18 Apr 2019

ނުވަ މަސް ފަހުން

ނުވަ މަސް ފަހުން

By: Mariyam Yasma

* އޭޕްރީލް 15 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"އައިރީންއަށް މީރީ ވަކި ކޯއްޗެއްކަމެއް ނޭނގޭތީ ބަނޑުބޮޑުކުދިންނަށް ފައިދާހުރި އެއްޗެހި ބަލައިގެން ތައްޔާރުކޮށްފަ މިހުރީ..." ނަވާލް ވާހަކަދެއްކި އަޑަށް އައިރީންއަށް އަނެއްކާ ވެސް އެމޫނަށް ބަލައިލެވުނެވެ.

ނަވާލް ހިނިތުންވެލުމާއެކު އޭނަގެ ހުރިހާ ސަމާލުކަމެއް ފުރަތަމަ ދިޔައީ ކޯތާފަތަށް އެޅުނު އަޑިކޮޅަށެވެ. ދެން ލޮލަށެވެ. ހަތަރުކަޅި ހަމަވުމާއެކު ހާސްވެގެން އަވަހަށް އިސްޖަހައިލެވިއްޖެ އެވެ. ނަވާލް ފެނުމުން އޭނަ ލަދުގަނެ އެވެ. ޖެހިލުންވެ އެވެ. ނެތް ގުޅުމަކުން އޭނަ އާއި ނަވާލް ބަނދެލުމުގައި އޭނަގެ އަތެއް ނެތަސް ހިމޭނުން ހުރުމުން އެކަމުގައި ބައިވެރިވެވުނީ ނޫން ހެއްޔެވެ؟ މިހާރު އަދި ގޭގެ ހަތަރުފާރުތެރޭ އެމައްސަލަ އޮތަސް ގެއިން ބޭރަށް ނިކުންނަ ދުވަހެއް އަތުވެއްޖެނަމަ ނަވާލްއަށް އެއިން ކުރާ ނޭދެވޭ އަސަރު އިތުރުވެގެން ދާނެއެވެ.

ނަވާލް ތަބަކުގެ އެއްފަރާތުގައި އޮޅާލައިފައި އޮތް ނެޕްކިން ނިއުޅާލައިފައި އޭގެތެރެއިން ސަމުސަލެއް ނަގައި އައިރީންއަށް ދިއްކޮށްލުމުން އޭގައި ނުހިފާ އިންނާކަށް ނުކެރުނެވެ. ފުރަތަމަ ރަހަ ބަލައިލުމާއެކު މީރުކަމުން އަނގައިން އަޑެއް ލައްވައިލެވުނެވެ. ކަންބޮޑުވެފައި އަވަހަށް ބަލާލިއިރު ނަވާލް ހިތްހަމަޖެހިފައި ބަލަން އިނެވެ. ދެން އަނގަ ފުރާ ކާއެއްޗެހި އަޅައިގެން ކާން ފަށައިފި އެވެ. އައިރީންއަށް އިރުކޮޅަކު ބަލަން އިނދެވުނެވެ. ދެން އޭނަވެސް ހިތްހަމަޖެހިގެން ކެއުން ކުރިއަށް ގެންދިޔަ އެވެ.

އައިރީންއަށް ނޭނގުނަސް ނަވާލް ދޭތެރެއަކުން އައިރީންއަށް ބަލައިލަ އެވެ. ދައްކަން އޮތް ވާހަކަ ފަށާނެ ގޮތަކާއިމެދު އޭނަ ދިޔައީ ވިސްނަމުންނެވެ.

"އަހަރެން މިހުންނަނީ މަޢާފަށް އެދެން ބޭނުންވެފަ..." ތަށި ހުސްވުމުން ތަބަކުގައި ބަހައްޓާފައި ނަވާލް ބުނެލި އެވެ.

