21 May 2018

ޔާރާ އަހާނުހޭ

By: Mariyam Yasma

* މެއި 17 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"ދެރަ ނުވޭ! އަހަރެން ޝަކީލްއާ ވާހަކަދައްކައިގެން ސަޖަންގެ ތި ކަންބޮޑުވުމަށް ހައްލެއް ހޯދަދެވޭތޯ ބަލާނަން. އެންމެ ރަނގަޅެއްނު." ޒުލޭޚާ ސަޖަންގެ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރި އެވެ.

ސަޖަންގެ ޖަވާބު އައީ ބޯޖަހައިލުމަކުންނެވެ. ޒުލޭޚާ ގޮސް އެހެން މީހުންނާ ބައިވެރިވާން ބަދިގެއަށް ވަނުމުން ސަޖަން ތެދުވެގެން މައްޗަށް އެރިއިރު ޒުލޭޚާގެ ވާހަކައާމެދު ވިސްނުނެވެ. އެގޭގައި ފިރިހެނުންގެ މައްޗަށް އަންހެނުންނަށް ކުރި ލިބިދާނެ ކަމަކަށް އޭނަ ޤަބޫލެއް ނުކުރެ އެވެ. ހާއްސަކޮށް ދާނިޔަލްއަކީ އޭނަ ހިތުއަޅައިފި ކަމެއް ހާސިލްކުރަން ބޭނުންވާ ޒުވާނެކެވެ. ކިޔެވުމުގެ ބަހަނާގައި ވިއަސް ކައިވެނީގެ ކުރިއަށް ވަގުތުކޮޅެއް ލިބޭގޮތް ވެއްޖެއްޔާ އެކަމުން ސަލާމަތް ވާނެ މަގެއް ހޯދިދާނެ ކަންނޭނގެ އެވެ.

ވާހަކަދައްކަން އެދޭ ވާހަކަ މެސެޖަކުން ދާނިޔަލްއަށް އަންގާފައި ސަޖަން އިނީ އިންތިޒާރުގަ އެވެ. ދާނިޔަލް ނާސްތާކޮށްގެން އައިސް ދޮރުފަތުގައި ޓަކި ޖަހާލި އަޑަށް ފުންމައިގެން ތެދުވެވުނެވެ. ދޮރު ހުޅުވާލިއިރު ދާނިޔަލްގެ ލާނެތް ހިނިތުންވުމުގައި ދޮރުކައިރީ ހުއްޓެވެ.

"ސަޖަންގެ ހިތާ ހަމައަށް ވާސިލްވާން ކައިވެނި ހަމަޖައްސަން ޖެހޭކަން އެނގުނުނަމަ ކޮންދުވަހެއް އެކަން ކުރާނެތާ. މިހާރު ކޮޓަރިއަށް ވެސް އިންވައިޓް ކުރަންފެށީ ވިއްޔަ." ސަޖަން ދޮރުފަތް އެއްކޮށް ހުޅުވާލުމުން ދާނިޔަލް އެތެރެއަށް ވަދެގެން ދަމުން ވާހަކަދެއްކި އެވެ.

ސަޖަން އަޑު އިވުނު ކަމަކަށް ނުހެދި އެވެ. ދޮރު ލައްޕާލައިފައި އޭނަ އެނބުރުނުއިރު ދާނިޔަލް ގޮސް އެނދު ހުރަހަށް އުއްޑުން ވެއްޓިގަތެވެ. ސަޖަން ގޮސް ތަންކޮޅެއް ދުރުގައި ހުއްޓުނެވެ.

"ދާނިޔަލްއަށް އެނގެއެއްނު އަހަރެން ދާނިޔަލް މިގެނައީ ކީއްވެކަން؟" ސަޖަން ފެށިއެވެ.

"އޯކޭ.. އެންޑް؟...." ދާނިޔަލް ތެދުވެ އިށީނދެފައި ބުމަ އަރުވައިލި އެވެ. އޭނަ ދެން އަތް ފޯރުވާލައިފައި ނެގީ ސައިޑު ޓޭބަލް މަތީ ބަހައްޓާފައި ހުރި ފޮޓޯ ފްރޭމެކެވެ.

"ވަޓް ދަ ހެލް ވޯޒް ދެޓް؟" ސަޖަން ބާރު ބާރަށް ފެށި އެވެ. ދެއަތް އޮތީ މުށްކެވިފަ އެވެ. ދާނިޔަލް ފްރޭމުގައި ހިފައިގެން އިނދެ އަނެއް އަތުން ސަޖަންގެ ކުޑައިރުގެ ތަސްވީރުގައި އިނގިލި ޖައްސާލައިފައި "ކިއުޓް" އޭ ބުނެލި އެވެ. ދާނިޔަލްގެ މިފަރުވާކުޑަކަމުން ސަޖަންގެ ރުޅިވީ ގަދަ އެވެ. ހިތް އެދުނީ ދާނިޔަލްގެ މޭގައި ދެއަތުން ތަޅައިގަތުމަށެވެ. އޭގެ ބަދަލުގައި އޭނަ ކައިރިވެލާފައި ދާނިޔަލްއަތުން ފްރޭމް ދަމައިގެންފައި ގޮސް ކުރިން ހުރި ހިސާބުގައި ހުއްޓުނެވެ.

"އަހަރެން އެއްފަހަރު ވެސް ބުނިތަ އަހަންނަށް އެހީވާށޭ؟" ދާނިޔަލްގެ ސަމާލުކަން ލިބުމުން ސަޖަން އިތުރަށް އެހި އެވެ.

"އަހަރެން އެހީނުވި ނަމަ ސަޖަން ޖެހޭނީ ނާސިރުއާ އިންނަން. އެގޮތްތަ ބޭނުމީ؟" ދާނިޔަލް މިފަހަރު އެހީ ސީރިއަސްވެފަ އެވެ.

"އަހަރެން ބޭނުމެއް ނުވޭ ދާނިޔަލްގެ އެހީއެއް. އަހަރެން އަމިއްލައަށް ވެސް ކޮންމެވެސް ހައްލެއް ހޯދުނީސް." އަތުގެ އިނގިލިތަކަށް ނަޒަރު ހުއްޓާލަމުން ސަޖަން ޖަވާބުދިނެވެ. އެއަޑުގައި ޔަޤީންކަމެއް ނެތެވެ.

"އަހަރެން ނުދެކެން ތިހާ ސެލްފިޝް މީހެއް." ދާނިޔަލް ރައްދު ނުދިނުމުން ސަޖަން އަނެއްކާ ވެސް ވާހަކަދެއްކި އެވެ.

"އަހަރެން ކުރިން ވެސް ބުނީމެއްނު." ދާނިޔަލްގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އޭނަ ތެދުވެގެން ގޮސް ސަޖަންގެ ކޮނޑުގައި ހިފާލަން އުޅުމުން ސަޖަން ފަހަތަށް ޖެހުނެވެ.

"އަހަންނާ އިންނަން ތިއުޅެނީ ނާސިރުއާއި އަހަންނާ ދޭތެރޭ ހިނގީ ކިހާވަރެއްގެ ކަމެއްކަން ވެސް ނޭނގިއެއްނު." ހިމޭންކަމުގައި ދެމީހުން އެކަކު އަނެކަކަށް ބަލަން ތިބުމަށްފަހު ސަޖަން ބުނެލި އެވެ. އެހެން އެއްވެސް ވާހަކައަކުން ނުގުޑިއަސް އެވާހަކައިން ދާނިޔަލްގެ އަޒުމް ގުޑުވާނެލެވިދާނެ ކަމަށް ހީކުރެވުނެވެ.

"އަހަރެން ބޭނުމެއް ނޫން އެނގޭކަށް ވެސް. ފުރަތަމަ ފެނުނު ވަގުތުން ފެށިގެން އަހަރެންނަށް ހަމައެކަނި އެނގޭ އެއްޗަކީ ސަޖަން ތީ އަހަރެންގެ މީހެއްކަން." ދާނިޔަލްގެ އަޑުގައި ޔަޤީންކަން ވި އެވެ.

"އަހަރެން ބޭނުމެއް ނޫން ކައިވެނި ކުރާކަށް." ސަޖަން އެންމެފަހުން ބުނަން އޮތް ވާހަކަ ވެސް އެހިސާބުން ހާމަކޮށްލި އެވެ.

"އައި ލައިކް އެ ޗެލެންޖް. އަހަންނަށް ޔަޤީން ސަޖަންގެ ތިނިންމުން ބަދަލު ކުރެވިދާނެކަން." ދާނިޔަލް އެއްލޯމަރައިލި އެވެ.

ދާނިޔަލް އިތުރު އެއްޗެއް ނުބުނެ އަނެއްފަރާތަށް އެނބުރިފައި ގޮސް ނިކުތުމުން ސަޖަންއަށް ގޮސް އިށީންދެވުނީ އެނދުގަ އެވެ. ކުރެވުނު ކަންތަކާއިމެދު އަމިއްލަ ނަފްސަށް އެތިވަރު ގޮވުނެވެ. ވާހަކަ އެދިޔައީ އޭނަ ބޭނުންވި ގޮތަކަށް ނޫނެވެ. ދާނިޔަލް އެހެރީ އޭނަ ހާސިލްކުރުމަށްޓަކައި މާޒީ ވެސް ނުވާ ކަމަކަށް ހަދަން ނިންމައިގެންނެވެ. އޭނަ ގަބޫލު ނޫންކަން ހާމަކުރުމާއެކު އަދި ކުރިއަށްވުރެ ބޮޑަށް އެކައިވެންޏަށް ބާރު އަޅާނެ އެވެ. އެންމެ ފޫހިވީ ދާނިޔަލްއަށް އެއޮންނަ ޔަޤީން ކަމަކުންނެވެ. ކޮންމެ އަމަލަކާއި ބަހަކުން ހާމަކޮށްދެނީ ދިރިއުޅުމުގައި ދުވަހަކު ކުރަން ބޭނުންވެ ހާސިލް ނުކުރާ ކަމެއް ނެތްކަމެވެ. ދާނިޔަލް ހަލާކުކޮށްފައި އެހުރީ އޭނަގެ މައިންބަފައިންނެވެ.

"ސިތާރާ!" ހިޔާލުތަކުގެ ތެރެއިން ދޮންމަންމަ މަތިން ހަނދާންވެފައި ސަޖަން ތެދުވި އެވެ. ފްރޭމް ސައިޑު ޓޭބަލްމަތީ ބަހައްޓާފައި ކޮޓަރިން ނިކުތީ ދޮންމަންމަ ހޯދަން ދާންވެގެންނެވެ. އެކަމަކު އޭގެ ކުރިން މަންމަ އޭނަ ހުއްޓުވި އެވެ. މަންމަ އެހީ ސައިބޯން ނުގޮސްގެންނެވެ. ސަޖަން ބަނޑުހައި ނުވާ ވާހަކަ ބުނުމުން އަތުގައި ހިފާލައިފައި ކޮޓަރިއާ ދިމާއަށް ގެންދިޔަ އެވެ. ފުރަތަމަ ދެމިނިޓް ހޭދަވެގެން ދިޔައީ މަންމަ އޭނަ ކުރިމަތީ ބައިންދައިގެން އެއްޗެއް ނުބުނެ ބަލަން އިނުމުގަ އެވެ. އެބެލުމުން އެއްޗެއް މާނަކުރާކަށް ސަޖަންއަކަށް ނޭނގުނެވެ.

"ކީއްވެ މަންމަ ތިބަލަނީ؟" އިތުރަށް ކެތްނުވެގެން ސަޖަން އެހި އެވެ.

"މަންމަ މިވިސްނަނީ މިބަދުނަސީބު މަންމަގެ ދަރިފުޅު ތިހާ ނަސީބުގަދަ ކުއްޖަކަށް ވީ ކިހިނެތްބާއޭ؟" މަންމަގެ ވާހަކައިން ސަޖަންގެ މޫނަށް ހައިރާންކަން ފެތުރުނެވެ.

"މަންމައަށް ދާނިޔަލް ވަރަށް ކަމުދޭ. މަންމައަށް ޔަޤީން ދާނިޔަލް ދަރިފުޅު އުފަލުގަ ގެންގުޅޭނެކަން...." މަންމަގެ ވާހަކަ ހުރި ހިސާބު އެނގުމުން ސަޖަން ހުއްޓުވަން އުޅުނެވެ. އެކަމަކު މަންމަ އެފުރުސަތެއް ނުދިނެވެ. ހިނިތުންވެފައި އިނދެގެން ބުނަމުން ދިޔައީ މަންމައަށް ލިބިފައިވާ އުފާވެރިކަމުގެ ބޮޑުކަމުގެ ވާހަކަ އެވެ. މަންމަގެ ހަޔާތުގެ ބާކީބައި ފިކުރެއްނެތި ހޭދަކުރެވޭނެ ވާހަކަ އެވެ. ވަގުތު ޖެހުމުން ދުނިޔެ ދޫކޮށް ދާއިރުވެސް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް އެކައިވެނި ވާނެ ކަމެވެ. އެމޫނުން ފެންނަމުން ދިޔައީ ކުރިން ދުވަހަކު ވެސް ނުދެކޭ އުފަލާއި ހަމަޖެހުމެވެ.

އިސާހިތަކު ސަޖަންގެ ކަރުތެރެ ބެދިގެން އައެވެ. އެސްފިޔަތަކުގެ ފުރަގަހަށް ބޮނޑިވި ކަރުނަތައް ހިފަހައްޓައިލެވުނީ ކުޑަ ހިނދުކޮޅަކަށެވެ. އުފާވެރިކަމުގައި ބަނދެވިފައި އިން މަންމައަށް އެކަރުނަތައް ސިފަވީ އުފާވެރިކަމުގެ މުތީތަކެއްގެ ގޮތުގަ އެވެ. މަންމަ އައިސް އޭނަގެ މޫނުގައި ދެއަތުން ހިފާފައި ގެނެސް މޭގައި ޖައްސާލުމުން ސަޖަން ޅަކުއްޖެއްހެން ގިސްލާފައި ރުއެވެ. މަންމައަށް ބުނެދޭނެ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ. މަންމަގެ އުފާވެރިކަން ނިގުޅައިގަންނާކަށް ނުކެރުނެވެ. ތިމާގެ މަޖުބޫރުކަން އިހްސާސް ވުމުން މާޔޫސްކަމުގެ ކަޅު ސާލު އައިސް ވަށައިގެން އޮޅާލައިފި އެވެ.

***

ކޮޓަރީގައި އެކަނިވުމުން ކަމާލްއާ ވާހަކަދައްކަން ސިތާރާ މަސައްކަތްކުރި އެވެ. ސަޖަންއާ ދާނިޔަލްގެ ކައިވެނި ކާމިޔާބު ނުވާނެ އެތައް ސަބަބެއް ދެއްކި އެވެ. ކަމާލް ދެކޮޅެއް ނުހަދަ އެވެ. އޭނަގެ ޖަވާބު އައީ އެކައިވެންޏާއި ދެކޮޅު ހަދާނެ މީހަކަށް ނުވާނެ ކަމުގަ އެވެ. އެމީހުންގެ ގޭގައި ތިބެގެން އެމީހުން އެދޭ ކަމަކަށް ދެކޮޅު ހަދަން ބޭނުން ނުވާ ކަމުގަ އެވެ. ސިތާރާ އެވަރަކުން ހުއްޓުވަން ބޭނުންނަމަ އަމިއްލަ ދަރިފުޅާއި ވާހަކަދައްކަން ބުނެފައި ކަމާލް ނިކުތެވެ. ކުޑައިރުކޮޅަކަށް ސިތާރާ އެހިޔާލު ކުރި އެވެ. ދާނިޔަލް ހައްލައިލަން ކިޔަންވީ އެއްޗެހި ރޭވި އެވެ.

ސިތާރާ ބޭނުންވިފަދަ ފުރުސަތެއް ލިބުނީ ހަވީރުއަތަށް އެޅިފަހުންނެވެ. ދާނިޔަލް އެކަނި ސޯފާގައި ފޯނެއްގައި އިންދާ ފެނުމުން އައިސް ކައިރިއަށް ހުއްޓުނެވެ. ކޮފީއެއް ހަދައިދެންތޯ އެހުމުން ދާނިޔަލް ބޯޖަހައިލި އެވެ. ސިތާރާ އެނބުރިއިރު ދާނިޔަލް ފޯނު ނިންމާލައިގެން އިނީ ޓީވީއަށް ނަޒަރު ހުއްޓާލައިގެންނެވެ. ގޭގެ އެއްވެސް ދިމާއަކުން މީހަކު ފެންނަން ނެތްކަން ޔަޤީންކޮށްފައި ސިތާރާ ދަރިފުޅުގެ ދާދި ގާތުގައި އިށީންދެލި އެވެ. ދާނިޔަލް އެވަގުތު ބަލައިލި އެވެ. މަންމަ އެއްޗެކޭ ކިޔަން އުޅޭކަން މޫނުގެ ކުލައިން ހާމަވި އެވެ.

"ތިކިޔަން އުޅޭ އެއްޗެއް ކިޔާބަލަ!" ދާނިޔަލް ކޮފީ ޖޯޑު ނެގި އެވެ.

"މަންމަ ނަސޭހަތެއް ދިނިއްޔާ ގަބޫލުކުރާނަންތަ؟" ސިތާރާ އެހި އެވެ. އެއަޑުގައި ފަސްޖެހުމެއްވި އެވެ.

"އަޑުއަހާފަ އެނގޭނީ.." ދާނިޔަލް ޖަވާބުދިނެވެ.

"އެންމެ ރަނގަޅު ދަރިފުޅު ސަޖަންއާ އިންނަން ތިއުޅެނީ ހަމަ އެހާ ބޭނުންވެގެންތަ؟" ދާނިޔަލްގެ ޖަވާބަށްފަހު ސިތާރާ މިސްރާބު ބަދަލުކޮށްލި އެވެ.

"ޔެސް މޯމް. އަހަރެން މިވަގުތު އެއަށްވުރެ ބޮޑަށް ބޭނުން އެހެން ކަމެއް ނެތް." ދާނިޔަލް ފަރުވާވެ މަންމަގެ މޫނަށް ބަލައިލި އެވެ.

"މަންމަ ގަބޫލެއް ނޫނޭ ބުނެފިއްޔާ....މިހެން މިބުނީ ދާނިޔަލް ވެސް ހުއްޓައެއްނު ނާސިރުއާ ސަޖަންގެ ކައިވެނީގެ ވާހަކަ ދެއްކީ. އެހެން ނޫނަސް ސަޖަންއާ ދަރިފުޅު އެއްވެސް އެންގަލްއަކުން އެކަށީގެނެއް ނުވޭ. މަންމަ ބޭނުމެއް ދަރިފުޅަށް ދެރައެއް ލިބޭކަށް. މަންމައަށް ސަޖަންގެ ގޮތް ވަރަށް ރަނގަޅަށް އެނގޭތީ މިވާހަކަދައްކަން މިޖެހުނީ ވެސް." އެހިސާބަށް ދިއުމުން ސިތާރާ އެންމެފަހުން ހުއްޓައިލީ ބުނަން ބޭނުންވި ވާހަކަތައް ބުނެލައިފަ އެވެ.

ރައްދުގައި ދާނިޔަލް ތަނަށް ތޫފާނެއް ގެންނާނެ ކަމަށް ހީކޮށްގެން އިންދާ ފެށީ ހޭށެވެ. ސިތާރާ ހައިރާންކަމާއެކު އެސްފިޔަ ޖަހައިލި އެވެ.

"އައި ގެޓް އިޓް މޯމް. ސަޖަންއަކީ މަންމަގެ ދޮންދަރިވީމަ ހަސަދަ އޮންނާނެ. މަންމަގެ ތިމަސައްކަތް ގޯހެއް ނޫން. ދެން ތިބުނާ ނާސިރު އުޅުނީ ސަޖަންއަށް ބިރުދައްކައިގެން އޭނައާ އިންނަން. ކޮންމެހެން ސަޖަން ބޭނުން ވެގެނެއް ނޫން އެއީ." ދާނިޔަލް ހިނިގަނޑު މައިތިރިކޮށްފައި ވާހަކަދެއްކިއިރު ވެސް ތުންފަތުގައި ލާނެތްކަމެއް ވި އެވެ.

ޖޯޑު ނަގައި އިތުރު ކޯވަރެއް ދަމާލައިފައި ބެހެއްޓިއިރު ދެން އިނީ ސީރިއަސްވެފަ އެވެ. ދަރިފުޅު ބަލައިލި ގޮތުން އެކަނި ވެސް ސިތާރާ ޖެހިލުންވި އެވެ.

"އަހަރެންގެ ބައްޕަ ވެސް ދުވަހަކު އަހަރެން އެދޭ ކަމަކަށް ހުރަސް އަޅާފައެއް ނެތް. ދެކޮޅުހަދާފައެއް ނެތް. މަންމަ ތީ އަހަރެން ކުޑައިރު ދޫކޮށްލައިފަ ދިޔަ މީހާއެއްނު. އެހެންނޫނަސް އަހަރެންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ނިންމާނީ އަހަރެން އަމިއްލައަށް. މަންމައެއް ނޫން އަހަރެން ސަޖަންއާއެކު ދިރިއުޅެން މިއުޅެނީ. އަހަރެންނަށް ވަރަށް ރަނގަޅު މަންމަގެ ޒާތީ ހަސަދަވެރިކަން އެއްފަރާތްކޮށްލާފަ އަހަރެންގެ އުފަލުގައި ބައިވެރިވެދިނިއްޔާ. އެވަރުވެސް ނުވާނެ ކަމަށްވަންޏާ އަހަރެން އިތުރަށް ބާރެއް ނާޅާނަން." ދާނިޔަލް ކުޑަކޮށް ގުދުވެލައިގެން އިނދެ ސިތާރާގެ މޫނަށް ބަލަމުން ސީރިއަސް އަޑަކުން ވާހަކަދެއްކި އެވެ.

ދާނިޔަލް ތެދުވެގެން ދާންދެން ސިތާރާ އިނީ ގަނޑުވެފައި އިން ބުދެއްހެން ހުއްޓިފަ އެވެ. ލަދުން މުޅި މޫނު ހުރީ ރަތްވެފަ އެވެ. ފިޔަވަޅުގެ އަޑު ކެނޑުމާއެކު ފެންނަ ހިސާބުގައި މީހަކު ހުރިތޯ ހޯދައިލެވުނެވެ.

ޒުލޭޚާ ދެއްކި ވާހަކައަށްފަހު ޝަކީލް ސަޖަންއާ ބައްދަލު ކުރީ ދާނިޔަލް ވެސް ކައިރީގައި ބައިންދައިގެންނެވެ. ކައިވެންޏަށް ފަހު ވެސް ސަޖަން އެދޭގޮތަށް ކިއެވުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމާއި އެކަމަށް ހުރަހެއް ނޯންނާނެ ކަން ހާމަކުރީ ބޮލުގައި ފިރުމާލަމުންނެވެ. ސަޖަން އިނީ ބަސްހުސްވެފަ އެވެ. ހުރިހާ ފަރާތަކުން އޭނައަށް ފެންނަނީ ނާކާމިޔާބެވެ. އަނދިރި އެވެ. ދާނިޔަލްއަށް މިހާރު ވެސް ކުރި ލިބިއްޖެ ކަމުގައި ހިތާއި ހިތުން އެއްބަސްވެވުނެވެ. ދެކޮޅު ހަދާފައި ނިކުމެގެން ދާނެ ތަނެއް ނެތެވެ. ހިޔާވަހިކަން ވެސް ލިބެން އޮތީ އެގެއިންނެވެ.

ހިތުގެ އުދާސްގަނޑު ސަޖަން ބޭރު ކުރީ އައިރާގެ ކުރިމަތީގަ އެވެ.

"ހަމަތެދެއް އައިރާ. ދާނިޔަލް ކޮނެމެހެން ލޯބިވެގެން މޮޔަވެގެނެއް ނޫން އެއުޅެނީ. އޭނަ ބޭނުންވަނީ އަހަރެން ހާސިލްކުރަން. މުޅި ދުނިޔެ މުށުތެރޭ ގެންގުޅެން ބޭނުންވާ މީހެއް ދާނިޔަލް އަކީ. ކޮންމެ ގޮތެއްވިއަސް މެރީކުރީމަ ހުރިހާ ބާރެއް އޮންނާނީ އޭނަގެ އަތްމަތީގަ. އަހަރެން އެންމެ ބިރުގަންނަނީ އޭނަ އަހަރެންގެ ކިޔެވުމަށް ހުރަސްއަޅާފާނެތީ. ދާނިޔަލް ބައްޕަ ކޮންމެ ގޮތަކަށް ވާހަކަދެއްކިއަސް ކައިވެނި ކުރީމަ އެމީހުން ވެސް ނުބުނާނެ އެކައްޗެއް ވެސް. ބުނާނެ ކަޕްލް އަމިއްލައަށޭ މައްސަލަ ހައްލުކުރާނީ. އަހަރެން ވަރަށް ބިރުގަނޭ އަހަރެންގެ ދިރިއުޅުމަށް އަންނަން އުޅޭ ބަދަލާއިމެދު. ބިރުގަނޭ ވާނެ ގޮތް ނޭނގޭތީ." ސަޖަން އައިރާގެ އުނގުގައި ބޯއަޅައިގެން އޮވެ ކިޔައިދިނެވެ.

ލޮލުން ފޭދެމުންދިޔަ ކަރުނައަކަށް ނިމުމެއް ނެތެވެ. އަޑު ވެސް ހުރީ ކުރެހިފަ އެވެ.

އައިރާ ހިމޭންކަމާއެކު ސަޖަންގެ ހުރިހާ ވާހަކައެއް އަހަން އިންއިރު މެދުކެނޑުމެއްނެތި ބޮލުގައި ފިރުމި އެވެ. ސަޖަންގެ ވާހަކަ ނިމި ހިމޭންކަމުގައި ވަގުތުކޮޅެއް ހޭދަވެގެން ދިޔަ އެވެ. އައިރާދެން ސަޖަންގެ ބޮލުގައި ހިފާ ނަގައި ތެދުކުރުވާފައި ކޯތާފަތް ފުހެދިނެވެ.

"ކަމް ވިތް މީ!" އައިރާ ސަޖަންގެ އަތުގައި ހިފާލައިގެން އެނދުން ފޭބި އެވެ.

ހައިރާންވެފައި ހުރި ސަޖަން ފުރަތަމަ ދާކަށް ނޫޅުނެވެ. ހުއްޓި ހުރީ އެވެ. އޭނަ ހިނގައިގަތީ އައިރާ އަތަށް ދަމައިލީމަ އެވެ. -- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޔާރާ އަހާނުހޭ

Popular