10 Jun 2019

ނުވަ މަސް ފަހުން

ނުވަ މަސް ފަހުން

By: Mariyam Yasma

* ޖޫން 6 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ތެޅި ތެޅި އޮތް ހިތަކާއެކު ފޯނު އެނދުމައްޗަށް ދޫކޮށްލައިފައި ނޯޓް ނިއުޅާލިއިރު އޭގައި އޮތީ ނިޝާލްގެ އަތުލިއުމެވެ.

"އައިމް ސޮރީ އައިދަން. އައި ކާންޓް ޑޫ ދިސް." ނޯޓްކޮޅު ކިޔާ ނިމުމާއެކު އައިދަންގެ މުށުތެރޭ ބޮނޑިކކޮށްލެވުނެވެ.

މޭގައި އުފެދުނު ފުން ރިހުމާއެކު ލޮލަށް ކަރުނަ ޖަމާވި އެވެ. އުމުރުގެ ފުރަތަމަ ކެހި މިހާ އަނިޔާވެރި ގޮތަކަށް ލިބިދާނެ ކަމަކަށް ކުޑަކޮށް ވެސް އުންމީދެއް ނުކުރެ އެވެ. ނިޝާލް އޭނައަށް އެ ހާސިލް ވީ ހާދަ ދިގު އިންތިޒާރެއްގެ ފަހުންނެވެ. އެކަމަކު ނިޝާލްގެ ކުރު ނޯޓާއެކު އޭނަގެ ހުރިހާ ހުވަފެންތަކެއްގައި ހުޅުޖަހައިފި އެވެ.

އިސްޖެހިފައި އިރުކޮޅަކު އިނުމަށްފަހު އައިދަން ކޮޅަށް ތެދުވީ އަނެއްކާ ވެސް ފޯނު ހިފައިގެންނެވެ. ނިޝާލްގެ ނަންބަރަށް ގުޅާފައި ގެނެސް ކަންފަތުގައި ޖެހި އެވެ. ނޯޓެއްގައި އޮތް ދެތިން ލަފްޒަކުން އެގުޅުމެއް ނުކެނޑޭނެ އެވެ. ނިޝާލްއަކީ މިހާރު އޭނަގެ އަނބިމީހާ އެވެ. އޭނަ ކޮންމެތާކުން ވިއަސް ނިޝާލް ހޯދާނެ އެވެ.

***

އައިރީން ފަދައިން ރާމީން ވެސް ބޭނުންވީ އެރޭ އެރަށުގައި މަޑުނުކޮށް އެނބުރި ދާށެވެ. ނަސީބަކުން ކަނޑުވެސް ގަދައެއް ނޫނެވެ. ލޯންޗް ދަތުރުގައި ރާމީން އިނީ އާހިލްގެ ކޮނޑުގައި ހަށިގަނޑުގައި ލައްވެލައިގެން އަނެއް އަތުން އއައިރީންގެ އަތުގައި ހިފާލައިގެންނެވެ. ކޮއްކޮގެ ހިތަށް ކުރާނެ އަސަރު ހިތަށް އަރާފައި އޭނަގެ ހިތުގައި ރިހެމުން ދިޔަ އެވެ. ދެރައީ އެއުދާސްތައް ހިތުން ނެރެދޭން އޭނައަށް ކޮށްދެވޭނެ ކަމެއްވެސް ނެތީމަ އެވެ.

ހެނދުނުން އެތިކޮޅު ގެނެވިދާނެ ކަމަށް ބުނެފައި ރާމީން އައިރީން ގެންދިޔައީ އެމީހުންނާއެކު އެގެއަށށެވެ. އައިރީންގެ ޖަވާބު އައީ ހަމައެކަނި ބޯޖަހައިލުމަކުންނެވެ.

"ކޮބާ ރީން؟" އައިރީން ނިދަން ކޮޓަރިއަށް ގެންގޮސްފައި ރާމީން އެނބުރި އައިސް ވަނުމާއެކު އާހިލް އެހި އެވެ.

"ނިދަން އޮށޯވެއްޖެ..." ދޮރު ލައްޕާފައި އެނބުރެމުން ރާމީން ޖަވާބުދިނެވެ.

އޭނަ ރީތިވާ މޭޒު ކައިރީ ހުރެ ގަހަނާތައް ބާލާފައި މޭކަޕް ސާފުކުރިއިރު އާހިލް އެމަންޒަރު ބަލަން ބާލީސްތަކުގައި ލެނގިލައިގެން އިނެވެ. މަސައްކަތް ނިމުމުން ރާމީން ގޮސް ވަނީ ފާޚާނާއަށެވެ. އިންތިޒާރުގައި އިނދެ އިނދެ ރާމީންގެ ޚަބަރެއް ނުވުމުން އާހިލްގެ ހިތް ތެޅެން ފެށި އެވެ. އޭނަ ތެދުވެގެން ގޮސް ދޮރުގައި އަތްލީއިރު އެތެރެއިން ތަންޑު އަޅައިފަ އެވެ.

"ރާމީ! ޔޫ އޯކޭ؟" އާހިލް ގޮވައިލި އެވެ.

ރާމީންގެ ޖަވާބެއް ނައުމުން ދެވަނަ ފަހަރަށް ގޮވާލަން އުޅެނިކޮށް ދޮރު ހުޅުވުނެވެ. ރުއިމުގެ ސަބަބުން ރަތްވެފައިވާ ރާމީންގެ ދެލޯ ފެނިފައި އާހިލްއަށް ކުރެވުނީ އެމޭ ފިތިގެންދިޔަފަދަ އިހްސާސެކެވެ. ރާމީން އައިސް އޭނަގެ މޭގައި މޫނު ފޮރުވާލުމުން އެދެއަތުން އޭނަ ރާމީން ވަށައިލި އެވެ.

"އަހަރެން މީ ކޮންކަހަލަ ދައްތައެއް؟ ... އެހުރިހާ ކަމެއް އަހަރެންގެ ކުރިމަތީ ވެ ނިމިގެން ދިޔައިރު އަހަރެން ހުރީ ހިމޭނުން މަންޒަރު ބަލަން، އެތާ ތިބި ދުރުހިލޭ މީހުންނާއި އަހަންނާއި ހުރީ ކޮންތަފާތެއް؟" ވާހަކަދެއްކޭވަރު ވުމުން ރާމީން މޫނު ދުރުކޮށްލާފައި އާހިލްގެ މޫނަށް ބަލަން ހުރެގެން ރޮވިފައިވާ އަޑަކުން ވާހަކަދެއްކި އެވެ.

"ރާމީ! ތިހެން އަމިއްލަ ނަފްސު ބްލޭމް ނުކޮށްބަލަ. އޭގަ ރާމީއަށް ކުރެވޭނެ ކަމެއް ނެތް..." އާހިލް އެމޫނުގެ ދެފަރާތުން ހިފާލައިގެން ހުރެ ރާމީންއަށް ވިސްނަދޭން މަސައްކަތް ކުރި އެވެ.

"ނޫން. ނުވާނެ އެހެނެއް. އަހަންނަށް ކުރެވޭނެ އެތައް ކަމެއް ވި." ރާމީން އާހިލްގެ ދެއަތުގައި ހިފާ ދުރުކޮށްލާފައި އަނެއްފަރާތަށް އެނބުރި ހުރެގެން ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"މިސާލަކަށް އަހަންނަށް އެކައިވެނި ހުއްޓުވަން ކޮންމެވެސް ކަމެއް ކުރެވުނީސް. އައިދަން އަހަރެން ބުނނާ އެއްޗެއް ނޭހިއްޔާ އެންމެންތެރޭ އޭނަގެ ހަޤީޤަތް ހާމަކުރެވުނީހެއްނު. ކީއްކުރަން އަހަރެން ނިޝާލްއާ ދޭތެރޭ ވިސްނަންވީ؟ އޭނަ އެއީ މާރަނގަޅު މީހެއްތަ؟" ރާމީން ބޮލުގެ އިސްތަށިގަނޑުގައި ހިފާލައިފައި ދެކޮޅަށް ހިނގަމުން ކިއެވެ.

އޭނައަށް ހުއްޓެވުނީ އާހިލް ގޮސް އޭނަ ކުރިބެއްދީމަ އެވެ. އެމޫނަށް ބަލައިލެވުނީ އޭނަ ނިޝާލްއާ ބެހޭގޮތުން އެބުނި އެއްޗަކުން އާހިލް ހިތްހަމަނުޖެހުނީބާވައޭ ހިތަށް އަރައިފަ އެވެ.

"އެއިރުން ވަކި ކޮންކަމެއްވާނީ ރާމީ؟ ގަދަކަމުން އައިދަންއާ ރީން ގުޅުވޭނެ ކަމަށް ހީކުރުމަކީ މޮޔަކަމެއް... އެއިރުން ވަކި ރީންއަށް ލިބެންޖެހޭ އަޅައިލުމާއި ލޯބި އައިދަން ދޭނެތަ؟ ނުދޭނެ. އަހަންނަށް އައިދަން ވަރަށް ރަނގަޅަށް އެނގޭތީ މިބުނަނީ.." އާހިލްގެ ވާހަކަ ނިންމާފައި ރާމީންގެ ކޮނޑުމަތީ އަތް ބާއްވައިލި އެވެ.

އެވަގުތު ރާމީން އަނެއްކާ ވެސް ބޯ ހޫރަން ފެށީ އެވާހަކަ ޤަބޫލުނުކުރަން ވެގެންނެވެ. އޭނައަށް ކޮންމެވެސް ކަމެއް ކުރެވެން ވާނެ އެވެ. އެހެން އަތް އުރާލައިގެން ހުރުމަކީ އެއްގޮތަކަށް ވެސް ކަންތައްކޮށްގެން ވާނެ ގޮތެއް ނޫނެވެ.

"މިގޮތަށް ވިސްނަބަލަ! ފަހަރެއްގަ ރީންއަށް އައިދަންއަށްވުރެ މާ ރަނގަޅު މީހަކު ވެސް ލިބިދާނެއެއްނު..." އާހިލްގެ ވާހަކަ އަހާފައި ރާމީން ސިހިފައި އެމޫނަށް ބަލައިލި އެވެ.

ރާމީން އެއްޗެއް ބުނަން އަނގަ ހުޅުވާލައިފައި ވެސް ލައްޕައިލި އެވެ. އެވަގުތަށް ދެން އެކަމާއި ވިސްނުން ހުއްޓައިލާށޭ ބުނެފައި އާހިލް އޭނަގެ އަތުގައި ހިފައިގެން އެނދާއި ދިމާއަށް ދިޔަ އެވެ. އާހިލް ބިތްދޮށަށް އަރައި އޮށޯވެލުމުން ރާމީން އޮށޯވެލީ މަގަތުގަ އެވެ.

ނިދެމުން ދިޔައިރު އޭނަގެ ސިކުނޑީގައި ވީ ކުޑައިރުކޮޅެއް ކުރިން ރާމީން ކައިރީ ބުނެވުނު ވާހަކަ އެވެ. އޭނަ އެހެން ބުނެލިއިރު ހިތަށް އައީ ނަވާލް އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މަސްލަހަތަށްޓަކައި އައިރީންއަކީ ނަވާލްގެ ލޯބިވެރިޔާއޭ ބުނެ އެދެމެދުގައި އާގުޅުމެއް އުފައްދައި ނަމެއް ދިނީ އެމީހުންނެވެ. އެކަމަކު އެދުވަހުން ފެށިގެން ނަވާލް އާއި އައިރީންގެ މެދުގައި ކޮންމެވެސް ހާއްސަ ގުޅުމެއް އުފެދި ބަދަހިވަމުން އަންނަކަމުގައި އޭނައަށް ވަނީ ޝައްކުވެފަ އެވެ. ފަހަރެއްގައި އެއީ އޭނައަށް ހީވާ ގޮތަކަށް ވެސް ވެދާނެ އެވެ. ނޫނީ އެއީ ހަމައެކަނި އެކުވެރިކަމަށް ވެސް ވެދާނެ އެވެ.

*** އެނދުގައި ފުރޮޅި ފުރޮޅި އައިރީންގެ ލޮލަކަށް ނިންޖެއް ނައެވެ. ނުބައި ހިޔާލުތައް އައިސް ހިތް ވަށާލަން މަސައްކަތް ކުރަމުން ދިޔައިރު ވެސް ރޯކަށް ބޭނުމެއް ނުވި އެވެ. އޭނަގެ އަގުހުރި ކަރުނަތަކަކީ އައިދަންފަދަ މީހަކަށްޓަކައި އޮހޮރަން ޖެހޭ އެއްޗެއް ނޫންކަން ހިތަށް ވިސްނައިދެމުން ދިޔަ އެވެ. އެކަމަކު ހަމަ ލޯ މަރާލާއިރަށް ވެސް ހިތަށް ފެންނަނީ އައިދަން އެވެ. ނިޝާލް އެވެ. އައިދަންގެ ތުންފަތުގައި ވި ހިނިތުންވުމެވެ. އެލޮލުން ނިޝާލްއަށް ބެލި ގޮތެވެ. އޮށޯވެ އޮތުމުން އަދި ހީވަނީ ނޭވާ ހާސްވާ ހެންނެވެ.

އެނދުން ތެދުވެ ތިރިއަށް ދެފައި އެލުވާލައިގެން އިންދާ ފޯނަށް މެސެޖެއް އައިސްގެން ދިއްލުނެވެ. އެގަޑީގައި މެސެޖު ކުރާނީ ކާކު ބާވައޭ ހިތަށް އެރި އެވެ. ދެން ހިތަށް އެރީ އެއީ ބޭނުންކުރާ ނެޓުވޯކުން ފޮނުވި މެސެޖަކަށް ވެދާނެ ކަމުގަ އެވެ. ފޯނުގައި އަތްނުލާން އިންދާ ދެވަނަ މެސެޖެއް ވެސް އައިކަން އިޢުލާން ކުރި އެވެ. އައިރީން ފޯނު ނެގީ ދެނެވެ.

އޭނަ ހައިރާންކޮށްލީ އެއީ ނަވާލްގެ މެސެޖެއްކަން އެނގުނީމަ އެވެ. ނަވާލް މިހާ ދަންވަންދެން ނުނިދާ ކުރަނީ ކީއް ހެއްޔެވެ؟ އޭނައަށް އެނގިފައިވާ ގޮތުން ނަވާލް އަމިއްލަ ނިދީގެ ކުރިއަށް އެއްވެސް ކަމެއް އިހެއް ނުކުރާނެ އެވެ.

ފުރަތަމަ މެސެޖު ހުޅުވިއިރު އޭގައި އޮތީ އޭނަ ހޭލާ ހުރިތޯ އެވެ. ދެވަނަ މެސެޖުގައި އޮތީ އޭނަގެ ލޮލަށް ނިދި ނައިސްގެން އުޅޭ ވާހަކަ އެވެ. ދެފިކުރެއްގައި އިނދެފައި އައިރީން ޖަވާބު ލިޔެލި އެވެ. އޭނަ އެހީ ނަވާލްގެ ލޮލަށް ނިދި ނައިސްގެން އުޅެނީ ކީއްވެތޯ އެވެ. ކުޑައިރުޅަކު މެސެޖަށް ބަލަން އިނދެފައި ހިޔާލު ބަދަލުވުމުގެ ކުރިން ފޮނުވައިލި އެވެ.

ސިކުންތުކޮޅެއްގެ ތެރޭގައި ޖަވާބު އައިވަގުތު އައިރީން ދިޔައީ ސިއްސައިގެންނެވެ. އޭނަ އަވަސް އަވަހަށް މެސެޖު ހުޅުވައިލި އެވެ.

"ތިންކިން އެބައުޓް ޔޫ..."މެސެޖު ކިޔާފައި މެއަށް ފިނިވެގެން އައެވެ.

އެއާމެދު ގޮތެއް ނުނިންމިގެން އުޅެނިކޮށް އެހެން މެސެޖެއް އައެވެ.

" ވޮރީޑް އެބައުޓް މައި ނިއު ފްރެންޑް(ޔޫ)" މެސެޖު ފެނިފައި އައިރީންގެ ތުންފަތަށް މިފަހަރު ވެރިވީ ލުއި ހިނިތުންވުމެކެވެ.

އޭނަ ދެން ރައްދު ލިއުނީ ދައްތަ ބުނި ވާހަކައާއެކުގަ އެވެ. އެއީ ނަވާލްގެ އަންހެން އެކުވެރިން ނުހުންނަ ވާހަކަ އާއި އެއީ ތެދެއްތޯ އެވެ. ނަވާލް ފޮނުވި ޖަވާބު ކިޔާފައި އައިރީންގެ ހިނިތުންވުން ފުޅާވި އެވެ. އޭނަ ބުނެފައި އޮތީ އޭނަދެކެ އަންހެންކުދިން ބިރުގަންނާތީ އަދި މިހާތަނަށް އެފަދަ ގުޅުމެއް އުފެދިފައި ނުވަނީ ކަމަށެވެ.

"އެއްގޮތަކަށް ވެސް ބިރުވެރިއެއް ނޫން. ޔޫ އާ ވެރީ.... ކައިންޑް.." އައިރީން ޖަވާބު ފޮނުވާފައި ފެން ތައްޓެއް އަޅައިގެން ބޯން ފެށި އެވެ.

ބޮއި ނުނިމެނީސް ފޯނު ދިއްލުމުން އަވަހަށް މެސެޖު ހުޅުވައިލި އެވެ.

"ތެންކިއު ފޯ ދި ކައިންޑް ވޯޑްސް.." ނަވާލް ލިޔެފައި އޮތެވެ.

ދެން ދޭނެ ޖަވާބެއް ނޭނގިފައި އިންދާ ހިމޭންކަން ދިގުވި އެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ނަވާލް ގެނެސްދިން ހަމަޖެހުން ހިތުން ފިލައި ހިތް ނުތަނަވަސްވި އެވެ. ލޮލަށް ކަރުނަ ޖަމާވެ ހިންދިރުވައިލަން ދަތިވާ ހިސާބަށް ދިޔަ އެވެ. ފޯނު އަލުން ވައިބްރޭޓް ވުމާއެކު ބަލައިލީ އަނެއްކާ ވެސް މެސެޖެއް ކަމަށް ހީކޮށްފަ އެވެ. އޭނަގެ މެއަށް ފިނިވެލީ ނަވާލް ގުޅާތަން ފެނިފަ އެވެ. ކަންބޮޑުވެގެން ތުންފަތް ހަފަން ފެށުނެވެ. ނުނަގައި ގިނައިރުވެއްޖެނަމަ ނަވާލް ފޯނު ކަނޑައިލަފާނެތީ ބިރުން އަވަހަށް ފެހި ފިތަށް އޮބައިލި އެވެ. ދެން ފުން ނޭވައެއްލައި އަމިއްލަ ނަފްސް ހަމައަކަށް އަޅުވައިލަން މަސައްކަތް ކުރަމުން ގެނެސް ކަންފަތުގައި ޖެހި އެވެ.

"ހައި.." އައިރީންގެ އަޑު ނިކުތީ ވައި އަޑަކަށެވެ.

"އަނެއްކާ އޯކޭތަ އަހަރެން މިގަޑީ ގުޅިއަސް؟" ނަވާލްގެ އަޑު ހުރީ އާދައިގެ ވަރަށްވުރެ ބަރުކޮށެވެ.

އައިރީންގެ ހިޔާލަށް ގެނެވުނީ ނަވާލް ނިދަންވެގެން އެނދުގައި ހަމަޖެހިލައިގެން އޮތްތަނެވެ. އަޑު އެގޮތަށް ހުރީ އެހެންވެ ކަމުގައި ޤަބޫލުކުރެވުނެވެ.

"މިހާރު ގުޅާފައެއްނު ތިހުރީ. ވީކަމެއް ނުވާކަމަކަށް ނުވާނެ.." މާބޮޑު ޝައުޤުވެރިކަމެއް ނުދައްކާ އައިރީން ޖަވާބުދިނެވެ.

"ބާއްވަންވީތަ؟" ނަވާލްގެ ސުވާލު އަހާފައި އައިރީންގެ ހިތް ތެޅިގަތެވެ.

އަވަސް އަވަހަށް "އުނހު" އޭ ބުނެލެވުނެވެ. އެވަގުތު ނަވާލް ހީލިއަޑު އިވުނުހެން ވެސް ހީވި އެވެ.

"ދެން ވަރަށް ހެއްވާ. ގުޅާފަ ގުޅި ސަބަބެއް ވެސް ބުނެފަ ދޯ ބާއްވަން ޖެހޭނީ. ޕްލަސް ނަގާ މީހާއެއް ނޫނޭ ޑިސައިޑް ކުރާނީ ބާއްވަން ވީމަ. ގުޅާ މީހަކު.." އައިރީން ފަހަތަށް ޖެހިލައި ބާލީސްތަކުގައި ރަނގަޅަށް ހަމަޖެހިލައިގެން އިނދެ ވާހަކަދެއްކި އެވެ.

***

ލޯންޗް ވާޓަރާއި ކައިރިކުރިއިރު ނިޝާލްގެ އެކުވެރިޔާ ހުރީ އޭނަ ބަލާ އައިހެވެ. ބޮލުގައި އޮތް ހޫޑީން ކުރިއަށްވުރެވެސް ބޮޑަށް ނިވާވެލައި ދެކޮޅު ހޯދައިލީ ވަގެއްފަދައިންނެވެ. އަވަހަށް އެއްގަމަށް އަރައިގެން ގޮސް އެކުވެރިޔާގެ ސައިކަލު ފަހަތަށް އަރައި ކޮނޑުގައި ތަޅައިގަނެވުނީ އަވަސްކުރާށޭ ބުނާފަދަ ގޮތަކަށެވެ. އަތުގައި އޮތް ދަބަހުގައި އެއް އަތުން ވަށާލައިގެން ގެނެސް މޭގައި ޖައްސާލައިގެން އިންއިރު ހިތް ތެޅެމުންދިޔައީ އެންމެ ބާރުމިނުގަ އެވެ.

ކުޑައިރުކޮޅެއް ފަހުން ނިޝާލް އިނީ އެކުވެރިޔާގެ ކުޑަ އެޕާޓްމެންޓްގަ އެވެ. ޒައިނާ ސޯފާއަށް ދެފައި ނަގައިގެން އަޑު އަހަން އިންއިރު އޭނަ ކިޔައިދެމުން ދިޔައީ ފާއިތުވި ދުވަސްތަކުގައި ކަންތައް ހިނގާދިޔަ ގޮތެވެ. އައިދަންގެ ލޯބި ޤަބޫލުކުރީ މުޅިން އެހެން މަޤްސަދެއްގައި ކަމެވެ. އެމަޤްސަދަކީ އަނެއްކާ ވެސް އާހިލް ހާސިލްވޭތޯ ކުރަން ބޭނުންވި މަސައްކަތެވެ. އޭނަ އެހެން މީހެއްގެ ހައްޤަކަށް ވާތަން ދެކިގެން ނަމަވެސް އާހިލްގެ ހިތް އޭނައަށް ލިބޭނެކަމުގައި ކުރެވުނު އުންމީދެވެ. ރާމީން އައިސް އެއުންމީދުގައި ހުޅުޖެހީ ހީވެސް ނުކުރާފަދަ އަނިޔާވެރި ގޮތަކަށެވެ. ދެވަނަ ފަހަރަށް ރާމީން ބަނޑުބޮޑު ވެސް ވީ އެވެ.

މަޤްސަދު ހާސިލް ނުވުމުން އައިދަންގެ މީހެއްގެ ގޮތުގައި އުމުރު ދުވަހު ހުންނަން އޭނަ ބޭނުން ނުވީ އއެވެ. އައިދަން އެއީ ވާން އުޅޭ ދަރިފުޅަށްޓަކައި އަމިއްލަ ހިތުން ޖާގައެއް ނުދިން މީހާ އެވެ. އަދި އޭނަ އެއީ ކާކު ހެއްޔެވެ؟

ނިޝާލްގެ ވާހަކަ ނިމުމުން ޒައިނާ އެހީ އޭނަދެން ކުރިއަށް ރާވާފައި އޮތް ގޮތާއި ބެހޭގޮތުންނެވެ.

"ވީހާ ވެސް އަވަހަކަށް މިތަނުން ކޮންމެވެސް އެހެން ތާކަށް ދާން ބޭނުމީ. މިރޭ ފުރަން ނޫޅުނީ އެއާޕޯޓުތެރެއިން އައިދަން މީހުން ފޮނުވައިގެން އަތުލަފާނެތީ. ދެތިން ދުވަހު މަޑުކޮށްފަ ދާން ސޭފް ވާނީ..." ނިޝާލް ނިތުގައި އަތް ހާކކާލައިފައި ގޮސް ސޯފާގެ އަނެއް ކަނުގައި އިށީނެވެ.

ޒައިނާ އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ތެދުވީ ނިދަން ދާށޭ ކިޔައިފަ އެވެ. ނިޝާލް ބޯޖަހާލައިފައި ޒައިނާ ދިޔަ ފަހުން ވެސް އަދި ނުތެދުވެ އިނެވެ.

ނިދިފައި އޮތް ނިޝާލްއަށް ހޭލެވުނީ ބެލް ޖަހާ އަޑަށެވެ. ތެދުވެ އިށީނދެފައި ގަޑި ބަލައިލެވުނީ ކަންބޮޑުވެފަ އެވެ. އެދަންވަރު ގަޑީ އެގެއަށް އަންނާނީ ކާކު ހެއްޔެވެ؟

އޭނަ ރަޖާ އެއްފަރާތް ކޮށްލާފައި ފައިބައިގެން ގޮސް ކޮޓަރިން ނިކުތްއިރު ޒައިނާ އަނދިރީގައި ހުރެ ކޮންމެވެސް މީހަކާއި ވާހަކަދައްކަނީ އެވެ. އެމީހަކު ދެނެގަންނަން މަސައްކަތް ކުރަނިކޮށް ފެނުނީ ކައިރިއަށް އަންނަން ފެށިތަނެވެ. އެއްފަރާތަށް ހިޔަނިއެޅިފައި ހުއްޓާ ވެސް އެއީ އައިދަންކަން އެނގުމުން ނިޝާލްއަށް ފަހަތަށް ޖެހިލެވުނެވެ. އެއީ ފެންނަ ބިރުވެރި ހުވަފެނަކަށް ވުމަށް އެދި ހިތާއި ހިތުން ދުޢާކޮށްލެވުނެވެ.

"ޒައިނާ!" ނިޝާލް ގޮވައިލީ ސުވާލުކުރާ އުސޫލުންނެވެ.

"ސޯ ސޮރީ ނިޝާލް. އެކަމަކު އައިދަން އެއީ މިހާރު ނިޝާލްގެ ހަޒްބެންޑް. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫން. ދެން ރަނގަޅުވާނީ އޭނައާއެކު ރަނގަޅަށް އުޅުނިއްޔާ.." ޒައިނާ ފަހަތުގައި ހުރެގެން ޖަވާބުދިނެވެ.

އައިދަން އައިސް އޭނަގެ ކުރިމައްޗަށް ހުއްޓުމުގެ ކުރިން ލިބުނު ވަގުތުކޮޅު އޭނަ ޒައިނާއާ ދިމާއަށް ކަޅި އަޅައިލި އެވެ. މީހުން ބުނަނީ ތެދެކެވެ. ގިނަފަހަރު ކެހިދޭނީ އެންމެ ކައިރީގައި އުޅޭ މީހުންނެވެ.

އައިދަން އައިސް އަތުގައި ހިފުމުން ނިޝާލް އުޅުނީ ފުރަތަމަ ފޮޅުވައިލާށެވެ. އެކަމަކު އައިދަން މާ ބާރުގަދަ އެވެ. އެހިފެހެއްޓިގޮތަށް ދަމަމުން ގެންގޮސް ދޫކޮށްލީ ބޭރަށް ނެރެ ކާރަށް އޭނަ އަރުވާފަ އެވެ. ފަހަތުގައި ސީޓުގައި އޭނަގެ ކައިރީ އިށީނދެފައި ޑްރައިވަރު ކައިރީ ދުއްވާށޭ ކިޔައި ގުގުރައިގަތެވެ. އޭނަ ހަޅޭތްލަވައިގަތްލެއް ބާރުކަމުން ނިޝާލް ވެސް ދިޔައީ ސިއްސައިގެންނެވެ.

ގެއަށް ގޮސް ވަންއިރު ގެ ފަޅަށް އޮތުމުން އެކަކުވެސް އަދި ނާންނަނީކަން އެނގުނެވެ. ނިޝާލް އިތުރަށް ޖެހިލުންވީ އެހެންވެ އެވެ. ގޭގައި މީހަކު ނެތިސް އައިދަން އޭނައަށް ހަދާނީ ކިހިނެތް ކަމެއް ވެސް އެނގެނީއެއް ނޫނެވެ. އެކަމަކު އޭނަ އެހުރީ މާފަށް އެދޭ ގޮތަކަށް ނޫނެވެ. އޭނަ އައިދަން ކައިރީ އާދޭހެއް ވެސް ނުކުރާނެ އެވެ.

"އައިދަންއަކަށް ވެސް އަހަންނަށް ބާރެއް ނޭޅޭނެ. އަހަރެން ނުދާނަން އައިދަންގެ ކޮޓަރިއަށް ނިދާކަށް. އަހަރެން ދާނީ އަހަރެންގެ ކޮޓަރިއަށް.." ސިޑީގެ ވަކި ހިސާބަކުން ހުއްޓިފައި ނިޝާލް ބުނެލި އެވެ.

އައިދަން ކުރީގައި ހުރެފައި އެއަޑު އިވިގެން ހުއްޓި ބަލައިލި އެވެ.

"ވޮޗް މީ!" އައިދަން އެހެން ބުނެލި ރާގުން ވެސް އޭނަގެ ގައިން ހީބިހި ނެގި އެވެ. އެއަޑުގައި ގޮންޖެހުން ވި އެވެ. ހަމަޖެހުންވި އެވެ. އަދި އޭނަ ފަދައިން އައިދަން ވެސް މިއަދު އެހުރީ ފަސްޖެހޭ ގޮތަކަށް ނޫނެވެ. އައިދަން ރުޅިއައިސްފައި ހުއްޓާ އޭނައަށް މިފެނުނީ އަލަށެވެ.

ޖެހިލުންވި ނަމަވެސް ނިޝާލް އެކަން ނުދައްކާވޭތޯ ބެލި އެވެ. ހިންދިރުވާލައިފައި އޭނަ އަނެއްކާ ވެސް ސިޑިން އަރަން ފެށި އެވެ. ކޮޓަރިއާ އަރާ ހަމަވީތަނާ އައިދަން އޭނަގެ މުލައްދަނޑީގައި ހިފާ ދަމައިގަތެވެ. ނުދާންވެގެން ދެފައި ވިއްދައިލީމަ ވެސް އައިދަން ފަސޭހަ ކަމާއެކު އޭނަ ގެންގޮސް އެކޮޓަރިއަށް ވައްދައިފި އެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular