20 Apr 2019

ނޭނގި ޔާރު ވަކިވީ

ނޭނގި ޔާރު ވަކިވީ

* އޭޕްރީލް 16 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ސިޑީގެ ހަރުފަތްތަކާއި ހަމަޔަށް އާއިރު އެއީ ކޮންބައެއްކަން މަލަކްއަށް ސާފުވެއްޖެއެވެ. މުޝްތާފްގެ ފަހަތުން އައި ހަލީމްގެ ކޮނޑުގައި ކަޅު ދަބަހެއް އޮތެވެ. އެމީހުންގެ މޫނު އަމާޒުވެފައިވަނީ އެފަންގިފިލާގައި ހުރި ހުސްކޮޓަރިއަށެވެ.

މުޝްތާފްގެ މޫނުމަތިން ފެންނަނީ ކަމަކާއި ކަންބޮޑުވެފައިވާ މީހެއްގެ މޫނުމަތިން ފެންނަ މާޔޫސްކަމެވެ. އެބޮޑު ކޮޓަރި ތެރޭ އޭނާ ދެކޮޅަށް ހިނގަމުން ދިޔައެވެ. ހަލީމް ދަބަސް ތިރިކޮށްފައި މުޝްތާފްގެ މޫނަށް ބަލަން ހުރީއެވެ.

"އޭނަ ބުނި ވަރަކަށް މިފަހަރު ޖެހޭނެ ދޭން." މުޝްތާފް ގެ ނިންމުމަކީ ހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގައި ހުރެ ނިންމާ ނިންމުމެއްކަން ހަލީމްއަށް އެނގެއެވެ. މާބޮޑު ވިސްނުމަކާއި ނުލައި ނިންމާ ނިންމުންތަކުގެ ނަތީޖާ ގޯސްވާނެކަން މުޝްތާފްއަށް ވެސް އެނގޭނެއެވެ. އެއީ އެއަށްވުރެ ހަރުދަނާ ގޮތްތައް ކަނޑައެޅޭނެ ޤާބިލްކަންހުރި ޒުވާނެކެވެ.

"ކަލޭ ތިހުރީ ސިކުނޑި ސުމަކަށް ގޮސް." ހަލީމް ހުރީ ހައިރާންވެފައެވެ.

"ރަނގަޅަށްވެސް އަހަރެން މޮޔަވެއްޖެ، އެއްވެސް ހާލެއްގައި އޭނާ ހައްޔަރުވިއަކަ ނުދެވޭނެ، ސައްޔާރު އެނބުރި އަންނާނެކަމަށް އަހަރެން ހިއެއް ނުކުރަން، އަހަރެން ހީކުރީ އެއީ ފެންނަ ފެނުމުގައި މަޑުމައިތިރިގޮތެއް ހުންނާނީ އެއީ ހިތްވަރެއް ނެތް ފިނޑިކުއްޖެއްކަމަށް، އޭނަގެ މުށުތެރޭ މިއަދު ހުރިހާ ބާރެއްވަނީ ފިތިފައި، އޭނާއަށް ހަމަލާދިނީ ކޮންބައެއްކަން އޭނާ ހަނދާންއެބަހުރި، އެމީހުން ދުއްވި ސައިކަލުތަކުގެ ނަންބަރުތައްވެސް އޭނާއަށް އެނގޭ، އެއިން އެކަކު ފުލުހުން ހައްޔަރުކުރިއަސް އަހަރެންގެ ދުވަސް ދިޔައީއޭ، އަނެއްކޮޅު ފިއްޓޭ ބޭނުންވަނީ އޭނާ ފިލައިގެންދެވޭވަރުގެ ފައިސާކޮޅެއް، އޭނަ ބުނި ވަރަކަށް ދީފައި ފިލުވައިލެވޭތޯ ބަލާ." މުޝްތާފް ވާހަކަ ދައްކަމުން އައިސް ހަލީމްގެ ކައިރީ އެދުނެވެ. ހަލީމް ހުރީ މުޝްތާފް އާއި ރުހެން އެއްބަސްނުވެވިފައެވެ.

"ތި ހީކުރާހާ ބާރު ސްޕީޑެއްގައި އެކަންތަކެއް ނުދާނެ، އެމީހުން ވަކި އެއްބަސްވާނެތަ؟ ހެކި ކޮބާ؟ މުޝްތާފް ކަންބޮޑުނުވޭ، ތިއީ ކަލޭ އަލަކަށް ކުޅުނު ކުޅީވަރެއް ނޫނެއްނު، ލައިލާގެ ކަންތައްވެސް ނިންމާލެވުނު، ކާކަށްތަ ވަކި އެ ހަޤީޤަތް އެނގުނީ؟" ހަލީމް އަހާލިއެވެ. މުޝްތާފް ގޮސް ގޮނޑީގައި އިށީނެވެ.

"އެކަންތައްވެސް ސައްޔާރުއަށް އެނގޭ، އޭނަ އެއީ މާސްޓަރމައިންޑެއްތަ؟ ކިހިނެއްކަމެއްވެސް ނޭނގެ އޭނައަށް ހުރިހާކަމެއް އެނގުނީކީ، މިރޭ އިރޭކޮޅު އެމީހުން މިގެއަށް އައި، އެގަޑީގައި ސައްޔާރު އާއި ވާހަކަ ދައްކާލަން އަހަރެން ނިކުތިން، އޭނަ ބުނި އެއްވެސްކަމަކުން އަހަރެން ސަލާމަތްނުވާވަރުގެ ވަޅުގަނޑެއްގެ ތެރެއަށޯ ވެއްޓޭނީ، " މުޝްތާފް ހާސްވެ ދާހިއްލަންފެށިއެވެ. ހަލީމްވެސް ހައިރާންވެފައި ބަލަން ހުރެވުނީއެވެ. މުޝްތާފްއަށް ޖަވާބުދާރީވާނެ ގޮތެއް ނޭނގިފައެވެ.

ދޮރު ހުޅުވި ކޯރިޑޯގެ އަލި މުޝްތާފްގެ މޫނަށް އެޅުމުން ބަލާލެވުނެވެ. ދޮރުމަތީގައި މަލަކް ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ. ލޮލުން ފޭދިގެން އައި ކަރުނަތިކި ކޯތާފަތްމަތިން ތިރިއަށް ދަތުރުކޮށްފައި ގޮސް ދަތްދޮޅިދޮށަށް ޖަމާވަމުން ދިޔައެވެ. މުޝްތާފްއަށް ގޮނޑިން ތެދުވެވުނެވެ. އެދެމީހުން ދެއްކި ވާހަކަ މަލަކްއަށް އިވުނުކަން ޔަޤީންވީ މޫނުމަތިން ފެންނަ އަސަރުތަކުންނެވެ. ހަލީމް ނިކުތީ އެތަނުން ނިކުންނާށެވެ. އެދެމީހުންނަށް ފުރުޞަތު ދޭންޖެހޭ ދަނޑިވަޅެއްކަން އޭނާ ދެނެގަތެވެ.

"ޔޫ؟ އިޓް ވޯޒް.." މަލަކްގެ އަޑު ތުރުތުރުލައިގަތެވެ. ދޮރުކަނީގައި އަތުން ހިފަހައްޓާނުލެވުނުނަމަ ދެފައިން ވާގިދޫވެ ތިރިއަށް ވެއްޓޭނެއެވެ. މުޝްތާފް އެދިމާލަށް އައިސް މަލަކްގެ ގައިގައި އަތްޖައްސާލަން މަސައްކަތްކުރިއެވެ. މަލަކްއަށް ކޮޅަށް ނުހުރެވޭނެކަން އެނގޭތީ ހިފަހައްޓަން ބޭނުންވިއެވެ. އޭގެކުރިން މަލަކް އެކަމުން މަނާވެގަތެވެ.

"މަލަކް، އަހަންނަށް ހެދުނު ގޯހެއް އެއީ، ޕްލީޒް، އަހަރެން މިއުޅެނީ އެކަން ރަނގަޅުކުރަން.." މުޝްތާފް އެކަން އޮޅުންފިލުވައިދޭން ބޭނުންވިއެވެ. އޭނާގެ ނަޒަރުގައި އަދިވެސް އޭނާއަށް ހެދުނު ގޯހެއް ނެތެވެ. އެއީ މަލަކް ހިތްހަމަޖައްސަން ބުނި ބުނުމެކެވެ. މަލަކްއަށް އެކަން އެނގުނު ކަހަލައެވެ. މުޝްތާފް ހިތުގެ މުރާދު މަލަކްއަށް އިޙްޞާސްވިއެވެ. ދެފަރާތަށް މަލަކް ބޯހޫރުވާލާފައި މަސައްކަތްކުރީ ވާހަކަ ދައްކާށެވެ.

"ހިތުގެ އެދުން ބޮޑުވީމައި އިންސާނުން ލެޔަށްވެސް ފެންބޮވައިގަންނާނެއޭ ބުނޭ، މުޝްތާފް ކަމެއް ހާސިލްކުރަންވެއްޖެނަމަ މީހަކު ޤަތުލްކުރަންވެސް ފަސްނުޖެހޭނެތަ؟" މަލަކް އަޑުގައި ނުރުހުމުގެ އަސަރުހުއްޓެވެ.

"އަހަރެންގެ ނިޔަތް ގޯސްވިއަސް އެއީ މަލަކްއަށްޓަކައި ކުރި ކަމެއް، މިއަދު މަލަކް ތިހުރި މަޤާމާއި މަޝްހޫރުކަން.." މިފަހަރުވެސް މުޝްތާފް ވާހަކަ ދެއްކިޔަ މަލަކް ނުދިނެވެ.

"ތިއައީ ދޮގެއް، މުޝްތާފް ބޭނުންވަނީ ވިޔަފާރީގެ ނަފާ ހޯދުމަށް އަބަދުވެސް އަންހެންކުއްޖަކު، ލައިލާއަށްފަހު އަހަރެން، " މަލަކްގެ ދެލޮލުގައި ވި ކަރުނަތައް ހިފަހައްޓާލަމުން ބުނެލިއެވެ. މުޝްތާފް އަދިވެސް މަސައްކަތްކުރީ މަލަކްއަށް ލޯބިން ވިސްނައިދެވޭތޯއެވެ. މަލަކްގެ މޫނުގެ ދެފަރާތުގައި މުޝްތާފް އަތްޖައްސާލިއެވެ. އެވާހަކަ ހުއްޓާލާށޭ ބުނާފަދައިން ލަސްލަހުން މަލަކްގެ މޫނަށް ބަލާލިއެވެ.

"މަލަކްދެކެ އަހަރެން ލޯބިވޭ، އެކަން އަހަރެން ސާބިތުކުރަން ހަދަންވީ ކިހިނެއް؟ ލައިލާގެ ވާހަކަ ނުދައްކާ ، އެ ގުޅުން އެއީ ނިމިފައި އޮތްކަމެއް، އަހަރެން މިހާރު އޭނަ ދެކެ ލޯތްބެއް ނުވޭ." މުޝްތާފް ބުނެލިއެވެ. "ސައްޔާރު އެނބުރި އައީ ބަދަލުހިފަން، އެ ފުރުޞަތު އޭނާއަށް އެބައޮތް، އަހަރެން މަލަކް ދެކެ ލޯބިވެވުނީ މަލަކް އާއި ބައްދަލުވުމުގެކުރިން، އެންމެ ފުރަތަމަ ސައްޔާރު ދެއްކި ފޮޓޯއެއް ފެނިފައި، ހެއްދެވިފަރާތް ގަންދީ މިބުނީ، އޭރު އަހަންނަކަށް ނޭނގެ މަލަކް އާއި ސައްޔާރުގެ ގުޅުމެއް، އައްޑޫއަށްކުރި ދަތުރުން މަލަކް ފެނުމުން އަހަންނަށް ނަފްސު ކޮންޓްރޯލްކުރަން އުދަނގޫވި، ބޭނުންވީ ހާސިލްކުރަން، ސައްޔާރު މަރާލާކަށް އަހަރެން ނުބުނަން، އަހަރެން ބުނީ މަލަކް އޭނާމަތިން ފޫހިވާނެވަރު ކޮށްލަން، މަލަކްއަށް އަހަރެން ލޯބިވާވަރު އަންގަން ބޭނުންވި، އަހަރެން މިއީ މަލަކްގެ އުފާތައް ކާމިޔާބުކުރުމުގައި އެހީތެރިވާނެމީހަކަށްވާން ބޭނުންވި، މަލަކް ދެކެ އިންތިހާއަށް ލޯބިވާތީ، އަހަރެން މަލަކް ހިތްހަމަޖައްސަން ބޭނުންކުރީއެކޭ ނުބުނެވޭނެ، އެއްވެސް އުފަލެއް މަލަކްގެފުށުން އަހަރެން ގަދަކަމަކުން ނުހޯދަން، ކައިވެނިކޮށް ދިރިއުޅުމުގެ ބާކީބައި ހޭދަކުރާނެ ގޮތުގެ ހުވަފެން އަހަރެންވެސް ދެކެމުން މިދަނީ، މިހާ ވަގުތު ކުޑަތަންވެފައިހުއްޓާ ސައްޔާރު އެނބުރި އައިސް ހުރިހާކަމެއް ޚަރާބުކޮށްލަން ބޭނުންނުވަނީ، އަހަރެން މިހުރީ ކަންބޮޑުވެފައި، ޖަލުގައި ހޭދަކުރަންޖެހިދާނެތީއީ ނޫން، މަލަކް އާއި ދުރުގައި ހުންނަން ޖެހޭނެތީ. އެއީ އަހަންނަށް ކެއްވާނެކަމެއް ނޫން،. މިވަރަށް އަހަރެން އެއްވެސް މީހަކު ދެކެ ލޯބިނުވަން، ލައިލާދެކެވެސް އަހަރެން ލޯބިނުވަން މިވަރަށް، " މުޝްތާފް މަލަކްގެ މޫނުގައި އަތްޖައްސާލިއެވެ.

މަލަކްގެ ހިތުގައި އަނދަމުން ދިޔަ ގިނި ނިވުނު ފަދައެވެ. މުޝްތާފްގެ ދެލޮލުން ވިދާލި ކަރުނައިގެ އަސރު ފެނިފައި އޭނާގެ ހިތަށް ތަދުވިއެވެ. މުޝްތާފްއަށް އިތުބާރުކުރަން ބޭނުންވިއެވެ. އެކަމަކު ޒައިނީ ދައްކާފައި ދިޔަ ވާހަކަ ސިކުނޑީގެ ވަކި ހިސާބެއްގައި ރައްކާކުރެވިފައި ހުއްޓެވެ. އޭނާ މަތިން މުޝްތާފް ފޫހިވެދާނެކަމުގެ ބިރު ހިތުގައި އުފެދުނެވެ.

މިދިރުއުޅުމަށް މަލަކް ވަނީ ހޭނިފައެވެ. މުޅި ދުވަހު އެނދުން ނުތެދުވެ އޮންނަންޖެހުނަސް މަލަކް ފޫއްސެއްނުވެއެވެ. ރަށުގައި އުޅޭއިރު ގޭތެރޭގައި ހުރިހާ މަސައްކަތެއްކުރިނަމަވެސް އަމިއްލަ އަންނައުނުގަނޑެއްހާ ހިސާބު އިސްތިރިކުރަންނުޖެހޭތާ އަހަރުވިއެވެ. ދިވެހި ކެއުން މަތިން ފޫހިވެއްޖެއެވެ. މޮޅު ރެސްޓޯރެންޓްތަކުގެ ކެއުން ނޫނީ ކަމުނުދާންފަށައިފިއެވެ. ކޮންމެ ހަފްލާއަކަށް ޚާއްސަ ތައްޔާރީވުމާއި މީހުންގެ ތައުރީފާއި ސަނާތަކަށް ހިތް އެދެއެވެ.

"ލައިލާ އަކީ ކާކު؟ އެވާހަކަ އަހަންނަށް ކިޔައިނުދޭނަންތަ؟" މަލަކްގެ އަޑަށް މުޝްތާފް ބަލައިލީ ސިހުމާއި އެކުގައެވެ. މަލަކްގެ ކޯތާފަތުގައި ޖައްސާލައިގެން ހުރި އަތް ތިރިކޮށްލިއެވެ. މަލަކް އާއި ފުރަގަސްދީފައި ހިނގައިގަންނަން އުޅުމުން މަލަކް ހިފަހެއްޓީ މުޝްތާފްގެ އަތުގައެވެ.

"އެއީ އަހަރެންގެ އަންހެނުން.." މަލަކްގެ މޫނަށް ބަލަން ނުކެރިފައިހުރެ މުޝްތާފް ބުނެލިއެވެ. އެޖަވާބާއި އެކު މަލަކްއަށް ހީވީ ތޫނު ހަންޖަރެއް އޭނާގެ މެއަށް ހަރާލިހެންނެވެ. މުޝްތާފްގެ އަތުން އަތް ދޫކޮށްލެވުނެވެ. ލިބުނު ސިހުމާއި އެކު ހަޅެއްލަވައިގަނެވިދާނެކަމުގެ ބިރަށް އަނގަމަތީ އަތް އަޅާލާފައި މަލަކް އަށް ފަހަތަށް ޖެހެވުނެވެ.

"އެއީ ރަޖިސްޓްރީނުކޮށް އޮތް ކައިވެންޏެއް، އެއްވެސް މީހަކަށް ނޭނގޭނެ، މަލަކް އާއި ކައިވެނިކުރުމުގެކުރިން އޭނަ ވަރިކުރަން ނިންމައިގެން މިހުރީ،" މުޝްތާފްގެ ކުރިމަތީ މަލަކް ހުއްޓުނެވެ. މުޝްތާފްގެ މޫނަށް ބަލާލެވުނެވެ. އެއްވެސް އަސަރަކާއިނުލައި ހާދަ ފަސޭހައިން މުޝްތާފްއަށް އެހެން ބުނަން ކެރުނަތީ މަލަކް ހައިރާންވިއެވެ.

"މުޝްތާފްއަށް މުހިއްމުނުވިތަ އަހަރެންގެ ކައިރީ ތިވާހަކަ ބުނަން، ރަންކީއިރުވެސް އެންމެ ކުޑަމިނުން އަހަންނަށް ނޭނގުނު ތިއީ ކިހާ މަކަރުވެރިއެއްކަމެއް، ސަބަބަކާއި ނުލައި ލައިލާ ވަރިކޮށް ނިކަމެތިކޮށްލާފައި މުޝްތާފްއަށް ހިވޭތަ އަހަރެމެންނަށް އުފަލުގައި އުޅެވޭނެހެން.." މަލަކް ރުޅި އަށް އާދެވުނެވެ.

"އެއީ ހަމައެކަނި އޮތް ހައްލަކީ، އަހަރެން ބޭނުމެއް ނޫން ލައިލާ އަތްބެއްގެ ގޮތުގައި ބަހައްޓާކަށް، މަލަކް ނޫން އެހެން މީހަކު އަހަރެން ބޭނުމެއް ނޫން، އަހަންނަކަށް ނުދުވެވޭނެ ދެމީހުން ކައިރިއަކަށް.މަލަކް، އަހަރެން ތިނޫން މީހެއްގެ ފަރާތުން އުފަލެއް ބޭނުމެއް ނުވޭ" މުޝްތާފް ހިތްހަމަނުޖެހުނެވެ. އޭނާ ހީކުރީ މަލަކްއަށްޓަކައި ލައިލާ ދޫކޮށްލާ ވާހަކަބުނީތީ އުފާކުރާނެކަމަށެވެ.

""އހަރެންގެ ބޭނުންވެސް އެގޮތަށް ނެތިދާނެ؟ ކިހިނެއް އެނގެނީ މުޝްތާފްއަށް އަނެއްކާވެސް ޅަ ކުއްޖަކު ފެނުނީމައި ވާނެގޮތެއް؟" މަލަކް އަމާޒުކުރާ ކޮންމެ ސުވާލަކުން މުޝްތާފްއަށް އުދަނގޫވެއެވެ. މަލަކްގެ ކުރިމަތީ އެތައް ފަހަރަކު ހުވާކުރުމުން ދެންވެސް މަލަކްއަށް އިތުބާރުނުކުރެވެއެވެ.

"އަހަރެން މަލަކް ދޫކޮށެއްނުލާނަމޭ ބުނެފީމެއްނު. އެހެންނަމަ މަލަކްއަށް މިހުރިހާކަމެއް ކޮށްދެންވީ ކީއްކުރަން؟ މަލަކްއަށް ކަމަކާއި ވިސްނަންޖެހުނުތަ؟ މަލަކް ކަމެއް ބޭނުންވެގެން ނުކުރެވިފައި ހުންނަންޖެހުނުތަ؟ މަލަކްއަށް އުނިވީކޮންކަމެއް؟ މިވަރު އަހަރެން ލޯބީގެ ހެއްކަކަށް ނުފުދޭތަ؟" މުޝްތާފް ގެ އަޑު ބާރުވެގެންގޮސް އެކޮޓަރި ތެރޭ ގުގުމައިގަތެވެ. ދުވަހަކުވެސް މަލަކް އާއި ހަރުކަށިކޮށް މުޚާތަބުނުކުރާއިރު މިރޭ ރުޅި ކޮންޓްރޯލްކުރަން ވަނީ ދަތިވެފައެވެ. މުޝްތާފް ހަޅެއްލަވައިގަތުމުން މަލަކް އަށް ރޮވުނެވެ. މަލަކް ހިތުގައި ޖެހިއްޖެކަން އެނގުމުން މުޝްތާފް އިތުރަށް ދެރަވިއެވެ.

"ސޮރީ، މަލަކް. އަހަރެން ދެން.." މުޝްތާފް މަލަކް ގެ ކިބައިން މަޢާފަށް އެދުނީ ބާރަށް ވާހަކަދެއްކުނީތީއެވެ. "މުޝްތާފްގެ ތެދުވެރިކަން ހުރިނަމަ އަހަންނަށް މި ހަޤީޤަތް ކިޔައިދޭނީ މިރެއަކު ނޫން، ތެދުވެރިނޫން މީހަކާއި އެކު އަހަރެން ބޭނުމެއް ނޫން އުޅޭކަށް." މަލަކް އަޑު ތުރުތުރުއަޅަމުން ދިޔައެވެ. ވީދެރައިންނާއި އެތެރޭގައި މަޑުމަޑުން އުތުރި ކެކެމުން ދިޔަ ރުޅީގެ ސަބަބުންނެވެ. މަލަކް ހިނގައިގަތުމުން މުޝްތާފް ހިފެހެއްޓިއެވެ. މަލަކް ހީކުރީ އަނެއްކާވެސް މުޝްތާފް ފަށާނީ އާދޭސްކުރަންކަމަށެވެ. އެއާއި ޚިލާފަށް މުޝްތާފްގެ ފަރާތުން ފެނުނީ މަލަކް ހިތަށްވެސް ނާރާ އަމަލަކެވެ.

މަލަކްގެ އަތް އަނބުރާލާފައި ބުރަކަށީގައި ޖައްސާލިއެވެ. ވީތަދާއި އެކު މަލަކްއަށް ތެޅިގަނެވުނެވެ. މުޝްތާފް ހިފަހައްޓާފައިވާލެއް ބާރުކަމުން އޭނާގެ ކިބައިން ސަލާމަތެއް ނުވެވުނެވެ. "އަހަރެން ހުރިހާކަމެއް ކުރީ މަލަކް ހާސިލްކުރަން. އުމުރު ދުވަހު ކުރި މަސައްކަތް ހުސްކުރީ މަލަކްއަށް، އަހަރެން ހިތްބިރުގަތީ އަހަރެން މިއީ މީހެއްގެ ފިރިއެއްކަން އެނގޭއިރަށް މަލަކް ފިލާފާނެތީ، އެހެންވެ ނުބުނީ، އެކަމަކު އަހަރެން ދޫކޮށްލާފައި ދިއުމުގެ ހައްޤެއް ނޯންނާނެ މަލަކްއަކަށް، އަހަރެންގެ އަތުން ހޭދަކުރި ކޮންމެ ފައިސާއެއްގެ އަގު މަލަކް އަދާކުރަންޖެހޭނެ، އަހަރެންނާއި ދިމާލަށް އިރުކޮޅުކޮޅާ ލޯތްބެއްނުވެއޭ ބުނާއިރު މަލަކް އަހަރެން ދެކެ ވީ ކޮންލޯތްބެއް؟ މަލަކް ދުލުން އަހަރެން ދެކެ ލޯބިވެއޭ ބުނީ ކޮން ދުވަހަކު؟ އަހަރެންނަށް ދުވަހަކުވެސް ޝުކުރުވެރިވީންތަ؟ " މުޝްތާފް މަލަކްގެ އަތްކުރިއަށްވުރެ ބޮޑަށް އަނބުރާލިއެވެ. އަތަށް ވާތަދަށް ކެއްނުވެގެން ދޫކޮށްލަން މަލަކް އާދޭސްކުރިއެވެ. މަލަކްގެ ބުރަކަށީގައި އަޅާ މުޝްތާފް ކޮއްޕާލިއެވެ. މަލަކް އަނގަވަތަށް ވެއްޓުނެވެ.

***

ފަތިހުގެ އަނދިރިކަން ފިލައި އިރުގެ އަލިން އުޖާލާވަމުން އައި ވަގުތެވެ. އެނދުގައި ލެނގިލައިގެން މަލަކް އިނެވެ. ރޮއިރޮއި ދުޅަވެފައިވާ ދެލޮލުގައި ރިއްސާކަން އެނގިވެސް އޭނާގެ ކަރުނަތަކަށް ހުއްޓުމެއް ނައެވެ. ކޮނޑާއި އަތުގައި ރިހެނީއެވެ. މޫނުމަތިވެސް ހުރީ ރަތްވެފައެވެ. އަނގައިގެ އެއްކޮޅު ހުރީ ފަޅައިގެން ގޮހެވެ.

އިރުގެ އަލި މަލަކްގެ މޫނަށް އެޅުނެވެ. ކޮޓަރީގެ ކުޑަދޮރުތަކުގެ ފަރުދާހުރީ އެއްފަރާތްކުރެވިފައެވެ. ލޮލަށް އުދަނގޫވިއަސް ތެދުވާހިތެއް ނެތެވެ. މަލަކް ލަސްލަހުން ކޮޓަރި ތެރެ ބަލާލިއެވެ. ސަރަންފީގައި ނިދިޖެހިފައި މުޝްތާފް އޮތެވެ. އޭނާގެ ކައިރީ ތިރިއަށް ވެއްޓިފައިހުރީ ބޮއިފައި ހުރި ސިނގިރޭޓް ކޮޅުތަކެވެ. އެތަނުގައި ވިއްސަކަށް އެތިކޮޅު އޮންނާނެހެން ހީވެއެވެ. ރޭގެ ބާކީބައި މުޝްތާފް ހޭދަކުރީ އެ މަސްތުގައެވެ. ސިކުނޑީގެ ހާސްކަމާއި އައިސްފައިވި ރުޅި ފިލުވައިލީ ހަށިގަނޑަށް ފަރުވާނުބަހައްޓައެވެ. މަލަކް މަޑުމަޑުން ތެދުވިއެވެ.

ގައިގައި ރިހޭވަރުން ފިޔަވަޅު އަޅަން ދަތިވިއެވެ. މުޅި ހަށިގަނޑުގައި ނުރިހޭ އެންމެ މަސްކޮޅެއްވެސް ނެތެވެ. އަނިޔާވެރިވުމަކީ އޭނާ އެންމެ ބިރުގަންނަ ކަމެވެ. ރޭގައި އޭނާއަށް ފެނުނީ މުޝްތާފްގެ މުޅިން އާ ސިފައެކެވެ. މަލަކްއަށްޓަކައި އުފާވެރިކަމާއި އެކު ދައްކާ ހިނިތުންވުމުގެ ނިވަލުގައިވި ރުޅި އާއި އަނިޔާއެވެ. އޭނަ އާއި ދިމާލަށް މުޝްތާފް އަތް އިސްކުރާނެކަމަށް ދުވަހަކުވެސް ހިތަކަށް ނާރައެވެ.

ދޮރު ތަޅުލާފައި ހުރުމުން މަލަކްއަށް ލިބުނީ އިތުރު މާޔޫސްކަމެވެ. ތަޅުދަނޑި ފެނޭތޯ މަލަކް ބެލިއެވެ. އެންމެފަހުން ކުރިން ވެސް އިން ތަނުގައި އައިސް އިށީނެވެ. އޭނާއަށް އޮތީ މުޝްތާފް ތެދުވާނެ އިރަކަށް އިންތިޒާރުކުރުމެވެ. އެނދުގައި ބުރަކަށި ޖައްސާލާފައި މަލަކް ދެފައި ކުރުކޮށްލިއެވެ. ދެކަކޫ ގެނެސް މޭގައި ޖެހޭވަރަށެވެ. ދެއަތުން ކަކުލުގައި ވަށާލަމުން މޫނު ޖައްސައިލިއެވެ.

ނިދިފައި އޮވެފައި މަލަކްއަށް ލޯހުޅުވުނީ އޭނާގެ އިސްތަށިގަނޑުގައި މީހަކު ފިރުމާހެން ހީވެގެންނެވެ. އޭނާގެ ކުރިމަތީ ދެކަކޫ ޖަހައިގެން މުޝްތާފް އިނެވެ. މަލަކްގެ މޫނަށް މުޝްތާފް ބަލަހައްޓައިގެން އިނެވެ. މަލަކް ލޯ ހުޅުވައިލިތަން ފެނިފައި މުޝްތާފް އަތް އުފުލައިލިއެވެ. މަލަކްގެ މޫނުގައި އަތްޖައްސަން އުޅޭހެން ހީވެ މަލަކް މޫނު އަނެއްފަރާތަށް އަނބުރާލިއެވެ.

"އައި އެމް ސޮރީ" ވައިއަޑުން މުޝްތާފް ބުނެލިއެވެ. މަލަކް ޖަވާބެއް ނުދިނުމުން އެހެން މުޝްތާފް ތަކުރާރުކުރިއެވެ. ރޭގައި އޭނާއަށް ކޮންޓްރޯލް ނުކުރެވުނީކަމަށް ބުންޏެވެ. އެއީ އުމުރުގައި ދުވަހަކުވެސް ދެން ތަކުރާރުނުކުރާނެ ކަމެއްކަމުގައި ބުންޏެވެ. މަލަކްގެ އަތުގައި އަތް ޖައްސައިގެން އިނދެ އެތައް ފަހަރަކު ހުވާކުރިއެވެ. މަލަކްއަށް ހީވީ މުޝްތާފް މޮޔަވެފައިވާހެންނެވެ. ނޫނީ ވަރަށް ބޮޑަށް ބަލިކަށިވެފައިވާހެންނެވެ. މަލަކް ދޫކޮށްލާފައި ހިނގައިދާނެތީ މުޝްތާފް ބިރުގަންނަވަރު ހާމަކުރަމުން ދިޔައެވެ. މަލަކް ކައިރީ އާދޭސްކުރިއެވެ.

"އަހަރެން ދޫކޮށްލުން ފިޔަވައި މަލަކް ކޮންމެ އަދަބެއް ދިނަސް އަހަންނަށް ވަރިހަމަ. އަހަންނަށް ނޫޅެވޭނެ މަލަކް ނުފެންނަ ހިސާބަކު، އަހަރެން މަރުވެދާނެ." މަލަކްގެ އަތްތިލައިގައި މުޝްތާފް ބޮސްދިނެވެ. މަލަކްގެ ނަމުން ގޮވާލާ ކޮންމެ ފަހަރަކު އަޑު ހިނދިގެންދާހެން ހީވެއެވެ. ލޮލުން ކަރުނަތައް ހިފެހެއޓެމެއް ނެތި ފައިބައެވެ. މިއީ އޭނާގެކުރިމަތީ މުޝްތާފް ރޮއި އާދޭސްކުރި ފުރަތަމަ ފަހަރެވެ.

***

މެންދުރުފަހުގެ ވަގުތެވެ. ހަފްސާ އައީ މިއަދު މަލަކް ނުނިކުންނާތީ ކޮބައިތޯ ބަލާށެވެ. ފެންވަރާލައިގެން ނިކުމެފައި އިނުމުން މަލަކްގެ މޫނުމަތިން ރޭގެ އެއްވެސް އަސަރެއް ނެތެވެ. ލޮލުގައި ކުޑަ ރަތްކަމެއް ހުރުން ފިޔަވައެވެ. ތުންފަތް ފަޅައިގެން ދިޔަ ތަންވެސް ވަނި މޭކަޕުން ފޮރުވާފައެވެ. މަޖީދު އާއި އެކު ގުލްޒާރު އައިސް ވަނީ ހަފްސާ އާއި މަލަކް އެކޮޓަރިން ނިކުންނަނިކޮށެވެ. މިއަދަކީ ގުލްޒާރު ފުރައިގެން ދާން ހަމަޖެހިފައިވާ ދުވަސްވާތީ އެގެއަށް އައީ ސަލާމްކުރާށެވެ. މަޖީދު އެދެމުން ދިޔައީ މުޝްތާފްގެ ކައިވެނީގައި ބައިވެރިވެފައި ދިއުމަށެވެ. މާދަމާ އަކީ ކައިވެނިވެވޭ ދުވަހެވެ.

ގުލްޒާރުއަށް މަޑުކުރެވެން ނެތީ ސައްޔާރު އާއި ޒައިނީ ރަށަށް ފުރާތީ އެކުދިންނާއި އެކު ދާންޖެހޭތީކަމަށް ގުލްޒާރު ބުންޏެވެ. އެހެންބުނެފައި ގުލްޒާރުގެ ޖީބުން ނެގީ ޗެކެކެވެ. މަލަކް އާއި މުޝްތާފްއަށް އޭނާގެ ފަރާތުން ދޭ ހަދިޔާއެކޭ ބުނެ މަލަކްއަތަށް ދިނެވެ. ޒާނަގެ ނަމުން އާދިލް ތަންކޮޅެއް ބާރަށް ގޮވައިލި އަޑަށް އެންމެންނަށް އެކުގައި ބަލައިލެވުނެވެ. ސިޑީގެ މެދަކާއި ހަމަޔަށް އާދެވިފައިހުރި ޒާނަ ފެނުނީ ދެނެވެ. އެއްއަތުން ފޮއްޓެއް ދަމަމުން އޭނާ ފައިބާތަންފެނި ހަފްސާއަށް އެދިމާލަށް ދެވުނެވެ. އާދިލް ހަލުވިކޮށް އައިސް ޒާނަގެ އަތުގައި ހިފާލިއެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular