17 Feb 2020

މަންޒިލް ތީއޭ

By: Mariyam Yasma

ބެލް ޖަހާ އަޑު އިވުމާއެކު ގޭތެރޭގައި ހިރަފުސް ފޮޅަން އުޅުނު ބިދޭސީ އަންހެނަކު މަސައްކަތް މެދުކަނޑާލައިފައި ދުވެފައި ގޮސް ދޮރު ހުޅުވި އެވެ. ދޮރުމަތިން ގޭގެ ވެރިމީހާ އަނީސް ފެނުމުން އަދަބުވެރި ގޮތަކަށް ފަހަތަށް ޖެހިލާފައި އިސްޖަހައިލި އެވެ.

އަނީސް އަކީ އިސްކޮޅުން މެދުމިނުގެ ފިރިހެނެކެވެ. ބޮލާއި ތުނބުޅީގައި ގިނަ އަދަދަކަށް ފެންނަން ހުރރި ހުދު އިސްތަށިތަކާއެކު ވެސް ހަށިގަނޑު ފެންނަން ހުރީ ވަރުގަދަކޮށެވެ. އެކަމަކު އެހެން ދުވަސްތަކާއި ޚިލާފަށް މިއަދު އެމޫނުގެ އުޖާލާކަން ކެނޑިފައިވާ ކަހަލަ އެވެ. އަބަދުވެސް ހަމަޖެހިލާފައި ހުންނަ މޫނުން މާޔޫސްކަން ފައުޅުވާހެން ހީވަނީ ދަތުރެއްކޮށްފައި އައުމުން އޭގެ އަސަރު ކަމަށް ވެދާނެ އެވެ.

"ކޮބާ ޖަންނަ؟" ގެއަށް ވަންނަން އެޅި ފުރަތަމަ ފިޔަވަޅާއެކު ގޭގެ ވަށައިގެން ލޯ ހިންގައިލަމުން އަނީސް ސުވާލުކުރި އެވެ.

"ކޮއްކޮ ނޫޅޭ..." ފެންނަ ހިސާބުގައި އިތުރު މީހަކު އެވަގުތު ނެތުމުން ބިދޭސީ މީހާ ބުނެދިނެވެ.

އެމީހާގެ އެޖަވާބާއެކު އަނީސްގެ ނަޒަރު އެމޫނާއި ބައްދަލުވި އެވެ. އެވަގުތު އިތުރު ސުވާލެއް ކުރަން އުޅުނުފަދަ ކުލަވަރަކާއެކު ދާދި އަވަހަށް އަނެއްފަރާތަށް މޫނު އަނބުރާލައިފައި ދާން ފެށީ ދުރުން ފެންނަން ހުރި ކޮޓަރިއާ ދިމާއަށެވެ. އޭރު ފަހަތުން އަނީސްގެ ބެކްޕެކަކާއި ލެޕްޓޮޕް ދަބަހެއް ހިފައިގެން ޑްރައިވަރު އައިސް އެތެރެއަށް ވަނެވެ.

ޑްރައިވަރު އަނީސްގެ ސާމާނު ލައިފައި އައިފަހުން ބިދޭސީ ކުއްޖާ ޓަކި ޖަހާލައިފައި ބޯއްދިއްކޮށްލި އެވެ. ކާން ހަދަންތޯ އެހުމުން އަނީސް މަނާވެގަތެވެ.

އަޞުރުން ތިރިވީ ފަހުން އަނީސްގެ އަންހެނުން ނާޒިރާ ގެއަށް ވަދެގެން އައެވެ. ކުރުތާއަކާއި ދެފަޔަށް ހިފާފައި ހުރި ޖިންސެއްގައި ހުރިއިރު އަރާފައި ހުރި އުސްފައިވާނުގެ ސަބަބުން އިސްކޮޅުން ކުޑަކޮށް ދިގެވެ. އިސްތަށިގަނޑު ދޫކޮށްލާފައި އޮތްއިރު މޫނުމަތިން މޭކަޕްގެ އަސަރު ފެންނަން ހުއްޓެވެ. އަތުގައި އޮތް ދަބަހާއި އަތުކުރީ ގަޑިއަށް އެކަނި ބަލާލިއަސް ހައިސިއްޔަތު ބުނެދޭކަހަލަ އެވެ. ދުވަހަކު ވެސް ދަރިއަކު ނުވިހާ މީހާއަކަށް ވުމުން، ވިހެއުމަށްފަހު ގިނަ އަންހެނުންގެ ހަށިގަނޑުން ފަށަލަ ފަށަލައަށް ފައުޅުވާން ފަށާ މަހުގެ އެއްވެސް އަސަރެއް ނާޒިރާގެ ފަރާތަކުން ނުފެނެ އެވެ. ހުދު ކުލަ އެރިއަނުދީ ގަވާއިދުން ކަޅު ކުލަ ޖައްސާ އިސްތަށިގަނޑާއި ހަމަ އެހާ ހާއްސަކަމާއެކު ބަލަހައްޓާ ގައިގެ ހަންގަނޑުވެސް ދެކޭ މީހުންގެ ތައުރީފް ހައްޤުވާހާ އޮމާންވެފައި ރީއްޗެވެ.

ހިޔާލެއް ފިކުރެއް ނެތި އެދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެލާފައި އެއަށްވުރެ އަވަހަށް ނާޒިރާ ނިކުމެގެން ބަދިގެއާ ދިމާއަށް ދިޔަ އެވެ.

"ކޮންއިރަކު އަނީސް އައީ؟ ކީއްވެ އަހަންނަށް ނޭނގުނީ؟ ކީއްވެ އެކަކުވެސް އަހަންނަށް ނުގުޅީ؟" ނާޒިރާއަށް ފުރަތަމަ ފެނުނު މީހާއާ ހުރިހާ ސުވާލެއް އެއްފަހަރާ އަމުނާލި އެވެ.

ބަދިގެ ތެރޭ މަސައްކަތުގައި އުޅުނު ދެ އަންހެނުން އެކަކު އަނެކަކަށް ބަލައިލާފައި ޖަވާބުދިނީ ކުރީގައި ހުރި ލަތާ އެވެ. ގުޅި ވާހަކަ ބުނުމުން ނާޒިރާ ދަބަސް ހާވާލައިފައި ފޯނު ނަގާފައި ޗޮކެއް ކަނޑައިލީ ނިވިފައި އޮތުމުންނެވެ.

ނާޒިރާ ދެވަނަ ފަހަރަށް އެހުމުން އަނީސް ގެއަށް އައީ މެންދުރުވާން އުޅެނިކޮށް ކަމަށާއި އައިއްސުރެ ކޮޓަރިން ނުނިކުންނަ ވާހަކަ ލަތާ ބުނީ ކަންބޮޑުވެފަ އެވެ. ނާޒިރާ އަތުގެ އިޝާރާތަކާއެކު ބުނެލީ އެވާނީ ވަރުބަލިވެގެން ނިދަނީ ކަމަށެވެ.

ނާޒިރާ ދެވަނަ ފަހަރަށް ގޮސް ވަންއިރު އަނީސް ބިތްދޮށި އެނބުރި އޮތީ ނިދާފައި ކަމަށް ޤަބޫލު ކުރެވުނެވެ. އޭނަ ގޮސް ފާޚާނާއަށް ވަން ފަހުން އަނީސް އެދިމާއަށް ބަލައިލާފައި އެނދުން ފައިބައިގެން އަނެއްކާވެސް ކޮޓަރިން ނިކުތީ ޖަންނަގެ ޚަބަރެއް ވޭތޯ ބަލާށެވެ. ދަރިފުޅުގެ ފޯނަށް އޭނަ ގުޅަން މަސައްކަތް ކުރިއިރު ފޯނު އޮތީ ނިއްވާލައިފަ އެވެ..

