12 Jun 2019

ހިތުލޯބި ހިތާ ވަކިވާނޭހޭ

ހިތުލޯބި ހިތާ ވަކިވާނޭހޭ

* ޖޫން 9 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"އަދި ހަނދާންނެތިފައޭ މިހުންނަނީ! ތި ދެމީހުން ދަންނަންދޯ؟!.." ކުއްލިއަކަށް ކަމެއް ހަނދާންވިހެން އަހަންނާއި ކިނާންގެ މޫނުމައްޗަށް ބަލައިލަމުން ވިދްހާން އެހިއެވެ. އެވަގުތު ސިހިފައި އަހަންނާއި ކިނާންއަށްވެސް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ.

އެއިރު އަހަރެމެން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ވިދްހާން ހުއްޓެވެ. ކިނާންއާއި އަހަރެންގެ ވާހަކަތައް ވިދްހާންއަށް ކިޔާދެވިފައިވިޔަސް، ކިނާންއަކީ ކާކުކަން ދުވަހަކުވެސް އަހަރެން ވިދްހާންއަކަށް ބުނެއެއް ނުދެމެވެ. އެކަން ވިދްހާންއަށް ނުބުނެދެވުނުކަން އެއީ އަހަރެންގެ ނަސީބޭ ފަހުން އަހަރެން ހިތަށް އެރިއެވެ. ނަމަވެސް ވިދްހާންގެ އެ ސުވާލާއެކު ނޭނގޭ ބިރުވެރިކަމެއް އަހަރެންގެ ހިތުގައި ދައުރުވެލިއެވެ. ހިތަށްވެރިވި އެ ނުތަނަވަސްކަމާއެކު ޝައްކުގެ ނަޒަރު ގޮސް ހުއްޓުނީ އަލީއާ ދިމާއަށެވެ. އަލީއަށް އެކަން ސިއްރެއް ނުވިއެވެ. އޭނާގެ އެއްވެސް އަތެއް އެކަމުގައި ނެތްކަން ހާމަކޮށްދޭ ބީދައަކުން މަޑުމަޑުން ދެއަތަކަށް އޭނާ ބޯހޫރާލިއެވެ.

"ނުދަންނަން!!" އަހަންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ކިނާން ބުނެލިއެވެ. އަހަރެން އެންމެ ހައިރާންވީ އޭނާގެ އެ މާނަފުން ކުޑަކުޑަ ލަފްޒުން މިފަހަރު އަހަރެންގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރީތީއެވެ. އަހަންނާއި ކިނާންގެ ގުޅުމުގައި ބީރައްޓެހިކަމުގެ ފާރު މަޑުމަޑުން ހިއްލި އުސްވަމުން ދާންފެށި ހިސާބަކީ އެއީއެވެ. އަހަންނާމެދު އެއްވެސް ޝައުގުވެރިކަމެއް ނެތްކަން ދައްކަމުން މަޑުމަޑުން ގޮސް ވިދްހާންގެ ކޮނޑަށް އޭނާ އަތްވައްޓާލިއެވެ. ދެން ކުރިމަތީގައި ހުރި މޭޒާ ދިމާއަށް އިޝާރާތްކުރަމުން އިށީނަން އެދުނެވެ. ވިދްހާން ބަލައިލީ އަހަރެންގެ މޫނަށެވެ.

"އެދުވަހު ހޮސްޕިޓަލުން ދިމާވިމަ ހީކުރީ އެއް ފެމިލީ ކަމަށްތީ!" ވިދްހާން އެ ސުވާލު އަމާޒުކުރި ސަބަބު އެނގުމުން އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. އަހަރެންގެ ލޯބީގެ މާޒީއާ ގުޅިފައި ވަނީ ކިނާންކަން، ވިދްހާންއަށް ކުޑަކޮށްވެސް އެނގެން އަހަރެން ބޭނުންނުވާކަން އަހަންނަށް އެނގުނީ އެވަގުތުއެވެ.

"ތީ ޒޯޔާގެ ވާން އުޅޭ ފިރިމީހާ!" އަހަންނާއި ޒޯޔާގެ ގުޅުން ބުނެދިނުމަށްފަހު، ސިއްރު ނަޒަރަކުން ކިނާންއަށް ބަލައިލަމުން އަހަރެން ބުނެލީމެވެ. ކިނާންގެ ނަންވެސް އަހަރެންގެ ދޫމައްޗަށް ގެންނަން ހިތް ނޭދުނު ފުރަތަމަ ފަހަރަކީ އެއީއެވެ. އަހަރެންގެ އެ ޖުމްލައިން ކިނާންއަށް ސިހުން ލިބުނުކަން އަހަންނަށް އެނގުނެވެ. އަހަރެން ބޭނުންވީވެސް އެގޮތެވެ. އޭނާގެ ދިރިއުޅުމުން އަހަރެން ބާކީކޮށްލި ފަދައިން އޭނާގެ އަގެއްވެސް އަހަރެންގެ ދިރިއުޅުމުގައި ނެތްކަން އަންގައިދިނުމެވެ. އޭނާގެ މަގާމު އަހަރެންގެ ހިތުން ނެރެ އެއްލައިލެވިއްޖެކަން އަހަރެންގެ ހިމޭން ބަހުރުވައަކުން ނަމަވެސް އޭނާއަށް ބުނެދިނުމެވެ.

އަހަރެމެން ދައްކަމުން ދިޔަ ވާހަކަ އެހާހިސާބަށް ދިޔުމާއެކު، އަހަރެންގެ ސްކޫލު ދައުރުގެ ރައްޓެއްސަކާ އެތަނުން ބައްދަލުވިއެވެ. އަހަރެމެން ދެމީހުންނަށް ފުރުސަތު ދިނުމަށްފަހު ވިދްހާންއާއި ކިނާންގޮސް ހުހަށްހުރި މޭޒެއް ދޮށުގައި އިށީނދެއްޖެއެވެ. އިރުކޮޅަކު އެކުވެރިޔާއާ ވާހަކަ ދައްކަން ހުރުމަށްފަހު އޭނާ ދާންޖެހުމުން ވަދާޢުގެ ސަލާމް ކޮށްލުމަށްފަހު އަހަރެންވެސް ކުރިއަށް ހިނގައިގަތީމެވެ.

"މިޝްކާގެ ނިންމުން ރަނގަޅު! ކިނާން އަކަށް މިޝްކާ ހައްގެއްނޫން!.." ފަހަތަށް އެނބުރުނު އިރު ކުރިމަތީގައި ހުރީ އަލީއެވެ. އެވަގުތު އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔަ އަސަރުތަކުން ސުވާލުތަކެއްގެ ތެރެއަށް އަހަރެންގެ ސިކުނޑި ގަންބުވާލިއެވެ. ދެން އޭނާ ބުނަންފެށި ވާހަކަތަކުން ކިނާންގެ ހަގީގަތް އަހަރެންގެ ކުރިމަތީ ހާމަވެ އަހަރެންގެ ބަދަލުވަމުން މިދާ އިހްސާސްތަކުގެ ތެރެއިން އިތުރު ރިހުމެއް އަހަރެންގެ ނަފްސަށް ވެރިކުރުވިއެވެ. އަލީގެ ވާހަކަތަކުން ހުރިހާ ކުށަކާއި އިލްޒާމެއް ކިނާންގެ ބޮލުގައި އޭނާ އެޅުވިޔަސް އަހަރެންގެ ވިސްނުން ތަފާތެވެ. އަމިއްލަ ނަސީބަށް ރުހިގެން މުސްތަޤުބަލުގެ ހިޔަނިން ކިނާންގެ ސޫރަ އެއްފަރާތްކުރުން ނޫންގޮތެއް އަހަންނަށް ނެތްކަމުގައި އަހަރެން ގަބޫލުކުރީމެވެ. ބުނާނެ އެއްޗެއް ނޭނގިފައި ލޮލަށް ގިނަވަމުން ދިޔަ ކަރުނަ ތަކުގެ ތެރެއިން އަލީގެ މޫނަށް ބަލަހައްޓައިގެން އަހަންނަށް ހުރެވުނެވެ. ހިތްވަރު ދިނުމުގެ ގޮތުން އަލީ އަހަރެންގެ ކޮނޑުގައި އަތްބާލަމުން އެ ހަގީގަތާ ކުރިމަތިލައި ހިތްވަރުގަދަކުރުމަށް ބުނެލުމަށްފަހު އަލަތު އަނބިމީހާއާ ދިމާއަށް އޭނަ ހިނގައިގަތެވެ.

އިރުކޮޅަކު އެހުރިގޮތަށް ހުރުމަށްފަހު ވިދްހާންއާއި ކިނާން ތިބި މޭޒާ ދިމާއަށް ދިޔައީމެވެ. އެމީހުން އެށީނދެ ތިބިގޮތުން، ވިދްހާންއަށް އިނދެވުނީ އަހަންނަށް ފުރަގަސްދީގެނެވެ. އެ މޭޒާ ގާތަށް އަހަރެން ހިނގަމުން ދިޔައިރު، ކިނާންގެ ނަޒަރުތައް ސިއްރުން ނަމަވެސް އަހަންނަށް ދިޔައީ އަމާޒުވަމުންނެވެ. ހީވާގޮތުން އެމީހުން ދައްކަމުން އެދިޔައީ އަހަންނާ ގުޅުން ހުރި ވާހަކަތަކެކެވެ. ކިނާންގެ މޫނުމަތިން އަހަންނަށް ބުނެދިން އެއްޗަކީ އެއީއެވެ. އެހެނަސް ދެންމެ އަލީގެ ފަރާތުން އެ އެނގުނު ހަގީގަތަކީ ކިނާންއާ ދޭތެރޭ މުޅިން އެހެން ނަޒަރަކުން ވިސްނަން އަހަންނަށް ލިބުނު ރަނގަޅު ސަބަބެކެވެ.

އަހަރެންގޮސް އެމީހުން އިށީންދެ ތިބި މޭޒާ ދުރުގައި ހުރި މޭޒު ދޮށުގައި އެމީހުންނަށް ކުރިމަތިލަމުން އިށީނދެލީމެވެ. ކިނާން އިޝާރާތުން އަހަރެން އިންކަން ވިދްހާންއަށް އަންގާލުމުން ފަހަތަށް އެނބުރި އަހަރެންގެ ގާތަށް އައިސް ކުރިމަތީގައި އިން ގޮނޑީގައި ވިދްހާންވެސް އިށީންދެލައިފިއެވެ.

ކާވެނީގެ މެހެފިލް ފަޅުފިލުވަމުންދިޔަ ހިމޭން މިއުޒިކާއި ތަނަށްވެރިވެފައިވާ ހިތްގައިމުކަމުގެ ތެރެއިން ވިދްހާން އެރޭ އަހަންނަށް ބެލީ ތަފާތު ނަޒަރަކުންނެވެ. އޭނާ ބުނަން ބޭނުންވި ވާހަކަތައް އަޑު އެހުމުގެ ޝައުގު، މިރޭ މިތަނަށް އައިއިރު އަހަރެންގެ ހިތުގައި ނެތަސް، އަހަރެންގެ ޚިޔާލު ބަދަލުވެ އެ ވާހަކަތައް އަޑު އަހަން އަހަރެންގެ ހިތް އެދުނެވެ. ފަހަރުގައި އޭގެ ސަބަބަކީ އަހަރެން ދައްކާ ވާހަކަ އަޑު އިވޭ ހިސާބުގައި އިން ކިނާން އެވެ. އޭނާއަކީ އަހަރެންގެ ދިރިއުޅުމުގައި އެއްވެސް ބޭނުމެއް ނެތް މީހެއްކަން އަންގަން އަހަރެންގެ ހިތް ދިޔައީ މަޖުބޫރު ކުރުވަމުންނެވެ. އޭނާގެ އަމިއްލަ އެދުމުގެ ކުރިމަތީ އަހަރެންގެ ނަފްސު ނިކަމެތިވާން ނޭދުނީތީއެވެ.

"ބުނީމެއްނު ކޮންމެވެސް ވާހަކައެއް ބުނަންވެފަ އޮތް ވާހަކަ؟!" ކުރިމަތީ އިން ވިދްހާނަށް ބަލަހައްޓައިގެން އިންހެން ހީވިޔަސް އަހަރެންގެ ނަޒަރުގޮސް ހުއްޓިފައިހުރީ އެވަގުތު އިސްޖަހާލައިގެން ފޯނާ ކުޅެން އިން ކިނާން އަށެވެ. ކިނާންއަށް އަޑު އިވޭވަރަށް އަހަރެން އެހެން ބުނެލުމާއެކު ކިނާން އިސް އުފުލާލިއެވެ. އެއާއެކު ވިދްހާން ފުންނޭވާއެއް ބޭރުކޮށްލަމުން ވިދްހާންގެ ކަނާއަތް ގެނެސް އަހަރެންގެ އަތްމަތީ ބާއްވާލިއެވެ. އެވަގުތު ލިބުނު ސިހުމުގައި އަހަރެންގެ ހިތުގެ ވިންދުތައް އަވަސްވެލިއެވެ. މިކުރެވެނީ ދެއްކުންތެރިކަމެއްހެން އަހަންނަށް ހީވިޔަސް ހަގީގަތަކީ ނޭނގި ނަމަވެސް ވިދްހާނަށްޓަކައި އަހަރެންގެ ހިތުގެ ކަނުން މަގާމެއް ހާއްސަ ކުރެވެމުން ދާންފެށިކަމެވެ. އެހެންނޫންނަމަ، އަހަރެންގެ ހިތަށް އެވަގުތު ވެރިވިކަހަލަ ޖަޒުބާތުތަކެއް ވެރިވެ އަހަރެންގެ ހަތަރެސްފައި ފިންޏެއް ނުވީސް ކަންނޭނގެއެވެ. ކިނާންގެ ކިބައިން ފުރޮޅެމުން ގޮސް ވިދްހާންގެ އަތްމައްޗަށް އަހަރެންގެ ހިތުގެ ލޯބި ދޫކޮށްލަން އުނދަގޫވާނެ ކަން އަހަންނަށް އެނގެއެވެ. ފަހަރުގައި ދުވަސްތަކަކަށް ދެމިގެންދާނެ ހަނދާންތަކަކަށް ކިނާންގެ ހަނދާންތައް ވެގެން ގޮސްދާނެއެވެ. ނަމަވެސް ވިދްހާންގެ އެ ލުއި ބީހިލުމުން އެއްކަމެއް އަހަންނަށް އިހްސާސް ކުރެވުނެވެ. ކިނާން ނޫން ދެވަނަ މީހެއްގެ ބީހުމުން އުނދަގޫކަމެއް އިހްސާސެއް ނުކުރެވުނު ފަހަރަކީ މިއީއެވެ. ބުނެއެއް ނޫންހެއްޔެވެ؟ ވަގުތަކީ ކޮންމެ ކަމަކަށްވެސް ފަރުވާއެކެވެ. ފަހަރުގައި އަހަރެންގެ ދިރިއުޅުމުގެ ހަގީގީ މަންޒިލާ ހަމައަށް ވާސިލްކޮށްދޭނެ މިސްރާބަކީ ވިދްހާންނެވެ.

ފުންނޭވާތައް ބޭރު ކުރަމުން އަހަރެން ބުނާނެ އެއްޗަކާމެދު ޖެހިލުންވެ އިނދެވެސް ވިދްހާން އެރޭ އޭނާގެ ހިތުގެ ހާލަތު އަހަންނަށް ބަޔާންކޮށްދިނެވެ. އެންމެ ފުރަތަމަ ފެނުނުދުވަހުން ފެށިގެންވެސް އޭނާއަށް އަހަރެން ހާއްސަވިކަމާއި ދުވަހަކުވެސް އަހަރެން ނޫން އަންހެން ކުއްޖެއް އޭނާގެ ދިރިއުޅުމަށް ނާންނަ ކަމުގައެވެ. ލަސްލަހުން އޭނާ ވަމުންދިޔަ އިޤުރާރުތައް ނިމުނު އިރު، އޭނާގެ ހަޔާތުގެ ބައިވެރިޔާއަށް ވުމުގެ ދަޢުވަތު އަހަރެންގެ ކުރިމައްޗަށް ގެނެސް ބަންޑުންކޮށްލައިފިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އެ ހިތްގައިމު މޫނުމައްޗަށް ބަލަން އަހަންނަށް އިނދެވުނެވެ. އަހަރެންގެ ހަޔާތުގައި އަންނަން އޮތް ދުވަސްތަކުގައި ވާން އޮތްގޮތް ނޭނގުނަސް ވިދްހާންގެ އަތުގައި އަހަރެން ހިފީމެވެ. ހެޔޮހިތުންނެވެ. އޭނާއަށްޓަކައި ހިތުގައި ޖަހަންފެށި އައު ވިންދުތަކަށް ތެދުވެރި ލޯތްބެއްގެ މިސްރާބު ދައްކަމުންނެވެ. ފަހުންވާނެ ގޮތަކާމެދު މިވަގުތު އަހަރެން ވިސްނާކަށް ބޭނުމެއްނޫނެވެ. މުސްތަގުބަލުގެ ތަސްވީރުގެ ތެރެއިން އަމިއްލަ ނަފްސަށް ނޫން އެހެން އެއްވެސް ކަމަކަށް ޖާގަދޭން ބޭނުން ނުވީތީއެވެ.

އަހަރެންގެ "އާން" ބަހާއެކު ވިދްހާންގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވެގެން ނުދަނީސް، ކަންފަތުގައި ޖެހުނީ ބިއްލޫރިތައްޓެއް ބިންމަތީ ޖެހި ކުދިކުދިވެގެން ދިޔަ އަޑެވެ. ވިދްހާންގެ މޫނުމަތިން ނަޒަރުވަކިކޮށް ކިނާންއާ ދިމާއަށް ބަލައިލެވުނު އިރު، އޭނާގެ ގާތުގައި އިން ޖޫސްތަށި ބިންމައްޗަށް ވެއްޓި ކުދި ކުދިވެފައި އޮތްތަން ފެނުނެވެ. ކިނާންގެ އަވަސްވެފައިވާ ނޭވާތަކާއި އެ މޫނުމައްޗަށް އަރައި ފައިބަމުން ދިޔަ ކުލަވަރުން އެއީ ގަސްތުގައި އޭނާކުރި އަމަލެއްކަން އަހަންނަށް އެނގުނެވެ. ގިނަ ދުވަސްތަކަކަށްފަހު އެދެލޮލުން ކަރުނަ ހިލި ރިހުމެއް އެ ފަނޑު އަލިކަމުގެ ތެރެއިންވެސް އެދެލޮލުގެ ތެރެއިން އަހަންނަށް ފާހަގަކުރެވުނެވެ. ވިދްހާން ގޮސް ކިނާންގެ ގާތަށް ހުއްޓެމުން ވީ ކީއްތޯ ސުވާލުކުރިއެވެ. އެވަގުތު ސިއްރު ސިއްރުން ނަމަވެސް ކިނާންގެ ނަޒަރު އަހަންނަށް ހުއްޓުނުތަން ދުށީމެވެ. ޕާޓީގައި ތިބި މީހުންގެ ނަޒަރުތައް ހުއްޓިފައި ހުރީ ކިނާން އާ ދިމާއަށެވެ. އެ ޑްރާމާގެ ހިއްސާއަކަށްވެ ވިދްހާންއަށް ހަގީގަތް ބޭޒާރު ވާން ބޭނުން ނުވާތީ އަހަރެން ކިނާންއަށް ފުރަގަސް ދިނީމެވެ.

އާދިރިއުޅުމެއްގެ ހުވަފެން ދެކެމުން އެރޭގެ އެ މެހެފިލުން އަހަންނާއި ވިދްހާން ނިކުތީމެވެ. ކާވެނީގެ އެވަޢުދަކީ ވިދްހާންގެ ހިތުގެ ތެދުވެރި އިހްސާސްތަކާއެކު ވީ ވަޢުދެއްނަމަވެސް، މާޒީގެ ހިޔަނި އެ އާގުޅުމަށް އެޅިދާނެ ކަމުގެ ބިރު އަހަރެންގެ ހިތުގައި ވިއެވެ. އަހަރެންގެ ޖަވާބާއެކު ވިދްހާންގެ ދުނިޔެ އުފާވެރިކަމުން ފުރި އެ އުފަލުގައި ކޮޅެއް ނެތްވަރަށް އޭނާ އުފާވެފައި ހުރިކަން އަހަންނަށް އޭނާ އަންގައި ދިނެވެ. މުސްތަގުބަލުގެ ދިރިއުޅުމާމެދު ބިޔަ ތަސައްވުރުތަކެއްކުރަމުން ކާވެނީގެ ތާރީޚަށް ދާންދެން އެރޭ އަހަރެމެން ކަނޑައެޅީމެވެ. ހިތުގައި ލަހުންނަމަވެސް ވިދްހާންއަށްޓަކައި ހެދި ފޯދެމުންދިޔަ ޖަޒުބާތުތަކާއި ލޯތްބާއެކު ހިތުގެ ފުނުން އަހަރެންވެސް އެ ގުޅުމުގައި ތެދުވެރިވާން އަޒުމުކަނޑައެޅީމެވެ. އެރޭ އެޅިގެންދިޔަ އަހަންނާއި ވިދްހާންގެ އަންނަންއޮތް މުސްތަޤުބަލުގެ ބިންގާއާއެކު ވިދްހާން ގެއަށް ދާން ނުކުތް އިރު ރޭގަނޑު ގަޑިން އެގާރަގަޑި ބައިވެ ބޮޑުވެއްޖެއެވެ.

ވެފައިހުރި ވަރުބަލިން ސިޓިން ރޫމުގައި ބަހައްޓާފައި ހުރި ސޯފާތަކުން ސޯފާއެއްގައި އަހަރެން އޮށޯވެލީމެވެ. ދެން ގާތުގައި އޮތް ރިމޯޓްނަގައި ޓީވީ ހުޅުވާލީމެވެ.

"ޕާސް އާއޭ، ދޫރިޔާ ޕިރްބި ކަމް ނާ ހުއީ

އެކް އަދޫރީ ސީ ހަމާރީ ކަހާނީ ރަހީ

އާސްމާ ކޯ ޒަމީން، ޔޭ ޒަރޫރީ ނެހީ ޖާ މިލޭ ޖާ މިލޭ

އިޝްކް ސައްޗާ ވަހީ ޖިސްކޮ މިލްތީ ނެހީ މަންޒިލޭ މަންޒިލޭ...." އެލަވަ އައިސް ކަންފަތުގައި ޖެހުމާއެކު އަހަރެންގެ ހިއްސުތައްވެސް ހީވީ ގަނޑުވިހެންނެވެ. ޓީވީ ނިއްވާލުމަށްފަހު ރިމޯޓް ދުރުގައި ބޭއްވުނީ ބޭއިޚްތިޔާރުގައެވެ.

" އިޝްކް ސައްޗާ ވަހީ ޖިސްކޮ މިލްތީ ނެހީ މަންޒިލޭ މަންޒިލޭ...." ލަވައިގެ އެ ކަޑި ތަކުރާރުކޮށް ކިޔާލަމުން ދެލޯ މަރައި ބާރުކޮށްލެވުނެވެ. އެ ލަވައިގެ ރިހުމާއި ލަވަކިޔުންތެރިޔާގެ އަޑުގައިވި ތަދު އަހަރެންގެ ހިތާހަމައަށް ހަމަރަނގަޅަށްވެސް ފޯރި ކަހަލައެވެ. އެ ކުރު ޖުމްލައިގައި އެވަނީ ހަމަ އަހަރެންގެ އަމިއްލަ ހިތުގެ ރިހުމެވެ. ހަގީގީ ލޯބީ އޭގެ މަންޒިލާ ހަމައަށް ވާސިލުވެވި އެ ލޯބީގެ ހަގީގީ ނަސީބު ލިބެނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟

އަހަރެންގެ ހިތާ އެ ސުވާލުކުރަމުން ޖަވާބު އަމިއްލައަށް ހޯދޭތޯ ބަލަމުންދަނިކޮށް، ގޭގެ ބެލް ޖެހިއަޑު އިވުނެވެ. ގޭގެ މަސައްކަތުމީހާ ކޮންމެވެސް ކަމަކު ވިދްހާންގެ ބައްޕަމެންގެ ގެއަށް މިރޭ ދާނެ ވާހަކަ ކުރީބައިގައި އޭނާ އޮތީ ބުނެފައެވެ. ގޭގައި އޭނާ ނޫޅޭކަން އަހަރެން ހަނދާންވީ ގޭގެ ދޮރުހުޅުވަން އޭނާ ނުނިކުތީމައެވެ. އަހަރެން ހީކުރީ ބޭރަށްގޮސް އޭނާ އެނބުރި ގެއަށް އައީ ކަމުގައެވެ. ޚިޔާލުތައް އެއްފަރާތް ކޮށްލުމަށްފަހު އަހަރެން ގޮސް ދޮރު ހުޅުވީމެވެ. އެއާއެކު ކުއްލިއަކަށް ފަހަތަށް ފިޔަވަޅެއް އެޅުނެވެ. ގޭތެރެއަށް ވަދެގެން އައީ ކިނާންއެވެ. އަހަންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އޭނާ ދޮރުލައްޕާލިއެވެ. އެދެލޮލުން ފެނުނު ނުތަނަވަސްކަމާއި ރިހުން އަހަރެންގެ ހިތް ހާސްކުރުވިއެވެ. ހީވަނީ ގިނަ އިރުތަކެއްވަންދެން ރުއިމުގެ ސަބަބުން އެ ދެލޯ ރަތްވެފައިވާހެނެވެ. ލައިގެންހުރި ހުދު ގަމީހުގެ މަތީ ދެގޮށް ނެއްޓި އެ ތަނަވަސް މޭމަތި ހާމަވެފައިވެއެވެ. ގޮތް ހުސްވެ ދާނެ ހުރިހާ ދިމާއެއް ބަންދުވެފައި ހުރި މުސާފިރެކޭ ކިނާން އެކޭ ތަފާތެއް ނެތެވެ.

"ކީއްވެ ކާވެންޏަށް އެއްބަސްވީ؟ އަހަންނަށް އެނގޭ މިޝްކާ ވިދްހާން ދެކެ ލޯބި ނުވާކަން!" ރުޅިވެރިކަމާއެކު އަހަރެންގެ ހަށިގަނޑު ފާރުގައި ލައްގާލަމުން އޭނާގެ ހޫނު ނޭވާތައް އެޅޭވަރަށް އެމޫނު ގާތް ކޮށްލަމުން ކިނާން ބުނެލިއެވެ. އެ އަޑުގައިވާ ހަރުކަށިކަމާއި ގޮތް ހުސްވުމުގެ އަސަރުތަކާ ހެދި އަހަރެންގެ ހިތަށް ހައިރާންކަން ވެރިވިއެވެ.

"ކިނާންއާ ބެހޭ ކަމެއް ނޫން އެއީކީ... އަހަރެން އިންނާނެ މީހަކު އެނގޭނީ އަހަންނަށް.. ކިނާން އިންނާނެ މީހާ ނިންމީ ކިނާން އަމިއްލައަކަށްނު.. ކިހިނެތް ވެގެންތަ ތިއުޅެނީ؟ ކާވެނި ކުރެވޭކަށް ނެތް، އެކަމަކު އަހަރެން އެހެން މީހަކާ އިންނަތަންވެސް ދެކޭކަށް ބޭނުމެއްނޫން! ތީ ކޮންކަހަލަ ލޯތްބެއްތަ؟!.."

ކިނާންގެ ނަފްސަށް އެވަގުތު ވެރިކުރުވާފައިވާ ހައިވާނިއްޔަތުކަމުން މިންޖުވާން ތެޅި ފޮޅިގަންނަމުން ކިނާންގެ މޭމަތީގައި އަތްއަޅާ އޭނާ ދުރަށް ކޮށްޕާލަމުން އަހަރެން ހަޅޭއްލަވައިގަތީމެވެ. އެއާއެކު ގޭގެ ދޮރު ހުޅުވުނެވެ. ސިހިފައި އަހަރެމެން ދެމީހުންނަށްވެސް ދޮރާ ދިމާއަށް ބަލައިލެވުނެވެ. ދޮރުމަތީ ހުރީ ވިދްހާންއެވެ. -- ނުނިމޭ --

ހިތުލޯބި ހިތާ ވަކިވާނޭހޭ ދިގު ވާހަކަ

Popular