20 Jan 2018

ގަސްތަކާނުލާ

ގަސްތަކާނުލާ

* ޖެނުއަރީ 16 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"އިއާން މަންމަ." ނާއިލާގެ އަނގައިން ނުކުތީ ކުރު ޖަވާބެކެވެ. އެހެންނަމަވެސް އެ އަޑުން އީމާގެ ކަންފަތް ފަޅައިގެން ދިޔަ ކަހަލައެވެ. ކަންފަތްމަތީގައި އެއްއަތް އެޅުމާއެކު ދެލޯ މަރާ ބާރުކޮށްލެވުނެވެ. ރުޅިއާއި އެކު ހިތަށް ލިބުނު ހާސްކަމަށް އީމާއަށް ކެތެއް ނުކުރެވުނެވެ.

"މަންމާ.......!!" އީމާއަށް ތަންކޮޅެއް ބާރަށް މަންމައަށް ގޮވާލެވުނެވެ.

"އެންމެ ދުވަހަކުވެސް އަހަރެން އެދޭގޮތަށް މަންމަ ކަމެއް ކޮށްނުދެނީ އަޅެ ކީއްވެތަ؟" އީމާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. ބެދިފައި ހުރި މަޅީގެ ބާރުގަދަކަން އީމާއަށް ކިތަންމެ ރަނގަޅަކަށްވެސް އިހްސާސް ވެއްޖެއެވެ.

"އީމާއަށް ތިހީވީ ގޯސްކޮށް، މަންމަ ކުރުވިކަމެއް ނޫނޭ އެއީ، އީމާއަށް ހަމަ ރަނގަޅަށް އެނގޭނެ އެކަހަލަ ތިން ކޯހަށްވެސް އީމާ ފޮނުވޭވަރަށް އިރާދަކުރެއްވީތީ އަހަންނަށް ދެއްވާކަން، އެ ޢާއިލާއާއި އީމާއާއި އެއްވެސް ގުޅުމެއް ބާއްވާކަށް މަންމަ ބޭނުންވަނީކީ ނޫން، މަންމައަށް އެނގޭ...." ނާއިލާ އޭނަގެ އަމިއްލަ ދިފާޢުގައި ވާހަކަ ދައްކަމުން އިންތަނުން ތެދުވިއެވެ.

"މަންމައަށް އެނގުނުނަމަ އަހަރެން އެހާ ނިކަމެތިކޮށްލި ބައެއްގެ އަތްމައްޗަށް އަހަރެން ދޫކޮށްނުލާނެ ތިހެދިހެން..." އީމާއަށް ރޮވުނެވެ.

ނާއިލާއަށް ލިބުނީ ހައިރާން ކަމެކެވެ. އެހާ ބޮޑު އަސަރެއް އީމާއަށް އެކުރީ ކީއްވެބާވައޭ ހިތަށް އެރިއެވެ. އިއާންއާއި އިއާންގެ މަންމަ ދެކެ ރުޅިންބާވައެވެ. ނޫނީ އީމާ މަންމަ މައްޗަށް ކުރި އިތުބާރު ގެއްލުނުވަރުން ބާވައެވެ.

"އިއާންގެ މަންމަ ބޭނުންވީ އިއާން ކުރި ކުށް ފޫބައްދަން ކޮންމެވެސް ކަމެއް އީމާއަށް ކޮށްދޭން، އެއީ ވީ ގޮތަކީ، އެމީހުންގެ ހުރި އެންމެ ފިރިހެންދަރިއެއް އެއީ، އެމީހުންނަށްވެސް ފިލާވަޅެއް ލިބިފަ އެހެރީ މިހާރު، އެހެންވެ ހުރިހާ ކަމެއް ރަނގަޅުކުރަން މަސައްކަތް އެކުރަނީ، ...މަންމަ ކައިރީ އެމީހުން އާދޭސްކުރި، ރޮއިފަ މިތާ އިނދެ އިއާންގެ މަންމަ ވާހަކަ ދެއްކީ، ދެން ކީކޭ އަޅެ މަންމަ ބުނާނީ..." ހަގީގަތުގައި ކަންތައް ވީގޮތް ނާއިލާ ކިޔައިދިނެވެ.

"އަހަރެން ބޭނުމެއް ނޫން ދެން ކޯހުގައި ދާކަށް، އެމީހުންގެ ޚަރަދުގައި ކިޔަވާކަށް ނޫން އަހަރެން ދިޔައީ. އެމީހުން ބޭނުންހާ ގޮތެއް ނެހެދޭނެ އަހަންނަށް" އީމާ ހުރީ ރުޅިއައިސް ފަޅައިގެން ދާވަރު ވެފައެވެ. ކަރުނައާއެކު ބުނެވުނު މި ޖުމްލައާއެކު އެނބުރިދާން އީމާ ހިނގައިގަތެވެ. ދޮރު ހުޅުވިލެއް ބާރުކަމުން ސިޓިންރޫމްގައި ތިބި ޔާނާ އާއި ނީނާވެސް އެއްލިގެން ދިޔައެވެ.

"އީމާ، އީމާ، ވެއިޓް....ކިހިނެއްތަ ވީ...." ކޮޓަރިން ނުކުތްގޮތަށް އީމާ ދިޔައީ އެޕާޓްމަންޓުންވެސް ނުކުތުމަށެވެ. އީމާގެ ފަހަތުން ހިނގައިގަންނަމުން ޔާނާ ގޮވިނަމަވެސް އީމާގެ ފިޔަވަޅަކަށް މަޑުޖެހުމެއް ނާދެއެވެ. އީމާ ހުއްޓުވާކަށް ނާއިލާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. ނާއިލާއަށް އީމާގެ ހިތުގެ ހާލު މާ ބޮޑަށްވެސް އެނގެއެވެ. ޚުދު އޭނަ ނަމަވެސް އިއާންގެ މަންމަ ދެކެ ރުޅިއަންނާނެކަން ނާއިލާއަށް ވިސްނެއެވެ.

"އީމާ، ކިހިނެއްތަ ވީ؟ މަންމަކައިރިއަށް އައިސްފަ ތިހެން ދެން ހަދަންވާނެތަ؟" އެޕާޓްމަންޓް ބޭރަށް ނުކުމެވުނު ފަހުން ޔާނާ އެހިއެވެ.

"ޔާނާއަކަށް ނޭނގޭނެ، އަހަރެން ބޭނުންވަނީ ގެއަށް ދާން." ލިފްޓްގެ އިންތިޒާރުގައި ހުއްޓެމުން އީމާ ބުންޏެވެ.

"އޯކޭ ގެއަށް ދެވިދާނެ، އެކަމަކު ބުނެބަލަ ވެގެން އުޅޭގޮތެއް، ކިހިނެއްތަ ވީ؟" ޔާނާ އެނގެން ބޭނުން ވިއެވެ. އެހެންނަމަވެސް އީމާއަށް އެއަށް ޖަވާބެއް ނުދެވުނެވެ. ރުޅި އާދެވިފަ ހުރީ އިއާން ދެކެ ކަމެއް އިއާން މަންމަ ދެކެކަމެއް ނޭނގުނު ނަމަވެސް އީމާއަށް ހުރެވުނީ ވަރަށް ރުޅި އާދެވިފައެވެ.

ވީގޮތެއް ޔާނާ ކައިރީ އީމާއަށް ބުނެވުނީ ޔާނާގެ ގެއާއި ހަމައަށް ދެވުނު ފަހުންނެވެ.

"އަނެއްކާ އަނެއް ކަންތައް، ތި ނުނިމުނު ކަމެއް ދޯ؟ " އީމާ ކިޔައިދިން ވާހަކަ އަޑުއަހާފައި ޔާނާއަށްވެސް އެ އުނދަގޫ ވިއެވެ.

"އެމީހުން ކިތަންމެ މުއްސަންޖަސް އަހަންނާއި ދޭތެރޭ އެމީހުންގެ ދަރިފުޅު ކަންތައް ކުރި ގޮތް ފޮހެއެއް ނުލެވޭނެ ބޮޑު ފައިސާ ގަނޑަކުންނެއް، އެމީހާއަކާ އަހަންނާ ދިމާވިފަހުން އަހަރެންގެ އެއްކަމެއްވެސް ރަނގަޅަކަށް ނުދޭ، މަންމަ ބުންޏަސް އަހަރެން ބޭރަކަށް ނުދާނަން އޭނައާއި ހެދި ނޫންނަމަ، އަހަންނަށް އެގޭ އެ ވަޒީފާއިން އަހަރެން ވަކިވުމާއެކު އޭނަ އަހަރެންގެ ފަހަތުން ނުނައްޓާނެކަން، އެނގޭތީ އަހަރެން ކޯހަށް ދިޔައީ، އެކަމަކު، އަހަންނަކަށް ނެތް ސަލާމަތެއް..." ޔާނާގެ ގޭ ސިޑިކައިރީ ވާހަކަ ދައްކަން ހުރި އީމާއަށް ވާހަކަ ދެއްކެނީވެސް ތަންކޮޅެއް ބާރަށެވެ.

އީމާގެ ހިތުގެ ހާލު ޔާނާއަށްވިސްނެއެވެ. އެކަމަކު އެކަމަށް ހޯދަދޭނެ ހައްލެއް ޔާނާއަކަށްވެސް ނޭނގުނެވެ.

"އެކަމަކު ދެން ކިހިނެއް ހަދާނީވެސް..." ޔާނާގެ ޅަ ސިކުނޑިއަށްވެސް ރަނގަޅު ބުއްދިއެއް ނައެވެ.

"މަންމަ ބުނީ އެމީހުން އޮތީ ބުނެފަޔޯ އެއްކޮށް ކޯސް ނިމެންދެކަށް ނައަންގާށޭ އަހަންނަށް. " އީމާ ބުނެދިނެވެ.

"ދެން އެހެންވިއްޔާ އަޅާނުލާބަލަ، ކިޔެވުނީނު، ކޮން ކަމެއް؟" މި ބުނެވުނީ ގޯސްއެއްޗެއްކަން އީމާގެ މޫނަށް ބަލާލުމާއެކު ޔާނާއަށް އެނގުނެވެ.

"ދެޓްސް ނޮޓް ދަ ޕޮއިންޓް ޔާނާ" އީމާގެ ގާތް އެކުވެރިޔާއާއި އީމާ ހިތްހަމަނުޖެހުނެވެ.

"ސޮރީ، އެކަމަކު އަސްލު އަހަންނަކަށް ނޭނގެ ތި ދެމީހުންނަށް ވާންވީ ގޮތެއް، ހަދަންވީ ގޮތެއް." ޔާނާގެ އެ ވާހަކައަށް އީމާ އެއްޗެއް ނުބުނެއެވެ.

"އޯކޭ، އަހަރެން ދަނީ، ހަވީރުން ގުޅާނަން." މަޑުކުރުމެއް ނެތި އީމާ ހިނގައްޖެއެވެ. ފިކުރުބޮޑުވެފައި ހުރި ޔާނާ ހަމަ ހުރީއެވެ.

***

މަންމަގެ ފަރާތުން ލިބުނު ޚަބަރުން ހިތަށް އުނދަގޫވެފަ ހުރެގެން ގެއަށް ގޮސް ވަން އީމާ ސީދާ ދިޔައީ ކޮޓަރިއަށެވެ. ވިސްނުމުގެ ތެރޭގައި އިންނަތާ އެތައް އިރެއް ފަހުން އޮށޯވެއްޖެއެވެ. އެކި ފަރާތްފަރާތަށް އެކިފަހަރު ފުރޮޅި ފުރޮޅި އޮންނަތާވެސް އެތައް އިރެއް ވެއްޖެއެވެ. ހަދަންވީ ގޮތެއް އީމާއަކަށް ނުވިސްނެއެވެ.

އީމާ ހީކުރީ އިއާން ޝިއުނާއާއި ކައިވެނި ކުރި ހިސާބުން، އޭނައާއެކު ކުޅުނު ކުޅިގަނޑު ނިމުނީކަމަށެވެ. ނަމަވެސް ނުނިމުނެވެ. ދެން ދެވުނީ އިއާންގެ ސެކްރެޓަރީއަކަށެވެ. އެ ވަޒީފާއިން އީމާ އިސްތިޢުފާ ދިނީ އެ ދުވަހުން ދުވަހަށެވެ. އެކަމެއް އެހިސާބަކުންވެސް ނުނިމުނެވެ. އިއާންއަށް އީމާގެ ނަންބަރު ނޭނގެނީކީއެއްވެސް ނޫނެވެ. އެކަމަކުވެސް ޔާނާ މެދުވެރިކޮށް އިއާން އޭނައަށް އެތައް މެސެޖެއް ފޮނުވިއެވެ. އެހެން ސެކްޝަނަކަށް އަދި އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްދޭން އެހީވެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފަ އެތައްފަހަރަކު، ޔާނާ ފޮނުވިއެވެ. ނަމަވެސް އީމާ ޚިޔާރު ކުރީ އެ އޮފީހަށް ދުވަހަކުވެސް ނުދިއުމަށެވެ. އެހިސާބުން އީމާ ހީކުރީ ދެން އެ ނިމުނީ ކަމަށެވެ. ނަމަވެސް، ދައުރުވަމުން ދިޔަ ދުނިޔެ ބުރުޖަހަ ޖަހާފަ އަނެއްކާވެސް އިއާން ގެނެސް އޭނަގެ ޙަޔާތުގައި ޝާމިލް ކުރުވައިފިއެވެ.

ޝިއުނާ އާއި ކައިވެނި ކުރުމަށްފަހު ދުވަހަކުވެސް އިއާން އޭނައާއި ވާހަކަ ދައްކަން މަސައްކަތް ނުކުރެއެވެ. މަޢާފަކަށްވެސް ނެއެދެއެވެ. އެކަމަކު އޭނަގެ ޙަޔާތާއި އެއްކޮށް އިއާން ވަތްކެއް ނުވެއެވެ. މި ހުރިހާ ސަބަބުތަކުގެ ތެރެއިން އިއާން ދެކެ އީމާ އެންމެ ބޮޑަށް ރުޅި އަންނަ ސަބަބަކީވެސް މިއީއެވެ.

***

ހަމަ އެ ދުވަހުގެ ހަވީރު ފަސްގަޑި ބައިވީއެވެ. ފެންވަރައިގެން އީމާ ތައްޔާރުވަމުން ދަނީ ރައްޓެހި ދެތިން ކުއްޖަކާއެކު ކޮފީއަކަށް ދާން ލިބިފަ އޮތް ދަޢުވަތަކަށެވެ. ހުރިހާ ކަމެއް ނިމިގެން ފަހު ފަހަރަށް ލޯގަނޑާއި ދިމާލަށް ގުދުވެ އަދިވެސް އެއްފަހަރު ލިޕްސްޓިކް ރަނގަޅުކޮށްލިއެވެ. ތުންފަތާއި ގުޅޭ މަޑު ފިޔާތޮށި ކުލައިގެ ދިޔާ ލިޕްސްޓިކް ފިހިގަނޑުގެ ކޮޅުން ރީތިކޮށް ހެޔޮވަރުކޮށްލާފައި ހިންދެމިލިތަނާ، ޑްރެސިންގ ޓޭބަލް މަތީގައި އޮތް ފޯން ރިންގުވާން ފެށިއެވެ. ބަލާލިއިރު ގުޅަނީ އީމާގެ މަންމައެވެ.

"ހަލޯވ....؟" އަނެއްކާ މިފަހަރު ވީ ކީއްބާވައޭ އީމާ ހިތަށް އެރިއެވެ.

"ގޭ ދޮރުމަތީގަ މަންމަ މިއިނީ، ކާރުގަ، މަންމައާއެކު ތަނަކަށް ދާންއަވަހަށް އާދެބަލަ އިނގޭ." ގޭގަ ހުރިތޯވެސް ނައަހާ މަންމަ އެހެން ބުނުމުން އީމާ ހައިރާން ވިއެވެ. އީމާ ހިތަށް އެރީ ކޮންމެވެސް ތިމާގެ މީހަކު ބަލިވީކަމަށެވެ. ކުރިންވެސް ދެފަހަރަކު އެގޮތަށް މަންމަ ކަންތައް ކޮށްފައި ހުރުމުންނެވެ.

ހުރީ ނަސީބަކުން ތައްޔާރުވެ ނިމިގެން ކަމަށްވާތީ އަވަސްއަވަހަށް ދަބަސް ހިފައިގެން އީމާ ފޭބިއެވެ.

"ކޮންތަނަކަށް މިދަނީ؟" ކާރަށް އަރާ އިނދެ ، ފައިވާނުގެ މަޅިގަނޑު ރަނގަޅުކުރަމުން އީމާ އެހިއެވެ.

"އިހަށް މަޑުކުރޭ، އީމާ ނުދަންނަ ތަނަކަށް ނޫން މި ދަނީ" އީމާއަށް މަންމަގެ އަޑުގައި ހުރި ހަރުދަނާކަން ފާހަގަ ކުރެވުނެވެ.

"ހެނދުނު އެގޮތަށް ވާހަކަ ދެއްކުނީމަ ސޮރީ، ގަސްތަކު ނޫން." އީމާ ހީކުރީ ހެނދުނު އުފެދިފަ އޮތް ހަމަނުޖެހުމުގައި، އީމާއަށް ބުނެވުނު އެއްޗެހިން މަންމަ އަދިވެސް ހިތްހަމަނުޖެހިފައި ހުރީކަމަށެވެ. ނާއިލާވެސް އޭނަގެ ދަރިފުޅުގެ މޫނަށް ބަލާލާފައި ލޯތްބާއެކު ހީލިއެވެ.

ފޯނުން އެކިކަންކަން ކޮށްލަކޮށްލާ އިން އީމާއަށް ފޯނުން ދުރަށް އިސްއުފުލުނީ ދުއްވާނެ ވަރަކަށް ދުއްވާފައި ގޮސް ކާރު މަޑުކުރުމުންނެވެ. ކާރު އޮތްތަން އީމާއަށް ވިސްނައިގަނެވުނީވެސް އިރުކޮޅަކުންނެވެ.

އެއީ މަންމަގެ ގެއެއް ނޫނެވެ. މަންމަގެ ތިމާގެ މީހެއްގެ ގެއެއްވެސް ނޫނެވެ. އެއީ އިއާންގެ ގެއެވެ. އެމީހުންގެ ކާރު ގޮސް މަޑުކޮށްގެން އެ އޮތީ އިއާންގެ މަންމައާއި ބައްޕައާއި ޢާއިލާ އުޅޭ ދިހަ ބުރީގެ ޢިމާރާތުގެ ކުރިމަތީގައެވެ.

"މިނޫންގޮތެއް ދެން ނެތީމަ މަންމަ މިހެން ހެދީ، އެބަޖެހޭ ކޮންމެވެސް ބަޔަކު އިސްނަގައިގެން މި ވާހަކަ ދައްކާ ވަކި ގޮތަކަށް ނިންމަން، ހިނގާ" އެތަކެއް ސަތޭކަ ސުވާލާއެކު ނާއިލާއާއި ދިމާލަށް ބަލަހައްޓައިގެން އިން ދަރިފުޅުގެ ސުވާލުތައް ވިސްނުމުން ނާއިލާ ޖަވާބު ދިނެވެ.

"އެކަމަކު އަހަރެން ބޭނުމެއް ނޫން މަންމާ" މަޑުމައިތިރި އަޑަކުން ހަރުދަނާ ކަމާއެކު އީމާ ބުންޏެވެ.

"ބޭނުން ނޫންވާހަކަވެސް މިފަހަރު ބުނަންވާނީ ދިމާލަށް، ކުރިމަތީގަ، އީމާ ދައްކަން ބޭނުންހާ ވާހަކައެއް މިއަދު ދައްކަން ވާނެ، އެއްވެސް މީހެއްގެ ދިރިއުޅުމާ ކުޅުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ، އީމާއަށް ގަބޫލު ނުކުރެވުނަސް މަންމަ ވަރަށް ލޯބިވާ ދަރިއެއް ތިއީ، އަސަރު ނުކުރާތީކީ ނޫން އެއޮތްބޮޑުކަންވީއިރުވެސް އަޅާނުލީ، ހަމަ ރަށުތެރެއަށް އަޑުފެތުރިދާނެތީ، އެކަމަކު މިހާރު މަންމަގެ ވިސްނުން ތަފާތު، އެހެންވީމަ އަވަހަށް ހިނގާ، މިއަދު ހެނދުނު އީމާ ދިޔައީމަ މަންމަ ގުޅިން އާލިޔާއަށް، މަންމަ ބުނިން މި ވާހަކަ އަހަރެމެން އެންމެން އެއްތަނެއްގައި ތިބެގެން ދައްކަން ޖެހޭ ވަގުތު އައިސްޖެހިއްޖެޔޭ، އެހެންވެ އާލިޔާގެ ދަޢުވަތަކަށް މިގެއަށް މިއައީ، ހަމަ ހުރެފަ އައީކީއެއްނޫން، ހިނގާ، ފައިބާ އަވަހަށް." ކަނާތްފަރާތު ދޮރުފަތް ހުޅުވާފައި ފައިބަމުން ވައަތް ފަރާތުގައި އިން އީމާވެސް ފޭބުމަށް ނާއިލާ ބުންޏެވެ.

އެގެއަށް ވަދެ ތިންވަނަ ފްލޯރގެ ބެލް އެޅުމުން ދޮރު ހުޅުވީވެސް އާލިޔާއެވެ. އެތެރެއަށް ވަންއިރު އެހެން އެއްވެސް މީހަކު ގޭތެރެއިން ނުފެނެއެވެ. އީމާއަށް ކުޑަކޮށް ހަމަޖެހުމެއް ލިބުނެވެ. އިއާން ދެކޭކަށް އީމާ ބޭނުމެއް ނޫންވީމައެވެ.

"އިށީނދޭ އިށީނދޭ، ކިހިނެއްތަ އީމާ، ހާދަ ދުވަހެއް ފަހުންނޭ ދޯ މި ފެނުނީ؟" ސޯފާތަކުގައި އިށީނުމަށް ދަޢުވަތު ދިނުމާއި ހާލު އަހުވާލު އެހުމާ ދިޔައީ ދާދި އެކުއެކީގައެވެ. ހިނިތުން މޫނަކާއެކު އީމާއާއި އީމާގެ މަންމަވެސް އިށީނދެލިއެވެ.

"އަސްލު ވެދާނެ އަދިވެސް ގޯސް މިހެދެނީ އަހަރެމެންނަށް ކަމަށްވެސް، އެކަމަކު ކޮންމެ ކަމެއްގެވެސް އޮންނާނެތާ ދޯ ރަނގަޅު ކުރެވޭނެ ގޮތެއް، އެގޮތް ހޯދަން ކުރާ މަސައްކަތުގައި އަސްލު ކުށް މި ކުރެވެނީ، މަންމަ، އަދިވެސް މި ކިޔެނީވެސް މަންމަ ދޯ، ހެހެހހެ، އަސްލު އަހަރެމެން ލަދުގަނެ ދެރަވޭ އީމާއާއި ދޭތެރޭ އިއާން ކަންތައް ކުރިގޮތުން، އެކަމަކު އެހެން ބުންޏަސް ކާކު ދޯ މިހާރު ގަބޫލުކުރާނީ، އިއާން ކަންތައް ކުރީ އެއްގޮތަކަށްވެސް ރަނގަޅަކަށް ނޫން، އޭގެ ނަތީޖާ ކަންނޭނގެ ، އިއާންގެ މުޅި ޙަޔާތްވެސް ބަނަވެފަ އެ އޮތީ، އެއްވެސް ރަނގަޅުކަމެއް އިއާންއަށް ދިމައެއް ނުވޭ އޭގެ ފަހުން..." އަސަރުކޮށްފައި އިން އަޑަކުން އާލިޔާ ވާޙަކަ ދައްކަމުން ދިޔައެވެ.

"އަމިއްލަ ދަރިއަކުގެ ދިރިއުޅުން ބަރުބާދުވާތަން ލޯކުރިމަތިން ފެންނާތީ ހިތަށް ވަރަށް އަސަރު ކުރޭ، އެކަމަށް ކޮށްދެވޭނެ އެއްވެސް ކަމެއް އޮތިއްޔާ އަހަރެމެން އެބަ ބަލަން ކޮށްދެވޭތޯ، އީމާއަށް ގަބޫލު ނުކުރެވޭނެ އީމާގެ ކިބައިން މަޢާފަށް އެދެން އިއާން ބޭނުންވާ ވަރު، އެކަމަކު އިއާންގެ ކިބައަކު ނެތް އެކަން ކުރާނެހާ ހިތްވަރު، އަހަރެން މި ބެލީ އެކަން ކޮށްދެވޭތޯ، އީމާ ވަޒީފާއިން ވަކިވި ވާހަކަވެސް އަހަރެން ކައިރީ އިއާން ބުނި، އޭގެ ފަހުން އިއާން އެދުނީ އީމާގެ ޢާއިލާއަށްޓަކައި ކޮންމެވެސް ކަމެއް ކޮށްދޭން، އީމާގެ ގެ ހަދައިދޭންވެސް އަހަރެމެން ހުށަހެޅީން، އެކަމަކު އީމާ ބައްޕަ އެއަކު ނުހިފި، ފައިސާ ނެތިގެން އީމާ ނުކިޔެވިފަ ހުރިކަން އެނގުނީ އެގޮތަށް ދައްކަމުން ދިޔަ ވާހަކައަކުން، އީމާ މަންމަ ކައރީ ވާހަކަ ދައްކައިގެން އެކަމަށް އަހަރެމެން މަގު ފަހި ކުރީ، އެއްގޮތަކަށްވެސް އީމާގެ މަންމަގެ ރޭވުމެއް ނޫން އެއީ، ރޭވީ އަހަރެމެން، ކުރީވެސް އަހަރެމެން، އިއާންއަށްޓަކައި، އިއާންގެ ސަބަބުން އީމާގެ ޙަޔާތް ބަނަކޮށްލެވުނު ތަނަށް ކުޑަވެސް ލުޔެއް ކޮށްދެވޭތޯ...." އާލިޔާގެ އަޑު ބެދުނެވެ. އީމާއާއި އީމާގެ މަންމަވެސް މަޑުމަޑުން އިނީއެވެ.

"އަދި އެހެން ސަބަބެއްވެސް އޮތީމަޔާވެސް އެކު." ހިން ދިރުވާލާފައި ހިނިތުންވާން މަސައްކަތް ކުރަމުން އާލިޔާ ބުންޏެވެ.

"އެއީ؟ " ސުވާލު ކުރީ އީމާގެ މަންމައެވެ. ތިން އަންހެނުންނަށްވެސް އެކަކު އަނެކަކަށް ބަލާލެވުނެވެ.

"އިއާންއަށް އެންމެ އެކަށީގެންވާ އަންހެންކުއްޖަކީ ހަމަ އީމާހެން އަދިވެސް އަހަންނަށް ހީވަނީ، އެހެންވެ އަހަރެން ބޭނުންވޭ އީމާ މިގެއަށް ގެންނަން. ވާނެކަމެއްކަން އެނގެނީއެއްވެސް ނޫން، އެކަމަކު އުއްމީދަކީ އެއީ،" ހިތްހަމަ ޖެހުމާއެކު އާލިޔާ ބުނެލިއެވެ. އީމާ އާއި އީމާގެ މަންމައަށްވެސް ލިބުނީ ހައިރާން ކަމެކެވެ.

"ކޮބާ އިއާން މިހާރު، މާލޭގައި އުޅޭތަ؟" ތަނަށް ވެރިވެފައި އޮތް ހިމޭންކަން ފިލައިގެން ދިޔައީ ނާއިލާ ކޮށްލި މި ސުވާލުންނެވެ.

"އާނ އުޅެނީ މާލޭގައި، މިގޭގަ އުޅެނީވެސް، އެކަމަކު މިހާރު އުޅެނީ ހަވަނަ ފްލޯރގައި ، މިބަޔަކު ނޫން" އާލިޔާ އެހެން ބުނީ އީމާއަށް ބަލާލަމުންނެވެ. އެތަނަށް އިއާން ނުކުމެދާނެކަމުގެ ބިރު އީމާ ނުގަންނާށޭ ބުނާ ކަހަލަ ގޮތަކަށެވެ.

"އީމާ ނުދާނަންތަ އިއާންއާއި ބައްދަލުކޮށްލަން؟ އެބައުޅޭ މިގަޑީގަ ގޭގަ، އަހަރެމެން އެންމެން އެކުގަ ދާނީ، ހިނގާ ދާން." އީމާއަށް މުޚާޠަބްކޮށް އެ ވާހަކަ ފެށި ނަމަވެސް ނިމުނުއިރު ނާއިލާވެސް ގޮވައިގެން ދާ ގޮތަށް އާލިޔާ ނިންމިއެވެ.

"ކޮންބައެއް އުޅެނީ އެބައިގަ؟" މިފަހަރުވެސް ނާއިލާ އޮޅުންފިލުވިއެވެ.

"ހިނގާ ދަމާ، އުޅޭބަޔަކު އެނގޭނީވެސް ދިޔައިމައެއްނު." ހިނިތުންވެލުމަކާއެކު މިހެން ބުނެފައި ދިއުމަށްޓަކައި އާލިޔާ ތެދުވިއެވެ. ނާއިލާ އާއި އީމާއަށްވެސް މަޖްބޫރުވީ އާލިޔާ ފަހަތުން ހިނގައިގަތުމަށެވެ.

ލިފްޓް ގޮސް ހަވަނަ ފްލޯރއަށް މަޑުކުރުމުން އާލިޔާ ދޮރުގެ ބެލް އަޅާލިއެވެ. އެއާއެކު އަންހެންކުއްޖަކު ދޮރު ހުޅުވިއެވެ. އެއީ ލަންކާ ނުވަތަ އިންޑިޔާ ހިސާބު ޒުވާން އަންހެންކުއްޖެއްކަން އެނގުނީ ވާހަކަ ދައްކަން ފެށުމުންނެވެ.

"އިށީނދެލާ، މިއީ އިއާންގެ ބައި، މިތަނުގައި އުޅެނީ އިއާން އާއި އިއާންގެ ދަރިފުޅު، ދެން މި މެއިޑް." އާލިޔާމެންގެ އެޕާޓްމަންޓަށްވުރެވެސް އަގުބޮޑު ރީތި ފަރުނީޗަރުން ފުރިހަމަ ކުރެވިފައި ހުރި ސިޓިންރޫމަށް އިޝާރާތް ކުރަމުން އާލިޔާ ބުނެދިނެވެ.

އީމާއާއި ނާއިލާއަށް ސިހުމެއް ލިބުނެވެ. އިއާންގެ ދަރިފުޅު މިތަނުގައި އުޅެނީ ކީއްވެހެއްޔެވެ؟ އެހެން ވެއްޖެނަމަ ޝިއުނާ ކޮބައި ހެއްޔެވެ؟

"މީގެ އަހަރެއްހާ ދުވަސްކުރިން ޝިއުނާ އެހެން ކައިވެންޏެއް ކޮށްފި، އެހެންވެ އިރަމް ގެނެސްގެން އިއާން އުޅެނީ، އިއާން ބޭނުމެއް ނުވި ދޮންބައްޕައެއްކައިރީ އިރަމް ބޮޑުވާކަށް، މިހާރު އިރަމްގެ މަންމައަކީވެސް ބައްޕައަކީވެސް އިއާން." އީމާ އާއި ނާއިލާގެ ހިތުގައި އުފެދުނު ސުވާލުގެ އަޑުއިވިގެން ޖަވާބު ދިން ފަދައިން އާލިޔާ އޮޅުންފިލުވައި ދިނެވެ.

"ޝީލާ، ވެޔަސް ބެއިބީ؟" އެމީހުން ދައްކާ ވާހަކަ ނޭނގުނު ނަމަވެސް އަޑުއަހަން ހުރި މެއިޑަށް މުޚާޠަބްކޮށް އާލިޔާ އެހިއެވެ.

"ސްލީޕިންގ، ޝުޑް އައި ކޯލް އިއާން؟" ކޮޓަރިއަކަށް އިޝާރާތްކޮށް އިރަމް ނިދަނި ކަމަށާއި އިއާންއަށް ގޮވަންވީތޯ އަދަބުވެރިކަމާއެކު ޝީލާ އެހި ނަމަވެސް އާލިޔާ އެދުނީ ނުގޮވުމަށެވެ. އޭގެ ބަދަލުގައި އެ ކޮޓަރިއަށް ދިޔައީ އާލިޔާއެވެ.

ނާއިލާ އާއި އީމާއަށް ތިބެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އިއާން އެތަނަށް ނުކުމެއްޖެނަމަ ހަދާނެ ގޮތްވެސް އީމާގެ ވިސްނުމަކަށް ނާދެއެވެ. އިއާންގެ ނަން ކިޔައިގެން ވާހަކަ ދައްކާތީވެސް އޭނަގެ އަމިއްލަ ހިތް މޭ ފަޅާފައި ނުކުމެދާނެއޭ މިހާރުވެސް އީމާއަށް ހީވެއެވެ. އަދި އިއާން ފެނިއްޖެނަމަ އޭނަގެ ޙާލު ދެނެވޮޑިގެންވަނީ ﷲ އެވެ. ދެއަތް ދެއަތާ އުނގުޅާލަ އުނގުޅާލާ އީމާ އިނީ އިންތިހާއަށް ކަންބޮޑުވެފައެވެ.

"އީމާ.....އިރަމް ދެކިލަން ނާންނާނަންތަ؟" ދިހަވަރަކަށް މިނެޓް ފަހުން އެކޮޓަރިން ނުކުމެ ދޮރުމަތީގައި ހުރެފައި އާލިޔާ ގޮވާލުމުން އީމާއަށް ހީވީ އޭނަގެ މޭގަނޑު އަނގައަށް އައިހެންނެވެ. އިރަމް ދެކެން ދާއިރު އެތަނުގައި އިއާން ހުންނާނެކަން އީމާއަށް ޔަގީނެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

"ދޭ އީމާ....އީމާ ބޭނުން ވާހަކައެއް ދެއްކުމުގެ ވަގުތު މިއީ، މަންމަ މިތާ މަޑުކޮށްލާނީ، އީމާ ދޭ އަވަހަށް." އީމާގެ ބުރަކަށީގައި ފިރުމާލަމުން މަޑުއަޑަކުން ނާއިލާ ވާހަކަ ދެއްކިއެވެ. އާލިޔާ އެ މަސައްކަތް ކުރަނީ އާލިޔާގެ މަގްޞަދު ހާޞީލު ކުރަން ކަން ނާއިލާއަށް އެނގޭއިރުވެސް ނާއިލާ ބޭނުންވީ ވާހަކަ ދެއްކުމުގެ ފުރުޞަތު އީމާއަށް ދިނުމަށެވެ.

މަންމަގެ ފަރާތުން ހިތްވަރު ހޯދަމުން އީމާ ތެދުވެގެން ހިނގައިގަތީ ދަބަހާއި ފޯންވެސް ސޯފާމަތީގައި ބާއްވާފައެވެ.

ކޮޓަރިއަށް ވަދެވުމާއެކު އީމާގެ ލޯ ކޮޓަރިތެރެ ހޯދާލިއެވެ. އީމާ ހީކުރީ ފެންނާނީ ކުޑަކުއްޖެއްގެ ކޮޓަރި ކަމަށެވެ. ނަމަވެސް އެއީ އިއާންގެ ކޮޓަރިއެވެ. ކޮޓަރީގެ މެދުގައި ހުރި ބޮޑު އެނދުގެ އެއްފަރާތެއްގައި، ނިދާލާފައި އޮތް އިރަމް އޮތެވެ. އިރަމްގެ ކައިރީ އެނދުގެ މަގަތުން އިށީނދެލައިގެން ދޮރާއި ދިމާލަށް ފުރަގަސްދީގެން އިއާން އިނެވެ.

"އާދޭ އާދޭ، އިރަމް ނިދިފަ އޮތީވެސް، އެކަމަކުވެސް އާދެވުނުފަހަރު ދެކިލާފައެއްނު ދޯ ދާންވާނީ" އީމާ ގޮވައިގެން ގޮސް އާލިޔާ އެނދުކައިރިއަށް ހުއްޓިލުމުން އިއާން ކޮޅަށް ތެދުވިއެވެ. ފަޅިސިކުންތައްވިޔަސް ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އިއާން ހިނގައިގަތީ އެނދާއި ދުރަށެވެ. އިއާން ތެދުވިތަނުގައި އިށީނީ އިއާންގެ މަންމައެވެ.

"ނިދިފަ އެ އޮތީ، މިގެއަށް ގެނައިތާ ދޮޅުއަހަރުވަރަކަށް ވީއިރުވެސް އިއާން ނޫން މީހަކަށް އަދިވެސް އިރަމް ނުނިންދެވޭނެ. އިށީނދެލަބަލަ." ލޯތްބާއެކު އާލިޔާ އެ ކުޑަކުއްޖާގެ ބޮލުގައި ފިރުމަމުން ދިޔައެވެ.

އެއީ ސިއްޙަތު ރަނގަޅު ރީތި ސިފައެއް ދެއްވާފައިވާ ތުއްތު ކުއްޖެކެވެ. މޫނުކޮޅުން އީމާއަށް ވައްތަރުވީ އިއާންގެ ސިފަތަކެވެ. މަޢުސޫމްކަމާއެކު ނިދާލާފައި އޮތް ގޮތުންވެސް އީމާގެ ހިތް ލޯބިން ފުރުނެވެ.

"އުރާނުލެވުނީމަ ދޯ ދެރައީ، އިއާން، އީމާއާއި ރުޅީތަ މާ ދުރުގަ ގޮސް ތިއިނީ؟" އިއާންގެ މަންމަ ވަރަށް ހުޝިޔާރޭ އީމާގެ ހިތަށް އެރިއެވެ. އީމާއަކަށް އިއާން އާއި ދިމާލަށް ބަލަންވެސް ނުކެރުނެވެ.

އީމާ އެހެން ބައިންދާފައި އާލިޔާ ތެދުވެގެން ދިޔައީ އިއާން ގާތަށެވެ. ދެއްކި ވާހަކައެއް އަޑު ނީވުނު ނަމަވެސް ކޮންމެވެސް ވާހަކައެއް އާލިޔާ ދެއްކިކަން އީމާއަށް އެނގުނެވެ.

"އީމާ، އިއާންއަށް ވާހަކަ ދައްކަން ފުރުޞަތެއް ދީ އިނގޭ، އިއާން، ޓޯކް ޓު ހާރ، މަންމައަށް ހީވަނީ އިއާންއަށް ލިބޭނެ އެންމެ ފަހު ފުރުޞަތުހެން މިއީ އިނގޭ، މުޅި ޢުމުރުދުވަހު ތިހެން އުޅޭތަން ދެކެންވެއްޖެނަމަ މަންމައަކަށް ކެތެއް ނުވާނެ، އިއާންއަށް ނުދެއްކި ހުރި ވާހަކަތައް ދައްކަން މަންމަ މި ފުރުޞަތު ހޯދައިދިނީ، ގެނޭ، މަންމަ އިރަމް ގެންދާނަން އިރަމްގެ ކޮޓަރިއަށް، ތި ދެކުދިންގެ ދެމެދުގަ އޮތް މައްސަލަ ޙައްލުކުރޭ މިރޭ." އިއާން އާއި އީމާއަށް އެއްޗެއް ބުނުމުގެ ފުރުޞަތުވެސް ނުދީ، އިރަމް ނަގައިގެން އާލިޔާ ހިނގައްޖެއެވެ. އީމާ އިނީ އަދިވެސް އިއާންގެ އެނދުގައެވެ. އިއާން އިނީ އަދިވެސް ދުރުގައި ހުރި ސޯފާގައެވެ. ކުރިން އިސްނަގާނީ ކާކުކަން ނޭނގިފައި ތިބި ކަހަލައެވެ.

ފަސްވަރަކަށް މިނެޓް ވެއްޖެއެވެ. އިސްޖަހައިގެން އިން އީމާއަށް އަޑެއް އިވުނެވެ. އެކަމަކު އިސް އުފުލާ ބަލާކަށް ނުކެރުނެވެ. ލޮލުގެ ހިމަކޮޅުން ބަލާލިއިރު އިއާން އޭނައާއި ދިމާލަށް އަންނަކަން އެނގުނެވެ. އީމާގެ ނޭވާ އަވަސްވިއެވެ.

ލަސްފިޔަވަޅުތަކެއްގައި އައި އިއާން ގޮސް ހުއްޓުނީ އީމާގެ ކުރިމައްޗަށެވެ. އީމާއަށް ފެންނަނީ އިއާންގެ ފައިތިލައެވެ. ފަރުވާތެރިކަމާއެކު އީމާއަށް އެ ފައިތިލައަށް ބަލާލެވުނެވެ. އިނގިލިތައް ދިގުވެފައި ކޮންމެ އިނގިއްޔެއް ވެސް ކުރީ ހުޅުން ލެނބި ބިންމަތީގައި ޖެހިފައެވެ. އިއާންގެ ދެފައިތިލަވެސް ހާދަ ރީއްޗޭ އީމާ ހިތަށް އެރިއެވެ.

ވާން އުޅޭގޮތެއް ނޭނގިފައި އިންދާ އިއާން ތިރިވީ އީމާގެ ދެފައިކައިރިއަށެވެ. އީމާއަށް ވަގުތުން ދެފައި ދުރަށް ޖައްސާލެވުނެވެ. ނަމަވެސް މާކަ ދުރަކަށް ނުޖެއްސުނެވެ. އިއާން އީމާގެ ދެކަކުލުގައި ހިފެހެއްޓިއެވެ.

"އީމާ....!" އިއާންގެ އަޑު މަޑުވެފައި ބަރެވެ.

"އީމާ...ލުކް އެޓް މީ، ޕްލީޒް." އީމާގެ ދެފައިކައިރިއަށް ތިރިވުމުންވެސް އޭނައާއި ދިމާލަށް އީމާ ނުބެލުމުން އިއާންގެ ހިތަށް އަސަރު ކުރިއެވެ. އިއާންގެ އެ އެދުމަށް އީމާ އިޖާބައެއް ނުދެއެވެ. އިސްޖަހައިގެން އިނދެފައި ބަލާލީ ކޮޓަރީގެ އަނެއްކޮޅަށެވެ. އިއާންއާއި ދުރަށެވެ.

"އީމާ، އަހަންނަށް ކުރެވިފަ އޮތް ހުރިހާ ކަމަކަށް މަޢާފަށް އެދެން، އަހަންނަށް އެނގޭ އަހަރެންގެ ސަބަބުން އީމާއަށް ވަރަށް ބޮޑެތި އުނދަގޫތައް ޖެހިއްޖެކަން، އެ ހުރިހާ ކަމަކަށް މަޢާފަށް އެދެން، އެއިން ކޮންމެ ދުވަހަކަށް އަހަރެން މަޢާފަށް އެދެން، ޕްލީޒް މަޢާފްކޮށްދޭނަންތަ؟" އިއާންގެ ކަރު އެލުނެވެ.

"އީމާ، ޕްލީޒް...ލުކް އެޓް މީ...." އީމާގެ ދެކަކުލުގައި ހިފަހައްޓައިގެން އިނދެ އަނެއްކާވެސް އިއާން އެދުނެވެ.

އިއާންގެ އާދޭހެއް އީމާއަށް މުހިއްމެއް ނުވި ކަހަލައެވެ. ތެދުވެގެން ހިނގައިގަތީ ދިއުމަށެވެ. އެ ކަމަށް ތައްޔާރު ނުވެ އިން އިއާންއަށް ލިބުނީ ސިހުމެކެވެ. އީމާ ހުއްޓުވުމަށްޓަކައި ހިފެހެއްޓުނީ އީމާގެ އުނަގަނޑުގައެވެ. ހުރެވުނީ ދެކަކޫޖެހި އީމާގެ އުނަގަނޑުގައި ބައްދައިގެންނެވެ. އިއާންއަކީ އިސްކޮޅުން ދިގު މީހަކަށްވާތީ އީމާގެ ބަނޑާއި ހަމައަށް އިއާންގެ ބޯ ފޯރައެވެ. އިއާންގެ ދެއަތުގެ ގައިދުން ސަލާމަތްވާން އީމާ ކުރާ މަސައްކަތުގައި އިއާންގެ ބޯވެސް އީމާގެ ބަނޑުގައި ޖެހި ބާރުވަމުން ދިޔައެވެ. ސަލާމަތް ވާން ކިތަންމެ ގުޑުމެއްވެސް އީމާ ގުޑުނެވެ. އެހެންނަމަވެސް އެއިން ކޮންމެ ގުޑުމަކާއެކު އިއާންގެ ބެއްދުން ދިޔައީ ބާރުވަމުންނެވެ.

"އައި އެމް ސޮރީ، ބަޓް އައި ކާންޓް ލެޓް ޔޫ ގޯ އެވަރ...އައި އޯލްރެޑީ ރިގްރެޓް އިޓް، ދެނެއް އަހަންނަކަށް ނުއުޅެވޭނެ އީމާއާއި ވަކިން، ޕްލީޒް ސްޓެއި ވިތް މީ...ޕްލީޒް..." އިއާން އާދޭސްކުރަމުން ދިޔައެވެ. ކުއްލިއަކަށް އީމާ ފޮޅުވިގަތެވެ. އަދި އަނެއްކާވެސް ދިއުމަށް ހިނގައިގަތެވެ.

އީމާ ހުއްޓުވުމަކީ އުނދަގޫކަމަކށްވާނެކަން އެނގޭ އިއާން ކުއްލިއަކަށް ތެދުވެއްޖެއެވެ. އީމާގެ އަތުގައި ހިފަހައްޓައި ގާތަށް ދަމާލިއެވެ. އީމާގެ މޫނު އިއާންއަށް ފެނުނީ އެވަގުތުއެވެ. އީމާ ހުރީ ރުޅިން ރަތްވެފައެވެ. އެކަން އިއާންއަށް ޔަގީންވިއެވެ. އެހެންނަމަވެސް އީމާގެ ލޯ ފެންކަޅިވެފައި ހުރި ސަބަބެއް އިއާންއަށް ޔަގީން ނުވިއެވެ.

"އީމާ...އަހަރެން ދެން ދުވަހަކުވެސް އީމާ ދެރައެއް ނުކުރާނަން، ދުވަހަކުވެސް ހިތުގަ ނުޖައްސާނަން، ގަބޫލުކުރޭ، ދުވަހަކުވެސް، ދުވަހަކުވެސް ދެރައެއް ނުކުރާނަން، އިޓް ވޯޒް އޯލް އަންއިންޓެންޝަނަލް، ޕްލީޒް ބިލީވް މީ، އެ ހުރިހާ ކަމެއް ދޫކޮށްލާފަ އަހަންނާއެކު އުޅެން އާދޭ، ބީ މައި ވައިފް، ޕްލީޒް" އީމާގެ ދެއަތްތިލައިގައި ހިފަހައްޓައިގެން ހުރެ ވަޢުދާ އަޙުދުވަމުން އިއާން ދިޔައެވެ. މަޢާފަށް އެދި ކުށް ގަބޫލުކުރަމުން ދިޔައެވެ. ދެރަވެ ކަރުއެލިފައިވާ ޙާލު އަމިއްލަ ހިތުގެ ޙާލުން ޔަގީންކަން ދެމުން ދިޔައެވެ. އެހެންނަމަވެސް އީމާ ހަމަ އެކައްޗެއްވެސް ނުބުނެއެވެ.

"އީމާ.....!" ޖެހިލުންވެފައި ހުރެވިޔަސް އީމާގެ މޫނުގައި އަތްޖައްސާލުމަށް އިއާން އަތް އުފުލިއެވެ. އެއާއެކު އިތުރަށް ސިހުނީ އިއާންއެވެ. އީމާ އޭނަގެ އަތްތިލައިގައި ޖަހައި ފޮޅުވާލިއެވެ. ދެވަނަފަހަރަށްވެސް އިއާން އޭނަގެ އަތްތިލަ އުފުލާލިއެވެ. ކުރިއަށްވުރެ ބާރަށް އީމާ އެ އަތް ފޮޅުވާލިއެވެ. ތިންވަނަފަހަރަށް އިއާން އަތް ނެގީ ހުޝިޔާރުވެ ހުރެގެންނެވެ. އެހެންކަމުން އީމާއަށް އޭނަގެ އަތުގައި ޖަހާނެ ފުރުޞަތެއް ނުލިބުނެވެ. އެއަށްވުރެ ކުރިން އިއާން އީމާގެ އަތްތިލައިގައި ހިފިއެވެ. އަދި އެ އަތްތިލައިގައި ބޮސް ދިނެވެ.

"އައި ހޭޓް ޔޫ...އައި ހޭޓް ޔޫ...." ގިސްލުމެއްގެ ތެރެއިން އީމާގެ އަނގައިން މި އަޑު ނުކުތެވެ. އީމާގެ ހިތުގެ ޙަގީގީ ހާލު އިއާންއަށް އެނގުނީ އެވަގުތުއެވެ. ގިނަ ވާހަކަތަކެއް އީމާ ނުދެއްކިނަމަވެސް އިއާން އާއި ދޭތެރޭ އިމާ ކުރާ އިހްސާސް އިއާންއަށް ދާދި ފަސޭހައިން އެނގުނެވެ. ޚުދު އޭނަ ފަދައިން އީމާގެ ހިތުގައިވެސް އަޅަނީ ހަމަ އެއް ވޭނެއްކަން އެނގުމުން އިއާންއަށް މީރުކަމެއް ލިބުނެވެ. އެބުނި "އައި ހޭޓް ޔޫ" އަކީ އީމާގެ ހިތުގައި އޮތް ގޮތާ އިދިކޮޅަށް ބުނި އެއްޗެއްކަން އިއާންއަށް އެނގުނެވެ. އަންހެންކުދިންގެ އެ ސިފަތަކަކީ އިއާންއަށް އެނގި އެނގި ބާވެފައި ހުރި ކަމަކަށްވާތީ އިއާންއަށް އީމާގެ އެ ރުޅިއާއި އެ ކަރުނައިގެ އަސްލު މާނަ އެނގުނެވެ. ލިބުނީ އިންތިހާއީ ބޮޑު އުފަލެކެވެ. ކުރިޔަށް ދިއުމަށް ހިތްވަރެކެވެ.

"އީމާ....އެމް ސޮރީ. ސޯ ސޮރީ ލަވް، ސޯ ސޮރީ...." އީމާގެ ދެއަތްތިލައިގައި ހިފައި ކުރިއަށްވުރެވެސް ކައިރިއަށް އިއާން ގެނައެވެ. ދެފަރާތުން ހޭވިފައި އޮތް އީމާގެ އިސްތަށިގަނޑުގެ ތެރެއިން އީމާގެ މޫނުގައި ހިފަހައްޓައި ގުދުވެފައި އީމާގެ ލޮލަށް ބަލަމުން އިއާން އަސަރާއެކު ބުނަމުން ދިޔައެވެ.

އީމާގެ ލޮލުން ކަރުނަތައް އަންނަނީ އީމާގެ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އިއާން އެ ކަރުނަތައް ފޮހެދޭން މަސައްކަތް ކުރެއެވެ. އީމާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އޭނައަށް އިއާން ހެދިގޮތް އެހާ ފަސޭހައިން އީމާއަށް ހަނދާން ނައްތާނުލެވެއެވެ. އިއާން ދެކެ އީމާ ވާ ލޯބީގެ ސަބަބުން އެކަންކަމުގެ ހަނދާންވުމުން އީމާ ގާތަށް އަންނަނީ ރުޅިއެކެވެ.

އިއާންގެ މެއާއި އޭނަގެ މެއާއި ދެމެދަށް ހުރަސްކޮށްފައި ހުރި އަތުން އިއާންގެ މޭގައި ދެތިންފަހަރަކު އީމާ ޖަހައިފިއެވެ. ނަމަވެސް އިއާން ދުރަކަށް ނުޖެހެއެވެ.

"އަހަރެން....އަހަރެންގެ ކޮން ކުށަކާހެދި އަހަންނަށް އެހެން ހެދީ...ވަރަށް ނުލަފާ މީހެއް ތިއީ، ވަރަށް ނުލަފާ މީހެއް، އަހަރެން ހެދިން ބުނިހާ ގޮތަކަށް، ބުނިހާ ކަމެއް ކުރިން، އެކަމަކު...." ދަތްކުނޑި ވިކައިގެން ހުރެ އިއާން ގައިގައި އަނެއްކާވެސް އީމާ ޖެހިއެވެ. ދުރަށް ފޮނުވާލަން ބޭނުންވާ ކަހަލަ ގޮތަކަށެވެ. ދެންވެސް އިއާން ނުދެއެވެ. އެއީ އޭނައަށް ހައްގު އަދަބެއްކަން އިއާން ގަބޫލު ކުރެއެވެ. އެތަކެއް ދުވަސްވަންދެން އީމާގެ ހިތުގައި އަނދަމުން ދިޔަ އަލިފާން ފިނިވާން ވަގުތު ދޭން ޖެހޭނެކަންވެސް އިއާން ހުރީ ގަބޫލުކޮށްލައިގެންނެވެ.

"އަހަރެން ބޭނުމެއް ނޫން، ޔޫ ހޭވް ހާޓް މީ އިނަފް." ލޮލުން ކަރުނަތައް ފޮހެމުން އީމާ އެނބުރުނީ ދިއުމަށެވެ. ނަމަވެސް އިއާންގެ ގަސްތަކު އީމާ ދޫކުރުމެއް ނެތެވެ.

ގޮސްގޮސް ހުރި އީމާގެ އަތުގައި ހިފައި ގާތަށް ދަމާލި ބާރުމިނުގައި އީމާއަށް ގޮސް ހުއްޓެވުނީ އިއާންގެ މޭގައި ޖެހިފައެވެ. އިއާންގެ ކިބައިގައި ހުރިހާ ބާރެއް ލާފައި އީމާގެ ހިމަތޮޅި ހަށިގަނޑުގައި ބައްދާލީ ދުވަހަކުވެސް ދޫނުކުރުމުގެ ޢަޒުމެއްގައެވެ.

"އީމާ ބޭނުން އަދަބެއް އަހަންނަށް ދެވިދާނެ، އެކަމަކު ބީ ވިތު މީ، އޯކޭ، ޑޯންޓް ލީވް މީ." އީމާގެ ހަށިގަނޑުގައި ބާރަށް ބައްދައިގެން ހުރެ އީމާގެ ކަންފަތާއި އަނގަ ކައިރިކޮށްފައި އިއާން އެދުނެވެ.

"އަސްލުވެސް އަހަންނަށް އީމާއާއި ނުލާ ނޫޅެވޭނެ، ވަރަށް މަސައްކަތް ކުރިން ހަނދާން ނައްތާލަން، ވަރަށް މަސައްކަތް ކުރިން އީމާއާއި ދުރަށް ދާން، އެކަމަކު، އީމާގެ ފަހުން އެހެން އަންހެންކުއްޖަކާ އަހަންނަށް ލައިކެއްވެސް ނުވެވުނު، އެހެން އަންހެންކުއްޖަކާ ދިމާލަށް ބަލާލަންވެސް ބޭނުމެއް ނޫން، އަހަރެން ގަބޫލުކުރަން އަހަންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން، އެކަމަކު އެއީ ގަސްތަކު ނޫން، އެއްގޮތަކަށްވެސް ގަސްތަކު ނޫން، އަހަރެން އުޅެމުން އައިގޮތް އެއީ އޭރު، އެކަމަކު އަހަންނަށް ލޯބި އެއީ ކޯޗެއްކަން އެނގުނީ އީމާ އާއި ދިމާވިފަހުން، މިހާރު އަހަންނަކީ މުޅިން އެހެން އިއާންއެއް، އަހަންނަށް ހީވަނީ މައިންބަފައިންނަށްވެސް އަހަންނަށް ނުދެވުނު ތަރުބިއްޔަތެއް އީމާގެ ފަރާތުން އަހަންނަށް ލިބުނުހެން، އައިއެމް މަޗް އެ ބެޓަރ ޕާސަން ނައު، ޓްރަސްޓް މީ..." ދެލޯބިވެރިންގެ ދެމެދުގައި ހޭދަވި "އަސަރުގަދަ" ވަގުތުކޮޅަކަށްފަހު ހަމަޖެހިލައިގެން އެނދުގައި އިށީނދެ އިނދެ އިއާން ވާހަކަ ދައްކަމުން ދިޔައެވެ. އެކަކު އަނެކަކަށް ވާ ލޯބި ބަޔާންކޮށްދީ ޔަގީންކޮށްދެމުން ދިޔައެވެ. ހިތްފުރިގެން ބަންޑުންވެދާނެހެން ހީވާ ފަދަ އިހްސާސެއް ކުރަމުން ދިޔަ އީމާވެސް އެ ވާހަކަތައް ޝައުޤާއެކު އަޑުއަހަމުން ދިޔައެވެ. ލަދުރަކިކަމާއެކު އިސްޖެހޭ ފަހަރުތައް ގިނައެވެ. ބުނަން ބޭނުންވާ ވާހަކަތައް ހާމަކުރެވޭވަރު މަދުވިއެވެ.

ލޯތްބަކީ ދުނިޔެއިން އިންސާނަކަށް ކުރެވޭނެ އެންމެ ރީތި އިޙްސާސެވެ. ތަދާއެކު ވެވޭ ލޯތްބަކީ އޭގައި އާދަޔާ ޚިލާފު މީރުކަމެއްވާ ލޯތްބެކެވެ. ނައަންގާ ސިއްރުން ވަމުން އައި ލޯތްބެއް ހާމަވުމަކީ އަދި އެއަށްވުރެވެސް ފުން އަސަރެއް އޭގައި ވާ ކަމެކެވެ.

ކޮންމެ އިންސާނަކުވެސް އަނެކަކާއި ބައްދަލުކުރައްވަނީ ހުރިހާ ކަމެއް ރާއްވަވާ ފަރާތުންނެވެ. އޭގައި ސަބަބުތަކެއް އޮންނާނެއެވެ. ވަގުތު ޖެހުމުން ނޫނީ އެކަން ނޭނގޭނެއެވެ. އީމާއާއި އިއާންއަށްވެސް މިއަދު އެކަން ގަބޫލު ކުރެވިއްޖެއެވެ.

އިއާންއާއި އީމާއާއި ދިމާވި ދުވަހުން ފެށިގެން ދެމީހުންގެ ޙަޔާތްވެސް ބަދަލުވީއެވެ. ފެށުނީ ތަދު ދިނުމުންނެވެ. އެހެންނަމަވެސް ގަސްތަކު ނޫނެވެ. އައި ބަދަލެއްވިއްޔާ ދެމީހުންނަށް އައީވެސް ގަސްތަކު ނޫނެވެ. އެކަކު އަނެކަކަށް ލޯބިވެވުނީވެސް ގަސްތަކު ނޫނެވެ. އެއީ އެމީހުންގެ އިޚްތިޔާރުގައިވި ކަންތައްތަކެއް ނޫނެވެ. އެއީ އެމީހުންނަށްޓަކައި މަތީ ފަރާތުން ރާއްވަވާފައިވާ ގޮތެވެ.

އިއާން ދެކޭ ގޮތުގައި އީމާއާއި ދިމާވުންވެސް އެއީ އޭނަގެ ނަސީބެވެ. ތިންއަހަރުފަހުންވިޔަސް އީމާގެ ލޯބި އޭނައަށް ލިބުން އަދި އެއީ އެއަށްވުރެ ބޮޑު ނަސީބެކެވެ.

"ޗުއްޓީ ނިންމާފައި އީމާ ދާއިރު އަހަރެން ގެންގޮސްފާނަންތަ؟" އީމާގެ ކޮލުގައި ބޮސްދެމުން އިއާން އަހާލިއެވެ.

"އެހެން ކިހިނެއް ދެވޭނީ؟ އިއާންގެ ޖޮބް؟ އިރަމް؟" އީމާއަށް އަހާލެވުނެވެ.

"ޗުއްޓީ ނިމުމުގެ ކުރިން އަހަރެން ދޭނަން ފެހި ކާޑެއް، އޭރަށް ދެވޭނެ ދެމީހުންނަށް ބޭނުންތަނަކަށް އެއްކޮށް. އޯކޭތަ؟" އީމާގެ އަނެއްކޮލުގައި މިފަހަރު އިއާން ބޮސްދިނެވެ.

އީމާއަށް ހީލެވުނެވެ. ފެހި ކާޑުގެ މާނަ އީމާއަށް އެނގެއެވެ. އެކަމަކު ސާފު ބަހުން އެހެން ނުބުނަންޏާ އެނގޭކަމަށް ހެދޭކަށް އީމާ ބޭނުމެއް ނުވިއެވެ.

"ފެހި ކާޑަކީ ކޯޗެއް؟" އީމާ ނޭނގޭ ކަމަށް ހެދިއެވެ.

"އޯކޭ....ވިލް ޔޫ ބީ މައި ވައިފް؟ ޕްލީޒް؟" އީމާއަށް އެނގިހުރެވެސް ނޭނގޭ ކަމަށް ހެދީކަން އިއާންއަށްވެސް އެނގުނެވެ. އީމާގެ ދެއަތްތިލައިގައި ހިފަހައްޓައިގެން އިނދެ ކައިވެންޏަށް އެހިއެވެ.

"އޫމް.....ވިސްނާލާނަން." އިއާން ތަޅުވާލުމުގެ ގަސްތުގައި އީމާ ބުނެލިއެވެ.

"އޯވހ ކަމޯން........" އިއާންއަށް ބުނެލެވުނެވެ.

އެއާއެކު އިއާންގެ ކަނދުރާގައި ދެއަތް ވަށާލައި އީމާ ބައްދާލިއެވެ. އިއާންއަށް އޭނަގެ ހުރިހާ ސުވާލެއްގެ ޖަވާބު ލިބުނެވެ. ދެއަތުން އީމާގެ ހަށިގަނޑު ގަޔާ ކައިރިކޮށްލިއެވެ. އީމާގެ ރީތި އިސްތަށިގަނޑުގައި އިއާން މޫނު ފޮރުވާލީ މުޅި ޢުމުރަށް އެކުގައި ވުމަށް ހިތާހިތުން ވަޢުދު ވަމުންނެވެ. -- ނިމުނީ --

ދިގު ވާހަކަ

Popular