17 Aug 2019

މި ދެ ހިތް ގުޅުނޭ

ރިންޒީ ލިޔަން ފަށާފައި އިން މެސެޖާއި އެ މެސެޖު ރައްދުވާ ފަރާތް ފެނިފައި އޭނާއަށް ތެދުވެ ހުރެވުނީ ކޮޅަށެވެ.

ގެސްޓް ހައުސްގެ ބޭރުގައި އަޔާމީން މަޑުކޮށްގެން ހުއްޓެވެ. އޭނާ ފޯނުގެ ގަޑިއަށް ބަލާލާފައި ފޯނު ޖީބަށް ލިއެވެ. މެންދަމުން އަލިވެ އެކެއް ޖަހާއިރު ގެސްޓް ހައުސްގައި ތިބޭ މީހުން ވަދެ ނިކުމެ އުޅޭ މަންޒަރެއް ނުފެނެއެވެ. އާއްމު ގޮތެއްގައި މި ގަޑީގައި ދެން މީހަކު ނުވެސް ނިކުންނާނެއެވެ. އަޔާމީން އެތެރެއަށް ވަނެވެ. ކައުންޓަރުގައި ނިދިޖެހިފައި އިން ބިދޭސީ މީހާއަށް ބަލައިލިއެވެ. ކައުންޓަރުގައި އަތުން ޖަހާލުމުން އެމީހާ ސިހިފައި ހޭލިއެވެ. ނިދީގައި އޮވެފައި ހޭލެވުނީތީ ލިބުނު ސިހުމަށްވުރެ އަޔާމީންގެ މޫނު ފެނިފައި އޭނާއަށް ލިބުނު ސިހުން ބޮޑުހެން ހީވެއެވެ.

"ކަލޭތަ؟" ޖެހިލުންވިކަން ނާންގަން އެމީހާ މަސައްކަތްކުރިއަސް ނިތްކުރިން ހިއްލަންފެށި ދަލުގެ ތިކިތައްވީ ގިނައެވެ.

"މިއައީ ޕޮލިހުން ގޮވައިގެން." ހަރުކަށި ރާގަކަށް އަޔާމީން ބުނެލިއެވެ. އެމީހާ އަނެއްކާވެސް ތެޅިގަތެވެ. އޭނާ ބިރުގަންނާނެކަން އަޔާމީންއަށް އެނގެއެވެ. އެކަމަކު އަޔާމީން އައީ އެކަންޏެވެ. ޕޮލިހުންގެ ނަމާއި އެކު އެމީހާގެ ހާލަތު ފެނިފައި އަޔާމީން ކައުންޓަރުގައި އަތުން ޖަހާލާފައި އެމީހާއަށް އިށީންނަން އަމުރުކުރިއެވެ.

"އެކެއް އޮގަސްޓްގައި ރޫމް ނަންބަރު ތިރީސް ފަހެއްގެ ތަޅުދަނޑި ނެގީ ކާކު؟" އަޔާމީން އަހާލިއެވެ. އެމީހާ ފޮތް ނަގައި ހާވަން ފެށިއެވެ. އެތަން ފެނިފައި ކައުންޓަރުގައި ބަނޑު އަޅައި އެ ފޮތް ދަމައިގަތެވެ. އެމީހާއަށްވުރެ ފަރިތަކޮށް ގަނޑުތައް އުކައި ތާރީޚް ހޯދިއެވެ. ތަޅުދަނޑި އާއި ހަވާލުވެ ސޮއި ކޮށްފައި އިނީ ރިންޒީއެވެ.

"އިތުރު މީހަކު އައިތަ؟" އަޔާމީން ފޮތް ދަމާލާފައި ބޭއްވީ އޭނަ އަތްޖެހޭ ހިސާބުގައެވެ. ދެފަރާތަށް ބޯހޫރުވާލާފައި ޖަވާބު ދެމުން އެމީހާ ގުދުވެ ވަތްގަނޑު ހުޅުވައިލިއެވެ. އަޔާމީން ޖީބުން ފޯނު ނެގިއެވެ. ރިންޒީގެ ފޯނު ހުޅުވައި އޭނާއަށް ފެނުނު މެސެޖު ދައްކަންވެގެން ބަލާލިއިރު ކައުންޓަރުން އެމީހާ ނިކުންނަނީއެވެ. އަޔާމީން ހަޅެއްލަވައިގަތުމުން އެމީހާ ދުއްވައިގަތީ އެންމެ ކައިރީގައި ހުރި ސިޑިގޮޅި ކައިރިން ހުޅުވިފައި ހުރި ދޮރުންނެވެ.

އެމީހާގެ ފަހަތުން އަޔާމީން ދުއްވައިގަތެވެ. ދޮރުގަނޑުގައި އަތުން ޖެހިލެއް ބާރުކަމުން އެމީހާގެ ފިޔަވަޅުތައް ކުރިއަށްވުރެ އަވަހެވެ. އެތަނުން ނިކުމެވުނީ ގެސްޓްހައުސްގެ މަރާމާތުގެ މަސައްކަތްކުރާ ތަނަކަށެވެ. މުޅި ތަނުގައި ސިމެންތިއާއި މަސައްކަތު އެއްޗިއްސެވެ. ރޭގަނޑުގެ އަނދިރީގެ ސަބަބުން އެމީހާގެ ފަހަތުން ދިއުން ވީ އުދަނގޫ ކަމަކަށެވެ. ފޯނުގެ ލައިޓް ދިއްލާފައި ބަލާލިއިރު އެމީހާ ފެންނަންވެސް ނެތެވެ.

"ޝިޓް" އަމިއްލައަށް ހެދުނު ގޯސް ހަދާންވީ ދެނެވެ. އެމީހާގެ ފަހަތުގައި އައުމުގެ ބަދަލުގައި ފުލުހުންގެ އިދާރާއަކަށް ދިޔަނަމަ މާ ރަނގަޅުވީހޭ ހިތަށް އެރިއެވެ. އައިކޮޅަށް އަނބުރާލާފައި ދާން އުޅެނިކޮށް ކަރުގައި އޮޅިގެން ދިޔައީ ފޮތިގަނޑެއް ކަހަލަ އެއްޗެކެވެ. އެމީހާ ފަހަތުން އައީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ނޭވާ ތާށިވެ އަޔާމީންއަށް ތެޅިގަނެވުނެވެ. އަތުގައި އޮތް ފޯނު ވެއްޓުނީ ތިރިއަށެވެ. ސަލާމަތްވާން އުޅުމުގެ ތެރޭ ފޯނުމައްޗަށް ފައިންވެސް އެރެއެވެ.

ފަހަތުން އަޅުވާފައިހުރިލެއް ބާރުކަމުން ކަރުން އެ މަޅި ދަމައިގަންނަން އުދަނގޫވިއެވެ. އެހެންވެ އޭނާ އުޅަބޮށި ކުރުކޮށްފައި ޖެހީ އެމީހާގެ ބަނޑުގެ އެއްފަރާތުގައެވެ. އެވަގުތު ކަރަށް ކުޑަ ލުޔެއް ލިބުނެވެ. ވަގުތުގެ ބޭނުން އޭނާއަށް ހިފަން އެނގުނުކަން އެއީ ލެއްވި ނަޞީބެވެ. އެމީހާގެ އަތްދަށުން ދެމިގެންފައި އެމީހާގެ ގައިގައި ބައްދައިގަނެ ތިރިއަށް ވައްޓާލިއެވެ. އެމހާގެ އަތުން ފޮތިގަނޑު ދަމައިގަނެ ބަނދެލިއެވެ.

***

ނިދިފައި އޮވެފައި ދާނިޔާއަށް ހޭލެވުނެވެ. ޒޯހާ އޮންނަ ދިމާލަށް ބަލައިލެވުނެވެ. ލޮލަށް ގިނަވި ކަރުނަތަކާއި އެކު އޭނާއަށް ގިސްލެވުނެވެ. ޒޯހާގެމަތިން މުޅި ދުވަހު އޭނާ ހަނދާންކުރިއެވެ. އެންމެ ދެރަވީ ރޭގަނޑުގެ ކެއުމުގެ ވަގުތުގައެވެ. ޒާންވެސް ޒޯހާ ކޮބައިތޯ އެއްސެވެ.

އަލިވިލުމާއި އެކު ދާނިޔާ ލީވާންއަށް ގުޅިއެވެ. ނިދީގައި އޮވެފައިވެސް ލީވާން އެކޯލު ނެގިއެވެ. ޒޯހާ ގެނެސްދޭށޭ ދާނިޔާ ބުނުމުން ލީވާން ހީލި އަޑު އިވުނެވެ.

"ހަނީމުން ނިންމާލާފައި އާދޭ، އަދި އަހަރެން ގެނައި ފަހުން ސައްވީސް ގަޑިއިރު ނުވޭ،" ލީވާން މަލާމަތްކޮށްލިއެވެ.

"ޒޯހާ އާއި ބައްދަލުކުރުމުގެ ފުރުޞަތު އޮންނަންޖެހޭނެ އަހަންނަށްވެސް، އެޑްރެސް ބުނަނިކޮށް އަހަރެން ހިނގައިދާނަން ބަލާ." ދާނިޔާއަށް ޖެހޭނީ ހަތިޔާރު ބަހައްޓަންކަން އޭނާއަށް އެނގެއެވެ. ލީވާންގެ ފަރާތުން ޖަވާބެއް ނައިސް ލަސްވުމުން ދާނިޔާގެ ހިތް އަވަސްވިއެވެ.

"ޒޯހާ ބުނެފިއްޔާ ގެންދާނަން، އެހެން ނޫނީ އަދި މަޑުކުރޭ." ލީވާން ފޯނު ކަނޑައިލިއެވެ. ފޯނު ތިރިކޮށްލާފައި ދާނިޔާ އިނެވެ. ފޯނުގެ ސްކްރީނުން ފެންނަން އިން ތިންމައިންގެ ފޮޓޯގެ ތެރެއިން ދާނިޔާއަށް ފެނުނީ ހިނިތުންވެލައގެން އިން ޒޯހާގެ މޫނު އެކަންޏެވެ. އެތަންކޮޅަށް ކަރުނަތިއްކެއް ވެއްޓުނެވެ. ޒޯހާގެ މޫނު ފެނިފައިވެސް ރޮވުނީކަން އެނގުނީ ދެނެވެ. ހެދުމުން ފޯނު ފޮހެލާފައި ދާނިޔާ އެނދުމައްޗަށް އުންޑުން ވެއްޓިގަތެވެ. އެއާއި އެކު ލޮލުގެ އަރިމަތިން ކަރުނަތައް އޮހިގެން ގޮސް ކަންފަތް ކައިރިން ނިވާވާންފެށިއެވެ.

ހެނދުނުގެ ސައި ގަޑި ކުރިއަށްވުރެ ފަޅުވިއެވެ. މިއަދު އަޔާމީންވެސް ނާދެއެވެ. އަޔާމީންގެ ފޯނަށް ދާނިޔާ ގުޅާލިއެވެ. އަދި ނިދައިގެން ނުހޭލަނީއޭ އޭނާ ހިތަށް އެރިއެވެ. މާގިނައިރުވަންދެން ރިންގު ނުވަނީސް ފޯނު ކަނޑާލެވުނީ އެހެންވެއެވެ.

***

ޒޯހާ ގޮވައިގެން ސްކޫލު ދޮށަށް ދާނެކަމަށް ދާނިޔާ އެތަނަށްވެސް ދިޔައެވެ. ގަޑި ޖެހި ކުދިންތައް ވަދެ ނިމުނުއިރުވެސް ޒޯހާއެއް ނުފެނުނެވެ. މާޔޫސްވެ ހުރެ އެނބުރި ގެއަށް އަންނަންޖެހުމުން ހިތުގެ ރިހުން ހީވީ ގަދަވާންހެންނެވެ. އެންމެ ފަހަރަކު ނަމަވެސް ޒޯހާ އާއި ވާހަކަ ދައްކަން އޭނާ ބޭނުމެވެ. އަލުން މައްސަލަ ހުށައެޅުމުގެ ކުރން ޒޯހާއަށް މަޖުބޫރު ކުރުމަކާއި ނުލައި އެކުއްޖާ ބޭނުންވާ ގޮތް އެނގެން އޭނާ ބޭނުމެވެ.

***

މޫނުގައި ބާލީސް އަޅައިގެން އޮވެފައި ލީވާން ސިއްރުން ބާލީސް އެއްފަރާތް ކޮށްލާފައި ބަލާލިއެވެ. އަޑު މަޑުވެ ހިމޭންކަން ވެރިވުމުން އޭނާ ހީކުރީ ޒޯހާ ނިދީކަމަށެވެ. އޭގެ ބަދަލުގައި އޭނާއަށް ފެނުނީ ފާރުގައި ލެނގިލައިގެން އިން ޒޯހާއެވެ. ލޮލުން ފައިބާފައި ހުރި ކަރުނަތައް ކޯތާފަތްމަތިން އެނގެން ހުއްޓެވެ.

"ޒޯހާ" ލީވާން މަޑުމައިތިރިކަމާއި އެކު ގޮވާލިއެވެ. ޒޯހާ އިން ގޮތުން އޭނާގެ ހިތަށް އަސަރު ކުރިއެވެ. ރޭގައި އިރާކޮޅުން ފެށިގެން ޒޯހާ ކިޔަންފެށީ ދާނިޔާގެ ކައިރިއަށް ގެންދިއުމަށެވެ. ކޯޓުގައި ޒޯހާ އެހެން ބުނީ ލީވާން ވަރަށް އަގުބޮޑު ހަދިޔާއެއް ދޭން ބުނެގެންނެވެ. މަންމަ އާއި ވަކިން އުޅެން ބޭނުންވެގެންނެއް ނޫނެވެ. އަދި ދާނިޔާ ދެކެ ފޫހިވާ ޒާތުގެ ވާހަކަތައް ލީވާން ދައްކާފައިވާތީ ލީވާންގެ ބަހަށް ހެއްލިގެން ދިޔައީ މަދު ވަގުތުކޮޅަކަށެވެ.

ހެނދުނު ގެންދަން ބުނެގެންވެސް ޒޯހާ ނިދަން އެއްބަހެއް ނުވިއެވެ. ނިދާ މާހައުލު ބަދަލުވުމުން އެކަމުގެ އަސަރުވެސް ޒޯހާއަށް ކުރިމެއެވެ. ޒާން އާއި ވަކިން އުޅުމަކީވެސް އުދަނގޫކަމެކެވެ. މިޒާޖު ތަފާތުވިއަސް ދެކުދިން އުޅެނީ އެކުގައެވެ.

ބާލީސް އެނދުމައްޗަށް ޖަހާފައި ލީވާން ތެދުވިއެވެ. ޒޯހާ ނައުމުން ތެދުވެ ދާންޖެހުނީ އޭނާއަށެވެ. ޒޯހާގެ ކައިރިއަށް ގޮސް ދެކަކޫ މައްޗަށް ތިރިވެ ޒޯހާގެ ބޮލުގައި ފިރުމައިލިއެވެ.

"ދަރިފުޅު ހުރިހާ ދުވަހު އުޅުނީ މަންމަ ކައިރީ، ބައްޕަ ކައިރީވެސް ބައެއް ފަހަރު އުޅެންޖެހޭނެ، މަންމަ އާއި ބައްދަލުކުރަންވެސް ގެންދާނަމޭ، ބައެއް ފަހަރު ޒާންވެސް އަންނާނެ މިގެއަށް، " ލީވާން އަށް ޒޯހާ ދެކެ ރުޅި އައުމަކީ ކުރެވޭކަމެއް ނޫނެވެ. އަދިވެސް އޭނާގެ އަޑު ހުރީ ކުރީގެ ރާގުގައެވެ. ލީވާންގެ އަތް ފޮޅާލާފައި ޒޯހާ ދުރަށް ޖެހިލަން އުޅުނެވެ. އޭގެކުރިން ޒޯހާ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ.

"ބައްޕަ ލޯބިވާވަރަށް މަންމަ ނުވާނެ ލޯތްބެއް، " ލީވާންއަށް ކުރި ހޯދޭނެ ހަމައެކަނި މަގަކީ އެއީއެވެ.

ދޮރުގައި ޓަކިދިން އަޑު އަހާފައި ލީވާން އަށް ބަލައިލެވުނެވެ. އެއަޑު ތަކުރާރުވުމުން މީހަކު އައީއޭ ހިތައި ތެދުވިއެވެ. ތަޅުގައި ހިފާ އަނބުރާލަމުން ލީވާން ދޮރު ހުޅުވީ ކުޑަކޮށެވެ. ހަނިދޭތެރެއިން އޭނާއަށް ނޫކުލައިގެ ޔުނީފޯރމްގައި ތިބި ދެ ފުލުހަކު ފެނި ދޮރު ކޮއްޕާލެވުނެވެ. ތަޅު ލުމުގެ ކުރިން އެތަނުން އެކަކު ފައިން ޖަހައި ދޮރު ލެއްޕުނަ ނުދިނެވެ.

ފަހަތަށް ޖެހެން އުޅެނިކޮށް ލީވާން ވެއްޓުނީ އުންޑުންނެވެ. ނިކަން ހަލުވިކޮށް އެމީހުން ވަދެ ލީވާން ވަށާލިއެވެ. ލޮލަށް ފެންނަމުން ދިޔަ މަންޒަރުގެ ސަބަބުން ޒޯހާއަށް އިނދެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ލީވާން ނަގައި އެނދުގައި ބައިންދާފައި އެމީހުން މުޅި ކޮޓަރި ތެރެ ހާވަންފެށިއެވެ. ކޮޓަރި ފާސްކުރުމުގެ ހުއްދަ އެމީހުން އަތުގައި އޮތެވެ.

***

އޭގެ ގަޑިއިރެއްގެ ފަހެވެ. ލީވާން އިނީ ކޮޓަރިއެއްގެ ތެރޭ އެކަންޏެވެ. އެތަނަށް ތަހްގީގު ކުރާ ބަޔަކު ސުވާލުކުރަން އަންނާނެކަމަށް އޮތީ ބުނެފައެވެ. ލީވާން ވިސްނަމުން ދިޔައީ އެމީހުން ކުރާނެ ސުވާލުތަކާއި މެދުގައެވެ. އެކަމަށްވުރެ އޭނާ ނުރުހުންވެފައިވަނީ ދާނިޔާއަށް ކުރި ލިބުނީތީއެވެ. ފުލުހުން ޒޯހާ ހަވާލުކުރާނީ ދާނިޔާ އަށްކަން އެނގެއެވެ. އޭނާ ހާސިލްކުރަން ބޭނުންވި ކަންތައް ނުވަނީސް ހުރިހާކަމެއް ފަނިވެގެން ދިޔައީއެވެ.

ކޮޓަރި ތެރެއިން ފެނުނު ސާމާނާއި ފައިސާތަކުން އެކަނިވެސް މިފަހަރު އޭނާ މިނިވަންވާނެކަމެއް ނޭނގެއެވެ. ފުލުހުން މުޅި ކޮޓަރި ތެރެ ހާވައި ބެލުމުގެ ތެރޭ ލީވާން އަތުގައި ހުރި ހުރިހާ އެއްޗެއް ހޯދިއެވެ. ލީވާން ހައްޔަރުކުރަން ދިޔަ މައިގަނޑު ސަބަބަކީ މަސްތުވާތަކެތީގެ މައްސަލައެއް ނޫނެވެ. ރިންޒީ މަރާއި މެދު ޝައްކު އުފެދިގެންނެވެ. އެކަމަކު އޭނަ އާއި ދިމާލަށް އެމީހުންގެ އިނގިލިތައް އެ އައީ ކީއްވެކަމެއް ނޭނގެއެވެ. ކުރިކަމެއް އޭނާ ކުރީ ރާވައި ސިއްރުންނެވެ.

ރިންޒީ އަށް ސަލާމަތްވާން އޭނާ ފުރުޞަތު ދިނެވެ. ރިންޒީ އަށް އެހީވާން އޭނާ ހުރީ ތައްޔާރަށެވެ. ރިންޒީ އާއި ސުލްހަވެރިކޮށް ވާހަކަ ދައްކަން އޭނާ މަސައްކަތް ކުރިއެވެ. ރިންޒީ ރުޅި އައީ ލީވާންގެ ދިރިއުޅުމުގައި ރިންޒީއަށް ޖާގައެއް ނެތްކަން އެނގިގެންނެވެ.

ރިންޒީ އާއި ގަޔާވި ދުވަސްތަކެއް ދިޔައެވެ. އެކަމަކު އޭރު ރިންޒީ އޭނާ ބެހެއްޓީ އެކުވެރިއެއްގެ ގޮތުގައެވެ. އަޔާމީން ފެނިގެން ރިންޒީ ކައިވެނިކުރި ހިސާބުން ލީވާންގެ ލޮލަށްވެސް ފެނި ނުލިއެވެ. ދެން ކުއްލިއަކަށް ފެނުނީ މީގެ ދެ މަހެއްހާ ދުވަސްކުރިންނެވެ. އެއީ ލީވާންއަށް ހެދުނު ގޯހެކެވެ. އެކަމަކު އެއީ ރިންޒީ އާއި ކައިވެނިކުރަންޖެހޭ ސަބަބެއް ނޫނެވެ. ބޭރަށް ގޮސް ރިންޒީ ބަނޑުދޮވެލައިގެން އަންނަން ލީވާން އެދުނެވެ. ޚަރަދު ދޭނީ ލީވާން އެވެ. އެގޮތާއި ރިންޒީ ނުރުހުނެވެ. އެއީ ރިންޒީ އެނބުރި އައުމަކުން އަޔާމީން ކައިވެނި ނުކުރާނެތީއެވެ. ރިންޒީ ގަދަ ދެއްކީ ލީވާން އާއި ކައިވެނި ކުރާށެވެ. ނޫނީ ވިހައި ގަދަވެ ލީވާން ބޭޒާރުކޮށްލާނެކަމަށް އިންޒާރު ދިނެވެ.

ރިންޒީ ކައިރީ އަރާމުކުރަން ދާށޭ ކިޔައި ފޮނުވީ އިންނަން އެއްބަސްވެގެންނެވެ. އޭގެ ކުޑައިރުކޮޅެއްފަހުން ގެސްޓް ހައުސްއަށް ގޮސް އެކޮޓަރީގެ ތަޅުދަނޑި ލީވާން ނެގީ ބިދޭސީމީހާއަށް ބޮޑު އަދަދެއްގެ ފައިސާ ދީފައެވެ. އެކަން ސިއްރު ކޮށްދިނުމަށް ބުނެފައެވެ.

ރިންޒީގެ ކޮޓަރިއަށް ވަންއިރު ރިންޒީ ފެންވަރައިގެން ނިކުންނަނީއެވެ. ލީވާން ފެނިފައި ރިންޒީ ބިރުގަތެވެ. އެކޮޓަރިއަށް ވަނީ ކިހިނެއްތޯ އެހިއެވެ. ކޮޓަރި ހުރީ ތަޅުނުލާކަމަށް ލީވާން ބުންޏެވެ. ރިންޒީ އަށް ގެނައި އާފަލު ޖޫސްޕެކެޓުން ތައްޓެއް އަޅާފައި ބޯލާށޭ ލީވާން ބުންޏެވެ. އޭގައި ނުހިފަން ރިންޒީ އުޅުނެވެ. މޭނުބައިކުރާތީ އެއްވެސް އެއްޗަކާއި ގަޔާނުވާތީއެވެ.

ކުޑަދޮރުގެ ކައިރީ ރިންޒީ ހުއްޓުނެވެ. ކުޑަދޮރު ހުޅުވާފައި ދޮރުފޮތިގަނޑުން ނިވާކޮށްލިއެވެ. ފަހަތް އެނބުރުނުއިރު ލީވާން އައިސް ހުރީ ކައިރީގައެވެ. ރިންޒީގެ އުނަގަނޑުގައި އަތް ޖައްސާލާފައި ލީވާންގެ ކައިރިއަށް ދަމާލިއެވެ. އޭނައަށްޓަކައި ނަމަވެސް ޖޫސްތަށި ބޯލަން އެދުނެވެ. ލީވާންގެ ލޮލުގައިވީ މަކަރުވެރިކަން ރިންޒީއަކަށް ނުދައްކައެވެ. ރިންޒީ ޖޫސްފޮދެއް ބޯލިއެވެ. ރިންޒީގެ ފޯނަށް މަންމަ ގުޅީ އެވަގުތެވެ. ވަފިއްޔާ އާއި ވާހަކަ ދައްކާށޭ ލީވާން ބުންޏެވެ. އޭނާ ގޮސް ހުއްޓުނީ ޑްރެސިން ޓޭބަލްގެ ކައިރިއަށެވެ. ރިންގު ކެނޑެންދެން ރިންޒީ ހުރީބަލާށެވެ. އެއީ އޭނާގެ މަންމަ އާއި ވާހަކަ ދައްކަން ލިބޭ އެންމެ ފަހުގެ ފުރުޞަތު ކަމެއް ނޭނގެއެވެ. އަނެއްކާވެސް ޖޫސްތަށީގެ ބާކީބައި ބޯލިއެވެ. ލީވާން ފުރަގަސްދީގެން ހުރެ ކުރާކަމެއް ނޭނގެއެވެ. އެ ފިޔަވަޅުމަތީ ހުއްޓާ ރިންޒީގެ ދެލޯ ފުސްވަމުން ދިޔައެވެ. ލީވާންއަށް ގޮވާލަން ބޭނުންވިއެވެ. ދެފައި ތުރުތުރުލާން ފެށުމުން އޭނާއަށް ބަލައިލެވުނީ އަތުގައި ހުސްވެފައި ހުރި ތައްޓަށެވެ. ލީވާން އޭގެ ތެރެއަށް އެއްޗެއް އެޅީކަން އެނގުމުން ލީވާންގެ ނިޔަތާއި މެދު ވިސްނާލެވުނެވެ. ލީވާން ފުރަގަސްދީގެން ހުއްޓާ އަވަހަށް ފޯނު ހުޅުވައި އަޔާމީންއަށް މެސެޖެއް ލިޔަން ބޭނުންވިއެވެ. އެއްބައި ލިޔެވުނުތަނާއި ފެނުނީ ލީވާން އެނބުރުނުތަނެވެ. ބިރުން ގޮސް ރިންޒީގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. އަނެއް އަތުގައި ހުރި ބިއްލޫރިތަށިވެސް ވެއްޓުނެވެ. ލީވާން އައީ ކައިރިއަށެވެ. ފުރާނަ ސަލާމަތްކުރަން ދުއްވައިގަންނާނެ ހިތްވަރެއް ރިންޒީގެ ހައްޓަކު ނެތެވެ. އޭނާއަށް ޖެހެވުނީ ފަހަތަށެވެ. ފަރުދާގެ ފޮތިގަނޑުގައި އަތްލެވުނުކަން އެނގެއެވެ. އޭނާގެ ދެކޮނޑުގައި ހިފާ ލީވާން ކޮއްޕާލީ އެ ފޮތިގަނޑުގައި ބާރަށް ހިފަހައްޓާލުމުގެ ކުރިންނެވެ.

***

އެއީ ރިންޒީ އަމިއްލައަށް ކުރި ކުށެއްކަން ދައްކަން ލީވާން މަސައްކަތް ކުރިއެވެ. ޑްރެސިން ޓޭބަލް ކައިރީ ރިންޒީގެ ނަމުގައި ލިޔެފައި ނޯޓްކޮޅެއް އޭނާ ބޭއްވީ އެހެންވެއެވެ. ރިންޒީ ވެއްޓުނު ޚަބަރާއި އެކު ފުރަތަމަ ދެތިން ދުވަހު އެހާ އޮމާންކޮށް ދިޔައީ އެހެންވެއެވެ. ޚަބަރުތަކުގައިވެސް ކީ އަމިއްލައަށް މަރުވާން މަސައްކަތްކުރި ވާހަކައެވެ. އޭނަ އާއި މެދު ޝައްކުކުރި މީހަކުވެސް ނެތެވެ. ދޮރު ހުޅުވުނު އަޑަށް ލީވާން ބަލައިލިއެވެ. ފައިލެއް ހިފައިގެން ދެ ފުލުހަކު ވަނެވެ. އޭނަ އާއި ސުވާލުކުރިއެވެ. ރިންޒީ ދަންނަންތީ އެއްސެވެ. ދަންނަ ކަމަށް އެއްބަސްވިއަސް ބާކީ ކުރި އެއްވެސް ސުވާލަކަށް އޭނާ އެއްބަހެއް ނުވިއެވެ.

ދޮގާއި މަކަރުން އަބަދު ކުރިއެއް ނުލިބުނެވެ. ފުލުހުންގެ ހައްޔަރުގައި ގެސްޓް ހައުސްގައި އިން ބިދޭސީ މީހާ އެބައިންކަމަށް އެމީހުން ބުންޏެވެ. އެމީހާ ދިން ބަޔާނާއި ލީވާން ދިން ފައިސާތައްވެސް އެމީހާ ދައްކައިފިއެވެ. ރިންޒީ މަރުވި ކޮޓަރިން ލީވާންގެ އިނގިލީގެ ނިޝާންވެސް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. އިތުރަށް ދޮގު ނުހަދަން އެމީހުން ނަޞޭހަތް ތެރިވިއެވެ. އެއް ކުށުން ނުވިއްޔާ ލީވާން ޖަލުގައި ބަހައްޓާނެ އެހެން ކުށެއްވެސް ފެންމަތިވެފައިވާކަމަށް ފުލުހުން ބުންޏެވެ.

ލީވާން އެއްޗެއް ނުބުނުމުން އެމީހުން ދާން ތެދުވިއެވެ.

"ހަޤީޤީ ކުށްވެރިޔާ ހޯދުނީ ހަމައެކަނި އަޅުގަނޑުމެންގެ މަސައްކަތަކުން ނޫން، އަޅުގަނޑުމެންނަށް ކުރެވުނު ކަމަކީ ހެކި ހޯދައިދިނުން. " ފުލުހުން ބުނެލިއެވެ. އެކަމަކު އެއީ ކާކުގެ ސަބަބުންކަމެއް ފުލުހުން ނުބުންޏެވެ.

***

ފުލުހުންގެ އިދާރާއިން އަޔާމީން ނިކުތީ ހިތްހަމަޖެހިފައި ހުރެއެވެ. ބޭރުގައި ހުރި ޝުރާހް ކައިރީ އަޔާމީން ހުއްޓުނެވެ. އޭނާގެ ކަރުގައި ރަތްވެފައި ހުރިތަނުގައި އަތް ފިރުމާލެވުނެވެ. ބިދޭސީ މީހާގެ އަތް ދަށުން އޭނާއަށް ސަލާމަތް ނުވެވުނު ނަމަ އެތަނުން ނެރޭނީ އޭނާގެ މަސްގަނޑު ކަންނޭނގެއެވެ. އެކަމަކު ކާމިޔާބު ލިބުނީ އޭނާއަށެވެ. އެމީހާ ގެ ދެއަތް ބަނދެލާފައި އަޔާމީން ގުޅީ ފުލުހުންނަށެވެ. ލީވާން އާއ ބެހޭގޮތުން ކިޔައިދިނީ އެމީހާއެވެ. އިތުރަށް އަޔާމީންއަށް ދޭންޖެހުނީ ރިންޒީގެ ފޯނެވެ. އޭގައި ރިންޒީ އޭނާއަށް ފޮނުވަން އުޅުނު މެސެޖުން ކޮންމެވެސް ވަރެއްގެ މައުލޫމާތެއް ލިބެއެވެ. އޭގައި ލީވާންގެ ނަން ބޭނުންކޮށްފައި ނެތަސް ރިންޒީ އެހީއަށް އެދިފައި ވާތީ އަމިއްލަ އަށް މަރުވާން ނޫޅޭކަން އެނގެއެވެ.

"ކަލޭ ތީ މޭންއެކޭ." އަޔާމީންގެ ކޮނޑުގައި ޖަހާލަމުން ޝުރާހް ބުނެލިއެވެ. އަޔާމީން އާއި އެކު ގޮސް ކާރަށް އަރަމުން ޝުރާހް ހުއްޓުނެވެ. "ކަލޭ ޖަނާލްއަށް އަގުދެއްކީ ކިހިނެއްކަމެއް އަދި ނުބުނަމެއްނު." ޝުރާހް ގެ މޫނަށް ބަލާލާފައި އަޔާމީން ހީލިއެވެ. ކާރުގެ ކުރީ ޝީޓަށް އަރައި އަޔާމީން ބަލައިލީ ފޯނަށެވެ. ފޯނުގެ ސްކްރީނުގައި އިނީ އަޔާމީން އާއި އަޒާންގެ ފޮޓޯއެކެވެ. ދެބަފައިން އިށީދެ އިނީ ކަޅުކުލައިގެ ޕީސީއެކްސްއެއްގައެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular