12 Mar 2019

ނޭނގި ޔާރު ވަކިވީ

ނޭނގި ޔާރު ވަކިވީ

* މާޗް ނުވަ ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

އޭނާ ގެންފައިވާ ބިރު ދެލޮލުން ހުރީ ފެންނާށެވެ. އެ އަސަރު ފިލައި ދެލޮލުން އުފާވެރިކަން ފާއްދާލިއެވެ. ތުންފަތުގައި މައުނަވީ ހިނިތުންވުމެއް ދުވެލިއެވެ. ދެލޯ ކައިރިއަށް ރޫ ގިނަވެގެން އައީ އެހިނިތުންވުން ފުޅާވެގެން ދިއުމުންނެވެ.

"ސައްޔާރު." މަލަކު ބުނެވުނެވެ. އޭނާއަށް ލޯމަތިން ފެންނަނީ ހުވަފެނަކަށް ނުވުމަށް އެދެވުނެވެ. މަލަކު މިހުރީ ސައްޔާރުއަށް ގޮވާލުމާއި އެކު އާދެވޭ ހިސާބެއްގައެއް ނޫނެވެ. ސައްޔާރުގެ މޫނުމަތިންވެސް ފެނުނީ އުފާވެރިކަމެވެ. ލަސްލަހުން ފިޔަވަޅުތައް ނަގަމުން މަލަކު ކުރިމަތީ ހުއްޓުނެވެ.

"ސަޕްރައިޒް؟" ސައްޔާރު އަހާލިއެވެ. ދެއަތް ދަމާލާފައި މަލަކުގެ ދެކޮނޑުގައި އަތްބާއްވާލިއެވެ. އޭނާގެ ގާތަށް މަލަކު ދަމާލާފައި ގެނެސް ޖެއްސީ މޭގައެވެ. "ނުވެސް ބުނޭ." މަލަކު ބޭނުންވީ ޝަކުވާކުރާށެވެ. އެކަމަކު އޭނާއަށް ރުޅިއެއް ނާދެވުނެވެ. އެއަށްވުރެބޮޑަށް އުފާވިއެވެ. "ޒައި ނުބުނޭތަ؟" މަލަކުގެ ބުރަކަށީގައި ދެއަތުން ވަށާލަމުން ސައްޔާރުއަހާލިއެވެ. މަލަކުގެ އިސްތަށިގަނޑުގެ މީރު ވަސް އޭނާގެ ނޭފަތުގައި ޖެހުމުން ނޭވާ އެތެރެއަށް ހިފަހައްޓާލެވުނެވެ.

"ޒައިއަށް އެނގޭތަ؟" މަލަކު އަހާލީ ސައްޔާރު އާއި ދުރަށް ޖެހިލާފައެވެ.

"އެކަމަކު އަހަރެން ބުނީ ނުބުނާށޭ." ސައްޔާރު ހެވިލާފައި ބުނެލިއެވެ. "ތިއުޅެނީ އަހަންނާއި ޒައި ދެމެދުގައި ދޭތެރެ ޖައްސަންތަ؟ އޭނަ އެއީ ސިއްރު ހިފަހައްޓަން ހަމަ ބެސްޓް، " މަލަކު މަޑުމަޑުން ސައްޔާރުގެ މޭގައި ޖަހާލިއެވެ. އެއަތުގައި ސައްޔާރު ހިފަހައްޓާލިއެވެ. ދެން ގެނެސް ޖެއްސީ އޭނާގެ ތުންފަތުގައެވެ.

"ކޮންއިރަކު އައީ؟" މަލަކު އަހާލިއެވެ. ސައްޔާރު އައީ ހަވީރެވެ. އެއީ ކުއްލިއަކަށް ހަމަޖެހުނު ދަތުރެކެވެ. ހަލީމް އައިސް ސައްޔާރުއަށް އެންގީ ފުރާށެވެ. ރާގުގައި ހުރި އަމުރުވެރިކަމުން އޭނާ ވަޒީފާއިން ކަނޑާލަނީއޭވެސް ހީވިއެވެ. ހަލީމް ސައްޔާރުއަށް ދާންވީ ތަން އޮޅުންފިލުވައިދިނެވެ. މިއީ އައްޑޫގައި ބޭއްވޭ ބޮޑު ޕާރޓީއެކެވެ. އާއިލާގެ ފުދުންތެރިކަން އެހެން މީހުންނަށް އަންގަން ބޭނުންވާ އިވެންޓެކެވެ. ކަންކަން ހުންނާނީ އެންމެ ފުރިހަމައަށޭ ބުންޏެވެ. ސައްޔާރުގެ މަސައްކަތަކީ އާއިލާގެ އުފާވެރިކަމާއި ތަނުގެ ފުރިހަމަކަމާއި އިންތިޒާމުކުރުމުގައި އުނިކަމެއްނުވާކަން ތަސްވީރުތަކެއްގެ ސިފައިގައި ދެއްކުމެވެ. މަސައްކަތާއި މެދު ސައްޔާރު ގަޔާވިއެވެ. މިއީ ބޮޑު އިވެންޓެއް އޭނާ ކަވަރ ކުރާ ފުރަތަމަފަހަރެވެ.

***

ކައިނިމިގެން ހަފްސާ އާއި އެކު ވާހަކަ ދައްކަން ލަސްވަންދެން ދިޔާނާއަށް މަޑުކުރަންޖެހުނެވެ. ދެއާއިލާ ތެރެއިން ނިންމަންޖެހޭ ބައެއް ކަންތަކާއި މަޝްވަރާކުރަމުން ދިޔައެވެ. ޒާނަ ފަހަތުން ޒައިނީ އުޅުނީ އެގޭގެ ފެންޑާގައެވެ. ހުރިހާ އަންހެންކުދިން އެއްކޮށްގެން ކުޅިވަރުތަކެއް ކުޅޭށެވެ. މަލަކު އާއި މެދު ޒައިނީ ހަނދުމަ ނެތް ކަހަލައެވެ. ސައްޔާރު ދިޔަކަން އެނގުމުން އޭނާ ހުރީ ހިތްހަމަޖެހިފައެވެ. މަލަކުގެ ބޮލުގެ ރިހުން މިހާރު ފިލާނެކަން އޭނާއަށް އެނގެއެވެ. ޒައިނީ ހީކުރީ މަލަކު ބޮލުގައި ރިހެނީ ސައްޔާރު އާއި ނުގުޅިގެންކަމަށެވެ. މަލަކުގެ ފޯނު ގެއްލިގެންކަމަށެވެ.

"ހެއި" މުޝްތާފްގެ އަޑަށް ޒައިނީ ބަލާލިއެވެ. އޭނާގެ ކައިރީ ހުއްޓެމުން މުޝްތާފް ދެޖީބަށް އަތްޖަހާލިއެވެ. އެއީ ޒައިނީއަށް ފެންނަ ކޮންމެ ފަހަރަކު މުޝްތާފް ހުންނަނީ އެގޮތަށެވެ. މުޝްތާފްގެ ޒުވާންކަމާއި ފިރިހެންވަންތަކަން ފެންނަނީ އެހެން ހުރީމައެވެ. ޒައިނީ ހިނިތުންވެލަމުން ތެދުވިއެވެ. އެންމެންގެ ތެރެއިން ޒައިނީއަށް ވަކިން މުޝްތާފް ގޮވާލީތީ އުފާވިއެވެ.

"މިރޭ މަލަކު ނާދޭތަ؟" މުޝްތާފް ދެލޯ ހޯދަމުން ދިޔައީ މަލަކުއެވެ. ޒައިނީ ހައިރާންވިއެވެ. އޭނާ ހުއްޓާ މުޝްތާފް ހޯދަނީ މަލަކުކަން އެނގުމުންނެވެ. "ނުފެންނާތީ އަހާލީ، ކުޅިވަރުގައި ބައިވެރިވާން ބޭނުން ނުވެފައިހެން ހީވޭ، މަލަކު ނާންނާތީ އެކަމާއި ފޫހިވެފައިތަ؟ " މުޝްތާފް އަހާލިއެވެ. ޒައިނީ ގެ ހިނިތުންވުން ފަނޑުވިޔަނުދޭން މަސައްކަތްކުރިއެވެ. އެއީ ޒައިނީ އާއި ވާހަކަ ދައްކާހިތުން މުޝްތާފް ނެގި މައުޟޫއެއްކަން ނަފްސަށް ވިސްނައިދެމުން އޭނާ މަސައްކަތްކުރީ އުފާވެރިކަން ގެއްލުނަނުދިނުމަށެވެ.

"ނޫން، އެހެންނެއް ނޫން" ޒައިނީ އިސްއުފުލާލިއިރު މުޝްތާފްގެ ނަޒަރުހުރީ ސީދާ އޭނާގެ މޫނަށެވެ. ކުޅިވަރު މަތިން ފޫހިވެފައިވާކަން ނުބުނެވިއުޅެނިކޮށް ހީވީ އަރުތެރެ ބެދުނުހެންނެވެ. އެހާމެ އަވަހަށް އިސްޖަހިލެވުނެވެ.

"ރައިޑަކަށް ދާނަންތަ؟" މުޝްތާފް އަހާލިއެވެ. ޒައިނީ އަވަހަށް އެއްބަސްވިއެވެ. އޭނާ ހިތް އެދޭ މީހާ ދިން ދައުވަތު ޤަބޫލުކުރަން ހިތާއި ސިކުނޑި ބާރުއެޅިއެވެ. ޒާނަ ކޮނޑުގައި ޖަހާލާފައި އަންނަމޭ ބުނެފައި ޒައިނީ ތެދުވިއެވެ. އިސްތަށިގަނޑު އަތުން އެއްފަރާތްކޮށްލާފައި އެއްކޮނޑުމަތިން ކުރިމައްޗަށް ވާގޮތަށް ވައްޓާލިއެވެ. މުޝްތާފް ގެ ފަހަތުން އޭނާ ހިނގައިގަތެވެ.

ސިޓިންރޫމްގައި ވާހަކަ ދައްކަން ތިބި ހަފްސާއަށް އެމަންޒަރު ފެނުނީ މުޝްތާފްގެ ފަހަތުން ޒައިނީ ނިކުންނަނިކޮށެވެ. އޭނާ ދިޔާނާއަށް އެމަންޒަރު ދައްކާލިއެވެ.

"އެއީ ހަފްސާގެ ދަރިއެއްތަ؟" ދިޔާނާ އަހާލިއެވެ.

"އަހަރެންގެ ހަށިގަނޑުން އުފަންނުވިއަސް އެއީ އުފަންދަރިއެއް، ހަތަރުބެއިން ތެރެއިން އެންމެ ލޯބިވާ ދަރިއަކީ އެއީ، މިޒަމާނުގައި ނުފެންނާނެ އެވަރުގެ ކިޔަމަންތެރިދަރިއަކު، އާދިލް އާއި މުޝްތާފްގެ މިޒާޖު ތަފާތުކަމުން އެދެބެއިން ނަކީ މަޖީދުގެ ދަރިންބާއޭ ހިތަށްއަރާ، "ހަފްސާ ކިޔައިދިނެވެ. އެމީހުން ދައްކަމުން ދިޔަ މައުޟޫ ބަދަލުވިއެވެ. ދެން މުޅިންވެސް ދެކެވުނީ މުޝްތާފްގެ ވާހަކައެވެ. ދިޔާނާގެ ހިތުގައި މުޝްތާފް އާއި މެދު ލޯބި އުފެދުނެވެ. ޒައިނީ އާއި މެދު އޭނާ ދެކޭ ހުވަފެން ކުލަޖައްސަން އެންމެ ރަނގަޅީ މުޝްތާފްއޭ ހިތަށް އެރިއެވެ. އިސްވެ އެވާހަކަ ދައްކަން ދިޔާނާ ހިތް އެއްބަހެއް ނުވިއެވެ. ދަރިންގެ ކަންތައް އަބަދުވެސް ދޫކޮށްލަނީ އެކުދިންގެ އަތްމައްޗަށެވެ. މިދަތުރު ނިމުމުގެ ކުރިން ޒައިނީ ގޮތެއް ނިންމާނެކަމަށް ދިޔާނާ އުއްމީދުކުރިއެވެ.

***

ގޭގެ ދޮރުމައްޗަށް ކާރު ހުއްޓުމުން ޒައިނީ ބަލައިލީ އަތުގައި އޮތް ފޯނަށެވެ. ރޭގަނޑު އެގާރަޖެހީއެވެ. އޭގެކުރިން މަންމަ ގެއަށް އައިކަން އޭނާއަށް އޮތީ އެނގިފައެވެ. މުޝްތާފް އާއި އެކު ކާރުގައި އެރަށް ބަލަން ދުއްވުނުއިރު ވަގުތު ދިޔަލެއް އަވަސްކަން އޭނާއަށް ހީވިއެވެ. މިރޭ އަލިވިލެންދެންވެސް ކާރުގައި އިންނަން އޭނާ ހިތް އެދުނެވެ. ކާރުގައި ޖަހަމުން ދިޔަ މަޑުމިއުޒިކު ހީވަނީ ޒައިނީ މުޝްތާފް މެޖެސެއްދޭން ބޭނުންވަނީހެންނެވެ. އެއީ ޒައިނީއަށް ހީވި ހީވުމެކެވެ. އެފަދަ ވިސްނުމެއް މުޝްތާފްގެ ނެތެވެ. ޒައިނީ އާއި އެކު ވަގުތު ހޭދަކުރިއިރު ޒައިނީ އާއި ބެހޭ ގިނަ ސުވާލުތައްކުރީ ޒައިނީއާއި ބެހޭގޮތުން ކަންކަން އެނގުމުގެ ޝައުޤުވެރިކަން އޮވެގެންނެއް ނޫނެވެ. އެއިން ކޮންމެ ސުވާލަކަށް ޒައިނީ ޖަވާބު ދޭއިރު މަލަކު އާއި ގުޅުވާފައި އެއްޗެއް ބުނާތީއެވެ. އެންމެ ގާތްއެކުވެރިޔާ ދަންނަނީ ކިހާވަރަކަށް ތޯ މުޝްތާފް ސުވާލުކޮށްލުމުން ޒައިނީ ދުލުން ބަންޑުންކޮށްލީ މަލަކުގެ ހުރިހާ މައުލޫމާތެކެވެ.

ކާރުން ފައިބައިގެން ޒައިނީ އާއި އެކު އެގެއަށް މުޝްތާފް ވަންނަން އައެވެ. ދޮރުމައްޗަށް އަރާފައި އެތެރެއަށް ވަންނަން ނެގި ފިޔަވަޅު ހުއްޓައިލީ ސިޓިންރޫމްގައި އިން މަލަކު ފެނިފައެވެ. އޭނާގެ ހިތުގައިހީވީ ގިނި އަނދަންފެށިހެންނެވެ. އޭނާގެ ދެލޯ ހުއްޓުނީ މަލަކުގެ އިނގިލިތަކުގައި ފިރުމަމުން ލޯތްބާއި އެކު ވާހަކަ ދައްކަން އިން ސައްޔާރަށެވެ. ޒައިނީ އައި އަޑަށް މަލަކު ދުރަށް ޖެހިލިއެވެ.

"ސަރ" މުޝްތާފް ފެނުމުން ސައްޔާރުގެ ދުލުން ބުނެވުނެވެ. އެއަޑު އަހާފައި މަލަކު ގެ މޫނު އެދިމާލަށް އަނބުރާލިއެވެ. މުޝްތާފް އަކީ ސައްޔާރުގެ ވެރިމީހާކަން އޭނާއަށް އޮތީ އެނގިފައެވެ.

"ގެއަށް ދާކަށް ނުވޭ؟" މުޝްތާފް އަޑުގައިވީ އާދައިގެ ރާގެކެވެ. ހިތުގައި ކުރިލައި ހެދެމުން ދިޔަ ރުޅީގެ ނިރުތައް ފޮރުވަން މަސައްކަތްކުރަމުން ގަދަކަމުން ހިނިތުންވުން ދެއްކޭތޯ ބެލިއެވެ.

"މަލަކް، އައި ހެވްޓް ގޯ، މާދަމާ ހެނދުނު އަންނާނަން ބަލާ." ސައްޔާރު މަލަކުގެ އަތުން ދޫކޮށްލާފައި ބުނެލިއެވެ. މަލަކު ބޯޖަހައިލިއެވެ. މުޝްތާފް އާއި ދިމާލަށް ޒައިނީ އަތްއުފުލައިލިއެވެ. ވަކިވާއިރު ސަލާމް ކޮށްލާ ފަދައިންނެވެ. އެސަލާމަށް ޖަވާބު ދީފައި މުޝްތާފް ހިނގައިގަތެވެ.

"ޝީ އިޒް ޔުއަރ ގާރލް؟" ކާރަށް އެރުމުން ސައްޔާރު ކުރެ މުޝްތާފް އަހާލިއެވެ. ސައްޔާރު ބޯޖަހައިލީ ހިނި އައިސް އިނދެއެވެ. މިދަތުރުގައި އޭނާއަށް ފުރުޞަތު ދިނީތީ ޝުކުރު އަދާކުރިއެވެ.

"ވަޓް ޑޫ ޔޫ ތިންކު؟ އަހަރެން ތި ދެމީހުން ގުޅެން ފުރުޞަތު ދޭނެކަމަށް؟ މިރަށަށް ކަލޭ ގެނާއިރުވެސް އަހަންނަށް އޮތީ އެކަން އެނގިފައި، އެހެންވެ ގެނައީ، ތިއަށްވުރެ ޕްރޮފެޝަނަލް މީހުންވެސް އެބައޮތް ގެނެވެން، އެކަމަކު އަހަރެން ގެނައީ ވަރަށް ބޮޑު ކަމެއް ހާސިލްކުރަން، އަހަންނަކީ އަހަރެން ބޭނުން ކޮންމެ ކަމެއް ހާސިލްކޮށްފައި ނޫނީ ހުއްޓާނުލާނެ މީހެއް، ޝީ އިޒް ނޮޓް ޔުއަރ ގާރލް، ޝީ އިޒް މައިން" ކާރު ދުއްވަމުން ދިޔައިރު މުޝްތާފްގެ ހިތުގައިވީ މިފަދަ ރުޅިވެރިކަމެކެވެ. މަގުމައްޗަށް އޭނާގެ ސަމާލުކަމެއް ނެތެވެ. ކާރުގެ ސްޕީޑް ބާރުވަމުން ދިޔައެވެ. ސިކުނޑީގައި އުފެދެމުން ދިޔަ ހިތްހަމަނުޖެހުން ދެއްކުނީ އެ ސިފައިގައެވެ.

***

ވިލުނު އައްޔާއި އެކު ގޭތެރޭގައި ގުގުމަންފެށީ ހުނުމާއި ސަކަރާތުގެ އަޑެވެ. މަސައްކަތުގެ މާހައުލުގައި އިތުރު ޖޯޝެއް އުފެދޭ ފަދަ މިއުޒިކުން ހަލަބޮލިކަން ނަގާލާފައިވެއެވެ. ގެއާއި ކުރިމަތީގައި އޮތް ބީޗު ސަރަހައްދު ތައްޔާރުކުރުމަށް އުޖޫރައަށް މީހުން ވަނީ ގެނެސްފައެވެ. އާދިލް އާއި ޒާނަ ބޭނުންވާ ގޮތަށް އެމީހުންގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. އެ މަސައްކަތުގައި އެހީވުމަށް ޝާނީގެ އެކުވެރިންނާއި އެކު ޒައިނީ އާއި މަލަކުވެސް އުޅުނެވެ. ސައްޔާރު ހުރީ ފޮޓޯނެގުމަށް ރީތިވާނެ ތަން ކަނޑައަޅާށެވެ. ޕާރޓީ އޮންނަނީ ރޭގަނޑެވެ. އަލި ދައުރުވާނެ ގޮތެއް ނެތަސް ޑެކަރޭޝަން ލައޓްތަކުގެ ސަބަބުން ފޮޓޯ އެންމެ ހިތްގައިމުވާނެ ގޮތް އޭނާ ކިޔައިދެމުން ދިޔައެވެ.

އޭނާ އެނބުރި އާއިރު މަލަކު އުޅެނީ އުއްބައްތިތައް ހުރި ފޮށިގަނޑެއް ހިފައިގެންނެވެ. ކޮންމެ މޭޒެއްގައި ދެތިން އުއްބައްތި ބެހެއްޓޭތޯއެވެ. އޭނާ ލައިގެން ހުރި ހެދުމަށް ސައްޔާރު ސަމާލުކަން ދިނެވެ. އަޅިކުލައިގެ އަތްދިގު މަތިކޮޅު ވަނީ ދެކޮނޑުމަތިން ތިރިއަށް ބޭލިފައެވެ. ކޮނޑާއި ކަރުވަޅާއި އެކު ހާމަވާގޮތަށެވެ. އިސްތަށިގަނޑު މައްޗަށް އައްސާފައި އޮތުމުން އިތުރަށް ހާމަކަން ބޮޑެވެ. ސައްޔާރު އައިސް މަލަކު ހުއްޓުވިއެވެ. ދެން ދެކޮނޑުގައި ހިފާ މައްޗަށް އެރުވިއެވެ.

"ކީއް ތިކުރީ؟" މަލަކު ބަލައިލީ ހެދުމަށެވެ. އަނެއްކާވެސް ކުރިން ހުރިގޮތަށް ދެކޮނޑުމަތިން ތިރިއަށް ހެދުން ވައްޓާލިއެވެ. ''މިއީ މި ހެދުން ހުންނަ ގޮތް އިނގޭ މިސްޓަރ، އޮފް ޝޯލްޑަރ އެއްޗެއް މިއީ." މަލަކު ބުނެލިއެވެ. ސައްޔާރު ދެބުމަ ކައިރިކޮށްލިއެވެ.

"އަހަންނަށް ތިހެން ހުރެގެން ކަމުނުދާތީ ރަނގަޅުކުރީ، މަލަކް، މިތަނުގައި ވަރަށް ބައިވަރު މީހުން އެބަތިބި." ސައްޔާރު ބުނެލިއެވެ. އޭނާގެ ނިޔަތަކީ މަލަކުގެ ރީތިކަން އެހެން މީހުންނަށް ފައުޅުނުކުރުމެވެ. މަލަކްގެ އަގު އެހެން މީހުންގެ ކުރިމަތީ ކުޑަވެގެންދާން ނޭދޭތީއެވެ.

"މަށާއި ދިމާލަށް ބަލާނެ މީހަކު ނެތް މިތަނަކު، މިތާ ތިބި މީހުންނަށް ބަލާބަލަ ހެދުންތައް ހުރީ ކިހިނެއްތޯ، އެންމެ އާދައިގެ ހެދުން ލައިގެން މިހުރީ އަހަރެން." އެހެން މޭޒެއްގެ ކައިރިއަށް ދަމުން މަލަކު ބުނެލިއެވެ.

"އެއީ އެމީހުންގެ ފެންވަރު، އެމީހުންނާއި އެއްހަމައަށް މަލަކު ނުޖެހޭނެ ވެއްޓޭކަށް، ތިގޮތް އަހަންނަށް ކަމަކުނުދޭ." ސައްޔާރުގެ ޚިޔާލާއި މަލަކުގެ ޚިޔާލު އެއްގޮތެއް ނުވިއެވެ. މަލަކު އަށް ކަމުދާންފެށީ އެމީހުންގެ އުޅުމެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކަމުދިޔައީ އެމީހުންގެ ހެދުންތަކެވެ. ހިތް އެދުނީ އެ މުއްސަނދިކަމެވެ. މިހާރު އެމީހުންނާއި އެއްހަމައަށް އަންނަން ބޭނުންވަނީއެވެ.

"ރުޅި އައީ؟" އެވާހަކަ ބަދަލުކޮށްލަން މަލަކު ބޭނުންވިއެވެ. ސައްޔާރު ބޯޖަހައިލިއެވެ. އޭނާ ހުރީ ހިތްހަމަނުޖެހިފައިކަން އަންގަން ބޭނުންވިއެވެ. ސައްޔާރު ހިތްހަމަނުޖެހޭކަމެއް މަލަކުއަށް ކުރާކަށް ނުކެރޭނެއެވެ. އެވަރުގެ އިތުބާރު ސައްޔާރުއަށް އޮތެވެ.

"އެހެންވިއްޔާ އަހަރެންގެ ފޮޓޯއެއް ނަގައިދޭން ހިނގާ، މިހާރު ފޮޓޯއެއް ނުނަގާތާ ހަފްތާއެއްވަނީ." މަލަކު ބުނެލިއެވެ. ސައްޔާރު ދެކޮޅެއް ނުހެދިއެވެ. މަލަކު ގޮސް ހުއްޓުނީ އެތަނުން މޭޒެއްގެ ކައިރީގައެވެ. އުއްބައްތިއެއް އަތަށް ނެގިއެވެ. އޭގައި ހުޅުކޮޅު ނެތަސް ވަރިހަމައެވެ. ސައްޔާރު ކެމެރާ ތައްޔާރުކުރިއެވެ. އެމަންޒަރު ބަލަން ދުރުގައި މުޝްތާފް ހުއްޓެވެ. ސައްޔާރު އާއި މަލަކު ފެނިފައި އޭނާއަށް ކެއްކުރަން ދަތިވިއެވެ. އެދިމާލަށް އޭނާ ފިޔަވަޅުތައް ނަގަން ފެށިއިރު ހިތުގައިވީ ސައްޔާރު އާއި މަލަކު ހުއްޓުވުމެވެ.

"މަލަކް ވާންވީ މޮޑެލްއަކަށް ނޫންތަ؟" މުޝްތާފްގެ އަޑަށް ސައްޔާރު ބަލައިލިއެވެ. ކެމެރާ ތިރިކޮށްލާފައި މުޝްތާފްއަށް އިހްތިރާމްކުރުމުގެ ގޮތުން ސަލާމް ގޮވާލިއެވެ. މުޝްތާފް ސަލާމް ބަލައިގަތީ ހަމައެކަނި ބޯޖަހާލުމަކުންނެވެ.

"މިހާރުވެސް މަލަކް އަކީ މޮޑެލްކުރާ ކުއްޖެކޭ." ސައްޔާރު އައިސް މަލަކު ކައިރީ ހުއްޓުނެވެ. ފުރަގަހުން އަތް ގެނެސް މަލަކުގެ ކޮނޑުމަތީ އަތްބާއްވާލިއެވެ. ލަފައިލީ އޭނާގެ މޭގައިޖެހޭހާ ކައިރިއަށެވެ. މަލަކު މުޝްތާފްއަށް ބަލާލާފައި އިސްޖަހާލިއެވެ. އެއިން ކޮންމެ ހަރަކާތެއް މުޝްތާފްގެ ހިތުގައި ރައްކާކުރިއެވެ. ހަސަދައިގެ ވިންދު ޖަހަންފެށީ އޭނާގެ ބާރުނުފޯރުވޭހާ ބާރަށެވެ. ސައްޔާރުގެ އަތަށް އޭނާ ލޮލުގެ ހިމަކޮޅުން ބަލައިލިއެވެ. ރުޅިވެރިކަން އުފެދުނެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމަކީ ހަމައެކަނި ދެއްކުން ތެރިކަމެވެ. އެތެރެއިން އުފެދެމުން ދިޔައީ ނަފްރަތެވެ.

"ތިވަރަކުން އަދި ނުފުދޭ." މުޝްތާފް ބުނެލިއެވެ. މަލަކް ސިހުނެވެ. މުޝްތާފް އެބުނި ޖުމްލައިގެ ފަހަތުގައި އިތުރު މާނައެއް އޮންނާނެކަން އޭނާއަށް ޔަޤީނެވެ. މިހާރު އެއްދުވަހު މުޝްތާފް އެވާހަކަ މަލަކު އާއި ދައްކައިފިއެވެ. "ހުނަރަކީ ފޮއްޓެއްތެރޭ ފޮރުވަންޖެހޭ އެއްޗެއް ނޫން. އެއީ ތިމާގެ ޤާބިލްކަން ދައްކާލުން، މޮޑެލްކުރުމަކީ ވަޒީފާއެއްގެ ގޮތުގައި ކުރެވިދާނެކަމެއް، އައި ހެވް އަ ޖޮބް އޮފަރ ފޮރ ޔޫ، މަލަކް، ރިސޯރޓްތަކުގައި އަންހެންކުދިން ނިސްބަތުން ވަރަށް މަދު، އެހެންވިއަސް އެއީ އަންހެންކުދިންނަށް ފުރުޞަތު އޮތްތަނެއް، ރައްކާތެރިތަނެއް،" މުޝްތާފް ބޭނުމީ މަލަކު އޭނާގެ އަތްދަށަށް ގެންނާށެވެ.

"މަލަކްގެ ބައްޕަ ރުހޭކަމެއް ނޫން މިއީ." ސައްޔާރުގެ މޫނަށް މުޝްތާފް ބަލާލިއެވެ. އެޖަވާބާއި މެދު އޭނާ ނުރުހުންވިއެވެ. އެކަން މޫނުމަތިން ސައްޔާރުއަށް ފާހަގަވިއެވެ. "އޯހް" މުޝްތާފް ބުނެލިއެވެ. މަލަކް ހުރީ ބަހެއްވެސް ބުނެ ނުލައެވެ. އޭނާގެ ބަަދަލުގައި ސައްޔާރު ޖަވާބު ދޭން ދޫކޮށްލައިގެންނެވެ. މުޝްތާފްގެ ހުށައެޅުންތަކަށް އޭނާ އިޖާބަދިނުމަށް އެދި ހިތް ބާރުއަޅަމުން ދިޔައެވެ. ކުރީ ދުވަހުވެސް މުޝްތާފް އެހީވާނެކަމަށް ބުންޏެވެ.

"އަހަރެން ހުށައެޅީ ވަޒީފާ، އޭގެ ޖަވާބު މަލަކު ބައްޕަ ކައިރީ އަހާފައި ދިނުން އެންމެ ރަނގަޅުވާނި، އަހަރެންގެ ކުންފުންޏަކީ މިހާރު ވިޔފާރީގެ އެތައް ރޮނގަކުން ކުރި އަރަމުން އަންނަ ތަނެއް، ވިޔަފާރި މާކެޓްކުރުމަށް އަހަރެން މަޖައްލާއެއްވެސް ނެރެން، ހޯސްޓްކުރަން ކުއްޖަކު ބޭނުންވޭ، ހިތްހަމަޖެހޭވަރުގެ މުސާރައެއް ދޭނަން، މަލަކް، ވިސްނާފައި ޖަވާބު ދީ، " މުޝްތާފް އަތުން ސައްޔާރުގެ ކޮނޑުގައި ޖަހާލިއެވެ. ސައްޔާރު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެއީ މަލަކު ބޭނުންވިއަސް ވާނެކަމެއް ނޫންކަން އެނގެއެވެ. މިޤްދާދުގެ ގާތުން ހުއްދައަށް އެދުމުގެ ހިތްވަރު މަލަކު ކިބައިގައި ނުހުންނާނެކަން އޭނާއަށް އެނގެއެވެ.

މަލަކުގެ ހިމޭންކަމުގެ ފަހަތުގައި ވީ ކޮންކަމެއްކަން ސައްޔާރުއަކަށް ނޭނގެއެވެ. މުޝްތާފްގެ ހުށައެޅުމާއި މެދު މަލަކް ވިސްނަފާނެކަން ސައްޔާރުގެ ވިސްނުމުގައި ނުވެސް ނެތެވެ. މަލަކުގެ ހިތް އެދިމާލަށް ލެނބެމުން ދިޔައެވެ. ވަޒީފާއެއް ލިބުމަކީ އޭނާ އެދުމެކެވެ. އަމިއްލަ ކަންތައް ބައްޕަ ކައިރީ އަބަދު ކިއުމަކީ ފަސޭހަކަމެއް ނޫނެވެ. މަލަކް އަށް އެއްޗެއް ގަނެދެންވެއްޖެނަމަ ދޮންމަންމަ ހިތްހަމަނުޖެހޭވަރު މަލަކްއަށް އެނގެއެވެ. ކިތަންމެ އެއްޗެއް ބޭނުންވިއަސް ބުނަން ނުކެރިފައި ހުރެވެއެވެ، ވަޒީފާ އަކީ އަމިއްލަ ފައިމައްޗަށް ތެދުވެވުން ކަހަލަ ކަމެކެވެ. މިނިވަންކަމާއި އެކު އަމިއްލަ ޚަރަދުތައް ބަލަހައްޓާލެވެއެވެ.

"ހެއި، ސަރ ދެއްކި ވާހަކަތަކަށްތަ ތި ވިސްނަނީ؟" މަލަކްގެ ކޮނޑުގައި އަތް ފިރުމަމުން ސައްޔާރު އަހާލިއެވެ. އެއަޑަށް މަލަކު ސިހުނެވެ. ވަކި ޖަވާބެއް ދޭން އުދަނގޫވިއެވެ. " އަހަރެން ބޭނުމެއް ނޫން މަލަކް އެ ވަޒީފާ ޤަބޫލުކުރާކަށް، މަލަކް، ތިއީ އަހަރެން ވާން ހުރި އަންހެނުން، މަލަކްގެ ހުރިހާ ކަމެއް ބަލަހައްޓާނީ އަހަރެން، މަލަކް އަށް ހިތްހަމަޖެހުން ހޯދައިދޭނަން،އަހަރެންގެ އަންހެނުން ނުޖެހޭނެ ވަޒީފާ އަދާކުރާކަށް،" ސައްޔާރު ބުނެލިއެވެ. ސައްޔާރު އާއި އެކު ހިނގާފައި ދަމުން މަލަކް ފަސްއެނބުރި މުޝްތާފްއަށް ބަލާލިއެވެ. ސައްޔާރު ދައްކާ ވާހަކަ އާއި އެއްބަސްވާން އުދަނގޫވިއެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular