18 Sep 2018

އިންތިހާ

* ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"ކިހިނެއްތަ؟ މިއީ ދަރިފުޅުތަ؟" ފަނޑު ހިނިތުންވުމެއްގައި ހުރެ ނައުހާން ވާހަކަ ދެއްކިއެވެ. ނަދާއަށް ކުރެވުނުހާވެސް ކަމަކީ ބޯ ޖަހާލުމެވެ. އައިނީ ކޮލުގައި ކޮއްޓާލުމަށްފަހު ނައުހާން އައިނީ އާއި އެއްވަރަށް ގުދުވިއެވެ.

"ކޮންތާކަށް ތި ދަނީ؟" އައިނީ ނަދާގެ ހެދުމުގައި ބާރަށް ހިފަހައްޓާލަމުން މޫނު ޖައްސާލީ ނަދާގެ ފަލަމަސްގަނޑުގައެވެ.

"މަންމަ ކަހަލަ" ނައުހާން ތެދުވީ އައިނީ އެއްޗެއް ނުބުނާނެކަން އެނގޭތީއެވެ. ގޭތެރޭގައި އަނގަގަދަ ކޮށްފައި އުޅުނު ކަމުގައި ވިއަސް ނުދަންނަ މީހުންނާއި ވާހަކަ ދެއްކުމަކީ އައިނީ ކުރާކަމެއް ނޫނެވެ.

"ކޮންއިރަކު އައީ؟" ހިތްވަރުކޮށްފައި ނަދާ ވާހަކަ ދެއްކިއެވެ.

"ދެތިން ދުވަސްވީ. މަންމަ ބުނި ނަދާ ފެނުނު ވާހަކަ.." ނައުހާން ނަދާއަށް ބަލާލަމުން ބުނެލިއެވެ. ލާން އުޅުނު ނޭވާ ހިފަހައްޓާލައިގެން ހުރެވުނެވެ.

"ދެން ކީކޭ މަންމަ ބުނީ؟" ނަދާ އޮޅުންފިލުވަން ބޭނުންވިއެވެ. ނަދާ ހިތުތެރޭ އާވީ އެދުވަހު މަންމަ ފެނިގެން ނަދާއަށް އަމަލު ކުރެވުނު ގޮތެވެ. ރުޅި މޫނު ދައްކާފައި ދުރަށް ދެވުނީ ނަދާއަށެވެ. މަންމަ ދެކެ ރުޅި އަންނަނީ ނަދާއޭ މަންޒަރު ފެނުނު ކޮންމެ މީހަކު ބުނާނެއެވެ.

"އެހެން އެކަނި ބުނީ.." ނައުހާން ބުނެލިއެވެ.

މަންމަ ނަދާ އާއި ބެހޭގޮތުނ އިތުރަށް ދެން ކިޔާނީ ވަކި ކީކޭހެއްޔެވެ؟ ނައުހާންގެ ފަރާތުން އެއްޗެއް ބުނޭތޯ ނަދާ ހުރީ މަޑުކޮށްގެންނެވެ. އެގާރަ އަހަރު ވީއިރު އާއިލާ އާއި ބެހޭގޮތުން އޮޅުންފިލުވަން ބޭނުންވާ ވަރަށް ގިނަ އެއްޗެހި އެބަހުއްޓެވެ. ނަދާ އަކީ އެންމެ ހަގު މީހާއެވެ. އޭނާއަށް ދެކުދިން ލިބުނުއިރު ބޭބެމެންގެ ހާލަކީ ކޮބައިތޯ ބަލަން ބޭނުމެވެ. އެންމެ ދޮށީ ނައުފަލްއަށް ކުއްޖަކު ލިބުނުކަން އެނގެއެވެ، ނަދާ އެއްޗެއް ނުބުނެ ހުރުމުން އިތުރު އެއްޗެއް ބުނަން ނައުހާން ގަސްތެއް ނުކުރިއެވގެއާއި ދިމާލަށް ދިޔައިރު ނައުހާންގެ ހިތް ވަނީ ބަރުވެފައެވެ. މަންމަ ކޮބައިތޯވެސް ނަދާ އަހާނުލައެވެ.

