23 May 2018

ކުޅި، ކިސަޑު، ލޭ

ޗެޕްޓާ 3: މައުސޫމް ފުރާނަ

ޗެޕްޓާ 3: މައުސޫމް ފުރާނަ

By: Ahmed Nadym

* މެއި 22 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

އައިމިނަ އެއީ އެންމެ ބާރަ އަހަރުގެ މައުސޫމް ފުރާނައެކެވެ. އެކަމަކު އޭރު ވެސް ހުވަފެންތައް ވަރަށް ބޮޑެވެ. އެންމެ ގިނައިން އެ ހުވަފެންތަކުގެ ވާހަކަ އޭނާ ކިޔައިދިނީ އެކުގައި މަކުތަބަށް ދިޔަ ޒައިނަބުކާނލޯ އަށެވެ. އެ ވާހަކަތައް ކިޔައިދިން ކޮންމެފަހަރަކު އެކާނލޯ ބުނީ އިރާދަކުރެއްވިއްޔާމު އައިމިނަގެ ހުވަފެން ހަގީގަތަކަށް ވާނެ ކަމަށެވެ.

ނަމަވެސް ހަޔާތަކީ ގިނަ ފަހަރަށް ކެއްސެކެވެ. އެއް ދުވަހެއްގެ އިރާކޮޅު ރަހުމެއް ނެތް މީހެއްގެ ނުބައި ރޭވުމެއްގައި އައިމިނަ ފަކީރު ޖަހައިގެން ގެންދިޔައީ އެވެ. އެކަމަކު އޭނާ އަކީ ދުވަހަކު ވެސް އެހެން ފުރާނައަކަށް ގެއްލުމެއް، އަނިޔާއެއް ދިނުމަށް ރޭވި އަންހެން ކުއްޖެއް ނޫނެވެ. އޭނާ ބޭނުންވީ ޔޫނާނީ ބޭސްވެރިއަކަށްވާށެވެ. އުމުރު ދުވަހު އޭނާ ދުށް ހުވަފެނަކީ އެއީ އެވެ.

ބޭސްވެރިޔަކަށްވުމުގެ އަޒުމު އޭނާ ކަނޑައެޅި ދެ ސަބަބެއް އޭގައި އޮތެވެ. ފުރަތަމަ ސަބަބަށްވީ ދެން ތިބި މީހުންނަށް ވެވުނު ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަނެއް ސަބަބަކަށްވީ އޭނާގެ ނިކަމެތި އާއިލާގެ އަގު އުފުލިގެންދާވަރުގެ މަސައްކަތެއް އަމިއްލަ އަށް ދަސްކުރުމެވެ. އެގޮތަށް ބެލިއިރު ޙަކީމުންނަކީ ރަށްރަށުން ޒިޔާރަތްކުރި މީހުންގެ ތެރެއިން އޭނާއާ ބައްދަލުވި އެންމެ ބާރުގަދަ މީހުންނެވެ. އެހެންކަމުން އައިމިނަ އަބަދުވެސް ބޭނުންވީ ބުރަކިރަނިއެއްހާ ކުޅަދާނަ ބޭސްވެރިއަކަށްވާށެވެ.

އެކަމަކު އޭނާގެ ބައްޕަ ދޮންރަހާ އާއި މަންމަ ސަންފާދިޔަ ގެންގުޅުނީ މުޅިން އެހެން ވިސްނުމެކެވެ. ފަގީރު އެދެމަފިރިން ގަސްދުކޮށްގެން ތިބީ ފުރާވަރަށް އަރައި ބާލިޣުވީމަ އައިމިނަ މީހަކާ ދެވައި އެމީހެއްގެ ގެއަށް ފޮނުވާލާށެވެ. އެ ދުވަސްވަރު ވިޔަފާރީގެ ދަތުރުތަކުގައި އަރަބި ކަރަ އާއި ސިލޯނާ ދެމެދު ދަތުރުކޮށް ރާއްޖެ އަށް ޒިޔާރަތްކުރި ޔަމަނުގެ ބޮޑު މަހުޖަނަކަށް ވެސް އައިމިނަ ވިއްކާލަން ދޮންރަހާ މަސައްކަތްކޮށްފައި އެބަހުއްޓެވެ.

ދޮންރަހާ އަކީ ރާވެރިއެކެވެ. ރަށެއްގެ ދަރަޖަތަކުން ބަލައި ތަރުތީބުކުރާ ނަމަ އެންމެ އާދައިގެ ފަގީރެކެވެ. އެހެންކަމުން އެ ނިކަމެތިކަމުން އަރައިގަތުމަށް ދޮންރަހާ އަށް އޭރު އޮތީ ހުރިހާ ގޮތެއް ވެސް ވަރިހަމަވެފަ އެވެ. ނަމަވެސް ދަންޖެހި ކުފުރުމަރެއްގައި މަރުވެދާނެ ކަމުގެ އިންޒާރު ސަންފާދިޔެ ދިނުމުން ޔަމަނުގެ މަހުޖަނަށް ދަރިފުޅު ވިއްކާލުމުގެ ވިސްނުން ދޮންރަހާ އެފަހަރު ދޫކޮށްލީ އެވެ.

ދެމީހުން ދެން އެއްބަސްވީ އައިމިނަޔަށް ތޭރަ ފުރޭ ދުވަހު އައްޑޫ އަތޮޅުން ފުދޭވަރެއްގެ އާއިލާއެއްގެ ދަރިއަކާ ދެވައި އެ އަތޮޅަށް ފޮނުވައިލުމަށެވެ. އެކަމަކު އެ ދުވަހަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ނިމިފައި ވަނިކޮށް ވީނުވީއެއް ނޭނގި އައިމިނަ ގެއްލިއްޖެ އެވެ. މަކުތަބަށް ދިޔަ ގޮތަށް އެ ދުވަހު އިރުއޮއްސި ހަތެއް ޖެހިއިރު ވެސް އޭނާ ގެއަށް ނައުމުން ދޮންރަހާ އާއި ސަންފާދިޔަ ވިސްނީ އެންމެ ހަސަދަވެރިވާނެ ދުރުހިލޭ މީހަކު ވެސް ވިސްނާނެ ގޮތަށެވެ. – ކައިވެންޏާ ދެކޮޅުހަދަންވެގެން އެ ކުއްޖާ ފަކީރު ފިލީ ކަމަށެވެ.

އެހިސާބުން އަނެއްކާވެސް ދޮންރަހާ އާއިލާގެ އަގު ރަށު މީހުންގެ މެދުގައި ވެއްޓުނީ އެވެ. އެ ދަރިފުޅަށް މަގުއޮޅުނީ ކަމަށް ނުވަތަ މީހަކު އޭނާ އަށް ގެއްލުމެއް ދިނީ ކަމަކަށް ހަމަ އެކަކު ވެސް ނުވިސްނަ އެވެ. ނުވަަތަ އެފަދަ ގޮތަކަށް ގަަބޫލެއް ވެސް ނުކުރެ އެވެ. އޭގައި އޮތީ އެންމެ ސަބަބެވެ. ދޮންރަހާގޭ އައިމިނަ ވީނުވީއެއް ނޭނގި ގެއްލުމުން ވެސް ރަށު މީހުންނަށް އެކަން ބޮޑު ކަމަކަށް ނުވީ ނުވަތަ އެ މައުސޫމް ފުރާނަ މުހިންމު ނުވީ ހަމަ ދޮންރަހާގޭ އައިމިނަ އަށް އޭނާވީމަ އެވެ.

އެހެންކަމުން އައިމިނަ އަށް ވީގޮތް ނޭނގިގެން ނުވަތަ ވީގޮތެއް ބަލަން ހަމަ އެކަކު ވެސް އެމީހުންގެ ގެއަކުން ނުނިކުމެއެވެ. އެކަމަކު އައިމިނަ ގެއްލުނު މައްސަލައާ މެދު ފިކުރުކޮށް ބޯގޮއްވި އެކަކު އެ ރަށުގައި ހުއްޓެވެ. އެއީ ރަށުގައި ކަމުވޮށިގެންވީ ކެލިދުރުގޭ މަޝްހޫރު ބާޖިސްކަލޯ އެވެ. ބިރުކުޑަކަމާއި ޖެހިލުންކުޑަކަމަށް މަޝްހޫރު މި ކަލޯ އަކީ އައިމިނައާ އެކުގައި މަކުތަބަށް ދިޔަ ޒައިނަބުކާނލޯގެ ބައްޕަ އެވެ. އެހެންވީމަ ރަށު މީހުންނާއި އައިމިނަގެ އަމާ އާއި މުސްކުޅި ދޮންރަހާ އަށް ވެސް ނޭނގޭ ބައިވަރު ވާހަކަތައް ބާޖިސްކަލޯ އަށްވީ އެނގިފަ އެވެ. މަންމަމެން ހޯދައިދިން މީހާއާ ކައިވެނިނުކުރަންވެގެން އައިމިނަ ފިލައިގެން ދިޔައީއޭ ބުނީމައި އެ ވާހަކައެއް ގަބޫލުކުރަން ބާޖިސް ބޭނުންނުވީ މިހެންވެ އެވެ.

ނަމަވެސް އޭރު މާބޮޑަށް ވެސް ލަސްވެއްޖެ އެވެ. އައިމިނަ ގެއްލުނުތާ ހަތް ދުވަސް ފަހުން ދޮންރަހާ އާއި ސަންފާދިޔަވެސް ގެއްލިއްޖެ އެވެ. އެކަމަކު މިކަން ވެސް ރަށު މީހުންނަށް މާ ބޮޑު ކަމަކަށް ނުވި އެވެ. ދެ ފަގީރުން ދަންވައްވަލުގައި ޖަންދެހިގެން މަރުވެ ކުނިވެފައި ވަނިކޮށް ފެނުނީ ދަނބު ބިންނަން ގޮސް އުޅުނު ދެ ކުއްޖަކަށެވެ.

ދޮންރަހާ އާއި ސަންފާދިޔަ ކުފުރުމަރަކުން ނެތިދިއުމަކުން އެކަމާ ހިތާމަކުރި ބަޔަކު ރަށަކު ނެތެވެ. އެކަމަކު އަވައްޓެރިއަކަށްވެ ހުރެ ދޮންރަހާގޭ އެ ކުޑަކުޑަ އާއިލާ އަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ފޯރުކޮށްނުދެވުނީތީ ބާޖިސްކަލޯ ހުރީ ފަހުން މޮޔަހީވެފަ އެވެ. އައިމިނަ ގެއްލުމުގެ ފަހަތުގައިވީ ހަގީގަތް ހޯދަން އޭނާ ނުކުތް އަނެއް ސަބަބަކީ މިއީ އެވެ.

އައިމިނައާ ބެހޭ ގޮތުން އޭނާ އެއްކުރި ހުރިހާ މައުލޫމާތެއް ހޯދީ ދަރިފުޅު ޒައިނަބުކާނލޯ ގާތުންނެވެ. އެ ދެ ކުދިންނަކީ އެންމެ ގާތް ދެ ރަހުމަތްތެރިންނަށްވީމަ އެވެ. އައިމިނަ ގެއްލުނު ދުވަހަކީ ޒައިނަބުކާނލޯ ބަލިވެގެން މަކުތަބަށް ނުގޮސް ގޭގައި އޮތް ދުވަހެކެވެ. އެކަމަކު ކޮންމެ ދުވަހަކު އައިމިނައާ ބައްދަލުނުވިޔަސް ބައްދަލުވި ކޮންމެ ދުވަހަކީ އައިމިނަ އަބަދުވެސް ޒައިނަބުކާނލޯ އަށް އާ ވާހަކަތަކެއް ކިޔައިދިން ދުވަހެކެވެ.

އެގޮތުން ކިޔައިން ވާހަކަތަކުގެ ތެރެއިން ބާޖިސްގެ ހިތަށް އެންމެ ބޮޑަށް ބިރުވެރިކަން ވެއްދި ވާހަކަ އަކީ މަކުތަބާ ޖެހިގެން އޮންނަ ފަޅުގޯތީގެ ތެރޭގައި ހުރި ޖަންބުގަހުގެ ހިޔަލުގައި މަޑުކޮށްލައިގެން އޮންނަ ކަޅުކުލައިގެ ބޮޑު ގިތަލެއްގެ ވާހަކަ އެވެ. އޭތީގެ ދެ ލޯ ރަން ރީނދޫ ކުލައިން ދިއްލިފައިވާ ވާހަކަ އާއި ކަޅިޖަހާނުލައި ބަލަން އޮންނަ ވާހަކަ އައިމިނަ ބުނެތެވެ. އެކަމަކު އެއީ އަސްލަށް ވާނެ ކަމެއް ނޫން ކަމަށް ބުނެ ހިނިގަނޑެއް ޖަހާލާފައި ޒައިނަބުކާނލޯ ބުނީ އެ ވާނީ އައިމިނަ އަށް ފެންނަ ހުވަފެނެއްގެ ވާހަކަ ކަމަށެވެ. އައިމިނަގެ ވާހަކަ ފުލޯކަކަށް ހަދަން ޒައިނަބުކާނލޯ މަސައްކަތްކުރިޔަސް މަކުތަބުން ނުކުމެ ބައެއް ދުވަސްދުވަހު ކަޅިޖަހާނުލައި އައިމިނަ ވެސް ޖަންބުގަހާ ދިމާލަށް ބަލަހައްޓައިގެން ހުންނަ މަންޒަރު ޚުދު ކާނލޯއަށް ވެސް ފެނިފައި އެބަހުއްޓެވެ.

ބާޖިސް ޝައުގުވެރިކުރުވި އަނެއް ވާހަކައަކީ އެއް ދުވަހަކު މަކުތަބަށް ދިޔައިރު އައިމިނަގެ ބޮލުހުޅީގައި ހަރުކޮށްފައި ހުރި ނިކަން ރީތި ބޮޑު ޖަންބުމަލެއްގެ ވާހަކަ އެވެ. ކާކުދިން މަލެއްތޯ ޒައިނަބުކާނލޯ ސުވާލުކުރުމުން އައިމިނަ ބުނިކަމަށްވަނީ އެއީ މަގުމަތިން ދިމާވި ރީތި ފިރިހެން ކުއްޖަކު ދިން މަލެއް ކަމަށެވެ. އަދި މަންމަމެން ދައްކާ މީހަކާ ނުއިނދެ އެކަހަލަ ރީތި ޒުވާނެއްގެ އަންބަކަށް ވެވޭނެ ނަމަ ކިހާ ރަނގަޅުވީސްހެއްޔޭ ކިޔައިގެން ވެސް އައިމިނަ އެ ދުވަހު ތުންތެޅުވި ކަމަށް ޒައިނަބުކާނލޯ ބުންޏެވެ.

މި ވާހަކަތަކުން ކަންބޮޑުވެގެން ގޮސް ބާޖިސްކަލޯ އެންމެ ފުރަތަމަ ވެސް ކުރިކަމަކީ އޭނާގެ އަންހެން ދަރިފުޅު މަކުތަބަށް ދިއުން ހުއްޓުވާލުމެވެ. އެއަށް ފަހު ޖެހިގެން އައި ދުވަހު އޭނާ ދިޔައީ ފަޅުގޯތި ތެރޭގައި ހުރި ޖަންބުގަސް ދޮށަށެވެ. މިއީ އާންމުކޮށް ރަށު މީހުން ގޮސް އުޅޭ ނުވަތަ ދާން ކެރޭ ހިސާބެއް ނުވަތަ ތަނެއް ވެސް ނޫނެވެ.

އެ ފަޅު ގޯތި ވަނީ މުޅިން ވީރާނާވެ ހަސްނެތިފަ އެވެ. ފަން ޖިފުޓި އަނދައި އަޅިއަށްވެފަ އެވެ. ފެން ބޭނުންކުރުމަށްޓަކައި ބިންގަނޑު ކޮނެގެން ފެންގަނޑު ތެރޭގައި ބަހައްޓާފައި ހުރި ފީފާ ބުރިއެއް ވެސް ދަބަރަށް ގޮސް ފީވެފައިވާ މަންޒަރު ދުރުން ފެނެ އެވެ. އެ ދިމާލުން ފެންނަން ހުރި އުވަފާރުބުރިއެއް ކައިރިއަށް ވެއްޓިފައި އޮތް ބައު ބައިސިކަލުގަނޑެއް ވެސް އޮތެވެ. ޖިފުޓި އާއި ވަޅު ހުރި ހިސާބުގައި އެންމެ ވިނަކޮޅެއް ވެސް ހެދިފައި ނެތެވެ. އެކަމަކު ބާޖިސްކަލޯ ބޯހިއްލައި މައްޗަށް ބަލައިލުމުން އޭނާ އަށް ފެންނަނީ މޭވާ އަޅަން ފޯދިފައިވާ ބިޔަ ބޯ ޖަންބުގަހެކެވެ. އެކަމަކު އޭގެ ހަމަ އެންމެ މަލެއް ވެސް މޭވާއަކަށް ބަދަލެއް ނުވާނެ އެވެ. ބާޖިސްކަލޯ ފަދައިން އެ ހަގީގަތަށް ރަށު އެންމެން ވެސް ދަނެ އެވެ.

ޖަންބު ގަހާއި ފަޅު ގޯތީގެ މި ހިޔާލުތަކެއްގެ ތެރެއަށް ގެނބިގެން ގޮސްފައި ވަނިކޮށް ބާޖިސްކަލޯގެ ސަމާލުކަން އަނބުރާލީ މަކުތަބުގެ ރަނގަބީލުގެ އަޑަށެވެ. އޭރު ފިލިފޮތާއި ފިލާތައް ކިހިލީގައި ޖަހައިގެން ފުރާވަރުގެ އަންހެން ކުދިންގެ ބައިގަނޑެއް މަކުތަބުން ނުކުމެގެންދާ މަންޒަރު ފެނެ އެވެ.

ރަތްވިލާގެ ކުލަ ވެއްޓި މަޑުމަޑުން ކަނު އަނދިރިކަމެއްގެ ތެރެއަށް ރަށް ގެނބެން ފެށުމުން ބާޖިސްކަލޯ ހިނގައިގަތީ މިސްކިތްމަގާ ދިމާލަށެވެ. އެވަގުތު ފަޅުގޯތީ ޖަންބުގަހުން ކުއްލިއަކަށް އުދުހިގެން ދިޔަ ކާޅުގަނޑެއް އޭނާގެ މުޅި ގަޔަށް ގުއިރަވާލާފައި ގޮސް ގަސްތަކުގެ ތެރެއަށް ވަދެ ގެއްލިއްޖެ އެވެ.

މަޣްރިބަށް ގޮވިއަޑުއިވުމުން ދެ ހިޔާލެއްގައި ހުރެފައި ބާޖިސްކަލޯ ނިންމީ ފުރަތަމަ ގެއަށް ގޮސް ފެންވަރާލައިގެން ދެން މިސްކިތަށް ދިއުމަށެވެ. މިހެން ހިތަށް އަރައި އޭނާ ގެއަށް ދާން އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ.

** ** **

މަކްތަބަށް ނުގޮސް މަސް ދުވަސްވުމުން ޒައިނަބުކާނލޯގެ ހަޔާތަށް ވެރިވެފައިވާ އެކަނިވެރިކަމާއި ފޫހިކަމުން އަރައިގަތުމަށް މަންމަގެ ހުއްދައާ އެކު އޭނާ ދިޔައީ ތޫނޑިއަށެވެ. އިރުއޮއްސުނު ހިތްގައިމު މަންޒަރަށް ފަހު ވެރިވެގެން އައި އަނދިރިކަމާ އެކު ދަށްބަނޑުގައި ކުއްލިއަކަށް ނިކަން ގަދަ އަށް ރިއްސަން ފެށުމުން ޒައިނަބުކާނލޯ ތެޅިފޮޅެމުން ދުއްވައިގަތީ ގެއަށެވެ.

މާނޭވާލަމުން ގޮސް ގެއަށް ވަންއިރު ބަދިގެ ތެރޭގައި ގަރުދިޔަ ތެއްޔެއް އުދައިގެން މަންމަ އަވަދިނެތި އުޅެ އެވެ. އެކަމަކު މަންމަ އަށް ނުގޮވައި އެ ބާރުމިނުގައި ގޮސް ޒައިނަބުކާނލޯ ވަނީ ގިފިއްޔަށެވެ. އޭރު ހީވަނީ ބަނޑުކޮޅު އިރައިގެން އެތެރޭގައިވީ ގުނަންތައް ފައިބާން އުޅޭހެނެވެ.

އެތެރެއަށް ވަދެ ތަންޑުއެޅުވިގޮތަށް ޒައިނަބުކާނލޯ ލިބާސް ބާލައިފި އެވެ. އެއަށްފަހު ދެން ފެނުނު މަންޒަރާ ހެދި އޭނާ އަށް ހިރިލަން ވެސް ނުކެރުނެވެ. ލައިގެން ހުރި ޖަނގިޔާގަނޑު ލެއިން ކަޅިވެ، ފޫދިގެން ނަރުދެމެމުން ދެފައިދެގޯޅިއަށް ނިކަން އޮލަކޮށް ލޭ ފައިބަނީ އެވެ.

އެ ބިރުވެރިކަމުގައި އޭނާ އަށް ހަޅޭލަވައިގަނެވުނީ ފުޅަށްމަތިން ގިފިއްޏަށް ފުންމާލި ކަޅުކުލައިގެ ބޮޑު ގިތެލެއް ފެނިގެންނެވެ.

ޒައިނަބުކާނލޯގެ ތޫލިއަޑު ގޮސް ބަދިގެއާ ހަމަ އަށް ފޯރިވަގުތަކީ އޭނާގެ ބައްޕަ ވެސް އައިސް ގެއަށް ވަން ވަގުތުކަމުން ދަރިފުޅުގެ އަޑަށް ގިފިއްޔާ ދިމާލަށް ދުއްވައިގަނެވުނީ ބާޖިސްކަލޯގެ ދެމަފިރިންނަށް އެކުއެކީގަ އެވެ. ނަމަވެސް އެ ދިޔަ ބާރު މިނުގައި އެމީހުންނަކަށް ގިފިއްޔަކަށް ވަދެވޭ ގޮތެއް ނުވި އެވެ. އަދި ދަރިފުޅުގެ ހިލަމެއް ވެސް އެތެރެއިން ވާހެން ހީނުވެގެން ބާޖިސްކަލޯ އަށް ޖެހުނީ އެންމެފަހުން ކޮނޑުން ޖަހައި ގިފިލީގެ ދޮރުފަތް ލުހެލާށެވެ.

ދޮރު ހަލާކުކޮށްލައިގެން ދެމަފިރިންނަށް އެތެރެއަށް ވަދެވުނުއިރަކު ޒައިނަބުކާނލޯއެއް އެތަނަކުނެތެވެ. އަދި އިތުރު އެހެން އެއްޗެއް ވެސް ފެންނާކަށް ނެތެވެ. ފެންނަހުރި ހަމައެކަނި ނިޝާނަކީ ލެއިން ހެދިފައިވީ ފިޔަވަޅުތަކެއްގެ ކުރެހުމެވެ. އެ ފިޔަވަޅުތައް ގޮސް ނިމިފައި ހުރީ ފުޅަށް ކައިރިއަށެވެ. އެތަނުގައި ޖަންބުމަލެއް އޮތެވެ. އެއަށް ހިނި އަރަމުން ދަނީ އެވެ.

ލޭގެ އެ ފިޔަވަޅުތައް ނިމުނު ގޮތް ފެނި ލޭ ކެކިގެން ގޮސް ބާޖިސްކަލޯ ދުއްވައިގަތީ ބަދިގެއަށެވެ. ބަދިގެ އަށް ވަދެ އަތު ޖެހުނު އެންމެ ބޮޑު ކަތިވަޅިއެއް ނަގައިގެން ފުޅިބައްތިއެއް ރޯކޮށްލައިގެން އޭނާ ވަދެގެން ދިޔައީ ގިފިލި ފަހަތުގައި އޮތް ބޮޑު ނިކަވަލަށެވެ. އެ މަންޒަރު ބަލަން ހުރެފައި ހޯބޯލައްވަމުން ބާޖިސްކަލޯގެ އަންހެނުން ދުއްވައިގަތީ ރަށުތެރެއަށެވެ. އެނބުރި އައީ ޖާނުން ވަރުގަދަ ޒުވާނުންނާއި ކެލިދުރު އާއިލާގައި ތިބި ފިރިހެންވެރިންތައް ގޮވައިގެންނެވެ.

އެއަށް ފަހު މި އެންމެން ވެސް ވަޅި އާއި ކަތިވަޅި ހިފައި، ފުޅިބައްތި ރޯކޮށް ނިކަވަލަށް ވަދެގެން ހިނގައިގަތެވެ. އެމީހުންނާ ފުދޭވަރަކަށް ދުރުން ފުޅިބައްތިއެއްގެ ފުސް އަލިކަމުގައި ބާޖިސްކަލޯ ފެނެ އެވެ. އޭރު ނިކަވަލުތެރެއިން ގޮސް އޭނާ ރަށުގެ ބޮޑު ކުޅިއަށް ފައިބަނީ އެވެ.

އެހިސާބުގަނޑަށް ފެތުރިފައި އޮތް ބޯ ދުންފިނިގަނޑާ ހެދި ދެވޭނުދެވޭ ހިސާބެއް، ތަނެއް ވަކިވާވަރެއް ވެސް ނޫނެވެ. ބާޖިސްކަލޯ ފަހަތުން ދިޔަ ޒުވާނުންނާއި ކެލިދުރު އާއިލާގެ އެހެން ބެއިންތަކަށް އެންމެފަހުން އޭނާއާ އަރާހަމަކުރެވުނުއިރު ކުޅީގެ ނިކަން ބޭރަށް އެމީހުންނަށް ދެވިއްޖެ އެވެ. އޭރު އެމީހުންގެ ކުރިމަތީގައި އޮތް ފެންގަނޑެއް ނިމިގެން އުސްބިމެއްގެ ގޮތުގައި އުފެދިފައި އޮތް ހިސާބަކުން ތިރި ޖިފުޓިގަނޑެއް ފެނެ އެވެ.

މި ޖިފުޓިގަނޑު ފެނި ބައެއް މީހުންގެ ހިތްތަކަށް ބިރުވެރިކަން ވަދެ އެންމެން އެއްތަނަކަށް ޖަމާވެގަތެވެ. އެވަގުތު އެނބުރިގަތް ފިނި ރޯޅިއަކާ އެކު ބައެއް ފުޅިބައްތިތައް ނިވިއްޖެ އެވެ. އެކަމަކު ވެސް ބާޖިސްކަލޯ އެންމެ ފިޔަވަޅެއް ވެސް ފަހަތަކަށް ނޭޅި އެވެ. ފުޅިބައްތިއާއެކު ފެންގަނޑު ތެރެއަށް ފައިބައިގެން ގޮސް އުސްފަސްގަނޑުގައިވީ ޖިފުޓިއަށް އެންމެފަހުން އޭނާ ވަދެއްޖެ އެވެ.

އޭގެ އިރުކޮޅެއްފަހުން ފެނުނީ ސިހިގެން ކަހަލަ ގޮތަކަށް އޭނާ ޖިފުޓިގަނޑުން ބޭރަށް ނުކުތްތަނެވެ. އަދި ފައި ރަނގަޅަށް ހަރުނުލައިގެން އުޅެނިކޮށް ކައްސައިލައިގެން ގޮސް ފެންގަނޑު ތެރެއަށް އުޑުތިލަމަތިން ވެއްޓި އަތުން ދޫވި ފުޅިބައްތި ނިވިގެން ފެނުއަޑިއަށް ގެނބި ގެއްލުނު މަންޒަރެވެ. އެވަގުތު ދުރުގައި ތިބި މީހުންތައް ކުރު ފިޔަވަޅުތަކެއްގައި ދުވެފައި ގޮސް ބާޖިސްކަލޯ އޮތްދިމާލަށް ފުޅިބައްތިތަކުން އަލިކޮށްލި އެވެ.

ދެން ފެނުނީ ރޯމަހެއް ފަދައިން ތެޅިގެންފައި އޭނާ ފުންމައިގެން ތެދުވެ އެކުގައިވީ މީހުންގެ ގާތަށް ދުއްވައިގަތްތަނެވެ. ބިރުކުޑަ ކަމަށް މަޝްހޫރު ބާޖިސްކަލޯ ހެދިގަތްގޮތުން އެންމެން ވެސް ތިބީ ހައިރާންވެފަ އެވެ. އެކަމަކު މި އެންމެންގެ ހިތްތަކަށް އެބިރުވެރިކަން ވަނީ ފެންގަނޑާ ދިމާލަށް ފުޅިބައްތިތައް ދިއްކޮށްލުމުން އެދިމާލުން ފެންމަތިވި ދޮންރަހާގޭ އައިމިނަގެ ގަބުރު ދައްކާލުމުންނެވެ. (ނުނިމޭ)

--------------------------------

* ކުރިއަށް އޮތް ޗެޕްޓާ: މުސީބާތް

ދިގު ވާހަކަ ކުޅި، ކިސަޑު، ލޭ

Popular