"އަހަރެން..........!" ލުބާގެ އެސުވާލާއެކު ގެއަށް ވަންނަ ދޮރާ ދިމާއިން އައި އަޑަށް ދެމީހުންނަށްވެސް އެދިމާއަށް ބަލައިލެވުނެވެ. ދޮރުމަތީގައި ހުރީ ހަސީނާއެވެ.
ދިރުމެއްނެތް ފަނޑު ހިނތުންވުމުގެ ތެރެއިން ހަސީނާގެ ނަޒަރު ހުއްޓިފައި ވަނީ ލުބާއަށެވެ. އެދެލޮލުގައި ބަބުޅަމުންދިޔަ މައިވަންތަ ކަމުގެ ކުލުނު ޖަޒުބާތުގެ އޮއިވަރުގައި ޖެހި ކަރުނައިގެ ސިފަ އިޚްތިޔާރު ކުރިއެވެ. ހަސީނާގެ ލޮލުން ނިރާލި ކަރުނަތައް ހުރިހާ ހަގީގަތެއް ގެނެސް ލުބާގެ ކުރިމައްޗަށް ހާޒިރުކުރިޔަސް ލުބާގެ މޫނުމަތިން ހައިރާންކަމާއި ނުތަނަވަސްކަން ނޫން އެހެން އެއްވެސް ކަމެއް ފާޅެއް ނުވިއެވެ. އޭނާ ކުރި ދެ ސުވާލުން އޭނާގެ ހިތަށް ނަގައި ގަނެވުނީ އެންމެ ފަހުން އޭނާ ކުރި ސުވާލެވެ. އަފީފާއަށް އެފަދަ ހާލެއް ޖެއްސި މީހަކީ ހަސީނާކަމުގައި ލުބާ ހިތާހިތުން ނިންމާލިއެވެ. ލުބާއަށް ނޭނގުނަސް ހަސީނާ ބުނެދިނީ ލުބާ ވުޖޫދު ވުމުގެ ޙަޤީޤަތެވެ. އަފީފާއަކީ އުފަން މަންމަ ނޫންކަމުގެ ހަގީގަތް އެނގުނަސް، ބަލައި ބޮޑުކުރި 'މަންމަ' ގެ އަގު ކުޑަކޮށްވެސް އޭނާގެ ކުރިމަތީގައި ކުޑަވާގޮތެއް ނުވިއެވެ. ދަރިޔަކު އުފަން ނުކުރިޔަސް ބަލައި ބޮޑު ކުރުމަކީވެސް އޭގެ ޒާތުގައި ވިހެއުމުގެ ވޭނަށްވުރެ ވަކިން ކުޑަކަމެއް ނޫންކަމުގައި ލުބާއަށް ގަބޫލު ކުރެވިފައިވާތީއެވެ.
ޔަޝްވީނަށް ވެސް ވީ ލުބާއަށް ވީގޮތެވެ. ފުސްކަމެއްގެ ތެރޭ ޔަޝްވީންގެ ސިކުނޑީގައި ބަނދެވިފައިވާ ތުއްތު ކުއްޖަކާއެކު ފެނުނު އަންހެން މީހާގެ ސޫރަ އޭނާގެ ސިކުނޑިއަށް ސާފުކޮށް ނަގައި ގަނެވުނީ އެވަގުތުއެވެ.
"މިއީ އެރޭ ފެނުނު މީހާ!"
ކުއްލިއަކަށް އެއްޗެއް ހަނދާންވިހެން ނިތް ކުރީގައި އަތް ހިންގާލުމަށްފަހު، ޔަޝްވީން ހަސީނާއާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. ޔަޝްވީންއާ އެއްބަސްވުމުގެ ގޮތުން ހަސީނާ ބޯޖަހާލިއެވެ. ލުބާ ބުނަންވީ އެއްޗެއް ނޭނގި އެހުރިގޮތަށް ހުއްޓެވެ. ހަސީނާ، ލުބާގެ ގާތަށް ދިއުމަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ގޭތެރެއިން "މަންމާ" އޭ ކިޔާ އައިޝާ ގޮވާލިއަޑު އިވުނެވެ. ހަސީނާ ފަސް އެނބުރި ގޭތެރެއަށް ބަލައިލި ވަގުތު، ދެލޯ އުނގުޅަމުން އެއްއަތުން ދެ ފޫޓެއްހާ ބޮޑު ޓެޑީ ބެއަރ ދަމަމުން އައިސް އަނެއް އަތުން ހަސީނާގެ މެދު ހަށީގައި އައިޝާ ބައްދާލިއެވެ.
އަނދިރިކަމުގެ ތެރޭގައި ވާ ޙަޔާތުގެ ޙަޤީޤަތް ތަކާމެދު ޣާފިލްކަމުގައި، އިރު އަރަންދެން އެނދުގައި ދެއަތަކަށް ފުރޮޅި ފޮރޮޅިލައި ލުބާއަށް އޮވެވުނެވެ. މި ކޮޓަރީގެ ފާރު ހުރަސްކޮށް ޖެހިގެން އޮތް ކޮޓަރީގައި އެއޮތީ ލުބާގެ ނަޒަރުގައި އަދަބު ލިބެންޖެހޭ ކުށްވެރިއެވެ. ހިތަށް އަރައި ފައިބަމުންދިޔަ ހުރިހާ އެއްޗެއް ހަސީނާގެ ކަންފަތާ ހަމައަށް ފޯރުކޮށްދެން އޭނާ ބޭނުންވިއެވެ. އެހެނަސް، ހަސީނާއަށް ދެވޭ އަދަބުގެ އަގު އަދާކުރަން ޖެހޭނީ ކުޑަ ކުޑަ އައިޝާ ކަން ލުބާއަށް އެނގެއެވެ.
ގަދަ ނިދީގެ ތެރޭގައިވާ އައިޝާގެ އިސްތަށިގަނޑު ތެރެއަށް އިނގިލިތައް މަހާލައިގެން ބޮލުގައި ފިރުމަމުން ހަސީނާ ތެދުވެ އެނދުގެ ހެޑްބޯޑްގައި ލެނގިލިއެވެ. އާދުވަހުގެ އިރާއެކު އައު ޙަޤީޤަތަކާ އޭނާ އެވަނީ ކުރިމަތި ލާންޖެހިފައެވެ. ސައްބީސް އަހަރަށްފަހު ލުބާއަށް ހަސީނާގެ ހަގީގަތް އެނގިފައިވުމުގެ ހިތްހަމަޖެހުން އެހިތުގެ އުންމީދުތައް ފޮނިކުރުވަމުން ދިޔައެވެ. އެ އުންމީދުތަކާއެކު އޭނާގެ ޚިޔާލުގެ ނައު އޭނާގެ ދިގު މާޒީއާ ދިމާއަށް ދަތުރު ފެށުމުން ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު ހަސީނާ ދެލޯ މަރައި ބާރުކޮށްލިއެވެ
*** އުދަރެސް ރަންކުރަމުން އާދުވަހުގެ އިރު ފެނުން ތޮޅިލިއެވެ. އައު އުންމީދުތަކަކާއި އައު އިންޒާރުތަކެއްގެ ކުލަވަރު ދައްކަމުންނެވެ. ހަސީނާ ކުނިކަހާ ފިހި ގަނޑު ހިފައިގެން ގޭގެ ބަގީޗާ ތެރޭގައި އުޅުނެވެ. ކައިރީގައި އިން ގަހުގައި ހަދާފައިވާ ކުޑަވަރެއްގެ ދޫނި ކޮށީގައި ތިބި ދެ ގުރާ ގޮވާލެއް ބާރުކަމުން ކުރަން ހުރި މަސައްކަތް ކުރުން ހުއްޓާލުމަށްފަހު އެ ދެ ދޫޏަށް އޭނާގެ ސަމާލުކަން އަނބުރާލިއެވެ. އެ ބަންދު ކަމުން ނިކުމެ ކުރިމަތިން ފެންނަން އޮތް ހާމަ ދުނިޔެއަށް ނުކުމެލުމުގެ އެދުންތައް އެދޫނިތައް އިސްކުރަމުންދާތަން ފެނި ހަސީނާގޮސް ކޮށީގެ ދޮރު ހުޅުވާލަ ދިނެވެ. މިނިވަންކަމާއެކު އުދުހެމުންދިޔަ ގުރާ ޖޯޑަށް ބަލަހައްޓައިގެން ހަސީނާއަށް ހުރެވުނެވެ. "ދަރިފުޅާ ހަސީނާ..!" ދަތި އުނދަގޫކޮށް އައި ހައްވަގެ އަޑާއެކު ހަސީނާ ސިހުނެވެ. ބޮޑުވެފައިވާ ބަނޑުގެ ތިރީގައި އެއްއަތުން ހިފަހައްޓަމުން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ހަސީނާ ގޭތެރެއަށް ވަނެވެ. އެއިރު ނޭވާ ނުލެވިގެން ތެޅޭހެން ހައްވަ ތެޅިފޮޅެމުން ދިޔައެވެ. ހަސީނާގޮސް ހައްވަގެ މޭގައި ފިރުމައިދެން ފެށިއެވެ. ކަނދުރާގައި އެއްއަތް އަޅުވާލަމުން ނަގައި އަނެއް އަތުން މަޑުމަޑުން ޖަހަން ފެށުމާއެކު ހައްވަގެ ނޭވާ ހަމައަށް ހިނގަން ފެށިހެން ހީވިއެވެ. "ދަރިފުޅާ! މަންމަ ގެ އަޖަލުވެސް މި ޖެހެނީ ކަން ނޭނގެ!...އޭގެ ކުރިން މަންމަ ކުރަންވެފަ އޮތް މުހިއްމު ކަމެއް އެބައޮތް... ވަރަށް އަވަހަށްގޮސް މިގެއާ ޖެހިގެން ހުރިގޭ ހަސަންމަނިކާ އަހައްމައިދީ ގޮވައިގެން އާދެބަލަ..!" ލަސްލަހުން ފުންނޭވާތަކެއް ބޭރުކުރަމުން މަޑުމަޑުން ހައްވަ ބުނެލިއެވެ. ހައްވަ އެހާލަތަށް ދޫކޮށް އެތަނުން ހިރިލަން ނުކެރިފައި ހަސީނާއަށް އިނދެވުނެވެ. "ދަރިފުޅާ ހަސީނާ... ވަގުތު ނަގާ ނުލާ އަވަހަށް ދޭބަލަ!" ހައްވަ ދެވަނަ ފަހަރަށް އެހެން ބުނެލުމާއެކު ހަސީނާއަށް ފުންމައިގެން ތެދުވެވުނެވެ.
އެދުވަހު ހައްވަ ހަސީނާއަށްޓަކައި އޭނާގެ މިލްކުގައިވާ ހުރިހާ އެއްޗެއް ހިބަ ކޮށްދިނެވެ. ދެ ހެކިންގެ ހާޒިރުގައި ހަސީނާއަށްޓަކައި ހައްވަ ލިޔެދިން ހިބައިގެ ފަތް ހަސީނާ ހައިރާން ކުރުވިއެވެ. އުންމީދުނުކޮށްހުއްޓައި ހައްވަ އެހާ ބޮޑު ފިޔަވަޅޭއް އެޅީތީއެވެ. އަމީންއާއި ހަކީމްގެ ރުޅިވެރިކަން އެކަމަށް އަމާޒުވިއެވެ. ބަލިއެނދުގައި އޮތް ހައްވަ އާ ދިމާއަށް ހަކީމް ގޮވި ފަތިވަރާއި އެ ދެލޮލުން ކަނިލައި ހިފަމުން ދިޔަ އަލިފާން ފަދަ ނަފްރަތު ފެނި ހަސީނާގެ ނަފްސަށް ބިރުވެރިކަން ގެނުވިއެވެ. އެ ކުޑަ ޢާއިލާ މައްސަލަ ގަނޑެއްގެ ތެރެއަށް ވައްޓާލައިގެން އޭނާގެ ހިތަށްވެސް ހަމަޖެހުމެއް ނެތެވެ. އޭނާ ދެކޭގޮތުގައި އަލަތު ދަރިފުޅަށް އޭނާ ބަނޑުބޮޑުވުމާއެކު އެ އާއިލާގެ ހުރިހާ ކަމެއްވަނީ ބަދަލުވެފައެވެ. ބަހާރު މޫސުމެއްގެ ހިތްގައިމު ކަމުގައި ވާ އާއިލީ މާހްވްލު ހަލާކު ކުރާ މީހަކަށް ވާކަށް އޭނާ ބޭނުމެއް ނޫނެވެ. ކަން އެހެން އޮތުމާއެކު ހައްވަ އެފަދަ ބޮޑު ނިންމުމެއް ނިންމުމުގެ މަޤުޞަދު އެނގުން ކޮންމެހެންވެސް ހަސީނާއަށް މުހިއްމުވިއެވެ. އެނިންމުމުގެ ފަހަތުގައި ބޮޑު ސިއްރެއްވާނެކަން ހަސީނާގެ ހިތް އޭނާއަށް ބުނެދިނެވެ.
"މަންމާ! އަހަރެން އެއްވެސް އެއްޗެއް ބޭނުމެއްނޫން! މުދަލަށްވުރެ އާއިލާ އަހަންނަށް މާމުހިއްމު!" ހައްވަގެ އެނދުގެ މަގަތުން އިށީނދެ ލަމުން މަޑުމަޑުން ހަސީނާ ބުނެލިއެވެ. އަމީން އާއި ހަކީމްވެސް ގޭގައި ނޫޅޭ ވަގުތަކަށްވާތީ އެވާހަކަ ދައްކަން އެންމެ އެކަށީގެންވާ ވަގުތަކީ އެއީ ކަމުގައި ހަސީނާ ދުށްޓެވެ.
"ދަރިފުޅުގެ ހިމާޔަތާއި ރައްކާތެރިކަން ގުޅިފައިވަނީ މަންމަގެ މި އަމަލާ... މިއީ ދަރިފުޅާ އަދި ދަރިފުޅުގެ ބަނޑުގައި ތިވާ ދަރިފުޅަށްޓަކައި މަންމަ ކޮންމެހެންވެސް ނިންމަންޖެހޭ ނިންމުމެއް... މިނޫން އެހެން ހަގީގަތަކާވެސް ދަރިފުޅު ކުރިމަތި ލާން އެބަޖެހޭ..." ހައްވަގެ ތުރު ތުރު ލަމުންދިޔަ އަތް ލަސް ލަހުން ކުރިއަށް ދަމާލަމުން ހަސީނާގެ ބަނޑުގައި އޭނާ އަތް ޖައްސާލިއެވެ. ހައްވަގެ ކޮންމެ ޖުމްލައަކާއެކު ހަސީނާގެ ސިކުނޑީ ގައި އިތުރު ސުވާލުތަކެއް އުފައްދަމުން ދިޔައެވެ. "އަހަންނަކަށް ނޭނގެ މިވާހަކަ ބުނަން އަހަރެންގެ ޢުމުރުގައި ބާކީ އޮތީ ކިތައް ދުވަސް ކަމެއް...މަންމަ މި ދުނިޔެއިން ވަކިވެގެން ދާއިރު ދަރިފުޅު އަނދިރިގަނޑެއްގައި ބަހައްޓާކަށް ބޭނުމެއްނޫން... އެނގޭ މިއީ މިވާހަކަ ބުނަން އެންމެ މުނާސަބު ވަގުތު ނޫންކަންވެސް...އެކަމަކު... އެކަމަކު.... ދަރިފުޅަށް އެނގޭތަ ތިޔައީ އަމީންގެ އަލަތު އަނބިމީހާ ނޫންކަން... އަހަރެން ދުވަހަކުވެސް އަމީނުގެ ފުރަތަމަ އަނބިމީހާ ނުދެކެން ... އެކަމަކު...."
ފުރަތަމަ ޖުމްލަ ބުނުމަށްފަހު ފުން ނޭވާއެއް ބޭރުކޮށްލަމުން ހައްވަ ދެލޯ މަރާލިއެވެ. ފަހަރުގައި ބުނަން އޮތް ވާހަކައިގެ ބޮޑު ކަމުން އޭނާގެ ހިތާ ސިކުނޑިއަށްވެސް އެއިގެ ފުން އަސަރު ކުރުވާފައިވަނީއެވެ. މި މައުސޫމް އަންހެން ކުއްޖާގެ ދިރިއުޅުން ބޮޑު އޮޅުވާލުމެއްގައި ހޭދަކުރަން ރުހިގެން އޮންނަން ހަމައެއްގޮތަކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. ހިތްވަރުކޮށްފައި ހައްވަ ދެން ބުނަންފެށި ބަސްތައް ފުރިހަމަ ނުވަނީސް ހަސީނާ ކުއްލިއަކަށް ފުންމައިގެން ކޮޅަށް ތެދުވިއެވެ. ހައްވަގެ ފަހު ޖުމްލަތަކާ އެކު މޭ ފިތިގެން ދިޔަ ކަމުގެ އިހްސާސް ހަސީނާއަށް ކުރެވުނެވެ. ހައްވަ ބުނިބަސް ގަބޫލު ނުކުރެވިފައި ކަހަލަ ގޮތަކަށް ހަސީނާ ގަބުވެފައި ހުއްޓެވެ. ފަހަރުގައި އޭނާގެ ކަންފަތަށް އިވުނުގޮތް ރަނގަޅުކަން އަދިވެސް އޭނާ ޔަގީން ކުރަނީ ކަންނޭނގެއެވެ.
"ނުވާނެ އެހެނެއް..!" ހަސީނާގެ ކަރުތެރެއިން އުނދަގުލުން ނަމަވެސް ނުކުތީ އެމިންވަރަށެވެ. ހައްވައަށް ފުރަގަސް ދެމުން ކޮޓަރިއާ ހަމައަށް އޭނާ ގިރާކުރި ކޮންމެ ފިޔަވަޅާކާއެކު އެދެލޮލުން ހޯސްލާފައި ނިކުތް ކަރުނަތައް އޭނާއަކަށް ނުހުއްޓުވުނެވެ. ހަގީގަތުގައި އެވަގުތު އޭނާ ކުރަންވީ ކީއްކަން އެ ސިކުނޑިއަކަށް ނުވިސްނުނެވެ. އެނގުނުހާވެސް ކަމަކީ އެ ޚަބަރުން އޭނާގެ ހިތް ކުދި ކުދިވެ ޒަޚަމްވި ކަމެވެ. ތިމާގެ ފިރިމީހާއަކީ ތިމާ ނޫނަސް އެހެން ކޮންމެވެސް އަންހެނެއްގެ ހައްގެއްކަން އެނގޭ ވަގުތަކީ ހިތަށް ކިހާ އަސަރުކުރާ ވަގުތު ކޮޅެއްކަން ހަސީނާއަށް އެވަގުތު އެނގުނެވެ.
ހައްވައަށް ރޭގަނޑުގެ ކެއުން ދިނުމަށް ކޮޓަރިން ނުކުތް އިރު ހަސީނާގެ ދެލޯ ހުރީ ރަތްވެ ދުޅަވެފައެވެ. ހަސީނާގެ އެ ޙާލަތު ފެނުމުން ހައްވައަށް އަސަރު ކުރިއެވެ. ނެގިމަޑުވެފައި ކަހަލަ ގޮތަކަށް އަނގައިން ބަހެއްވެސް ނުބުނެ، ހައްވައަށްޓަކައި އޭނާ އަދާކޮށްދޭންޖެހޭ ވާޖިބު އަދާކޮށްދިނުމަށްފަހު އެނބުރި ކޮޓަރިއަށް ދިޔައިރުވެސް އެމޫނު މަތިން ފެނުނު އަސަރުތައް ހަމަ އެގޮތުގައި ހުއްޓެވެ. ހައްވަގެ މޫނަށް ހަސީނާ އެންމެ ފަހަރަކުވެސް އެރޭ ބަލައެއް ނުލައެވެ. ހައްވަގެ އެ ބަސްތަކަކީ ހަސީނާ ހައްވައާމެދު ނުރުހުންތެރި ކުރުވި ބަސްތަކެއްކަން އެނގުމުން ހައްވަ ދެރަވިއެވެ. އެކަމަކު އޭނާ އަދާކުރީ އިންސާނިއްޔަތުގެ ވާޖިބެކެވެ.
އެހެން ރޭރެއާ ޚިލާފަށް ރޭގަނޑުގެ އެއްދަން ފާއިތުވި އިރުވެސް އެރޭ ހަސީނާގެ ލޮލަކަށް ނިންޖެއް ނައެވެ. މިފަހަކަށް އައިސް ރޭގަނޑު ލަހުން ނިދަން އައުމަކީ އަމީންގެ އާދައެކެވެ. އެހެން ރޭރެއެކޭ އެއްފަދައިން އަމީން އެރޭވެސް ގެއަކަށް ނާދެއެވެ. ރޭގަނޑު ލަހުން އަމީން ނިދަން އަންނަނީ އޭނާާގެ މަސައްކަތުގެ ގޮތުންކަން ހަސީނާ ގަބޫލުކުރެއެވެ. ހުރިހާ މަޚްލޫޤުންގެ ފައި ހިލަވަޅު އޮބި ހިމޭންކަމުގައިވާ އެވަގުތުގައި ބޭރުން ދެމީހެއްގެ ހުނުމުގެ އަޑުއިވުމުން ހަސީނާއަށް އެނދުން ތެދުވެވުނެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އަޑު އަންނަ ދިމާއަށް އޭނާ ހިނގައިގަތެވެ. އެއަޑު އައީ އަފީފާގެ ކޮޓަރިއާ ދިމާއިންނެވެ. އާދިލް އެގެއިން ދިއުމަށްފަހު ރޭގަނޑުގެ އެވަގުތުގައި އަފީފާ އާދިލް ކޮޓަރިއަށް ވައްދަނީ ބާވައޭ ހަސީނާގެ ހިތަށް އެރިއެވެ. މަޑުމަޑުން ގޮސް އެ ކޮޓަރީގެ ދޮރުގެ ތަޅު އަނބުރާލުމާއެކު ނިކަން ފަސޭހައިން ދޮރު ހުޅުވުނެވެ. ކުރިމަތިން ސިފަވަމުން ދިޔަ މަންޒަރުން ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލަ އިހްސާސެއް ހަސީނާއަށް ކުރެވުނެވެ. އެނދުމަތީގައި ހަސީނާއަށް ހައްގު މަގާމުގައި އަމީންގެ އަތުތެރޭގައި އެ އޮތީ އަފީފާއެވެ. އެވަގުތު ހަސީނާއަށް ވީގޮތް ޚުދު ހަސީނާއަށްވެސް ނޭނގުނެވެ. އެނދުގައި އަޅާފައިއޮތް ހުދު ބެޑްޝީޓުން ހަށިގަނޑު ނިވާކުރަމުންދިޔަ އަފީފާގެ ކުރިމައްޗަށް ހުއްޓި އަފީފާގެ އަތުގެ މުލައްދަނޑީގައި ހިފައި އެކޮޓަރިން ބޭރަށް އަފީފާ ދަމަމުން ކަހަލަ ގޮތަކަށް ނެރެވުނު އިރު އެ ހަށިގަނޑުގައި ވަނީ ކޮންފަދަ ބާރެއް ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ.
"ހާދަ ގޮތެއްވެސް ނެތް މީހެކޭ ތިއީ... މަގޭ ފިރިމީހާ ނޫން މީހަކު މި މާލެއިން ކަލެއަށް ނުފެނުނީތަ؟ އޭން..! އަފީފާގެ އަތަށް ލުތްކެއްޖަހަމުން އަފީފާ ދުރަށް ކޮއްޕާލަމުން ހަސީނާ އެހިއެވެ. އެއިރު އެމޫނުގައިވާ ރުޅިވެރިކަމުގެ ތެރެއިން ވެސް އެދެލޮލުގައިވާ ކަރުތަކެއް އޭނާއަކަށް ނުހިފެހެއްޓުނެވެ. އެއްޗެއް ނުބުނެ ކޮޓަރީގެ ދޮރުގައިހީ ހުރި އަމީންއަށް ނަޒަރު ސީދާ ކޮށްލާނެހާ ހިތްވަރުވެސް ކުޑަމިނުން ހަސީނާއަކަށް ނުލިބުނެވެ.
"ކަލޭގެ އެކަނި ހައްގެއްނޫން އެއީކީ... މަގޭ ހައްގަކަށް ވީފަހުން ކަލޭގެ ހައްގަކަށް އޭނަވީ... އަދި ހައްގުގެ ވާހަކަ އެބަ ދައްކައެއްނު...." އަފީފާގެ އެ ޖުމަލްއިން ހައްވަ ބުނެދިން ހުރިހާ ވާހަކަ ތަކެއްގެ ހަގީގަތް ގަބޫލުކުރަން ހަސީނާއަށް މަޖުބޫރުވިއެވެ. އޭނާއަށް މިހެން ހެދީ ކީއްވެކަން އެދެމީހުން ކުރެންވެސް އެހުމުގެ ހިތްވަރު ނެތި ވަގުތުގެ ކުރިމަތީ އޭނާ އިސްޖަހާލަން ޖެހުނެވެ. ހިތްހަލާކުވެ ބޮލަށް އެނބުރުން އަރާކަހަލަ އިހްސާސަކާއެކު ލަސް ފިޔަވަޅު ތަކެއްގައި ހައްވަ އޮތް އެނދާ ދިމާއަށް އޭނާ ހިނގައިގަތެވެ. ގޮތް ހުސްވެ ނިކަމެތިކަމުގައި ރޫޙު ފުނޑު ފުނޑުވެފައިވާ މައްޔިތެއް ފަދައިންނެވެ.
"މަންމާ! ކޮންމެ ކަމެއްގަވެސް ސަބަބެއް އޮންނާނެ! އަހަންނަށް މިހެން ދިމާވުމުގެ ސަބަބަކީ ކޮބާ؟ އެމީހުންގެ ފަރާތުން މި ސުވާލުގެ ޖަވާބު ދުވަހަކުވެސް އަހަންނަކަށް ނުލިބޭނެ!..." ހަސީނާގެ ކަރުނަތަކަށް ހުއްޓުމެއް ނެތެވެ. ވިހެއުމުގެ ވޭންވަރު ނަގަމުންދިޔަކަންވެސް އިހްސާސް ނުވާހާ ބޮޑަށް އޭނާ އިނީ އެ ސުވާލުގެ ޖަވާބު ބޭނުންވެފައެވެ. ދެތިންފަހަރަކު ހައްވަގެ އަތުގައި ހިފައި ތަޅުވާލުމުންވެސް ހައްވަގެ ޚަބަރެއް ނުވިއެވެ. ހަސީނާގެ ހިތުގައި ބިރުވެރިކަން އުފެދުނީ ހައްވަ ނޭވާ ނުލާހެން ހީވުމުންނެވެ. ވެދިޔަ ހުރިހާކަމެއް ހަނދާނެތި އޭނާގެ ހުރިހާ ސަމާލުކަމެއް ހައްވައަށް ހުއްޓުނެވެ. އަޑުގެ ކޮޅަށް އަމީންއަށް ގޮވާލުމާއެކު އަމީން ދުވެމުން ކަހަލަ ގޮތަކަށް އެތަނަށް އައިސް ހައްވަގެ ވިންދުބެލިއެވެ. އެވަގުތު "މަންމާ" އޭ ކިޔައި އަމީންއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އެއީ އެތައް އަހަރަކަށްފަހު ހައްވައަށް " މަންމާއޭ" ކިޔައި އޭނާ ގޮވާލި ފުރަތަމަ ފަހަރެވެ. ނަމަވެސް އެއިރު މާލަސްވެއްޖެއެވެ. ހަސީނާގެ ފައިގެ ފަލަމަސްގަނޑުން ފެށިގެން ނަމަމުންއައި ވިހެއުމުގެ ވޭންވަރު އިސް ބަނޑާ ހަމައަށް ފޯރުމާއެކު މޫނު މައްޗަށް އެނބުރުން އަރާކަހަލަ އިހްސާސެއް އޭނާއަށް ކުރެވުނެވެ.
ހޭވެރިކަން ވީއިރު، އިރު އަރައި ދުނިޔެ މައްޗަށް އުޖާލާކަން ވެރިވެފައި ވިޔަސް ހަސީނާ ވަށާލާފައިވަނީ އަނދިރިކަމެވެ. ދިގު ނިންޖަކަށްފަހު ދެ ލޯ ހުޅުވާލެވުނު އިރު، އަޑު އިވޭނެ ކަމަށް އުންމީދު ކުރެވުނު ތުއްތު ދަރިފުޅުގެ ނިޝާނެއްވެސް އެތަނުގައި ނުވެއެވެ. އެގޭތެރެއަށް ދެ ހިތާމަ އެއްފަހަރާ އައިސްގެން އުޅޭކަން ހަސީނާއަށް ރޭކާވެސް ނުލިއެވެ. ހިނދިފައިވާ ބަނޑުގައި އަތުން ފިރުމާލަމުން ތުއްތު ދަރިފުޅު އޭނައާ ގާތަށް ގެނެސް ދިނުމަށް އަމީނުގެ ގާތުން އޭނަ އެދުނެވެ.
"ދަރިފުޅު... ދަރިފު ޅު މަރުވެއްޖެ!" ހަސީނާގެ ދެއަތުގައި ބާރަށް ހިފަހައްޓާލަމުން އަމީން އިސްޖަހާލިއެވެ. އެހެން ބުނިއިރު، ދުނިޔޭގެ ހުރިހާ ހިތާމައެއް އެއްފަހަރާ އައިސް އަމީންގެ މޫނު މައްޗަށް ޖަމާވިފަދައެވެ. އެވަގުތު ހަސީނާގެ ކަރުން ނުކުތް ގަދަ ހަޅޭއްކާއެކު އޭނާއަށް ރޮއި ގަނެވުނެވެ.
***
އެވަގުތު ގޭގެ ބެލްޖެހި އަޑަށް ސިހިފައި ނިދިން ހޭލަން ތައްޔާރުވަމުން ދެފަރާތަށް އެނބުރެމުންދިޔަ އައިޝާގެ ބޮލުގައި ބޮސްދިނުމަށްފަހު ކޮޓަރިން ނިކުމެގެން ގޮސް ހަސީނާ ގޭގެ ދޮރު ހުޅުވާލިއެވެ. ހަސީނާއަށް ބިރެއް ފެނިގެން ތެޅިގަންނަހެން ތެޅިގަނެވުނެވެ. ކުރިމަތީގައި ހުރީ އަމީނެވެ. އުންމީދު ނުކޮށް ހުއްޓައި ހަސީނާ ފެނުމުން އެމޫނުގައި ހުރި ހިނިތުންވުން ފަނޑުވެ ނުތަނަވަސްކަން އެމޫނު މައްޗަށް ވެރިވިއެވެ. --ނުނިމޭ--