"ބައްޕަ ބުނީ ރަނގަޅަށް، ދުރުގައި އުޅެން ފެށުމުން އަހަރެމެންނާއި ނުލައި އުޅެން ނަދާ ދަސްކޮށްފި، އަހަރެމެން ނެތަސް އޭނާއަށް މަދު އެއްޗެއް ނުވާ ފަދަ، ކޮންފަދަ ލޯތްބަކުން ބޮޑުކުރި ކުއްޖެއް، އެހިތުގައި އަޒްހަދު ޖެއްސި ލޯތްބެއްގެ ސަބަބުން އަހަރެމެން ދިން ލޯބި މަތިން ހަނދާންނެތުނީ." އެތެރެއަށް ވަންއިރު ނައުހާންގެ ހިތުގައިވިއެވެ. ***

ލަމްހާ ގެއިން އައިފަހުން އައިނީ ޝަކުވާކުރީ އައިނީގެ އުފަން ދުވަސް ނާންނާތީ އެކަމާއެވެ. އައިނީ ރުއްސުމަކީ ނަދާއަށް ވާވަރުގެ ކަމެއް ނޫނެވެ.

"އައިނީ އުފަންދުވަސް އަންނާނެ ވަރަށް އަވަހަށް. ބައްޕަ ފިހެދޭނަން ކޭކު، އޯކޭތަ؟" އަޒްހަދުގެ އަޑަށް އައިނީ ބަލައިލިއެވެ. ގޭތެރެއަށް ވަން އަޒްހަދުގެ އަތުގައި އޮތީ އާފަލު ކޮތަޅެކެވެ. އައިނީ އުފަލުން ބޯޖަހާލަމުން ގޮސް އަޒްހަދުއަށް އުރަންކިއެވެ.

އަޒްހަދު ގެނައި ކޮތަޅު އައިނީ ބެލިއެވެ.

"މި ކޮއްކޮއަށް މީރު އެއްޗެއް ނޫން.." އައިނީ އެކޮތަޅު އެއްލައިލިއެވެ. ފައިދޮށަށް އައިސް ޖެހުނު ކޮތަޅަށް ބަލަން ހުރި ނަދާއަށް އާވީ އޭނާގެ ކުޑައިރުގެ ހަނދާނެކެވެ.

އާފަލު ނުކާން އޭނާވެސް ބޮޑާ ދެއްކި ދުވަހެވެ.

"ރޯމީ، މި އާފަލުތައް ޑަސްބިނަށް އަޅާ، ނަދާއަށް މީރު ނޫން އެއްޗެއް ކާނެ ކަމެއް ނެތް، މަންމަގެ ދޫންޏަށް މީރީ ކޯއްޗެއްތަ؟" ނަދާ ބޮލުގައި ފިރުމަމުން ނިއުމާ ވާހަކަ ދެއްކިއެވެ. ނަދާއަށް މީރު އެއްޗެއްގެ ނަން ގަނުމުން އެ އެއްޗެއް ގެންނަން ނޯކަރުންނަށް އަމުރުކުރިއެވެ.

"ތިހެން ހަދާކަށް ނުވާނެ، ދަރިފުޅަށް އެނގޭތަ؟ ކާއެއްޗެހި ނެތިފައި ހާދަ ކުދިންނެއް އެބަތިއްބޭ ދުނިޔޭގައި، ދައްކަންތަ؟" ޚިޔާލީ ދުނިޔެއިން ނަދާއަށް ނިކުމެވުނީ އަޒްހަދުގެ އަޑަށެވެ. އައިނީ އުރައިގެން އައިސް ނަދާ ކައިރީ އިށީންނަމުން އަޒްހަދު ޖީބުން ފޯނު ނެގިއެވެ. ގޫގުލްކޮށްލާފައި ދެއްކީ ދުނިޔޭގެ އެކި ބައްރުތަކުގައި ހާލުގަ ޖެހިފައިތިބިކުދިންނެވެ. ކާނެއެއްޗެއް ނެތި އަނަރޫފަވެފައިތިބި ކުދިންނެވެ. ފެންބޮވައިގަނެ ކަރުހިއްކައިގަނެފައި ތިބި ކުދިންނެވެ.

އެއްކަމެއްގައި ދެމީހަކު ކަންތައްކުރާނެ ތަފާތު ނަދާގެ ލޮލަށް ފެނުނެވެ. ނަދާ ބޮޑުވި މާހައުލަކީ އައިނީ ބޮޑުވަމުން އަންނަ މާހައުލާ ތަފާތު ތަނެކެވެ. ނަދާއަށް އުނިކަމެއް ނެތެވެ. އިސްރާފު ކުރުމަކީ ކަށީގައި ހިފާފައި ހުރިކަމެކެވެ. އަޒްހަދު ވިސްނައިދޭ މޭރުމުން ނަދާއަށް ވިސްނައިދޭނެ މީހަކު ނުހުރެއެވެ. އެ ފޮޓޯތައް ބެލުމަށްފަހު އައިނީ އާފަލު ކޮތަޅު ނެގިއެވެ. އިތުރު ބޮޑާހޭކުމަކާއި ނުލައި އާފަލު ކެއެވެ. މީރު ނޫނެކޭ ނުބުނެއެވެ. ނަދާއަށް އަޒްހަދު ކަމުދާ ސަބަބަކީ އެއީއެވެ.

***

އަޒްހަދު އާއި ދިމާވިއިރު ނަދާ އަކީ ސައިފްގެ ލޯބިވެރިޔާއެވެ. އަޒްހަދު އަކީ ސައިފް ކައިރީ މަސައްކަތް ކުރާ ސައިފްގެ ގާތްމީހެކެވެ. ސައިފް އާއި އަޒްހަދުގެ ހުރި ތަފާތު ނަދާއަށް ނަގައިގަނެވުނު ދުވަހަކީ ނަދާ އާއި ސައިފްގެ ލޯބީގެ ދަތުރަށް ބޮޑު ބަދަލެއް އައި ދުވަހެކެވެ.

އެދުވަހު ނަދާ ސައިފް ގެއަށް ދިޔައީ ސައިފް ފޯނު ނުނަގާތީއެވެ. ސައިފްގެ މައިންބަފައިން ދިރިއުޅެނީ ލަންކާގައެވެ. ކައިވެންޏަށް އެންމެ މަހަކަށްވެފައި އޮއްވާ ސައިފްއަށް އަންނަމުން ދިޔަ ބަދަލު ނަދާއަށް ކެތްނުވެގެން ނަދާ ދިޔައީ ޝަކުވާކުރަންވެގެންނެވެ. އެގޭ ދޮރުގައި ޓަކި ޖެހުމުން ދޮރުހުޅުވީ އަޒްހަދެވެ.

"ސައިފް ކޮބާ؟" ނަދާ އަހާލީ ގޭތެރެއަށް ލޯ ހިންގާލަމުންނެވެ. މުޅިތަނުން އޭނާއަށް ފެނުނީ ފަޅުކަމެވެ. ގޭތެރޭގެ ހުސްކަމެވެ.

"ނެތް ގެއަކު.." އަޒްހަދު ބުނެލިއެވެ. ނަދާ އެނބުރި ދާން އުޅުނެވެ. ހަރުގަނޑުގައި ހުރި ބޫޓްތައް ނަދާގެ ލޮލުގައި އަޅައިގަތީ ލައްޕަމުން ދިޔަ ދޮރުގެ ހަނި ދޭތެރެއިންނެވެ. ނަދާ އެއްއަތުން ދޮރުގައި ހިފަހައްޓާލިއެވެ. އަނެއްއަތުން އަޅާ ކޮއްޕައިލީ އަޒްހަދުގެ މޭގައެވެ. ފަހަތަށް ފިޔަވަޅެއް އަޅާފައި އަޒްހަދު ހުއްޓުނެވެ. ނަދާ އެތެރެއަށް ދާން ފެށުމުން އަޒްހަދު ބޭނުންވީ ހުއްޓުވާށެވެ.

"ކަލޭ ތީ ސައިފްގެ ނޯކަރެއް، އަހަރެންގެ ނޯކަރެއް ނޫން. އެހެންވީމަ އަހަރެންގެ މައްޗަށް ކަލޭގެ ބަހެއް ނުވިކޭނެ." އަޒްހަދު އެއްޗެއް ބުނަން އުޅޭހެން ހީވެ ނަދާ ހުއްޓުވިއެވެ. ދެން ސައިފް ގެ ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ. ދޮރުގައި ތަޅައިގަތެވެ. އެތެރެއިން ދޮރު ހުޅުވީ ސައިފްއެވެ. ނަދާ ފެނިފައި އޭނާއަށް ސިހުމެއް ލިބުނުކަން އެނގެއެވެ.

"ނަދާ، މިގަޑީގައި" ކޮންމެ އަކުރެއް ކީއިރު އަޅައިގަންނަގޮތެއް ހުރިކަން ނަދާއަށް ފާހަގަވިއެވެ.

"ކޮންމެ ގަޑިއަކުވެސް އަހަންނަށް އާދެވޭނެއޭ ސައިފް ބުނީމެއްނު.." "ނަދާ އެތެރެއަށް ވަންނަން އުޅުމުން ސައިފްހިފީ ނަދާގެ އަތުގައެވެ. "އިހަށް މަޑުކުރޭ، މި ނިކުތީ ފެންވަރައިގެން، އެއްޗެހި ލައިގެން މި ނިކުންނަނީ.." ހުސްގަޔާއި ހުރި ސައިފް އެބުނީ ތެދުނޫންކަން ނަދާއަށް އެނގެއެވެ. ފެންވަރައިގެން ނިކުންނަ މީހެއްގެ މޫނުމަތިން ފެންނަ ތާޒާކަން ސައިފްގެ މޫނުމައްޗަކު ނެތެވެ. އިސްތަށިގަނޑުގައި ތެތްކަމެއް ނެތެވެ.

"މި ނޫނަސް އަހަރެން އިންދާ ސައިފް ފެންވަރާ، އެއްޗެހިވެސް ބަދަލުކުރޭ." ނަދާ ގަދަ ހަދައިލީ އެތެރެއަށް ވަންނާށެވެ. ސައިފް އެއްޗެއް ބުނުމުގެ ކުރިން ދޮރު ކޮއްޕާލިއެވެ. އެނދުގައި އިށީދެ އިން އަންހެންކުއްޖާ ނަދާއަށް ފެނުނީ ދެނެވެ. ރަނގަޅަށް ނިވާވެސް ނުވާ ކުރު ހެދުމެއްގައި އިން އަންހެންކުއްޖާއަށް ނަދާ ފެނުމުން އައި ބަދަލު އޭނާ އަށް ފެނުނެވެ.

"މިއީތަ ސައިފް ބިޒީވެގެން ކުރާކަމަކީ،" ނަދާގެ ލޮލަށް ޖަމާވި ކަރުނަތައް ހިފަހައްޓާލަމުން ސައިފް އާއި ދިމާލަށް އެނބުރުނެވެ. "ތި ހީކުރާ ކަހަލަ ކަމެއް ނެތޭ." ނަދާ ދެފަރާތަށް ބޯހޫރުވައިލީ ސައިފް ކައިރީ އިތުރު ވާހަކަ ނުދައްކާށޭ ބުނާފަދައިންނެވެ. ސައިފް ހަދަނީ ދޮގުކަން އޭނާއަށް ކަށަވަރެވެ.

"ޝީ މައިޓް މީ ޔުއަރ ޕީ.އޭ. އޮފިޝިއަލް ކަމެއް ކުރަން ތިއްބާ ނޫންތަ މި އާދެވުނީ، އަޅެ އަސްލުވެސް ސޮރީ، ޑޫ ނޮޓް ޑިސްޓާރބު ބޯޑު ކީއްވެތަ ނޭޅުވީ.." ނަދާ އަށް ވާހަކަ ދެއްކުނީ ގިސްލެވެންދެންނެވެ. އިތުރަށް އޭނާގެ ނަފްސު ކޮންޓްރޯލްކުރާނެ ހިތްވަރު އެލުނެވެ.

"ޔޫ ކެން ލީވް ނައު.." ސައިފް އެނބުރުނީ އެ އަންހެންކުއްޖާއަށެވެ. ސައިފް ހަމަ ބުނުމާއި އެކު އޭނާ ދާން ހިނގައިގެންފިއެވެ. ވެރިއަކަށް ކިޔަމަންވާ މަސައްކަތު މީހެއްފަދައިންނެވެ.

"އައި ހޭޓް ޔޫ.." އެ އަންހެންކުއްޖާ ދިއުމުން ސައިފް ދޮރު ލައްޕާލާފައި އެނބުރުނުވަގުތު ނަދާ ބުނެލިއެވެ.

ސައިފް އެއްޗެއް ނުބުނެ އައިސް އެނދުގައި އިށީނެވެ. ނަދާ ހިތްފުރެންދެން ރުޔެވެ. މުޅިން ހަމަޖެހިލުމުން ސައިފް އާއި ސުވާލުކުރިއެވެ. ސައިފް އިނީ ފަޅާއެރުމުން ނަދާ އާއި މޫނު ހަމަކުރަން ނުކެރިފައެވެ. މިއީ ސައިފް އަންހެންކުދިން ގެނައި ފުރަތަމަ ފަހަރު ނޫންކަން ނަދާއަށް އެނގުނެވެ. އެއީ ސައިފްއަށް އާދަވެފައި ހުރިގޮތެވެ.

"ބަޓް އައި ޕްރޮމިސް، އަހަރެން ނަދާ އާއި މެރީކުރުމަށްފަހު އެހެން ނޫޅޭނަން،" ސައިފް މޫނަށް ބަލާލާފައި ނަދާ ހީލިއެވެ. ސައިފް ދިން ޔަޤީންކަމުން އުފާކޮށްފައެއް ނޫނެވެ.

"ވަޓް އެވަރ." އެ ނޫނަސް ބުނަން ކިތަންމެ އެއްޗެއް ނަދާގެ ހިތަށް އެރިއެވެ. ހަމައެކަނި އަންގާލަން ބޭނުންވީ ސައިފް ދެކަކޫ ޖަހައި އާދޭސްކުރިއަސް ދެން އިތުބާރުކުރެވެން ނެތްކަމެވެ. ނަދާ ވިސްނަން ފެށީ ކައިވެންޏާއި ހަމަޔަށް ގޮސް އޮތް ގުޅުމާއި މެދުއެވެ.

ދޮރުގައި ޓަކިދިން އަޑަށް ސައފް ތެދުވިއެވެ. މޫނުފޮހެލާފައި ނަދާ ބަލާލިއިރު އެއީ އަޒްހަދެވެ. އައީ ޕިއްޒާ ގެނެސް ހުރި ވާހަކަ ބުނާށެވެ. " އަހަރެމެން ކާން ދާނީ ބޭރަށް، ޔޫ ކޭން ތުރޯ އިޓް.." ސައިފް ދޮރު ލެއްޕިއެވެ.

"ބޭރަށް ދޯ ދާނި، މިހާރު ދުވަސްކޮޅެއްވެއްޖެ އެއްނު ބޭރަށް ނުދާތާ، ނަދާ ފޭވަރިޓް ތަނަށް ދާނީ، " ކުރީގެ ގޮތަށް ވާހަކަ ދެއްކޭތޯ ސައިފް ބެލިއެވެ. ނަދާ ކައިރީ މަޑުކުރާށޭ ބުނެފައި ސައިފް ފާހާނާއަށްވަނެވެ. ފެންވަރާލައިގެން ނިކުމެ ރީތިވެ ނިކުންނަން ހިނގައިގެންވަގުތަކީ ސައިފްއަށް ފޯނެއް އައި ވަގުތެވެ.

"ޝިޓް، އަހަރެން މި އަންނަނީ އެއްޗެއް ހަވާލުކޮށްފައި، ފައިވް މިނެޓްސް.." އަތުގެ އިނގިލިތަކުންވެސް ފަހެއް ދައްކާލަމުން ސައިފް ބުނެލިއެވެ. އެތެރޭގައި މަޑުކުރާށޭ ބުނެފައި ސައިފް ނިކުމެގެން ދިޔައެވެ. ހިންދިރުވާލާއރު އުދަނގޫގޮތެއް ހުންނަހެން ހީވެ ނަދާ ހިނގައިގަތީ ފެންބޯށެވެ. ބަދިގެއަށް ވަންއިރު ފެނުނީ ޕިއްޒާ ކާން އިން އަޒްހަދެވެ. އެއީ ސައިފް އެއްލާލާށޭ ބުނި ޕިއްޒާއެވެ.

"ކިރިޔާ ފައިސާކޮޅެއް ލިބުނަސް ބައެއް މީހުން ގެ ހިތް ހުންނަނީ މާމަތީގައި، މި ހާދަ ފައިސާއެކޭ، ހާދަ ބައެއްގެ ބުރަ މަސައްކަތެކޭ، ވިއްސަކަށްމިނެޓުން ތައްޔާރުކުރެވޭތީ އެއްޗަކަށްނުވިއަސް، އެއްލާލާށޭ ބުނިއިރު ހިތަށް އެއްޗެއްވެސް ނާރާ، ލިބޭވިއްޔަ އެވަރަށް.." އެކަނި އިނދެ އަޒްހަދު ކިޔަމުން ދިޔަ އެއްޗެހި ނަދާއަށް އިވުނެވެ. އެއާއި އެކު އޭނާގެ ހިތުގައި ވަށައިލީ އަޒްހަދު ކުރީދުވަހު ބުނި އެއްޗެވެ. އެއްލާލާ ކޮންމެ އެއްޗަކީ ދެވަނަ ފަހަރަށް ލިބޭނެ އެއްޗެއް ނޫނޭ ބުނި ހަނދާންވިއެވެ.

ޕިއްޒާ ފޮށިގަނޑު ދަމައިގެންހެން ހީވެގެން އަޒްހަދު ބަލައިލިއެވެ. ކައިރީގައި ކޮޅަށް ހުރި ނަދާއަށެވެ. ގޮނޑިއެއް ދަމާލާފައި ނަދާ އިށީނީ އަނެއްއަތުން ޕއްިޒާފޮެއްޗެއް ނަގަމުންނެވެ. ނަދާ ހޯދަމުން އައިސް ސައިފްއަށްވެސް ވަދެވުނީ އެވަގުތެވެ. ސައިފްގެ ދެލޯ ހުއްޓުނީ އަޒްހަދަށެވެ.

***

އެ ޚިޔާލުތަކުން ނަދާއަށް ނިކުމެވުނީ އަޒްހަދު ނަމާދަށް ދާންވެގެން ބުނީމައެވެ. އަޒްހަދު ދިޔައީ ބައްސާމް ގޮވައިގެންނެވެ. ނަދާ އައިސް ނަމާދަށް އެރީ އައިނީ ގޮވައިގެންނެވެ. އެރޭ ނިދަން އުޅެ އުޅެ ނަދާއަށް ނިދޭގޮތެއް ނުވިއެވެ. ދެފަރާތަށް ފުރޮޅި ލާފައި ނަދާ ތެދުވިއެވެ. ބޭނުންވީ ހިތްހަމަ ޖައްސާލާށެވެ. ދަންވަރުގަޑީގައި ގޮސް ކުދިން ނިދާ ކޮޓަރިއަށް ވަނެވެ. އައިނީ އޮތީ މާ އަރާމުކޮށް ނިދާފައެވެ. ބައްސާމް އަށް ނިދިފައި އޮތީ އައިޕެޑް ކުޅެން އޮވެގެންނެވެ. ބައްސާމް އާއި ކައިރިވެފައި އައިޕެޑް ނެގިއެވެ. ރަޖާ އަޅައިދިނެވެ. އައިޕެޑްގެ ޗާޖު ހުސްވެފައި ވާތީ ނަދާ ނިކުތީ ޗާރޖަރަށް ޖަހާފައެވެ.

ހެނދުނު ހޭލެވުނީ އަޒްހަދު ގޮވުމުންނެވެ. ފަތިސްވަންދެން ނުނިދާ އުޅެފައި ޖައްސާލިތަނާއި ނަދާއަށް ނިދުނީ މާގަދައަށެވެ. އެހެން ނޫނީ އެލާމަށް ލޯ ނުހުޅުވިއެއް ނުދާނެއެވެ. އަޒްހަދު ފެންވަރަން ވަނުމުން ނަދާ ދިޔައީ ބައްސާމް އަށް ގޮވާށެވެ. އެތައް ފަހަރަކު ގޮވި ފަހުން ބައްސާމް ލޯ ހުޅުވައިލިއެވެ.

"ބޮލުގައި ރިއްސަނީ." ސްކޫލަށް ނުދާންވެގެން ދައްކާ ބަހަނާއެއްކަން ނަދާއަށް އެނގެއެވެ.

"ރޭގައި ކޮން އިރަކު ނިދީ، އައިޕެޑުން ޗާރޖު ހުސްވެގެން ނޫނީ ބައްސާމްއަކަށް ނުނިދޭނެ، ދެން ރިއްސާނެ ބޮލުގައި ވެސް." ނަދާ ކުދި ކިޔަމުން ގޮސް ބައްސާމް ފޮތްތައް ހަމަކުރަންފެށިއެވެ. ފޮތް ދަބަސް އަޅާފައި ދެން ގޮސް ގޮވުމުންވެސް ބައްސާމް ތެދުވަން އެއްބަހެއް ނުވިއެވެ.

"މިހާރު ކިހިނެއްވީ؟" އެކޮޓަރިން ނިކުންއިރު ނަދާގެ މޫނު ހުރިގޮތުން އަޒްހަދު އަހާލިއެވެ.

"ބޮލުގަ ރިއްސަނީ ޔޯ.." ނަދާ ހުރީ ހިތްހަމަނުޖެހިފައެވެ.

"މިއަދު ބާއްވާ އަޅާނުލާ، އެކުދިން ވެސް ބައެއް ފަހަރު ރެސްޓެއް ނަގާލަން ބޭނުންވާނެއެއްނު. ހާދަ ބުރަކޮށޭ ކިޔަވަނީ..ނޫނީ ހަމަ ބަލީކަމަށްވެސް ވެދާނެ. ފަހުން ހޭލީމައި ސައިދީފައި ބޭސް ދެވޭތޯ ބަލާ، "އަޒްހަދު އެކަންތައް މާބޮޑު ކަމަކަށް ނުހެދިއެވެ. ބައްސާމް އަށް އަބަދު ދޫ ދެންޏާއި ކިޔެވުމާއި ދުރުވެދާނެކަމުގެ ބިރު ނަދާގެ ހިތުގައި އޮތެވެ. ހެނދުނު ހޭލަން އުދަނގޫވަނީ ސްކޫލު އޮންނަ ފަސް ދުވަހުއެވެ. ބަންދު ދެދުވަހު ނަދާއަށް ގޮވާކަށް ނުޖެހޭނެއެވެ.

"އޯހް ނަދާ." ނަދާ ހިތްހަމަނުޖެހިފައި ހުންނަކަން ފާހަގަވެގެން އަޒްހަދު އައިސް ނަދާގެ އަތުގައި ހިފިއެވެ.

"މި ހިތުގައި ވިދާ.." ނަދާގެ މޫނުމަތިން ހިނިތުންވުން ފެނުނެވެ. ނަދާގެ އަތުގައި ހިފާ އަނބުރާލަން އުޅެނިކޮށް ނަދާ އަތް ދަމައިގަތެވެ. އެކަމަކު އެ ލަވަ އަޒްހަދު ހުއްޓައެއް ނުލިއެވެ. ނަދާއަށް ބާރަށް ހެވެންދެން އަޒްހަދު އެ ލަވަ ކިޔެވެ.

"މިހާރު މޫޑް ރަނގަޅެއްނު. އަހަރެން ބޫޓް ގެނެސްދީބަލަ.." އަޒްހަދު ހުއްޓާލާފައި ބުނެލިއެވެ. ނަދާ ހިނގައިގަތީ ފައިވާން ބަހައްޓާ ހަރާއި ދިމާލަށެވެ. އަޒްހަދުގެ ބޫޓް ނަގައި ފޮތިގަނޑަކުން ފޮހެލަން އުޅެނިކޮށް ނަދާގެ ލޮލުގައި އަޅައިގަތީ އެ ބޫޓް ހަލާކުވެފައިވާ ވަރެވެ. މިދިޔަ މަހުވެސް ބޫޓް އާކުރަން ނަދާ ބުންޏެވެ. އަޒްހަދު އާއެނކޭ ބުނެފައި އެކަން މަޑުޖައްސައިލީ އައިނީ ސްކޫލު ކޮންސެޓަށް ހެދުން ހޯދަންޖެހޭތީއެވެ.

އަބަދުވެސް އަޒްހަދުގެ ހަރަދުތައް ގުރުބާންކުރަނީ ދަރިންނަށެވެ. ގޭކުއްޔާއި ކަރަންޓް އަދި ފެން ބިލް ތަކާއި އެކުދިންގެ ސްކޫލު ފީތަކާއި ކަނޑާއި ދެން އޮންނަނީ ކިރިޔާ ގޭގެ ޚަރަދަށް އޮންނަ އެއްޗެކެވެ. ވަރަށް ބަލައިގެން އުޅޭތީ ކިިރިޔާ އުޅެވެނީއެވެ.

"އަހަރެން ފޮނުވަން ވީނު ޖޮބަކަށް؟" ބޫޓް ދެމުން ނަދާ ބުނެލިއެވެ. އަޒްހަދު ބަލައިލިއެވެ. އަޒްހަދު ދޭނެ ޖަވާބަކަށް ނަދާ ހުރީ ކެއްމަދުވެފައެވެ. -- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: އިންތިހާ

Popular