ޓިޝޫއަކުން ތުންފުހެލާފައި މުށުތެރޭ ބޮނޑިކޮށްލުމަށްފަހު ވަށައިގެން ލޯ ހިންގައިލީ ކުނިވަށިގަނޑު ކޮބައިތޯ ހޯދައިލާފަދަ ގޮތަކަށެވެ. އައިރީންއަށް ވިސްނިގެން އަތްތިލަ ހުޅުވާލައިފައި ނަވާލްއާ ދިމާއަށް ދިއްކޮށްލި އެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް ނަވާލް ތެދުވީ ކޮޅަށެވެ. މިފަހަރު ދާދި ފަސޭހައިން ކުނިވަށިގަނޑު ލޮލުގައި އަޅައިގަތެވެ. ނަވާލް ގޮސް އޭގެތެރެއަށް ޓިޝޫ ވައްޓާލައިފައި އެނބުރި އައިސް އިށީނދެލިއިރު އައިރީން ތަށި ހުސްކޮށްލާފައި ދެން ހުރި މޭވާތަށި ނަގައިފި އެވެ. ބައެއް އަންހެންކުދިންހެން މަދުން ކާކަންދެއްކޭކަށް އައިރީން މަސައްކަތެއް ނުކުރެ އެވެ. ނަވާލްއަށް އެސިފަ ކަމުދިޔަ އެވެ.

"އަހަންނަކަށް ނޭނގެ އައިދަންއާ ދެމީހުން މެރީކުރިކަމެއް. އެކަން ނޭނގި އަހަންނަށް ބުނެވުނު އެއްޗެއް ބުނެވުނީ.....ސޮރީ" ނަވާލް އައިރީންއަށް ބަލަން އިނދެގެން ވާހަކަދެއްކި އެވެ.

"މަޢާފުކޮށްފިން.." ނަވާލްގެ ވާހަކަ ނިމިފައި ސިކުންތުކޮޅެއްގެ ތެރޭގައި އައިރީން އިއްވައިލި އެވެ. "ހާދަ ފަސޭހައިން...؟ ތީ އެކަމަކު އެހާ ރަނގަޅުގޮތެއް ނޫން. މާފަސޭހައިން މަޢާފުކުރަންޏާ މީހުން ދަށްކޮށް ވެލިއުކުރަން ފަށާނެ." ނަވާލް ކުޑަކޮށް ހައިރާންވެފައި އިނދެގެން ކިޔައިދިނެވެ.

"ސާފުހިތަކުން މީހަކު މަޢާފަށް އެދެފިއްޔާ ކީއްކުރަން ލަސްކުރަންވީ؟ އެހެންނޫނަސް މަޢާފަށް އެދޭމީހާއަށްވުރެ މާފުދޭމީހާގެ ދަރަޖަ އުފުލިގެންވާ ކަމުގައި ކިޔާތީ އަޑުއަހަން.." އައިރީން ޖަވާބުދިނެވެ.

އެއަށް ދޭނެ ރައްދެއް ނަވާލްއަކަށް ނޭނގުނެވެ. ކުއްލިއަކަށް އޭނައަށް އައިރީން އެއީ ވަރަށް ޝައުޤުވެރިވަނިވި ފަރާތަކަށްވި އެވެ. އިތުރު ކަންތައްތަކެއް އޮޅުންފިލުވަން އެދޭފަދަ ނަޒަރަކުން އެމޫނަށް ބަލަން އިނދެވުނެވެ. އައިރީން އިސްޖަހައިގެން އިނުމުން ދެމީހުންގެ ހަތަރުކަޅި އަލުން ބައްދަލުވެދާނެކަމުގެ ބިރެއް ނެތެވެ. އޭނައާ ނަޒަރު ދިމާވެދާނެތީ ވެސް އައިރީން ބަލައެއްނުލާނެ އެވެ. އެވަރު އޭނައަށް މިހާރު ދަސްވެއްޖެ އެވެ.

