6 Dec 2018

ނުދާށެ ދޫކޮށްފައި

ނުދާށެ ދޫކޮށްފައި

By: Mariyam Yasma

ހޯމަ ދުވަހާ ގުޅޭ

އައީ ކާކުތޯ ބަލަން އެ ދިމާއަށް ނަޒަރު ހުއްޓާލައިގެން އިންދާ މަންމަ އެއްފަރާތަކަށް ޖެހިލާފައި އެ މީހަކު ވަންނަން ތަން ދެއްކި އެވެ. ސާހިލްގެ ބަދަލުގައި އެތެރެއަށް ވަދެގެން އަންނަތަން ފެނުނީ ރާޔާ އެވެ.

"ހާއި.....!" ފުރަތަމަ އަކުރަށް ބޮޑަށް ދަމާލައިފައި ރާޔާ ގޮވާލި އެވެ.

ކައިރިއަށް އައިގޮތަށް އަތުގައި ހުރި ކޮތަޅު ތިރީގައި ބަހައްޓާފައި އޭނަ ކުޑަކަކޫ ޖަހައިލީ އަހަރެން އިން ސޯފާގެ ކުރިމަތީ ކާޕެޓްމަތީގަ އެވެ.

"އައިމް ސޯ ސޯ ސޯ ސޮރީ ބައްދަލުކުރަން ނައިސް މިހާ ގިނަ ދުވަސް ވީމަ. އެކަމަކު ހަމަ ތެދެއް މިބުނީ ނޭވާލާނެ ވަގުތު ވެސް ލިބެނީ ކިރިޔާ. އެހާ ވެސް ބިޒީކޮށް އުޅެފަ މިއައީ." އަހަންނަށް އެއްޗެއް ނުބުނެވެނީސް ކަކޫމަތީ އޮތް އަހަރެންގެ ދެ އަތުގައި ހިފާލައިފައި ރާޔާ ވާހަކަދެއްކި އެވެ. އެ ލޮލުން އޭނަ ބުނި ބަހުގެ ތެދުކަން ފެންނާން ހުއްޓެވެ.

"އަހަންނަށް އިނގޭ ރާޔާ ބިޒީވާނެ ވަރު. ޓްރަސްޓް މީ އަހަރެން ހިތް ބުރައެއް ނުކުރަން. ރާޔާ މާފަށް އެދޭނެ ކަމެއް ނެތް." ހިނިތުންވުމާއެކު އަހަރެން ޖަވާބުދިނީމެވެ.

އެވަގުތު ރާޔާ ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލި އެވެ. ތެދުވެ އޭނަ ދެން ޖެހިގަތީ އަހަރެންގެ ކަނާތްފަރާތުގައި ހުރި ސޯފާއަށެވެ. އޭނަ ފުރަތަމަ ވެސް އެހީ އަހަންނާއި އަހަރެންގެ ފައިގެ ހާލަތެވެ. ބޭސްފަރުވާ ކުރިއަށްދާ ގޮތުގެ ތަފްޞީލެވެ. މަންމަ އާއި އަހަރެންގެ އެދުމުގެ މަތިން ރާޔާ ސައިބޯން އެއްބަސްވި އެވެ.

"ތިއެއް ނޫން ދެންމެ އަހަރެން އައިއިރު މިތަނުން ނިކުމެން އެދިޔައީ ކާކުތަ؟" މަންމަ ބަދިގެއަށް ދިޔަތަން ބަލާފައި ރާޔާ ސިއްރުސިއްރުން އެހި އެވެ.

ރާޔާގެ ޝައުޤުވެރިކަން ދެކެފައި އަހަރެންނަށް ހިނިތުންވެނުލައެއް ނީނދެވުނެވެ.

"އެއީ ސާހިލް. އަހަރެންގެ ފިޒިއޯ. އޭނަ މިހާރު ގެއަށް ވެސް އަންނާނެ އިތުރަށް މަސައްކަތްކޮށްދޭން ވެގެން." އަހަރެން އޮޅުންފިލުވައިދިނީމެވެ.

"ހީޒް ހޮޓް." ރާޔާ ބުންޏެވެ.

ވަކި އެއްޗެއް ނުބުނަން ވެގެން އަހަރެން ފޯނަށް ނަޒަރު ހުއްޓައިލީމެވެ. ސާހިލްގެ ރީތިކަމަށް އަހަރެން އެއްބަސްނުވަނީއެއް ނޫނެވެ. އެކަމަކު އެހެންމީހެއްގެ އަންބެއްގެ މަގާމުގައި އިނދެގެން ހިލޭ ފިރިހެނަކަށް ތައުރީފް ކުރަން ބޭނުން ނުވީ އެވެ. ނަސީބަކުން މަންމަ އެ ގަޑީގައި ބަދިގެއިން ނިކުމެގެން އަންނަން ފެށުމުން ރާޔާއަށް ވެސް އިތުރަށް އެ ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. ތަބަކުގައި ހުރި ހެދިކާ ތަށިތައް މޭޒުމަތީ އަތުރާފައި މަންމަ ދެން ހިނގައިގަތީ ސައި ބަލަ އެވެ. ރާޔާ ދެވަނަ ފަހަރަށް އެ ވާހަކަ ނުފަށަނީސް އަހަރެން އެހީ މަސައްކަތުގެ ވާހަކަ އެވެ. ހިތަށް ތަދުވި ނަމަވެސް އަހަރެން މަސައްކަތްކޮށްފައި އައި ޕްރޮޖެކްޓްތަކާ ބެހޭގޮތުން އޮޅުންފިލުވަން ބޭނުންވި އެވެ.

"ތިހެން އެހީމަ މި ހަނދާންވީ. އަހަރެން އެބައޮތް ޔަލްވީގެ ހިޔާލު ހޯދަން ވެފަ." ރާޔާ އިންތަނުން ތެދުވެގެން އައިސް އަހަރެން އިން ސޯފާގެ އަނެއްކޮޅުގައި އިށީންނަން ތައްޔާރުވި އެވެ. ރާޔާއަށް ތަން ދޭން ވެގެން ކަކުލާއި ހަމައިގައި އަތުން ހިފައި ދެފައި ކުރުކޮށްލީމެވެ.

ރާޔާ ފޯނަށް ބަލަން އިރުކޮޅަކު އިނދެފައި ފޯނު ހިފައިގެން ކުރިއަށް ވުރެ ވެސް ކައިރިވެލި އެވެ. ފޯނުން ރާޔާ ދެއްކީ ތަފާތު ދެތިން ވައްތަރެއްގެ ދޮރު ފޮއްޗެވެ. އަހަރެންގެ އެހީއަށް އެދުނީ އޭނަ ޑިޒައިން ކުރަމުންދާ ކޮޓަރިއަކަށް އެތަނުން އެންމެ ގުޅޭ ފޮއްޗެއް ހޮވައިދިނުމަށެވެ. އެކުގައި މަސައްކަތް ކުރިއިރު ވެސް އެކަކު ޑިޒައިން ކުރާ ތަނަކަށް އަނެކަކުގެ ހިޔާލު އަހަރުމެން ހޯދަމެވެ. ދެން ފާއިތުވި ފަނަރަ ތިރީހަކަށް މިނިޓް ހޭދަވެގެން ދިޔައީ މަސައްކަތާ ގުޅޭ ވާހަކައިގަ އެވެ. އަހަރެން އެކްސިޑެންޓް ވުމުގެ ކުރިން މަސައްކަތް ކުރަމުން އައި ބައެއް ޕްރޮޖެކްޓްތައް ކުރިއަށް ދިޔަ ގޮތުގެ ތަފްއީލު ރާޔާ ދިނެވެ. ނޭނގި ތިއްބާ ފެނުނީ ހެދިކާތައް ހުސްވެފައި ހުއްޓަ އެވެ.

"ޔަލްވީ އަހަރެން ބުނަން ބޭނުންވާ ވާހަކައެއް އެބައޮތް." ކުއްލިއަކަށް ރާޔާގެ އަޑަށް ވެރިވި ސީރިއަސްކަން އަހަންނަށް ކަމަކުނުދިޔަ އެވެ.

ހިތް ބުނީ ރާޔާ ބުނަން އެއުޅޭ ވާހަކަ އަހަން އަހަންނަށް ފަސޭހަ ނުވާނެ ކަމުގަ އެވެ.

"އަހަންނަށް އިނގޭ ޔަލްވީއަށް ވަޒީފާއަށް އަނބުރާ ދެވޭނެ ދުވަހެއް ބުނަން ނޭނގޭކަން. އަހަރެން ބޭނުންވޭ ޔަލްވީގެ މަޤާމު ޔަލްވީ ރަނގަޅު ވަންދެން އެހެން މީހަކަށް ނުދީ ބާއްވަން. އެކަމަކު އަހަންނާއި ދެންތިބި މަދު މުވައްޒަފުން ކުރަންވީމަ މަސައްކަތްތައް އޮންނަނީ ފުނިޖެހިފަ. އެހެންވެ އަހަންނަށް އެބަޖެހޭ ވަގުތީ ގޮތުން ވިއަސް އިތުރު މީހަކު ނަގަން. އެކަމަކު އަހަރެން ވަޢުދުވަން ޔަލްވީ ރަނގަޅުވެގެން އަހަރެން ކައިރިއަށް ހިނގައްޖެ ދުވަހަކުން އަހަރެން އަބަދުވެސް މަރުހަބާ ކިޔާނަން..." ރާޔާގެ ވާހަކަ ނިމުނުއިރު އަހަރެންގެ ލޮލުގައި ކަރުނަ ބޮނޑިވެއްޖެ އެވެ.

ބުނަން ބޭނުންވި ކިތަންމެ ވާހަކައެއް ވިއަސް އަހަންނަށް ހަމައެކަނި ކުރެވުނު ކަމަކީ ބޯޖަހައިލުމެވެ. ރާޔާ ކަހަލަ އެކުވެރިއަކު މިޒަމާނުގައި ލިބޭނީ މަދުންނެވެ.

ރާޔާ ދާން ވެގެން އޭނަ ގެނަ ކޮތަޅު އަހަންނަށް ދީފައި ދިން މީރު ސަޔަށްޓަކައި މަންމަ އަށް ޝުކުރުއަދާކުރި އެވެ. އެ ހިސާބުން ދެން އަނެއްކާ ވެސް ގޭގައި އަހަންނާއި މަންމަ އެކަނިވީ އެވެ.

އެ ރޭ ކާން އިނދެފައި ގެއަށް ދާން ބޭނުންވާކަން އަހަރެން ހާމަކުރީމެވެ. ދުރުގައި ހުރި ވަރަކަށް އަހަންނާއި ނުލައި އުޅެން އާއިން އަށް ފަރިތަވާނެ ކަމަށް ބުނުމުން މަންމަ ދެކޮޅެއް ނުހަދަ އެވެ. ހިތާ ދެކޮޅަށް ވިއަސް އަހަރެންގެ އެދުމަކަށް މަންމަ މިހާރު ފުރަގަހެއް ނުދޭނެ އެވެ. ދޮންތަ ވެސް ޅަކުއްޖަކު ގޮވައިގެން އެކަނި އުޅޭނީ ދަތިކޮށެވެ.

ގޭގައި އަހަރެން ފިޒިއޯ ނެގި ފަހު ދުވަހު މަންމަ ހުރީ ފެންނަ ހިސާބުގައި ބަލާށެވެ. އެ މޫނުން މޮޅިވެރިކަން ފައުޅުވާން ހުއްޓެވެ. ސާހިލް އަށް ވެސް ފާހަގަ ވާނެކަން ގައިމެވެ. އެކަމަކު ކޮންމެވެސް ސަބަބަކާ ހުރެ އެކަން އިނގޭ ކަމަށް ހަދަން، ނޫނީ ސުވާލުކުރަން ބޭނުން ނުވީ އެވެ. ސާހިލް ދިއުމުގެ ވަގުތު ޖެހުމާއެކު މަންމަ ކައިރިއަށް އައެވެ. ސާހިލްގެ ކޮނޑުގައި ހިފާލައިފައި ފަށް ފަށުން ޝުކުރު އަދާކުރި އެވެ. އަދި ކުރިއަށް އޮތް ތާގައި ވެސް އަހަރެންގެ ފަރުވާގެ ކަންތައް ވީ އެންމެ ފުރިހަމައަކަށް ކުރިއަށް ގެންދިއުމަށް އެދުނެވެ.

ޖަވާބަކަށް އެދޭފަދަ ނަޒަރަކުން ސާހިލް ބަލައިލީ އަހަރެންގެ މޫނަށެވެ. އެ ވަގުތު އަހަންނަށް ކުރެވުނު ކަމަކީ އިސްޖަހައިލުމެވެ. ފަހު ދުވަސްވުމުން މަންމަ އެހުންނަނީ ޖަޒުބާތީ ވެފަ އެވެ. އެކަމަކު އޭގެ ސަބަބު ސާހިލް އަށް ކިޔައިދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. މަންމަ އަހަރެން އެކަނިކޮށްލާފައި ދާން ދެރަވެގެން އުޅޭކަން އެނގިއްޖެނަމަ އޭގެ ފަހަތުގައި އިތުރު ސަބަބެއް ވާ ކަމުގައި ޝައްކުވެދާނެ އެވެ. އެސަބަބަކީ އަހަރެންގެ ފިރިމީހާ ކަމުގައި އަހަރެން ދުވަހަކު ވެސް ބުނާކަށް ބޭނުމެއް ނުވެ އެވެ. އަމުދުން އަހަރެންގެ ޒާތީ ކަންކަން އެނގުން ސާހިލް އަށް ވާނީ އުދަނގުލަކަށެވެ. އޭނަ މިތަނަށް އަންނަނީ ހަމައެކަނި ފިޒިއޯއެއްގެ ހައިސިއްޔަތުންނެވެ.

ޖެހިގެން އައި ދުވަހު އަހަންނާއި މަންމަ އެކަކު އަނެކަކަށް އަލްވަދާއު ކީ ކަރުނުން ލޯ ތެމިފައިވާ ހާލުގަ އެވެ. ކިތަންމެ ހިތްވަރު ކުރަން ބޭނުންވި ނަމަވެސް މަންމަގެ ލޮލުން ކަރުނަ ފެނުމުން އަހަރެންގެ ކެތްތެރިކަން ކޮޅުންލީ އެވެ. މަންމައަކީ ފަސޭހައިން ރޮއެއުޅޭ މީހެއް ނޫނެވެ. މަންމަ ރޯނީ ވަރަށް އަސަރުކުރީމަ އެވެ. މިއަދު މަންމަގެ ހިތަށް އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ އަހަރެންގެ ނުކުޅެދޭ ހާލުގައި މަންމަ އިތުބާރު ނުކުރާ މީހެއްގެ އަތްމައްޗަށް ދޫކޮށްފައި ދާން ޖެހިގެންނެވެ.

ޑްރައިވަރު އަހަރެން ގެއަށް ވެއްދުމާއެކު އަމިއްލައަށް ގޮނޑި ދުއްވާފައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަނީމެވެ. މުހިންމު ބައްދަލުވުމެއް އޮންނާތީ އާއިން ގުޅާފައި ބަލާ ނުދެވޭނެކަން އޮތީ އަންގައިފަ އެވެ. ބަދަލުގައި ޑްރައިވަރު ފޮނުވާނެ ވާހަކަ ބުނުމުން އަހަރެން އެއްބަސްވީމެވެ.

ކޮޓަރިއަށް ހަމަ ވަންތަނާ ގޭގައި މެއިޑު އައިސް އެނދުގައި އިށީންނަން އެހީވެދިނެވެ. އިތުރު ކަމަކަށް ބޭނުންތޯ އެހުމުން އަހަރެން ބޯހޫރައިލީމެވެ. ވަދެގެން އައިއިރު ގޭތެރެ ފަޅުކަން ދެކެފައި އެހެން މީހުން ގޭގައި ނޫޅެނީކަން ލަފާކޮށްލަން އެނގުނެވެ. އާއިން އަށް މެސެޖްކޮށްފައި ގެއަށް އާދެވުނުކަން އެންގުމަށްފަހު އަހަރެން އެނދުގައި ދިގުދިގަށް އޮށޯވެލީމެވެ. ނިދީގެ އަސަރު ނެތުމުން ލޯ މަރާލައިފައި ވެސް ޖެހުނީ ހުޅުވާލާށެވެ.

ކޮޓަރިތެރެއަށް ބަދަލުތަކެއް އައިސްފައި ހުރިކަން އެނގުނީ އެހެން އޮވެ ބެލި ބެލުމުންނެވެ. އަހަންނަށް ބުމަ ކައިރިކޮށްލެވުނެވެ. އަމިއްލަ ކޮޓަރީގައި އަހަރެން ބަހައްޓާފައި ހުރި އާއިލީ ބައެއް ފޮޓޯތައް ވެސް މިހާރު ގެނެސް އެހުރީ ފާރުގައި ހަރުކޮށްފަ އެވެ. އަހަރެން ނިންމީ އާއިން އައުމުން ސުވާލު ކުރުމަށެވެ. މިތަނަށް އެހުރިހާ އެއްޗެއް ގެންނަންވީ ކީއްވެ ހެއްޔެވެ؟ މީ އަހަރެން ވަގުތީ ގޮތުން އައިސް މަޑުކުރި ކޮޓަރިއެކެވެ. ފައި ރަނގަޅު ވުމުން އަނެއްކާ ވެސް އަހަރެން ދާނީ އާއިން އާއި އަހަރެންގެ ކޮޓަރިއަށެވެ.

ބައްދަލުވުން ދިގު ދެމިގެން، ފިޒިއޯ ނަގާ ގަޑިއަކަށް ވެސް އާއިންއަކަށް ނާދެވުނެވެ. ސިލްވިއާ ހެނދުނުއްސުރެ ގެއަކަށް ނާދެ އެވެ. އަހަންނަށް އޮތީ އެންމެ ގޮތެކެވެ. އެއީ ޑްރައިވަރާއެކު ދިއުމެވެ. މަންމަ ފުރައިގެން ދިއުމާއެކު ފުރަތަމަ ދުވަހު ވެސް އަހަރެން އެކަނިވީ އެވެ. އެކަމަކު އެއީ އަހަރެން ފަރުވާއާ ދުރުގައި ހުންނަންވީ ސަބަބެއް ކަމުގައެއް ނުދެކެމެވެ. އުދާސްތައް ހިތުތެރޭ ފޮރުވާލައިފައި އަހަރެން އިސްކުރީ އަހަރެންގެ އަމިއްލަ ކުރިއެރުމެވެ. އަމިއްލަ ނަފްސަށް އަހަރެން ނުބެހެއްޓި ކުލުނެއް ބަހައްޓާނީ އެހެން ކާކު ހެއްޔެވެ؟

ކުރިން ނުފެންނަ މީހަކާއެކު އަހަރެން ފެނުމުން ސާހިލް ބުމަ ކައިރިކޮށްލި ގޮތް އަހަންނަށް ފާހަގަނުވެއެއްނުދިޔަ އެވެ. އަހަރެންގެ ދިރިއުޅުމަށް ޝައުޤުވެރިކަމެއް ނެތްކަން ދައްކަން އޭނަ ހުންނާނީ ހިމޭނުންކަމުގައި ކުރެވުނީ ކުށްހީ އެކެވެ. ފިޒިއޯ ދޭ ކޮޓަރިއަށް ހަމަ ވަދެވުމާއެކު އެއީ ކާކުތޯ ސާހިލް އެހި އެވެ. އެ ސުވާލަށް ޖަވާބު ދޭން އަހަރެން ލަދުގަތެވެ. އަހަރެންގެ ނިކަމެތިކަން އިތުރަށް ފައުޅުވުން ނޫންކަމެއް ނުވާނެ އެވެ. އެކަމަކު ސާހިލް މޫނަށް ބަލާފައި ޖަވާބު ނުލިބި އޭނަ ދޫނުކުރާނެކަން އެނގުނެވެ. ލަދުން އިނދެގެން ވިއަސް އެއީ ކާކުކަން އަހަރެން ބުނެދިނީމެވެ. އޭނަގެ މޫނަށް އެރި ކުލަ ނުފެނުނީ އެވަގުތު އިސްޖަހައިލެވުނީމަ އެވެ. "ޔަލްވީ ގެނެސްދޭވަރުގެ ގާތް މީހަކު ގޭގައި ނެތީތަ؟" ސާހިލްގެ އަޑުގައިވި ހިތްހަމަނުޖެހުން އަހަންނަށް ފުރަތަމަ ފަހަރަށް ފާހަގަވި އެވެ.

"އަހަރެން ފިޒިއޯ ތެރަޕިސްޓަށް އަހަރެންގެ ޒާތީ ކަންކަން ކިޔައިދޭން ޖެހޭނެ ކަމަކަށް ޤަބޫލެއް ނުކުރަން." އެވާހަކަ އެހިސާބުން ހުއްޓައިލުމުގެ މަޤްސަދުގައި އަހަރެން ބުނީމެވެ. ސާހިލް ކިތަންމެ ހިތްހަމަނުޖެހުނަސް އަހަރެންގެ މަޤްސަދު ހާސިލް ވާނެކަމުގެ ޔަޤީންކަން އޮތެވެ.

އެ ވަގުތު ސާހިލް އަތް މުށްކަވާލިތަން އަހަރެން ދުށީމެވެ. އަދިވެސް އެއްފަހަރު އަހަރެން އިޚުތިޔާރުކުރީ އެ މޫނުގެ ކުލަ ނުދެކި އިސްޖަހައިގެން އިނުމެވެ.

"ރައިޓް." އަމިއްލަ އިހްސާސްތައް ކޮންޓްރޯލް ކުރުމަށްޓަކައި ސާހިލް ކުރީ ކިހާ ހިތްވަރެއް ކަމެއް ނޭނގެ އެވެ. އެނގޭހާ ވެސް އެއްޗަކީ ސިކުންތުކޮޅެއް ފަހުން ޖަވާބުދިންއިރު އަޑުގައި ކުރިން އެކުލެވުނު ހިތްހަމަނުޖެހުމުގެ އެއްވެސް އަސަރެއް ނެތްކަމެވެ.

***

ނިދިފައި އޮއްވާ އާއިން އައިސް ކޯތާފަތުގައި ކޮށްޓާލުމުން ހޭލެވުނެވެ. ލޯ ހުޅުވާލިއިރު އާއިން ހުރީ އޮފީހުން އައިގޮތަށް ރަސްމީ ހެދުމުގަ އެވެ. ކަރުގައި އޮތް ޓައީ ދޫކޮށްލައިފައި އޮތް އިރު ބެގީ ނައްޓާލައިފަ އެވެ. އަހަރެން ތެދުވެ އިށީނުމުން އާއިން އިށީނދެލީ އަހަރެންގެ މަގަތުގަ އެވެ. ކޯތާފަތުގައި ހިފާލައިގެން އިނދެ އޭނަ މާފަށް އެދުނީ ހެނދުނު ބަލައި ނުދެވުނީތީ އެވެ. ހޮސްޕިޓަލަށް އަހަރެން ދިޔައީ ޑްރައިވަރާއެކުކަން އެނގޭ ނަމަ އެކަމަށް ވެސް މާފަށް އެދުނީސްކަން ޔަގީނެވެ.

ރުޅި އައިސްފައި އިންނަން ކިތަންމެ ބޭނުން ވިއަސް އެއަތުގެ އެންމެ ބީހުމަކުން ހިތް ކަފަކޮޅަކަށް ވި އެވެ. ލޯބިން އެންމެ ފަހަރަކު ބަލައިލި އިރަށް އެއަތުގެ ތެރެއަށް ވިރިގެންދާން އެދެވުނެވެ. އާއިން އަހަރެންގެ މޫނުމައްޗަށް ފައިބާފައި އޮތް އިސްތަށިތައް އެއްފަރާތްކޮށްލަދީފައި ނިތުގައި ތުންފަތް ޖައްސާލި އެވެ. އެ ވަގުތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ދެމީހުންނަށް ވެސް އެ ދިމާއަށް ބަލައިލެވުނީ އެއްފަހަރާ އެވެ. ކުރިމަތިން ލިންތާ ފެނުމުން އަހަންނަށް ކުރެވުނީ މޭފިތިގެން އައިފަދަ އިހްސާސެކެވެ. ޓަކި ޖެހުމަކާ ވެސް ނުލާ ވަދެގެން އައިއިރު ލިންތާގެ ތުންފަތުގައި ވީ ފުޅާ ހިނިތުންވުމެކެވެ. ކުރު ސޯޓަކާއި ގަޔަށް ބާރު ޓޮޕެއްގައި ހުރިއިރު އިސްތަށިގަނޑު މިހާރު އޮތީ ކަނދުރާއާ ހަމައަށް ކޮށާލައިފަ އެވެ. ކުރިއަށްވުރެ ވެސް މިހާރު ޅަކަމަށް ދައްކަ އެވެ. ހިތުތެރޭ އުތުރިގަތް ހަސަދައިގެ އިހްސާސަށް އަހަރެންގެ އަމިއްލަ އެއްވެސް ބާރެއް ނުފޯރުވުނެވެ.

"އަހަރެން މުޅި ގެ ހޯދައިފިން އާއިން ނުފެނިގެން." ލިންތާ އަހަރެންނާއި އާއިންގެ މެދުން ނަޒަރު ބަދަލުކޮށްލާފައި އާއިންއަށް ހުއްޓައިލި އެވެ. ކައިރިއަށް ހުއްޓިފައި އާއިންގެ ކޮނޑުގައި ހިފާލައިގެން ހުރީ އާއިންގެ މައްޗަށް އަމިއްލަ ބާރު އޮތްކަން ދައްކައިދޭން ހެއްޔެވެ؟ އެއަމަލު ދެކެފައި، ކަޅިއަޅާނުލައި އަހަންނަށް އިނދެވުނީ ވަރަށް ހިތްވަރުކޮށްގެންނެވެ.

"އައި ގޮތަށް ލިވީ ކޮބައިތޯ ބަލަން މިއައީ. މާ ބިޒީކޮށް އުޅުނީމަ ބަލައިވެސް ނުދެވުނު." އާއިން ބޯޖަހާލައިފައި ހުއްޓައިލީ އަނެއްކާ ވެސް އަހަރެންގެ މޫނަށެވެ.

އަހަރެން އިތުރު އެއްޗެއް ނުބުނެ ދުރު ބަލައިލުމުން އާއިންއަށް އަހަރެންނަށް އުދަނގޫވެފައިވާ ވަރު އިހްސާސްވީ ކަންނޭނގެ އެވެ. އޭނަ ތެދުވީ ހެދުން ބަދަލުކުރަން ދާ ވާހަކަ ބުނެފަ އެވެ. އާއިންގެ ފަހަތުން ލިންތާ ވެސް ދިޔަ އެވެ. އޭނަ ހުއްޓުނީ ދޮރާއި ހަމައިންނެވެ. އާއިން ނިކުމެގެން ދިއުމާއެކު އަނބުރާލައިފައި އައިސް އަހަރެންގެ ދާދި ކައިރިއަށް ހުއްޓުނެވެ. ފަޚުރުވެރިކަމާއެކު ކޮޓަރިތެރެއަށް އަތުން އިޝާރާތްކޮށްލާފައި ބުނީ ތަނުގެ ތަރުތީބު ބަދަލު ކުރީ އޭނަ ކަމަށެވެ. ކުރިއަށް ވުރެ ވެސް ބޮޑަށް އެތަންދެކެ އަހަރެން ފޫހިވީ ދެނެވެ. ފުރަތަމަ ފަހަރަށް ލިންތާ އާއި އާއިންއާއެކު ކާމޭޒު ދޮށުން ކެއުމަކަށް އިންސާފު ކޮށްލެވުނީ އެރެއެވެ.

ސިލްވިއާ އަހަރެން އެނބުރި އައުމުން އުފާވާކަން ފާހަގަކުރި ނަމަވެސް އެމޫނުގައި ވި ހިނިތުންވުން އަހަންނަށް ފެނުނީ ދެއްކުންތެރި އެއްޗެއްގެ ގޮތުގަ އެވެ. އާއިން އަހަރެންގެ ކައިރީ އިން ނަމަވެސް ލިންތާ އޭނަ އެކަނި އިނަކަ ނުދިނެވެ. ތައްޓަށް ބަތް އަޅައިދީ ފެން އަޅައިދީ މިފަދަ ކުދިކުދި އަމަލުތައް ކޮށްދީގެން އެދެމީހުންގެ ގުޅުމުގެ ހަގީގަތް އިރުއިރުކޮޅާ އަހަންނަށް ހަނދާންކޮށްދޭން އުޅޭ ކަހަލަ އެވެ. އަހަރެން އިނީ އަރުން އެއްޗެއް އެތެރެ ކުރަން ވެސް ދަތިވެފަ އެވެ. އެކަމަކު ހިތްވަރުކޮށްލައިގެން ކުޑަ އެތިކޮޅެއް ކެވުނެވެ.

"މިރޭ އަހަންނާއެކު މިކޮޓަރީގަ ނިދަންވީނު..." ސިޓިންރޫމްގައި އިރުކޮޅަކު ތިބެފައި އާއިން އަހަރެން ގޮވައިގެން ކޮޓަރިއަށް ވަނުމާއެކު އެދުނީމެވެ.

އާއިން ބޯޖަހައިލުމުން ހިނިތުންވެލެވުނެވެ. އޭނަ އަހަރެން އެނދަށް އަރުވާފައި ނިކުތީ ފޯނު ބަލައޭ ކިޔާފަ އެވެ. ގިނައިރެއްނުވެ އެނބުރި އައެވެ. ޓީޝާޓް ކަރުވަޅުގައި ހިފާ ނަގައި ބޮލުން ވަކިކޮށްލާފައި އެތާހުރި ގޮނޑިއެއްގެ މައްޗަށް ދޫކޮށްލުމަށްފަހު އޭނަ އޮށޯތީ އެނދު ބިއްދޮށުގަ އެވެ. އެމޭގައި ބޯ އަޅައިލުމުން އާއިންގެ ހަށިގަނޑުން ދުވާ މީރުވަސް ނޭފަތުގައި ހަރުލި އެވެ.

އިރުކޮޅެއް ވަންދެން އާއިންގެ ހިތުގެ އަޑު އަހަން އޮވެފައި އަހަރެން އިސްއުފުލައިލީމެވެ. އޭރު އާއިން އޮތީ ބަލަހައްޓައިގެންނެވެ. އަހަރެންގެ ނަޒަރު އެލޮލުން ތުންފަތަށް ދަތުރުކޮށްލި އެވެ. އެތައް ދުވަހަކަށްފަހު އަނެއްކާ ވެސް އެތުންފަތުގެ މީރުކަން ލިބިގަންނަން ހިތް އެދުނެވެ. ހިޔާލު ބަދަލު ނުވަނީސް ކުރިއަށް ޖެހިލާފައި އެތުންފަތުގައި ބޮސްދިނީމެވެ. އާއިންއަށް ހުއްޓުންއެރި ގޮތުން އޭނަ ސިހުނުކަން އެނގުނެވެ.

އަހަރެންގެ ތުންފަތް ހަރަކާތް ކުރަން ފެށިއިރު ހަރަކާތެއްނެތި އޮތެވެ. ސިކުންތުކޮޅަކަށް އަހަންނަށް ހީވީ އޭނަ ބައިވެރިނުވާނެ ކަމަށެވެ. ދެން އިރުކޮޅަކުން އާއިންގެ އަތް އުފުލި އަހަރެންގެ ކަނދުރާމަތީ ހިފާލި އެވެ. ކޮނޑުގައި އޮތް ނުތަނަވަސްކަން ނެތި އަހަންނަށް ހަމަޖެހިލެވުނެވެ. އާއިންގެ އަނެތް އަތް އަހަރެންގެ ޓީޝާޓް ދަށުން ބުރަކަށީގެ މަތިން ތިރިއަށް ހިންގަން ފެށުމުން ހީބިހި ނަގައިގަތެވެ.

"ލިވީ އައި ކާންޓް...." އާއިން ކުއްލިއަކަށް މޫނު ދުރުކޮށްލާފައި ހާމަކުރި އެވެ.

ނުނިމޭ

ދިގު ވާހަކަ ނުދާށެ ދޫކޮށްފައި

Popular