By: Ahmed Nadym
ޒުލޭހާ މަށަކާ ދެބެއިންގެދެދަރިއެއް ނޫނެވެ. އެއީ ޒާލިމު މަޖަލަކަށް ހަދައިގެން މަށާ ދިމާކުރަން ކިޔައި އުޅުނު އެއްޗެކެވެ. އަހަރެންގެ ހިތުގައި ޒުލޭހާ އަށް ހާއްސަ ގަދަރަކާއި އިހްތިރާމެއް ދީފައިވީ ކަމަށް ޒާލިމަށް ގަބޫލުކުރެވިގެން ކިޔައި އުޅުނު ހަޖޫއެކެވެ. އެކަމަކު އެއީ ތެދެކޭ ވެސް ބުނެވިދާނެއެވެ. ސަބަބަކީ ޒުލޭހާ އަށް ޖާގަ ދެވުނީ އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ކަމަށްވާތީއެވެ. އެކަމަކު އެ ހިތް އަތުނުލެވި، ހިތުން ހިބަކޮށް ދިން މަގާމަށް އޭނާ ނުގެންދެވި، ދެބެއިންގެދެދަރިއަކަށް ހަދައިގެން ޒާލިމާއި ޒުލޭހާ ވެސް މަށާ ދިމާލަށް ހޭން ފެށުމުން އެ ދެމީހުންގެ ދެމެދުގައި އޮތް ހިތާއި ހިތުގެ ގުޅުން ދިޔައީ މަޑުމަޑުން ނަމަވެސް ނިއުޅި، އަހަރެންގެ ލޯ މައްޗަށް ފާޅުވަމުންނެވެ. އެންމެފަހުން އެއީ ދެ ލޯބިވެރިންކަން ޔަގީންވެ، ލޭކެކި، ޖަޒުބާތުތައް އުތުރިއަރައި ހިތުގައި ހުޅުގަނޑެއް ރޯވީއެވެ. އެކުގައިވީ އެންމެ ގާތް އެކުވެރިޔާ، އަހަރެންގެ ހިތް އޮތް ގޮތް އެނގިހުރެ އަހަންނަށް ދިން ކެއްސާއި އެންމެ ގާތް އެކުވެރިޔަކަށްވެ ހުރެ އަހަރެން މޮޔަ ހައްދައި އޮޅުވާލި އޮޅުވާލުމުން ދަމައި ދޫކޮށްލި ތީރު ގޮސް ހެރުނީ އަހަރެންގެ ހިތުގެ އެންމެ ފުނަށެވެ. އެ ދުވަހަކީ ޒާލިމާއި ޒުލޭހާ އަށް ވެސް އަހަރެންގެ ހިތް މަރުވި ދުވަހެވެ. އެކަމަކު ޒާލިމަކީ ކާކުކަން އެނގޭ ހާލުގައި ޒުލޭހާ އޭނާގެ އަތްމައްޗަށް ދޫކޮށްލަން ދެން ވެސް އަހަރެންގެ ހިތެއް ނޭދުނެވެ. ޒާލިމަކީ އިންސާނެއް ނޫނެވެ. އޭނާ އަކީ ހައިވާނެކެެވެ. އުސްބިމުގެ ޖަންބުގަސް ދޮށަށް އަހަރެން އެ ދުވަހު ޒުލޭހާ އަށް ދައުވަތު ދިނީ އެ ހުރިހާ ވާހަކައެއް އޭނާ އަށް ކިޔައިދޭށެވެ. އެކަމަކު އޮއްސުނުއިރާއެކު ދެން ކަންތައް ވެނިމިދިޔަ ގޮތަކީ އެއްވެސް މީހަކު ބޭނުންވި ގޮތެއް ނޫނެވެ. ޒާލިމޭ ކިޔައިގެން އަހަރެން އަބަދުވެސް ސިފަކޮށްދިން ޖަނަވާރަށް އެންމެފަހުން އަހަރެން އެ އަނދިރިކަމުގެ ތެރޭގައި ބަދަލުވެގެންދިޔައީއެވެ. ލޯތްބާއި އެކުވެރިކަން މަރައި ހަސަދަ އާއި ނަފުރަތުން ރޯވެ މައުސޫމު ޒުލޭހާގެ އިއްޒަތާއި އިއްފަތަށް ވެސް އަރައިގަނެވުނީއެވެ. އެއަށް ފަހު އޭނާގެ ލެޔަށް ވެސް ފެންބޮވައިގަނެވުނީއެވެ. އެކަމަކު ބޭނުންވި އެއްވެސް އެދުމެއް ހާސިލުނުވެ އުޅެނިކޮށް ފަހަތުން އައިސް ބޮލަށް އަރުވާލި އެތިފަހަރަކާ އެކު ހެއިކެނޑިގެން އަހަރެން ޒުލޭހާގެ ގައި މައްޗަށް ވެއްޓިއްޖެއެވެ.
ހޭލެވުނީ ކިހާއިރެއް ވީފަހުން ކަމެއް އަހަންނަކަށް ނޭނގެއެވެ. އޭރު ވެސް ނިކަން ގަދައަށް ބޮލުގައި ރިއްސައެވެ. ފަޅައިގެން ދިޔަ ބޮލުން ފޭބި ލޭތަކާ އެކު ވިނަގަނޑުމަތީގައި އަހަރެން އޮތީ ފާޑަކަށް ތަތްތެޅިފަ އެވެ. ހޭވެރިކަންވިޔަސް ފުންމައިގެން ތެދުވެ ދުއްވައިގަނެވޭ ވަރަށް ވުރެން މީހާގެ ހާލު ދެރަ އެވެ. އޭރު އަހަރެންގެ ފަހަތުން ކަށި ކުރަކި ނޭވާއެއްގެ އަޑު އިވެއެވެ. އެ އަޑު އެންމެ ވައްތަރީ ރުޅިއަރައިގަނެގެން ހަމަލާ ދޭން ފުންމައިގަތުމަށް ހަތަރެސްފަޔަށް ވަރުލަމުން ދިޔަ ޖަނަވާރެއްގެ އަޑާއެވެ. ތެދުވެގެން ފުރާނައަށްޓަކައި އެތަން ދޫކޮށް ދުއްވައިގަތުމަށް ކިތަންމެ ބޭނުންވިޔަސް އެ ހައިވާނެއްގެ ހޭރުމުގެ އަޑާއެކު އަހަރެން އަނެއްކާވެސް ވިނަގަނޑު މައްޗަށް ތިރިވެ މައިތިރިވީއެވެ. އިރުކޮޅެއް ފަހުން އެ ޖަނަވާރެއްގެ ކުރަކި ނޭވާގެ އަޑު ކެނޑި މުރުމުރުލައްވަމުން ގޮސް ގަސްތަކުގެ ތެރެއަށް ވަދެއްޖެއެވެ. އެއީ ދަޅުފަޅައި ލޯ ދިއްލިފައިވާ ނިކަން ބިޔަ ޖަނަވާރެކެވެ. ވަގުވަގަށް އެ މަންޒަރަށް ބަލަން އޮވެފައި، އޭތި ގޮސް ގަސްތަކުގެ ތެރެއަށް ވަދެ ގެއްލުމާއެކު ތަދާއި ބިރު ކަނޑާލާފައި ފުންމައިގެން ތެދުވެ ފުރާނައަތްމައްޗަށް ލައިގެން އަހަރެން ރަށު ތެރެއަށް ދުއްވައިގަތީމެވެ.
އެކަމަކު އަނެއްކާވެސް އަހަރެންގެ އަމާޒަކަށްވީ އަތުން ދޫވެ ރަށު ތެރެއަށް އެރި ޒުލޭހާއެވެ. އޭރު މެންދަންވެ މުޅި ރަށް އޮތީ ނިދައިފަ އެވެ. ބައްތިތައް ނިއްވައި މުޅި ރަށް އެކީ އަނދިރިކޮށްލައިފަ އެވެ. ގަދަ ވަޔާއި ކަޅުބޯވިލާތަކާ އެކު ކެރިގަނޑެއްގެ މުސީބާތް ވެސް ބޯމަތީގައި އެނބުރެނީއެވެ. އެކަމަކު އަހަރެންގެ ކުރިމަތީގައި ޒުލޭހާ އަށް ވުރެން ބޮޑު ބަލާވެރިކަމެއް އޭރަކު ނެތެވެ. އޭނާ އެހީއަކަށް އެދި މީހެއްގެ ގާތަށް ގޮސްފި ނަމަ އަހަރެންގެ ޒަމާން ދިޔައީއެވެ. އެކަމަކު އަހަރެން ހުރީ އެހާ ފަސޭހައިން ދޫކޮށްލާ ކަހަލަ ފިކުރެއްގައެއް ނޫނެވެ. މުޅި ރަށުގައި ލޭ އޮހޮރުވާލައިގެން ވިޔަސް އެ ރޭ އަހަރެންގެ ރެޔަކަށް ހަދަން އަޒުމުކަނޑައަޅައިގެންނެވެ.
އޮޑިހަރުގެއަށް ވަދެ ފުރޯއެއް އަތުޖައްސައިގެން މުޅި އެހިސާބުގަނޑު ހޯދައި ބެލިއިރު ވެސް ޒުލޭހާގެ ޚަބަރެއް ނުވި އެވެ. ކައިރީގައި އޮތް ބަނޑުއޮޑިއަކަށް އަރައި އަތްފުނާއަޅައިގެން ވެސް އޭނާގެ ހިލަމެއް ވާވަރެއް ނުވިއެވެ. އޮޑިން ފުންމާލައިގެން ގޮސް ރަށަށް އަރައި އޭނާގެ އަމާގެ ޖިފުޓިއަށް ބޯދިއްކޮށް ބެލިއިރު އެ ގެއަކު ވެސް އެއްވެސް ކަމެއް ނެތެވެ. އެންމެން ނިދައި މަރުވެފަ އެވެ. އެހިސާބުން ޒުލޭހާ އަށް ހިމާޔަތް ދިނީ ކާކުކަން ހިތުން ކަށަވަރުކޮށް އަހަރެން ދެން ދުއްވައިގަތީ ޒާލިމުމެންގެއަށެވެ. އަހަރެން ނިންމީ ޒާލިމާ އެކުގައި ޒުލޭހާ ވެސް ކަތިލައި ބުރިބުރިއަށް ކުދިކޮށް ކޮށައިލާށެވެ. ގަދަކޮށްލި ރޯޅިއަކާއެކު ނަގޫރޯޅިއެއްހެން އެނބުރެމުން ގޮސް ޒާލިމުމެންގޭ ދޮރު ވައްޓާލާފައި އަހަރެން އެތެރެއަށް ވަންއިރު އޭނާގެ އަމާ ހިލޭ ފިރިހެނަކާ މޮށެން ބޮޑުއަށީގައި އޮތެވެ. މަރީނާގެ އެދުންވެރި އެ ދުނިޔެއަށް ފަރުވާލެއްނުދީ އަހަރެން ގޮސް ފުރޯއިން ޖަހައި ދެން ލުއްސުވައިލީ ޒާލިމު ކޮޓަރީގެ ދޮރެވެ. އެކަމަކު އެއަޑާއެކު ފުންމައިގެން ތަންމަތިން ތެދުވި ޒަމާންވީ އެކުވެރިޔާ ފެނި އަހަރެންގެ ހަތަރެސްފައި ވަގުތުން ފިނިވެ ހުއްޓުންއަރައިފި އެވެ. ޒާލިމު ފެނުމުން އަހަންނަށް އަބަދުވެސް ޖެހޭ ހާލަކީ އެއީއެވެ.
"ޒުލޭހާ ވަގަށް ނަގައިފި."
ހިކިހިތްވަރުގަނޑު ހުސްވެ، ހަރަކާތް ހުއްޓި ކިޔާނެ އެއްޗެއް ނޭނގިގެން ގޮސް އަހަންނަށް އެންމެފަހުން ބުނެލެވުނީ މިހެންނެވެ. އެކަމަކު ލެއިން ތަތްތެޅިފައިވާ އަހަރެންގެ މުންޑުގަނޑާއި އަތުގައި އޮތް ފުރޯ ފެނި ދެ ލޯ ބޮޑުވެފައި ހުރި ޒާލިމު އަހަރެންގެ ވާހަކަ ގަބޫލުކުރާނެ ހެއްޔެވެ؟ އަހަރެންގެ އެ ސުވާލަށް ޖަވާބުލިބެން ނެގީ ކުޑަ ހިނދުކޮޅެކެވެ. އޭރު، އަތުގައި އޮތް ފުރޯ ޖަހައިގެން ހަޅޭފަޅޭ ޖަހަމުން ޒާލިމު ގެއިން ނުކުމެގެން ދުއްވައިގެންފިއެވެ. ލިބުނު ހައިރާންކަމުގައި ހިތުން ނުތަނަވަސްކަން ބޭރުކޮށް އަހަރެން ވެސް އޭނާ ފަހަތުގައި ދުއްވައިގެންފީމެވެ. އެވަގުތު އޮއްސާލި ވާރެއާ އެކު އަހަރެންނަށް އުފަލުން ރޮވިއްޖެއެވެ. އެކަމަކު އަދިވެސް ޒުލޭހާ ހަމަހޭގައި ނުވަތަ ދިރިހުއްޓައި ފެނިއްޖެ ނަމަ ޒާލިމުގެ އަތުގައި އެ އޮތް ފުރޯއިން ޖަހައި ބުރިކޮށްލާނީ އަހަރެންގެ ކަރުކަން އެނގޭ ހާލުގައި އަހަރެން ވެސް ދުވަމުން ގޮސް އޭނާއާ އަރައި ހަމަކޮށްލީމެވެ. އޭރު ޒުލޭހާގޭ ޖިފުޓި ދޮށަށް ދެމިދެމިފައި މާނޭވާލަމުން ގޮސް ޒާލިމު ހަޅޭފަޅޭޖަހަނީއެވެ. ބޯކޮށްވެހެމުންދިޔަ ވާރޭގެ ތެރެއިން ގޮސް އަހަރެން ވެސް ގޯތިތެރެއަށް ވަދެ ޒާލިމުގެ ފަހަތުގައި މަޑުކޮށްލީމެވެ. ފުޅި ބައްތިއެއް ހިފަހައްޓައިގެން ހުރި މެދުއުމުރުގެ އަންހެނަކު އޭރު ޖިފުޓީގެ ދޮރު ހުޅުވާލައިގެން ވާނުވާނޭނގި ނިދިން ވެސް ރަނގަޅަށް ހޭނުލެވިފައި ހުއްޓެވެ. އެއީ ޒުލޭހާގެ އަމާއެވެ. ބަލަންނުހުރެެ ނިކަން ހަރުފިޔަވަޅުތަކެއްގައި ގޮސް އެ އަންހެން މީހާ ދުރަށްޖައްސާލާފައި ފުރޯއާ އެކު ޒާލިމު އެތެރެއަށް ވަދެއްޖެއެވެ. ކިތަންމެ ބޯކޮށް ވާރޭވެހެމުންދިޔަ ނަމަވެސް އޭނާގެ ގައިގައި ރޯވެފައިވާ އަލިފާންގަނޑަށް އޭގެ އެއްވެސް އަސަރެއްނުކުރާ ކަހަލައެވެ. އެތެރެއަށް ވަދެގެން ޒާލިމު އެ ދަނީ ކާކު ޝިކާރަކޮށް ނޮޅައި ކުދިކޮށްލަންކަން އަހަންނަށް އެނގެއެވެ. އެ ޖިފުޓީގައި ނިދާފައި އޮތް ޒުލޭހާގެ ދޮންބަފާ ހޭއަރުވާލާށެވެ. އެކަމަކު ޒުލޭހާ އަށް މިރޭ މި ހާލެއް ޖެއްސި މީހަކީ އެއީ ނޫންކަން އަހަންނަށް އެނގެއެވެ. އެކަމަކު އަހަރެން ހުރީ އޭރު، ޒުލޭހާ ދިރިހުއްޓައި ފެނުން ނޫން އެހެން ހުރިހާ ގޮތެެއް ވެސް ވަރިހަމަވެފަ އެވެ. ޖިފުޓި ތެރެއަށް ވަދެގެންދިޔަ ގޮތަށް ހަޅޭފަޅޭޖަހަމުން ޒުލޭހާގެ ދޮންބަޕާގެ ގައިގައި ތަޅައި ރޯނާގަންނަވާލުމަށް ފަހު ވަރުބަލިވެގެން އެންމެފަހުން ޒާލިމު ބޭރަށް ނުކުމެއްޖެއެވެ. އޭރު އޭނާ އަށް ފިޔަވަޅެއް ވެސް ރަނގަޅަކަށް ނޭޅެއެވެ. އެވަރުބަލިކަމުގައި އައިސް އެންމެފަހުން ދެކަކޫ މައްޗަށް ވެއްޓި ޒާލިމު ވެސް ދެމިއްޖެއެވެ.
ރަށު ތެރޭގައި ފަހުން ޚަބަރު ފެތުރުނު ގޮތުން ނަމަ ކަނޑުފޭރޭ ބަޔަކު ރަށަށް އަރައި ކާޑުގޭ ލޫޓުވާލައިގެން ދިޔައިރު ޒުލޭހާ ފަކީރު ވެސް ޖަހައިގެން ގެންދިޔައީއެވެ. އެ ވާހަކައެއް ރަށު ތެރޭގައި ފަތުރައި އެ ބަޔަކު ދުށް ކަމަށް ބުނެ ރަށުގެ އިސް އަހުލުވެރިންގެ މަޖިލީހުގައި ހެކިދިން މީހަކީ އަހަންނެވެ. އެރޭ ރަށަށް އެރި ބަޔަކު އަސްލަށް ވެސް ކާޑުގޭ ލޫޓުވާލައިގެން ގެންދިޔައީއެވެ. އަހަންނަށް އެރޭ އެމީހުން ނުފެނުނު ކަމުގައިވިޔަސް އަހަރެން ގޮސް އެރި އޮޑިއަކީ ރަށު އޮޑިއެއް ނޫންކަން ރޭކާލީ މާ ފަހުންނެވެ. އަހަރެން އެ އޮޑިއަކަށް އެރިއިރަކު އޭގައި އެއްވެސް ފަޅުވެރިއަކު ނުވެއެވެ. އެހެންކަމުގައި ވަނީ ނަމަ އޭގެ ފަޅުވެރިން އެވަގުތު ރަށަށް އަރައި ކާޑުގޭ ލޫޓުވަނީއެވެ. އަދި އަހަރެން ރަށަށް އަރައި ޒާލިމުމެންގެއަށް ދިޔަ ވަގުތަކީ ކާޑުކޮޅު ލޫޓުވާލާފައިގެން އޭގެ ފަޅުވެރިން ފުރައިގެން ދިޔަ ވަގުތެވެ. ޔަގީނަށް ވެސް ފަތިހަށް އަލިވިލުނުއިރަކު އެވަރުގެ އެއްވެސް އޮޑިއެއް އެހިސާބަކުން ފެންނާކަށް ނެތެވެ. ހޯދާހޯދައި ވެސް ރަށުން ޒުލޭހާ ނުފެނުމުން އޭނާ ފިލައިގެން އެ ދިޔައީ ފޭރޭ މީހުންގެ އޮޑީގައިކަން އަހަންނަށް ޔަގީންވެ، ފޭރޭ މީހުންގެ ބޮލުގައި ހުރިހާ އިލްޒާމެއް އަޅުވަމުން އަހަރެން ބަތަލެއްގެ ދަރަޖައަށް އަރައިގެންދިޔައީ އެވެ. އެކަމަކު އަހަރެންގެ އެ ވާހަކަ ޒާލިމުގެ ބޮލާއި ހިތުން ގަބޫލުކޮށް ޒުލޭހާ މަތިން ހަނދާންނައްތާލިހެނެއް ހީއެއްނުވެއެވެ. ހަގީގަތަކީ އަހަރެންގެ އަތްދަށުން ދޫވެގެން ޒުލޭހާ ފިލައިގެން ގޮސް ހުރިތަނެއް ހޯދައި ބަލަން އަހަރެން ވެސް ކެތްމަދުވެފައި ހުރިކަމެވެ. އަދި ޒާލިމަށް ވުރެ ކުރިން ޒުލޭހާ ހޯދައި އޭނާގެ ދުވަސް ދުއްވާލަން އަހަރެން ބޭނުންވެފައި ހުރިކަމެވެ.
އެކަމަކު ޒުލޭހާ ހޯދަން އަހަރެން ދާނީ ވެސް ވަކި ކޮންތާކަށް ހެއްޔެވެ؟ ކޮންމެއަކަސް އެންމެފަހުން ޒުލޭހާ ގެއްލުނު ވާހަކަގަނޑު ދުވަސްގަނޑެއް ފަހުން ރަށު ތެރެއަށް ހިނދިއްޖެއެވެ. އޭގެ ފަހުން މީހުންތައް އެމީހުންގެ އާންމު ދިރިއުޅުމާއި ދަނޑުވެރިކަމަށް އެނބުރި ޒުލޭހާ މަތިން ހަނދާން ނައްތާލައިފި އެވެ. އަހަރެން ވެސް ދިޔައީ މީރާއޭ ނަމަކަށް ކިޔުނު އަންހެން ކުއްޖެއްގެ ފަސްފަހަތް ބަލަމުން ހިތަށް ފިނިކަމެއް ހޯދަމުންނެވެ. އެކަމަކު ޒާލިމު އާއި އަހަރެންނާ ދެމެދު އޮތް ގުޅުން އޭރު އޮތީ ހިސާބަކަށް ކިލަނބުވެފަ އެވެ. އަހަންނަށް ބޮޑަށް ގަބޫލުކުރެވުނީ ޒުލޭހާ އަށް ވީގޮތެއް ވުމުގެ ފަހަތުގައި އަހަރެންގެ އަތެއް އޮތް ކަމަށް އޭނާގެ ހިތުގައި ދެން ވެސް ޝައްކުއުފެދި އެ ޝައްކުތައް ހަގީގީ ތުހުމަތުތަކަށް ބަދަލުވަމުންދިޔަ ކަމެވެ. ނަމަވެސް ހައެއްކަ މަސް ފަހުން އަނެއްކާވެސް އަހަރެމެން ދެ މީހުންގެ ގުޅުން ކުރީގެ އުސްމިނަށް ކުއްލިއަކަށް އުފުލި ދެ މީހުން އެކުގައި ބިޑިސުއްޓާ ބޮއެ މަޖާކުރުންތައް ވެސް ފެށިއްޖެއެވެ. އޭރު މީރާގެ ހިތް އަހަރެންގެ އުނގަށް ވެއްޓެނީއެވެ. އެ ވާހަކަ އަހަރެން ދިޔައީ ޒާލިމަށް ވެސް ކިޔައިދެމުންނެވެ. އެކަމަކު އޭރު އަހަރެންގެ ހިތުގެ އުދާސްތަކާއި ވާހަކަތައް ކިޔައިދެމުން ހުރިހާ ކަމެއް ހިއްސާކުރަމުން ދިޔަ ޒާލިމަކީ އަހަރެންގެ އަސްލު އެކުވެރިއެއް ނޫންކަން އަހަންނަށް އިހުސާސުވީ ކުޅި ކިސަޑު ވަލުގައި އޭނާ މީރާއާ އެކުގައި އަހަރެން ވެސް ވަޅުލި ރެއަށް ފަހު އެވެ.
އަހަރެން މިހާރު ގަބޫލުކުރާ ހިތްވަނީ މިހެންނެވެ. އެ ދުވަހު އޭނާ އަހަރެން ގޮވައިގެން ތުނޑިއަށް ގޮސް ރަލާއި ފަތުބިޑި ދީގެން އަހަރެންގެ ބޮލަށް ވެރިވެގަތީ މާ ކުރިން ވެސް އެކަމަށް ތައްޔާރުވެގެން ގޮހެވެ. އަދި މީރާ ފަހަތު އަޅުވާލައިގެން ގޮސް އަހަންނަށް ވަސްވާސްދެމުން އަހަރެން ލައްވައި އޭނާގެ ގަޔަށް އަރުވައި އަނިޔާކުރުވީ ވެސް ޒާލިމުގެ ނުބައި ރޭވުމެއްގެ ދަށުންނެވެ. މަސްތުވެ އަމަލުވެފައިވީ ހާލެއްގައި މީރާ އަށް އަނިޔާކޮށް އޭނާގެ ކިބައިން އުފާލިބިގަތް މީހަކީ އަހަންނެވެ. ޒާލިމު ހުރީ އަހަރެން ލައްވައި އެ ހުރިހާ ކަމެއް ކުރުވާށެވެ. އަހަންނަށް ދިން ރަލާއި ފަތުބިޑީގެ އަސަރެއް އޭނާ އަށް ކުރިކަމާ މެދު ވެސް މިހާރު ޝައްކެވެ. އޭނާ ހުރީ ހަމަހޭގައެވެ. ހެއިން ނެއްޓިފައި ހުރީ އަހަންނެވެ.
އެރޭ އަހަންނަށް ވާނުވާ ރޭކާލީ މާ ބޮޑަށް ވެސް ވަގުތު ފާއިތުވި ފަހުންނެވެ. އޭރު ޒާލިމު އަހަރެން ލައްވައި މީރާގެ ހަށިގަނޑު އޭނާ ކޮނުނު ވަޅުގަނޑުގެ ތެރެއަށް ވައްޓުވާލައިފި އެވެ. އެއަށް ފަހު އަހަރެންގެ ބޮލުގައި އަޅުވައިލި އެތިފަހަރާއެކު އެ ވަޅުގަނޑުގެ ތެރެއަށް އަހަރެން ވެސް ވައްޓާލީއެވެ. ޒާލިމު ހީކުރީ އެ ހަމަލާއިން އަހަރެންގެ ޒަމާންދިޔައީ ކަމަށެވެ. ހަގީގަތަކީ ވަޅުގަނޑު ތެރެއަށް ވެއްޓުނު ނަމަވެސް އަހަރެންގެ ހެއަށް އޭރު ވެސް މާކަ ބޮޑު ވަރެއް އެ ހަމަލާއަކުން ނުވާ ކަމެވެ. އަހަރެން މަޑުކޮށްލައިގެން އޮތީ ފަސްޖަހައި ޒާލިމު އެތަން ދޫކޮށް ދާނެއިރަކަށެވެ.
އަހަރެންގެ ނަސީބަކަށް އެރޭ އެންމެ ފުރަތަމަ ވީ ބޯކޮށް ވެހެމުންދިޔަ ވާރެއެވެ. ބިންގަނޑު ފަޅާލާފައި އަހަރެން އެ ވަޅުގަނޑުން ނުކުމެގެން ހިނގައިގަތީ ޒާލިމުގެ ދުވަސް ދުއްވާލާށެވެ. މެންދަމުގެ އެ ހަމަހިމޭންކަން ނަގާލާފައި ވަނީ ގުގުރައި ވިދައި ވެހެމުން ދިޔަ ބޯ ވާރެއިންނެވެ. ރަށު ތެރޭގައި ވީ ޖިފުޓިތަކުގައި އެއްވެސް ބައެއްގެ ހިލަމެއް ނުވެއެވެ. ވާރޭގެ މި ތޫފާނަށް މުޅި ރަށް ގެނބެމުންދިޔަ ކަހަލައެވެ. ނަމަވެސް ޒާލިމުގެ އަމާ އޭރު ވެސް ލޮލުފިޔަޖެހުމެއް ނެތި އެމީހުންގެ ގޭގެ ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. ހިޔަލަށް ވަދެ ރަށުބިޑިއެއް ރޯކޮށް ދުންއަރުވަނީއެވެ. މަރީނާ ފެނުމުން އަހަންނަށް މަޖުބޫރުވީ ގޯއްޗާ މާ ކައިރިއަށް ނުގޮސް ދުރުގައި މަޑުކުރުމަށެވެ. އޭނާ އެތަނުން ފެއްސިގެން ދާނެ އިރަކަށް ވާރޭގެ ތެރޭގައި މަޑުކޮށް ތުރުތުރުއަޅަމުން ދަނިކޮށް ދެން އަހަންނަށް ފެނުނީ ފަލަކޮށް ކަޅުކޮށް ބިޔަކޮށް ހެދިފައި ހުރި ދެބައިއުމުރުގެ ފިރިހެނަކު އެތެރެއިން ނުކުމެގެން އައިސް މަރީނާ ކައިރިއަށް މަޑުކޮށްލި މަންޒަރެވެ. އެމީހާ ރޯކުރީ ބޮޑުސުއްޓާއެކެވެ. އެއަށް ފަހު އިރުކޮޅެއް ވަންދެން އެތަނުގައި މަރީނާއާ އަނގަތަޅަންށާއި ދުންއަރުވަން ހުރެފައި ވާރޭގެ ތެރެއަށް ނުކުމެ ބޭރަށް ހިނގައިގަތެވެ. އެވަގުތު އެގެއިން އިތުރު ދެ މީހަކު އެހެން މީހަކު ކޮނޑަށް ލައިގެން ފަލަ ކަޅު މީހާ ފަހަތުން ހެލިގަތެވެ. އެމީހުން ކޮނޑަށް ލައިގެން އެ ގެންދަނީ ޒާލިމެވެ. އެކަމަކު އޭނާގެ ހެއެއް ނެތެވެ. ބޮމުން ދިޔަ ބިޑި ވާރޭގެ ތެރެއަށް އެއްލާލާފައި މަރީނާ ގެއަށް ވަދެ ދޮރު ލައްޕައިފި އެވެ.
އެކަމަކު އަހަރެންގެ ރޭގަނޑު އަދި ކުރިއަށް އޮތީކަން އެނގޭ ހާލުގައި އަހަރެން ފާރަލަމުން ދިޔައީ ޒާލިމު އުފުއްލާލައިގެން ގެންދިޔަ މީހުންގެ ފަހަތުންނެވެ. އެމީހުން ގޮސް ބޮއްކުރާއެއްގައި އެންމެފަހުން އެރީ ބޭރުގައި އޮތް ބަނޑުއޮޑިއަކަށެވެ. އޮޑިހަރުގޭގެ ހިޔަލުގައި އެ މަންޒަރަށް ބަލަން ހުއްޓައި ބޮޑު ރިޔަލުގައި އެމީހުން ނައްޓާލައިފިއެވެ. ވެހެމުން ދިޔަ ވާރޭ އޭރު އޮތީ ވަރަށް ބޮޑަށް ތުނިކޮށްލައިފަ އެވެ.
ބޮއްކުރާއަކަށް އަރައިގެން ފަލި ޖަހަމުން އަހަރެން ވެސް ނައްޓާލައިފީމެވެ. ޒުލޭހާ އާއި ޒާލިމުގެ ކިބައިން ބަދަލުހިފަން ބޭނުން ނަމަ ރަށުގައި ހުރެގެން އެކަން ނުކުރެވޭނެތީއެވެ. އަދި އަހަންނަށް ޒާލިމު އަތުވެއްޖެ ނަމަ ޒުލޭހާ އަތުލަން ދެން މާ ފަސޭހަވާނެކަން އެނގޭތީއެވެ. އެކަމަކު ޒާލިމެއް އަތެއްނުވި އެވެ. ކަނޑުމަތީގައި އެތައް ދުވަހެއްވީފަހުން އަނެއްކާވެސް ކެރިގަނޑެއްގައި ޖެހި ބޮއްކުރާގަނޑު ހަލާކުވެ އަހަރެން ކަނޑުވީއެވެ. ބައްތިރީސް އެތައް ދުވަހެއް ފަހުން ހާންތިވެ ފަހުނޭވާއަށް އެޅިފައި ވަނިކޮށް އަހަރެން ނެގީ ބިބީ ލަޝްކަރުގެ އޮޑިއަކަށެވެ. އޭގެ ހަފުތާއެއްހާ ދުވަސް ފަހުން އަހަންނަށް ހޭލެވުނީ އެ ލަޝްކަރުގެ ވެރިޔާ މުހައްމަދު ބިބީގެ މުރަކަ ގަނޑުވަރަށެވެ. ލޯ ހުޅުވާލިއިރު ކުރިމަތީގައި ތިބި އޭނާގެ ޖާރިޔާއިންގެ ތެރެއިން އަހަރެންގެ ލޮލުގައި އަޅައިގަތީ ޒުލޭހާއެވެ. ހައެއްކަ އަހަރު ފަހުން އަހަރެންގެ ޝިކާރަ އެހެރީ އަނެއްކާވެސް އަހަރެންގެ ލޯކުރިމަތީގަ އެވެ. މިފަހަރު އަތުން ބީވިޔަދީގެން ނުވާނެއެވެ. (ނުނިމޭ)