21 Jul 2018

ދުރުގައި ވިޔަސް

ދުރުގައި ވިޔަސް

* ޖުލައި 17 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"ސޮރީ" އާނާ ހިތާއި ހިތުން އެ ލަފްޒު ކިޔާލިއެވެ. ކަރުދާސްކޮޅު މުށުތެރެއަށްލަމުން ނިކްހާ ކޮބައިތޯ ބަލާލިއިރު މަންމަ ދައްކާ ވާހަކަ އަޑު އަހަމުން ސިޓިންރޫމަށް ނިކުންނަނީއެވެ. ނިކްހާ ދަނީއޭ ބުނުމުން ޒައިނަބު ދޮރާއި ހަމަޔަށް ފަހަތުން ދިޔައެވެ. ސޯފާގައި އިން އުނޭސް ބަލައިލި ވަގުތު އާނާ ހަނާއަޅައިލިއެވެ. އުނޭސް ގޮސް އާނާ ކައިރީގައި ހުއްޓުމުން އޭނާ ދިއްކޮށްލީ ނޯޓްކޮޅެވެ.

"އެހެންވެ އެއައީ." އުނޭސް ރުންކުރު ރާގަކަށް ބުނެލިއެވެ.

"އެޓްލީސްޓް ޝީ ސެއިޑް.." އާނާ ވިސްނައިދޭރާގަކަށް ބުނެލިއެވެ.

"އިޓް ވޯންޓް ހީލް، ސޮރީ އިޒް ނޮޓް އިނަފް، " އުނޭސްގެ ހިތް ނުރުހުނެވެ.

"މަޢާފަށް އެދޭ މީހާއަށްވުރެ މަޢަފްކުރާމީހާގެ ދަރަޖަ މަތިވެރި، އެހެން ވިއަސް ނިކްހާ މަޢާފަށް އެދުމުން ދޭހަވަނީ އޭނާ އަހަރެމެންނަށް ޤަދަރު ކުރާކަން. " އާނާ އެކަންތައް ފޮހެލީ ވަރަށް ފަސޭހައިންނެވެ، އިއްޔެ ނިކްހާ އިއްވި ބަސްތަކުން އޭނާގެ ހިތުގައި ނުޖެހެނީކީ ނޫނެވެ. ރޭގައި އޭނާގެ ނިދިވެސް ވަކިވީ އެކަންތައްތަކުގެ ސަބަބުންނެވެ. މިއަދުގެ މޫޑްވެސް މުޅިއަކުން ރަނގަޅެއް ނޫނެވެ. އެކަމަކު ނިކްހާ މަޢާފަށް އެދުމުން އޭނާގެ ހިތުގައި ލީ ހުރިހާ ޒަޚަމެއް ފަސޭހަވީ ފަދައެވެ. ހިތްތިރިކޮށްލެވުނީ ޝަކުވާއަކާއި ނުލައެވެ.

އުނޭސްގެ ހިތް އެކަމާއި ދެކޮޅު ހެދިއެވެ. ނިކްހާއަށް މަޢާފްކުރާ ޚިޔާލެއް ނެތެވެ. ކުރިން އުނޭސް މަޢާފަށް އެދުނު ދެ ފަހަރުވެސް ކީ އެއްޗެހި މަތިން ހަނދާންވިއެވެ. ނިކްހާ ކުރި ކޮންމެ ކަމެއް ވަކި ވަކިން އެހިތުގައި ބިންވަޅު ނެގެމުން ދިޔައެވެ. އާނާއަށް އެއްވެސް ކަމެއް ނުވިސްނޭނެއެވެ. ކޮއްކޮ ހިތުގައި ޖެހިދާނެތީ ކިޔައިދޭން އުނޭސް ބޭނުމެއް ނޫނެވެ.

"ކޮފީ ތައްޓެއް ގިރައިދެންތަ؟" ޒައިނަބުގެ އަޑަށް އުނޭސް ބަލާލިއެވެ.

"އެކުއްޖާ ގެނައި ހެދިކާއެއް ރަހަ ބަލާބަލަ." ޒައިނަބު މޭޒާއި ކައިރިވަމުން ބުނެލިއެވެ. ތަށީގެ މަތި ނަގަމުން ހެދިކާއެއް ނަގައި އަނގައަށް ލިއެވެ. ރަހަ އެނގުމާއި އެކު އަޑެއް ލައްވައިލީ އޭގެ ރަހަ ފުރިހަމަކަން އަންގައިދިނުމުގެ ގޮތުންނެވެ. އުނޭސް ކައިރީ ހެދިކާ ކާން ބުނެލިއެވެ. އުނޭސް ދެކޮޅު ހެދިއެވެ. ބަނޑުހައި ނުވާކަމަށް ބުނެލިއެވެ. ބަނޑުހައި ނުވާތީއެއް ނޫނެވެ. ނިކްހާ ގެނައީތ ކާން ބޭނުން ނުވެގެންނެވެ. އާނާ ހެދިކާއެއް ނަގައި ކާލިއެވެ.

ޖޯލިފަތީގައި މޫނު މައްޗަށް ނަގައިގެން އޮތް ނަހީކު އޮތީ ވިސްނުމެއްގެ ތެރޭގައެވެ. އޭނާ ލައިގެން އޮތް ޖެކެޓް ޖީބުން ހުދު ކުލައިގެ ފިނިފެންމަލެއް އޮތީ ފެންނާށެވެ. މިއަދުވެސް ނަހީކު އައީ އާނާއަށް މަލެއް ހިފައިގެންނެވެ. އިއްޔެ ފަދައިން މިއަދު އެ ސޫރަ ނުފެނި ދުވަސް ނިމިއްޖެނަމަ އޭނާއަށް ހަމަޖެހިގެން ނޭވާވެސް ނުލެވޭނެއެވެ.

ދޮރު ހުޅުވުނު އަޑަށް ނަހީކުގެ ނަޒަރު ހުއްޓުނީ އެދިމާލަށެވެ. ޒައިނަބު އާއި އެކު އާނާ ޓެރަސްއަށް ނިކުތެވެ. ނަހީކު ފެނުމުން ޒައިނަބު ލަސްނުކޮށް ގޮވައިލިއެވެ. ނަހީކު ޖަވާބު ދިނެވެ. ޒައިނަބު ކައިރީ ހާލު އެހިއެވެ. ރަނގަޅޭ ބުނެފައި ޒައިނަބު ވަނީ އެތެރެއަށެވެ. ނަހީކު ތެދުވެގެން އައިސް ހުއްޓުނީ އާނާގެ ކުރިމަތީގައެވެ. ޖެކެޓުން މާ ނަގައި ދިއްކޮށްލިއެވެ.

"މިއަދު ނުކުރާނަން އެއްވެސް ސުވާލެއް." މަލުގައި ނުހިފާ ބަލަން އިންނަން ފެށުމުން ނަހީކު ބުނެލިއެވެ. އާނާ ހީލިއެވެ. މަލުގައި ހިފީ ދެނެވެ. އިއްޔެ ނައީ ކީއްވެތޯ ނަހީކު އަހާލިއެވެ. އާނާގެ ހިނިތުންވުން މިލައިގެން ދިޔައެވެ. އެ ކަންތަކުގެ ވާހަކަ އާނާ ދައްކާ ހިތެއް ނެތެވެ.

" އިއްޔެ ވެސް މަލެއް ގެނައިންތަ؟" އާނާގެ މޫނަށް ބަލާލާފައި ނަހީކު ބޯޖަހައިލިއެވެ.

"އަހަރެންގެ ބޭނުން ކޮންމެ ދުވަހަކުވެސް އާނާ އަށް ތިއީ ކިހާ ޚާއްސަ މީހެއްކަން އިހްޞާސްވާން." ނަހީކުގެ ކަޅި ހުއްޓިފައި ހުރީ އާނާގެ މޫނަށެވެ. މަލުގެ ފިޔަތަކަށް ބަލަން އިން އާނާގެ މޫނުމަތިން އުފާވެރިކަން ފެނެއެވެ. އެ ހިނިތުންވުމުން ނަހީކުގެ ހިތް ފުރިދެއެވެ.

"ކޮންމެ ދުވަހަކު މަލެއް ނުގެނަޔަސް އެވަރު އެނގޭ، އަހަރެން ހަނދާން އެބަހުރި އަހަރެން އައިސްކުރީމް ބޯ ހިތްވަނީއޭ ބުނި ދުވަހަކު ވާރޭގައި ތެމިގެން ގޮސް އައިސްކުރީމް ގެނެސްދިން ދުވަސްމަތިން، " އާނާ ސިފަކޮށްދިނީ ނަހީކުގެ ހިތުން ނުފިލާ އޮތް ދުވަހެކެވެ. އާނާއަށްޓަކައި އެދުވަހުވެސް އޭނާ ފަހެއް ނުޖެހުނެވެ. ސްކޫލުގެ ޔުނީފޯމާއި އެކުވެސް ތެމެން ފަހެއް ނުޖެހުނެވެ. ހަމައެކަނި އާނާއަށް އައިސްކުރީމް ގެނެސްދިނުމުން ބާކީ ތިބި އެކުވެރިން ދިމާކޮށް ހެދުމުން ނަހީކު ހީކުރީ އޭނާ ހިތުގެ މުރާދު އާނާއަށް އިހްޞާސްވާނެކަމަށެވެ.

" އާނާ، އައި ހޭވް ފީލިންގސް ފޮރ ޔޫ، އަހަންނަށް އާނާ ވަރަށް ޚާއްސަކަން އެނގެއެއްނު، ކީއްވެ ނާހަނީ ސަބަބު؟ އެނގޭކަށް ބޭނުމެއް ނޫންތަ؟ އެކަން ހާމަކުރަން ފުރުޞަތެއް ދީބަލަ، " އާނާގެ ކުރިމަތިން ދުރަށް ޖެހިލަމުން ނަހީކު ވާހަކަ ދެއްކީ އަމިއްލަ ހިތާއެވެ. ބަނޑާއި ހަމަޔަށް ނަގާފައި ހުރި ފާރުކައިރީ ހުއްޓެމުން އޭނާގެ މޫނު ބެހެއްޓީ މަގުމައްޗަށެވެ.

"ކޯއްޗެއްތަ ބަލަނީ؟" ނިދިފައި އޮވެފައި ހޭލެވުނު މީހެއް ފަދައިން ނަހީކު ސިހިގެން ދިޔައީ އާނާގެ އަޑަށެވެ، ދެއަތުން ގޮނޑި އަނބުރަމުން އޭނާ އައިސް ނަހީކުގެ ކައިރީ ހުއްޓުނެވެ. ޖަވާބެއް ނުދީ ނަހީކު ބަލައިލީ މަގުމައްޗަށެވެ. އޭނާގެ ހިތް ފަދައިން ހަލަބޮލިވެފައިވާ މަގުތަކުގައި ދުއްވާ އެއްޗެހި ގިނަކަމުން ހުސްތަންކޮޅެއްވެސް ނެތެވެ.

"އަހަރެންވެސް ބޭނުން ބަލަން، " ނަހީކުގެ ސަމާލުކަން އާނާއަށް ދެވުނީ އޭނާ އަމިއްލައަށް ތެދުވަން އުޅުމުންނެވެ. އެވަގުތަކީ ޓެރަސްއަށް ވަންނަން އުނޭސް އައިސް ދޮރު ހުޅުވި ވަގުތެވެ. ގޮނޑިން ތެދުވަން އަމިއްލައަށް އުޅުނު އާނާ އަރި އަޅައިލިއެވެ. ނަހީކުގެ އެހީތެރިކަން ނުލިބުނު ނަމަ އޭނާ ވެއްޓޭނެއެވެ. ނަހީކުގެ އެއް އަތް އާނާގެ އުނަގަނޑުގައި ވަށާލާ އެ ހަށިގަނޑު ތެދުކޮށްލައދިިނެވެ.

"ކޮޅަށް ހުރެވޭނެ؟" ނަހީކު އަހާލިއެވެ.

"އިފް ޔޫ ހެލްޕު" އާނާ ގެ އަތްވެސް ނަހީކުގެ އުނަގަނޑުގައި އަޅުވާލަމުން ހަށިގަނޑު ދަމާލިއެވެ. ދެމީހުން އެކަކު އަނެކަކުގެ ގައިގައި ޖެހި ފިތިގެން ދިޔައެވެ. ވައިރޯޅިއެއް ދަތުރުކުރާނެ ޖާގަވެސް އެދެމދުގައި ނުވެއެވެ. ދޮރުމަތީ ބަލަން ހުރި އުނޭސް ހިނގައިގަތީ ގޭތެރެއަށެވެ، އެތަނަށް ނިކުންނަ ޚިޔާލު އޭނާ ދޫކޮށްލިީއެވެ.

އޮފީސް ނިމިގެން ގެއަށް އައި ނިމާލްގެ ލޮލުގައި ކާރުން ފޭބި ވަގުތު އަޅައިގަތީ ޓެރަސްގައި ތިބި ނަހީކު އާއި އާނާއެވެ. އެދެމީހުން ދުރު ބަލަން ތިބެގެން ހީހީފައި ވާހަކަ ދައްކަނީއެވެ. ކާރުން ފޭބިގޮތަށް އެތަން ބަލަން ނިމާލްއަށް ހުރެވުނެވެ. ދެން އެތެރެއަށް ދާން ހިނގައިގެންއިރު އުނޭސް ލައިގެން ހުރި އަތްދިގު ޓީޝާރޓްގެ އަތްކުރި އިޮޅަމުން ސިޑިން ފައިބަނީއެވެ. އަބަދުވެސް އިސްތަށިގަނޑު ދޫކޮށްލާފައި ބެހެއްޓި ނަމަވެސް މިވަގުތު އޮތީ އައްސާފައެވެ. ނިމާލް ފެނުމުން ހިނގުން އަވަސްކޮށްލިއެވެ. އޭނާ ދަންދެން ނިމާލް ބަލަން ހުއްޓެވެ، އުނޭސް ފެނުމުން ހަނދާންވީ ޝަކީލްގެ ބަސްމަގު އެ ދުވަހު ހުރިގޮތެވެ. ނިމާލްގެ ހިތަށް ފޫހިކަމެއް ވެރިވިއެވެ. އެއީ ބައްޕައަކު ދަރިންނާއ މެދު ވާހަކަ ހުންނަން ޖެހޭ ގޮތެއް ނޫނެވެ. މައިންބަފައިންގެ ލޯތްބަކީ ކޮންމެ މީހެއްގެ ނަޞީބުގައި ހުރި ކަމެއް ނޫނެވެ. އެ ލޯބިން މަހްރޫމްވަނީ އެމީހުން މި ދުނިޔެ ދޫކުރުމުން ނޫންކަން މިއަދު އޮތީ ފެންނާށެވެ.

ނިމާލް އެތެރެއަށް ވަންއިރު ނިކްހާ އިނީ ޓީވީ ބަލާށެވެ. ނިމާލް ފެނުމުން ސައިބޯން އަހާލިއެވެ. ބޭރުން ސައިބޮއިގެން އައީކަމަށްބުނެ ނިމާލް ހިނގައިގަތީ ކޮޓަރިއަށެވެ. ނިކްހާ ޓީވީ ނިއްވާލާފައި ތެދުވިއެވެ. އޭނާ އިނީ ބޭރަށް ދާން ތައްޔާރުވެގެންނެވެ. ރީީމާ ގުޅާފައި އަންނާށޭ ބުނެފައި އޮތް ނަމަވެސް މަޑުކޮށްލީ ނިމާލް އައުމުން ސައިދީފައި ދާށެވެ.

ރީމާއާ ބައްދަލުވަނީ ދުވަސްކޮޅަކަށްފަހުއެވެ. ޕާރޓީއަށްފަހު އެދެމީހުން ބައްދަލުވާ ފުރަތަމަ ފަހަރެވެ. ނިކްހާ ނިކުންއިރު ރިމާ ހުރީ ބޭރުގައެވެ. ދެމީހުން މަޑުމަޑުން ކުރިއަށް ދިޔައެވެ. ފަހަތުން ސައިކަލެއްގެ ބަރުގޮނު އަޑަށް ރީމާ ފަހަތް ބަލާލިއެވެ. ދެން މޫނު ހަދައިގެން ހުރެ ނިކްހާގެ އަތުގައި ހިފާ ބާރަށް އަންނާށޭ ބުނެލިއެވެ. ނިކްހާ ފަހަތް ބަލާލިއިރު އެމީހުންނާއި ދިމާލަށް ސައިކަލުގައި އަންނަނީ ސިމްދާދެވެ. އޭނާގެ ފަހަތުގައި އިން އުނޭސް އިސްކޮޅު ދިގުކަމުން އިނީ ފެންނާށެވެ.

"އައި އެމް އިގްނޯރިން ހިމް. އޯ ގޯޑް.." ރީމާ ގެ ހިތް ނުތަނަވަސްވަމުން ދިޔަކަން އެނގެއެވެ.

"އެރެ ޕާރޓީއަށްފަހު އަހަރެން މިހުންނަނީ ސިދު ދެކެ ވަރަށް ރުޅި އައިސް، ހައު ކުޑް ހީ ޓްރައި ޓު ގިވް ޑްރަގުސް ޓު މައި ފްރެއިންޑް، " ރީމާ ފިލަން ބޭނުންވި ސަބަބުވެސް ކިޔައިދިނެވެ. އެދެމީހުންގެ ފިޔަވަޅުތައް ދުއްވާފައި އައި ސައިކަލަށްވުރެ ހަލުވިއެއް ނުވިއެވެ. ސިމްދާދު އަރާ ހަމަކޮށް ރީމާއަށް ގޮވައި މަޢާފަށް އެދެން ފެށިއެވެ. ރީމާ އަނގައިން ނުބުނާހެން ހީވުމުން ސައިކަލު މަޑުކޮށް ފޭބިއެވެ. ދެން ރީމާގެ އަތުގައި ހިފާ ދަމައިގަންނަމުން ހިނގައިގަތީ މަގުގެ އަނެއްފަރާތަށެވެ. ނިކްހާއަށް ބަލައިލެވުނީ ސައިކަލުން ފޭބި އުނޭސްއަށެވެ.

އަތްދިގު ޓީޝާރޓެއްގައި ހުއްޓާ މި ފެނުނީ ފުރަތަމަ ފަހަރަށެވެ. އިސްތަށިގަނޑު އައްސާފައި އޮތުމުން އުނޭސް އާއި ވަރަށް ގުޅޭހެން ހީވެއެވެ. ސައިކަލުން ފައިބާ އުނޭސް ދެއަތް ޖީބަށް ޖަހައިގެން އައިސް ނިކްހާގެ ކައިރީ ހުއްޓުނެވެ. އުނޭސް މޫނު އަނބުރައިލީ ދުރަށެވެ. ނިކްހާއަށް ހުރެވުނީ އުނޭސްއަށް ބަލާށެވެ. މަގުގެ އަނެއްފަރާތުގައި ތިބި ރީމާ އާއި ސިމްދާދު ގަދައަށް ޒުވާބުކުރާހެން ހީވެއެވެ. ރީމާގެ އަތުގައި ހިފަން ސިމްދާދު މަސައްކަތް ކުރެއެވެ. އެ ފުރުޞަތު ރީމާ ނުދެއެވެ.

"ކަމެއް ގޯސްކޮށް ކޮށްފައި މަޢާފް ހޯދުމަކީ ފަސޭހަ ކަމެއް ނޫން.." އުނޭސްގެ ބަރު އަޑު ނިކްހާގެ ކަންފަތުގައި ޖެހުނެވެ. ނިކްހާ އިސްއުފުލާ ބަލާލިއެވެ. އުނޭސް ދިގުކަމުން ފުދޭވަރަކަށް މޫނު މައްޗަށް ނަގަން ޖެހެއެވެ.

"ބައެއް މީހުންނަށް މަޢާފަށް އެދުނީމައި މަޢާފްކުރަން ނޭނގެނީ.." ނިކްހާ އެ ބުނި ބަސްތައް ރައްދުވަނީ ހުދު ނިކްހާ އަށޭ ބުނަން އުނޭސް ހިތަށް އެރިއެވެ.

"ބިކޯޒް ސަމް ޑޯންޓް ޑިޒާރވް އިޓް" އުނޭސް ބުނެލިއެވެ. އެއީ ނިކްހާއަށް ކުރި މަލާމާތެއްކަން އެނގެއެވެ. ނިކްހާ ހިތުގައި ޖެހުނެވެ.

ނިކްހާ ނޭފަތް ދަމާލިހެން ހީވެ ނިކްހާ އާއި ދިމާލަށް އުނޭސްއަށް ބަލަން މަޖުބޫރުވިއެވެ، ނިކްހާގެ ދެލޮލަށް ކަރުނަ ބޮނޑިވަމުން ދިޔައެވެ. އުނޭސްއަށް އިތުރަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. ރީމާ އައިސް އެތަނުގައ ހުއްޓުނުކަން ނަޞީބޭ އުނޭސް ހިތަށް އެރިއެވެ. ޖަވާބު ނުދީ ސަލާމަތްވިއެވެ، ނިކްހާ ކައިރީ ދާން ހިނގާށޭ ކިޔާފައި ރީމާ ހިނގައިގަތެވެ. އުނޭސް އެރީ ސިމްދާދުގެ ސައިކަލަށެވެ. ސިމްދާދު ވައިރޯޅިއެއްހެން ދުއްވާލާފައި ގޮސް ލޯމަތިން އޮބާލިއެވެ.

"އަހަރެން އަލުން އޭނަ އާއި ގުޅެންވީތަ؟ އެރެެއަށްފަހު އަހަރެން ސިމްދާދު އާއި ގުޅުން ކަނޑައިލިން، އޭނާ ވަރަށް ގުޅާ، ދެން އެކަހަލަ ކަމެއް ނުކުރާނަމޭ ބުނެ މެސެޖުވެސް ކުރޭ، ޑްރަގު ނަގާކަން އަހަންނަށް އެނގުނީ އެރޭ، އަދި އަހަރެން ހުއްޓަސް އޭނާ އެހެން ކުއްޖަކު ފެންނައިރަށް ހިތްކިޔާފާނެ، އެރޭވެސް ވީ އެހެންނު، ނިކްހާ ފެނުމުން ވަގުތުން ހިތް ގޯސްވީ،" ރީމާ ނޭފަތް ދަމައިލިއެވެ.

"ބައެއް ފަހަރު މީހުން ބަދަލުވަނީ އިސްލާހްވާން އެ ފުރުޞަތު ދެވިގެން، އޭނަ އަމިއްލައަށް ނުކުރާނަމޭ ބުނާތީ އެ ބުނާ ބަހަށް އިތުބާރުކުރުން ރަނގަޅުވާނެ. އެކަމަކު ރީމާ އަމިއްލައަށް ގޮތެއް ނިންމުން އެންމެ ރަނގޅުވާނި،" ނިކްހާގެ މޫނަށް ބަލަން ހުރި ރީމާ ވިސްނާލާފައި ހުރީ ނިކްހާ ބޯ ހާސްވާ ކަހަލަ ސުވާލެކެވެ.

"އެރޭ ސިދު ކަންތައްކުރިގޮތް އެނގުނީމައި ނިކްހާއަށް މަޢާފްކުރެވޭނެ؟" ނިކްހާ ވިސްނަން މަޖުބޫރުވިއެވެ.

"އަހަރެން ބޭނުން މަޢާފްކުރަން، އެރޭގެ ހުރިހާ ކަމެއް ފޮހެލަން. މިހާރު ހިތަށް އަރާ އެރޭ އަހަރެން ކަންތައްކުރިގޮތް، ކުށްކުރި މީހާ ބަހައްޓާފައި އަދަބު ދިނީ އަހަރެން ސަލާމަތްކުރަން އައި އުނޭސްއަށް، ހިތަށް އަރާ އޭނާގެ ކިބައިން މަޢާފަށް އެދޭނެ ހިތްވަރު ލިބޭނެ ބާއޭ، އެ ހިތްވަރު ހޯދިއަސް އުނޭސް މަޢާފްނުވެސް ކުރާނެ.." ނިކްހާ ބުނެލިއެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައެވެ. ކޮންމެ ދުވަހަކު އާނާއަށް ލިބޭ މާތައް ރައްކާކުރަމުން ދިޔައެވެ. ފެންތައްޓަކަށް ޖަހާފައި ހުރި މާތައް ގިނަކަމުން ކޮޓަރީގައި ލުއި މީރުވަހެއް ހުރެއެވެ. އާނާ ކޮޓަރިއަށް ވަންނަ ކޮންމެ ފަހަރަކު އުނޭސްއަށް އެތަށި ފާހަގަވެއެވެ. މުޅިން ހުދު ކުލައިގެ ފިނިފެންމަލެވެ. އެހެން އެގޮތުގައި ކުރިއަށް ދާނަމަ އޭނާ ރުހެއެވެ. އިތުރު ކުލައެއް ޖައްސަން ނަހީކު ފަށައިފިނަމަ ދުރަށްލާނީ ކިހިނެއްކަންވެސް އުނޭސްއަށް އެނގެއެވެ.

ހަވީރު ޖިމް ނިންމާފައި އައިސް ފެންވަރާލައިގެން ނަހީކު ނިކުތީ ޓެރަސްއަށް ދާށެވެ. ސޯފާގައި ޓީވީ ބަލަން އިން ނިކްހާ ކައިރީ މައްޗަށް ދާނަންތޯ އަހާލިއެވެ. ނިކްހާ ނޫނެކޭ ބުނެފައި ޓީވީއަށް ސަމާލުކަން ދިނެވެ. ގޭގެ ބެލް ޖަހާލީ އެވަގުތެވެ. ނަހީކު ގޮސް ދޮރު ހުޅުވާލުމުން މީހަކު އައިސް ދިއްކުރީ ހުދު ސިޓީއުރައެކެވެ. އޭގައި އޮތީ އޭނާގެ ނަން ޖަހާފައެވެ. އެމީހާގެ އަތުގައި އެކަހަލަ ބައިވަރު ސިޓީއުރަތަކެއް ހުއްޓެވެ. ނަހީކު އެއީ ކޯއްޗެއްތޯ ބަލަން ނިންމީ މައްޗަށް ގޮހެވެ.

ނަހީކު އެރިއިރު އާނާ އާއި އުނޭސް ތިއްބެވެ. އުނޭސް ހުރީ ކަސްރަތުކުރާ މެޝން ކައިރީގައެވެ. ނަހީކު އައުމުން މި މެޝިން ބޭނުން ކުރާނެ ގޮތް ބުނެދޭށޭ ބުނެލިއެވެ. ނަހީކު ގެނައި ސިޓީއުރަ ގޮނޑިއެއްގެ މަތީ ބާއްވާފައި އުނޭސްގެ ކައިރީ ހުއްޓުނެވެ. އުނޭސްއަށް ކިޔައިދެން ފެށިއެވެ. ކަސްރަތުކުރަން އައުމަށް ނަހީކު ކުރިން ދައުވަތު ދިން ނަމަވެސް އުނޭސް އެކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ. އެދުވަހަށްފަހު އުނޭސް އާއި ދިމަލެއް ނުވެއެވެ.

"މި ކޯއްޗެއް؟" އާނާ ބަލަން އިނީ ނަހީކު ބޭއްވި ސިޓީ އުރައަށެވެ.

"ހީވަނީ ދައުވަތު ކާޑެއްހެން.." ނަހީކު ބުނެލިއެވެ.

"ބަލާލަންތަ؟" އާނާ އަހާލިއެވެ. ނަހީކު ހުއްދަ ދިނުމުން ސިޓީއުރަ ނަގައި ކަނޑާލިއެވެ. ކަނޑު ނޫކުލައިގެ އެ ދައުވަތު ކާޑުގެ ފަރުމާ ވަރަށް ހިތްގައިމެވެ. ކައިވެނީގެ ހަފްލާއެއްގައި ބައިވެރިވުމަށް ދިން ކާޑެކެވެ. އާނާ ބަލައިލީ ކާކުގެ ކައިވެންޏެއްތޯއެވެ.

ޭއުނޭސްއަށް ކިޔައިދީފައި އެނބުރުނު ނަހީކުއަށް ފެނުނީ އާނާގެ ދެލޯ ފުރިގެން ދިޔަތަނެވެ. އާނާ އަތުން ކާޑު ތިރިއަށް ސޮހިގެން ދިޔަތަނެވެ. އާނާއަށް މަޑުމަޑުން ގޮވާލެވުނީ އިޚްތިޔާރަކާއި ނުލައެވެ. އެއަޑަށް އުނޭސް ބަލާލިއެވެ. ނަހީކުއަށްވުރެ ކުރިން އުނޭސް ހިނގައިގަތެވެ. އާނާގެ ކައިރީ ހުއްޓުނެވެ. ނަހީކު ގޮސް ނެގީ ކާޑެވެ. އަވަހަށް ބަލައިލެވުނީ ކާކުގެ ކާޑެއްތޯއެވެ.

"ކާކުގެ ކާޑެއްތަ؟" އުނޭސް ބަލަން ފެށީ ނަހީކުއަށެވެ. އެ ސުވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި ނަހީކު ކާޑު ދިއްކޮށްލީ އުނޭސްއަށެވެ. އުނޭސް އެ ބަލާލާފައި ކާޑު ބޮނޑިކޮށްލިއެވެ. އަތުގެ ކޮޅަށް ހޫރައިލީ އެޔަށްފަހުގައެވެ.

"އަހަރެން މިތަނަށް އައުމުގެ ކުރިން ނުބަލަން އެއީ ކޯއްޗެއްތޯއެއް. ހަމައެކަނި އަތް ލުމުން ދައުވަތު ކާޑެއްހެން ހީވީ، އާނާ، ހަމަ ތެދަށް މިބުނީ، " ނަހީކު ހުއްޓުނީ އާނާގެ ކުރިމަތީގައެވެ. އޭނާ ދައްކާ ވާހަކަ ޤަބޫލުކުރާށޭ ބުނާ ފަދަ އަސަރުތަކެއް މޫނުމަތިން ފެންނަން ހުއްޓެވެ.

"އަހަރެން ބޭނުމީ ކޮޓަރިއަށް ދާން.." އާނާ ހިފީ އުނޭސްގެ އަތުގައެވެ. އުނޭސް އަވަހަށް އާނާ ގޮވައިގެން އެތެރެއަށް ހިނގައިގަތެވެ. އެދިމާލަށް ބަލަން ހުރެފައި ނަހީކުއަށް ރުޅި އާދެވުނީ އަމިއްލަ ނަފުސު ދެކެއެވެ. އެ ހިފައިގެން ނާދެވުނު ނަމައޭ ހިތަށް އެރިއެވެ. -- ނުނިމޭ --

ދިގު ވާހަކަ ދުރުގައި ވިޔަސް

Popular