10 Dec 2018

ނުދާށެ ދޫކޮށްފައި

ނުދާށެ ދޫކޮށްފައި

By: Mariyam Yasma

ބުރާސްފަތި ދުވަހާ ގުޅޭ

"ލިވީ އައި ކާންޓް...." އާއިން ކުއްލިއަކަށް މޫނު ދުރުކޮށްލާފައި ހާމަކުރި އެވެ.

ވަގުތުން އަހަރެންގެ މޫނު ރަތްވެގެން އައެވެ. އާއިންގެ މޫނު ފުސްވެގެން އައީ ލޮލަށް ޖަމާވި ކަރުނައިންނެވެ. ބިންގަނޑު އަނގަ ހުޅުވާލައިފައި އަހަރެން ދިރުވާލާނެ ނަމައޭ ހިތަށްއެރި އެވެ. ފިލަން ދުވެވުނީހީ ވެސް އަމިއްލަ ފައިގައި ބާރެއް ހުރިނަމަ ނޫންހެއްޔެވެ؟ އަމިއްލަ ނިކަމެތިކަން ހަނދާންވެފައި ހައްތަހާ ބޮޑަށް އަސަރުކުރި އެވެ. ހިފެހެއްޓުމެއްނެތި އޮހިގަތް ކަރުނަތައް ކޯތާފަތްމަތިން ތިރިއަށް ދެމެމުން އައެވެ. އެ މޫނަށް ނުބަލަން ވެގެން އަހަރެން ލޯމަރައިލީމެވެ.

"ލިވީ! ލުކް އެޓް މީ! ލިވީ އަދި ރަނގަޅަކަށް ނޫން ތި ވިސްނަނީ." އާއިން އަހަރެންގެ ދަތްދޮޅީގައި ހިފާލައިފައި އެދުނެވެ.

ލޯ ހުޅުވާލުމާ އެކު އެމޫނުން އަހަންނަށް ފެނުނީ ރިހުމުގެ އަސަރެވެ.

"އަހަރެން އެގޮތް ބޭނުން ނުވެގެނެއް ނޫން އެހެން ބުނީ. އަހަރެން ބޭނުން ލިވީ. އައި ރިއަލީ ޑޫ..." އާއިންގެ އަޑުގައި ހުރީ އެ ވާހަކަތައް ޔަގީންކޮށްދޭން މަސައްކަތްކުރާ ފަދަ ރާގެކެވެ. ފަހުން އޭނަ ބުނި ވާހަކަ އިތުރަށް ޔަގީންކުރަން އަހަން ބޭނުންވެފައި ވެސް އަހަންނަށް ބަލަން އޮވެވުނީ އެވެ.

"އަހަރެން ބިރުގަންނަނީ އަހަންނަށް ނޭނގި ނަމަވެސް ލިވީއަށް އަނިޔާއެއް ވެދާނެތީ. އައި ޑޯން ވޯންޓު ލޫސް ކޮންޓްރޯލް ވިތް ޔޫ..." އާއިން ހާމަކުރި އެވެ.

އަހަންނަށް ހަމައެކަނި ބުނެލެވުނީ "އޯހ" މިހެންނެވެ. އަހަންނަށް އެ ހިޔާލު ނައީ ކީއްވެ ހެއްޔެވެ؟ އަމިއްލަ ނަފްސާ މެދު އަމިއްލައަށް ނުވިސްނާ ދެން ވިސްނާނީ ކާކު ހެއްޔެވެ؟ އެކަމަކު އެއާ ޚިލާފަށް އަމިއްލަ އެދުމުގައި އަހަރެން ހުރީ ކަނުވެފަ އެވެ. އެވަރުން ނުވެގެން އާއިންއާ ދޭތެރޭ ވެސް ހިތް ގޯސް ކުރީ އެވެ. އެކަމަކު ހަގީގަތުގައި އާއިން އިސްކުރީ އަހަރެންގެ ރައްކާތެރިކަމެވެ. އަހަރެންގެ ސިއްހީ ހާލަތެވެ.

އާއިންގެ ބޮނޑުވައި އިނގިލިން ކޯތާފަތް ފުހެދޭން ފެށުމާއެކު ހިޔާލީ ދުނިޔެއިން ނިކުމެވުނެވެ. އަހަރެން ވާހަކަދައްކަން އުޅުމުން މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރުވާލައިފައި ތުންފަތް ޖައްސައިލީ ނިތުގަ އެވެ. އެ ތުންފަތުގެ ހޫނުކަމުން އަހަރެންގެ ނުތަނަވަސް ހިތަށް ހަމަޖެހުން ގެނެސްދިނެވެ.

"ގުޑްނައިޓް ލިވީ." އެމޭގައި ބޯއަޅައިލުމާއެކު އަހަރެންގެ ކަންފަތްދޮށުގައި އާއިން ބުނެލި އެވެ. "ގުޑްނައިޓް."

***

އަހަންނަށް ހޭލެވުނުއިރު އާއިންގެ ބަދަލުގައި ބޯއަޅައިގެން އޮވެވުނީ ބާލީހުގަ އެވެ. އެވަގުތު ނިކަން މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ލެއްޕި އަޑު އައީ ވެސް ހަމަ އެހާ މަޑުންނެވެ. ސައިޑު ޓޭބަލް މަތީ އޮތް ފޯނު ނަގާފައި އަހަރެން ގަޑި ބަލައިލީމެވެ. ގަޑިން އޭރު ބާރަ ގަޑި ބައިވީ އެވެ. ފޯނު އަނބުރާ ބާއްވައިފައި އަނެއްކާ ވެސް ނިދޭތޯ ދެލޯ މަރައިލީމެވެ. އާއިން ބޭރަށް އެދިޔައީ ފެން ބޯން ވެގެންނެވެ. ނޫނީ ޖިންސް ބަދަލުކޮށްފައި ނިދާ ސޯޓު ލާން ވެގެންނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އެނބުރި އަހަރެންގެ ކައިރިއަށް އަންނާނެ އެވެ. އަމިއްލަ ހިތް ހަމަޖައްސައިދިނުމުގެ ގޮތުން އަހަރެން ވިސްނައިދިނީމެވެ.

ސިކުންތުތައް މިނިޓްތަކަށް ބަދަލުވެ މިނިޓް ގަޑިއިރަށް ބަދަލުވި އެވެ. އެކަމަކު އާއިންއެއް ނައެވެ. ސިކުނޑި އަށް ވެރިވިއަ ނުދީ އެއްފަރާތް ކުރި ހުރިހާ ނުބައި ހިޔާލުތައް އައިސް ސިކުނޑި ކަމުންދިޔަ އެވެ. ކުރެވޭނެ އިތުރު ކަމެއް ނެތުމުން އެކަނި އޮވެ ކަރުނަ އޮއްސީމެވެ. އެހެން ކަމެއް ނުވިއަސް ހިތުގެ އުދާސްގަނޑު ކޮންމެވެސް ވަރަކަށް ކުޑަވި އެވެ.

އާއިން އެނބުރި އައިއިރު އަނެއްކާ ވެސް އަހަރެން އޮތީ ހޭލަ އެވެ. އޭނަ ކޮޓަރި އަށް ވަންއަޑު އިވިފައި ދެލޯ މަރައި ނިދާފައި ކަމަށް ހެދުނީމެވެ. އާއިން އައިސް ހުއްޓުނީ އެނދުގެ މަގަތުގަ އެވެ. ހީވަނީ އަހަރެން ނިދާފައިތޯ ޔަގީންކުރަން ބަލަން ހުރި ހެންނެވެ. ދެން އިރުކޮޅަކުން ގޮސް ފާޚާނާ ހުޅުވާލައިފައި ވަން އަޑު އިވުނެވެ. މާގަނޑު ޖެއްސި އަޑާއެކު އާއިން ފެންވަރަނީކަން ޔަގީންވި އެވެ.

އެނބުރި އައިސް އަހަރެންގެ މަގަތުގައި އޮށޯތުމާއެކު ޝަވާ ޖެލްގެ ލުއި މީރުވަސް ނޭފަތުގައި ހަރުލި އެވެ. އަހަރެން ލޯ ހުޅުވައިލީ އާއިންގެ ނޭވާގެ އަޑު މަޑުވެ އޭނަ ނިދީކަން ޔަގީންވީމަ އެވެ. ފަނޑުއަލީގައި އެމޫނަށް ބަލަން އަހަރެން އޮތީ ޤަބޫލުކުރަންވީ އެއްޗެއް ނޭނގިފަ އެވެ. ނިދުމުގެ ކުރިން އާއިން އަހަންނަށް ފެނުނު ގޮތާއި މިހާރު ފެންނަމުންދިޔަ އާއިން ތަފާތެވެ. އޭރު އެމޫނުގެ ކުލަވަރު އަހަންނަށް މާނަ ކުރެވުނީ ރަނގަޅަށް ކަމާ މެދު މިހާރު ޝައްކު ވެއްޖެ އެވެ. ނޫނީ އާއިން ބޭނުންވާ އަސަރުތައް މޫނުން ދައްކަން މޮޅީ އެވެ. ދެން އަހަރެން ހަނދާންވީ ލިންތާގެ ވާހަކަ އާއިން އަމިއްލައަށް ބުނުމުގެ ކުރިން އެކަމުގެ އިޝާރާތެއް ވެސް އަހަންނަށް ލިބިފައި ނުވާކަމެވެ. އެކުގައި ކިތަންމެ ދުވަހަކު އުޅުނަސް އާއިން އަހަންނަށް ދަސްވެފައެއް ނެތެވެ.

ހެނދުނު އަހަންނަށް ހޭލެވުނުއިރު އާއިން އޮފީހަށް ހިނގައްޖެ އެވެ. ގަޑި ބަލާލައިފައި ވެސް އަހަރެން އޮތީ އެވެ. ތެދުވެގެން އަހަރެން ދާނެ ތަނެއް ނެތެވެ. ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ނެތެވެ.

އޮތްގޮތަށް އޮވެފައި އަހަރެން ގުޅީ މަންމައަށެވެ. މަންމަ ވާހަކަދެއްކިއިރު ފަހަތުން ދޮންތަގެ ތުއްތު ދަރިފުޅު ރޯ އަޑު އިވެ އެވެ. ދޮންތަ އެ ދަރިފުޅު މަސަލަސް ކުރެ އެވެ. މަންމައަށް އުނދަގޫ ވެގެން އެންމެފަހުން ދޮންތައަށް ފޯނު ދީފައި އެ ދަރިފުޅާއި ހަވާލުވި އެވެ. އެހިސާބުން ދެން ވާހަކަދެއްކީ ދޮންތަ އެވެ.

ހޮސްޕިޓަލަށް ދިޔައިރު ސާހިލް ހުއްޓި ހުރީ ފިޒިއޯ ކޮޓަރި ދޮރުމަތީގަ އެވެ. ޑްރައިވަރު ކައިރީ ބޭރުގައި ހުންނަން ބުނެފައި އެތެރެއަށް އަހަރެން އައީ އެކަންޏެވެ. ސާހިލް އަށް އެކަން ފާހަގަ ވެގެން ދުރުދުރަށް ދާން ދެން ހޯދާލައިފައި ވެސް އެކަމާ ގުޅޭގޮތުން އެއްޗެއް ނުބުނެ އެވެ. ސާހިލް ބުނީ އަހަރެން ގޭގެ އެޑްރެސް ނުދޭ ވާހަކަ އެވެ. އޭނަ ހަވީރު ގުޅާފައި ވެސް އޮތެވެ. އަހަންނަށް ފެނުނީ ތަންކޮޅެއް ފަހުންނެވެ. ހަގީގަތުގައި އަހަރެން ފަހުން ގުޅަން ބޭނުން ނުވީ އެވެ. ސާހިލް އަހަރުމެން ގެއަށް ހިނގައްޖެނަމަ އަހަރެންގެ ދިރިއުޅުމުގެ ހަޤީޤަތް އެނގެން ލަހެއް ނުވާނެ އެވެ.

އަހަންނާއި އޭނަގެ އެއްވެސް ގުޅުމެއް ނެތި ވެސް އޭނައަށް އަހަރެންގެ ދިރިއުޅުމުގެ ކަންކަން އެނގެން ހިތް ދެކޮޅު ހަދަނީ ކީއްވެ ކަމެއް ނޭނގެ އެވެ. އޭނައަށް އެނގިގެން އެއްޗެއް ބުނި ކަމުގައި ވިއަސް އެކަމުން އަހަންނަށް ކުރާނެ އަސަރެއް އޮވެގެން ނުވާނެ އެވެ. އެކަމަކު ހަގީގަތަކީ އެއީއެއް ނޫނެވެ. ހަގީގަތަކީ އޭގެ އިދިކޮޅެވެ. އަހަންނާއި އާއިންގެ ދިރިއުޅުމުގެ ކަންކަން އެނގިގެން އޭނަ ހީކޮށްފާނެ އެއްޗަކާ މެދު އަހަންނަށް ފަރުވާ ބެހެއްޓޭކަމެވެ. އޭނަ ފާޑު ކިޔައިފާނެތީ ޖެހިލުންވާ ކަމެވެ. އޭނައަށް އަހަރެންގެ ނިކަމެތިކަން އެނގިދާނެތީ ލަދުގަންނަ ކަމެވެ. ހުރިހާ ކަމެއް ވެސް ފެށެނީ އެ ނަމާއި ހިސާބުންނެވެ.

"މިސްކޯލު ފެނުނީ ތަންކޮޅެއް ލަހުން." ފަރުވާކުޑަ ގޮތަކަށް ކޮނޑު އަރުވާލައިފައި ސާހިލްގެ ސުވާލަށް އަހަރެން ޖަވާބުދިނީމެވެ.

ސާހިލް ބަލަން ހުރި ގޮތުން ހީވީ ރައްދުގައި ކޮންމެވެސް އެއްޗެއް ބުނަން ބޭނުންވި ހެންނެވެ. އެކަމަކު ފަހު ވަގުތު އޭނަ ނިންމީ އިދިކޮޅަށެވެ. ހިމޭންކަމާއިއެކު މަސައްކަތް ނިންމާލައިފައި ދިއުމުގެ ކުރިން އެޑްރެސް އެހި އެވެ. ހިތާ ދެކޮޅަށް އަހަރެން ކިޔައިދިނީމެވެ. ސާހިލް ބޯޖަހާލައިފައި ފޯނުގައި ނޯޓްކުރި އެވެ.

ފަހެއް ޖަހަން ކައިރި ވީވަރަކަށް އަހަރެންގެ ހިތުގެ ތެޅުން އަވަސްވަމުން އައެވެ. މެއިޑަށް ގޮވާ ގެނެސްފައި އަހަރެން އެދުނީ ސާހިލް އަންނައިރަށް އަވަހަށް އަހަރެންގެ ކޮޓަރިއަށް ފޮނުވުމަށެވެ. ނަސީބަކުން އާއިން ވެސް އޭރު ގެއަކަށް ނާދެ އެވެ. ލިންތާ ގޭގައި އުޅެންޏާ ގިނަ ވަގުތު ހޭދަ ކުރާނީ ކޮޓަރީގަ އެވެ. އެކަން އަހަންނަށް އެނގުނީ މެއިޑު ދެއްކި ވާހަކައަކުންނެވެ. އަހަންނަށް ރަނގަޅީ ސާހިލް އައިސް މަސައްކަތް ނިންމާފައި ދާއިރު އެހެންމީހަކާ ދިމާނުވިއްޔާ އެވެ.

ދޮރުފަތުގައި ޓަކި ދިން އަޑާއެކު ސިއްސައިގެން ދިޔަ އެވެ. އަހަންނަށް ފުރަތަމަ ވެސް ބަލައިލެވުނީ ގަޑިއަށެވެ. ފަހެއް ޖަހަން ފަސް މިނިޓު ހުއްޓާ ފެނުމުން އެއީ ސާހިލްކަން ޔަގީންވި އެވެ. ހުއްދަ ދިނުމާއެކު ދޮރު ހުޅުވާލައިފައި ސާހިލް ވަނެވެ. ނޫ ޖިންސަކާއި ހުދު ޓީޝާޓެއްގައި ހުރިއިރު އިސްތަށިގަނޑުގައި ތެތްކަމެއް ހުއްޓެވެ. އެހެންނޫނަސް އެއީ އަހަރެން ދުށް އެންމެ ކަޅު އިސްތަށިގަނޑެވެ. ކުޑައިރު އަހަރެން ދުށް އަހަރެންގެ އެކުވެރިޔާ ފަދައިންނެވެ.

"ހައި!" ވަށައިގެން ލޯ ހިންގަމުން އައިސް އަހަރެންގެ ދާދި ކައިރިއަށް ހުއްޓިފައި ސާހިލް ބުނެލި އެވެ.

"ނައިސް ރޫމް.." އަހަންނަށް އެއްޗެއް ނުބުނެވެނީސް ސާހިލް އަނެއްކާވެސް ވާހަކަދެއްކި އެވެ. އޭނަ ގޮސް ހުއްޓުނީ ފާރުގައި ހަރުކޮށްފައިވާ ފޮޓޯތައް ކައިރިއަށެވެ.

"އަސްލު މީ އަހަރެންގެ ރޫމެއް ނޫން..." ވިސްނާނުލައި އަހަރެންނަށް ބުނެލެވުނެވެ. އެކަން އިހްސާސްވީއިރު މާލަސްވެއްޖެ އެވެ.

އިސްއުފުލާލިއިރު ސާހިލް އެނބުރި ބަލަން ހުރީ އިތުރަށް ތަފްޞީލަށް އެދިގެންނެވެ. ވަގުތުން އަހަރެންގެ ކޯތާފަތް ރަތްވެގެން އައެވެ. އަތުގެ އިނގިލިތަކާއި ކުޅެން އިނދެގެން އަހަރެން ކިޔައިދިނީ އެތަނަށް އަހަރެންގެ ކޮޓަރި ބަދަލު ކުރެވުނީ ފަސޭހައަކަށް ކަމުގަ އެވެ. ސާހިލް ވަކި އެއްޗެއް ނުބުނެ އަނެއްކާ ވެސް އެނބުރުނީ ފޮޓޯތައް ބަލާށެވެ. އޭނަ ފަހަރަކު ފޮޓޯއެއް ބަލާފައި ސުވާލެއް ނުކޮށް ދެން ހުއްޓުނީ ފޮތް ހަރުގަނޑު ކައިރިއަށެވެ. ސާހިލްގެ ސަމާލުކަމަށް އައީ "ފޯ އިންޓީރިއާ ޑިޒައިން އެން ސްޕޭސް ޕްލޭނިން" ގެ ނަމުގައި އަހަރެންގެ ފޮތްތަކުގެ ތެރޭގައި ލައްކޮށްފައި އިން ފޮތަކަށެވެ.

"އެކްސިޑެންޓްގެ ކުރިން އަހަރެން އުޅުނީ އިންޓީރިއާ ޑިޒައިން ކުރަން." ސާހިލް ސުވާލު ނުކުރަނީސް އަހަރެން އޮޅުންފިލުވަދިނީމެވެ.

ރައްދުގައި އަނެއްކާ ވެސް އަހަރެންގެ މޫނަށް ބަލައިލި އެވެ. މިފަހަރު ކުރިން ނުފެންނަ ކުލައެއް ފެނުނެވެ. އެއީ ޝައުޤުވެރިކަން ހެއްޔެވެ؟ ނޫނީ ޝައުޤުވެރިކަމާއެކު އަދި އޭނައަށް ކަމުދިޔަކަން ވެސް ހެއްޔެވެ؟ ގޮތެއް ނިންމާކަށް އަހަންނަކަށް ނޭނގުނެވެ.

"އަހަރެން ޓްރައި ކުރަން ބޭނުންވާ އިތުރު ކަސްރަތެއް އެބައިން. އެކަމަކު މިދުވަސްވަރު ތަންކޮޅެއް މޫސުމް ގޯސްކޮށް އުޅޭތީ މޫދަށް ދާކަށް ނުފެނޭ. އޭގެ ބަދަލުގައި އިންޑޯ ޕޫލެއްގައި ކުރިއަށް ގެންދެވިދާނެ. ފްރެންޑަކާއި ވާހަކަދެއްކީމަ އެގޭ ޕޫލް ބޭނުން ކުރުމުގެ ހުއްދަ ދީފަ އޮތީ." ސާހިލްގެ ވާހަކަ ނިމުނުއިރު އަހަންނަށް އިނދެވުނީ ތިރީ ތުންފަތުގައި ދަތް އަޅާލައިގެންނެވެ.

ފުރަތަމަ ކަމަކަށް ހޮސްޕިޓަލަށް ހެނދުނު ދިއުން ވެސް އޮންނަނީ ޑްރައިވަރު ކޮށްދޭންޖެހޭ ކަމަކަށްވެފަ އެވެ. ދެން ތިބޭ މީހުން އަމިއްލަ ކަންތައްތައް ނުވެގެން އުޅޭތީ އެމީހުންގެ އެހީއަށް އެދޭކަށް މިހާރު އަހަރެން ބޭނުމެއްނުވެ އެވެ. އާއިން ކުށްވެރިނުކުރަން ވެގެން އަހަރެން އޭނަ ކައިރީ އެކަމާއި ނުވިސްނަން އޮންނާނީ ބުނެފަ އެވެ.

އަހަރެން ޖަވާބެއް ނުދީ ގިނައިރު ވެގެން ސާހިލްގެ ނަޒަރު އަހަރެންގެ ފައިން މޫނަށް ބަދަލުކޮށްލި އެވެ.

"ހަމަ ހޮސްޕިޓަލަށް ދާ ގޮތަށް އަހަރެން ދޭ އެޑްރެހަކަށް ދިޔައީމަ ރަނގަޅުވާނެ. އަހަރެން ހުންނާނަން ޔަލްވީ ދާންވާއިރަށް ކުރިން ގޮސް މަޑުކޮށްގެން. އުދަނގުލިއްޔާ އަހަރެންނަށް ބަލާވެސް އާދެވިދާނެ." ސާހިލް އިތުރަށް ވާހަކަދެއްކި އެވެ.

"އުހު އަހަންނަށް ދެވިދާނެ." އަހަރެން އަވަސްއަވަހަށް ޖަވާބުދިނީމެވެ.

ނިމެން ކައިރިވެފައި ހުއްޓާ އާއިން ދޮރު ހުޅުވާލައިފައި ވަނެވެ. ކުޑައިރުކޮޅެއް ވަންދެން އޭނަ ހުރީ ދުރުގައި ބަލާށެވެ. ފިޒިއޯ ދޭން ފެށިތާ އެތައް ދުވަހެއް ވެފައިވާއިރު ވެސް މީ އާއިންއަށް ފެންނަ ފުރަތަމަ ފަހަރުކަން ހަނދާންވި އެވެ. އެމޫނަށް ބަލަން އަހަރެން އޮތީ އާއިންގެ މޫނުގެ ކުލަވަރު ދިރާސާ ކުރާށެވެ. ސާހިލްގެ މަސައްކަތަކީ އަހަރެންގެ ފަރުވާއަށް ވިއަސް، ހިލޭމީހަކު އަހަރެންގެ ހަށިގަނޑުގައި އަތްލާތަން ބަލަން އާއިން އެހާ ހަމަޖެހިފައި ހުއްޓާ ފެނުމުން ނުބައި ގޮތެއްވި އެވެ.

ފަހުން އަންނާނަމޭ ބުނެފައި އާއިން ނިކުމެ ދޮރު ލައްޕައިލުމާއެކު އަހަރެންނަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ބައެއްފަހަރު އަހަރެން މާޔޫސްވަނީ އަމިއްލައަށް ވިސްނާގޮތުންނެވެ. ސާހިލްގެ ނަޒަރު އަހަރެންގެ މޫނަށް ހުރިކަން އިހްސާސްވީ އެވަގުތު އެވެ. އަހަރެން ބަލައިލީމަ ވެސް ސާހިލް ނޫންކަމަކަށް ނުހެދެ އެވެ. "ވަޓް؟" އަހަންނަކަށް ނާހައެއް ނޯވެވުނެވެ.

ސާހިލް ޖަވާބެއް ނުދެ އެވެ. އަނެއްކާ ވެސް ނަޒަރު ހުއްޓައިލީ ފަޔަށެވެ.

ޕޫލް ސެޝަންއަށް ދާންވީ ގަޑިއާއި ލާންވީ ކޮންކަހަލަ ހެދުމެއްކަން ބުނެދީފައި ސާހިލް ނިކުންނަން ދިޔައިރު އަހަރެން އިނީ ބަލަހައްޓައިގެންނެވެ. އޭނަ ނިކުމެފައި ފަސް ވަރަކަށް މިނިޓް ހޭދަވެގެން ދިއުމަށްފަހު އަނެއްކާ ދޮރު ހުޅުވުނެވެ. އަހަރެން ހީކުރީ އާއިން ކަމަށެވެ. އިސްއުފުލާލިއިރު އާއިންގެ ބަދަލުގައި ސާހިލް ވަދެގެން އަންނާތީ ފެނުމުން ބުމަ ކައިރިކޮށްލެވުނެވެ.

"އެއްޗެއް ބޭއްވުނީތަ؟" ވަށައިގެން ލޯ ހިންގާލައިފައި އަނބުރާ ސާހިލްއަށް ހުއްޓައިލަމުން އަހަރެން އެހީމެވެ. އޭނަ އެސުވާލަކަށް ޖަވާބެއް ނުދެ އެވެ. އައިގޮތަށް އައިސް ހުއްޓުނީ އަހަރެންގެ ދާދި ގާތަށެވެ.

"ވަޓް އިޒް ގޯއިން އޮން ޔަލްވީ؟ ޔަލްވީގެ ފިރިމީހާ އެހެން އަންހެނަކު ގޮވައިގެން އެއުޅެނީ ކީއްވެ؟" ސާހިލްގެ ސުވާލު އަހާފައި އަހަރެންގެ މެއަށް ހީވީ ފެން އެއްޗެއް އޮއްސައިލެވުނުހެންނެވެ.

އެމޫނަށް ބަލަން އުދަނގޫވެގެން ތިރިއަށް ނަޒަރު ހުއްޓައިލި ވަގުތު ސާހިލް އަތް މުށްކަވައިލިތަން ފެނުނެވެ. ހައިރާންކަމާއެކު އަނެއްކާ ވެސް އެމޫނަށް ބަލައިލެވުނެވެ. ސާހިލް ހުރީ ހަމަ ރަނގަޅަށް ވެސް ރުޅި އައިސްފަ އެވެ. އެމޫނުން ހެކި ހުރީ ފެންނާށެވެ. ކައިރިކޮށްލެވިފައިވާ ބުމަ އާއި ލޮލުން ފައުޅުވާން ހުރި އަލިފާނުންނެވެ. ތަކުރާރުކޮށް ކޯކަށިގަނޑު ހަރަކާތް ކުރި ގޮތުންނެވެ.

"އެއީ އާއިންގެ ހަގު އަނބި." ރަތްވެފައިވާ މޫނަކާއެކު އަހަރެން ޖަވާބުދިނީމެވެ.

އަޑު މަޑުކަމުން އެޖަވާބު ސާހިލްއަށް އިވޭނެ ކަމަކަށް ވެސް ހިއެއް ނުކުރަމެވެ. އޭނައަށް އިވުނުކަން ޔަޤީންކޮށްދިނީ އަހަރެން ބަލާލިއިރު މޫނަށް ވެރިވި ކުލައިންނެވެ. މޫނުމަތިން ހުރަސްކޮށްލި ރިހުމުގެ ކުލަ އަހަންނަށް ފާހަގަވި އެވެ. އެކިފަހަރު މަތިން އަހަރެން އޭނައަށް ނުކިޔައިދޭން ފޮރުވަން މަސައްކަތް ކުރި ހަޤީޤަތަކީ އެއީކަން ސާހިލްއަށް ވިސްނުނުކަން ދޭހަވި އެވެ. އަހަރެންގެ ލޮލުގައި ކަރުނަ ފާއްދައިލީ ސާހިލް އަހަންނަށް އަޅައިލާކަން އިހްސާސްވެފަ އެވެ. ދުރުހިލޭ މީހެއްގެ ގޮތުގައި ހުރެ ސާހިލްގެ ކިބައިން ފައުޅުވި ހަމްދަރްދީ ފެނިފައި ހިތަށް ވީ ނޭނގޭ ގޮތެކެވެ.

"ދެން ޔަލްވީ ތިހެން ހިމޭނުން މަންޒަރު ބަލަން އިންނަނީތަ؟ ވަޓް އިޒް ރޯންގް ވިތް ޔޫ...؟ އިޓްސް ކްލިއާ ހީ ޑޯން ޑިޒާވް ޔޫ.." ސާހިލް ދެން ދެއްކި ވާހަކައާއެކު އަހަރެންގެ ކޯތާފަތަށް ހޫނުވެގެން އައީ ކުއްލިއަކަށް އަހަރެންގެ މައްޗަށް ގަދަ ހޯދި ރުޅިންނެވެ.

ދުރު ހިލޭމީހެއްގެ ގޮތުގައި ދެއްކި ހަމްދަރްދީއަކީ އަދި އެހެން އެއްޗެކެވެ. އެކަމަކު ހިލޭ މީހެއްގެ ގޮތުގައި ހުރެ އަހަރެންގެ ޒާތީ ދިރިއުޅުމާއި މެދު ގޮތް ކިއުމުގެ ހައްޤެއް ނޯންނާނެ އެވެ. އެންމެ ހަގީގަތެއް އެނގިގެން އަދި މުޅި މަންޒަރު ފެނުނީއެއް ނޫނެވެ. އާއިންދެކެ އަހަރެން ހިތްހަމަނުޖެހިފައި ވިއަސް އެހެން މީހަކު އެގޮތަށް ވާހަކަދައްކާ އަޑު އިވުމުން ދިފާޢުގައި ތެދުވަން ބޭނުންވި އެވެ.

"އަހަރެން ސާހިލްއާ ޒުވާބުކުރާކަށް ބޭނުމެއް ނޫން. އަހަރެން ސާހިލްއަށް ޤަދަރު ކުރާތީ އެހެންވެ އަހަރެން މިއެދެނީ އިތުރަށް އެއްވެސް އެއްޗެއް ނުބުނެ މިތަނުން ދިއުމަށް." އަހަރެން އައިސް ހުރި ރުޅިއާއެކު އެހާ މައިތިރިކޮށް ވާހަކަދެއްކުނީތީ އަމިއްލައަށް ވެސް ހައިރާންވި އެވެ.

އެކަމަކު އަދި އެވަރަކުން ސާހިލް އެއްބަހެއް ނުކުރެވުނެވެ. ދާން އަނބުރާލުމުގެ ބަދަލުގައި އޭނަ އެޅީ އެއްފިޔަވަޅު ކުރިއަށެވެ. އަހަރެންގެ ކުރިމަތީ ދެކަކޫ ޖަހައިގެން އިށީނދެފައި ހަތަރުކަޅި ހަމަކޮށްލި އެވެ. އެމޫނުގެ ކުލަވަރު ދެކެފައި ސާހިލް ބުނަން އުޅޭ އެއްޗެއް އަހަން އަހަރެން ފުރަތަމަ ފަހަރަށް ޖެހިލުންވި އެވެ.

"ޑޯންޓް އެކްޓް ލައިކް ޔޫއާ ސާހިލް. އެއްނަމެއް އަދި ކިއަސް ތީ ސާހިލް އެއް ނޫން. ތީ ހަމައެކަނި އަހަރެންގެ ފިޒިއޯތެރަޕިސްޓް.." ސާހިލް ވާހަކަދެއްކުމުގެ ކުރިން އަހަރެން އަވަސްއަވަހަށް ބުނެލީމެވެ.

ނުނިމޭ

ދިގު ވާހަކަ ނުދާށެ ދޫކޮށްފައި

Popular