"ކަލޭތަ؟؟؟! މިންހާލްގެ ފަހަތުން އައިސް ހުއްޓުމާއެކު ޒައިނަބުގެ ނަޒަރު ސީދާކޮށްލެވުނީ މުނައްވަރާ ދިމާއަށެވެ.
"ކަލޭ މިގެއަށް އައިސް ތިވަނީ ކޮންކަމަކު ޖެހިގެން؟... ކޮއްލެވުނު ވަރު އަދިވެސް ކުޑައީތަ؟!" ޒައިނަބުގެ އަޑުގައި ވަނީ ހަރުކަށިކަމާއި އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އެވަގުތު ފަހަތުން އައިސް މިންހާލް ޒައިނަބު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. މުނައްވަރު އެހުރި ގޮތަށް ޖެހި ބުދެއްހެން ހުއްޓެވެ. ދުނިޔޭގެ ޙަޔާތުގައި އެންމެ ފަހަރަކުވިޔަސް، މި އަންހެނާގެ ކުރިމައްޗަށް އައިސް ހުއްޓުމަކީ އޭނާ ފަހަރެއްގައި ވެސް އުންމީދު ކޮށްގެން ހުރިކަމެއް ނޫނެވެ. ރުޅިއާއި ނަފްރަތުން ތުރުތުރު އަޅަމުންދިޔަ ޒައިނަބު ހަމައަކަށް އެޅުވޭތޯ ބަލަމުން ޒައިނަބު ގޮވައިގެން މިންހާލް ގޭތެރެއަށް ހިނގައިގަތެވެ. އެ މަދު ހިނދުކޮޅުގެ ތެރޭގައި ކުރިމަތީ ހުރި ތޫބާއަށް ސިއްރުވެރި ހިނިތުންވުމެއް އޭނާ ރައްދުކޮށްލިއެވެ. ދެން ހަމަ އެ ސިކުންތުގައި ލިލިއަންއާ ހަމައަށްވެސް އެ ނަޒަރު ސީދާކޮށްލެވުނެވެ. ތޫބާގެ އެ ހިމޭންކަމާއި އެ މަޑުމޮޅިކަން އޭނާ ލިލިއަންއާމެދު އެ ކުރާ އުންމީދުތަކުގެ ހުރަހަކަށްވެދާނެކަން މިންހާލްއަށް އެނގެއެވެ. އަހަރުތަކެއް ފަހުން، މީގެކުރިން ދުވަހަކު ތޫބާގެ ބައްޕަ ވެއްޓިގެން އެ ގެއަށް ދިޔަ ދުވަހުވެސް، ތޫބާގެ އެ ސިއްރު ބެލުމާއި އޭނަ ފެނި އެ ނަފްސަށް ވެރިވި ހިމޭންކަން މިންހާލްއަށް ފާހަގަކުރެވުނެވެ.
ޒައިނަބަކީ ކާކުކަން އެނގުމުން ތޫބާގެ ނަފްސަށް ވެރިވި ހިމޭންކަމާއެކު އެ ހުރިތަނަށް ގަނޑުވެފައި ކަހަލަ ގޮތަކަށް ތޫބާއަށް ހުރެވުނެވެ. އަތުގައި އޮތް އައިޑީކާޑު އެވަގުތު ދޮރުކައިރިއަށް އައިސް ހުއްޓުނު ލިލިއަންގެ އަތަށް ލައިދެމުން ތޫބާ ބޭރަށް ނިކުންނަން ހިނގައި ގަތެވެ. ފިސްފިސްވެ ކުދި ކުދިވެފައިވާ ނަފްސާއި މާޒީގެ ހިތި ހަނދާންތަކާއެކު ރޮމުން ދިޔަ ހިތަކާއެކުގައެވެ. އިތުރަށް އެއްވެސް ބަހެއް ނުބުނެ ލިލިއަންއަށް ނުރުހުމުގެ ނަޒަރެއް ދެމުން ހަމަ އެވަގުތު ގެއަށް އަންނަން ބުނަމުން ހިމޭންކަމާއެކު ތޫބާގެ ފަހަތުން މުނައްވަރުވެސް ހިނގައި ގަތެވެ. ގޭގެ ބޭރު ދޮރަށް ނަޒަރު ހުއްޓާލައިގެން އިނދެ އައިސްފައިވާ ގަދަ ރުޅިން ނަފުސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔަ ޒައިނަބަށް އެ މަންޒަރު ފެނުނެވެ.
އަނުމް އައިސް އެތަނަށް ހުއްޓުނީ އެވަގުތުއެވެ. ޒައިނަބު އިންގޮތާއި މިންހާލް ޒައިނަބުގެ އަތުގައި ހިފަހައްޓަލައިގެން އިނދެ ޒައިނަބު ހަމައަކަށް އަޅުވަން މަސައްކަތް ކުރިގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަން އަނުމް ދެނެގަތެވެ. އެވަގުތަށް އެންމެ ރަނަގަޅުގޮތަކީ އެތަނުން އަވަހަށް ދިއުންކަން ވިސްނިގެން، ލިލިއަންވެސް ދިއުމުގެ އިޒުނައަށް އެދުނެވެ.
"އެމީހުން އެއަކީ އޭނާ ހޯދަންތަ؟ އޭނައާއި އެމީހުންނާ އޮތީ ކޮން ގުޅުމެއް؟!" ލިލިއަން ފަސް އެނބުރި ކުރިއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ޒައިނަބު ބުނި އެއްޗަކުން ކުއްލިއަށް ހުއްޓި ފަސް އެނބުރި ޒައިނަބުމެން ތިބި ދިމާއަށް އޭނާއަށް ބަލައިލެވިއްޖެއެވެ. އެއިރު މިންހާލްގެ މޫނަށް ބަލަހައްޓައިގެން މިންހާލްގެ ޖަވާބެއްގެ އިންތިޒާރުގައި ޒައިނަބު އިނެވެ.
"ހީވަނީ މަގުމައްޗަށް އައިޑީ ކާޑު ވެއްޓުނީހެން.. މަންމައަކަށް ނުފެނޭތަ އައިޑީ ކާޑު ދީފަ އެމީހުން އެނބުރި ދިޔަ ތަނެއް!.."
ލިލިއަންގެ މޫނަށް ސިއްރު ނަޒަރެއް ދެމުން މިންހާލް އެހެން ބުނެލުމަށްފަހު އެ މޫނުން ނަޒަރު ވަކިކޮށްލުމަށްފަހު މާ ނޫންގޮތަކަށް އޭނާ ދުރު ބަލައިލިއެވެ. އަނުމް އާއި ލިލިއަން އަށް ވެސް މިންހާލްގެ އެ ގޮތަށް ދޮގުހެދުމުގެ ބޭނުން ނުވިސްނުމުން އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ. މުނައްވަރަކީ ލިލިއަންގެ ކާކުކަން މިންހާލްއަށް ހަމަ ރަނގަޅަށް އެނގޭނެ ކަން އަނުމްއާއި ލިލިއަން އަށްވެސް އެނގެއެވެ. އެމީހުންނަށް ނޭނގެނީ އަމިއްލަ ނަފުސަށާއި މަންމަ އަށް އޮޅުވާލަމުން އޭނާ އެ ބުނި ބަހަކީ އޭނާގެ އަންނަން އޮތް މުސްތަގުބަލަށްޓަކައި އޭނާ ފެށި ހަނގުރާމައެއް ކަމެވެ.
ދުވާލުގެ ބުރަ މަސައްކަތަށްފަހު ލިލިއަންއަށް ގެއަށް އާދެވުނު އިރު އިރު އޮއްސި ހަތެއްވެސް ޖަހައިފިއެވެ. އައިގޮތަށް އައިސް އަތުގައި އޮތް އަތްދަބަސް އެނދު މަތީ ބާއްވަމުން ފެންވަރާލައި ތާޒާވެލުމަށްޓަކައި ލިލިއަންގޮސް ތުވާއްޔާއި އަންނައުނު ނެގިއެވެ. އެއިރު މަޣުރިބް ނަމާދުކޮށް ނިމިގެން ތޫބާ ނަމާދުދޮޅި ބާއްލަނީއެވެ. ތަސްނީމް ކޮޓަރި ތެރެއިން ފެންނަން ނެތުމުން އޭނާ ވީތަނެއް އަހަމުން ތޫބާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ލިލިއަންގޮސް ފާޚާނާއަށްވަނެވެ.
ފެންވަރައި ނިމި، ހުދު އަތްދިގު ޓީޝާޓަކާއި ކަޅުކުލައިގެ ފުޅާ ހަރުވާޅެއް ލައިގެން ލިލިއަން ފާޚާނާއިން ނިކުތެވެ. އެއިރު އެނދު ގެ އެއްކޮޅުގައި މަޑުމޮޅި ނަޒަރަކުން، ލިލިއަން އަށް ނަޒަރު ހުއްޓާލައިގެން ތޫބާ އިނެވެ.
"އެގެއަށް ދިޔައީ ކީއްކުރަން؟!" އެއިން ގޮތަށް އިނދެ ތޫބާ އެހިއެވެ. އެމޫނު މަތީގައިވާ އަސަރުތަކުން އެސުވާލުގެ ޖަވާބަކަށް ނުހަނު ބޮޑަށް އޭނާ ބޭނުން ވެފައިވާ ކަން އެނގެން ހުއްޓެވެ.
"ކޮން ގެއަކަށް؟!... އޯހް އަނުމްގެ ގެ އަށްތަ؟!" ޖަވާބުގައި ލިލިއަން އަށް ވެސް ކޮށްލެވުނީ ސުވާލެކެވެ. ހަނދާންނެތި ފައިވާ ކަމެއް ކުއްލިއަކަށް ހަނދާންވި ހެން ލިލިއަން އެހެން އެހި އިރު އެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"އެއީ އަނުމްގެ ގެ ތަ؟!! އަނުމްއާއި މިންހާލްގެ އޮތީ ކޮން ގުޅުމެއް؟!" ތޫބާ ދެންވެސް ކޮށްލީ ސުވާލެކެވެ. އޭނާގެ ހިތާ ސިކުނޑި އެތައް ސުވާލުތަކެއްގެ ތެރޭ ތާށިވެފައި ވާ ކަހަލައެވެ.
"ކޮއްކޮއާއި ބޭބެއެއްގެ ގުޅުން!" ކިހިނެއްވީ ހާދަ ވަރަކަށް ސުވާލު ތިކުރަނީ؟!" ލިލިއަން އެހެން އަހަމުން ހައިރާންވެފައި ތޫބާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ތޫބާ އިތުރު އެއްޗެއް ނުބުނެ ހިމޭންވިއެވެ. ދެން ފުންނޭވާއެއް ބޭރުކޮށްލަމުން އެނދުގައި ހުރަހަށް އޮށޯވެލައިފިއެވެ. އޭނާގެ އެ ހަރަކާތްތަކަށް ބަލަން ލިލިއަން އަށް ހުރެވުނީ ހައިރާންވެފައެވެ. ތޫބާއަށް ވިސްނުމަކަށް ގެއްލިފައި ކަހަލަގޮތަކަށް އޮވެވުނެވެ. ބައްޕަ މުނައްވަރު ވެއްޓުނު ދުވަހު އަނުމްއާއެކު މިންހާލް އެގެއަށް ވަދެގެން އަންނަތަން ފެނުމުން އޭނާ ހީކުރީ އެދެމެދުގައި އޮތީ މުޅިން އެހެން ކަހަލަ ގުޅުމެއްކަމެވެ.
މުނައްވަރު ފިހާރައިގެ މަސައްކަތް ނިންމުމަށްފަހު ގެއަށް އައިސް ވަތް އިރު، ދިހަގަޑި ބައިވެ ބޮޑުވަނީއެވެ. ގެއަށް އައި ގޮތަށް އެންމެ ފުރަތަމަ ވެސް އޭނާއަށް ގޮވީ ލިލިއަންއަށެވެ. ބައްޕަ ކުރާނެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނުވިސްނުނަސް ކިޔަމަންތެރި ދަރިއެއްހެން އޭނާ އައިސް މުނައްވަރުގެ ކުރިމައްޗަށް ހުއްޓުނެވެ. ފަހަތުން ތޫބާއާއި ތަސްނީމްވެސް އައިސް ލިލިއަންގެ ދެފަރާތަށް ހުއްޓެމުން މުނައްވަރު ބުނާނެ އެއްޗެއްގެ އިންތިޒާރުގައި އިސްޖަހާލައިގެން ތިއްބެވެ.
"ތިދާ ތާކަށް ދިއުން ހަމަ މިހާރު ހުއްޓާލާ! އަހަރެމެން ކަހަލަ ނިކަމެތިން އެކަހަލަ ތަންތަނަށް ވަނީމަ އެމީހުން އަހަރެމެންނާ ދޭތެރޭ ދެކޭނީ ވަރަށް ނުބައި ނަޒަރަކުން.. އެއީ މުއްސަނދި މަހުޖަނުން.. އެމީހުންގެ ތިލަފަތުގައި ފައިސާއާއި ތަނަވަސްކަން ނޫން އެހެން އެއްވެސް އެއްޗެއް ނުކިރޭނެ!... ބައްޕަ އެދެނީ ތި ކުރެހުމުގެ ކަންކަމަށް ތިދާ ގެއަށް ދިއުން ވެސް މިހާރުން މިހާރަށް ދިއުން ހުއްޓާލުން... " ފުން ނޭވާއެއް ބޭރުކޮށްލަމުން މުނައްވަރު ވާހަކަ ދެއްކީ ވިސްނުންތެރިކަމާ އެކުގައެވެ. ދަރިން ދެކެ ރުޅިއައިސް ގެން އެމީހުންނަށް ހެދޭ ގޯސްތައް ރަނގަޅު ކުރުމަކީ މުނައްވަރު ގަބޫލު ކުރާ ސިފައަކަށް ނުވާތީއެވެ.
"އެކަމަކު ބައްޕާ... މައުރަޒުގަ އަމިއްލަ ކުރެހުންތައް ބައިވެރި ކުރުމުގެ ފުރުސަތުވެސް ލިބިފަ އޮތީ.. ހާދަ ބޮޑު ޗާންސެކޭ އޭރުން ގެއްލޭނީ..!" މުނައްވަރު އިށީނދެއިން ދިމާއިން ތިރިވެލަމުން ލިލިއަން މުނައްވަރުގެ ކަކުލުގައި ބޯއަޅާލިއެވެ. އެ އަޑުގައިވަނީ އާދޭހެވެ. އެހެނަސް މުނައްވަރު ހުރީ ދޫދޭގޮތަކަށް ނޫނެވެ. މާޔޫސްވެ ބަސް ހުސްވީ ލިލިއަްގެ އަނގައިންނެވެ. އޭނާ އެންމެ ދެރަވީ މިންހާލް ފެންނަން އޭނާއަށް ލިބޭ ފުރުސަތުތައް އެހިނދުންފެށިގެން މަދުވެގެން ދާނެތީއެވެ. ޖީހާންގެ އެކުވެރިކަމުގައި ލިލިއަން ގޮސް އުޅޭ ވަގުތުތަކުގައި މިންހާލް އާއްމުކޮށް އެގެއަށް ގޮސް ވެއެވެ. އެކުގައި ހޭދަ ކުރެވެމުން ދިޔަ އެވަގުތު ތަކާއެކު ލިލިއަންއާއި މިންހާލުގެ ގުޅުންވެސް ދިޔައީ ބަދަހިވަމުންނެވެ. އެދެހިތުގައި ޖަހަމުން ދިޔަ ވިންދު އެއް ވިންދަކަށް ބަދަލުވެ އަބަދު ފެންނަން ހިތް އެދެމުން ދާންފެށި ހިސާބަކީވެސް އެއީއެވެ. ހިތުގެ އެހުރިހާ އިހްސާސްތަކަކާއެކުވެސް، ލިލިއަންއަށް ޖެހުނީ މުނައްވަރުގެ ބަސް ގަބޫލު ކުރާށެވެ.
މާޔޫސްވެ ހުރެ ލިލިއަން ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. ކޮޓަރި ދޮރުލެއްޕުމެއްނެތި އޭނާ ގޮސް އެނދުގައި އޮށޯވެލިއެވެ. ތަސްނީމްއާއި ތޫބާ އައިސް ކޮޓަރިއަށް ވަނުމާއެކު އޭނާ ލޯމަރާލިއެވެ. އިތުރަށް އެއްވެސް މީހަކާ ވާހަކަ ދައްކާ ވަރަށްވުރެ އޭނާ އެވަގުތު އޮތީ ފޫހިވެފައެވެ. ގަޑިން ރޭގަނޑު ބާރަޖަހާ ބޮޑުވިއިރު މުޅި ކޮޓަރިތެރެއަށް ހިމޭންކަން ވެރިވެއްޖެއެވެ. ބާލީސް ދަށުގައި އޮތް ފޯނު ވައިބްރޭޓް ވީ އެވަގުތުއެވެ. ފޯނު ބަލައި ލިއިރު ނުދަންނަ ނަންބަރަކުން މެސެޖެއް އައިސްފައި އޮތެވެ.
"ވަރަށް އަވަހަށް ގޭ ދޮރުއަށި ކައިރިއަށް ނުކުމެބަލަ! – މިންހާލް-" މެސެޖް ކިޔާލުމާއެކު ލިލިއަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ކޮޓަރިއަށް ވެރިވެފައިވާ އޮރެންޖް އަލިކަމުގެ ތެރެއިން ތޫބާއާއި ތަސްނީމް އަށް އޭނާ ބަލައިލިއެވެ. ދެމީހުންވެސް ނިދާފައި ތިބުމުން ހިތްހަމަ ޖެހުމުގެ ނޭވާއެއް އޭނާއަށް ބޭރުކޮށްލެވުނެވެ. ދެން އެނދުން ތެދުވެ ހޭވިފައިވާ ފަން އިސްތަށިގަނޑު ބޮލުމެދަށްނަގައި ހުޅިއެއް ޖަހާލަމުން ލަސް ފިޔަވަޅުތަކެއް އަޅަމުން ލިލިއަން ކޮޓަރިން ބޭރަށް ނިކުންނަން ހިނގައި ގަތެވެ. ނިދާކަމަށް ހަދައިގެން އޮތް ތޫބާ ދެލޯ ހުޅުވާލިއެވެ. މިއަދު އޭނާއަށް އެނގުނު ކަންތައްތަކާހެދި އޭނާ އެވަނީ ނިދިން މަހުރޫމްވެފައެވެ. މާޒީ ގެ ވަރުބަލިކަމުގެ ތެރެއަށް ގެއްލި ނިދާލާފައިވާ އޭނާގެ އަމިއްލަ ނަފުސު މިއަދު އެވަނީ ހަމަ ރަނގަޅަށްވެސް ނިދިން ހޭލައްވާލާފައެވެ. ލިލިއަން މަޑުމަޑުން ލައްޕާލި ކޮޓަރީގެ ދޮރަށް ބަލަން އިރުކޮޅަކު އޮތުމަށްފަހު ތޫބާވެސް އެނދުން ތެދިވިއެވެ.
ގޭގެ ދޮރުއަށިން ބޯދިއްކޮށްލިއިރު، ފާރުގައި އެއްފައި ވިއްދާލައި ފާރުގައި ލެނގިލައިގެން މިންހާލް ހުއްޓެވެ. ލައިގެން ހުރި ވިލުނޫކުލައިގެ އަތްދިގު ޓީޝާޓާއި ކަޅ ކުލައިގެ ޖިންސުގައި އޭނާ ފެންނަލެއް ހިތްގައިމުވެފައި ރީއްޗެވެ. މަންމަ ޒައިނަބާއި މުނައްވަރުގެ ރުޅިވެރިކަން ހިތަށް ވަދެ މުސްތަގުބަލަށްޓަކައި ލިލިއަންއާމެދު އޭނާ ދެކެމުން އެދާ ހުވަފެންތަކަށް ހިޔަނި އެޅިދާނެ ކަމުގެ ބިރު މިންހާލްގެ ހިތުގައި ވަނީ ވަކި ހިއްޕާލާފައެވެ. މިފަދަ ވަގުތެއްގައި ނިދަން ނޯވެވިގެން ލިލިއަންއާ ހަމައަށް އައުމަށް އޭނާގެ ހިތް މަޖުބޫރު ކުރުވި ސަބަބަކީވެސް ފަހަރުގައި އެއީއެވެ.
ރޭގަނޑުގެ އެވަގުތު އެގޮތަށް އައިސް ލިލިއަން އޭނާގެ ކުރި މައްޗަށް ހުއްޓުމުން މިންހާލްއަށް އެހުރިގޮތަށް ލިލިއަންއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެވުނެވެ. ނިދާހެދުމުގައި އެގޮތަށް ފެންނައިރު ލިލިއަން ފެންނަލެއް މައުސޫމްވެފައި ލޯބިގޮތެއް ހުއްޓެވެ. ލިޕްސްޓިކް އަކާނުލައިވެސް އެ އޮމާން ތުންފަތުގައި އެވާ މަޑު ފިޔާތޮށިކުލަ އެ މޫނުގެ ދޮންކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެމުން ދިޔައެވެ. އެ އަޅިކުލައިގެ ކަޅިރަވައާއި އެ ދިގު އެސްފިޔަތަކަށް ރޭގަނޑުގެ ވަރުބަލިކަން އިހްސާސްކުރެވިފައިވާ ކަހަލައެވެ. ލިލިއަންއާ ދެފޫޓެއްހާ ދުރުގައި އެގޮތަށް ހުރިއިރު މިންހާލްއަށް އެ މޫނަށް ބަލަހައްޓައިގެން ހުރިވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގުނެވެ.
ލިލިއަންގެ ހާލަކީވެސް އެއީއެވެ. މަދުން ނޫނީ ނުފެންނަ ކަހަލަ ފިރިހެންވަންތަ ރީތި ކަމެއް މިންހާލްއަށް ލިބިފައިވެއެވެ. ދިގު އިސްކޮޅަކާއި ވަރުގަދަ ކަސްރަތީ ހަށިގަނޑެކެވެ.
"ސޮރީ މިގޮތަށް އައިސް ބައްދަލު ކުރަން ބުނަންޖެހުނީތީ... އެކަމަކު ކޮންމެހެންވެސް ލިލިއަން ގާތުގައި ބުނަން ބޭނުންވާ ވާހަކަ އެއް އެބައޮތް...!" އިހުނަށްވުރެވެސް ލިލިއަންއާ ގާތަށް ޖެހިލަމުން މިންހާލް ލިލިއަންގެ ދެއަތްތިލައިގައި ހިފާލިއެވެ. އެ ވަގުތު ލިލިއަންގެ އަތްތިލައަށް ވެރިވެފައިވާ ފިނިކަން މިންހާލްއަށް އިހްސާސްކުރެވުނެވެ. ލިލިއަންއެކޭ އެއްފަދައިން މިންހާލްގެ ހިތްވެސް ދިޔައީ އަވަސް ވަމުންނެވެ. ކިތައްމެ ހާސްވިޔަސް، ދެއާއިލާގެ ހަސަދަވެރިކަމުގައި ޖެހި އަނދައިގެންނުދަނީސް، އެ ގުޅުމަށް ނަމެއްދޭން މިންހާލް ހުރީ އަޒުމް ކަނޑައަޅައިގެންނެވެ.
"އަހަންނަށް... ލިލިއަން ދެކެ ލޯބި ވެވިއްޖެ!..." ހިނދުކޮޅެއްގެ ހިމޭންކަމަށް ފަހު ލަސްލަހުން އެހެން ބުނެވުނު އިރު މިންހާލްގެ އަޑަށްވެސް ހިމޭންކަން ވެރިވެއްޖެއެވެ. ލިލިއަންއަށް ބޭރަށް ދޫކޮށްލަން ތައްޔާރު ކޮށްލެވުނު ނޭވާވެސް އެވަގުތު ހިފަހައްޓާލެވުނެވެ. ހިތަށް ކުދިކުދި ކަށިތަކެއް ހެރި އައްސިވެގެން ދިޔަ ކަހަލަ އިހްސާސެއް އެވަގުތު އޭނާއަށް ކުރެވުނެވެ.
"... އަހަންނަށްވެސް.." ލަސްލަހުން ހިންދިރުވާލަމުން ލަދުން އިސްޖަހާލަމުން ލިލިއަން އެހެން ބުނެލުމާއެކު، މިންހާލްގެ މޭމަތީގައި އެހަށިގަނޑު ބޮނޑިކޮށްލިއެވެ. މިންހާލްގެ އެ ކުއްލި ހަރަކާތާއެކު ލިލިއަންގެ ހަށިގަނޑަށް ސިހުން ލިބުނަސް، އެހިނދުކޮޅުގެ އުފާވެރިކަން އެވަގުތު ލިލިއަން ލިބިގަތެވެ.
އެ މަންޒަރު ދެކެން އުނދަގޫވެގެން ތޫބާއަށް ގޭތެރެއާ ދިމާއަށް ދުއްވައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. އެ ލޮލުގައި ކަރުނަ ނުވިޔަސް ރުޅިވެރިކަމާއި ނަފްރަތުން އެ ރީތި މޫނުމަތި ކިލަނބުވެފައި ވިއެވެ. އެއާއެކު އެމުނި ގެތެމުން އައި އޭނާގެ މާޒީގެ ހަނދާން ތަކާއެކު ގޮސް ކޮޓަރިއަށް ވަދެ އެނދުގައި ބަންޑުން އޭނާ އޮށޯވެލައިފިއެވެ. --ނުނިމޭ---