By: Mariyam Yasma
ގާތްމީހަކު ވަކިވެދިއުމަށް ފަހު އެއީ ފުރަތަމަ ދުވަސް ކަމުގައި ވިއަސް ނުވަތަ އޭގެ ހަ ދުވަސް ފަހުން ކަމަށް ވިއަސް ތަފާތެއް ނުވެ އެވެ. ހިތުގައި އެރިހޭ ރިހުމާއި ލިބޭން ވޭން ވެސް ކުޑައެއް ނުވެ އެވެ. އެއްފަހަރު އެކަމާއި ކުރިމަތިލައިގެން އެނިމުނީއެއް ވެސް ނޫނެވެ. ތަކުރާރުކޮށް އެތަކެއް ފަހަރު އެކަމާއި ކުރިމަތިލާން ޖެހެ އެވެ. އެމީހަކު ނެތްކަން ހަނދާންވާ ކޮންމެ ފަހަރަކު އަލުން އަނބުރާ އެދުވަހަށް އިއާދަވެވޭ ފަދަ އެވެ. އަލުން އަނބުރާ އެމަންޒަރުތައް ލޮލަށް ފެންނަ ފަދަ އެވެ.
އަހަރެންގެ އެއްމާބަނޑު ދައްތަ ޔުމްނު މަރުވިފަހުން މިއަދަށް މީ ހަތްވަނަ ދުވަހެވެ. ޔުމްނު އަހަންނަށްވުރެ ދޮށީ އެންމެ ތިން މިނިޓެވެ. އެކަމަކު އެތިން މިނިޓް އެއީ ޔުމްނު އެންމެންގެ ހިތްތައް ފަތަޚަކޮށްލަން ފުދިފައި އިތުރުވެސް ވި މިންވަރެކެވެ. ޔުމްނު އެއީ އަހަރެންގެ ބައްޕަގެ ލޮލުގެ ނޫރެވެ. ކާފަގެ ހިތުގެ ހަމަޖެހުމެވެ. އަދި މުޅި އާއިލާގެ ރޫޚެވެ. ޔުމްނުގެ ކިބައިން އުފާވެރިކަން އުތުރިއަރަ އެވެ. އަބަދުމެ ހުންނާނީ ހިނިތުންވެފަ އެވެ.
ސިފައިގެ ގޮތުން އަހަނާއި ޔުމްނު އެއްގޮތެވެ. ދެމީހުންގެ ބުޅި އިސްތަށިގަނޑާއި ލޮލުގެ ކަޅު ކުލަ އެކައްޗެކެވެ. ތުންފަތާއި ނޭފަތުން ފެށިގެން އިސްކޮޅާއި ރޫފައިގެ އިތުރުން ހިނގުންވެސް އެއްގޮތެވެ. އެކަމަކު ދެމީހުންގެ މިޒާޖު އުޑާއި ބިމާހައި ތަފާތެވެ. ޔުމްނުގެ ކެރޭ ކަމާއި ފަސޭހައިން މީހުންނާ އެކުވެރިވާ ގޮތެއް އަހަރެންގެ ނުހުރެ އެވެ. ކުޑައިރު ވެސް ކޮންމެ ކަމެއް ކުރަން އިސްނަގާނީ ޔުމްނު އެވެ. ލީޑަރަކީ އަބަދުވެސް އޭނަ އެވެ. އަހަރެން ހުންނާނީ ޔުމްނު ފަސްފަހަތުން އޭނަ ކުރާ ކަމެއްގެ އަނެއްކޮޅުގައި ހިފާށެވވެ. އަހަންނަށް ނުވިސްނުނު އެއްޗަކީ ޔުމްނުފަދަ އުފާވެރި ކުއްޖަކު ކުއްލިއަކަށް އަމިއްލައަށް މަރުވާން ނިންމި ސަބަބެވެ. އާއެކެވެ. ޔުމްނު މަރުވީ އަމިއްލައަށެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟
"ދައްތާ ފޯނެއް!" ހުޅުވާފައި ހުރި ދޮރުން ވަންނަމުން ރާބިޢާ ވާހަކަދެއްކި އަޑަށް އަހަރެންގެ ހިޔާލުތައް ވިއްސިވިހާލިވި އެވެ.
ރާބިއާ އަކީ ގޭގައި މަންމަމެނަށް ފަސޭހަކޮށްދޭން ގެންގުޅޭ އަންހެނެކެވެ. ފަންސާހުގެ އަހަރުތައް ގުނަމުންދާ ބަންގާޅު މީހެކެވެ.
ރާބިޢާ ދިއްކޮށްލި ފޯނުގައި ހިފާފައި ސްކްރީނަށް ބެލިއިރު ފެންނަން އޮތީ ފާތުންގެ ނަމެވެ. ފާތުންއަކީ މާލޭގައި ހުރި އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އެވެ. ހަދުވަސް ކުރިން ޔުމްނުގެ މަރުގެ ޚަބަރު ލިބިގެން އަހަރެން ފުރަންވެގެން ދަބަސް ތައްޔާރުކޮށްދޭން ވެސް އައީ އޭނަ އެވެ. މާލެ އަކީ މިހާރު އަހަރެންގެ ގެ އެވެ. ވަޒީފާ އާއި ދިރިއުޅުން އޮތީ މާލޭގަ އެވެ. އެނބުރި ރަށަށް އައީ ޔުމްނުގެ މަރާއި ގުޅިގެންނެވެ.
"ފާތުން!" ފޯނު ނަގާފައި އަހަރެން ބުނެލީމެވެ.
"ޔާނާ... އަހަރެން ކިތަންމެ ފަހަރަކު ގުޅަން އުޅެފަ ހުއްޓާލައިފިން. ހައްތަހާ ވެސް ޔާނާއަށް ވަގުތު ދޭންވެގެން. އުދަނގޫވެދާނެއޭ ހިތަށް އަރާފަ ހިޔާލު ބަދަލުވަނީ...ކިހިނެތް މިހާރު މަންމަމެން؟" ފާތުން ދައްކަމުންދިޔަ ވާހަކަ އަހަމުން އަހަރެން އެނދުން ތެދުވެގެން ކޮޓަރިން ނިކުތީމެވެ.
ޖަވާބުދިނުމުގެ ކުރިން އަހަރެންގެ ނަޒަރު ދަތުރުކޮށްފައި ދިޔައީ ސިޓިންރޫމްގައި މަންމަ އިންނަ ގޮނޑޑިއާ ދިމާއަށެވެ. ޔުމްނު މަރުވީއްސުރެ މަންމަ ހުއްޓުން އަރާފައި އިންނަނީ އެގޮނޑީގަ އެވެ. މަންމަގެ ނަޒަރު އަބަދުވެސް ހުންނަނީ ކުޑަދޮރުތަކުގެ ބޭރުން ފެންނަން އޮންނަ ގޯތިތެރެއަށެވެ. ދެން ހުރީ މާމަ އެވެ. މާމަ ނުނިކުމެ އިންނަނީ ކޮޓަރީގަ އެވެ. މާމަގެ ދުލުން ނުބުންޏަސް މާމަ ބޭނުންވަނީ އެކަނި ދޫކޮށްލުންކަން އަހަންނަށް ވިސްނެ އެވެ. އަހަރެން ފެންނަ ކޮންމެ ފަހަރަކު ޔުމްނުގެ ހަނދާންތައް ތާޒާ ވެގެން އަންނަކަން އެނގެ އެވެ.
ފާތުން އަހަންނާ ސުވާލެއް ކުރިކަން ހަނދާންވީ ދެވަނަ ފަހަރަށް އަހަރެންގެ ނަމުން ގޮވާލީމަ އެވެ.
"ނުބައި ގަޑިއެއްގަތަ އަނެއްކާ މިގުޅުނީ؟ އުދަނގުލިއްޔާ އަހަރެން ފަހުން ގުޅާލަފާނަން..." ފާތުން އަނެއްކާވެސް ވާހަކަދެއްކި އެވެ.
"ފާތުން އަހަރެން ވަރަށް ހިތްހަމަޖެހިއްޖެ ފާތުން ގުޅީމަ. އަހަރެން މިހުންނަނީ ގާތް މީހަކާއި ވާހަކަދައްކައިލަން ކޮންމެހެން ބޭނުންވެފަ. މަންމަ އިންނަނީ ގަބުވެފަ. އަދި މާމަ..." ފުންނޭވައެއް ދޫކޮށްލާފައި ފަށައިގެން ކުރިއަށްދިޔަ ވާހަކަ މެދުކެނޑުނީ މާމަގެ ނަމާއި ހަމައިންނެވެ.
ކަރުތެރޭ ބެދޭގޮތްވުމުން ކުޑަކޮށް ކަރުކެހިލީމެވެ. އެސްފިޔަތަކުގެ ފުރަގަހަށް ޖަމާވި ކަރުނަތައް އޮއއްބާލަން މޫނު އުފުލައިލީ މައްޗަށެވެ.
"އަހަރެން ފެނުނީމަ މާމަ ހަނދާންވަނީ ޔުމްނު މަތިން. އެހެންވެ މާމަ އުޅެނީ އަހަންނާއި ދުރުން. އެމީހުންނަށް އަހަރެން ފެނިގެން އުދަނގޫވާތަން ފެންނައިރު ހިތަށްއަރާ މާލެދާންވީއޭ. އެކަމަކު ކާކު ހުރީ ވެސް އެމީހުންނާ އަޅައިލަން..." ވާހަކަދެއްކިއިރު އަހަރެންގެ އަޑު ކުރެހުނެވެ.
ފާތުން އަޑު އަހަން ހުރެފައި އެހީ އާއިލާގައި އުޅޭ އެހެން މީހުން ނާދޭތޯ އެވެ. ބައްޕަގެ އާއިލާ އާއި ފެށުނީއްސުރެ ވެސް ގުޅުމެއް ނޯވެ އެވެ. ބައްޕައަކީ ރަށުން ބޭރުން އައި މީހެކެވެ. މަންމަގެ އާއިލާގައި ވެސް ގިނަ ބަޔަކު ނުތިބެ އެވެ. ދެން އުޅެނީ ދުރުތާ ތިމާގެ މީހުންނެވެ. އަހަރެން ކިޔައިދިނީމެވެ. އެންމެ ބޭނުންވިވަގުތު އެމީހުން އައިސް އެހީތެރިވެދިނެވެ. އެކަމަކު ޔުމްނުގެ މަރުން އެމީހުން ދިރިއުޅުން ހުއްޓުނީއެއް ނޫނެއްނޫން ހެއްޔެވެ؟ ޔުމްނު މަރުވުމަށް ފަހުވެސް އެމީހުންގެ ދިރިއުޅުން ދަނީ އެގޮތުގައި ކުރިއަށެވެ. އެދިރިއުޅުމާއިގެން އެމީހުން އުޅެންޖެހެ އެވެ. އަހަރެން އެމީހުން ކުށްވެރިއެއް ވެސް ނުކުރަމެވެ. ބޮޑު ބައެއްޔެއްގައި ގިނަ ދުވަހު އުޅޭ މީހަކު ދިރިއުޅޭ އާއިލާއެއްގެ ބަޔަކާއި މުއާމަލާތު ކުރުމާއި މީހެއްގެ މަރުގެ ހިތާމަ އުފުލަމުންދާ އާއިލާއަކާއި މުއާމަލާތު ކުރުމަށްވުރެ އުދަނގޫ ދެކަމެއް ނުވެ އެވެ. އެމީހުންގެ ހާލަތު ރަނގަޅުކޮށް ނުދެވޭނެކަން އެނގި އެނގިހުރެ ހިތްވަރުދިނުމުގެ ގޮތުން ބުނެވޭނެ މާގިނަ ވާހަކަތަކެއް ނުހުރެ އެވެ. ހަމައެކަނި ކުރެވޭނެ ކަމަކަށް އޮންނަނީ އެބަޔަކާއެކު ވުމެވެ. އެކަމަކު އެގޮތަށް ހިތާމަތަކެއްގައި ބަނދެވިފައިވާ ބައެއްގެ ތެރޭ ގިނަދުވަހު އުޅުމަކީވެސް ފަސޭހަކަމެއް ނޫނެވެ.
"ދެން ކޮންއިރަކުން މިކޮޅަށް އަންނާނީ؟" ފާތުން ސުވާލުކުރިއިރު ފަސްޖެހުމެއްވި އެވެ.
އަހަންނަށް އަތް އުނގުޅައިލެވުނީ ނިތުގަ އެވެ. އެސުވާލުގެ ޖަވާބެއް ޚުދު އަހަންނަކަށް ވެސް ނޭނގެ އެވެ.
"ދެން... އެންމެން ހަމައަކަށް އެޅުނީމަ..." އަހަރެން ދިނީ އެވަގުތަށް ދެވެން އޮތް ޖަވާބެވެ.
ފޯނު ބޭއްވިއިރު ސިކުނޑިން އެތައް ޓަނެއް ލުއިވެފައިވާފަދަ އިހްސާސެއް ކުރެވުނެވެ. ކޮޓަރިން ނިކުމެގެން ގޮސް އަހަރެން ހުއްޓުނީ ޔުމްނުގެ ކޮޓަރި ކުރިމައްޗަށެވެ. ގެއަށް އެނބުރި އައީއްސުރެ ކިތަންމެ ފަހަރަކު އަހަރެން އެކޮޓަރި ދޮރުމައްޗަށް އައިސް ހުއްޓިއްޖައީމެވެ. އެކަމަކު އެއްފަހަރުވެސް ވަންނާނެ ހިތްވަރު ނުލިބިގެން އަނބުރާލައިފައި ދަނީ އެވެ. އެކަމަކު މިއަދު އަހަރރެން އެދޮރު ހުޅުވައިލީ މުޅިން އާ ހިތްވަރަކާއިގެންނެވެ.
ކޮޓަރީގެ މެދާކަށް ހަމައިގައި ޔުމްނުގެ ސްކިނީއެއް އޮތެވެ. ހީވަނީހަމަ ދެންމެ ބާލާފައި އެތަނަށް ދޫކޮށްލާފައި އޮތް ހެންނެވެ. އަދި ދެންމެ ދެންމެ އޭނަ ކޮޓަރިއަށް ވަދެ އޭނަ އެނަގައި ދާވަށިގަނޑާއި ދިމާކޮށްފައި ހޫރާލައިފާނެ ހެންނެވެ.
ކުދި ފިޔަވަޅުތަކެއްގައި ވަދެގެން ގޮސް އެހިސާބުގައި ހުއްޓުނީމެވެ. ވަށައިގެން ލޯ ހިންގައިލުމުން ކޮޓަރިތެރެ ފެނުނީ ޔުމްނު ދިރިހުރި ނަމަވެސް އޮންނާނެ ގޮތަށެވެ. ހުދާއި ވައިލެޓް ފާރުތަކެވެ. ޔުމްނުގެ އެނދުގައި ވެސް ވައިލެޓް ބެޑްޝީޓެކެވެ. އެނދުގެ ފައިލާކޮޅުގައި ހުރި ސްޕަންޖް ޖެހި ދިގު ގޮނޑިއާ ދިމާ ސީލިންގުން އެލިފައިވާ ބޮޑު ޗާންދަލިއާ އެކެވެ. އެތެރެއަށް ވަދެގެން ހިނގޭހާ ބޮޑު އަލަމާރި އާއި ހުސްބިތުގެ އެއްކޮޅުން އަނެއްކޮޅަށް ހުރަހަށް ހަރުކޮށްފައިވާ ފެއަރީ ލައިޓްތަކާއެކު ފެންނަން ހުރި ފޮޓޯތަކެވެ. އެކި އުމުރުގައި އަހަރުމެން ނަގާފައިވާ ފޮޓޯތަކާއި ޔުމްނުގެ އެކުވެރިންނާއިއެކު ނަގާފައިވާ ފޮޓޯތަކެވެ.
ކައިރިއަށް ގޮސް ހުއްޓުމާއެކު އެއިން ކޮންމެ ފޮޓޯއެއްގައި ޔުމްނުގެ މޫނުމަތިން ފެންނަން ހުރި އުފާވެރި ހިނިތުންވުން ދެކެފައި ހިތުގައި ރިހުމެއް އުފެދުނެވެ. ޝަކުވާ އުފެދުނީ ޔުމްނުގެ މައްސަލައެއް ހުރިނަމަ އަހަރެން ކައިރީ ހިއްސާ ނުކުރީތީ އެވެ. ދެން އެކަމަކު އެކަން އެގޮތަށް ވާނީ އަހަންނާއި ޔުމްނުގެ ޅައިރު އޮތް އެކުވެރިކަން އެގޮތުގައި އޮތްނަމަ ނޫން ހެއްޔެވެ؟ އަހަރެން ހަނދާންވި އެވެ. ޔުމްނު ބޭނުންވީ އޭނަފަދަ އުފާވެރި އެކުވެރިންނެވެ.
ބޭރަށް ދިއުމަށްވުރެ އަހަންނަށް ރަނގަޅީ ފޮތެއް ކިޔަން ކޮޓަރީގައި އިނުމެވެ. ނޫނީ ޓީވީން ކޮންމެވެސް އެއްޗެއް ބެލުމެވެ. މީހުންނާއި ވާހަކަދެއްކުމަށްވުރެ މީހުންދައްކާ ވާހަކަ އަޑު އަހަން އިނުން ރަނގަޅެވެ.
ފޮޓޯތަކާއި ދުރަށް ޖެހިލާފައި ރީތިވާ މޭޒުމަތީ ހުރި ފުޅިތަކައް ބަލަން ހުރުމަށްފަހު ކައިރިވެ ދަމާ ވައްގަނޑުތައް ހުޅުވަން ފެށީމެވެ. އަހަރެން ހޯދަން ބޭނުންވަނީ ކޯއްޗެއްކަން ޚުދު އަހަންނަކަށް ވެސް ނޭނގެ އެވެ. ވަކިވުމުގެ ކުރިން ޔުމްނު ލިޔެފައިވާ ނޯޓެއްފަދަ އެއްޗެއް ނެތްކަން ފުލުހުން ވެސް ފާހަގަކުރި އެވެ. އަމިއްލައަށް މަރުވީ ނޫންކަމަށް އަހަރެންނަށް ޝައްކުވާ އެންމެ ބޮޑު އެއް ސަބަބަކީ އެއީ އެވެ. އެއީ އަހަރެންގެ ދައްތަ ޔުމްނު އަކީ ނޯޓް ލިޔެ ސަބަބު ބަޔާންކޮށްފައި މަރުވާނެފަދަ ކުއްޖެކެވެ. އަހަންނަށް ހަމަ އޭނަ ރަނގަޅަށް އެނގެނީ އެވެ. ހުޅުވާފައި އޮންނަ ފޮތެކޭ އޭނައެކޭ ތަފާތެއް ނުވެ އެވެ. އިހްސާސްތައް ވެސް ހުންނާނީ މޫނުމަތިން ފެންނާށެވެ. ދުވަހަކު ދޮގެއް ހަނދާކަށް ވެސް ނޭނގޭނެ އެވެ.
އާދަޔާ ޚިލާފު އެކައްޗެއް ވެސް ލޮލުގައި އަޅައިނުގަތުމުން ދެން ގޮސް އަހަރެން ހުޅުވީ އޭނަގެ އަލަމާރި އެވެ.
ކޮނޑުގައި އަޅުވާފައި ހުރި ހެދުންތައް ފެނިފައި ނޭވާލާން ދަތިވި އެވެ. ހިޔާލީ ލޮލަށް ފެނުނީ ޔުމްނު ލާނެ އެއްޗެއް ނުނިންމިގެން ފަހަރަކު ހެދުމެއް ނަގައިގެން ބަލަބަލާފައި އުޅޭނެ ގޮތެވެ. ގަދަކަމުން ހިންދިރުވާލައިފައި ނިކުންނަން އެނބުރިލުމާއެކު ލޮލުގެ ހިމަކޮޅުން ފެނުނު އެއްޗަކުން ހުއްޓެވިއްޖެ އެވެ. އެނބުރި ބަލައިލާފައި އެދިމާއަށް ގޮސް ހުއްޓެވުނެވެ. އެތެރެ ނޭނގޭ ބޮޑު ހެދުން ދަބަހެއްގެ ތެރޭ އޮތީ އަހަރެން ހީކުރި ހެދުންތޯ ބަލަން ބޭނުންވި އެވެ.
ތުރުތުރުލަމުންދިޔަ އިނގިލިތަކުން ޒިބުގައި ހިފާ ކަހާލައިފައި އެތެރެއިން ފައުޅުވާން ހުރި ކައިވެނީގެ ހެދުމަށް ބަލަން ހުއްޓާ ލޮލުން ކަރުނަ ހިލުނެވެ. ޔުމްނު މަރުވީ އޭނަގެ ކައިވެންޏަށް ހަފްތާއަކަށްވެފައި ވަނިކޮށެވެ. ކިހާ ހުވަފެންތަކެއް އޭނަ ދެކޭނެ ހެއްޔެވެ؟ ކިހާ އުންމީދުތަކެއް ކުރާނެ ހެއްޔެވެ؟
ދުވަސްކޮޅެއް ވަންދެން އެދިމާއަށް އަހަރެންގެ ހިޔާލުތައް ދިޔަނުދޭން ހިފެހެއްޓި ދިމާއަށް ދަތުރުކޮށްފައި ދިޔައީ ދެނެވެ. ބޭނުންވިއަސް އިތުރަކަށް އަމިއްލަ ނަފްސެއް ނުހުއްޓުވުނެވެ. ޔުމްނުގެ ނަން އަންނައިރު އެނަމާއި ގުޅިގެން އަބަދުވެސް ކިޔޭނެ ފަރާތުގެ ނަމެވެ. ހަމައެކަނި ޔުމްނުގެ ވާން އުޅުނު ފިރިމީހާއަށް ވީތީއެއް ނޫނެވެ. އަދި ހަމައެހެންމެ އޭނަގެ މަރާއި ގުޅިގެން އެތުހުމަތުގައި ހައްޔަރުކުރެވުނު ހަމައެކަނި މީހާއަކީ ވެސް އެއީ ކަމަށް ވާތީ އެވެ.
ގޯތިތެރޭގައި ހުރި ޖަނބުރޯލު ގަހުގައި އެލުވާފައި ހުރި އުނދޯއްޔަށް އަރައި ހެއްލާލަ ހެއްލާލާ ޔުމްނު އިނެވެ. އޭނަގެ އުފާވެރި ހުނުމުގެ އަޑު މުޅި ތަނަށް ފެތުރިފައިވި އެވެ. އަހަރެން އުޑަފައިން އިނީ އަހަންނާއި ޔުމްނުއަށް ތިމާގެ މީހަކު ގެނެސްދިން ކުޑަ ފިޔޮކަކަށް ކާންދިނުމުގަ އެވެ. ނާށްޓަކަށް ފެނާއި އިތުރު ނާއްޓަކަށް ބަތް އަޅާފައި ގެނެސް ބެހެއްޓުމަށްފަހު އޭއްޗަށް ހަދާފައިވާ ކަރުދާސްފޮށި ގޭގެ ދޮރު ހުޅުވާލީމެވެ. ފިޔޮއްގަނޑު ނިކުމެ ބަލަ ބަލާފައި އައިސް ދިމާކުރީ ފެން ނާށްޓާ އެވެ. އޭތި ނިކުތުމާއެކު މޮޑެލާހިތުން ކެތްމަދުވި އެވެ. އެކަމަކު ފެންބޯންދެން އިހަށް ބަލަން އިނީ އެވެ.
ގޭގެ ދޮރާށި ހުޅުވާލައިފައި ދެމީހަކު ހިނގާފައި އައި އަޑު އިވުނީ އެހެން އިންދަ އެވެ. އެކެއްގެ ފިޔޔަވަޅުތައް ބަރުވެފައި އަނެކެއްގެ ފިޔަވަޅުތައް އެއަށްވުރެ ލުޔެވެ. ހީވަނީ ބޮޑުމީހަކާއި ކުޑަ ކުއްޖަކާއިހެންނެވެ. އިސްއުފުލައިނުލެވި އުޅެނިކޮށް އެތަނުން އެކަކީ މާމަކަން އެނގުނެވެ.
މާމަ ގޮވާލުމާއެކު މަންމަ ނިކުމެ ދޮރުމަތީ ހުއްޓުނެވެ. މާމަ ފަތްޖެހި އެނދުގައި އިށީނުމާއިއެކު މަންމަ ވަނީ ގެއަށް ފެންތައްޓެއް ބަލަ އެވެ. މާމައާއެކު ދެން އައި ކުއްޖާ ހުރިތަނެއް އަހަންނަކަށް އޭރަކުވެސް ނޭނގެ އެވެ. އަހަރެންގެ ސަމާލުކަން ހުރީ ފިޔޮކަށެވެ. އޭތި ކަރުހިއްކުން ފިލުމުން ކުޅެން ދޫކޮށްލައިފައި އަހަރެން އިނީ އަނެއްކާ ވެސް ބަލާށެވެ. އިރުކޮޅަކުން މަތިން ކާޅެއް ގޮވަމުން އުދުހޭތަން ފެނިގެން އަވަހަށް ފިޔޮއްގަނޑު އޭތީގެ ގެއަށްލައިފައި މަތި ޖެހީމެވެ.
"ދަރިފުޅާ ޔުމްނު! ޔާނާ! އާދެބަލަ މިކޮޅަށް!" މާމާ ގޮވި އަޑު އިވުނެވެ.
ޔުމްނުއަށްވުރެ ކުރިން މާމަ ކައިރިއަށް ދިޔައީ އަހަންނެވެ. މާމަ އިށީނދެ އިން ފަތް ޖެހި އެނދު ކައިރރީ ކޮޅަށް ހުރި ފިރިހެންކުއްޖާ އަހަރެންގެ ލޮލުގައި އަޅައިގަތީ ދެނެވެ. އަހަރެމެންނަށްވުރެ އިސްކޮޅުން ދިގެވެ. ފަންފަން ކަޅު އިސްތަށިކޮޅަކާއި ކަޅު ލޮލެއްގެ ވެރިއެކެވެ. ލައިގެން ހުރި ސޯޓާއި ޓީޝާޓާއެކު ކިލާވެ ހިރަފުސް ކުލަ އަރާފައިވާ ދެފައެވެ. ފިރިހެންކުއްޖާގެ ގައިގެ ހަޤީޤީ ކުލަ ފައުޅުވާން ހުރީ އެމޫނާއި ދެއަތުންނެވެ. ދެއަތުގައި ވެސް މަދިރި ކަށިޖަހައިގެން ކަހައި ފާރުވެފައިވާ ލަކުނުތަކެވެ. އަހަރެންގެ ސަމާލުކަން ދަމައިގަތީ އެދެލޮލެވެ.
ވިޝަލްގެ ލޮލުން އަހަންނަށް ފެނުނީ އެއުމުރުގެ ކުޑަކުއްޖެއްގެ ލޮލުން އާންމުކޮށް ނުފެންނަ ކުލަވަރެކެވެ. އެއީ ކޮން ކުލަވަރެއްކަން އަހަންނަށް އިނގުނީ އޭގެ އެތައް އަހަރެއް ފަހުންނެވެ. އެދުވަހު އެލޮލުގައި ވީ ހުސްކަމެވެ.
"މީ ވިޝަލް. މީގެ ފަހުން ވިޝަލް އުޅޭނީ މިގޭގައި." މާމަ ބުނި އަޑު އިވުނެވެ.
"ވިޝަލް. މީ ޔުމްނު.." އަހަރެންގެ ފަހަތުން އައިސް އަހަންނާއި ވިޝަލްގެ މެދަށް ހުއްޓި ސަލާމަށް އަތތްދިއްކޮށްފައި ޔުމްނު އަމިއްލަ ތައާރަފްދިނެވެ.
ވިޝަލްގެ ނަޒަރު ޔުމްނުގެ މޫނުން އަހަންނަށް ދަތުރުކޮށްފައި އަނެއްކާ ޔުމްނުއަށް ހުއްޓުނެވެ. އެއީ އަހަރެމެން އަލަށް ފެނުމުން ވަރަށް ގިނަ މީހުންގެ ފުށުން ފެންނަ އަމަލެކެވެ.
އަމިއްލަ ހިޔާލުތަކަށް ގެއްލި ހުރެގެން ގޮސް ކުޑަދޮރު ކައިރީ ހުރެވުނުކަން އަހަންނަށް ރޭކައިލީ އިރުކޮޅަކުންނެވެ. ހޭވެރިކަން އައުމާއެކު އަހަރެންގެ ސަމާލުކަން ހުއްޓުނީ އެކުޑަދޮރުގެ ފުރަގަހުން ފެންނަން ހުރި ކުޑަކުޑަ ގެއަށެވެ. ގޯތިތެރޭގައި ވަކިން ހަދާފައިވާ އައުޓް ހައުސްއޭ ކިޔާ ގޭގައި ދިރިއުޅެނީ ވިޝަލް އެވެ. ކުރީކޮޅު އާދައިގެ ގޮތަކަށް ހުއްޓެއް ކަމަކު ވިޝަލް ބޮޑުވެ މަސައްކަތް ދަސްވިފަހުން އެގެ ހުރީ ކުރިއަށްވުރެ ރީތިކޮށް ހަދައިފަ އެވެ.
އަހަރެން ބަލަން ހުއްޓާ އެގޭގެ ދޮރު ހުޅުވާލައިފައި ފެނުނީ ވިޝަލް ނިކުތްތަނެވެ.
އަހަރެން ފަސްފޫޓާއިއެކު ކައިރީގައި ހުއްޓިއްޖެނަމަ އަހަންނަށް ހިޔާ އަޅާވަރުގެ ދިގު އިސްކޮޅާއި އެއިސްކޮޅާއި އެހާމެ އެކަށީގެންވާ ރޫފައެކެވެ. ބާމަތި ފުޅާވެފައި ތިރިއަށް އައިސް ހިމަވެލާފައި ހުރީ އެންމެ ހިތްގައިމު ވަރަށެވެ. އަތްފަޔަށް ބަލައިލުމުން ހެސްކިޔާފައި މަސައްކަތްކޮށް އުޅޭކަމުގެ އަލާމާތްތައް ހުރީ ފެންނާށެވެ. އަބަދުވެސް ތަރުތީބު ގެއްލިފައި އޮންނަ ފަން ފަންއިސްތަށިގަނޑު ކަންފަތަށްވުރެ ތިރިއަށް ހުއްޓެވެ. ހުރިހާ ހިސާބެއް ނުފޯރިއަސް އައްސާލެވޭވަރުގެ ދިގުމިނެވެ. އަދި އެވަރުގަދަ ދެބުމަ އަބަދުމެ ކައިރިކޮށްލާފައި ހުންނަގޮތުން އެއީ ދާއިމީ ކަމަކަށް ނުވެދާނެބާވައޭ އަހަރެން އަބަދު ހިތަށް އަރަ އެވެ. އިރުގެ އަލި ނުދެކި ބަންދުގައި ދެތިން ދުވަސް ހުރުމުން ތުނބުޅި މަތިމަސް ހުރީ ކުރިއަށްވުރެ ބޯވެފަ އެވެ.
ހިޔާލުތައް އެހިސާބަށް ދިއުމާއެކު އަހަރެން ހަނދާންވި އެވެ. އޭނަ ގެއަށް ދޫކޮށްލީ ކޮންއިރަކު ހެއްޔެވެ؟ އަހަރެންގެ ހިތުގައި އުފެދުނު ސުވާލާއެކު ކުރިއަށްވުރެ ބޮޑަށް އެދޮރާއި ކައިރިވެލެވުނެވެ. އެވަގުތު ވިޝަލްގެ ނަޒަރު ކޮޅު ކޮޅަށް ދަތުރުކޮށްލާފައި ހުއްޓުނީ ސީދާ އަހަންނާއި ދިމާއަށެވެ. ދޮރުގެ ބިއްލޫރިގަނޑުން އެތެރޭ ހުންނަ މީހަކު ބޭރަށް ނުފެންނާނެކަން އެނގުނަސް އެވަގުތު އަހަންނަށް ފުރަތަމަ ފަހަރަށް ޝައްކުވި އެވެ. ވަގުތުން އަހަރެންގެ ހަތަރެސްފައި ފިނިވެ ހަށިގަނޑުގެ އެއްކޮޅުން އަނެއްކޮޅަށް ފާޑެއްގެ ތުރުތުރެއް ދަތުރުކޮށްލި އެވެ.
ފަހަތަށް ފަހަތަށް ގޮސް ކޮޓަރީގެ ދޮރާއި ދާދި ގާތްވީއިރު ވެސް ވިޝަލްގެ ނަޒަރު އެހުރިގޮތަށް ހިފެހެއްޓިފައި ހުއްޓެވެ. އަވަސް އަވަހަށް ދޮރާއި ދިމާއަށް އެނބުރިފައި އަހަރެން ނިކުމެގެން ދިޔައީ މާމަގެ ކޮޓަރިއާ ދިމާއަށެވެ. -- ނުނިމޭ --