13 Jun 2019

ނުވަ މަސް ފަހުން

ނުވަ މަސް ފަހުން

By: Mariyam Yasma

ކޮޓަރިއާ އަރާހަމަވުމާއެކު އައިދަން އަތުގައި ހިފެހެއްޓި އެވެ. ނިޝާލް ނުދާންވެގެން ފައިވިއްދައިލީމަ ވެސް އައިދަން ފަސޭހަކަމާއެކު އޭނަ ގެންގޮސް އެކޮޓަރިއަށް ވައްދައިފި އެވެ. ނިޝާލް ބޮޑަށް ބިރުގަތީ ދެނެވެ. އިސްކޮޅުން އޭނާއާ އައިދަންގެ މެދުގައި މާބޮޑު ފަރަގެއް ނެތަސް ރޫފަ އަށް ބަލާފައި ދެމީހުންގެ އުޑާއި ބިމުގެ ތަފާތު ހުންނާނެ އެވެ. އައިދަން ބާރުގެ ބޭނުންކޮށްފިނަމަ އޭނަ ބަލިވާން ނަގާނީ މަދު މިނިޓްކޮޅެކެވެ.

"އައިދަން! ދޫކޮށްލާށޭ!.... ތަދުވެއޭ..." ކުޑަ ހުޅާއި ހިސާބުގައި ވަށާލައިފައި އޮތް އައިދަންގެ އަތުގެ އިނގިލިތައް ނައްޓުވައިލަން މަސައްކަތް ކުރަމުންދިޔަ ނިޝާލްގެ އަޑު ނިކުތީ ކެނޑި ކެނޑިގެންނެވެ. ލޮލަށް ކަރުނަތައް ޖަމާވި އެވެ.

އައިދަން އެވަގުތު އޭނަ ކޮޓަރިތެރެއަށް ވާނެހެން ކޮށްޕާލުމާއެކު ކޮންޓްރޯލް ނުވެގެން ގޮސް ވެއްޓުނީ އެނދުމައްޗަށެވެ. އަވަސް އަވަހަށް ދެއަތް ވިއްދާލައިފައި ތެދުވިއިރު އައިދަން ދޮރު ތަޅުލާފައި އެނބުރުނެވެ. ކައިރިއަށް އަންނަން ނެގި ކޮންމެ ފިޔަވަޅަކާއެކު ނިޝާލްގެ މޭގަނޑު ރޫރޫ އަޅަންފެށި އެވެ.

"އައިދަން ތިހަދަނީ ވަރަށް ބޮޑު ގޯހެއް.." ފުންމައިގެން ތެދުވެ އެދެމެދަށް އަތް ހުރަސްކޮށްލާފައި ނިޝާލް އިންޒާރު ކުރި އެވެ.

އެއަޑަށް މަޑު ތުރުތުރެއް ވެރިވެއްޖެ އެވެ.

އެކަމަކު އައިދަންގެ މަޤްސަދަކަށް އެވާހަކައިން އެއްވެސް އަސަރެއް ނުކުރި އެވެ. ފިޔަވަޅުތަކަށް ހުއްޓުމެއް ނައިތާނގައި ލޮލުގައިވި ހައިވާނީ ކަމަކަށް ވެސް ބަދަލެއް ނައެވެ. ދެވަނަ ވިސްނުމަކަށް ދާން ނިޝާލްއަށް މަޖުބޫރުވީ އައިދަން އޭނަގެ ކުރިމައއްޗަށް ހުއްޓިދާނެހެން ހީވީމަ އެވެ. ދެކޮޅު ބަލައިލާފައި އޭނަ ދުއްވައިގަތީ ފާޚާނާއާ ދިމާއަށެވެ. އެކަމަކު އޭނައަށް ވަދެވުނުއިރު އައިދަން ގޮސް ހުރީ ފަހަތުގައި ޖައްސާފަ އެވެ. އަވަސް އަވަހަށް ދޮރުލައްޕައިލަން އުޅެނިކޮށް ދޮރާއި ފާރާއި ދޭތެރެއަށް އަތްލައި ހުރަސްއެޅި އެވެ.

އައިދަންއަށް ތަދުވިއަސް ހެޔޮކަމަށް ނިޝާލް ބެލީ ދޮރު ހައްތަހާ ކައިރިކުރެވޭތޯ އެވެ. ތަދުވެގެން ވެސް އައިދަން އަތް ދުރަށްލައިފިއްޔާ އޭނަގެ މަޤްސަދު ހާސިލްވީ އެވެ. އެކަމަކު ކަންތައް ވީ އޭގެ އިދިކޮޅަށެވެ. އައިދަން ދޮރުފަތުގައި ހިފާ އެތތެރެއަށް ކޮށްޕާލުމުން ފަހަތަށް ޖެހުނީ އޭނަ އެވެ. ސިއްސައިގެން ގޮއްސައި އޭނައަށް ދެއަތް ދޫކޮށްލެވުނެވެ. ދޮރުފަތް ފަހަތަށް ގޮސް ފާރުގައި ޖެހުނު އަޑާއެކު އޭނަގެ އަނގައިން ވެސް ހަޅޭކެއްގެ އަޑު ނިކުތެވެ.

އައިދަން އެތެރެއަށް ފިޔަވަޅެއް އަޅާފައި އޭނަގެ އަތުގައި ހިފައި ލުއްކެއް ޖެހީނުން ކައިރިއަށް ގެނަ ގޮތަށް ނަގައި ބޭއްވީ ކޮނޑުމަތީގަ އެވެ. ނިޝާލްގެ ނޭވާ ވަގުތުން ކަރުތެރޭ ތާށިވި އެވެ. ހިނދުކޮޅަކަށް ސިކުނޑީގެ މަސައްކަތް ވެސް ހުއްޓުމަކަށް އައި ކަހަލަ އެވެ.

ހަށިގަނޑަށް އަލުން ބާރު ލިބުނީ އައިދަން އޭނަ ގޮވައިގެން އަނެއްފަރާތަށް އެނބުރުނީމަ އެވެ. އއަތަށް ލެވުނުހާ ބާރެއް ލައިފައި އޭނަ އައިދަންގެ ބުރަކަށީގައި ތެޅި އެވެ. ގެންގޮސް އެނދަށް ވައްޓައިލި ވަގުތު އަނެއްކާ ވެސް ހަޅޭކެއްގެ އަޑު ބޭރުކޮށްލެވުނެވެ. ނިޝާލް އަވަސް އަވަހަށް ތެދުވަން ވާއިރަށް އައިދަން އަރައި އިށީނދެލީ އޭނަގެ ބަނޑުމަތީގަ އެވެ. އެދެއަތުން އައިދަންގެ މމޭމަތީ އަޅާ ދުރުކުރަން މަސައްކަތް ކުރިއިރު ވެސް އައިދަން ޖެހުނީ ކައިރިއަށެވެ.

"ގެޓް އޮފް މީ ޔޫ ބާސްޓާޑް..."

ރުޅިއާ ހިތާމައާ ބިރުވެރިކަން އެކުވެގެން ނިޝާލްގެ ކަރުތެރެ ބެދުނެވެ. އައިދަން އޭނަގެ ދެއަތުގެ ކުޑަހުޅުގައި ހިފާ މައްޗަށް ގެންގޮސް އެންމެ އަތަކުން ހިފަހައްޓާލައިފައި އަނެއް އަތުން ހިފެހެއްޓީ ނިޝާލްގެ އަނގަމަތީގަ އެވެ.

"އަދި އެއްފަހަރު ބުނެބަލަ ތިހެން!" އައިދަން ގޮންޖަހައިލި އެވެ.

ލޮލަށް ގިނަވަމުންދިޔަ ކަރުނަތައް ހިންދާލަން މަސައްކަތް ކުރަމުން ނިޝާލް ތަކުރާރުކޮށް އެސްފިޔަ ޖަހހައިލި އެވެ. އެހާލަތުގައިވެސް ކަރުނަފަދަ ބަލިކަށި ކަމެއް އޭނަގެ ފުށުން އައިދަންއަށް ފެންނާކަށް ބޭނުމެއް ނުވި އެވެ. ކޯތާފަތުގެ މަސްތަކުގައި ރިހެމުންދިޔައިރު ވެސް އޭނަ އާދޭސް ކުރުމުގެ ހިޔާލެއް ނުކުރި އެވެ. އައިދަންއާ ހަތަރުކަޅި ހަމަކޮށްލީ އޭނަ ވެސް އައިދަންއަށް ގޮންޖަހައިލި ފަދަ ގޮތަކަށެވެ.

އަތް ދުރުކޮށްލާފައި ދެން ފެނުނީ އައިދަން ކުއްލިއަކަށް ގުދުވިތަނެވެ. މީގެ ކުރިން މަދުފަހަރަކު އިހްސާސްވެފައި ވީ ނަމަވެސް މިފަހަރު އެތުންފަތުގެ ބީހުމުން ނިޝާލް އައީ ރުޅި އެވެ. އޭނަ ދެތުންފަތް ޖައްސާ ބާރުކޮށްލީ އައިދަންގެ މަޤްސަދުގައި ކުރިއަށް ދިޔަ ނުދިނުމަށެވެ. އިރުކޮޅަކުން ހިޔާލު ބަދަލުވި އެވެ. އޭނަ ބަލި ޤަބޫލު ކުރީއޭ ހީވާފަދަ ގޮތަކަށް ހަށިގަނޑަށް އަރުވާފައިވާ ބާރު ދޫކޮށްލައިގެން އިރުކޮޅެއް ވަންދެން އޮތީ އައިދަންއަށް ފުރުސަތު ދީގެންނެވެ. އެހެންވެ އޮވެފައި ހަމަލާ ދިނީ އައިދަން ނުވިސްނާ ވަނިކޮށް ކުއްލިއަކަށެވެ.

ވީ ތަދާއެކު އައިދަން ސިހިފައި މޫނު ދުރުކޮށްލި އެވެ. ހުހަށް އޮތް އަތުން އަނގަމަތި ފުހެލާފައި އަތަށް ނަޒަރު ހުއްޓާލިއިރު ލޭ ހުއްޓެވެ. ދެން އޭނަގެ ނަޒަރު ބަދަލުކޮށްލީ ނިޝާލްގެ މޫނަށެވެ. ނިޝާލް ފަތަޚައިގެ ހިނިތުންވުމެއް ވެރިކޮށްލިތަން ދެކެފައި އެހިނިތުންވުން ފޭރިގަންނަން ބޭނުންވި އެވެ. ބަލާކަށް ނީނދެ އޭނަ ނިޝާލްގެ ކޯތާފަތުގައި ޖަހައިފި އެވެ.

ކޯތާފަތަށް އެރި ދިލައާއެކު ނިޝާލްގެ އަނގައިން ވޭނާއި ސިހުން އެކުލެވޭފަދަ އާހެއްގެ އަޑު ނިކުތެވެ.

"ބިޗް..." ދެދަތްޕިލަ ޖައްސައި ބާރުކޮށްލައިފައި އައިދަން ބުނެލި އެވެ.

ދެން ކުއްލިއަކަށް އޭނަ ދޫކޮށްލާފައި އެނދުން ފައިބައިފި އެވެ. ނިޝާލްއަށް ބަލަން އޮވެވުނީ ހައިރާންވެފަ އެވެ. އޭނަ ހީކުރީ އޭނަ އެކުރި ކަމަކުން އައިދަންގެ އަނިޔާވެރިކަން ވާނީ އިތުރު ކަމަށެވެ ލިބޭ އަދަބު ވާނީ ބޮޑު ކަމަށެވެ. އެކަމަކު އައިދަން ކަންތައް މިކުރީ އިދިކޮޅަށެވެ.

އައިދަން ހިޔާލު ބަދަލުވެގެން ދެވަނަ ފަހަރަށް އައުމުގެ ކުރިން އޭނަ ތެދުވެ އިށީނެވެ.

"ހީނުކުރާތި މިފަހަރު ދޫކޮށްލިހާ ފަސޭހައިން ކޮންމެފަހަރަކު ދޫކޮށްލާނެއޭ! ވަރިއެއްވެސް ނުކުރާނަން. ފިލައިގެން ދިޔަކަވެސް ނުދޭނަން.. އުމުރު ދުވަހު ހުންނަންޖެހޭނީ މަގޭ އަންބެއްގެ ގޮތުގައި. އެކަން އަވަހަށް ޤަބޫލު ކުރިވަރެއް ރަނގަޅު ވާނީ..." ޝަހާދަތް އިނގިލި ދިއްކޮށްލައިގެން ހުރެ އައިދަން ބޭނުންވި ވާހަކަތައް އިއްވާފައި ކޮޓަރިން ނިކުމެ ދޮރު ޖެހި އެވެ.

ކޮޓަރިތެރޭ އެކަނި ވުމާއެކު ނިޝާލް އަނެއްކާ ވެސް އުއްޑުން ވެއްޓިގަތީ އެނދުމައްޗަށެވެ. ލޯމަރާލައިފައި ލޮލުގައި ހުރި ކަރުނަތައް އޮހޮރިގެންދާން ދޫކޮށްލި އެވެ. ހިތާމައަށްވުރެ ބޮޑަށް އޭނަގެ ލޭގައި ދައުރުވަމުން ދިޔައީ އައިސްފައި ހުރި ރުޅި އެވެ. މީގެ ކުރިން ދުވަހަކުވެސް އެއްވެސް މީހަކަށް އޭނަގެ މައްޗަށް ބާރުފޯރުވިފައެއް ނެތެވެ. ފެށުނީއްސުރެ ވެސް އޭނަގެ އަމިއއްލަ ނަފްސަކީ ހަމައެކަނި އޭނަގެ އެއްޗެކެވެ. އޭނަގެ ބާރުގެ ދަށުގައިވާ އެއްޗެކެވެ. ވިސްނާނުލައި މިއެޅުނު ޅަ އެއްޗަކުން މުޅި އުމުރަށް އައިދަންގެ ގަޢިދީއަކަށް ވެދާނެތީ ޖެހިލުންވި އެވެ. އެހެން ހިތަށް އަރާފައި ވެސް ފާޑެއްގެ ތުރުތުރެއް ހަށިގަނޑުގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރުކޮށްލި އެވެ.

ނިޝާލްއަށް ކިރިޔާ ވެސް ހިތްހަމަޖެހުމެއް ލިބުނީ ކޮޓަރިތެރޭ ހުރިއްޔާ ހުރި އެއްޗެއް އުކައި މުޅިތަން އަނެއް ފުށަށް ޖެހުނީމަ އެވެ. އެވަރުން ވެސް އައިދަންދެކެ އައިސްފައިވާ ރުޅިއަކަކަށް ކުޑަވެސް ބަދަލެއް ނާދެ އެވެ. ކައިވެނި ކުރެވުމުގެ ކުރިން އެތަނުން ދުރަށް ނުދެވުނީތީ އަމިއްލަ ނަފްސްދެކެ ވެސް ރުޅި އާދެވުނެވެ. މީހުން ކިޔާ އެއްޗަކަށް ނުބަލައި ތެދުވެގެން ދެވުނުނަމައޭ ހިތަށް އެރި އެވެ. ނޫނީ ހޭނެތޭ ކަމަށް ހެދިގެން އެކްޓެއް ޖައްސައިލެވުނު ނަމަވެސް ސަލާމަތްވީހެވެ. އެއިރުން ދެން އެހެން ގޮތަކަށް ޕްލޭން ކުރިއަށް ގެންދަން ވަގުތު ލިބުނީހެވެ. ހުރިހާ މޮޅު ހިޔާލެއް ވެސް މިއަންނަނީ ވާނެ އެއްޗެއް ވެ ނިމުނީމަ އެވެ.

ނިދިން އެސްފިޔަތައް ބަރުވެ އެހެން ގޮތެއް ނެތިގެން ނިޝާލް އޮށޯވެލީ ބެޑްޝީޓް ދަމައިގަނެ ހާމަކޮށްލާފައި އޮތް އެނދުގަ އެވެ. ބާލީހެއްގެ ބަދަލުގައި ބޯ އެޅި ބޮނޑިކޮށްލާފައި އޮތް ރަޖައެއްގަ އެވެ. އޭރު ގަޑިން ވީ އިރެއް ވެސް ނޭނގެ އެވެ. އެނިދުނު ގޮތަށް ސިހިފައި ހޭލެވުނީ އައިދަން ހެނދުނު ހެނދުނާ އައިސް ކޮޓަރި ދޮރު ހުޅުވި އަޑަށެވެ.

ލޯ ހުޅުވާލައިފައި އައިދަން ފެނުމާއެކު ފުންމައިގެން ތެދުވެވުނެވެ. ކޮޓަރިތެރެ އޮތް ގޮތުން އައިދަން ހައިރާންވެފައި ވަށައިގެން ހޯދައިލި އެވެ. އެކަމަކު އެއްވެސް ސުވާލެއް ނުކުރެ އެވެ. ފާޚާނާއަށް ވަންނަން ދިޔައިރު އެމޫނުން ފެނުނީ ވަރުބަލިކަމެވެ. އޭނަ ފަދައިން އައިދަން ވެސް ނުނިދަނީ އެވެ. ރޭ ހަތަރުދަމު ހޭދަކުރީ ފާރަވެރިއަކަށް ވެގެން ކޮޓަރި ދޮރުކައިރީ ނޫންކަމެއް ނޭނގެ އެވެ.

އައިދަން ވަދެ ގެއްލުމާއެކު ނިޝާލް އަވަހަށް އެނދުން ފައިބައިގެން ދޮރާއި ދިމާއަށް ދިޔަ އެވެ. އޭނަގގެ ފިޔަވަޅުތައް މަޑުޖެހުނީ ދޮރާއި ހަމައިންނެވެ. ހަނދާނަށް އައީ ރޭގައި އައިދަން ބުނި ވާހަކަކޮޅެވެ. އެއީ އޭނައަށް ފިލައިގެން ނޫޅެވޭނެ ވާހަކަ އެވެ. އަނެއްކޮޅުން އޭނަގެ އަތް ދަބަސް ވެސް ވީ ޒައިނާމެން ގޭގަ އެވެ. އެކަން ހަނދާންވެފައި ނިޝާލްއަށް ނިތުގައި ހިފާލެވުނެވެ. އޭގައި ހުންނާނީ ޕާސްޕޯޓާއި ހުރިހާ މުހިންމު ލިއުންތަކެވެ. ޒައިނާ ކައިރީ ބުނެގެން އެހޯދުން ވާނީ ނާދިރު ކަމަކަށެވެ.

ދެން ހަދާނެ ގޮތެއް ނޭނގިގެން ވިސްނަން ހުއްޓާ އައިދަން ނިކުތެވެ.

"އަވަހަށް ރެޑީ ވޭ. ގަޑިއެއްހާއިރުފަހުން ޗެކިން އޮންނާނެ..." އައިދަންގެ ވާހަކައިން ނިޝާލްގެ ސަމާލުކަން އެމޫނާއި ގުޅުނެވެ.

"ވީއާ ލީވިން ފޯ ހަނީމޫން.." ނިޝާލްގެ މޫނުގައިވާ ސުވާލުގެ އަސަރު ފެނިގެން އައިދަން ބުނެދިނެވެ. އެއަޑު އަހާފައި ނިޝާލްގެ މޫނަށް ވީ ގޮތް ފެނިފައި އޭނަ ޖަހައިލީ ހިނިގަނޑެކެވެ.

***

އާހިލްއަށް ހޭލެވިގެން ދުވަން ދާ އަންނައުނާއެކު ކޮޓަރިން ނިކުތްއިރު ބަދިގެ ތެރޭގައި މީހަކު އުޅޭ އަޑު އިވުނެވެ. ކުޑަ ހިނދުކޮޅަކަށް ސުވާލު އުފެދިފައި ނިތަށް ރޫ ގިނަކޮށްލެވުނެވެ. އައިރީން އައިކަން ހަނދާންވީ އޭގެ އިރުކޮޅެއް ފަހުންނެވެ. އޭނަ ގޮސް ވަންއިރު އައިރީން އުނދުން ކައިރީ ހުރެފައި އެނބުރި ބަލައިލި އެވެ.

"ގުޑް މޯނިން އާހިލްބެ.." އައިރީން ހިނިތުންވުމަކާއެކު ބުނެލި އެވެ.

ރައްދު ދިންއިރު އާހިލްއަށް ވިސްނައިލެވުނީ އެމޫނުގައިވި ހަމަޖެހުމުގެ ކުލަވަރާއިމެދުގަ އެވެ.

"ކޮބާ ރޭގަ ރަނގަޅަށް ނިދުނުތަ؟" ފްރިޖުން ފެންފުޅިއެއް ނަގައި ބޯން ތައްޔާރުވެފައި އާހިލް އެހި އެވެ.

"ހޫމ..." ޖަވާބުދިންއިރު އައިރީން ހަނދާންވީ އޭނަ ނިދުނު އިރެއް ނުވެސް އެނގޭކަމެވެ.

ނަވާލްއާ ވާހަކަދައްކަން އޮތުމުން ވީނުވީއެއް ވެސް ނޭނގުނީ އެވެ. ދެން ހޭލެވުނީ ފަތިހެވެ. ހިތާމަ އާއި ވޭނުން ނުނިދިފައި އޮންނަންވީ ރޭ އޭނަ ނިދީ ފުން ނިންޖަކުންނެވެ. ނަވާލްގެ ސަބަބުން އެކަން ހަނދާނުގައި ވެސް ނެތެވެ.

ފެންފުޅި އެތެރެއަށް ލައިފައި އާހިލް މަޑުމަޑުން ބޯޖަހައިލި އެވެ. އައިރީން ތައްޔާރުކުރި އެއްޗެހި ތައްޓަކަށް ލައިގެން އެނބުރުނު ވަގުތު ޓީޝާޓް ބަނޑަށް ހިފާފައިވާ ހިސާބަށް އާހިލްގެ ނަޒަރު ދަތުރުކުރި އެވެ. ދުވަސްކޮޅަކުން އޭނަގެ ރާމީން ވެސް ހުންނާނީ އެހެންނޭ ހިތަށް އަރާފައި މެއަށް ވާންވެގެން އައެވެ.

"ރީން އައީމަ އަހަރުމެން މިތިބީ ވަރަށް އުފަލުން..." އާހިލް އެންމެފަހުން ބުނެލި އެވެ.

އައިރީން ޝުކުރުވެރިކަމާއެކު ހިނިތުންވެލި އެވެ. އައިދަންގެ ކައިވެންޏަށްފަހު އެގޭގެ ހަތަރު ފާރު ތތެރޭގައި އޭނަ ނޭވާ ލާނެ ގޮތެއް ވެސް ނޭނގެ އެވެ. އެނބުރި އަންނަން ހުއްދަ ދިން ކަމީ އާހިލްބެއާ ދައްތަގެ ހެޔޮކަމެވެ. މިހާރު ދެން އިރާދަ ކުރެއްވިއްޔާ ހަމައެކަނި ދަރިފުޅުގެ މުސްތަޤްބަލަށް ވިސްނައިގެން އޭނައަށް އުޅެވިދާނެ އެވެ.

އާހިލް ނިކުތުމާއެކު މޭޒު ދޮށުގައި އިށީނދެ ކާން ފެށިއިރު އައިރީންގެ ހިޔާލުތައް އަނެއްކާ ވެސް ދަތުރުކޮށްފައި ދިޔައީ ނަވާލް އަށެވެ. އިސާހިތަކު ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ. މަންމަގެ ހަމަޖެހުން އިހްސާސްވެގެން ނޫންކަމެއް ނޭނގެ އެވެ. އެވަގުތު ބަނޑުގައި އޮތް ތުއްތު ދަރިފުޅު ވެސް ތޮޅެލައިފި އެވެ. ބަނޑާއި ދިމާއިން އެއް އަތުން ފިރުމާލައިފައި އައިރީން ވާހަކަދެއްކީ އެދަރިފުޅާ އެވެ. ހިނިތުންވެފައި ބުނީ އިރާދަ ކުރެއްވިއްޔާ އެދެމައިންގެ ކުރިއަށް އޮތް ދުވަސްތައް އޮތީ އުފާވެރިކޮށް ކަމަށެވެ. ނުހަނު ލޯބިވާ ދައްތަ އާއި ޅިޔަނުގެ އިތުރުން އޭނައަށް އަޅައިލާނެ އޭނަގެ ތުންފަތަށް ހިނިތުންވުން ގެނެސްދޭނެ އެކުވެރިއަކު ވެސް މިހާރު އެބަހުރި ކަމެވެ. ދެން އޭނަގެ މަޤްސަދަކަށް ވާނީ ވެދިޔަތަން ހަނދާން ނައްތާލައިފައި ހަމައެކަނި އެދަރިފުޅު ރަނގަޅު ސިއްހަތެއްގައި އުފަންކުރުމަށް ކަމަށެވެ. އެމޫނު ދެކޭ ހިތުން އޭނަ ކެތްމަދުވެފައިވާ ވާހަކަ އެވެ. އެދަރިފުޅަކީ އޭނައަށް ލިބުނު އެންމެ ބޮޑު ހަދިޔާ ކަމުގަ އެވެ.

ކުޑައިރުކޮޅެއް ފަހުން އިސްއުފުލާލިއިރު ރާމީން ދޮރުމަތީ ބަލަން ހުރިތަން ފެނިގެން އައިރީންގެ ހިތް ތެޅިގަތެވެ. އަނެއްކާ ނަވާލްއާ ބެހޭގޮތުން އޭނަ ދެއްކި ވާހަކަ ދައްތައަށް އިވުނުބާވަ އެވެ؟ ކައިރިއަށް އަންނަމުން ދައްތަ ވެސް އެހީ އާހިލްބެ އެހި ވާހަކަ އެވެ. އޭނައަށް ރަނގަޅަށް ނިދުނުތޯ އެވެ. އައިރީން ބޯޖަހައިލުމުން ދައްތަ ބަލަން ހުރީ އެކަން މުޅިން ޤަބޫލުނުކުރާ މީހަކު ފަދައިންނެވެ. އެކަމަކު ދެކޮޅަށް އެއްޗެއް ނުބުނެ އެވެ.

ދެބެން އަމިއްލަ ވާހަކަތަކުގައި ހަމަޖެހިލައިގެން ތިއްބާ އިރުކޮޅެއް ފަހުން އައިރީންގެ ފޯނަށް މެސެޖެއް އައިސްގެން ދިއްލުނެވެ. ފޯނަށް އަރާފައި އޮތް ނަވާލްގެ ނަން ފެނިގެން އައިރީން އަވަހަށް ފޯނު ނެގި އެވެ. ދައްތަގެ މޫނަށް ބަލައިލެވުނީ ދައްތައަށް ފެނުނުބާއޭ ހިތަށް އަރައިފަ އެވެ. ރާމީންގެ ސީރިއަސް ކުލަވަރު ފެނިގެން މޭގަނޑު އަނގައަށް އަންނަން އުޅުނުހެން ހީވި އެވެ.

"ޒަހާ.." އައިރީން ދޮގެއްހަދާފައި ގަދަކަމުން ހިނިތުންވެލި އެވެ.

ރާމީން ބޯޖަހައިލި އެވެ. އެކަމަކު އެހިތުތެރޭ އޮތް އެއްޗެއް ނޭނގެ އެވެ. ސްކްރީނުގައި އޮތް ނަވާލްގެ ނަން ފެނުނު ކަމެއް ނުފެންނަ ކަމެއް ވެސް ނޭނގެ އެވެ. އެނުތަނަވަސްކަން ފިލީ މެސެޖު ހުޅުވާލިއިރު ނަވާލް "ގުޑްމޯނިން" ޖަހާލައިފައި އޮތްވާ ފެނިގެންނެވެ. އިސާހިތަކު އޭނަގެ ތުންފަތަށް ހިނިތުންވުމެއް ފެތުރިއްޖެ އެވެ. އަވަސް އަވަހަށް ޖަވާބު ލިޔެލީ ޑިއުޓީއަށް ނުދަނީތޯ އަހައިފަ އެވެ. ނަވާލްގެ އޮފް ދުވަހެއްކަން އެނގުމުން ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އޭނަގެ ސަބަބުން ވިއަސް ނަވާލްގެ ޝެޑިއުލްއަށް ބުރޫ ނޭރީތީ ހިތްހަމަޖެހުނެވެ.

"ސޯ....... ޔޫ ސްނޯ ހަނ؟" ޖަވާބުގައި ލިޔާނެ އެއްޗެއް ނުވިސްނިގެން އުޅެނިކޮށް ނަވާލް މެސެޖް ކުރި އެވެ.

"ވަޓް؟" އައިރީންއަށް ސުވާލުކޮށްލެވުނީ އެތާގައި ނަވާލް ހުރިނަމަވެސް އަހައިލާނެފަދަ ގޮތަކަށެވެ. އެސުވާލުގައި ދެކޮޅު ހެދުންވި އެވެ.

އޭނަ ނަވާލްގެ ވާހަކައާ ދެކޮޅު ހަދާފައި މެސެޖް ފޮނުވުމަށްފަހު ކާންވެގެން ސަމުސާ ނަގާފައި ވެސް ބަލލަން އިނދެވުނީ ފޯނަށެވެ. ނަވާލް އަނެއްކާ ވެސް ބާރު ދިނީ އޭނަ ކުރިން ބުނި ވާހަކަ އަށެވެ. އެއީ އޭނަ ގުގުރިދަމާ ކަމަށެވެ.

"އެއީ ތެދެއް އަހަރެން ގުގުރިދަމާތަ ދައްތާ؟..." ރާމީންގެ މޫނަށް ބަލާލަމުން އައިރީންއަށް އަހައިލެވުނެވެ.

އެކަމަކު އެޖުމްލަތައް އަނގައިން ނިކުތްހާ އަވަހަކަށް އެކަމާއި ހިތާމަ ކުރެވުނެވެ. އޭނައަށް ހެދުނު ދޮގު މިފަޅާއަރުވާލެވުނީ ވެސް އަމިއްލަ އަނގައިންނެވެ. ޒަހާ ނޫންކަން ދައްތައަށް މިހާރު އެނގޭނެ އެވެ. އެހުރިހާއިރު ދައްތަ ކައިރީގައި އެމޫނަށް ބަލަން އިންކަމެއް ވެސް އޭނައަށް ރޭކައެއްނުލި އެވެ. ނަވާލް އާ އަނގައިން ބުނާއިރަށް ހީވަނީ އެހެން ތާކަށް ދެވޭހެންނެވެ.

"ކާކާ ތި ވާހަކަދައްކަނީ؟" ކުޑަކޮށް ބުމަ ކައިރިކޮށްލައިގެން އިނދެ ރާމީން އެހި އެވެ.

އައިރީންއަށް ކުރެވުނު ކަމަކީ ތަކުރާރުކޮށް އެސްފިޔަ ޖަހައިލުމެވެ. ފޯނަށް އިތުރު މެސެޖެއް އައީމަ ވެސް އެއަށް ދެން ސަމާލުކަމެއް ނުދެވުނެވެ. އުދަނގޫ ގޮތަކަށް ހިންދިރުވާލައިފައި ދުރު ބަލައިލެވުނީ ޖަވާބުދޭން އުދަނގޫވެފަ އެވެ.

"ނަވާލް...." އައިރީން ޖަވާބުދިނެވެ.

އެގަޑީ ދޮގު ހެދިއަސް އޭނަގެ މޫނުން ދައްތަ ދެނެގަންނާނެކަން އެނގުނެވެ. އެހެންނޫނަސް ނަވާލް އަކީ އޭނަގެ އެކުވެރި އެކެވެ. އެދެމެދުގައި އޮތީ ސިއްރުކުރާވަރު ގުޅުމެއް ނޫނެވެ. ވީއިރު ދައްތައަށް އެނގިދާނެތީ މިހާ ޖެހިލުންވަނީ ކީއްވެ ހެއްޔެވެ؟؟

"އޭނައަށް ކިހިނެތް އެނގުނީ ރީން ގުގުރި ދަމާ ކަމެއް؟....... ކޮބާ ތިދެމީހުންގެ ގުޅުމަކީ؟ އަހަންނަށް ނޭނގޭ ކަމެއް ހިނގަނީތަ؟" އައިރީން ޖަވާބުދޭން ތައްޔާރު ވޭވޭ ހުއްޓާ ރާމީން ދެވަނަ އަދި ތިންވަނަ ސުވާލު ވެސް ކުރި އެވެ. ދައްތަގެ ތޫނުކަމުން ކަމެއް ސިއްރުކުރާކަން ވެސް ދެނެގަތީ އެވެ.

އައިރީންއަށް ހިންދިރުވައިލެވުނެވެ. އެހީވާން އާހިލްބެ ހުރިނަމައޭ ހިތަށް އަރައި ދޮރާއި ދިމާއަށް ބަލައިލެވުނެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular