ރޭގަނޑު ބާރަ ޖެހުމާ ގާތްވަމުން ދިޔައެވެ. ރޭގަނޑުގެ ވަގުތު ފަސްވަމުން ދިޔަވަރަކަށް ހުޅުމާލޭގެ މަގުތަކަށް ހިމޭންކަން ވެރިވަމުން ދިޔައެވެ. މާހައުލަށް ފެތުރިފައި އެވާ އަނދިރިކަމުން ވަގުތީ އުފާތަކެއް ޙާޞިލްކޮށް، ރޭގަނޑުގެ އެ ހިމޭންކަމަށް ނަފްސުގެ ޢިއްޒަތް ނީލަން ކިޔަމުންދިޔަ ޒުވާން ޖޯޑުތައް މަދުމަދުން ނަމަވެސް ކިނާންމެންގެ ލޮލުގައި އަޅައިގަތެވެ. އިރެއްގައި ކިނާން އާއި ފަޒްލީން އަކީވެސް އެފަދަ މަޤާމެއްގައި ހެދުނު ކުޑަ ކުޑަ ގޯހަކުން ދުނިޔޭގައި ލެއްވި އެންމެ ބޮޑު ލަދާ ކުރިމަތިލާން ޖެހުނު ބައެކެވެ. ލަދުވެތިކަން ފޮރުވައި، ދުނިޔެ އަށް ބޭޒާރު ނުވެ އެ ސިއްރު ވަންހަނާ ކުރެވުނަސް މިއަދުވެސް އެ ލައްގަނޑު އެ ދެހިތުގައިވެސް ވާކަހަލައެވެ. ސައްޙަ ނޫން ކާވެންޏެއްގެ މަތީ ދެމި ތިބެވުނަސް ތާ އަބަދު އެފާފައިގެ މަތިން އެމީހުން ހަނދާން ހުރެއެވެ. ފަހަރުގައި އިތުބާރުގެ ވާފަށް ކެނޑި އެ ދިރިއުޅުމުގެ އޮފްކަންގެއްލިގެން ގޮސްފައިވާ ސިއްރާ ގުޅިފައިވާ ޙަޤީޤަތަކީވެސް އެއީއެވެ. ސައިކަލު ފަހަތުގައި ހިމޭންކަން އިޚްތިޔާރުކޮށްގެން ފަޒްލީން އިނެވެ. އޭނާގެ ނުތަނަވަސް ކަމަށް ނިމުމެއް ނެތްކަން ކިނާންއަށް އެނގެއެވެ. އެހެނަސް ކެތްތެރިވުން ނޫން ގޮތެއް ކިނާންއަކަށް ނުވިސްނުނެވެ. ފަޒްލީންގެ އެ ޢަމަލުތަކުން ފަޒްލީނަށްޓަކައި އެ ހިތުގައިވާ ޤަދަރާއި ލޯބި މަޑު މަޑުން ނަމަވެސް ގެއްލި ފޫހިކަން ވެރިވަމުންދިޔައެވެ. އުއްމީދުތަކެއް ކުރަމުން ފަޒްލީންގެ އުފަން ދުވަހަށްޓަކައި ދަތުރުހަދައި މިހިސާބަށް އައުމުންވެސް އޭނާގެ ތުންފަތަށް ކުޑަމިނުން ހިނިތުންވުމެއްވެސް ވެރިއެއް ނުކުރުވިއެވެ.
ފަޒްލީން އެ ގޮތުގައި އަނގައިން ނުބުނެ އިނުމުން ކިނާންވެސް އެ ގޮތް އިޚްތިޔާރުކުރިއެވެ. އެ މީހުންގެ ދިރިއުޅުމުގައި ނިމުމުގެ " ސިއްކަ" ޖެހެން މެދުވެރިވި ހިނދުކޮޅާ ކުރިމަތިލާން ޖެހުނީ އެވަގުތުއެވެ. އެމީހުން ދާން ހަމަޖެހިފައި ވާ ރެސްޓޯރެންޓް ހުންނަ މަގަށް ސައިކަލު ލަނބާލުމަށްފަހު ކިނާންއަށް ސައިކަލު ހުއްޓާލެވުނީ ކުއްލިއަކަށެވެ. ކުރިމަތީހުރި ޢިމާރާތުގެ ފުރަތަމަބުރީގެ ބެލްކަނީގައި އެހުރީ މީގެ ކުރިން އޭނާ ދުށް އަންހެން ކުއްޖެކެވެ. އެއީ އެހެން އަންހެން ކުދިންނާ މުޅިން ތަފާތު ކުއްޖެކެވެ. އެންމެ ފުރަތަމަ އެ ކުއްޖާ ފެނުނީންސުރެ ފަޒްލީންއާ ކާވެނި ކުރަންދެންވެސް އެ ކުއްޖާ ފެނޭ ތޯ އޭނާ ބެލިއެވެ. އެ އަންހެން ކުއްޖާ ފެނުނަސް އޭނާގެ ހިއްސުތަކުގައި ކަރަންޓްގެ އޮއިވަރެއް ދެމިގަންނަ ކަހަލައެވެ. ނިދާހެދުމުގައި އެ ދިގު އިސްތަށިގަނޑު ހާމައަށް ދޫކޮށްލައިގެން ބެލްކަނީގެ ރެއިލިންގ ގަނޑުގައި އުޅަނބޮށި އަޅުވާލައިގެން އިރުކޮޅަކު ހުރުމަށްފަހު އަންހެން ކުއްޖާ ކޮޅަށް ތެދުވެ ދެއަތުން އިސްތަށިގަނޑު ހައްޔަރުކޮށްލަމުން ބޮލުމެދަށް ހުޅިއެއް ޖަހާލިއެވެ. ހީވާ ކަހަލައެވެ. އެވަގުތު ކިނާންއާ އެ ނުދަންނަ އަންހެން ކުއްޖާ ނޫން އެހެން އެކަކުވެސް އެތަނަކު ނުވެއެވެ.
"ވާވަރަށް ބެލިއްޖެތަ؟!.." ކަމެއްވާކަންވެސް ކިނާންއަށް އިހްސާސްކުރެވުނީ އޭނާގެ ފަހަތުން ފަޒްލީންގެ އަޑު އައުމުންނެވެ.
"މި ހިތަށް އަރަނީ ފަޒްލީން އާ ހާދަ ވައްތަރު ކުއްޖެކޭ އެއީ.. އަނެއްކާ ގެއްލިފަ ހުރި ކޮއްކޮ އެއްތަ އެއީ؟! ހާދަ ވައްތަރޭ!" އޮޅުވާލަން ދައްކާނެ އެއަށްވުރެ ރަނގަޅު ބަހަނާއެއް އެވަގުތު ކިނާންއަކަށް ނުވިސްނުނެވެ. ފަޒްލީންގެ އެތެރެހަށީގައި ހީވީ ހުޅުފެޅިހެންނެވެ. ބޯމައްޗަށް ބިންދާލި ބިޔަ ރާޅެއްހެން އޭނާ ކުރަންފެށި ޝަކުވާގެ އޮއިވަރުގައި ކިނާން ރަނގަޅަށްޖެހުނެވެ.
"އެއީނު އެ ކުއްޖަކީ؟! ކިނާންގެ ފޯނުގަ ފޮޓޯ އިން ކުއްޖާ އެއީ.. ކީއްވެތަ ލޯބިނުވާއިރު މަށާ އިނީ؟! " ފަޒްލީންގެ ފަހު ސުވާލާއެކު ކިނާން އަށް ދެއަތަކަށް ބޯހޫރާލެވުނެވެ. އިންސާނުންނަކީ ކިހާ ފަސޭހައިން ކަންކަން ހަނދާންނެތޭ ބައެއް ހެއްޔެވެ؟ އަވަސް އަރުވާލައިގެން ނަމެއްގައިވިޔަސް ކާވެނި ކުރަންޖެހުނު ސަބަބު ފަޒްލީންއަށްވެސް ހަމަ ރަނގަޅަށް އެނގޭނެއެވެ. އެ އަންހެން ކުއްޖާގެ ފޮޓޯ ކިނާންގެ ފޯނުގައި ޤައިދުކުރެވުނީ ފަޒްލީންއާ ކާވެނި ކުރުމުގެ މާކުރިންނެވެ. އެއީ އެއަންހެން ކުއްޖާ އޭނާއަށް ފެނުނު ދެވަނަ ފަހަރެވެ. އެފަހަރު މާދުރަށް ގޮސް އޮބާ ނުލަނީސް އެ އަންހެން ކުއްޖާގެ ފޮޓޯއެއް އޭނަ ނެގީއެވެ.
އެ ނުދަންނަ އަންހެން ކުއްޖާއަށްޓަކައި ކިނާންގެ ހިތުގައިވާ ޖާގަ ފަޒްލީން އެރޭ ރަނގަޅަށް ދެނެގަތެވެ. ރުޅިއާ ނަފްރަތުގެ ކަނޑަކަށް ފަޒްލީންގެ ނަފްސު ގެނބިގެން ދިޔައެވެ.
"އަހަރެން ބޭނުމެއް ނޫން ކިނާން އާ އިނދެގެން އުޅޭކަށް!.. ވަރިކުރޭ އަހަރެން!" ފަޒްލީންގެ ހިތަށް އައި ހުރިހާ އެއްޗެއް ކިނާންއާ ދިމާއަށް ގޮވުމަށްފަހު އެންމެ ފަހުން އޭނާ ބުނެލިއެވެ. ނަފްސު ހަމައިން ނެއްޓި ރުޅިވެރިކަން އައިސް އޭނާ ވަށާލަމުން ދިޔަޔަސް ކިނާން އެއްޗެއް ނުބުނެވޭތޯ ބެލިއެވެ.
"ކިނާން އަހަރެންދެކެ ލޯތްބެއް ނުވޭ!... ލޯބި ނުވާތަނުގަ އުފަލެއްވެސް ހޯދައެއް ނުދެވުނެއްނު!.. މިޔަކަށް ނުކިޔާނެ ދިރިއުޅުމެކޭވެސް! ކިނާން ލޯބިވަނީ އެހެން މީހެއް ދެކެ!... މިހާރު ބޭނުމެއް ނޫން އެކުގަ އުޅޭކަށް! ވަރަށް ފޫހިވޭ ކިނާން ދެކެ!... ސައިކަލު ހުއްޓާ ނޫނީ އަހަރެން ފުންމާލާނީ!" އައިސްފައިވާ ގަދަ ރުޅިޔާއެކު ފަޒްލީންގެ ނޭވާތައްވެސް ދިޔައީ އަވަސް ވަމުންނެވެ. ފަޒްލީން ގެ ދެއަތުން ކިނާންގެ ބުރަކަށީގައި ތަޅަމުންދިން އިންޒާރަށް ބެލުމެއްނެތި ކިނާން ސައިކަލު ބާރުކޮށްލިއެވެ. އެއިރުވެސް ފަޒްލީންގެ އެ ޝަކުވާތަކާއި ރުޅިވެރިކަން މެދު ކެނޑުމެއްނެތި ކިނާން އަށް އަމާޒުކުރެވެމުން ދިޔައެވެ.
"ތީނީ ވަރިކޮށްފަ! އޯކޭތަ؟!.." އެ ލަފްޒު ކިނާން އަށް ބޭރުކޮށްލެވުނީ ވިސްނުމެއް ނެތިއެވެ. ފަޒްލީންގެ އަޑު ކުއްލިއަކަށް މެދުކެނޑުނެވެ. ހީވީ އެ ކުޑަކުޑަ ލަފްޒުގެ ބުރަކަމާއި ވޭން އެއްފަހަރުން އެ ނަފްސު ޤަތުލުކޮށްލިހެންނެވެ. ސައިކަލުގެ ފަހަތަށް ވެރިވި ލުއިކަމާއެކު، ދެން އިވުނީ ބާރުބާރަށް މަގުމައްޗަށް އެއްޗެއް ޖެހުނު އަޑެވެ. ފަސް އެނބުރި ބަލައިލެވުނު އިރު ފަޒްލީންގެ ބޮލާއި ހަށިނގަޑު ވަނީ ލެއިން ތަތްތެޅިފައެވެ. ބުނެވުނު ބަހުގެ ނުބައިކަމާއި ސުންޕާކަން ކިނާންއަށް އިހްސާސްކުރެވުނީ ވާނެ ހުރިހާކަމެއް ވެ ނިމުމުންނެވެ.
ފަޒްލީން މަރުން ސަލާމަތްވާނެކަމަށް އެކަކުވެސް ތިބީ އުންމީދުކޮށްގެނެއް ނޫނެވެ. ލިބުނު ކުއްލި ހިތާމައިން ކިނާންގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރުގެއްލި ނަފްސާނީ ބަލިކަށިކަމެއްގެ ޝިކާރައަކަށް މަޑުމަޑުން ބަދަލުވަމުންދިޔައެވެ. އިސްޖެހި ވަށައިގެންވާ ދުނިޔެއަށް ފޮރުވިގެން އުޅެން އޭނާ ބޭނުންވިއެވެ. ދިރިއުޅުމުގެ މިހާ ހިސާބުން އޭނާގެ މައިންބަފައިން އަނެއްކާވެސް އޭނާގެ އަތުގައި ހިފިއެވެ. ކާވެންޏަށްފަހު އެދެމީހުންގެ ގުޅުން ބަލައި ނުގަތަސް، ފަޒްލީންގެ ސަލާމަތަށްޓަކައި ގާތްގާތުގައި ކުރެވުނު ދެ އޮޕަރޭޝަނަށްފަހު "ކޯމާ" ގެ އަނދިރި ނިންޖަކަށް ދާންޖެހުނު ފަޒްލީންވެސް އެމީހުން ބަލައިގަތީ ދެނެވެ.
***
"އެނގޭތަ އެ ދުވަހު އަހަންނަށް ފެނުނީ ކޮން އަންހެން ކުއްޖެއްކަން!... އެ އަންހެން ކުއްޖަކީތީ... ފަޒްލީންއާ ކާވެނި ކުރުމުގެ ކުރިންވެސް މިޝްކާ ފެނޭ ތޯ އަހަރެން ހާދަ ހޯދީމޭ..." އަހަރެންގެ ކަނާއަތްތިލަ ނަގައި މޭގައި ޖައްސާލަމުން ކިނާން ބުނެލިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އަހަންނަށް އިނދެވުނެވެ. ކިނާންގެ ދިރިއުޅުމަށް ކުރިމަތިވި ހުރިހާ ހިތްދަތިކަމެއްގެ ފެށުން ގުޅިފައިވަނީ އަހަންނާކަން އެނގުމުން އަހަރެން ވަކިން ދެރަވިއެވެ. ކިނާންފެނުނު ފުރަތަމަ ދުވަހުން ފެށިގެން އަހަރެން ކިނާން ދެކެވި ލޯތްބަކީ އެއްފަރާތުން ވެވުނު ލޯތްބެއް ނޫންކަން އެނގުމުން މުޅިން އެހެން ކަހަލަ ޖަޒުބާތީ އޮއިވަރެއްވެސް އެ ހިނދު ހިތުގައި ދައުރު ވެލިއެވެ.
"ކިނާން މަންމަމެންނަށް އެނގޭތަ ކިނާން ފަޒްލީން ވަރިކުރިކަން..؟!" އެސުވާލު އަހަރެންގެ ދުލުން ބޭރުކުރެވުނީ ކީއްވެ ކަމެއް އަހަންނަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ކިނާންގެ ދިރިއުޅުމުގެ އެ މަޤާމް ހުސްވެފައިވާކަން އެނގުމުން އަހަރެންގެ ހިތް އުފަލުން ފުރިގެން ދިޔަ ކަމެވެ.
"ނޭނގޭނެ! އެކަކަށްވެސް ނޭނގޭނެ!" ފުން ނޭވާއެއް ބޭރުކޮށްލަމުން ކިނާން ބުނެލިއެވެ.
އެދުވަހަށްފަހު އަހަންނާއި ކިނާންގެ ގުޅުން އިހުނަށްވުރެ ބަދަހިވަމުން ގާތްވަމުންދިޔައެވެ. އަހަރެންގެ ވަށައިގެންވާ ނުރުހުމާއި ނަފްރަތަށް ފަރުވާ ބެހެއްޓުމެއްނެތި އަމިއްލަ ނަފްސާ ދޭތެރޭ ވިސްނާ މީހަކަށް އަހަރެން ހެދުނީމެވެ.
ނަމަވެސް ނަފްސު ކޮޅަށް ނަގައި ދިރިއުޅުމުގެ ހަނގުރާމައިގައި މޮޅު ހޯދަން ނިކުންނަ ކޮންމެ ފަހަރަކު ކުރިމަތިލާންޖެހެނީ އެ ނަފްސު އިނދަޖެހި ވަޅުޖަހަން މަޖުބޫރު ކުރުވާ ކަހަލަ ކަމަކާއެވެ. އެއީވެސް އޭގެ ތެރެއިން ދުވަހެކެވެ. ގޭގެ ސިޓިންގ ރޫމުގައި އަތުރާފައިވާ ސޯފާތަކުން ސޯފާއެއްގައި އޮށޯވެލައިގެން އަހަރެން އޮތީމެވެ. އަހަރެންގެ ހުރިހާ ޝައުޤުވެރިކަމެއް ދޫކޮށްލެވިފައިވަނީ ކުރިމަތީ ހުރި ޓީވީއިން ދައްކަމުން ދިޔަ އިނގިރޭސި ޑްރާމާއަށެވެ. ޒޯޔާއައިސް އެތަނުން ސޯފާއެއްގައި އިށީންކަމެއް އަހަންނަކަށް ޏޭނގެއެވެ.
"އެހެން މީހުންނަށް ދެރަ ދީފަ ތިހެން ހަމަޖެހިލައިގެން އޮންނަން ވަރަށް ފަސޭހަ ދޯ؟!" ޒޯޔާގެ އަޑަށް ސިހިފައި ތެދުވެ އަހަންނަށް އިށީނދެވިއްޖެއެވެ. އެއްގެއެއްގައި އުޅުނަސް، މިއީ ހޮސްޕިޓަލުން ގެއަށް ދޫކޮށްލީންސުރެ އަހަރެން ޒޯޔާ ދުށް ފުރަތަމަ ފަހަރެވެ. ކޮޓަރީގެ އެކަހެރިކަމަށް އެ ނަފްސު ދޫކޮށްލައިގެން އެކަހެރިކަމުގައި އޭނާ އުޅޭތާ ދުވަސްކޮޅެއް ވެދާނެއެވެ. އެމޫނުމަތިން ފެންނަ ރިހުމާއި ދުޅަވެފައިވާ ދެލޮލުން އެކަނިވެސް އެހިތް ޒަޚަމްވެފައިވާ ވަރު ރަނަގަޅަށް ދިޔައީ ބުނެދެމުންނެވެ. ޒޯޔާއާ މެދު އެވަގުތުވެސް އަހަރެންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.
"އަހަރެން އެއްވެސް މީހަކަށް ދެރައެއް ނުދެން!.." ބިރުން އިނދެވެސް، އިސްޖަހާލަމުން މަޑު މަޑުން އަހަރެން ބުނެލީމެވެ.
"ދެރަ ނުދޭތީ ދޯ މުޅި ގޭތެރެ މަރުވެފަ އޮތް ގަބުރެއްހެން ހިމޭންވެފަ މިއޮންނަނީ... ކަލޭ މިގޭގަ އުޅޭހާ ދުވަހަކު އަހަރެމެންނަށް އުފަލެއް ނުލިބޭނެ!.." މެހެރުގެ އަޑު އައީ ފަހަތުންނެވެ. މެހުރުގެ އަޑު އައިލެއް ބާރުކަމުން އަހަރެންގެ ހިތްވެސް ބިރުގެންނުވިއެވެ. އެ ދެލޮލުން އެދުވަހު ފެނުނު ނުރުހުން ވެގެން ދިޔައީ އެގޭގެ ހަތަރުފާރުން ބޭރުވުމަށް އަހަންނަށް މަޖުބޫރު ކުރުވި ޙަޤީޤަތަށެވެ. އުއްމުގެ އެދުމާއި އާދޭސްތަކަށް ފުރަގަސް ދިނުމަށްފަހުއެވެ. ކިނާން އަހަރެންގެ އަތުގައި ހިފިއެވެ. އެ ގޭގައި އުޅެން އަހަންނަށް ފަސޭހަ ނުވާނެކަން އެނގުނަސް، ފަހަށް ވިސްނުމެއްނެތި ވަގުތީ ހައްލުގެ އެދުމުގައި އެގެއަށް އަހަރެން ބަދަލުވީމެވެ. ޢަބްދުލްޤާދިރުގެ ރުހުމާއެކުގައެވެ.
އަހަރެން ހީކުރިގޮތަށް އެގޭގެ ދިރިއުޅުން އަހަންނަކަށް ފަސޭހައެއް ނުވިއެވެ. އިފާޝާއާއި ސުރައްޔާގެ ނުރުހުންތެރި ބެލުންތަކާއި ބަސްތައް އެގެއިންވެސް އަހަންނަށް ރައްދުކުރެވެމުންދިޔައެވެ. ހީވާ ކަހަލައެވެ. ދުނިޔެއިން އަހަރެންނަށްޓަކައި ހިޔާވަހިކަމެއް އޭގެ ހަގިގިމާނައިގައި ލިބެންނެތީއެވެ. މީހުންގެ ރުހުމާ ލޯބިވަނީ ދުނިޔެއަށް އުފަންވީންސުރެ އަހަރެންގެ ބަދުނަސީބާ ގުޅިފައެވެ.
ދުވަސްތައް ހޭދަވަމުންދިޔައެވެ. މަޑުމަޑުން ހާލަތާއި ވަގުތަށް އަހަރެންގެ ސިކުނޑިވެސް ހާނަމުން ދިޔައީމެވެ. ކިނާން އާ އެކު އެގޭގައި ހޭދަކުރާ ދުވަސްތަކުގައި ވަޒީފާއަކަށް ދާން އަހަރެން ނިންމީމެވެ. ކިނާންގެ އެހީތެރިކަމާއެކު ވަރަށް ފަސޭހައިން އަހަންނަށް ވަޒީފާއެއް ހަމަޖެހުނެވެ. ވަޒީފާއަށް ދާން ފެށިތާ މަސް ދުވަސް ވި ދުވަހު މުސާރަ ނަގައިގެން އަންނަމުން އަހަރެން ފިހާރައަކަށް ވަނީމެވެ. ކާހިތްވާ ކަހަލަ ބައެއް ސާމާނު ހިފައިގެން ގެއަށް ދިޔަ އިރު ކާމޭޒް ދޮށުގައި ސުރައްޔާއާއި އިފާޝާ ތިއްބެވެ. ގާތުގައި އައިޕެޑް ހިފައިގެން އެއިން ގޭމެއް ކުޅުމުގައި އަޒްކާ އިނެވެ. އަހަރެން ގެނައި ކޮތަޅު ކާމޭޒްމަތީގައި ބެހެއްޓުމަށްފަހު ފެންވަރާ ތާޒާވެލުމުގެ ގަސްދުގައި އަހަރެން ކޮޓަރިއާ ދިމާއަށް ހިގަނއިގަތީމެވެ. އަހަރެން ތަންކޮޅެއް ދުރަށްގޮސް ސުރައްޔާ މެންނާ ދިމާއަށް ބަލައިލެވުނު ވަގުތު އަހަރެން ގެނައި ކޮތަޅަށް ބަލައިލަމުން އިފާޝާގެ ގާތުގައި ސުރައްޔާ ކޮންމެވެސް އެއްޗެއް ބުނެލިތަން ދުށީމެވެ.
ފެންވަރާލައި ތާޒާވެލައިގެން އައިއިރު ސުރައްޔާއާއި އިފާޝާއެއް އެތަނަކު ނެތެވެ. ގޭގަ ގެންގުޅޭ މީހާ އަޒްކާއަށް ކިރުތައްޓެއް ގިރުމުގައި އުޅުނެވެ. އަހަރެން ގޮސް ކާމޭޒް ދޮށުގައި އިށީނުމާ އެކު އަޒްކާ އައިޕެޑް ބޭވުމަށްފަހު އަހަންނާ ގާތަށް ޖެހިލިއެވެ. އަހަރެން ގެނައި ކާއެއްޗެހި ކާން އޭނާ ބޭނުންވިއެވެ. އަހަންނަށް ނޭނގުނީ އަހަރެން ގެނައި ޕީނަޓްބަޓަރަކީ އަޒްކާއަށްޓަކައި ޒަހަރެއް ކަމެވެ. އެގުމެއްނެތި އަހަރެން އެ އެއްޗެހި އަޒްކާއަށް ކާން ދިނީމެވެ. --ނުނިމޭ--