11 Dec 2018

ލިޒީ

ހޮނިހިރު ދުވަހާ ގުޅޭ

ދޮރުގައި ޓަކި ޖަހާލުމަށްފަހު ނައިރާ މަޑުކޮށްލިއެވެ. ލޫތު މައްސަލާކުރުމަށް ނައިރާ މަސައްކަތްކުރިއެވެ.

ކިރިޔާ ވެސް އެ ކުއްޖާގެ އަޑު ކެނޑެނީ ހިނގާލައިގެންނެވެ. ދޮރު ހުޅުވާފައި ނިކުން ފިރިހެންމީހާ އަށް ނައިރާ ބަލާލި އެވެ.

"ލިޒީ އެބައުޅޭތަ؟" ނުދަންނަ މީހަކަށް ވިއަސް ނައިރާ ހީކުރީ އެއީ ލޒިީ އާ ގުޅުންހުރި މީހަކަށް ވެދާނެ މަށެވެ.

"ކޮން ލިޒީއެއް؟" އެ މީހާ ވެސް ކުރީ ސުވާލެވެ. ނައިރާ ހަނދާންކޮށްފައި ލިޒީގެ މަންމަގެ ނަން ވެސް ބުނެލިއެވެ. އޭގެން އެއްވެސް މީހަކު ދަންނަ ކަމަކަށް އެ މީހާ ނުހެދި އެވެ. އެ މީހާ ބުނިގޮތުގައި އެ މީހުން މިތަނުގައި ކުއްޔަށް އުޅޭތާ ފަސް އަހަރުވީ އެވެ.

އެ ގެއިން ނުކުތްއިރު ނައިރާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. އެނބުރި ރެސްޓޯރެންޓަށް ދާންވީބާއޭ ވެސް ހިތަށް އެރިއެވެ. ލިޒީ އައިސް ނައިރާ ހޯދަން އުޅެފާނެއޭ ހިތަށް އެރިއެވެ. ނައިރާ ފެންނަން ނެތިއްޔާ ނައިރާގެ ފޯނަށް ގުޅާނެ އެވެ. ވަކިގޮތެއް ނިންމުމުގެ ކުރިން ނައިރާ އަނެއްކާ ވެސް ގުޅީ ލިޒީގެ ނަންބަރަށެވެ. ފޯނު އޮތީ ނިއްވާލާފަ އެވެ.

ޓެކްސީއެއް ނަގައިގެން ގެއަށް ދިޔައިރު ނައިރާ އަށް އުނދަގޫވީ އެހެން މީހުން ކުރާނެ ސުވާލުތައް ހިތަށް އަރައިފަ އެވެ. އަދިވެސް މިއީ އޭނާގެ ރަސްމީ ގަޑި އެވެ. އެހެންވެ އޮފީހަށް ގުޅާފައި ދެވެން ނެތް ވާހަކަ ބުނެލި އެވެ. ގެއަށް ދެވުނުއިރު ސިކުނޑީގައި ރޭވިފައި ވަނީ އެހެން މީހުންނަށް ދޭނެ ޖަވާބެވެ.

ލޫތު މައްސަލާކުރަން ވަފާގެ އެހީތެރިކަން ނުލިބުނު ނަމަ ނައިރާ މޮޔަވީހެވެ. ޔާން އަށް ގެންގުޅޭ އެއްޗެހިން ލޫތުގެ ބަނޑުފުރޭގޮތް ވަފާ ހެދި އެވެ. ބަނޑުހައިވެ ހާންތިވެފައިވާ އެ ކުއްޖާ ބުއްފުޅިއެއް ބޯލީ ވަރަށް ފަސޭހައިންނެވެ. އަނެއްކާ ވެސް ނިދީ އެވެ.

އެންމެން ކައިރީ ވެސް ނައިރާ ބުނީ އެއީ ރައްޓެއްސެއްގެ ދަރިއެއް ކަމެވެ. އެ މީހުން ދައްކަން ދަންދެން ދެތިން ގަޑިއިރަށް ބަލަން ޖެހުނީ ކަމަށެވެ. ނައިރާ އުއްމީދުކުރީ ދާދި އަވަހަށް ލިޒީގެ ޚަބަރެއް ވާނެ ކަމަށެވެ. މަޔަކަށް ދަރިއަކާ ނުލައި ނޫޅެވޭނެ އެވެ.

ލިޒީ ވީ ކޮންތާކު ކަމެއް ނައިރާއަކަށް ނޭނގެ އެވެ. އޭނާގެ ފިރިމީހާގެ ވަކިތަކުން ސަލާމަތް ނުވެވުނީބާއޭ ވެސް ހިތަށް އެރިއެވެ. ލިޒީ ހިފެހެއްޓިއަސް ދަރިފުޅު ހޯދަން ހިސާން ނަމަވެސް އަންނަން ރަނގަޅެވެ. ލިޒީ އަށް ކަމެއް ވިއަސް އޭނާ އަށް ކޮށްދެވޭނެ ކަމެއް ނެތެވެ. އެންމެ ކުޑަމިނުން ލިޒީގެ އެޑްރެސް ވެސް އޭނާގެ އަތަކު ނެތެވެ.

އޮފީސް ނިމިގެން ޔާނިއު އާއިރު ނައިރާ އިނީ ލޫތު ގޮވައިގެންނެވެ. އެ ކުއްޖާ އަށް ދެވަނަ ބުއްފުޅިއެއް ދޭށެވެ. ޔާނިއު އައިސް ކައިރީގައި އިށީނެވެ.

"އަހަރެން ހީކުރީ ޔާން ކަމަށް،" ލޫތުގެ މޫނަށް ބަލަން އިނދެފައި ޔާނިއު އަހާލި އެވެ.

"މިއީ ލޫތު، އަހަރެން ބުނީމެއްނު ލިޒީގެ ވާހަކަ، މައި އޯލްޑް ފްރެންޑް،" ނައިރާ ޔާނިއު އަށް އެއްވެސް ކަމެއް ސިއްރުކުރަން ބޭނުން ނުވީއެވެ. ޔާނިއު އިނީ އެ ކުއްޖާ އަށް ބަލަހައްޓައިގެންނެވެ.

"އުރާލަބަލަ، އަންނާނަން ފްރެޝް ވެލައިގެން،" ބުއްފުޅި ތިރިކޮށްލަމުން ނައިރާ ބުނެލި އެވެ.

ޔާނިއު ދެއަތް ދަމާލުމުން ލޫތު ލައިދީފައި ނައިރާ ތެދުވި އެވެ. އަލަމާރި ތެރެއިން ހެދުމެއް ނަގާފައި ނައިރާ އެނބުރުނުއިރު ޔާނިއު އިނީ ލޫތުގެ މޫނަށް ބަލަހައްޓައިގެންނެވެ. ކޮންމެ މީހަކަށް ވެސް އެ ކުއްޖާ ފެނިފައި ހިތް ލެނބޭ ފަދަ މައުސޫމް ކަމެއް ލިބިފައިވެއެވެ. ޔާނިއު ބަލާލުމާއި އެކު ނިކަން ލޯބިން ހިނިތުންވެލައިފި އެވެ.

"ހީ ލައިކްސް ޔޫ" އެ މަންޒަރު ފެނިފައި ނައިރާ އަށް ބުނެވުނެވެ. އެއަޑަށް ޔާނިއު ނައިރާގެ މޫނަށް ބަލާލާފައި އެނބުރި ލޫތުގެ މޫނަށް ބަލަން ފެށި އެވެ. ކުޑަކުދިންނަކީ ހިތުގެ ފިނިކަމެވެ.

"އަހަރެމެންނަށް ކުއްޖަކު ލިބުނީމައި މިހެންތަ އުޅޭނީ؟ ވަރަށް ގިނަ ކަންތައް ޗޭންޖު ވާނެތަ؟" ހެދުން ބާއްވާފައި ނައިރާ އައިސް ހުއްޓުނީ ޔާނިއުގެ ކައިރީގަ އެވެ.

"މިސާލަކަށް؟" ޔާނިއު އަދިވެސް ލޫތުގެ މޫނުން ނަޒަރު ވަކިކޮށެއް ނުލައެވެ. ނައިރާ އާއި ވާހަކަ ދެއްކީ އެހެން އިނދެފަ އެވެ.

"ނުލިބޭނެ އެއްނު ވަގުތެއް، ހިތަށް އަރާ ކުއްޖަކު ލިބުނީމައި ކިހިނެއްބާއޭ މައްސަލާކުރާނީ، މިއަދު ވެސް ވަފާގެ އެހީތެރިކަން ނުލިބުނު ނަމަ އަހަރެން ލޭމައްޗަށް ކަންނޭނގެ ދާނި،" ނައިރާ ޔާނިއުގެ ކޮނޑުގައި މޫނު ޖައްސާލި އެވެ.

"ވަގުތަކީ މެއިންޓެއިން ކުރީމައި ލިބޭ އެއްޗެއް، އަސްލު ކަންތައް ދަސްވާނީ ކުއްޖަކު ލިބުނު ދުވަހަކުން، ކުދިން ގެންގުޅެން ފަރިތަވާނީ ވެސް އޭރުން، ދެން މިހާރު ވަފާމެން އަލެއް ނުވާނެ، ކޮންއިރަކުން މި ކުއްޖާ ބަލާ އަންނަނީ؟" ޔާނިއު ނައިރާއަށް ބަލާލިއެވެ. އެ ސުވާލާ އެކު ނައިރާ އަށް ދުރަށް ޖެހިލެވުނެވެ. ކަންބޮޑުވިވަރު މޫނުމަތިން ހުރީ ފެންނާށެވެ.

"އަންނާނެ މާ ގިނައިރެއްނުވެ،" ނައިރާއަށް މިބުނެވުނު ބަހާ މެދު ޔަޤީންކަމެއް ނެތެވެ. ލިޒީ ހޯދާނެ ގޮތެއް އޭނާއަކަށް ނޭނގެ އެވެ. އޭނާ އުއްމީދުކުރަނީ ލިޒީގެ ޚަބަރެއް ވަރަށް އަވަހަށް ވާނެ ކަމަށެވެ. ދެ ޚިޔާލެއް އޭނާގެ ސިކުނޑީގައި އަރާރުންވާން ފެށީ ދެނެވެ. ފަސްމިނެޓަށް ދިޔަ މަންމަގެ ޚަބަރެއް ނުވާތާ ހަތަރު ގަޑިއިރަށްވުރެ ގިނައިރުވީ އެވެ. ނައިރާގެ ނަންބަރަށް ލިޒީގެ އެންމެ ކޯލެއް ވެސް ނާދެއެވެ. ކަމެއް ދިމާވިކަން ވެސް އަންގާނުލިއެވެ. ލަސްވި ސަބަބެއް ނޭނގެއެވެ. ލިޒީ ލަނޑެއް ދިނީބާއޭ ވެސް ހިތަށް އަރައެވެ. ނޫނީ މުސީބާތެއްގެ ތެރޭގައި ބަންދުވީބާ އެވެ؟ ލިޒީގެ ޚަބަރެއް އެނގޭނެ ގޮތެއް ވޭތޯ ވިސްނަމުން ދަނިކޮށް ކުއްލިއަކަށް އައީ ލިޒްނާގެ ނަމެވެ.

"އަހަންނަށް ހީވަނީ ލޫތުގެ މަންމައަށް ގުޅަންވީ ކަންނޭނގެ." ނައިރާ ޖެހިލުންވެ އެ ވާހަކަ ފެށިއެވެ. ލިޒްނާގެ ނަންބަރު ޔާނިއު އަށް އެނގޭނެކަން ޔަޤީނެވެ. އެކަމަކު ސީދާ އެ ނަންބަރު ދޭށޭ ބުނަން ނުކެރުނީއެވެ.

"ހީ އިޒް އޯލްރައިޓް، އޭނަ ނިމިގެން އަންނަންދެން ބާއްވާ، ބަސްއަހައިގެންނު މިއޮތީ." ޔާނިއު ލޫތުގެ ކޮލުގައި ކޮއްޓާލިއެވެ. އަނެއްކާ ވެސް ލޫތު ހީލި އެވެ.

"ޝީ ވޯންޓް؟" ނައިރާ އަށް ބުނެވުނީ މަޑުމަޑުންނެވެ. ޔާނިއު އޭނާގެ މޫނަށް ބަލާލިގޮތަށް ހައިރާންވެފައި އިނެވެ. ހުރިހާ އެއްޗެއް ޔާނިއު އަށް ކިޔައިދޭން ނައިރާ ހިތަށް އެރިއެވެ. އޭނާއަށް އެހީވާންހުރީ ހަމައެކަނި ޔާނިއު އެވެ.

"ކީއްވެ؟" އިރުކޮޅެއްގެ ހިމޭން ކަމަށް ފަހު ޔާނިއު އަހާލި އެވެ. ނައިރާ ހިންދިރުވާލި އެވެ. ޔާނިއުގެ މޫނަށް ބަލާލި އެވެ. ލިޒީ ދެއްކި ވާހަކަތައް ކިޔައިދޭން ހިތަށް އެރުވުމާ އެކު ހަނދާންވީ އޭނާ ލައްވާ ލިޒީ ކުރުވި ވައުދުގެ މަތިންނެވެ. އެއީ ސިއްރެެކެވެ. މީހެއްގެ އަމާނާތެކެވެ. ހުދު ފިރިމީހާ ކައިރީގައި ވެސް ނުބުނެވޭނެކަން ހަނދާންވި އެވެ.

"އެހެން ނަމަ މިހާރު އަންނާނެ، އަނެއްކާ ފޯނު ވެސް ނިއްވާލާފައި އޮތީ." ނައިރާ އަށް ބުނަން ކެރުނީ އެވަރަށެވެ.

"ވެދާނެއެއްނު ކަމެއްވީ ކަމަށް." ނައިރާއަށް ވުރެ ޔާނިއުގެ ވިސްނުން ޕޮޒިޓިވްއެވެ.

"އޭނައަށް ގުޅޭނެ އެހެން ގޮތެއް އެބަޖެހޭ ހޯދަން، އެގޭ އެހެން މީހެއްގެ ނަންބަރު ވިއަސް، ލިޒީގެ ހުންނާނެ ކޮއްކޮއެއް، ލިޒްނާ ކިޔާނީ،. އޭނަގެ ނަންބަރު ވެސް." ޔާނިއުގެ މޫނަށް އަންނާނެ ބަދަލު ބަލަން ނައިރާ ސިއްރުން އެ މޫނަށް ބަލާލި އެވެ. ޔާނިއުގެ ތުންފަތް ހަރަކާތްކޮށްލީ ސިއްރުން ލިޒްނާގެ ނަން ކިޔާލާ ގޮތަކަށެވެ.

"ލިޒްނާ އަކީ ލިޒީގެ ކޮއްކޮއެއްތަ؟" ޔާނިއު އަހާލި އެވެ.

"ދަންނަންތަ؟" ނައިރާ ވަގުތުގެ ބޭނުން ހިފި އެވެ.

"އެއީ މުންދުގެ ވައިފް، އަނެއްކާ އެކަކުގެ ވާހަކަބާ މި ދެއްކެނީ، ކުރީ ދުވަހެއްގައި މަ ދިޔައީމޭ މުންދު ދިން ފައިސާ ހިފައިގެން،" ޔާނިއުގެ ޖަވާބު އަހާފައި ނައިރާ ލަދުގަތެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ޔާނިއު ކައިރީ އަހާ ވެސް ނުލައި ޝައްކުގެ ހާއްޔެއްގައި ބަނދެވިގެން އުޅުނީ ނައިރާ އެވެ.

"އޭނަ އަށް ގުޅާބަލަ." ނައިރާ ބުނެލި އެވެ.

ޔާނިއު ފޯނު ނަގައި ފޯނުގެ ކޯޑު ޖެހި އެވެ. ނައިރާ އިނީ ބަލަހައްޓައިގެންނެވެ. ކޯޑުގެ ކޮންމެ އަކުރެއް އޭނާގެ ސިކުނޑީގައި ރައްކާކުރެވުނެވެ. ޔާނިއު ތެދަށް ބުނީމަ ވެސް އަދިވެސް އޭނާގެ ސކުނޑި ސާފެއް ނުވިއެވެ. ޝައްކު ވަނީ އެވެ. ޔާނިއު ކޯލް ލޮގު ހާވާފައި ހޯދީ މިޤްދާދުގެ ނަންބަރެވެ. އެ ނަންބަރަށް ގުޅިއެވެ. ފޯނު އޮތީ ނިއްވާލާފަ އެވެ.

"އަޖައިބެއް؟" ފޯނު ކަންފަތާ ދުރުކޮށްލަމުން ޔާނިއު ބުނެލިއެވެ. ލިޒްނާގެ ނަންބަރެއް ޔާނިއުގެ އަތަކު ނެތެވެ.

އެ ދުވަހު ރެސްޓޯރެންޓަށް ދިޔައީ މިޤްދާދު ގުޅައިގެން ކަމަށް ޔާނިއު ބުނެލި އެވެ. އެހެން ހެއްޔޭ ނައިރާ އަހާލާފައި މަޑުމަޑުން އިނީ އޭނާގެ ސިކުނޑި އެކި ޚިޔާލުތަކުން ކައި ހުސްކުރާތީ އެވެ. އެއީ ލިޒްނާ ފިރިމީހާ ދިން ފައިސާކޮޅެއް ދިއްކޮށްލަން ދިޔަ މީހަކު ހޭދަވި ވަގުތުގެ ވާހަކަ ސިއްރުކުރީތީ އެވެ. ދެ މީހުން ޒުވާބު ކުރަންޖެހޭ ސަބަބެއް ޔާނިއު އަށް ބުނެނުދެވުނީތީ އެކަންތައް ވެސް ނައިރާގެ ބޯ ހާސްކުރުވަމުން ދިޔަ އެވެ. ގިނަ ދުވަސް ދުވަހު ދެ މީހުން ބައްދަލުކުރާކަމަށް ނޫރީން ބުނެފައިވާ ބުނުން ވެސް ނައިރާ ހަނދާންވި އެވެ.

"ޔޫ އާ ލައިން؟" ނައިރާ ޔާނިއުގެ މޫނަށް ބަލާލި އެވެ. ޔާނިއު ދެކޮނޑު އުފުލައިލީ އެކަމަށް އިންކާރުކުރަމޭ ބުނާ ފަދައިންނެވެ.

"ކޮންމެ ދުވަހަކު ޔާނިއު ލިޒްނާ އާއި ބައްދަލުކުރޭ، އެވެސް ރެސްޓޯރެންޓުން. އަހަރެންގެ ލޮލުން ފެނުނު.." ލޮލަށް ފެނުނު ހަޤީޤަތުގެ ވާހަކަ ދުލުން ހާމަކުރުން ވީ ނައިރާއަށް އުނދަގޫ ކަމަކަށެވެ. ޔާނިއުގެ ކުރިމަތީ އޭނާ ބަލިކަށިވަނީ އެވެ. ހަޤީޤަތް އަހަން ފަސްޖެހެނީ އެވެ.

"އަހަންނަށް ފާރަ ވެސް ލަންތަ؟" ޔާނިއު ބުނެލި އެވެ. އެއީ ނައިރާ ހިތަށް އެރިގޮތެވެ. ޝައްކު ފިލުވަން ރަނގަޅަށް އެހިއަސް ޔާނިއު ބުނާނީ އެކަހަލަ އެއްޗެކެވެ. ނައިރާ ބޯހޫރުވާލި އެވެ. އެވަރު ޖަވާބަކަށް ފުދެންވާނެއޭ ނައިރާ ހިތަށް އެރިއެވެ.

"އަހަރެން ދުވަހަކު ވެސް ނައިރާ އަށް ޗީޓެއް ނުކުރާނަން، ނައިރާއަށް ފެނިދާނެ އަހަރެން ލިޒްނާ އާއި ވާހަކަ ދައްކަން ތިއްބާ، ޔެސް، އައި ޑޫ، މިޤްދާދު ބުނެގެން އަހަރެން ވަރަށް ގިނައިން ދަން، އެނގޭތަ މިޤްދާދު ހަމައެކަނި ޓްރަސްޓް ކުރާނީ އަހަންނަށް، އަދި ލިޒްނާ ހަމައެކަނި ވާހަކަ ދައްކާނީ އަހަރެން ގޮސްގެން، ވަރަށް މައްސަލަ ބޮޑު ދެ މީހުން، މިހާރު މުންދު ބޭރުގައި ހުރީމައި ވަކިން ކަންތައް ބޮޑު، އަހަރެން ނުކިޔައިދެނީ އެއީ އަހަރެން ހިފަހައްޓަންޖެހޭ ސިއްރެއް ވީމައި، އަހަރެން ލިޒްނާ އާއި އެފެއާއެއް އޮތްނަމަ އޭނަ ގޮވައިގެން ދެވޭނެ ވަރަށް ގިނަ ތަންތަން ހުންނާނެ." ޔާނިއު ބުނަން ޖެހޭ އެއްޗެއް ބުނެ ނިންމާލިއިރު އިތުރަށް ނައިރާ އިނގިލި ދިއްކުރާނެ އެއްވެސް ދިމާލެއް ނެތެވެ. ހެއްކެއް ނެތި އެ ވާހަކަ ނުދައްކަން ނިންމައިގެން ހުއްޓާ ދެވަނަ ފަހަރަށް ވެސް ނައިރާގެ ދުލުން އެ ވާހަކަ ބޭރުވީއެވެ. މިފަހަރު ވެސް ގޯސްވީ ނައިރާގެ ހިތެވެ.

އިތުރަށް ދައްކާނެ ވާހަކައެއް ނެތްހެން ހީވެ ނައިރާ ތެދުވީ އެވެ. ފެންވަރާލަން ބޭނުންވި އެވެ. ލިޒީ ހޯދޭނެ ހުރިހާ މަގެއް ވަނީ ބަންދުވެފަ އެވެ. ފެންވަރާ ނިމުނުއިރު ސިކުނޑިއަށް ލިބުނު ލުޔެއް ނެތެވެ. ލޫތުއަށް ހަދާނެ ގޮތަކާ މެދު އޭނާ އަށް ވިސްނެނީ އެވެ.

އިރުއޮއްސި އަނދިރިކަން ވެރިވި ގަޑިއަކީ ލޫތުގެ އަޑުން މުޅި ގޭތެރެ ގުގުމައިގެން ގަޑި އެވެ. މިފަހަރު ވަފާއަށް ވެސް މައްސަލާ ނުކުރެވުނެވެ. ފެންފޮދެއްގެ މިންވަރުވެސް އެކުއްޖާ އެތެރެ ނުކުރި އެވެ. ފަރީލާ ނުރުހިފައި އިނދެ ވެސް ލޫތު މައްސަލާކުރާނެ ގޮތް ކިޔައިދެމުން ދިޔައެވެ. އެކަމަކު އެ ކުއްޖާ އަށް އެއްގޮތެއް ވެސް ކަމަކު ނުދިޔައެވެ. ބަނޑުހައިވެގެން އަނގައަށް އަތް ލާފައި އެއްފަހަރު ހޮޑުލި އެވެ. އަނެއްކާ ވެސް ރޯން ފެށީ އެވެ. ނައިރާ އެންމެ ހާސްވީ އެ ވަގުތު ޔާނިއު ނިކުމެގެން ދިއުމުންނެވެ.

ފަރީލާގެ ސުވާލުތަކުން އެކަނި ވެސް ނައިރާ ހުރީ ބޯފަޅައިގެންދާ ވަރުވެފަ އެވެ. ރައްޓެއްސެއްގެ ދަރިއެކޭ ނައިރާ އަށް ބުނެވިއްޖެ އެވެ.

"މި ކުއްޖާ މިވަރަށް ރޯއިރު އެ މީހުންނަށް އަންނަން ނޭނގޭތަ؟ ހެނދުނުން ފެށިގެން ޑޮކްޓަރަށް ދައްކާ ނުނިމުނު ބައެއް، ގުޅާާފައި ބުނޭ އަންނާށޭ، މިވަރަށް ރޯއިރު މައިމީހާ އަށް ކެއްވާކަން." ފަރީލާ ރުޅި އައިސްހުރެ ބުނެލި އެވެ. ކޮންމެ މީހަކު ނަމަވެސް ހިތްހަމަނުޖެހޭ ވަރުވެއެވެ.

ރޮއި ރޮއި އެ ކުއްޖާގެ ކަރުން ހަން ނުދާކަމެވެ. އަނެއްކާވެސް ފެންފޮދެއް ޖެއްސޭތޯ ވަފާ މަސައްކަތްކުރި އެވެ. ސަމުސަލުން ފެންފޮދެއް އަޅާލުމުން ރޮއި ރޮއި އޮވެފައި ކޮށި އެރިއެވެ. ދެން ކުއްލިއަކަށް ފެނުނީ އަނގަފުރާ ހޮޑުލިތަނެވެ. އަވަހަށް ތެދުކޮށްލަން އުޅެނިކޮށް ނޭފަތަށް ހޮޑު އަރައި ނޭވާ ތާށިވެއްޖެ އެވެ. ދެލޯ ބޮޑުކޮށްލި ގޮތަށް ހަރަކާތް ހުއްޓުނީ އެވެ. ޔަޝްފާން އާއި ޝަމާއިލްވެސް ލޫތުގެ ކައިރިއަށް އައެވެ. އަރިއަކަށް ބާއްވާފައި ބުރަކަށިމަތީ ދެތިން ފަހަރަކު ޖަހާލުމުން ކުޑަ އެތިކޮޅެއް ނޭފަތުން އައެވެ. އެކަމަކު ނޭވާ ލެވޭގޮތެއް ނުވިއެވެ.

ހޮސްޕިޓަލަށް ގެންދަންވީނުންހޭ ވަފާ ބުނެލި އެވެ. ނައިރާ ހުރީ ބިރުން ގޮސް ރޮވޭވަރުވެފަ އެވެ. ޔާނިއު ވީތަނެއް ވެސް ނޭނގެއެވެ. އެކަނި ވިއަސް ލޫތު ގޮވައިގެން ހޮސްޕިޓަލަށް ދިއުން ނޫންގޮތެއް ނެތެވެ.

ޝަމާއިލްގެ ކާރު ހަމަޖައްސައިދިނުމުން ނައިރާ އާއި އެކު ޔަޝްފާން އެރިއެވެ. ވަފާ އައިސް ލޫތުގެ ދަބަސް ދިނެވެ. އޭގައި ބޭނުން ހިފޭ އެއްޗެއް އޮވެދާނެތީ އެވެ. ހޮސްޕިޓަލަށް ދެވެންދެން ލޫތު އޮތީ ޔަޝްފާންގެ އުނގުމަތީ ބަންޑުން ބާއްވާފަ އެވެ.

އެމެޖެންސީ ރޫމަށް ލޫތު ވައްދާފައި ޔަޝްފާން އައިސް ނައިރާ ކައިރީ މަޑުކުރިއެވެ. މެމޯ ހައްދަން ލޫތުގެ އައިޑީ ކާޑު ބޭނުންވާ ވާހަކަ ޔަޝްފާން ބުނެލި އެވެ. ލޫތު ދެމުން ލިޒީ ދިން ދަބަސްތެރެ ނައިރާ ބެލިއެވެ. ދެ ހެދުމާއި ދެތިން ނެޕީ ފިޔަވައި ލޫތުއަށް މުހިއްމު އެއްޗެއް އެ ދަބަހަކު ނުވެއެވެ.

ނައިރާ ޔާނިއުއަށް ގުޅީ ލޫތު ގޮވައިގެން ހޮސްޕިޓަލަށް އައި ވާހަކަ ބުނާށެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭ ދާ ވާހަކަ ޔާނިއު ބުނެލި އެވެ. ލިޒީގެ ހަބަރެއް ނުވާތީ ޕޮލިހަށް އަންގަން ޔާނިއު ބުންޏެވެ. އެކަމާ ނައިރާ ދެކޮޅު ހެދިއެވެ. މިވަގުތު މުހިއްމީ ލިޒީ ހޯދުމެއް ނޫނެވެ. ލޫތު ރަނގަޅުވުމެވެ.

ނަރުހުންކުރާ މަސައްކަތް ފެނިފައި އެ މަންޒަރު ބަލަން ނައިރާ އަށް ކެތެއް ނުވިއެވެ. ނޭފަތަށް ހޮޅި ލައްވަން އުޅެން ފެށުމުން ނައިރާ ބޭނުންވީ ބޭރަށް ނިކުންނާށެވެ. ޔަޝްފާން އެތެރޭގައި މަޑުކޮށްފައި ނައިރާ ނިކުތެވެ. ޔާނިއު ލަސްވެގެން ނައިރާ ދެވަނަ ފަހަރަށް ގުޅީ ބޭރަށް ނިކުންނަމުންނެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އެނބުރުނުތަނާ ދޮރުން ވަދެގެން އައި މީހާ ފެނިފައި ނައިރާ އަށް ނޭވާ ހިފަހައްޓާލެވުނެވެ. އެމީހާގެ ފަހަތުން ވަދެގެން އައި އަންހެންމީހާ ނައިރާގެ ލޮލުގައި އަޅައިގަތީ ދެނެވެ.

ޔާނިއު ހަލޯއޭ ބުނި އަޑަށް ނައިރާ ދިޔައީ ސިއްސައިގެންނެވެ. އެ ފިރިހެންމީހާ އަކީ ލިޒީ ހޯދަން އެ ދުވަހު އައި މީހާއެވެ. ދެން އެހުރީ ލިޒީގެ މަންމައެވެ. އެ މީހާއަށް ފެނިދާނެތީ ނައިރާ އަނެއް ފަރާތަށް އެނބުރުނެވެ. އޭރުވެސް ޔާނިއުގެ އަޑު ފޯނުން އިވިއިވި ހުއްޓެވެ. ފޯނަށް ޖަވާބު ނުދީ ފޯނު ކަނޑާލާފައި ނައިރާ ބެލީ އެދެމީހުން އެކުގައި ދާތަނަކަށެވެ. ދެން ހިނގައިގަތީ އެ މީހުންގެ ފަހަތުންނެވެ.

(ނުނިމޭ)

ދިގު ވާހަކަ ވާހަކަ: ލިޒީ

Popular