ނާޒިރާ ފާޚާނާއިން ނިކުތްއިރު އަނީސް ދެވަނަ ފަހަރަށް ވަދެ އޮތީ އެނދު ބިތްދޮށަށް އެނބުރި އެވެ. އެރޭ ދަރިފުޅުގެ އިންތިޒާރުގައި އަނީސް މަޑުކޮށްލައިގެން އިންއިރު ގޭތެރެ ފެނުނީ ހިމޭންކޮށެވެ. ޖަންނަ ގެއަށް އަންނަ ވަގުތާއިމެދު މީގެ ކުރިން މާބޮޑަށް ހިޔާލު ބެހެއްޓިފައި ނުވާކަން ފާހަގަވުމާއެކު އަމިއްލަ ނަފްސް ކުށްވެރި ކުރެވުނެވެ. ޅަ އުމުރުގައި ޖަންނަގެ އުފަން މަންމަ ޒީނިޔާ ނިޔާވުމަށްފަހު އެދަރިފުޅު އެއީ އަނީސްގެ މުޅި ދުނިޔެ ކަމުގައި ވި އެވެ. ޖަންނަދެކެ ވީ ލޯބި އަނީސް ދެއްކީ ކޮށްދިން ކަންތައްތަކުންނެވެ. ޖަންނަ އުފަންވީ ވެސް ތަނަވަސްކަމުގެ ތެރެއަށެވެ. އަދދި ޒީނިޔާގެ މަރަށްފަހު އެފަޅުކަން ފުރައިލީ ޖަންނަ އެދޭހާ ކަމެއް ކޮށްދީގެންނެވެ.

ނިދިފައި އިންދާ އަނީސްއަށް ހޭލެވުނީ މީހަކު އޭނަގެ ކޮނޑުގައި މަޑުމަޑުން ކޮށްޓަނިކޮށެވެ. ލޯ ހުޅުވައިލިއިރު ނޯކަރުންގެ ތެރެއިން ކުއްޖެކެވެ. އަނީސް ލޯ ހުޅުވައިލުމުން އެކުއްޖާ އަވަހަށް ހިންދެމިލާފައި ފަހަތަށް ފިޔަވަޅެއް އަޅައިލުމަށްފަހު ދެއަތް ޖޯޑުކޮށްލި އެވެ.

"ޖަންނަ ވަދެއްޖެ ކޮޓަރިއަށް..." އަންހެންކުއްޖާ މައުލޫމާތު ދިނެވެ.

"އޭނ! ނުބުނަންތަ އަހަރެން އޭނަގެ އިންތިޒާރުގަ މަޑުކޮށްގެން އިން ވާހަކައެއް؟" ލޯ އުނގުޅުލައިލުމަށްފަހު އަތް ތިރިކޮށްލަމުން އަނީސް އެހި އެވެ.

"ބުނިން.. އޭނަ މާ ނިދިއައިސްފައޭ ކިޔާފަ ދިޔައީ.." އަންހެންކުއްޖާ ބުނެދިނެވެ.

އަނީސް ބޯޖަހާލައިފައި ތެދުވެގެން ހިނގައިގަތެވެ. ކޮޓަރިއަށް ވަންނަން އުޅެފައި ހުއްޓި އޭނަ ބަލައިލީ ޖަންނަގެ ކޮޓަރި ހުންނަ ދިމާއަށެވެ. ދެން މިސްރާބު ބަދަލުކޮށްލާފައި ގޮސް އެކޮޓަރި ކައިރިއަށް ހުއްޓިއްޖެ އެވެ. ތަޅުގައި ހިފާލިއިރު ދޮރު ހުރީ ތަޅުލައިފަ އެވެ. އަނީސްއަށް ލިބުނު މާޔޫސްކަމުގައި އެނބުރި އައިސް ކޮޓަރިއަށް ވަދެއްޖެ އެވެ.

އަރާމު ނިދީގައި އޮތް ނާޒިރާއަށް ބަލައިލާފައި އޭނަ ގޮސް އެނދުގެ އަނެއްފަރާތުން އަރައި އޮށޯތެވެ. އެކަމަކު ސިކުނޑީގައި ވި ހިޔާލުތަކާއިހުރެ ނިދާކަށް ފަސޭހައެއްނުވި އެވެ. މަގަތަށް އެނބުރުނުއިރު އަނީސްގެ ލޮލުގައި އަޅައިގަތީ ސައިޑު ޓޭބަލް މަތީ ބަހައްޓާފައި އިން ފޮޓޯ ފްރޭމް އެކެވެ. ޖަންނަ ތަންކޮޅެއް ކުޑައިރު ނަގާފައިވާ ފޮޓޯގަނޑު އަތަށް ނަގައިގެން ބަލަން އިންދާ ލޮލަށް ކަރުނަ ގިނަވެގެން މަންޒަރު ފުސްވި އެވެ. އޭނަގެ މުޅި ދުނިޔެ ކަމުގައިވި އެދަރިފުޅާއެކު ހޭދަ ކުރަން ލިބިފައިވާ ވަގުތު މަދުކަން ހަނދާންވެފައި އެހިތް ރޮއިގަތެވެ.

***

ދޮރުގައި ތަޅާ އަޑަށް ނިދިން ހޭލެވުނު ސާއިރާއަށް ފުރަތަމަ ވެސް ބަލައިލެވުނީ ގަޑި އެވެ. އޭރު އަދި ފަތިހު ފަސްގަޑި ބައިވެސްނުވެ އެވެ.

"ސާއިރާ ދެން ތެދުވޭ! މިހާރު ދެވަނަ ފަހަރަށް މިގޮވަނީ.. ތެދުވެ ނަމާދުކުރަން އުޅޭ!" ބޭރުގައި ހުރެ މަންމަ ގޮވާ އަޑު އިވުނެވެ.

ޖަވާބުދިނުމުގެ ކުރިން ސާއިރާ ބަލައިލީ މަގަތުގައި ނިދަން އޮންނަ ދަރިފުޅަށެވެ.

"ކޮއްކޮ ހޭލައިފިން..." މަންމަ ބަލައިލިތަން ފެނުމާއެކު ފަސް އަހަރުގެ ތުއްތު ނޫރިއާ އުފަލާއެކު ހާމަކުރި އެވެ.

" މަންމާ މިތެދުވީއޭ..." މެދުކެނޑުމެއްނެތި މަންމަ ދޮރުގައި ތަޅާތީ ސާއިރާ ތަންކޮޅެއް ބާރަށް ގޮވާލި އެވެ

އޭނަ ތެދުވެ އިށީނުމާއެކު ނޫރިއާ އެދުނީ ދޮރުހުޅުވަން ދިޔަސް އެންމެ ރަނގަޅުތޯ އެވެ. ސާއިރާ ބޯޖަހައިލުމުން އެނދުން ފައިބައިގެން ދުވެލާފައި ދޮރާއި ދިމާއަށް ދިޔަ އެވެ.

"މާމާ ކޮއްކޮ ހޭލައިފިން.." ނޫރިއާ ދޮރު ހުޅުވާލައިފައި އަނެއްކާވެސް ފާހަގަކުރި އެވެ.

ވަހީދާ މާމަދަރިފުޅުގެ ކޯތާފަތުގައި ހިފާލައިފައި ކޮޓަރިތެރެ ބަލައިލީ ސާއިރާ ކޮބައިތޯ އެވެ. ސާއިރާ އޭރު ތެދުވެގެން ފާޚާނާއަށް ވަންނަން ދަނީ އެވެ.

"ކޮއްކޮ ވެސް ދޭ އަވަހަށް ވުޟޫކުރަން.." ވަހީދާ ނޫރިއާ ފޮނުވާލަންވެގެން ބުނެލި އެވެ.

ނޫރިއާ މަންމަ ފަހަތުން ދާން ފެށުމުން އޭނަ އެތަނުން ދާން ހިނގައިގަތެވެ.

ދެމައިން ނަމާދުކޮށްގެން ބޭރަށް ނިކުތްއިރު ވަހީދާ އެހާ އަވަހަށް ނާސްތާ ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި އެވެ. ސާއިރާ ދަރިފުޅު އެތަނުން ގޮނޑިއަކަށް އަރުވާފައި އާދައިގެ މަތިން ކިރު ތައްޓެއް ތައްޔާރުކުރަން ފެށި އެވެ.

"ކޮބާ ކުޑަބެ؟" ނޫރިއާ ވަށައިގެން ލޯ ހިންގައިލާފައި ސުވާލުކުރި އެވެ.

"ކުޑަބެ މިސްކިތަށް ގޮސްފައި އަދި ނާދޭ..." ވަހީދާ ނޫރިއާގެ ސުވާލަށް ޖަވާބުދިނެވެ.

އެޖަވާބު ދީ ހަމަ ނިމުމާއެކު ގޭގެ ދޮރު ހުޅުވާއަޑު އިވުނެވެ. ނޫރިއާއަށް ލިބުނު ޖޯޝުގައި ގޮނޑިން ފުންމާލައިގެން އަވަހަށް އެދިމާއަށް ދުއްވައިގަތެވެ. ގެއަށް ވަނީ ހަޤީޤަތުގައި ވެސް އޭނަގެ ކޮއްކޮ ސާރިމް ތޯ ޔަޤީންކުރަންވެގެން ނޫރިއާގެ ފަހަތުން ހިނގައިގަތް ސާއިރާއަށް ނިކުމެވުނުއިރު ދަރިފުޅު ގޮސް އެވަން މީހެއްގެ ދެފައިގައި އޮޅުލައިގެންފި އެވެ.

***

މެންދުރުވާން އުޅެނިކޮށް ޖަންނަ ތައްޔާރުވެލައިގެން ފޯނުން ވާހަކަދައްކަމުން ސިޑިން ފައިބައިގެން އައިސް ސޯފާތައް ފަސްދެވުނުތަނާ ބައްޕަގެ އަޑުން ގޮވާލިހެން ހީވި އެވެ. ސިހުމެއް ލިބިފައި ފޯނު ތިރިކޮށްލެވުމާއެކު އެދިމާއަށް ބަލައިލެވިއްޖެ އެވެ. ބައްޕަ އެތާ އިންދާ ފެނުމުން އޭނަ ކުރިއަށްވުރެ ބޮޑަށް ސިހުނެވެ.

"ބައްޕަ ކޮންއިރަކު އައީ؟" ސުވާލު ކުރިނަމަވެސް އޭނަ ހުރިތަނުން ގުޑުވައެއްނުލަ އެވެ. ނިކުމެގެން ދާން ލަސްވެފައި ހުރިކަހަލަ އެވެ.

"ބައްޕަ އަތުވެއްޖައިން އިއްޔެ. އާދެބަލަ އިހަށް މިކޮޅަށް..!" އަނީސް ޖަންނަގެ މޫނުން ނަޒަރު ވަކިކޮށްލުމެއްނެތި ވާހަކަދެއްކި އެވެ.

"ފަހުން ދޯ ބައްޕާ. މިގަޑީގަ ތަނަކަށް ދާން ޖެހިގެން މިނިކުންނަނީ..." ޖަންނަ ހިނިތުންވެލާފައި ފޯނު ހިއްލާލައިފައި އަނެއްކާވެސް ކަންފަތުގައި ޖެހި އެވެ.

"ޖަންނަތު!!" ބައްޕަ ގޮވާލީ ސީރިއަސްވެފަ އެވެ. އެކަން ޔަޤީންކޮށްދިނީ އޭނަގެ އާންމު ނަމުގެ ބަދަލުގައި ފުރިހަމަ ނަމުން މުޚާތަބު ކުރީމަ އެވެ.

ޖަންނައަށް ލޮލެއް ވައްތަރެއް ނުޖައްސާހުރެވުނީ ނިކަން މަސައްކަތުންނެވެ. ފޯނުން ވާހަކަދައްކަމުން ދިޔަ މީހާ ކައިރީ ފަހުން ގުޅާނަމޭ ބުނެ ފޯނު ކަނޑާލައިފައި ސޯފާތަކުގެ ތެރެއަށް ވަދެ އެންމެ ފުރަތަމަ ޖެހުނު ސޯފާގައި ބައްޕައާ ދުރުގައި އިށީނދެލައިފި އެވެ. އެކަމަކު އަދި އެވަރުން އަނީސްއަށް ކަމަކު ނުދިޔަ އެވެ. ޖަންނަ ބަލައިލުމުން ބޮލުގެ އިޝާރާތުން ބައްޕަ ދައްކައިލީ ބައްޕަގެ ގާތުގައި އޮތް ހުސްތަނެވެ. ޖަންނަ ފުން ނޭވައެއް ދޫކޮށްލާފައި އައިސް އެތަނުގައި އިށީނދެއްޖެ އެވެ.

"އަހަންނަށް ކޯއްޗެއް ގެނެސްދިނީ؟" ބައްޕަގެ މޫޑު ބަދަލުކޮށްލަން ވެގެން ޖަންނަ ސުވާލުކުރި އެވެ.

"ހަދިޔާ އޮންނާނެ.. އެ ދޭނަން. އެކަމަކު އޭގެ ކުރިން ބައްޕަ ސުވާލުކޮށްލަން ބޭނުން ދަރިފުޅު ބައްޕަ ނެތި މިދިޔަ ރޭތަކުގައި ގެއަށް އަންނަ ގަޑިއަކީ ކޮބާތޯ؟" އަނީސްގެ ސުވާލުގެ އަޑު އަހާފައި ޖަންނަ ސިހިފައި އެމޫނަށް ބަލައިލި އެވެ.

ބައްޕައަކީ ދުވަހަކުވެސް އޭނަ ކުރާ ކަމަކާއި އުޅުނު ގޮތަކާއި ބެހުނު މީހެއް ނޫނެވެ. ކުއްލިއަކަށް މމިއަދު މިގޮތަށް ވާހަކަދައްކަން ޖެހުނު ސަބަބެއް އޭނައަކަށް ނުވިސްނުނެވެ.

"ރޭގަ އެކަނި ލަހުން އާދެވުނީ. ރޭގަ ވީ ގޮތަކީ..." ޖަންނަ ދައްކަން ފެށި ވާހަކަ ހުއްޓައިލީ ބައްޕަ ބުނި ޖުމްލަ އެވެ.

"ބައްޕަ ދިޔަ ފަހުން ޖަންނަ ގެއަށް އައި ހަމައެކަނި ރެއަކީ ރޭގަ..." ބައްޕަ ބުނި ޖުމްލަ ތަކުރާރުކޮށްލި އެވެ. ޖަންނައަށް އެއީ ކަމަކަށް ނުވިއަސް ބައްޕަގެ ދުލުން އެހެން ބުނާ އަޑު އިވުމުން ފުރަތަމަ ފަހަރަށް އއެއީ ގޯހެއްކަމުގައި ހީވި އެވެ. އެކަމަކު އެއީ ވެސް ހަމައެކަނި ހީ އެކެވެ. ބައްޕައަށް ހަރުކަށިކޮށް ރައްދު ދޭން އުޅެފައި ވެސް އޭނަ ހުއްޓައިލީ އޭނައަށް ލިބި ލިބި ހުރި ނިޢުމަތްތައް ހުއްޓުވާލުމުގެ ބާރު އެބައްޕައަށް ލިބިފައިވާކަން ހަނދާނަށް އައިސްފަ އެވެ.

"ދަރިފުޅު ވާހަކަ ދައްކާ ކުއްޖާއަށްކިޔަނީ އިއާންތަ؟ އަރީންތަ؟...." ބައްޕަގެ ދެވަނަ ސުވާލުވެސް ޖަންނައަށް ބޮޑު ސިހުމެއް ގެނުވި އެވެ.

"އިއާން... އިއާން ކިޔަނީ.." ޖަންނަ ރަނގަޅުކޮށްދިނެވެ.

"މާދަމާ ރޭ އޭނަ މިގެއަށް ގެނޭ ބައްޕަ ބައްދަލުކުރަން..." އަނީސް ބޭނުންވާ ގޮތް ހާމަކޮށްފައި ޖަންނަގެ ބޮލުގައި އަތް ބާއްވައިލުމަށްފަހު ކޮޅަށް ތެދުވެއްޖެ އެވެ.

ބައްޕަ ގޮސް ގެއްލޭން ދެން ޖަންނައަށް ބަލަން އިނދެވުނީ ހައިރާންވީވަރުން ތެދުވަން ނޭނގިފަ އެވެ. އިއާންއަކީ ބައްޕަ އެއްގޮތަކަށް ވެސް ގަޔާވާ ފަރާތެއް ނޫނެވެ. -- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: މަންޒިލް ތީއޭ

Popular