13 May 2019

ނުވަ މަސް ފަހުން

ނުވަ މަސް ފަހުން

By: Mariyam Yasma

އޭނަ އެނބުރި ބަލައިލުމުގެ ކުރިން އާހިލް އައިސް ފަހަތަށް ހުއްޓުނުކަން އެނގުނެވެ. އިރުކޮޅެއް ނުވެ އޭނަގެ އުނަގަނޑާއި ހިސާބުން އެބާރުގަދަ އަތުން ވަށާލައިފައި ގެންގޮސް އެމޭގައި ލައްކޮށްލި އެވެ.

***

ރާމީންއަށް ހޭލެވުނީ އާހިލްގެ ފޯނު އެލާމްވާ އަޑަށެވެ. އާހިލް އެނދުގެ އަނެއްފަޅީގައި އޮތުމުން އޭނަ ފޯނު ނަގައި އެލާމް އޮފްކޮށްފައި ބޭއްވި އެވެ. އެލާމް އަޑަށް ހިރުވާލައިފައި ވެސް އާހިލް އަނެއްކާ ގެނބުނީ ފުންނިދީގެ ތެރެއަށެވެ. ރާމީން ލޯމަރާލައިގެން އިރުކޮޅަކު އޮތެވެ. އަލުން ނުނިދޭނެކަން ޔަޤީންވުމުން އޭނަ ތެދުވެ އާހިލްއަށް ބަލާލައިފި އެވެ.

ބޯއަޅައިގެން އޮތް ބާލީހުގެ އެއްކޮޅުގައި އެއް އަތުން ބައްދާލައިގެން އާހިލް އޮތީ އޭނައާ ވީ ފަރާތަށް މޫނު އަނބުރާލައިގެންނެވެ. އަނެއް އަތް އޮތީ އެދެމެދުގައި އޮތް ހުސްތަނުގަ އެވެ. ހޭވިފައިވާ އިސްތަށިގަނޑުން ބޮޑުބައެއް ނިތްމައްޗަށް ފައިބާފައި އޮތުމުން އެއްފަރާތްކޮށްލަން އުޅެފައި ވެސް ރާމީން ފަސްޖެހުނެވެ. އެހާ އަރާމުގައި ނިދާފައި އޮތްވާ ނިންޖަށް އުދަނގޫކުރާކަށް އޭނަ ބޭނުމެއް ނުވި އެވެ.

އެނދުން ފައިބާފައި ހޯދާލިއިރު އެންމެ ކައިރިން އަތުޖެހެން އޮތީ އާހިލް ރޭ ބޭލި އަތްދިގު ޓީޝާޓެވެ.. ރާމީން އެ ނަގާ މަހާލުމުން ބުޑުގެ ތިރިއަށް ފޮރުވިފައި ހުއްޓެވެ. އަތްތިލަ ފަހަނައަޅާ ނިކުމެފައި އޮތް ދެއަތް މައްޗަށް ޖައްސާ ހެއުވަރުކޮށްފައި އޭނަ ފާޚާނާއަށް ވަނެވެ. އިރުކޮޅެއް ފަހުން ކޮޓަރިން ނިކުންނަން ދޮރު ހުޅުވާލިހާ ސިއްރުން ލައްޕާލައިފައި މިސްރާބު ޖެހީ ބަދިގެއާ ދިމާއަށެވެ.

ކޮފީ ހަދަން ޖައްސާފައި އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލުމަށްފަހު ފްރިޖްތެރެ ހާވައިލެވުނީ ހައިކަން އިހްސާސްވީވަރުންނެވެ. ބޭނުންވިކަހަލަ އެއްޗެއް ލޮލުގައި އަޅައިނުގަތުމުން ހިތްހަމަނުޖެހުނެވެ. އެންމެފަހުން ޕާންފޮއްޗެއް ޓޯސްޓޓްކޮށްލައިގެން ގެނެސް ބަޓަރާ ޖަހައިގެން ކާން ފެށި އެވެ. ދުން އަރަ އަރާހުރި ކޮފީ ތަށި ނަގައި ފުމެލައިފައި ފުރަތަމަ ކޯވަރު ދަމައިލި އެވެ. ކޮޓަރި ދޮރު ހުޅުވުނު އަޑު އިވިފައި އެދިމާއަށް ބަލައިލެވުނީ އަމިއްލަ އިޚުތިޔާރެއް ނެތި އެވެ.

ޖިންސެއްގައި އާހިލް އެދިމާއަށް އައީ މޭމަތި ކަހަމުންނެވެ. ކައިރީގައި އިށީނުމާއެކު އާފުރުނެވެ. ރާމީން ކޮފީ ބޭނުންތޯ އެހުމުން އަނގަމަތިން އަތް ނަގާފައި ބޯޖަހައިލި އެވެ. ދެއަތުން ލޯ އުނގުޅާލައިފައި ދުރުބަލަން ފެށި ގޮތުން ހީވަނީ އަދިވެސް ނިދީގެ އަސަރު ނުފިލައިގެން އުޅޭހެންނެވެ. އެކަމަކު އެއީ ރާމީން ގޮސް ޖޯޑެއް ނަގައިގެން ކޮފީ މެޝިން ކައިރިއަށް ހުއްޓޭންދެނެވެ. ފުރަގަސްދީގެން ހުރެފައި އެނބުރުނުއިރު އާހިލްގެ ނަޒަރު ހުރި ދިމާ އޭނައަށް ސިއްރެއްނުވި އެވެ.

"ކޯއްޗެއް ތިބަލަނީ؟" ލޯ ހަނިކޮށްލަމުން ރާމީން ގޮތްދައްކައިލި އެވެ.

އާހިލްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އޮޅުވާލާކަށް އޭނަ ކުޑަވެސް މަސައްކަތެއް ނުކުރެ އެވެ. ކޮފީތަށި ދިނުމުން ހިމޭނުން އެބޯން އިނދެފައި ތިރިކޮށްލިއިރު އޭނަގެ ނަޒަރު ހުރީ ރާމީންގެ ކަރުގައި ރަތްވެފައި އިން ތަންކޮޅަކަށެވެ. ރޭގެ ހަނދާންތައް އައިސް ސިކުނޑި ވަށައިލުމާއެކު ހިއްސުތައް ހޭލައިގަތެވެ. އެހަށިގަނޑުގައި އޭނަދޫކޮށްފައިވާ ނިޝާނެއް އެގޮތަށް ހުރުމުން އަޖައިބެއްފަދަ ފަޚުރުވެރިކަމެއް އިހްސާސްކުރެވުނެވެ.

"ވަޓް؟" ސުވާލުކުރިއިރު ވެސް ރާމީންގެ މޫނު ހުރީ ރަތްވެފަ އެވެ.

އާހިލްގެ އެބެލުން އޭނައަށް ވަރަށް ރަނގަޅަށް އެނގެ އެވެ. އިސާހިތަކު އޭނަގެ ބަނޑުތެރޭ ވެސް ކޮކާތައް އުދުހެން ފެށި އެވެ.

ޖަވާބުދިނުމުގެ ބަދަލުގައި އާހިލް ކުރިކަމަކީ ރާމީން އިން ގޮނޑި ކައިރިއަށް ދަމައިލުމެވެ. އޭގެ އަތްގަނޑުގައި އެއް އަތް އަޅުވާލައިފައި ކައިރިވެލުމުން ރާމީން އަނެއްފަރާތަށް މޫނު އަނބުރައިލި އެވެ. އާހިލް އެވަގުތު އަނެއް އަތުން ރާމީންގެ ދަތްދޮޅީގައި ހިފާ އޭނައާ ކުރިމަތިވާނެހެން އަނބުރައިލި އެވެ.

"ރޭގަ އެކުރިވަރު ކުޑަތަ؟ އަދިވެސް ހިތް ނުފުރޭ ދޯ؟" ރާމީންއަށް ނޭނގުމުގެ ތެރޭގައި ދެއަތް އުފުލި ބާއްވާލެވުނީ އާހިލްގެ މޭމަތީގަ އެވެ.

އެހިތް ތެޅޭވަރު އޭނަގެ އިނގިލިތަކުގެ ދަށުން އިހްސާސްވާން ފެށި އެވެ. ހިތް އެދުނީ އަތް ތިރިކޮށްލާފައި އެމޭގައި ކޯތާފަތް ޖައްސާލައިގެން ހުރުމަށެވެ. އެހިތުގެ އަޑަކީ އޭނަ އަހާ ފޫހިނުވާނެ އަޑެކެވެ. އަންނަން އޮތްތާނގައި ކިތަންމެ ދުރުގައި އުޅެން ޖެހުނަސް އެހިތް ހިނގަ ހިނގާ ހުރިކަން ހަނދާންވާ ކޮންމެފަހަރަކު އޭނަ ހުންނާނީ އުފަލުންނެވެ.

އެތެރެހަށީ ފެތުރިގެން އިހްސާސްތައް އެއަށްވުރެ މައްޗަށް ނުދަނީސް ރާމީން ހިންދިރުވައިލި އެވެ. މީ އަންނަން އޮތް ދުވަސްތަކާއިމެދު ވިސްނަންވީ ވަގުތެއްނޫންކަން އަމިއްލަ ހިތަށް ވިސްނައިދިނެވެ. މީ ލިބިފައި އޮތް ވަގުތުގެ ބޭނުން ހިފަން ވީ ފުރުސަތެވެ.

"ދުވަހަކު ވެސް ހިތެއް ނުފުރޭނެ." ސާބިތުކަމާއެކު އާހިލް ޖަވާބުދިނެވެ.

އެޖުމްލައިން އަނެއްކާ ވެސް ރާމީންއަށް ނުބައި އަސަރެއްކުރި އެވެ. އެކަމަކު އޭނަ ސަމާލުކަން ބެހެއްޓީ އެއިން ނެގުނު އުފާވެރި މާނައަށެވެ.

ދަތްދޮޅިން ދުރުކޮށްލި އަތްތިލަ ތިރިއަށް ގެންގޮސް ރާމީންގެ އުނަގަނޑުމަތީ ހިފާލައިފައި ނަގައި އުނގުމަތީ ބައިންދައިލި ވަގުތު ރާމީން ލައިލައި ހުރި ނޭވާ ކަރުތެރޭ ތާށިވި އެވެ. އާހިލް މޭމަތީ އޮތް ދެއަތް މައްޗަށް ގެންގޮސް ކަނދުރާގެ ފުރަގަހުން ގުޅުވައިލެވުނެވެ. އާހިލް މޫނު ކައިރިކޮށްލުމުން ދާދި ފަސޭހައިން އޭނަ އެދައުވަތު ޤަބޫލުކުރި އެވެ.

"ރާމީ! އާޔޫ ....އޯކޭ؟" ކުޑައިރުކޮޅެއް ފަހުން އާހިލް އެހި އެވެ.

އާހިލް ސުވާލު ކުރީ ކޮންކަމާއި ބެހޭގޮތުންކަން އޭނައަށް ވިސްނުނެވެ. ރާމީން އަވަސްއަވަހަށް ބޯޖަހައިލިގޮތުން ހީވީ ކިރިޔާ ޖަވާބު ލަސްވެލިއަސް އާހިލް އެހިސާބުން މެދުކަނޑާލަފާނެތީ އުޅުނުހެންނެވެ. އެވަގުތު އާހިލްގެ ތުންފަތަށް ހިނިތުންވުމެއްވެރިވި އެވެ. އޭނަ ކައިރީ އިތުރަށް ބުނާކަށް ނުޖެހުނެވެ. ރާމީންގެ ހަށިގަނޑު ދުރުކޮށްލުމެއްނެތި ތެދުވެގެން ކޮޓަރިއާ ދިމާއަށް ހިނގައިގެންފި އެވެ.

ފެންވަރައިގެން ނިކުމެ ގަޑިބަލަންވެގެން ފޯނު ނެގިއިރު އައިރީންގެ މިސްކޯލެއް އިނެވެ. ރާމީން އެނދުގައި އިށީނދެފައި އަވަހަށް ކޮއްކޮގެ ނަންބަރަށް ގުޅި އެވެ. އައިރީން ދިން ޚަބަރަކުން ފުންމައިގެން ތެދުވެވުނެވެ. ފާޚާނާއިން ނިކުތް އާހިލްއަށް އެތަން ފެނިގެން ކައިރިއަށް އައެވެ. އޭނަ ބޮލުގެ އިޝާރާތުން ކިހިނެތްވީހޭ އެހުމުން ޝަހާދަތް އިނގިލި އުފުލާލައިފައި ރާމީން އެދުނީ އިހަށް ހިމޭންވުމަށެވެ. ރާމީން ހިމޭންކަމާއެކު އެކޮޅުން ދެއްކި ވާހަކަތައް އަހަން ހުރިއިރު އާހިލް ދާދި ކައިރީ އެމޫނަށް ބަލަން ހުރީ ހަށަން ބަނދެލައިގެންނެވެ.

"ރީން އެގުޅީ ބަނޑުގައި ރިއްސާތީ." ފޯނު ކަންފަތާއި ވަކިކޮށްލައިފައި ރާމީން ކިޔައިދިނެވެ.

އެއަޑު އަހާފައި އާހިލްގެ ކުލަވަރު ވެސް ބަދަލުވެގެން ދިޔަ އެވެ. ދެމީހުން އަވަސް އަވަހަށް ތައްޔާރުވެގެން ނިކުތީ އައިރީން ހޮސްޕިޓަލަށް ގެންދާށެވެ.

ބަންދު ދުވަހަކަށް ވުމުން ގޭތެރެ ފެނުނީ ފަޅުކޮށް އޮތްވަ އެވެ. އެކަމަކު ދޮރުތައް ހުޅުވާފައި ހުރުމުން ކޮންމެވެސް ބަޔަކު ހޭލާ އުޅޭކަން ދޭހަވި އެވެ. ރާމީން އާއި އާހިލް އެކީ ވަދެގެން ދާތަން ފުރަތަމަ ފެނުނީ ބަދިގެއިން ބޯދިއްކޮށްލި ކައްކާމީހާ އަށެވެ. ދެމީހުން ސިޑިން އަރަންފެށިތަން ބަލާފައި އެތެރެއަށް ގޮސް އެޚަބަރު ދިނީ މެއިޑަށެވެ.

"ދައްތާ!" ރާމީން ގޮސް ވަންތަން ފެނުމާއެކު އައިރީންގެ ކަރުނަތައް ހިފަހައްޓައެއްނުލެވުނެވެ.

"އަހަރެން ވަރަށް ބިރުގަނޭ...ދެންމެ ފާޚާނާއަށް ވަންއިރު ލޭ ވެސް އައިސްފަ ހުރީ." ރާމީން އޭނަގެ ގައިގައި ބައްދައިލުމުން ދައްތަގެ ކޮނޑުގައި މޫނު ފޮރުވައިގެން ހުރެ ރޮމުން އައިރީން ވާހަކަދެއްކި އެވެ.

"އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ.ހިނގާ އަވަހަށް ރެޑީވެގެން ހޮސްޕިޓަލަށް ދާން. އާހިލް އެބަހުރި އަހަރުމެން ނިކުންނަންދެން މަޑުކޮށްގެން.." ކޮއްކޮގެ ބުރަކަށީގައި ފިރުމާލައިފައި ރާމީން ހިތްވަރުދިނެވެ. އެއަޑުން ކަންބޮޑުވުން ނުދައްކަން އޭނަ މަސައްކަތްކުރި އެވެ.

އައިރީން ދުރަށް ޖެހިލުމުން ކޯތާފަތުގައި ހުރި ކަރުނަތައް ފުހެދީފައި މޫނުމައްޗަށް ފައިބާފައިވާ އިސްތަށިތައް އެއްފަރާތްކޮށްދިނެވެ. ނޭފަތް ދަމާލައިފައި ވެސް އައިރީން ދައްތައާ އެއްބަސްވުމުގެ ގޮތުން ބޯޖަހައިލި އެވެ.

***

މެޝިނުން ދަރިފުޅުގެ ހިތުގެ އަޑު އިވެން ފެށުމާއެކު އައިރީންގެ ލޯ ފެންކަޅިވި އެވެ. ހިތާއި ހިތުން ހެއްދެވި ފަރާތަށް ހަމްދު ކުރެވުނެވެ. އެއަޑު އަހާފައި ރާމީންގެ ހިތަށް ވެސް ކުރީ ތަފާތު އަސަރެކެވެ. އޭނައަށް އިނދެވުނީ ސްކޭން މެޝިނުން ފެންނަމުންދިޔަ މަންޒަރަށް ބަލަހައްޓައިގެންނެވެ. ބާރުބާރަށް ތެޅެން ފެށި ހިތް ހިމޭންކުރަން އުޅޭމީހަކު ފަދައިން މެއާ ހިސާބުން ޓީޝާޓް ބޮނޑިކޮށްލެވުނެވެ.

ޑޮކްޓަރު ކިޔައިދިން ގޮތުން އެގޮތަށް ލޭ އައުމަކީ ފުރަތަމަކޮޅު ވަރަށް ގިނަ މާބަނޑު އަންހެނުންނަށް ދިމާވާ ކަމެކެވެ. ރައްކާތެރިވުމުގެ ގޮތުން ލަފާދިނީ ހަފްތާއެއް ވަންދެން "ބެޑްރެސްޓް" ކުރުމަށެވެ. ދެބެން ނިކުތްއިރު އާހިލް ދޮރުމަތީ ދެކޮޅަށް ހިނގަ ހިނގާ އެތާ ތިބި އެންމެންގެ ސަމާލުކަން އަތުލާފައިވެ އެވެ. އެމީހުން ނިކުތްތަން ފެނުމާއެކު އަވަހަށް ކައިރިއަށް އައެވެ.

ނިކުންނަން ދަމުން ރާމީން ކުރުގޮތަކަށް ޑޮކްޓަރު ކިޔައިދިން ވާހަކަތައް ތަކުރާރުކުރި އެވެ. އާހިލްގެ ނުތަނަވަސްކަން ކެނޑި އެމޫނުން ހަމަޖެހުން ފެންނަން ފެށީ އެއަށްފަހުގަ އެވެ.

"ހިނގާ ރީން ބެޑްރެސްޓްގަ އޮންނަން އަހަރުމެން ގެއަށް ދާން. އެއިރުން އަހަރެންނަށް ރީންއަށް އަޅައިލލަން ފަސޭހަ ވާނެ." ރާމީންގެ ވާހަކަ އަހައިގެން އާހިލްއާއި އައިރީންގެ ނަޒަރު އެމޫނަށް ހުއްޓުނެވެ.

އައިރީން ދެކޮޅުހަދަން އުޅޭހެން ހީވެގެން އެހީއަކަށް އެދުމުގެ ގޮތުން ރާމީން ބަލައިލީ އާހިލް އަށެވެ. އާހިލް އެއްޗެކޭ ނުބުނުމުން އޭނަ ކޮއްކޮއަށް ނޭނގޭނެހެން އެއަތުގައި ވިކައިގަތެވެ.

"ދައްތަ އެބުނީ ތެދެއް ރީން. އެންމެ ހަފްތާއެކެއްނު." އާހިލް އައިރީންގެ ކޯތާފަތުގައި އަތް ޖައްސާލައިފައި ރާމީންގެ ވާހަކައަށް ބާރުދިނުމުގެ ގޮތުން ބުނެލި އެވެ.

އައިރީން ދަތްއަޅައިލީ ތުންފަތުގަ އެވެ.

"ނޫނެކޭ ބުނެފިއްޔާ އަހަރެން ބަލާނީ ރީން އަދިވެސް އަހަރެންދެކެ ރުޅިއައިސްފަ ހުރީކަމަށް. އަދި އަހހަންނަށް މާފު ނުކުރަނީ ކަމަށް.." ބޮޑާހާކަން ތައްޔާރުވެފައިވާ ޅަކުއްޖެއްހެން ހަށަން ބަނދެލާފައި ރާމީން ވާހަކަދެއްކި އެވެ. އޭނަ ތުންކޮޅު ވެސް އޫކޮށްލި އެވެ.

އައިރީން އެވަގުތު ފުން ނޭވައެއް ލައިފައި ބޯޖަހައިލި އެވެ.

އޯވަނައިޓް ދަބަހަކަށް ދެތިން ހެދުމާއި ކޮންމެހެން ބޭނުންވާނެ އެހެން އެއްޗެހި އަޅައިގެން އައިރީން ނިކުތްއިރު ރާމީން ބޭރުގައި ހުއްޓެވެ. ތިންމީހުން ގެއިން ނިކުމެގެން ދިޔަތާ އިރުކޮޅެއް ފަހުން ޝެހެނާޒް ހޭލައިގެން ފޭބިތަން ފެނިފައި މެއިޑު އަވަހަށް އެޚަބަރު ދޭން ދިޔަ އެވެ. ޝެހެނާޒް އެވަގުތު އަނބުރައިލީ ފިރިމީހާއަށް ގޮވަންދާންވެގެން އަނެއްކާ ވެސް އައިކޮޅަށެވެ.

ގެއަށް ގޮސް ރާމީން އޭނަގެ އެނދުގައި ބައިންދާފައި އެއްޗެއް ކައްކަންވެގެން ނިކުތެވެ. އޭނަ ސިޓިންރޫމް ހުރަސްކޮށްފައި ބަދިގެއާ ދިމާއަށް ދިޔައިރު އާހިލް ފޯނެއްގައި ހުރެފައި އެނބުރި ބަލައިލުމަށްފަހު އަނެއްކާ ވެސް ފުރަގަސްދިނެވެ. ރާމީން ކައްކަން ހުއްޓާ އިރުކޮޅެއް ފަހުން އައިސް ރާމީން ފަހަތުން ވަނެވެ. ގުޅީ މަންމައޭ ބުނުމުން ރާމީންގެ އަތަށް މަޑުޖެހުމެއް އައެވެ. މިހާރު މައިދައިތައަށް އައިރީން ގެނަކަން އެނގުނީބާވައޭ ހިތަށްއެރި އެވެ.

"ރީން ގެނަކަން އެނގިގެން އެގުޅީ ކިހިނެތްވީތޯ ބަލަން ވެގެން." އާހިލް އިތުރަށް އޮޅުންފިލުވައިދިނެވެ.

ރާމީން އެވަގުތު ރައްދުގައި އެއްޗެކޭ ބުނެލަން އުޅެފައި ވެސް ހުއްޓައިލީ އާހިލް ހިތްހަމަނުޖެހޭނެކަނން އެނގޭތީ އެވެ. މަންމައާ ދެކޮޅަށް ބުނާ އެއްވެސް ވާހަކައެއް އަހާކަށް އާހިލްއަކަށް ފަސޭހައެއްނުވާނެ އެވެ.

"މަންމަ ފާޅުގަ ނުދެއްކިއަސް އައިރީންއަށް ގޮތެއް ވެދާނެތީ ކަންބޮޑުވާނެ. ލިބެން އުޅޭ ފުރަތަމަ މާމަދަރިފުޅުވިއްޔަ.." ރާމީން އެއްޗެކޭ ނުބުނުމުން އާހިލް ވާހަކަކުރިއަށް ގެންދިޔަ އެވެ. އޭނަގެ ޖުމްލަ ނިމުނީ ތުންފަތަށް ވެރިވި ލުއި ހިނިތުންވުމަކުންނެވެ.

އާހިލްގެ ފަހު ޖުމްލަތައް އަހާފައި އުދަނގޫވިވަރުން ރާމީންއަށް ތެލި ބާލަންވެގެން ހިފުނީ އަންގިނުލައްވަ އެވެ. ވަގުތުން އޭނައަށް ހަޅޭތްލަވައިގެންފައި އަތް ދުރުކޮށްލެވުނެވެ. އާހިލްއަށް އެތަން ފެނިގެން އަވަހަށް އައިސް ރާމީންގެ އަތުގައި ހިފާ ބަލައިލަން އުޅެނިކޮށް ރާމީން ރުޅިއައިސްގެން އެއަތް ދަމައިގަތެވެ. އާހިލްއަށް ލިބުނީ ކުއްލި ސިހުމެކެވެ. ރާމީން ގޮސް އިސްކުރު ދޫކޮށްލާފައި ފެން އަޅަން ހުރިއިރު އޭނައަށް އެމޫނަށް ބަލަން ހުރެވުނީ ކުއްލިއަކަށް ރާމީން ހިތްހަމަނުޖެހެންވީ ސަބަބެއް ނޭނގިފަ އެވެ.

އެރުޅީގައި އައިރީންއަށް ކާއެއްޗެހި ހިފައިގެން ގޮސް އެކޮޓަރިއަށްވަނެވެ. ކޮއްކޮ ފެނުމާއެކު ކުރިއަށްވުރެ މޫޑު ރަނގަޅުވި އެވެ.

"އާހިލްބެ އުޅުނުގޮތް ހަނދާންވެފަ ހިނި އަންނަނީ. ހީވަނީ އަނބިމީހާ ވިހަން ވައްދާފަ ބޭރުގަ އިންތިޒާރުގައި ހުރިހެން.." ރާމީން ގޮސް ނާސްތާ ދިނުމުން ކާން އިނދެފައި އައިރީން ހަނދާންވެގެން ވާހަކަދެއްކި އެވެ.

ކޮއްކޮގެ ހިނިތުންވުމުގެ އަސަރުގައި ޖެހިގެން ރާމީންއަށް ވެސް ހިނިތުންވެލެވުނެވެ.

"އަހަންނަށް ހީވަނީ އާހިލްބެ ވަރަށް ރަނގަޅު ބައްޕައަކަށް ވާނެހެން..." ދެފިކުރެއްގައި އިނދެފައި އައިރީން އިރުކޮޅަކުން ބުނެލި އެވެ.

އޭނަ ނުބަލާ އިންދާ ވެސް ދައްތައަށް އައި ބަދަލު އިހްސާސްވި އެވެ. އިރުކޮޅަކުން އެސްފިޔަތައް އުފުލާލައިފައި ސިއްރު ސިއްރުން ބަލައިލިއިރު ރާމީން ވެސް އިނީ އިސްޖަހައިގެންނެވެ. ޓީޝާޓް ގެ އަތުކުރިން ހިލިފައިވާ ރޮއްޖަކާއި ކުޅެމުން ތުންފަތުގައި ދަތްއަޅައިލި އެވެ.

"އަޅެ ދައްތަ ކީއްކުރަން އާހިލްބެއާ ދުރުވާން ތިއުޅެނީ؟ އާހިލްބެ ކިހާ ލޯބިވޭ ދައްތަދެކެ. އަހަންނަށް ޔަޤީން ކިޑެއް ހޯދާއިރަށް ހުރިހާ މައްސަލައެއް ހައްލުވާނެކަން.." އައިރީން ވާހަކަދައްކަ ދައްކާ ހުއްޓާ ރާމީން ހަރުކަށިކޮށް އޭނަގެ ނަމުން ގޮވާލައިފައި އެނދުން ތެދުވެއްޖެ އެވެ.

އައިރީން އެވަގުތު ސިހިފައި ވާހަކަ ހުއްޓާލައިގެން ބަލަން ފެށުމުން އޭނަ ކަންބޮޑުވީ އައިރީން ހިތުގައި ޖެއްސިދާނެތީ އެވެ. ފުން ނޭވައެއްލައި ފުރަތަމަ އަމިއްލަ ނަފްސް ހަމައަކަށް އަޅުވައިލި އެވެ. އަޑަށް މަޑުމައިތިރިކަން ގެންނަމުން ތަށި ބަލައި އަންނާނަމޭ ކިޔާފައި އޭނަ ދެން ނިކުތީ ބޭރަށެވެ. ނަސީބަކުން އާހިލް ފެންނާކަށް ނެތެވެ.

***

އައިރީންއާ ބެހޭގޮތުން ނަވާލްއަށް އެނގުނީ ކޮޓަރީގައި ޓަކި ދިނުމުން ޖަވާބުނުދީގެން ތިރިއަށް ގޮސް ނޯކަރަކު ކައިރީ އަހައިގެންނެވެ. ޖަވާބުދިންއިރު އެމީހާ ވެސް ބަލައިލީ އެއްޗެއް އޮޅުންފިލުވަން މަސައްކަތްކުރާފަދަ ނަޒަރަކުންނެވެ. އައިރީންގެ ލޯބިވެރިޔާގެ މަޤާމުގައި ހުރެ އެވަރުގެ ބޮޑުކަމެއް ވެގެން ދިޔައިރު ނޭނގުމުން ހައިރާންވީ ކަމަށް ވެދާނެ އެވެ. ނަވާލް އެނބުރި ގޮސް ކޮޓަރީގައި އޮވެގެން ފޯނު ނަގާފައި ބަލަން އޮތެވެ. އައިރީންއަށް ގުޅަން ވީ ކަމެއް ނޫނީ މެސެޖް ކުރަންވީ ކަމެއް ނިންމަން ވަގުތުކޮޅެއް ނެގި އެވެ. އަލަށް އުދުހުނު ދުވަހުވެސް ނުވާވަރަށް ނުތަނަވަސްވެ ހުރެ ރާމީންއަށް ވައިބާ މެސެޖެއްކޮށްލި އެވެ.

"އާ ޔޫ އޯކޭ؟" ނަވާލް މެސެޖްގައި ލިއުނެވެ.

ދެން ހުރެވުނީ ފޯނަށް ބަލާށެވެ. އައިރީންއަށް މެސެޖް ލިބިއްޖެކަން އެނގުމުން ކުރިއަށްވުރެ ހިތް އަވަސްވި އެވެ. ބަލަ ބަލާ ޖަވާބު ނައުމުން ފޯނު ގެންގޮސް ސައިޑު ޓޭބަލް މަތީ ބަންޑުން ބާއްވާފައި އެހެންކަމަކަށް ސަމާލުކަން އަނބުރރައިލަން މަސައްކަތް ކުރި އެވެ. ޓީވީން ދައްކަމުންދިޔަ ޑޮކިއުމެންޓްރީ ބަލަން އިނދެފައި ވެސް އިރު އިރުކޮޅާ ފޯނު ނަގައި ބަލައިލެވެ އެވެ.

އަނެއްކާ ވެސް އިރުކޮޅެއް ކޮށްލާފައި ނެގިއިރު އައިރީން މެސެޖެއް ލިޔާތަންފެނިގެން ކުރިއަށްވުރެ ހިތް އަވަސްވި އެވެ. މެސެޖް އައުމުން ބެލިއިރު އައިރީން ލިޔެފައި އޮތީ ރަނގަޅު ކަމަށްބުނެފައި އެޖުމްލައިގެ ފަހަތުން އަލްހަމްދު ލިއްލލާހި ލިޔެފައި އޮތެވެ. ހަފްތާއެއް ވަންދެން ބެޑްރެސްޓްގައި އޮންނަ ވާހަކަ ބުނެފައި އަދި އެންމެފަހުން ނަވާލްއަށް ޝުކުރު އަދާކޮށްފައި އޮތެވެ.

ނަވާލްއަށް ހީވީ ބޮލުން ބަރެއް ނެގުނުހެންނެވެ. އައިރީންމެންގެ ދެމައިން ރަނގަޅުކަން އެނގުމުން ހަމަޖެހުން އިހްސާސްކުރެވުނެވެ.

ހިޔާލު ބަދަލުނުވަނީސް ނަވާލް އިތުރަށް ލިޔެލީ އޭނަ އަތުގައި އައިރީންއަށް ދޭންވެފައިވާ އެއްޗެއް އޮތްކަމުގައެވެ. ޖަވާބު ނުލިބި ކުޑައިރުކޮޅެއް ފާއިތުވެ ދިއުމުން ނަވާލްއަށް އެނދުން ތެދުވެވުނެވެ. ފޯނު ހިފައިގެން ދެކޮޅަށް ހިނގަ ހިނގާ ހުރެފައި މެސެޖް އައިކަން އިއުލާން ކުރުމާއެކު އަވަހަށް ބަލައިލި އެވެ.

"ސިސް ޑޯންނޯ އެބައުޓް އަސް.." އައިރީން ލިޔެފައި އޮތީ މިހެންނެވެ.

އެޖުމްލަ ކިޔާފައި ނަވާލްގެ ހުރިހާ ސަމާލުކަމެއް ހުއްޓުނީ ދެމީހުންނަށް ނިސްބަތްކޮށް ލިޔެފައިވާ "އަސް" މިލަފްޒަށެވެ.

އެހާ ކުޑަ ކުޑަ ލަފްޒެއް އެހާ ބޮޑު އެއްޗެއްގެ ގޮތުގައި މާނަކުރެވިދާނެ ކަމަށް އޭނަ ކުޑަކޮށް ވެސް ހިއެއްނުކުރެ އެވެ. އެކަމަކު މިއަދު އެއީ އޭނައަށް ފެނުނު އެންމެ ރީތި ލަފްޒަށް ވެއްޖެ އެވެ. ތުންފަތުގައި ވި ހިނިތުންވުމާއެކު ނަވާލް ޖަވާބު ލިޔެފާއި ފޮނުވާލުމަށްފަހު ގޮސް އެނދަށް ވެއްޓިގަތެވެ.

ފޯން ވައިބްރޭޓް ވުމުން ހުޅުވާލައިފައި ނަވާލް ފޮނުވާފައިވާ މެސެޖަށް ބަލަން އިނދެގެން އައިރީންއަށށް ތަކުރާރުކޮށް އެސްފިޔަ ޖަހައިލެވުނެވެ. - ނުނިމޭ -

ދިގު ވާހަކަ

Popular