ހިމޭންކަން އުދަނގޫކުރަން ފެށުމުން ނަވާލް ތެދުވި އެވެ. އައިރީން ވެސް ނިމިފައި ހުރުމުން ތަބައް ނަގަން އުޅެނިކޮށް އައިރީން ތެދުވެފައި އޭގައި ހިފެހެއްޓީ އޭނަ ގެންދާނަމޭ ބުނެފަ އެވެ. ނަވާލް ބޯޖަހާލައިފައި އަތްތިރިކޮށްލުމާއެކު ޝުކުރު އަދާކުރި އެވެ. އެގެއަށް އޭނަ އައިފަހުން އާހިލްބެ ފިޔަވައި އެވަރުގެ ކަމެއްވެސް ކޮށްދިން ފުރަތަމަ މީހަކީ ނަވާލް އެވެ. އެކެއްގެ ލޮލުގައި އޭނަ އަޅައިވެސް ނުގަންނަނީ އެވެ. އޭނައެކޭ ކުނިކޮޅެކޭ ތަފާތެއް ނެތެވެ. އެއްގޮތަކުން އޭނައަށް ފަސޭހަ އެވެ. އެކަމަކު އެކަނިވެރިކަން އިހްސާސް ވާ ވަގުތުގައި ނިކުމެ އަނގަ ތަޅާލަން މީހަކު ހުންނަނަމައޭ ހިތަށްއަރަ އެވެ.

"ފައި ކިހިނެތް މިހާރު؟" ބެންޑޭޖްކޮށްފައި އޮތް އައިރީންގެ ފަޔަށް ބަލާލައިފައި ހަނދާންވެގެން ނަވާލް އެހި އެވެ.

"ކުރިއަށްވުރެ ރަނގަޅު..." ފަޔަށް ބަލަން ހުރެގެން ކުޑަކޮށް ހަރަކާތްކޮށްލާފައި އައިރީން ޖަވާބުދިނެވެ.

ނަވާލް ބޯޖަހައިލީ އެޖަވާބުން ހިތްހަމަޖެހުނުފަދަ ގޮތަކަށެވެ.

"ގުޑްނައިޓް އައިރީން.." ދޮރާއި ދިމާއަށް ދާންވެގެން ފަހަތަށް ފިޔަވަޅެއް އަޅައިލަމުން އޭނަ ބުނެލި އެވެ.

އައިރީންގެ ޖަވާބު އައީ ބޯޖަހައިލުމަކުންނެވެ. ނަވާލް ނިކުންނަން ދެން އޭނަ ހުރީ އިސްޖެހިގޮތަށެވެ.

***

"ނިޝާލް ބުނި ނަވާލް އެއަންހެންކުއްޖާއާއެކު ކާންވެގެންނޭ ކިޔާފަ އެކޮޓަރިއަށް ދިޔަ ވާހަކައެއް..." ނިދާ ހެދުން ލައިގެން އައިސް ރީތިވާމޭޒު ކައިރީ ހުރި ގޮނޑީގައި އިށީނދެފައި ޝެހެނާޒް ވާހަކަދެއްކި އެވެ.

އަބްދުލް ހަންނާނު އިނީ އެނދުގެ ފަޑީގައި ލެނގިލައިގެން ފޮތެއް ކިޔާށެވެ. ލޮލުގައި ނަންބަރު އައިނެވެ. ޝެހެނާޒްގެ ވާހަކަ އިވިގެން ފޮތް އުނގުމައްޗަށް ތިރިކޮށްލާފައި ބަލައިލި އެވެ. މޭކަޕް ވައިޕްއަކުން މޭކަޕްތައް ފުހެމުން ޝެހެނާޒް ކަންބޮޑުވުން ފައުޅުކުރީ އެމީހުން އެހާ އޮމާންކޮށް މަޑުޖައްސާފައި އޮތް މައްސަލަގަނޑު ނަވާލްގެ ސަބަބުން އަލުން ފެންމަތިވެދާނެތީ އެވެ.

"އޭނަ ނުކުރާނެ އެކަހަލަ ކަމެއް. އަހަންނަށް އިނގޭ އަހަރެންގެ ނަވާލް..." އަބްދުލްހަންނާނުގެ ސަމާލުކަން އަނެއްކާވެސް ފޮތަށް ހުއްޓައިލި އެވެ.

އެކަމަކު ޝެހެނާޒްއަށް އެވަރަކުން ނުފުދުނެވެ. އަބްދުލް ހަންނާނުއަށް އަމިއްލަ ދަރިފުޅާއިމެދު ޔަޤީންކަން އޮތަސް ނަވާލްއަކީ އޭނަގެ ބަނޑުން ވިހޭ ދަރިއެއް ނޫނެވެ. މަސައްކަތް ހުއްޓާލައިފައި ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށް ބަލަން ފެށުމާއެކު އިއްޔެ ވީކަމެއްހެން އޭނަގެ ދިރިއުޅުން ބަދަލުކޮށްލި ދުވަސް ހަނދާނާއި ގުޅިލާމެހިގެން އައެވެ.

އާހިލް ލިބުނުތަނާހެން އެދެމެދުގައި އުފެދުނު ޒުވާބެއްގައި އަބްދުލް ހަންނާނު އޭނަ ދޫކޮށްފައި ދިއުމަށްފަހު އަހަރުތަކެއް ފަހުން އޭނަ ކުރި އާދޭސް އަހައި އަލުން ގުޅެން އެއްބަސްވި ދުވަހެވެ. އެކަމަކު އެދުވަހު އޭނަ އައީ އެކަންޏަކު ނޫނެވެ. އެއްފަރާތްވެލީއިރު ފަހަތުގައި ހުރީ އޭނަގެ ދަރިފުޅާއި ދާދި އެއްވަރުގެ ޅަ ފިރިހެންކުއްޖެކެވެ. އެކަމަކު އެއަށްވުރެ ހަގުކަމަށް ދެއްކި އެވެ. އަބްދުލް ހަންނާނުގެ ހަމައެކަނި ޝަރުތަކީ އޭނައާއެކު އެދަރިފުޅު ވެސް ބަލައިގަތުމެވެ. ނޫންނަމަ އަބަދަށް އަލްވަދާޢުކިއުމެވެ. އޭނައާމެދު އެހިތުގައި އޮތް ލޯއްބަށްވުރެ، އެދެމީހުންގެ ލޯބީގެ ނިޝާން ކަމުގައިވާ އާހިލްއަށްވުރެ މުހިންމުވީ އެފިރިހެންކުއްޖާ އެވެ. ކިތަންމެ މަސައްކަތް ކުރިއަސް އަމިއްލަ ދަރިންނާއި ނަވާލް ތަފާތުނުކޮށް ގެންގުޅޭނީ ކިހިނެތް ހެއްޔެވެ؟ އެސޫރަ ފެންނަ ކޮންމެފަހަރަކު އޭނަ ހަނދާންވަނީ ފިރިމީހާ އޭނައަށް ބޭވަފާތެރިވިކަމެވެ. ނަވާލްއަކީ އެ ބޭވަފާތެރިކަމުގެ ނަތީޖާ އެވެ.

ޅައުމުރުގައި ވެސް ނަވާލްގެ އުޅުން ހުރީ އެއުމުރުގެ އެހެން ކުދިންނާއި ތަފާތުކޮށެވެ. ޅައިރު ހަޔާތުގެ ބޮޑުބައެއް ހޮސްޕިޓަލުގެ ބަލި އެނދުގައި ހޭދަކުރަން ޖެހިފައި ވުމުން ކުޑައިރު އޭނައަށް ފެނިފައެއްނުވެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އަނެއްކޮޅުން އެހާލަށް އެތުއްތު ފުރާނަ ދޫކޮށްލާފައި މަންމަ ހިނގައްޖެ އެވެ. އެހެންވެ އެގެއަށް އައިސް ވެސް ނަވާލް އަބަދުމެ ހުންނާނީ އެހެން ކުދިން އުޅޭ ގޮތް ބަލާށެވެ. އެއްފަހަރުވެސް ޝެހެނާޒްގެ ގާތްކަން ހޯދާކަށް މަސައްކަތެއް ނުކުރާނެ އެވެ. ކަމެއް ނުވިއްޔާ ނުބުނެ ހުންނާނީ އެވެ. ނޫނީ އެހީއަށް އެދޭނީ ބައްޕަގެ ފަރާތުންނެވެ. އެއީ ޝެހެނާޒްއަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

ޝެހެނާޒް ތެދުވެ ރޯބްނަގައި މަހާލައިގެން ކޮޓަރިން ނިކުތުމާއެކު އަބްދުލް ހަންނާނު ކިޔަން އިން ފޮތް ލައްޕާލައިފައި އުނގުމައްޗަށް ތިރިކޮށްލި އެވެ. ދެން އެއްފަރާތަކަށް އަރިވެލާފައި އަތް ފޯރުވައިލީ ސައިޑު ޓޭބަލްމަތީ ބަހައްޓާފައި އިން އޭފައިވް ސައިޒުގެ ފޮޓޯ ފްރޭމަށެވެ. ފްރޭމް ނަގައި އޭގައި އިން ފޮޓޯގަނޑުގައި އެކަކު އަނެކެއްގެ ކޮނޑަށް އަތް ވައްޓާލައިގެން ހިނިތުންވެފައި ތިބި ތިންބެއިންނަށް ބަލަން ފެށި އެވެ. އައިދަން އާއި އާހިލް ގަދައަށް ހެމުންދިޔައިރު ނަވާލްގެ ތުންފަތުގައި ލުއި ހިނިތުންވުމެކެވެ. އަނެއް އަތުގެ ޝަހާދަތް އިނގިލިން އޭނަ ފިރުމައިލީ ނަވާލްގެ މޫނުގަ އެވެ.

ނަވާލްދެކެ އޭނަ މާ ލޯބިވާކަމަށްބުނެ ޝެހެނާޒް އަބަދުމެ ޝަކުވާކުރެ އެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އެދަރިފުޅު އުޅުނު ހާލު އެންމެ ގާތުން ދެކުނީ އޭނަ އެވެ. ވޭނުގައި ތެޅިތެޅި އޮތްވާ މަންމަވެސް ދޫކޮށްފައި ދިޔައީ އެވެ. ކޮންމެ ފަހަރަކު އޭނަ ނަވާލް ހޮސްޕިޓަލަށް ވައްދާއިރު ހިތުގައި އޮންނަނީ ދެން އެހޮސްޕިޓަލުން ނެރޭނީ އެދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑު ކަމުގަ އެވެ. އެކަމަކު އެހާ ތުއްތު އިރުވެސް ބައްޕަގެ ކަރުނަތައް ބަލާކަށް ނަވާލްއަކަށް ކެތެއްނުވެ އެވެ. އޭނައަށްވުރެ ނަވާލް ހިތްވަރުގަދަ އެވެ. ކަރުނަ ފުހެދީފައި ނުރޯން ހިތްވަރުދޭނެ އެވެ. ކުޑައިރު ފަދައިން މިހާރު ވެސް ނަވާލް އެންމެ ރަނގަޅަށް އެނގެނީ އޭނަ އަށެވެ.

އާހިލް ބޭނުން ނުވިއަސް އައިރީންގެ އެދުމުގެ ގޮތުން ޖެހިގެން އައި ދުވަހު އޭނަ އޮފީހަށް ގެންދިޔަ އެވެ. ދެކޮޅަށް ކުރާ ހުރިހާ ދަތުރެއް ކުރަނީ އާހިލްއާއެކު ކާރުގަ އެވެ. އަނެއްކޮޅުން އޮފީހުގައި އަބަދުމެ އިންނަން ޖެހެނީ ގޮނޑީގަ އެވެ. އެކަމަކު އާހިލް އެއްބަސްވީ އޭނަ ވަރަށް އާދޭސްކޮށްގެންނެވެ.

އޮފީސްތެރެއިން ކުޑަ ހިނދުކޮޅަކަށް އައިދަން ފެނުނެވެ. އެކަމަކު އޭނަ ހަމަ ފެނުނުހާއިރުން އައިދަން އަނެއްކޮޅަށް މިސްރާބު ޖެހި އެވެ. ހިތްދަތިވެގެން އައިރީންއަށް އައިސް އިނދެވުނީ އޭނަ އިންނަ ގޮނޑީގަ އެވެ. އޭނަގެ ސަމާލުކަން ދެން ހުއްޓުނީ އެތާ ތިބި ދެކުއްޖަކު ދައްކަމުންދިޔަ ވާހަކައަށެވެ. އެއީ ނިޝާލް އާއި އައިދަން އިންނަން އުޅޭ ވާހަކަ އެވެ.

"ކާކު ދެއްކި ވާހަކައެއް ތީ؟" އައިރީންއަށް އަމިއްލަ ނަފްސް ނުހުއްޓުވެނީސް އަނގައިން އެސުވާލު ނިކުމެއްޖެ އެވެ.

އެވަގުތު އެދެއަންހެންކުދިން ކުއްލިއަކަށް އޭނަގެ މޫނަށް ބަލައިލި އެވެ. ދެކުދިން އެކަކު އަނެކަކަށް ނަޒަރެއް ދިނުމަށްފަހު އަނެއްކާ ވެސް އޭނައަށް ބަލަން ފެށީ ކުރަން ނުވާ ސުވާލެއް ކުރެވިގެން ކަހަލަ އެވެ.

"ހަމަ އަސްލުވެސް އެދެމީހުން މެރީކުރަނީތަ؟ ކޮންއިރަކުން؟" ބުނެވުނު ބަސް އަނބުރާ ގެންދެވޭނެ ގޮތެއް ނެތުމުން އައިރީން އިތުރު ސުވާލުތައް ކުރި އެވެ.

އެސްފިޔަތަކުގެ ފުރަގަހަށް ޖަމާވާން ފެށި ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރަމުން އޭނަ އެކުދިންގެ ޖަވާބަކަށް އިންތިޒާރުކުރި އެވެ. އެތަނުން އެއްކުއްޖަކު ހުރެލާފައި ބުނީ ދުވަހެއް އޭނައަށް ވެސް އަދި ނޭނގޭ ކަމުގަ އެވެ. އެކަމަކު ނިޝާލްއަށް އައިދަން ޕްރޮޕޯސް ކުރަން އުޅޭކަން ކޮންމެވެސް މީހެއްގެ ފަރާތުން އެނގިގެން އުޅޭކަމުގަ އެވެ. އެދެމީހުން އިންނަން ހަމަޖެހިފައި އޮތަސް އަދި އަނގޮޓި ނާޅުވާ ކަމުގަ އެވެ. އަދި ކައިވެނީގެ ތާރީޚެއް ހަމަޖެހިގެންދާނީ އޭގެ ފަހުންނެވެ. އެޖަވާބު އަހާފައި އައިރީންގެ މެއަށް ތޫނު ތަދެއްވެލި އެވެ. އިޚުތިޔާރެއް ނެތި އަތް ޖައްސާލެވުނީ ބަނޑާއި ހަމައިގަ އެވެ.

އޭނަގެ އެކުވެރިޔާ އިތުރު އެއްޗެއް ހާމަނުކުރަނީސް ދެން ހުރި ކުއްޖާ އަވަހަށް އަތުގައި ހިފައިގެން ދުރަށް ގެންދިޔަ އެވެ. ކޮމްޕިއުޓަރާއި ދިމާއަށް ގޮނޑި އަނބުރާލައިފައި މައުސްގައި ހިފި އަތްތިލައަށް މަޑު ތުރުތުރެއްވެރިވި އެވެ. ތިރީ ތުންފަތުގައި ދަތް އަޅައިލަން މަޖުބޫރުވީ އިތުރަށް ކަރުނަތައް ނުހިފޭއްޓިދާނެހެން ހީވީމަ އެވެ. ދެލޯ މަރާ ތަގުޅިކޮށްލައިގެން އިރުކޮޅެއް ވަންދެން އިނުމަށްފަހު ތެދުވީ ފާޚާނާއަށް ދިއުމަށެވެ.

އެތެރެއަށް ވަދެފައި އެތަން ހުސްކޮށް އޮތްވާ ފެނުމާއެކު ބަޑި ފަޅައިގެންދިޔަ އެވެ. އައިދަން އެހާ ހިތްހަރު ނުބައި މީހަކަށް ވާނެ ކަމަކަށް އޭނަ ކުޑަކޮށް ވެސް ހިއެއްނުކުރެ އެވެ. އޭނައާ ކުރެވުނު ކައިވެންޏަކީ އަދި ގޭމަކަށް ވިއަސް ބަނޑުގައި މިވާ ތުއްތު ދަރިފުޅަކީ އައިދަންގެ ލެއެވެ. އެދަރިފުޅާއި ދޭތެރޭ ކުލުނުގެ ކަންފުޅެއް ވެސް އައިދަންގެ ހިތުގައި ނުވަނީ ހެއްޔެވެ؟ އޭނަ އެގޭގައި ހޭދަކުރިހާ ދުވަހު އެއްޗެހިކިޔަންވެގެން ނޫނީ ފެންނަ ހިސާބަށްވެސް ނާދެ އެވެ. އޭނަ އަދި ހީކުރީ ފުރަތަމަ ރުޅި އަޔަސް އެރުޅި ކޮންމެވެސް ވަރަކަށް ފިލައިގެން އައިދަން އަންނާނެ ކަމުގަ އެވެ. ބަނޑުގައި އޮތް ދަރިފުޅަށްޓަކައި ނަމަވެސް އޭނައަށް އޯގާތެރިކަން ދައްކަން ފަށާނެ ކަމުގަ އެވެ. އެކަމަކު ކަންތައް މިވަނީ މުޅިން އިދިކޮޅަށެވެ. އޭނަގެ މަސައްކަތް ނުވެސް ފަށަނީސް ބަލިވެއްޖެ ކަމުގެ އިހްސާސް ހަފަރާތުން ވަށާލައިފި އެވެ. އެއް އަތުން ކަރުނަ ފުހެމުން އަނެއް އަތުން ބަނޑާއި ހިސާބުން ހިފަހައްޓައިލެވުނެވެ.

އައިރީން ނިންމީ ހިމޭނުން ހުރުމުގެ ވަގުތު ހިނގައްޖެ ކަމުގަ އެވެ. މިއަދު ގެއަށް ގޮސް އައިދަންއާ އޭނަ ބައްދަލު ކުރާނީ އެވެ. ދެފައިގައި ހިފަން ޖެހިއްޖެއްޔާ ދެފައިގައި ހިފާފައި ވެސް އާދޭސް ކުރާނީ އެވެ. ގެއަށް ދިޔަ މަގުމަތީ އައިރީން އިނީ ހިމޭނުންނެވެ. އައިދަން ކުރަން އުޅޭ ކަންތައް އާހިލްބެއަށް އެނގޭބާއޭ ހިތަށް އަރާފައި އާހިލްއާ ދޭތެރޭ ވެސް ޝަކުވާ ކުރެވުނެވެ. އަނެއްކޮޅުން އާހިލް ވިސްނަމުން ދިޔައީ ރާމީންކައިރިއަށް ދާން އުޅޭކަން އައިރީން ގާތު ބުނާނެ ގޮތަކާއިމެދުގަ އެވެ.

ވަރަށް ވިސްނާފައި އޭނަ އެންމެފަހުން އެވާހަކަ ހާމަކޮށްލި އެވެ. އައިރީން ސިހިފައި އެހީ އެކަމާއި ދައްތަ ޤަބޫލުވިތޯ އެވެ. އާހިލް ބޯޖަހައިލުމާއެކު އޭނަގެ ތުންފަތަށް ހިނިތުންވުމެއްވެރިވި އެވެ. އާހިލް ކޮންމެވެސް ވަރަކަށް އިތުރު ތަފްޞީލު ދިނެވެ.

"މީ އާހިލްބެގެ ޗާންސް. ދެން އަންނަންވާނީ ދައްތަ ގޮވައިގެން..." ކުޑަ ހިނދުކޮޅަކަށް އަމިއްލަ ހިތާމަތައްމަތިން އައިރީން ހަނދާން ނެތުނެވެ. ދައްތަ އާއި އާހިލްބެ ގުޅޭނެ ދުވަހަކުން އެންމެ އުފާވާނެ އެކަކީ ޔަޤީނުންވެސް އޭނަ އެވެ.

***

ރާމީން ގޭގައި އުޅެނިކޮށް ބެލް ޖެހި އަޑު އިވުމުން ހިތް ތެޅެން ފެށި އެވެ. އާހިލްއަށް ވެދާނެއޭ ހިތަށް އަރާފައި ހުރެގެން ގޮސް ހުޅުވާލިއިރު އެކަކު ވެސް ނެތެވެ. އާހިލް ފޮށި ހިފައިގެން ކުރިމައްޗަށް އެރީ ދޮރު ލައްޕަން އުޅެނިކޮށެވެ. އޮފީސް އެއްޗެހި ބަދަލުކޮށްފައި އޭނަ ހުރީ ޖިންސަކާއި ޓީޝާޓެއް ލައިގެންނެވެ. އިސްތަށިގަނޑުން ބައެއް ނިތްމައްޗަށް ފައިބާފައި އޮތުމުން ރާމީންގެ ސަމާލުކަމާއި ގުޅުނެވެ. އެކަމަކު ދާދި އަވަހަށް އޭނަ އަމިއްލަ ނަފްސް ހަމައަށް އަޅުވާފައި އާހިލްއަށް ތަން ދައްކަމުން ވަދެގެން ދާން ފެށި އެވެ.

"ކޮންތާކަށް ތިދަނީ؟" ރާމީން ކުރީ ދުވަހު ވަން ކޮޓަރި ނޫން އެހެން ކޮޓަރިއަކާއި ދިމާއަށް ދާން ފެށުމުން އާހިލް އެހި އެވެ.

"އާހިލްގެ ރޫމް ދައްކަން..އާހިލް ހީކުރީ އަހަރެންގެ ކޮޓަރީގައި ކަމަށްތަ ހުރުމުގެ އިންތިޒާމު ހަމަޖައްސާނީ؟" ރާމީން އެނބުރި އެއް އުކުޅުގައި އަތް ވިދެލާފައި ސުވާލުކުރި އެވެ.

އާހިލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ.

އޭނަ ދެކޮޅު ހެދުމަކާއިނުލާ ރާމީންގެ ފަހަތުން ވަދެ ފޮށި ބެހެއްޓުމަށްފަހު ގޮސް އުއްޑުން އެނދަށް ވެއްޓިގަތެވެ. އެއާއެކު ރާމީން މިސްރާބު ޖެހީ އެތަނުން ނިކުންނާށެވެ.

"އޭ ކޮންތާކަށް ތިދަނީ؟ މިތަނަށް ގެނެސް ވެއްދީމަ ނިމުނީތަ؟ އެއްޗެހި ހުންނަ ތަންތަނާއި އިންތިޒާމުތައް ހުންނާނެ ގޮތް ކިޔައިދޭން ޖެހޭނެއެއްނު..." އަވަހަށް ފުންމައިގެން ތެދުވެ އިށީނދެފައި އާހިލް ގޮވި އެވެ.

އޭނަގެ ބޭނުމަކީ ރާމީން ގިނައިރު އެތާ މަޑުކުރުވުމެވެ.

"އާހިލްއަށް މިގޭގައި ބުނެދޭން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ." ރާމީން މަސްނޫއީ ހިނިތުންވުމެއް ދައްކާލައިފައި ދޮރާއި ދިމާއަށް އެނބުރުނެވެ.

"ރާމީ ކީއްކުރަން ތިދަނީ؟" އާހިލް އަދި އެއްފަހަރު މަސައްކަތް ކުރި އެވެ.

ރާމީން ފެންވަރާށޭ ބުނީ ކުޑަކޮށް މަޑުޖެހިލައިފަ އެވެ. އޭނަ ދޮރު ލައްޕަން ހިފާލިއިރަށް އާހިލް އަވަހަށް އައިސް ކުރިމަތީ ހުރެފައި ދޮރާއި ދާރައާއި ދޭތެރެއަށް އަތް ލައި ހުރަސް އެޅި އެވެ.

"އަހަރެން ވެސް މިހުރީ ފެންވަރަން ވެފަ. ދެމީހުން އެކީ ވަނީމަ ފެންވެސް އިސްރާފު ނުވާނެ. ކީކޭ ބުނަނީ؟" އާހިލްގެ ޖުމްލަ ނިމުނުއިރު ރާމީންގެ މޫނު ހުރީ ރަތްވެފަ އެވެ.

އޭނަ އަވަހަށް ދެފަރާތަށް ބޯ ހޫރާލައިފައި ބާރު ބާރަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖެހި އެވެ. އެތަން ބަލަން ހުރެފައި އާހިލް ޖަހައިލީ ލުއި ހިނިގަނޑެކެވެ. ދެން އައިސް އެނދަށް ވެއްޓިގަނެފައި ހިތާއި ދިމާލުގައި މަޑުމަޑުން ފިރުމައިލި އެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular