14 Feb 2019

ނުދާށެ ދޫކޮށްފައި

ނުދާށެ ދޫކޮށްފައި

By: Mariyam Yasma

* ފެބްރުއަރީ 11 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ހެނދުނު ހޭލެވިގެން ލޯ ހުޅުވާލައިފައި ހަޅޭތްލަވައިގަނެވުނެވެ. އަހަރެންކައިރީ އަހަރެންގެ އެނދުގައި ސާހިލް ނިދަން އޮންނަންވީ ސަބަބެއް ވިސްނުމަކަށް ނައެވެ. އެކަމަކު އެއީ އަހަރެންގެ އެނދެއް ނޫނެވެ. ތެދުވެ އިށީނދެފައި ވަށައިގެން ހޯދާލިއިރު އެއީ އަހަރެންގެ ކޮޓަރިއެއް ވެސް ނޫނެވެ. އިސާހިތަކު ރޭގެ ހާދިސާ ހަނދާނަށް އަތުވެއްޖެ އެވެ. ރޭގައި އަހަންނާއި ސާހިލް ކައިވެނި ކުރެވުނީ އެވެ. ސާހިލް އަކީ އަހަރެންގެ ފިރިމީހާ އެވެ. އަދި އަހަންނަކީ ސާހިލްގެ.....އަހަރެންގެ ހިޔާލުތައް މެދުކެނޑުނީ ސާހިލް ވާހަކަދެއްކި އަޑަށެވެ.

"ސަމްތިން ރޯންގް؟" ނިދީގެ ސަބަބުން ބަރުވެފައިވާ ސާހިލްގެ އަޑު ކަންފަތުގައި ޖެހުމާއެކު އަތުން ހީބިހި ނަގައިގަތެވެ.

އަހަރެންގެ ނަޒަރު ކުއްލިއަކަށް އެމޫނަށް ހުއްޓުނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ލޯ ހުޅުވާލައިފައި އާފުރެން ފެށުމުން އޭނަ އަތް މުށްކަވާލައިފައި ގެންގޮސް އަނގަމަތި ނިވާކޮށްލި އެވެ. ތެދުވެ އިށީނުމާއެކު އަހަރެންގެ ނަޒަރު ހުއްޓުނީ ހާމައަށް އޮތް ސާހިލްގެ މޭމައްޗަށެވެ. ތުނިކޮށް ފަޅާފައިވާ އިސްތަށިތައް ރޮނގެއްހެން ތިރިއަށް ގޮސް ލައިގެން އިން ސޯޓުގެ ރަބަރާއި ހަމައިން ގެއްލިފަ އެވެ. އަނބުރާ އެމޫނަށް ނަޒަރު ހުއްޓައިލިއިރު ސާހިލްގެ ތުންފަތްމަތީގައި ވި ލާނެތް ހިނިތުންވުން އަހަންނަށް ސިއްރެއް ނުވި އެވެ. އޭނައަށް އަހަރެންގެ ނަޒަރު ދަތުރުކޮށްފައި ދިޔަ ދިމާ ފާހަގަވެއްޖެ އެވެ. ބިންފަޅާފައި އަޑިއަށް ދާނެ ނަމައޭ ހިތަށްއެރި އެވެ.

"ކީއްވެ ހަޅޭއްލަވައިގަތީ؟" ލޯ އުނގުޅާލައިފައި ކުރިއަށްވުރެ ސީރިއަސް އަޑަކުން ސާހިލް ދެވަނަ ފަހަރަށް އެހި އެވެ.

"ސާހިލް ފެނިގެން. އަހަރެން.... އަހަރެން ހަނދާން ނެތުނީ މެރީކުރިކަން... އެހެންވެ ހޭލިއިރު ކައިރީ އޮތީމަ..." ލަދުން އެމޫނަށް ބަލަން ނުކެރިގެން އަހަރެން އަތްތިލައަށް ބަލަން ފެށީމެވެ.

"އެހެންވިއްޔާ..... ހަނދާންއެބަހުރިތަ ރޭގަ ޔަލްވީ ނިދުމުގެ ކުރީން އަހަރެމެން ކުރީ ކީއްކަން؟" ފުރަތަމަ ބަހަށް ކުޑަކޮށް ދަމާލައިފައި ސާހިލް އެހި އެވެ. އޭނަ ހިނިއައިސްފައި އިންކަން އަޑުން އެނގުނެވެ.

މޫނު ރަތްވަމުން އައިކަން ޔަޤީންކުރަން ލޯގަނޑެއްގެ އެހީއަކަށް އަހަރެން ބޭނުމެއް ނުވި އެވެ. ރަޖާ އެއްފަރާތްކޮށްލާފައި ކައިރިއަށް ޖެހިލުމަށްފަހު ސާހިލް އައިސް އިށީނދެލީ އަހަރެންގެ ދާދި ގާތުގަ އެވެ. ކަކުލާއި ހަމައަށް ހުރި ސޯޓުގެ ތިރިން ސާހިލްގެ ކަސްރަތީ ފައިގައި ފަޅާފައިވާ ކަޅު އިސްތަށިތައް ނިކަން ފިރިހެންވަންތަ އެވެ.

"ހަނދާންނެތިއްޔާ އަހަރެން ހަނދާންކޮށްދީފާނަން...." ސާހިލްގެ އަޑު މިފަހަރު އައީ އަހަރެންގެ ކަންފަތްދޮށުންނެވެ. އެހޫނު ނޭވާ ހަމުގައި ޖެހުމާއެކު ތުރުތުރުލައިގަތެވެ. އެމޫނަށް ބަލައިލެވުނީ، އަހަރެން ހީކުރިހެން އެއްވެސް ވަރަކަށް ބީހުމުގެ ބަދަލުގައި ސިކުންތުކޮޅެއް ފަހުން ސާހިލް ހަށިގަނޑު ތެދުކޮށްލީމަ އެވެ.

"ބައި ދަ ވޭ، އައި ލައިކް މައި ޝާޓް އޮން ޔޫ..." އަހަރެން ޖަވާބު ނުދިނުމުން ސާހިލް އަނެއްކާ ވެސް ބުނެލި އެވެ.

ލައިގެން އިނދެވުނު އެއްޗަކާއިމެދު އަހަރެންނަށް ވިސްނައިލެވުނީ ވެސް އެހިސާބުންނެވެ. ސިއްސައިގެން ގޮސް ގައިގައި އޮތް ޓީޝާޓާއި ދިމާއަށް ބަލައިލާފައި އަވަސް އަވަހަށް ތިރީގައި އޮތް ރަޖާ ނަގައި މެއާ ހަމައިން ހިފަހައްޓައިލީމެވެ. ސާހިލްގެ ރައްދު އައީ ލުއި ހިނިގަނޑަކުންނެވެ. އޭނަ މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލައިފައި އަނެއްފަރާތުން ފައިބައިގެން ގޮސް ފާޚާނާއަށް ވަނެވެ. އިރުކޮޅަކުން އިވުނީ މާގަނޑު ދޫކޮށްލި އަޑެވެ.

ސާހިލް ފެންވަރައިގެން ނިކުތީ ތުވާލި ޖަހައިގެން ހުރެ ހުސްގަޔާ އެވެ. އެއިސްތަށިގަނޑުން ތެތްކަން ފައުޅުވާން ހުއްޓެވެ. އަލަމާރި ތެރެއިން އަތް ދިގު ޓީޝާޓެއް ނަގައިގެން ލާން އުޅުނުއިރު އަހަންނަށް އިނދެވުނީ ސިއްރު ސިއްރުން ބަލާށެވެ. ޓީޝާޓްގެ ދިގު ދެއަތް އަތުކުރިއަށް ލައްވާލައިފައި ކަރުވަޅުން ބޮލަށް ވައްޓާލަން ވެގެން އަތް ހިއްލާލައި ތިރިކުރިއިރު ބުރަކަށީގެ މަސްތައް ހަރަކާތް ކުރިގޮތުން ލޯ ބޮޑުކޮށްލެވުނެވެ. ޖިންސް އަތަށް ނަގާފައި ސާހިލް ކޮނޑުމަތިން ބަލައިލީ އަހަރެންނަށެވެ. އަހަރެން އަވަސް އަވަހަށް ނޫންކަމަށް ހެދިފައި ދުރުބައިލުމުން ފާޚާނާއަށް ވަންނަން ދިޔައިރު އަނެއްކާ ވެސް ހިނިގަނޑެއް ޖަހައިލިއަޑު އިވުނެވެ.

އަހަރެން ފެންވަރަން ފުރުސަތު ދީފައި ސާހިލް ނިކުމެލީ ބޭރަށެވެ. އޭނަ ދިއުމުގެ ކުރިން ފޮށީގައި ހުރި ނަގައި އަލަމާރީގައި ބަހައްޓަންވެގެން ނޯކަރަކު ފޮނުވި އެވެ.

އަންހެންމީހާ ބަލާ ބެލުމަށް ސާޅީހަށްވުރެ މައްޗެއް ނުވާނެ އެވެ. އާދައިގެ ދޫ ކުރުތާއާއެކު ލައިފައި ހުރީ ފަޔަށް ހިފާފައި ހުރި ޓައިޓެކެވެ. އިސްތަށިގަނޑު ފަންވެފައި ލޯ ހުރީ ކުޑަކޮށެވެ. ހެދުންތައް އަލަމާރީގައި އަޅުވަދީފައި ދެން ހުރި އެއްޗެހި ފަތްޖަހަން ހުރެގެން ދެފަހަރަކު އަހަންނާއި ދިމާއަށް ބަލައިލި އެވެ. އަހަރެން އިނީ ރޭގައި ސާހިލްކައިރީ އެދެއްކީ ކާކުގެ ވާހަކައެއްތޯ އަހައިލާހިތްވެފަ އެވެ. އެކަމަކު އެއިރުން ސާހިލް ހިތްހަމަނުޖެހިދާނެތީ ފަސްޖެހުނެވެ. އެހެންނޫނަސް އެއިރުން އެމީހާއަށް އެދެވެނީ އަހަންނާއި ސާހިލްއާ ބެހޭގޮތުން ވާހަކަދައްކާނެ ފުރުސަތެކެވެ.

އަހަރެން ނިމުނުތަނާހެން ސާހިލް އަހަރެން ބަލާ އައެވެ. ސައިމޭޒު ދޮށުގައި އަހަރުމެން ދެމީހުން ތިބިއިރު ކައްކަން އުޅޭ މީހެއްގެ އިތުރުން ދެން ފެނުނީ އަހަރެންގެ ކޮޓަރިއަށްދިޔަ އަންހެންމީހާ އެވެ. އިރުކޮޅަކުން ރިއާނާގެ އަޑު އިވެން ފެށީ ބޭރުންނެވެ. އަހަރެންގެ ހިތް އަވަސްވެލުމާއެކު އެނބުރި އެދިމާއަށް ބަލައިނުލައެއް ނީނދެވުނެވެ. ދެން އެނބުރުނުއިރު ސާހިލް ހިމޭންކަމާއެކު އިނދެގެން އަހަންނަށް ބަލަނީ އެވެ.

"އޯކޭތަ އަހަރެން ރިއާނާއަށް ޓިއުޝަން ދިނުން ކުރިއަށް ގެންދިޔަސް؟... އައި ރިއަލީ ލަވް ދެޓް ކިޑް..." އަހަރެން ކުރި ސުވާލަށް ސާހިލް ޖަވާބުނުދީ އިންނަން ފެށުމުން އަދި ފަހުން ބައެއް އިތުރުކޮށްލީމެވެ.

"އަހަރެން އެއްބަސްވިއަސް އޭނަ އެކަން ކުރިއަށްގެންދަން އެއްބަސްވެދާނެހެން ޔަލްވީއަށް ހީވޭތަ؟" ކެއުން ހުއްޓާލައިފައި އަހަރެންގެ މޫނަށް ބަލައިލަމުން ސާހިލް ނިސްބަތްކުރީ އަކީލްއަށްކަން އަހަންނަށް ވިސްނުނެވެ.

އެމޫނުގެ ސީރިއަސްކަން ދެކެފައި އަހަންނަށް އިނދެވުނީ ތިރީ ތުންފަތުގައި ދަތް އަޅާލައިގެން ވިސްނާށެވެ. ދެން ވީ ކުޑައިރުކޮޅެކެވެ. ބަރު ފިޔަވަޅުތަކެއްގައި އަކީލް އައިސް އެތަނަށް ވަނީ އޮފީހަށް ދާން ތައްޔާރުވެގެން ރަސްމީ ހެދުމުގައި ހުރެ އެވެ. ހުދުކުލައިގެ އަތްދިގު ގަމީހާއެކު ކަޅު ފަޓްލޫނާއި ކަރުގައި ބައްދާލައިފައި އޮތީ ވެސް ކަޅުޓައީ އެކެވެ. އެތާގައި އިތުރު ބަޔަކު ތިބިކަން އިހްސާސްވެގެންފަދަ ގޮތަކަށް އަތުގައި އޮތް ފޯނުގެ ސްކްރީނުން ނަޒަރު ވަކިކޮށްލާފައި އިސްއުފުލައި ބަލައިލި އެވެ. އިސާހިތަކު ނިތަށް ރޫގިނަވި އެވެ.

"އަހަރެން ބޭނުން ރިއާނާއަށް ޓިއުޝަން ދިނުން ކުރިއަށް ގެންދަން" އަހަރެންގެ ޖެހިލުންކުޑަ ކަމާއިމެދު ޚުދު އަމިއްލަ ނަފްސް ވެސް ކުޑަ ހިނދުކޮޅަކަށް ހައިރާންކަން ފައުޅުކުރި އެވެ.

އަކީލްގެ ނަޒަރު އަހަރެންގެ މޫނަށް ހުއްޓުނުއިރު ސާހިލް ހިމޭންކަމާއެކު ފެށީ އަނެއްކާ ވެސް ކާށެވެ.

"އަންކަލްއާ ޑޭޑްގެ މެދުގައި އޮތް މައްސަލައެއްގެ ސަބަބުން ރިއާނާއަށް އޭގެ ނުފޫޒު ފޯރުމަކީ އެއްވެސް އިންސާފަކަށް ނުވާނެ.." އަކީލް އެއްޗެއް ނުބުނެ ކައްކާމީހާއަށް އިޝާރާތް ކޮށްލާފައި އެންމެދުރުގައި މޭޒުގެ ކޮޅުގައި އިން ގޮނޑީގައި އިށީނުމުން އަހަރެން ވާހަކަދެއްކީމެވެ.

"ހީޒް ނޮޓް ހާ އަންކަލް..." އަކީލް އެވަގުތު ބާރުލައިފައި ބުނެލީ އެހެންނެވެ.

"ސީރިއަސްލީ؟ އަހަރެންދެއްކި ވާހަކައިން އެއީތަ އަޑުއިވުނު ހަމައެކަނި ތަންކޮޅަކީ؟" އަހަންނަށް ލިބުނު ހައިރާންކަން ފައުޅުނުކޮށް ނީނދެވުނެވެ.

ފޯނު ބާއްވާފައި އަކީލް ފެށީ ކައްކާ މީހާ ގެނެސް ކުރިމަތީ ބެހެއްޓި ތަށީގައި އޮތް ބިސްގަނޑު ކާށެވެ. އަހަރެން ހިމޭންކަމާއެކު ދެބެންގެ މޫނުން ނަޒަރު ބަދަލުކޮށްލާފައި އަކީލްގެ މޫނަށް ހުއްޓައިލީމެވެ. އަކީލް ޖަވާބެއް ނުދޭނެއޭ ހީވެ ފުން ނޭވައެއް ދޫކޮށްލާފައި ކާން ފެށިތަނާ ކަރުކެހިލި އަޑު އިވުނެވެ.

"އޯކޭ." އަހަރެން ހައިރާންކޮށްލާފައި އަކީލް ޖަވާބުދިނެވެ.

އަހަންނަށް ލިބުނު އުފަލަކުން ހުރިހާ ދަތެއް ފެންނަވަރަށް ހީލެވުނެވެ.

ކާކޮޓަރިން ނިކުތްއިރު ނެނީ ރިއާނާ ގޮވައިގެން ސުކޫލަށް ހިނގައްޖެ އެވެ. ސާހިލް ދެން އަހަރެން ގެންދިޔައީ ގޭގެ ތަންކޮޅެއް އެތެރޭގައި ހުރި ކޮޓަރިއަކަށެވެ. އަހަރެމެން ވަންއިރު ކޮޓަރިތެރޭ ހުރި ހަމައެކަނި އެނދުގައި އަންހެނަކު ބިތްދޮށަށް އެނބުރި ނިދާފައި އޮތެވެ.

"މައި މޯމް..." ސާހިލް އަހަންނަށް ތައާރަފްކޮށްދިނެވެ.

ހައިރާންވެގެން އަހަންނަށް ބަލަން އިނދެވުނީ އެވެ. ސާހިލް ލަސް ފިޔަވަޅުތަކެއްގައި ގޮސް މަންމަގެ މޫނަށް ބަލާލައިފައި އައިސް ފާރުކައިރީ ހުރި ސޯފާގެ އެއްކޮޅުގައި އިށީނދެލި އެވެ. މަންމައަށް ނަޒަރު ހުއްޓާލައިގެން އިނދެ އަހަރެން އަހަން ކެތްމަދުވެފައިވާ މަންމަގެ ވާހަކަ ކިޔައިދިނެވެ. ސާހިލްގެ މަންމައަކީ ޅަދުވަހު އަމިއްލަ މިނިވަންކަމުގައި އުޅުނު މީހެކެވެ. ތަނަވަސް މައިންބަފައިން ބޭނުންވި ހުރިހާ އެއްޗެއް ހޯދައިދިނެވެ. މަޖުބޫރުން ކުރީ އެންމެ ކަމެކެވެ. އެއީ އަކީލްގެ ބައްޕަ ފާރޫޤްއާއި ދެމީހުންގެ ކައިވެންޏެވެ. އެކައިވެނި ރޫޅުމުގެ ސަބަބަކަށްވީ ސާހިލްގެ ބައްޕަ ސުލްތާންއާ ދެމެދު އުފެދުނު ލޯބީގެ ގުޅުމެވެ. އެކަމަކު ފާރޫޤްއާ ވަކިވެ ސުލްތާންއާ ގުޅުމަކުން ވެސް އަދި ހީނާއަށް ބޭނުންވި ދިރިއުޅުން ލިބުނު ކަމަކަށްނުވި އެވެ. ސުލްތާން ކައިރިން ވަރިވެގެން އައިސް ދެން އިނީ މާލޭ މީހަކާ އެވެ. މަސްތުވާ ތަކެތީގެ ތެރެއަށް ހީނާއަށް ވަދެވުނީ ތިންވަނައަށް އިން މީހެއްގެ ސަބަބުންނެވެ. ލިބުނު ހަމައެކަނި އަންހެންދަރިފުޅުގެ ބައްޕައަކީ އެކަމަށް ދެވިހިފާފައިވާ މީހެކެވެ.

ހަތަރު މަސް ކުރިން ހީނާ ފެނުނީ މަގެއްގެ މަތީ ހޮޑުލެވިފައި ޚަބަރު ހުސްވެފައި އޮތްވަ އެވެ. ގެއަށް ގެނައީއްސުރެ ހަމަ ވާހަކައެއް ނުދައްކަ އެވެ. ހުންނަނީ ފާޑަކަށް މޮޔަވެފަ އެވެ. ވަކިން އެޕާޓްމެންޓެއް ހިފައިގެން އުޅެފައި ސާހިލް ގެއަށް ބަދަލުވީ މަންމަ ބަލަންވެގެންނެވެ. އަކީލް ވެސް މަންމަދެކެ އަންނަ ރުޅިއަކުން އެސޫރަ ދެކޭކަށް ވެސް ބޭނުމެއް ނުވެ އެވެ.

"ވަޓް އެބައުޓް ޔުއާ ސިސްޓަރ؟" ސާހިލް ވާހަކަ މެދުކަނޑާލައިފައި ހިމޭންވި ވަގުތު އަހަރެން އަހައިލީމެވެ.

އެވަގުތު ސާހިލް ސިހުނުކަން އަހަންނަށް ޔަޤީނެވެ. ދެކޮނޑު ތެދުކޮށްލައި އުދަނގޫ ގޮތަކަށް ދުރު ބަލައިލި އެވެ. ތަކުރާރުކޮށް ކޯކަށިގަނޑު ހަރަކާތްކުރި އެވެ. އެސުވާލު ކުރެވުނީތީ ވެސް ކަންބޮޑުވާގޮތް ވި އެވެ.

ކުޑައިރު އަހަރެންނާއި ބައްދަލުވި ސާހިލް ކޮއްކޮދެކެ ވާލޯބިން އެވާހަކަ ދެއްކިއަސް ފަހުން ބައްދަލުވުމަށްފަހު އެއްގޮތަކަށް ވެސް އެވާހަކަ ނުދައްކާކަން ހަނދާންވި އެވެ.

"މަންމަގެ ފަރާތުން ކަމެއް ވާރުތަކުރިއްޔާ ކޮށްފަ ހުރީ އޭނައަށް." ސާހިލްގެ އެކުރު ޖަވާބުން އެތައް ވާހަކައެއް ބުނެދިނެވެ.

އޭނަ ކޮއްކޮގެ ވާހަކަ ދައްކަން ބޭނުންނުވަނީ ކީއްވެކަން ވިސްނުނެވެ. އެވަގުތު އޭނަ ހިތްހަމަޖައްސައިދޭން އަހަންނަށް އިތުރު އެއްޗެއް ނުބުނެވެނީސް ސާހިލް ތެދުވި އެވެ. ސާހިލް އިތުރަށް ބުނީ މަންމަ ބަލަން ހާއްސަވެ ހުންނަ ކުއްޖާ ވީ އާއިލާ މީހަކު ބަލިވެގެން ރަށުން ބޭރަށް ގޮސްލާ ކަމަށެވެ. އޭނަ އައިހާ އަވަހަކަށް އަހަރެން ގޮވައިގެން ކުރު ޗުއްޓީއެއް ހަދާލަން ދިއުމުގެ ޝައުޤުވެރިކަން ފައުޅުކުރި އެވެ. ދެން ސުވާލުކުރީ އަހަރެން ދާން ބޭނުންވާ ތަނަކާއި ބެހޭގޮތުންނެވެ.

އަހަރެން އެގޭގައި އުޅޭކަން އެނގުމުން އެންމެ އުފާވީ ރިއާނާ އެވެ. ހުރިހާ ވަގުތެއް ހޭދަ ކުރަން ބޭނުންވީ އަހަންނާއިއެކުގަ އެވެ. މެންދުރު ރިއާނާ ނިދަން ދާން އެއްބަސްވީ އަހަރެން އޭނައާއެކު ޕްރިންސެސް ކާޓޫންއެއް ބަލާގޮތަށް ޝަރުތުކޮށްފަ އެވެ. ޓީވީއަށް ގެއްލިފައި ސޯފާގައި ދެމީހުން ތިއްބާ ސާހިލް ތިރިއަށް އައިސް ރިމޯޓް ނަގައި ޗެނަލް ބަދަލުކޮށްލި އެވެ. ރިއާނާ ވަގުތުން އަހަރެންގެ ކައިރިން ފައިބައިގެން އެދިޔަ ގޮތަށް ސާހިލް ކުރިމައްޗަށް ހުއްޓިއްޖެ އެވެ. ސާހިލް އިނގޭ ކަމަށްވެސް ނުހަދާ ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިނެވެ.

ރިއާނާ ފާޑަކަށް ތުންކޮޅު އޫކޮށްލާފައި ސާހިލް އަތުން ރިމޯޓް ދަމައިގަތެވެ. ދެން ޗެނަލް ބަދަލުކޮށްލާފައި ބޭއްވީ ކުރިން އޮތްތާގައި މޭޒުމަތީގަ އެވެ. އެނބުރި އައިސް ރިއާނާއަށް ކިރިޔާ އިށީނދެވުނުކަމެވެ. ސާހިލް ދެވަނަ ފަހަރަށް ޗެނަލް ބަދަލުކޮށްލި އެވެ. އަހަންނަށް ސާހިލްއަށް ގޮވާލެވުނެވެ. ސާހިލް އިވުނު ކަމަކަށް ނުހެދި އެވެ. ރިއާނާ ގޮސް އަނެއްކާ ކައިރިވުމުން ސާހިލް ރިމޯޓް އޮތް އަތް މައްޗަށް އުފުލައިލި އެވެ. އޭނަގެ ނަޒަރު ޓީވީ ސްކްރީނަކުން ނުނެއްޓެ އެވެ. ރިއާނާ ވެސް ދުލެއް ނުކުރެ އެވެ. ރިމޯޓް އަތުލަން ސޯފާއަށް ކޮޅަށް އަރައިފި އެވެ. އެކަމަކު ރިއާނާއަށް އޭގައި ނުހިފެނީސް އަނެއް އަތަށް ރިމޯޓް ބަދަލުކޮށްލާފައި ދުރަށްލި އެވެ.

"ސާހިލް އާޔޫ ޓުއެލް؟..." އަހަރެންނަށް އިތުރަށް ކެތްނުވެގެން ސުވާލުކުރެވުނެވެ.

"ދީ ތި ރިމޯޓު!" އަހަރެން ތަންކޮޅެއް ބާރުލައިފައި ބުނުމުން މިފަހަރު ސާހިލްގެ ސަމާލުކަން އަހަންނަށް ލިބުނެވެ.

އެވަރުން ވެސް ރިއާނާއަތަށް އެނުދޭންވެގެން ބޭއްވީ ކުޑަމޭޒުމަތީގަ އެވެ. ރިއާނާ ފޮނިވެގެން ޗެނަލް ބަދަލުކޮށްލާފައި އެނބުރެންވާއިރަށް ސާހިލް އައިގޮތަށް އަހަރެން ކައިރިއަށް ހުއްޓުނެވެ. އޭނަ ކުރަން މިއުޅޭކަމެއް ނުވިސްނިގެން އުޅެނިކޮށް އަހަރެން ނަގައި ލީ ކޮނޑުމައްޗަށެވެ.

"ޔޫ ކެން ހޭވް ޔުއަ ރިމޯޓް. އައިމް ޓޭކިން މައި ގާލް." ރިއާނާއަށް ރައްދުދީފައި ސާހިލް އަހަރެން ކޮނޑުމަތީ ބާއްވައިގެން ސިޑިއާ ދިމާއަށް ހިނގައިގަތެވެ.

"ސާހިލް!... އަހަރެން ދައްކަން ބޭނުންވި ނުރުހުމާއެކު ވެސް ހިނިގަނޑު ފަޅައިގެންދިޔަ އެވެ.

ސާހިލްގެ ބުރަކަށީ ދެފަހަރަކު ތަޅައިގަތީމަ ވެސް ނުހުއްޓުނެވެ. ރިއާނާ އޭރު ތުންކޮޅު ހަދައިގެން ބަލަން ހުއްޓެވެ.

"ފޯ އެ ލިޓްލް ތިންގް ޝީ ޝުއަ ހޭޒް ގަޓްސް..." ސާހިލް ދެން ވެސް ދެއްކީ ރިއާނާގެ ވާހަކަ އެވެ.

އަހަންނަށް އެހެން އޮވެ ހިނިތުންވެލެވުނެވެ. ސާހިލް ބޭރުފުށުން ދައްކާ އަޅައިނުލުމުގެ ފަހަތުގައި ރިއާނާގެ މައްޗަށް ލޯބި އޮތުމަކީ އެކަށީގެންވާކަމެއް ކަމުގައި ހިތް ބުނެލި އެވެ. އަހަރެންގެ ހިނިތުންވުން ފުންވެގެން އައީ ހިތަށް އައި އިތުރު މޮޅު ހިޔާލަކުންނެވެ.

"އަހަންނަށް ހީވާ އެއްޗެއް ބުނަންތަ؟" ސާހިލް ދޮރު ހުޅުވައިލި ވަގުތު އަހަރެން އެހީމެވެ.

"އަހަންނަށް ހީވަނީ ސާހިލް ޖޭވީހެން..." އަހަރެންގެ ޖުމްލަ ނިމުމާއެކު އަނެއްކާ ވެސް ހެވުނެވެ.

"އަހަރެން ތިކަމާ ދެކޮޅެއް ނޫން. މުޅިދުވަހު ޔަލްވީއާ ކްލިންގް ވެގެން އުޅުނީ ޖެލަސް ނުވާވަރަކަށް ނޫން..." ސާހިލް ޖަވާބުން އަހަރެންގެ ތުންފަތަށް އިތުރު ހިނިތުންވުމެއް ގެނެސްދިނެވެ.

ކައިރިއަށް ހުއްޓިފައި ތަންކޮޅެއް ބާރަށް އެނދަށް ވައްޓައިލުމުން މަޑުމަޑުން ހަޅޭތްލަވައިގަނެވުނެވެ. ސާހިލް އެވަގުތު އަހަރެންނާއި ދިމާއަށް ގުދުވެ މޫނުގެ ދެފަރާތުން އަތް ވިއްދާލައިފައި ކައިރިވާން ފެށުމުން ސިހިފައި އެމޭގައި ދެއަތުން ހިފެހެއްޓުނެވެ.

"ވަޓް އާ ޔޫ ޑުއިން؟.." އަހަރެންގެ ސުވާލު ނިކުތީ ވައިއަޑަކަށެވެ.

"ރޭގަ ޔަލްވީ އަހަންނަށް ޗާންސެއް ނުދީ ނިދީއެއްނު. ނައު އައިމް ގޯއިން ޓު ފުލްފިލް އީޗް އެން އެވްރީ ވަން އޮފް މައި ފެންޓަސީސް..." ވާހަކަދެއްކިއިރު ސާހިލްގެ އަޑުގައިވި ލާނެތްކަމާއެކު ވެސް ލޮލަށްވެރިވަމުން އައި މަސްތުކަން ފާހަގަވި އެވެ.

"ޔުއާ ނޮޓް..." އަހަރެންގެ ޖުމްލައިގައި އެއްވެސް ދެކޮޅުވެރިކަމެއް ނެތެވެ. އެވާހަކަ ވެސް ނިކުތީ ކުރިން ކުރި ސުވާލުފަދައިން ކިރިޔާ އަޑުއިވޭވަރަށެވެ. ސާހިލްގެ މޭގައި ވިއްދާފައި އޮތް ދެއަތްތިލަ ކިރިޔާ ޖައްސާލައިފައި ހުރިކަމެވެ. އެދެއަތުން ބާރު ހުސްވެއްޖެ އެވެ.

"ޔެސް އައި އޭމް..." ސާހިލް ހިނިތުންވެލާފައި ކުރިއަށްވުރެ ކައިރިވެލި އެވެ. -- ނުނިމޭ --

ދިގު ވާހަކަ ނުދާށެ ދޫކޮށްފައި

Popular