އެކޮޅަށް ދުވެލަން. ދާންވީމަ ގޮވާނަން އިނގޭ." އުޝްވާ ކުދިވެރިން ފޮނުވާލަން ވެގެން ބުނެލި އެވެ.

އޭނަ އިށީނދެލީ އުނދޯލީގެ ހުސް ތަނުގަ އެވެ.

"ދޭ ލުކް ސޭމް." ދާރިޔާ ބުނެލި އެވެ.

އެއީ އޭނަ ކުރި ސުވާލެއް ނޫނެވެ. އުޝްވާއަށް އެކަން އެނގުނެވެ. އޭނަ އެނބުރުނުއިރު ދާރިޔާގެ ނަޒަރު އަދި ވެސް ހުރީ އެކުދިންނަށެވެ.

"ދޭ އާ ޓްވިންސް." އުޝްވާ ހާމަކުރި އެވެ.

ދާރިޔާ ބޯޖަހައިލީ އެއްބަސްވުމުގެ ގޮތުންނެވެ.

ހިމޭންކަމުގައި ކުދިން ކުޅޭތަން ބަލަން ތިބޭތާ އިރުކޮޅެއް ފަހުން އުޝްވާ ގޮވައިލި އެވެ. ދާރިޔާ މިފަހަރު އެމޫނަށް ނަޒަރު ހުއްޓައިލި އެވެ.

"އަހަރެން ޤަބޫލުކުރަން ފަސް އަހަރަކީ ގިނަ ދުވަސްތަކެއްކަން. ވަގުތަކީ ވަރަށް ގިނަ ކަންކަން ބަދަލުކޮށްލާ އެއްޗެއް. އެހެންވެ އަހަރެން ކުޑަކޮށް ޖެހިލުން ވޭ މިވާހަކަ ބުނަން ވެސް. އަހަންނަކަށް ނޭނގެ ރިއާގެ ހިތުގައި އަހަރެންނާއިމެދު އޮތީ ކޯއްޗެއް ކަމެއް. އެކަމަކު އަހަރެންނަށް ރިއާ ތީ އަދި ވެސް އަހަރެންގެ ބެސްޓްފްރެންޑް. ފަސްއަހަރު ތެރޭ ރިއާގެ މަޤާމު ފުރާނެ މީހަކު އަހަރެންގެ ހަޔާތަކަށް ނާދޭ...." އުޝްވާގެ ވާހަކަ އެހިސާބަށް ދިޔަތަނާ ދާރިޔާ އެއަތުގައި ހިފައިލި އެވެ.

އުޝްވާގެ ވާހަކަ މެދުކަނޑާލެވުނެވެ. އަތުގައި ދާރިޔާ ހިފަހައްޓާފައި ހުރިތަނުން އެމޫނަށް ނަޒަރު ބަދަލުކޮށްލެވުނެވެ. އެލޮލުން އޭނައަށް ފެނުނީ އަހަރުތަކެއް ކުރީން ދާރިޔާގެ ލޮލުން އޭނައަށްޓަކައި ފެނުނު ލޯއްބާއި ގާތްކަމެވެ. އިތުރަށް ވާހަކަ ކުރިއަށް ގެންދަން ހިތްވަރު ލިބުނީ ދެނެވެ.

"ރިއާ އަހަންނަކަށް ނޭނގެ ފާއިތުވި ފަސް އަހަރު ރިއާގެ ހަޔާތުގައި ހިނގީ ކޮން ކަންތައްތަކެއް ކަމެއް. އެކަމަކު ރިއާ ބޭނުމިއްޔާ އަހަރެން މިހުރީ އަޑުއަހަން. އަހަރެން ބޭނުން އެހީވާން. ވަޓް އެވަ ޔޫއާ ޑީލިން ވިތް... އަހަރެން ބޭނުން އޭގައި ބައިވެރިވާން.." އުޝްވާގެ ވާހަކަ ނިންމާލަމުން އަނެއް އަތުން ދާރިޔާގެ އަތުގައި ހިފައި ފިއްތައިލި އެވެ.

ދެއެކުވެރިން އެކަކު އަނެކަކަށް ބަލަން އެގޮތުގައި އިރުކޮޅަކު ތިއްބެވެ. އަތުކުރީ އޮތް ގަޑިއަށް އުޝްވާގެ ނަޒަރު ހުއްޓުނީ އެހެން އިނދެފަ އެވެ. އޭނަ އަވަހަށް އަތް ތިރިކޮށްލައިފައި ކުދިންނާއި ދިމާއަށް އެނބުރުނެވެ.

"ރޫތު! ރާޔަން...! އާދޭ އަވަހަށް ގެއަށް ދާން. ސުކޫލަށް ދާ ގަޑި ކައިރިވަނީ." އުޝްވާ އެކުދިންގެ ސަމާލުކަން ލިބުމުން ހަނާ އަޅައިލި އެވެ.

ދެކުދިން އަވަހަށް ދުވެފައި އައިސް ކައިރިއަށް ހުއްޓުނެވެ.

"މާދަން ވެސް ވަގުތެއް ހޯދާލައިގެން އަންނާނަން އިނގޭ. އަވަހަށް ދައްތައަށް ބާއި ކިޔާލާ!" އުޝްވާ ދާރިޔާއަށް ބަލާލައިފައި ކުދިވެރިންނަށް ބުނެލި އެވެ.

"ޔާޔަ ބޭނުމީ ސަލާން ކުރަން." ރާޔަން އުޝްވާގެ މޫނަށް ބަލާލައިފައި އެދުނެވެ.

އުޝްވާ ދެކޮޅު ހަދާފާނެތީ އަވަހަށް ތުންކޮޅު އޫކޮށްލި އެވެ. އުޝްވާ ގާތަށް ހިނި އައެވެ. އޭނަ އެކަމަށް ހުއްދަ ދިނުމުން އުފަލާއެކު ހީލައިފައި ކުރިއަށް ޖެހިލައި އަތް ދިއްކުރި އެވެ. ރޫތު ރަކިވެފައި ހުރީ އުޝްވާގެ ހެދުމުގެ ފަސްބައިގައި ހިފަހައްޓައިގެންނެވެ.

"ޔާޔަ ގޭގަ ހުންނާނެ އައިސްކްޔީމް. ކާނަންތަ؟" ދާރިޔާ އެއަތުގައި ހިފައިލި ވަގުތު ރާޔަން ލޯބި އަޑަކުން ސުވާލު ކުރި އެވެ.

"އައިސް ކްރީމް ވިއްޔާ ކާނަން." ދާރިޔާގެ އަނގައިން އެބަސްތައް ނިކުތެވެ. އިޚުތިޔާރަކާ ނުލައި ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެ އެވެ. އުޝްވާ ވެސް އޭރު އަޑު ބޭރުވިޔަ ނުދޭން ހުރީ އަނގަމަތީ އެއް އަތް އަޅާލައިގެންނެވެ.

"ޔާޔަ ގެއަށް ދިޔައީމަ އައިސްކްޔީމް ދޭނަން." ރާޔަން އަނެއްކާ ވެސް ބުނެލި އެވެ.

"އޯކޭ. ދާނަން އައިސްކްރީމް ކާން." ދާރިޔާ އެކުޑަ ނޭފަތުގައި ޝަހާދަތް އިނގިލިން ކޮށްޓާލައިފައި އަތުން ދޫކޮށްލި އެވެ. ދެކުދިން ދުވަމުން ދާން ފެށީ ގޭޓާއި ދިމާއަށެވެ.

"ޝީ ލައިކްސް ޔޫ. އެހެންނޫންނަމަ އައިސްކްރީމް ބޯން އިންވައިޓެއް ނުކުރާނެ. އޭނަ ރޫތު އާ ވެސް އަބަދު ހިފާނީ އައިސްކްރީމް ކާއިރު." އުޝްވާ އެކުދިންނަށް ބަލާލައިފައި އެކުވެރިޔާއަށް ބަލަމުން ހާމަކުރި އެވެ.

"ސޯ އައިމް އިންވައިޓެޑް؟" ދާރިޔާ އަހައިލި އެވެ.

"ތެދަށް ބުނަންޏާ ތިހުރީ މަޅީގަ ބެދިފަ. ދެން އިރުއިރުކޮޅާ އަހާނެ ނުގޮސްގެން. އަހަރެން ވެސް ވަރަށް އުފާވާނެ ރިއާ ހިނގައްޖެއްޔާ. އަބަދު ގޭގައި ނީނދެ ބޭރަށް ވެސް ނިކުމެލަން ވާނެއެއްނު. ދައްޗޭ އިނގޭ!" އުޝްވާ ހިނިތުންވުމާއެކު ދާރިޔާގެ ކޮނޑުގައި އަތް ޖައްސާލައިފައި ވާހަކަދެއްކި އެވެ.

ކުދިންނާއި ހަމަ ކުރަންވެގެން އޭނަ ދިޔައީ މަޑުމަޑުން ދުވެފަ އެވެ. ދާރިޔާ އެމީހުން ގޮސް ގެއްލޭން ދެން ބަލަން ހުރިއިރު ތުންފަތުގައި ވި ހިނިތުންވުމުގެ އެއްވެސް ޚަބަރެއް އޭނައަކަށް ނުވެ އެވެ.

ކުޑަދޮރު ހުޅުވައިގެން ބަދިގޭގައި އުޅުނު ގުރައިޝާއަށް އެހުރިހާ މަންޒަރެއް ފެނުނެވެ. ގުރައިޝާއަށް ނުހުރެވިގެން މަންސޫރު ފެނުނު އިރަށް އެވާހަކަ ކިޔައިދިނެވެ. ގުރައިޝާ ފަދައިން މަންސޫރުގެ މޫނުން ވެސް ފެނުނީ ހިތްހަމަޖެހުމުގެ ކުލަ އެވެ. ދާރިޔާގެ ހާލަތަށް ބަދަލެއް ނައިސްގެން ކަންބޮޑުވެފައި ތިއްބާ އުޝްވާ އެއައީ ނަސީބެއް ފަދައިންނޭ ކިޔައިލެވުނެވެ. އެތައް ދުވަހަކު ދަރިފުޅު ހިނިތުންވިތަން ދެކެފައި ގުރައިޝާ ހުރީ ޖަޒުބާތީ ވެފަ އެވެ.

އިތުރަށް ހަފްތާއެއްހާ ދުވަހު އުޝްވާ އެކުދިން ގޮވައިގެން އައިފަހުން ދާރިޔާގެ މިޒާޖަށް ބޮޑު ބަދަލެއް އައިކަން އެންމެނަށް ފާހަގަވި އެވެ. ގޭތެރެއަށް ނިކުމެ އުޅުން ގިނަވެ އެހެން މީހުންނާއި ވެސް ވާހަކަދައްކައި އުޅެން ފެށި އެވެ. ބަރާބަރަށް ކާން ފެށުމުން ހަފްތާއެއްގެ ތެރޭގައި ވެސް ހަށިގަނޑަށް އެނގުންވި އެވެ. ހުދުވެފައިވާ ކޯތާފަތަށް ފިޔާތޮށި ކުލަ އަރަމުން އައެވެ. ލޮލުގެ ތިރީގައި ކަޅުވެފައިވާ ބައި ފިލަން ފެށި އެވެ.

ގުރައިޝާމެން ދެމަފިރިން ތިބެނީ ހިތްހަމަޖެހިފަ އެވެ. ދުންޏާ ފިޔަވަ އެވެ. އުޝްވާ ފެނުނަސް އޭނަ އަނދައިގަނެ އެވެ. ގުރައިޝާ ކައިރީ އެކަމާއި ހިތްހަމަނުޖެހިގެން ވާހަކަދައްކަން އުޅުނު ދުވަހު ގުރައިޝާ ދިނީ ފުރަގަހެވެ. ބުނީ އިތުރަށް އެވާހަކަ ނުދެއްކުމަށެވެ. ދުންޏާ ކިތަންމެ ފޫހި ވިއަސް އޭނައަށް ޖެހުނީ މަންޒަރު ބަލަން ހުންނާށެވެ.

އުޝްވާ ގުޅާފައި ވަރަށް އާދޭސްކޮށްގެން ދާރިޔާ އެގެއަށް ދާން އެއްބަސްވި އެވެ. ތައްޔާރު ވެގެން ގޮސް އެގޭ ދޮރުމައްޗަށް އެރުމާއެކު މަޑު ތުރުތުރެއް ހަށިގަނޑަށް ވެރިވި އެވެ. ހިތަށް އެރީ އަނބުރާލައިފައި ދިއުމަށެވެ. އަތް މުށްކަވާލައިގެން ދެފިކުރެއްގައި އޭނަ ހުއްޓާ ފެނުނީ ދޮރާށި ހުޅުވުނު ތަނެވެ. ދާރިޔާ ނޭވާ ހިފަހައްޓައިގެން ހުއްޓާ ނިކުތީ އުޝްވާ އެވެ.

"ތިއައީ ދޯ. ލަސްވެގެން ކޮބައިތޯ ބަލައިލަން މިނިކުތީ." އުޝްވާ ހިނިތުންވުމާއެކު ވާހަކަދެއްކި އެވެ.

ދާރިޔާއަށް ޖަވާބެއް ނުދެވެނީސް އެއަތުގައި ހިފާ ދަމާލައިފައި އެތެރެއަށް ވައްދައިފި އެވެ. ދޮރާށިން އެތެރެއަށް އެޅި ކޮންމެ ފިޔަވަޅަކާއެކު ދާރިޔާއަށް ފެނުނީ ފަސް އަހަރުތެރޭ އެގެއަށް އައިސްފައިވާ ބޮޑު ބަދަލެވެ. އެއީ މިހާރު ހަމައެކަނި ތެޅިގަލުން ރާނާލައިފައި ހުރި ދެރަވަރުގެ ގެއެއް ނޫނެވެ. ގޯތިތެރޭގެ ބޮޑު ބައެއްގައި ގަސް މުށިތައް އަތުރާފައި ހުރިއިރު ގެއާ ހަމައަށް ދެވެންދެން ރަތް އެޅިގަލުން ހަދާފައިވާ މަގެއް އޮތެވެ.

ތަންކޮޅެއް ދުރުގައި ހިޔާކޮށްފައި ހުރި ވަށް މޭޒަކާއި ގޮނޑިތައް ހަދާފައި ހުރީ ލަކުނޑިންނެވެ.

އިމާރާތުގެ އެތެރެއިން ވެސް ފެނުނީ ކުރިން އެގެއިން ފެންނާނެ ކަމަށް އުންމީދު ނުކުރާވަރުގެ ތަނަވަސްކަމެވެ. އެންމެ ބޮޑު ޒީނަތްތެރިކަމެއް ގެނެސްފައި ވަނީ ލަކުނޑިއާ ފިލާ ބޭނުންކޮށްގެން ހަދާފައިވާ ތަކެތީންވެ. ފަރުނީޗަރު ތަކުގައި ހުރީ އާންމުކޮށް ނުފެންނަ ތަފާތު ކަމެކެވެ. އަމިއްލަ ވަންތަ ކަމެކެވެ. ކޮންމެވެސް މީހަކު އަމިއްލަ ދަލާއި ލޯއްބާއިއެކު ހޭދަކޮށްގެން ކޮށްފައިވާ މަސައްކަތް ދޭހަވެ އެވެ. ޗާންދަލިއާ ތަކުން ފެށިގެން ފޮތް ހަރުގަނޑާއި ކޮފީ މޭޒު އަދި އުއްބައްތި ބަހައްޓާ އެއްޗެހި ވެސް ހަދާފައި ހުރީ ލަކުނޑިންނެވެ.

ދާރިޔާ ވަށައިގެން ލޯ ހިންގަން ހުއްޓާ ކުދިވެރިން ދުވެފައި އައިސް އޭނަގެ ދެފަރާތުން ފައިގައި އޮޅުލައިގަތެވެ. އޭނަ ގުދުވެ ދެއަތުން ދެކުދިންގެ ބުރަކަށްޓާއި ހަމައިން އަތް ޖައްސާލައިގެން ވާހަކަދައްކަން ހުއްޓާ އިވުނީ ގޭގެ މައިދޮރު ހުޅުވިފައި ލެއްޕުނު އަޑެވެ. އެވަގުތު ދެކުދިން އެއް އަޑުން "ޑެޑީ" ގޮވައިގެންފައި އޭނަ ދޫކޮށްލުމަށްފަހު އެދިމާއަށް ދުއްވައިގެންފި އެވެ.

ދާރިޔާ ހައިރާންކަމާއެކު އެނބުރި ބަލައިލި އެވެ. އެވަގުތު މެއަށް ހީވީ ފިނި ފެން އެއްޗެއް އޮއްސައިލެވުނު ހެންނެވެ. -- ނުނިމޭ --

ދިގު ވާހަކަ ކާކުހެ މިހާ ލޯބި ވާނީ

Popular