6 Jun 2019

ނުވަ މަސް ފަހުން

ނުވަ މަސް ފަހުން

By: Mariyam Yasma

ނަވާލް ހިނގައިގަތުމުގެ ކުރިން އޭނަގެ އަތަށް މަޑުމަޑުން ފިތައިލި އެވެ. ބަސްބުނުމަކާއިނުލައި އޭނައަށް ހިތްވަރުދިންފަދަ އެވެ.

***

ކުޑައިރުކޮޅެއް ފަހުން ނަވާލް އައިރީން ގޮވައިގެން ދިޔައީ ވޯޓަރ ބަންގްލޯއަކަށެވެ. ދޮރު ހުޅުވާފައި އެނބުރުނުއިރު އައިރީން ފަސްޖެހިފައި ހުރުމުން އަތުގެ އިޝާރާތުން ވަންނަން އެދުނެވެ. ނަސީބަކުން އައިރީން މިފަހަރު ދެކޮޅެއް ނުހަދަ އެވެ. ބޮކިތައް ދިއްލައިލުމާއެކު އެތެރެ ފެނިފައި އާޝޯހުވެގެން އައިރީންއަށް ލޯ ހިންގުނެވެ.

"މީ އައިދަންމެން މިރެއަށް ހިފާފައި ހުރި ސުވީޓް." ނަވާލްގެ ވާހަކަ އަހާފައި އައިރީންގެ ދެފައި ބިމުގައި ތަތްލި އެވެ.

ނަވާލްއާ ދިމާއަށް ބަލައިލެވުނީ ބިރެއް ފެނިގެން އުޅޭމީހަކު ފަދައިންނެވެ.

"ކިހިނެތްވީ؟ ބޭނުމެއް ނޫންތަ އެމީހުން މިތަނަށް އަންނަންވާއިރަށް މިތަން އެބަޑިބަޑިން ޖަހާކަށް. އެއްޗެހިތައް އުކާލާ ހަޑިކޮށްލާކަށް؟ އަހަރެން މިހުރީ ރީންއަށް ހެލްޕް ވާން.." ނަވާލްގެ ވާހަކަ ނިމުމުން އައިރީން ހުރީ ކުޑަކޮށް އަނގަ ހުޅުވިފަ އެވެ.

ނަވާލް ލުއި ހިނގަނޑަކާއެކު މަޑުމަޑުން ބޯ ހޫރާލައިފައި އެހާމެ އަވަހަށް ސީރިއަސްވެލި އެވެ. އޭނަ އިންތިޒާރު ކުރީ އައިރީން ދޭނެ ޖަވާބަކަށެވެ.

"އަހަރެން ބޭނުމެއް ނޫން.." އައިރީން ފަހަތަށް ފިޔަވަޅެއް އަޅާލައިފައި އެތަނުން ނިކުންނަން ވެގެން ދޮރާއި ދިމާއަށް އެނބުރުނެވެ.

"އައިރީން މަޑުކޮށްބަލަ!" ނަވާލް އަވަސްއަވަހަށް ގޮވާލި އެވެ.

ތަޅުގައި ހިފާލައިފައި ވެސް ނަވާލް އެދުމުން އެނބުރި ބަލައިނުލައެއް އައިރީންއަކަށް ނިކުންނާކަށް ނުކެރުނެވެ. އެވަގުތު ނަވާލް އައިސް ކައިރިއަށް ހުއްޓިފައި ވާހަކަދެއްކި އެވެ.

"އެއީ ދޮގެއް. މީ އައިދަންމެންގެ ސްވީޓެއް ނޫން. އެކަމަކު ރީން ބޭނުމިއްޔާ އަހަރެން އަސްލުވެސް ރީނން އެތަނަށް ގެންގޮސްދީފާނަން.." ނަވާލްގެ ވާހަކަ ނުނިމެނީސް އައިރީން ސިހިފައި އަނެއްކާ ވެސް އެދިމާއަށް އެނބުރުނެވެ. "ނަވާލް! ޔޫ އާ ޓެރިބަލް.." އަތް އުފުލާލައިފައި ނަވާލްގެ ކޮނޑުމަތީ ތަޅައިގަންއިރު އައިރީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެ އެވެ.

"ދޮގެއް ހަދައިގެންވެސް ރީންގެ ހިނިތުންވުމެއް ލިބިއްޖެއެއްނު.." ނަވާލް ފަޚުރުވެރިވެލާފައި ޖަވާބުދިނެވެ.

އައިރީންއަށް ކުރެވުނު ކަމަކީ ތަންކޮޅެއް ބާރުލައިފައި އަތުން ނިތުގައި ޖަހައިލުމެވެ. އައިރީންގެ މިހަރަކާތާއެކު ނަވާލް ހިނިގަނޑެއް ޖަހައިލި އެވެ. އައިރީން އަތްތިރިކޮށްލަންވާއިރަށް އެއަތްތިލައިގައި ހިފާލައިފައި އެތެރެއަށް ގެންދަން ފެށި އެވެ. އެބީހުމުން ހިތުގެ ތެޅުން އަވަސްވީ ނަމަވެސް އައިރީން ހުރީ ނަވާލް ގެންދާނެ ތަނަކަށް ގެންދަން ފުރުސަތު ދީގެންނެވެ.

ބެޑްރޫމުތެރެއިން ބިއްލޫރި ދޮރެއް ކަހާލައިފައި ނަވާލް ނިކުތީ ބީޗް ގޮނޑިތައް ބަހައްޓާފައި ހުރި ޕާޓިއޯ އަކަށެވެ. ތާޒާ ވައި ލިބެމުން ދިޔައިރު ދިމާކުރިމަތިން މޫދާއި މަތި ބަލައިލުމުން އުޑުގައި ފިޔަޖަހަމުންދިޔަ ތަރިތައް ހުރީ ފެނންނާށެވެ. އަދި ޕާޓިއޯއާ ގުޅުވައިގެން ފަތާ ފެންގަނޑެއް ވެ އެވެ. ނަވާލް އައިރީން ގެންގޮސް އެތަނުން އެއް ގޮނޑީގައި ބައިންދާގައި އެތެރެއަށް ވަނެވެ. ދެން ނިކުތީ ޖަނަވާރު ކެހެރީގެ މަޑު ރަޖައެއް ހިފައިގެންނެވެ. އައިރީންގެ ދެފައިތިލައިގައި ހިފާ ނަގައި ކުރިމަތީ ހުރި ދިގު ގޮނޑީފައި ބާއްވާފައި އެދެފައި ރަޖައިން ނިވާކޮށްދިނެވެ.

ޖެހިގެން ހުރި ގޮނޑީގައި ނަވާލް އިށީނދެލަންދެން ވެސް އައިރީންއަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ދެން ހަށިފުރާ ނޭވައެއް ދޫކޮށްލައިފައި ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައި މައްޗަށް ނަޒަރު ހުއްޓައިލި އެވެ. ކުޑައިރުކޮޅެއް ވަންދެން އެދެމެދުގައި ވީ ހިމޭންކަމެވެ. ކަންފަތުގައި ހަރުލާފައި ހުރީ ދާދި ކައިރިން ލޮނުގަނޑު ހަރަކާތް ކުރާ އަޑާއި ޖެހެމުންދިޔަ ވައިގެ އަޑެވެ.

"ރީން ނުކައި އައީމަ ބަނޑުހައިވެފައެއްނު ހުންނާނީ. އަހަރެން މިއައީ ރޫމް ސާވިސްއަށް އޯޑަރުކޮށްފައި.." ހިމޭންކަން ފޫދުއްވާލައިފައި ނަވާލް އަންގާލި އެވެ.

"ތޭންކްސް.." އެއޮތްގޮތަށް މަތި ބަލަން އޮވެ އައިރީން ރައްދުދިނެވެ.

ނަވާލް ފޯނު ނަގައި ކުޅެލާފައި މޭމަތީ ބާއްވައިލުމަށްފަހު އައިރީން ފަދައިން ގޮނޑިއަށް ފައި ނަގައި ހަމަޖެހިލި އެވެ. އިސާހިތަކު ތަނަށް ފެތުރުނީ "ދަ ބީޓަލްސް" ގެ "ލެޓް އިޓް ބީ" މި ހިތްގައިމު ލަވަ އެވެ.

ވެން އައި ފައިންޑް މައިސެލްފް އިން ޓައިމްސް އޮފް ޓްރަބްލް، މަދާ މޭރީ ކަމްސް ޓު މީ

ސްޕީކިން ވޯޑްސް އޮފް ވިސްޑަމް، ލެޓް އިޓް ބީއެން އިން މައި އަވާ އޮފް ވީކްނެސް ޝީޒް ސްޓޭންޑިން

ރައިޓް އިންފްރޮންޓް އޮފް މީ

ސްޕީކިން ވޯޑްސް އޮފް ވިސްޑަމް، ލެޓް އިޓް ބީ

ލެޓް އިޓް ބީ ލެޓް އިޓް ބީ ލެޓް އިޓް ބީ ލެޓް އިޓް ބީ

ސްޕީކިން ވޯޑްސް އޮފް ވިސްޑަމް، ލެޓް އިޓް ބީ

އެން ވެން ދަ ބްރޯކެން ހާޓެޑް ޕީޕްލް ލިވިން އިން ދަ ވޯލްޑް އެގްރީ

ދެއާ ވިލްވީ އެން އާންސާ، ލެޓް އިޓް ބީ

ފޯ ދޯ ދޭއި މޭބީ ޕާޓެޑް، ދެއާޒް ސްޓިލް އެ ޗާންސް ދެޓް ދޭއި ވިލް ސީ

ދެއާ ވިލް ބީ އެން އާންސާ، ލެޓް އިޓް ބީ

އައިރީންގެ ރުއިމުގެ އަޑު އަހާފައި ނަވާލްގެ ހިތަށް ހީވީ ތޫނު ކަށްޓެއް ހަރައިލެވުނު ހެންނެވެ. އޭނަ ބަލައިލަން ވާއިރަށް އައިރީން އަވަސް އަވަހަށް ދެއަތުން މޫނު ނިވާކޮށްލި އެވެ. ނަވާލް އަވަހަށް ތެދުވެ އައިރީންއާ ވީ ފަރާތަށް ދެފައި އެލުވާލައިފައި ތެދުވި އެވެ. ކުރާނެ ކަމެއް ނޭނގިގެން އުޅޭ މީހަކު ފަދައިން އިސްތަށިގަނޑަށް އަތް މަހާލައިފައި ތިރިކޮށްލި އެވެ. އައިރީންގެ ނަމުން ގޮވައިލުމުން އޭނަގެ ރުއިން ވީ ގަދަ އެވެ.

"ޝިޓް!" ނަވާލްއަށް ބުނެލެވުނެވެ.

ފޯނުން އިވި އިވި ހުރި ލަވަ ނިއްވައިލީ އައިރީންގެ ރުއިމުގެ ސަބަބަކީ އެއަށް ވެދާނެކަމަށް ޤަބޫލުކުރރެވިގެންނެވެ. އައިރީން ރޯތަން ބަލަން ނުހުރެވިގެން އޭނަ ދެން ކަންތައް ކުރީ ހިތަށް އައި އެންމެ ރަނގަޅު ގޮތަށެވެ. އައިރީންގެ ދެކޮނޑުގައި ހިފާލައިފައި ގޮނޑިން ނެގުމަށްފަހު ގެނެސް ޖައްސައިލީ އޭނަގެ މޭގަ އެވެ. ލިބުނު ސިހުމުގައި ހިނދުކޮޅަކަށް މެދުކެނޑިފައި ވެސް އައިރީން އަނެއްކާ ރޯން ފެށި އެވެ. އެދެއަތުގެ ތެރޭ އައިރީން އަދިވެސް ބޮޑަށް ބާރުކޮށްލައިގެން ހުރެ އޭނަ އައިރީންގެ އިސްތަށިގަނޑުގައި ބޮސްދިނެވެ.

ކާއެއްޗެހި ހިފައިގެން އައިސް ޓަކި ޖެހިއިރު އައިރީންގެ ރުއިންވީ މެދުކެނޑިފަ އެވެ. ނަވާލް އެބަ އަންނަމޭ ބުނެ ދުރަށް ޖެހިލާއިރަށް އައިރީން އަވަހަށް ފުރަގަސްދިނެވެ. ނަވާލް ގޮސް ދޮރު ހުޅުވާލައިފައި އައީ ވެއިޓަރުގެ ފަހަތުގައި ހުރެގެންނެވެ. އޭނަ އެދުނު ގޮތަށް ބީޗް ގޮނޑިތަކުގައި ތިބެ ކެވޭނެހެން ކާއެއްޗެހި އަތުރަ ދިނުމަށްފަހު ނިކުމެގެން ދިޔަ އެވެ. ނަވާލް ކައިރިވީއިރު އައިރީން އިސްޖަހާލައިގެން އިނީ އެމޫނަށް ބަލަން ލަދުގެންފަ އެވެ. އެކަން ވިސްނިގެން ނަވާލް ވެސް އެމޫނަކަށް ނުބަލަ އެވެ.

ކާން އުޅޭށޭ ބުނުމުން އައިރީން މަޑުމަޑުން ބޯޖަހައިލި އެވެ. ހިތް ހަލާކުވެފައި ވިއަސް ދަރިފުޅަށްޓަކައި އޭނަ ކެއުން ދޫކޮށެއް ނުލާނެ އެވެ.

އެތިކޮޅެއް ރަހަ ބަލާލައިފައި މީރު ކަމުން އިސާހިތަކު ކެއުމުގެ މޫޑު އައެވެ. ނަވާލް ގެނުވާފައި ހުރި ޗޮކްލެޓް މިލްކް ޝޭކް ތަށިން އެތިކޮޅެއް ދަމާލައިފައި އެމޫނަށް ބަލައިލެވުނީ ޝުކުރުވެރި ލޮލަކުންނެވެ. ނަވާލްއަށް އޭނަ ބަލައިލިކަން އިހްސާސްވެގެން މޫނު އަނބުރައިލަން އުޅޭހެން ހީވުމުން އަވަހަށް ނަޒަރު ބަދަލުކޮށްލި އެވެ.

"ކޮފީ ބޭނުންތަ؟" ނަވާލް އިރުކޮޅެއް ފަހުން އެހި އެވެ.

އައިރީން ބަލައިލުމާއެކު ނަވާލްގެ އަތުގައި ހުރި ޖޯޑު އުފުލައިލީ ދައުވަތުދޭފަދައިންނެވެ.

"ދޭނަންތަ ހަމަ އަސްލުވެސް؟ އައިރީން އޮޅުންފިލުވަން ބޭނުންވި އެވެ.

ނަވާލް ޖޯޑު ދިއްކޮށްލުމުން އައިރީން އޭގައި ހިފައިލަން އުޅެނިކޮށް ނަވާލް ޖޯޑު ދުރުކޮށްލި އެވެ. އިސާހިތަކު އައިރީންގެ ލޮލުން ކުއްލިއަކަށް ފެންނަން ފެށި ވިދުން ގެއްލުނެވެ. ނަވާލް ކަންބޮޑުވީ އައިރީން އަނެއްކާ ވެސް ރޯން ފަށައިފާނެތީ އެވެ.

"އޯކޭ އައިލް ގިވް. އެކަމަކު އެންމެ ކޯވަރެއް ބޮވޭނީ. އެވެސް އަހަރެން އަތުން.." ނަވާލް އެންމެފަހުން އެއްބަސްވި އެވެ.

އައިރީންގެ ތުންފަތަށް ފެތުރުނު ފުޅާ ހިނިތުންވުމާއެކު އަމިއްލަ ނިންމުމާއިމެދު ނަވާލްއަށް އުފާކުރެވުނެވެ. އޭނަ ގޮނޑީގެ ކައިރިފަށަށް ޖެހިލާފައި ގުދުވެލައި ޖޯޑު އައިރީންގެ އަނގައާ ކައިރިކޮށްލުމުން އޭނަ ހިފައިގެން ހުރި ފަރާތް ނޫން އަނެއް ފަރާތުން ހިފަހައްޓާލައިފައި ކޯވަރެއް ދަމައިލި އެވެ. ނަސީބަކުން އައިރީން އިތުރަށް ބޯން ނޫޅެ ދުރުވެލި އެވެ.

"ހެވެވޭވޭންންން...." ލޯމަރާލަމުން އަކުރުތަކަށް ދަމާލައިފައި އައިރީން ބުނެލި އެވެ.

ނަވާލް ޖަހައިލީ ހިނިގަނޑެކެވެ. އައިރީން ލޯ ހުޅުވާލިއިރު އޭނަ އެންމެ ގަޔާވާ ކޯތާފަތުގެ އަޑިކޮޅާއެކު ބަލަން އިނެވެ.

ތެންކިއު ނަވާލް.." އައިރީން ޝުކުރު އަދާކުރި އެވެ. "ފޯ އެވްރީތިން..

ބުނާނެ އެއްޗެއް ނޭނގިގެން ނަވާލް މަޑުމަޑުން ބޯޖަހާލައިފައި އެނބުރުނީ ކާއެއްޗިއްސާއި ދިމާއަށެވެ. އޭނަ އިރުކޮޅެއް ފަހުން ސިއްރުން ބަލައިލިއިރު އައިރީން ގަޔާވެފައި ކާން އިނެވެ. ހިތުގައި މަޑު ރިހުމެއް އުފެދުނީ އައިރީން އަކީ އަދިވެސް އައިދަންގެ ހައްޤެއްކަން ހަނދާންވެފަ އެވެ. މިނޫން ހާލަތެއްގައި އޭނައާ އައިރީން ދިމާނުވީ ކީއްވެ ހެއްޔެވެ؟ އައިދަންގެ އަންބަކަށް ވުމުގެ ކުރިން ނުފެނުނީ ކީއްވެ ހެއްޔެވެ؟

ހަޤީޤަތަކީ ވިހެއުމަށްފަހު އިއްދައިގެ މުއްދަތު ހަމަވެ އެދެމެދުގައި އޮތް ގުޅުން ކެނޑުނަސް އޭނައާއި އައިރީންގެ މެދުގައި ލެވިފައިވާ ފާރު އެގޮތުގައި ހުންނާނެ ކަމެވެ. ކޮންމެ ގޮތެއް ވިއަސް އައިދަން އަކީ އޭނަގެ ކޮއްކޮ އެވެ. އަދި އައިރީންއާ ކައިވެނިކޮށްގެން އަނެއްކާ ވެސް ގެންދަން އޮތީ އެއާއިލާގެ ތެރެއަށް ކަމެވެ. އެއީ އާއިލާގެ އެކަކު ވެސް ރުހުން ދޭނެ ކަމެއް ނޫނެވެ. ދެން އޮތީ އޭނަ އޭނަގެ އާއިލާ ދޫކޮށްލުމެވެ. އެކަމަކު އެއީ އަދި އައިރީން އޭނައާ ގުޅެން ބޭނުންނަމަ އެވެ. އައިދަން ދިން ހިތި އަނިޔާއަށްފަހު އައިދަންގެ އާއިލާގެ އެއްވެސް މީހަކާއި ގުޅެން އައިރީން ބޭނުން ނުވުމަކީ ނުހަނު ބޮޑަށް އެކަށީގެންވާ ކަމެކެވެ. އައިރީންއަށްޓަކައި އެދެމީހުންގެ ގުޅުމަކީ ހަމައެކަނި އެކުވެރިކަމާއި ހަމައިން ނިމެން އޮތް އެއްޗަކަށް ވެއްޖެއްޔާ އޭނަގެ ހިތް ހަލާކުވެދާނެ އެވެ. އެހެން ހިތަށް އެރުމުން ވެސް ނޭވާ ހާސްވާހެން ހީވި އެވެ.

"އެބަ އަންނަން.." ނަވާލްގެ އަޑު ނިކުތީ އާދައިގެ ވަރަށްވުރެ ބަލިކަށި ކޮށެވެ.

އައިރީން ބަލައިލަން ވާއިރަށް ފުރަގަސްދީފައި ދިގު ފިޔަވަޅު ތަކާއެކު ގޮސް އެތެރެއަށް ވަނެވެ. އައިރީން ފެންނަ ހިސާބުގައި ކޮޓަރިތެރޭ ދެކޮޅަށް ހިނގަން ހުރެފައި އެނދުގައި އިށީނދެ ކަކޫމަތީ ދެއުޅަބޮށި ވިއްދާލައިފައި ހިއްލާލައި ދެއަތްތިލަ ތެރޭ މޫނު ފޮރުވައިލެވުނެވެ. އިރުކޮޅެއް ފަހުން އޭނަގެ ސަމާލުކަމަށް އައީ ވައިބްރޭޓް ވާން ފެށި ފޯނެވެ. ނަގައި ބަލައިލިއިރު އާހިލް ގުޅަނީ އެވެ.

"ހަލޯ ނަވާލް. އައިރީން އެބަހުރިތަ ފެންނަ ހިސާބުގައި؟ ދުށިންތަ އޭނަ؟" އާހިލް ކަންބޮޑުވެފައިވާ އަޑަކުން ސުވާލުކުރި އެވެ.

އޭނަ ޖަވާބުދީ ނިމުމާއެކު ދެން އިވުނީ ރާމީންގެ އަޑެވެ.

"ރީން ފޯނު ނުނަގާ ކޮންތާކަށް ދިޔައީ؟ ނޭނގޭތަ އަހަރުމެން ކަންބޮޑުވާނެ ވަރެއް.." ރާމީން ވާހަކަދައްކަދައްކާ ހުއްޓާ ނަވާލް ފޯނު ކަންފަތާއި ދުރުކޮށްލާފައި ގެންގޮސް އައިރީން އަތަށް ދިއްކޮށްލި އެވެ.

އައިރީން އެއަތުން މޫނަށް ބަލައިލާފައި ފޯނުގައި ހިފި އެވެ. ކަންފަތުގައި ޖަހާފައި ހަލޯއޭ ބުނެލުމާއެކު ރާމީން ޝަކުވާ ކުރަން ފެށި އެވެ. ނަވާލް ކުރިން އިން ތަނުގައި އިށީނދެ އިނީ އައިރީންގެ ހިމޭންކަމަށް ބަލާށެވެ. އައިރީންއަށް އެއްޗެއް ބުނާނެ ފުރުސަތެއް ލިބުނީ ރާމީން ދައްކަން އޮތްހާ ވާހަކައެއް ދައްކާ ނިމުނީމަ އެވެ.

"ދައްތަ އެއީ." ރާމީން ނިމިގެން ފޯނު އަނބުރާ ދެމުން ބުނެލި އެވެ.

ކުޑައިރުކޮޅެއް ފަހުން ދެމީހުން އެތަން ދޫކޮށް އައިކޮޅަށް ހިނގަމުންދިޔަ އެވެ. ކޮޓަރިއާ ކައިރިއަށް ނުދެވެނީސް ރާމީން ދޮރުމަތީ ހުއްޓާ ފެނުނެވެ. އައިރީން ހުއްޓުނުކަން ފާހަގަވެގެން ނަވާލް އެމޫނަށް ބަލައިލި އެވެ.

" އަހަރެން މިއުޅެނީ މާދަމާ ގެއިން ނިކުންނަން. ދައްތަ ކައިރިއަށް ބަދަލު ވާން.." އައިރީން އިއްވައިލި އެވެ.

އެއަޑު އަހާފައި ނަވާލްގެ ނޭވާ ހުއްޓުނުފަދަ އެވެ. ދެބުމަ ކައިރިކޮށްލެވުމާއެކު އަވަސް އަވަހަށް އެމޫނަށް ބަލައިލެވުނެވެ.

"ފުރަތަމަ އަހަރެން އައީ އައިދަން އަނބުރާ ލިބޭނެކަމަށް ނިންމައިގެން. އެއީ ނުވާނެ ކަމެއްކަން ޤަބޫލު ކުރެވުނީމަ ދެން ބޭނުން ވީ އޭނަ މެރީކުރާތަން ދެކިފަ ދާން. ސޯ އިޓްސް ޓައިމް..." އައިރީން އިތުރު ތަފްޞީލު ދިނެވެ.

ރައްދުގައި ބުނަން ބޭނުންވި ކިތަންމެ ވާހަކައެއް ވީ ނަމަވެސް ނަވާލް ޖަވާބުދިނީ ހަމައެކަނި ބޯޖަހައިލުމަކުންނެވެ. އައިރީން ކުރިއަށް ދާން ފުރުސަތު ދީފައި އޭނަ ދެން ހުއްޓި ހުރީ އެވެ.

"ކޮންތާކު އުޅެފަ ރީން ތިއައީ؟ ކީއްވެ ރީން ކައިރީ ނަވާލް އެހުރީ؟" އައިރީން ގޮސް ކައިރިވުމާއެކު ރާމީން ސުވާލުކުރި އެވެ.

ޖަވާބުދިނުމުގެ ބަދަލުގައި އައިރީން ވަނީ ކޮޓަރިއަށެވެ. އާހިލް އެތަނުގައި ހުރެފައި ދެބެންއަށް ފުރުސަތު ދިނުމަށްފަހު އިހަށް ނިކުމެލީ ބޭރަށެވެ. އައިރީން ކިޔައިދިނީ އޭނަ އެކަނި ދަނިކޮށް ނަވާލް އޭނައާއެކު ދިޔައީ ކަމަށެވެ. އެދެމެދުގައި އޮތް ގުޅުމާއި ބެހޭގޮތުން ދައްތަ އެހުމުން ނަވާލް އަކީ މިހާރު އެކުވެރިއެއްކަން ބުނެދިނެވެ. އެއަޑު އަހާފައި ރާމީން ބަލަން ހުރީ އެކަން ޔަޤީންނުކުރެވިފައި ހުރި މީހަކު ފަދައިންނެވެ.

"ކިހިނެތްވީ؟" އައިރީންއަށް ސުވާލުކޮށްލެވުނެވެ.

"ނަވާލްގެ ނުހުންނާނެ އަންހެން އެކުވެރިންނެއް.." ރާމީންގެ ޖަވާބު އަހާފައި މިފަހަރު ހައިރާންވީ އައިރީން އެވެ.

"އަހަރެން އެގޭގައި އުޅުނުހާ ދުވަހު އަހަންނާއި އަނގައިން ބުނި ދުވަހެއް ހަނދާން ނެތް. ނިޝާލްއާ ވެސް އޭނަ ނޯންނާނެ އެހާ ގުޅުމެއް. އަދި އަހަރެން މީ ކާކު... ހޫމ އެވާހަކައެއް ނޫނޭ ނުވެސް ކައެއްނު ދިޔައީ. ހިނގާ އެއްޗެއް ކައިގެން ފުރަން ދާން. އަހަރެން ބޭނުމެއް ނޫން މިރޭ މިތާ ތިބޭކަށް. އާހިލް ވެސް އެއްބަސްވެއްޖެ ދާން.." ރާމީން ވާހަކަދައްކަ ދައްކާފައި ވަކި ހިސާބަކުން މައުޟޫ ބަދަލުކޮށްލި އެވެ.

އައިރީން ކައިފީމޭ ބުނެ ޖަވާބުދިންއިރު ވެސް ވިސްނުން ހުރީ ދައްތަ ނަވާލްއާ ބެހޭގޮތުން ދެއްކި ވާހަކައަށެވެ. ނަވާލް އަންހެންކުދިންނާއި އެކުވެރިންކަން ނުބާއްވާއިރު އޭނައަށް އެމަޤާމު ލިބުނީ ކިހިނެތްތޯ އާއި އޭނަ ހާއްސަ ވި ސަބަބަކާއިމެދު ހިތާއި ހިތުން ސުވާލުކުރެވުނެވެ.

***

އެކުވެރިން ފަރާތުން ސަލާމަތް ވެގެން އައިދަންއަށް އާދެވުނުއިރު ނިޝާލް ކުރިން ކޮޓަރިއަށް އަތުވެއްޖެ އެވެ. ވަދެ ދޮރު ތަޅުލާފައި އެތެރެއަށް އެޅި ކޮންމެ ފިޔަވަޅަކާއެކު ހިތުގެ ތެޅުން އަވަސްވެގެން އައެވެ. އުއްބައްތި ތަކާއި ޤުދުރަތީ މާމެލާ މެލިން ކޮޓަރިތެރެ ޒީނަތްތެރިކޮށްފައި ހުރީ އެރެއަށް އެންމެ އެކަށޭނަ ގޮތަށެވެ. ބެޑްރޫމްތެރެ ބަލާލިއިރު ނިޝާލް ލައިގެން އުޅުނު ކައިވެނީގެ ހެދުން އޮތީ އެނދުމަތީގަ އެވެ. އެހެދުން ނިޝާލްގެ ހަށިގަނޑާއި ވަކިކޮށްލުމުގެ އެދުން ހިތުގައި އޮތަސް އޭނަ ހިތްހަމަ ޖައްސައިލީ ނިދާ ހެދުމުގައި ފެންނާނެގޮތް ހިތަށް ގެންނަމުންނެވެ.

ގޮސް ފާޚާނާ ދޮރާއި ކައިރިވެލީއިރު އެތެރެއިން ފެން އޮހޭ އަޑު އިވެ އެވެ. ނިޝާލް ފެންވަރަން ހުއްޓާ ވަންނަން އުޅެފައި ވެސް މަޑުޖެހިލީ އޭނަ އަމިއްލައަށް ނިކުންނަން ދެނެވެ. އެއިރުން ނިޝާލް މާ ލަދުގަންނާނެ އެވެ. ރަތްޓެހިވެގެން މިހާ ދުވަހު އުޅުނުއިރު ވެސް މަދު ފަހަރެއްގައި ލިބުނު ތުންފަތުގެ ހަދިޔާއެއް ނޫން އެހެން ގާތްކަމެއް ލިބިފައެއް ނެތެވެ. ޒަމާނީ އުޅުމެއް ހުއްޓަސް އެއީ ނިޝާލްގެ ތަފާތު ސިފަ އެކެވެ.

ކޯޓު ބާލައި ބާއްވާފައި އައިދަން ޕާޓީއޯއަށް ނިކުމެ ފޯނާއި ކުޅެން އިނީ ބީޗް ގޮނޑީގަ އެވެ. ހަފްލާގައި ބައިވެރި ނުވެވުނު އެކުވެރިން ފޮނުވާފައިވާ ތަހުނިޔާގެ މެސެޖްތައް ކިޔާފައި ތުންފަތަށް ހިނިތުންވުން ވެރިވި އެވެ.

ނިޝާލް ނިކުމެދާނެއޭ ހީވުމުން ތެދުވެގެން އެތެރެއަށް ވަންއިރު ކޮޓަރިތެރެ ފެނުނީ އަދިވެސް ހުހަށް އޮތްވަ އެވެ. އައިދަން ގޮސް ދޮރުފަތުގައި އަތް ޖައްސާލުމާއެކު ދޮރު ހުޅުވިއްޖެ އެވެ. އޭނަގެ ހިތް ތެޅިގަތީ ފާޚާނާ ހުހަށް އޮތްވާ ފެނިގެންނެވެ. މާގަނޑު ދޫކޮށްފައި ހުރިއިރު އެއިން މެދުކެނޑުމެއްނެތި މުށިގަނޑަށް ފެން އެޅިއެޅި ހުއްޓެވެ. ކަންބޮޑުވެގެން އަތުން ނިތުގައި ހިފާލައިފައި އޭނަ ނިޝާލްއަށް ގޮވަމުން ހިނގައިގަތެވެ. ބަންގްލޯގެ އެއްވެސް ހިސާބަކުން ނިޝާލް ނުފެނުމުން ފޯނު ނަގައި ގުޅަން ތައްޔާރުވި އެވެ. އެނދުމަތީ އޮތް ހެދުން ދަށުން ފެންނަން އޮތް ކަރުދާސްކޮޅެއްގެ އެއްބައި ފެނުނީ އެނދުގައި އިށީންތަނާ އެވެ. ނަވާލް އެއަށް ދަމައިގަތްއިރު އެއީ ފަތްޖަހާލައިފައި އޮތް ނޯޓެކެވެ.

ތެޅި ތެޅި އޮތް ހިތަކާއެކު ފޯނު އެނދުމައްޗަށް ދޫކޮށްލައިފައި ނޯޓް ނިއުޅާލިއިރު އޭގައި އޮތީ ނިޝާލްގެ އަތުލިއުމެވެ.

ނުނިމޭ

ދިގު ވާހަކަ

Popular