21 Mar 2020

"މިރޭ އެނގޭނެ އަރްޝީއަށް." މިޒްނާ ދިނީ އޭނާ ހާސްކަން އިތުރުވެގެންދިޔަ ޖަވާބެކެވެ. މިރޭ އެނގެންވީ ކީއްވެކަމެއް ނޭނގެއެވެ. އަކްރަމް އެވާހަކަ ދައްކަން ގަސްތުކުރަނީ ކަންނޭނގެއެވެ. އޭނާ ތެދުވީ ޔުމާން ހޯދާށެވެ. މަންމައަށް ނުކުރެވުނު ހަނގުރާމަ އެދެބެން އެކުވެ ކުރަން އޭނާ ބޭނުމެވެ. ބައްޕަ ހުއްޓުވަން އެމީހުން ނޫނީ ނެތެވެ. ދަރިން ބޮޑުވިފަހުން މަންމަ ދޫކޮށްލުމަކީ ބައްޕަކުރާ އެންމެ މޮޔަ ކަންތަކެވެ.

** **

ޓެރަސްގައި ހުންނައިރު މާލޭގެ ބޮޑު ހިސާބެއް ފެނެއެވެ. އެންމެ ދުރުން ހުޅިނަގާފައި ތިރިވަމުން ދިޔަ ރާޅުތަކުގެ ބާނީތައް ފެނެއެވެ. އުދަރެހަށް ގިނަވެ މަދުވަމުން ދިޔަ ވިލާތައް ފެނެއެވެ. އެ މަންޒަރުތަކުގެ ހިތްގައިމުކަމުން އަރްޝީގެ ހިތަށް ލިބުނު ހަމަޖެހުމެއް ނެތެވެ. ބަރުގޮނު އަޅުވަމުން ދުއްވަމުން ދިޔަ ވެހިކަލްތަކަށްވުރެ އޭނާގެ ސިކުނޑިވަނީ ހަލަބޮލިވެފައެވެ.

"މަންމަ ނިންމީ ކޮންގޮތެއް؟" ޔުމާން އައިސް ހުއްޓުނީ އަރްޝީގެ ކައިރިއަށެވެ. ރެއިލިންތަކުގައި ހިފަހައްޓާލަމުން އޭނާވެސް ބަލަންފެށީ ހިތްގައިމުކަން ގެއްލިފައިވާ ބަރިބަރިއަށްހުރި އިމާރާތްތަކަށެވެ.

"ނޭނގެ." މިޒްނާ ކުރެ އެއްޗެއް އަހާވަރަށްވުރެ އޭނާގެ ހިތްވަނީ ބަލިކަށިވެފައެވެ. އަރްޝީގެ ކުރިމަތީ ރުއިން ފިޔަވައި އެ މަންމައަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އަކްރަމްގެ ކއިރިން ވަރިވުމުގެ ޚިޔާލު މިޒްނާ ގެންގުޅޭހެން ހިއެއް ނުވެއެވެ. އެފަދަ ވާހަކައެއް މިޒްނާ ނުދައްކައެވެ.

"މަންމަ ހިތަށް ފަސޭހަވާނެ މިގެއިން ނިކުމެގެން ދިއުން، އެހެން މަންމަ ނިންމައިފިނަމަ އަހަރެންވެސް މަންމަ އާއި އެކު ދާނަން، މިގޭތެރޭގައި ކިހިނެއް އުޅޭނި؟ " ޔުމާން އާއި ދިމާލަށް ބަލާލާފައި އަރްޝީ ބޯޖަހައިލީ އެނިންމުމާއި އެއްބައިވުމުގެގޮތުންނެވެ.

އަނެއްކާވެސް ޔުމާން ވާހަކަ މެދުކަނޑާލުމުން އެދެމީހުންގެ މެދުގައިވީ ހިމޭންކަމެވެ. ދޫ ހިމޭންވިއަސް ހިތެކޭ އެނބުރޭ ސޯބެކޭ އެއްވަރެވެ. ޝަކުވާތަކާއި ސުވާލުތަކުން ފުރި ބަންޑުންވަނީއެވެ.

"އަހަރެން ފުރަތަމަ ހީކުރީ ޝެޒާ އާއި ވާހަކަ ނުދައްކަން ބައްޕަ ބުނީ އަހަންނަށް ހެވަކަށްކަމަށް." ޔުމާން މިދަނޑިވަޅުގައި ޝެޒާގެ ނަން ކޮށް އެހެން ދިމާލަކަށް ވާހަކަ އަނބުރާލަނީ ކީއްވެކަމެއް ނޭނގެއެވެ.

"އަހަރެން ނޫޅެން އޭނަގެ ވާހަކަ ދަށްކާކަށް. މިވަގުތު އަހަރެން މި ވިސްނަނީ އާއިލީ ކަމަކާއި މެދު، އޭނަ މިގޭގައި ދެން ހުންނާނީ ދެތިން ދުވަހަށް، އޭނަގެ މަންމަ ފުރާއިރު އޭނަވެސް މިގެއިން ދާނެ" އަރްޝީގެ ބޮލުގެ ރިހުން ގަދަވީ ޝެޒާގެ މަތިން ހަނދާންވުމުންނެވެ.

"މިގެއިން ބަޔަކު ނިކުމެގެން ދަންޏާއި ދާނީ މަންމަ އާއި މަންމަގެ މިދެދަރިން." ޔުމާންގެ ދެލޮލުން ފެނުނީ ރުޅީއެވެ. އޭނަ އަރްޝީ އާއި ދިމާލަށް އެނބުރުނީ އަރްޝީއަށް އެއްވެސް ކަމެއް ނަގައިނުގަނެވޭތީ ކަންބޮޑުވެފައެވެ.

ޔުމާން އާއި ދިމާލަށް އަރްޝީ ބަލައިލީ ޤަބޫލުނުކުރެވިފައެވެ. އޭނާގެ ހިތުގެ މިސްރާބު ގޮސް ޝެޒާ އާއި ހަމަޔަށް ހުއްޓިފައި ހިތަށް ގެނެވުނީ ބައްޕަ އާއި ޝެޒާގެ ދެމެދުގައި ކަމެއް ހިނގީތޯއެވެ.

"ވަޓް؟ ޝެޒާތަ؟" އަރްޝީގެ އަޑު ދިޔައީ ހިނދިގެންނެވެ. ހިތަށް ވީގޮތެއް ނޭނގެއެވެ. ޔުމާންގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ.

"އެއްވެސް މަންޒަރެއް ނުފެންނަ މީހަކީ ތީ، ދެން އެހުރީ މަންމަ، ހުރިހާ ކަމއް ފެނިވެސް ސިއްރުކޮށްގެން، ބައްޕަ ދެކެ އެހާ ބިރުގަންނަންވީ ކީއްވެކަމެއް ނޭނގެ." އަނެއްކާވެސް ހިތަށް ލިބުނު ސިހުން ބޮޑުވެގެން ދިޔައެވެ. މަންމައަށް ހުރިހާ ކަމެއް އެނގޭހެއްޔޭ އޭނާއަށް އަހާލެވުނެވެ. މަންމަ ބުނިގޮތުން ނަމަ އެނގުނީ މިއަދު ކޯޓުންނެވެ. ކުރިން މަންމަގެ ނަޒަރުގައި ބައްޕައަށް ޝައްކުކުރާނެ އެންމެ ތަންކޮޅެއްވެސް ނުފެނުނެވެ.

"މަންމައަކަށް ކުރިއަކުން ނޭނގޭ." އަރްޝީއަށް ބުނެވުނެވެ. ހުރިހާ ކަމެއް އެނގި ސިއްރު ކުރި މީހަކީ ޔުމާންއެވެ.

"ބައްޕަ ޝެޒާ އާއި ވާހަކަ ދެއްކުން މަނާކުރިފަހުން އެއްރެއެކު އަހަރެން ޓެރަސް އަށް އައިން، އަހަންނަށް ފެނުނީ ބައްޕަގެ އުނގުމަތީ... އަހަރެން ފެނިގެން ޝެޒާ ތެދުވެއްޖެ، ބައްޕަ އަހަންނަށް ގޮވާފައި އެދުނީ އެއްވެސް މީހަކު ކައިރީ ނުބުނަން، އަހަރެން ކޮޓަރިއަށް އާއިރު ހުރީ ރުޅިގަދަވެގެން ހަލާކުވާވަރުވެފައި، ބައްޕަ އެހެން ބުނުމަކުން އަހަރެން އެއްބަހެއް ނުވަން. މންމަ ކައިރީ ބުނަން ބޭނުންވި، އެކަމަކު ނުކެރިފައި ހުއްޓާ އަނެއް ރޭ ފެނުނީ މަންމައަށް." ޔުމާން ކުށްވެރިއެއްފަދައިން އިސްޖަހާލިއެވެ. އޭގައި ޔުމާންގެ ކުށެއް ނެތެވެ. ޔުމާން ބުނުމަކުން ބައްޕަ ބަސްޤަބޫލުކުރާނެހެން ހިއެއް ނުވެއެވެ. އުމުރުން ދުވަސްވެފައިހުއްޓާ ޅަކުއްޖަކު ލިބުމުން ދެން ދަރިންގެ މަތިންވެސް ފިރިހެނުން ހަނދާންނުހުންނާނެއެވެ.

"ހިނގާ ޔުމާން، ބައްޕަ ކައިރީ ބުނަން އެބަޖެހޭ ޝެޒާ ޕްރެގްކަން، އެހެން މީހެއްގެ ކުށް ބައްޕަގެ ބޮލުގައި އަޅުވަން އެއުޅެނީ. ދުނިޔޭގެ ލަދަށް ފިލަން ވަންނަން އެނގުނީ މިގެއަށްބާއޭ ހިތަށް އަރާ، " އަރްޝީ ޔުމާންގެ އަތުގައި ހިފިއެވެ. އޭނާ ހިނގައިގެންފައި ހުއްޓުނީ ޔުމާން އެންމެ ފިޔަވަޅެއްވެސް ނުނަގައި އެހުރި ފިޔަވަޅުމަތީ ހުރުމުންނެވެ. އޭނާ ދާން ބުނެގެން ޔުމާން ނުދިޔައެވެ.

****

ޔުމާން ނުދިއުމުން އަރްޝީ ހިނގައިގަތީ އެކަންޏެވެ. އޭނާ ދިޔައިރު ބައްޕައެއް ނެތެވެ. ކޮޓަރީގައި މަންމަ އޮތީ ނިދިފައެވެ. އެކޮޓަރިން ނިކުން ވަގުތު ލޮލުގައި އަޅައިގަތީ ބަދިގެ ތެރޭ ހުރި ޝެޒާއެވެ. އަރްޝީއަށް ހިނގައިގަނެވުނީ އެދިމާލަށެވެ.

"ހައު ޑެއަރ ޔޫ." އަރްޝީގެ އަޑަށް ޝެޒާ ސިހިފައި ބަލާލިއެވެ. އޭނާ ގިރަމުން ދިޔަ ކިރުތަށި ބަހައްޓާފައި އަރްޝީއަށް ސިއްރުން ބަލައިލާފައި ފަހަތަށް ޖެހިލިއެވެ.

"ޝެޒާ ތިއުޅެނީ ވަރަށް ބޮޑު މިސްޓޭކެއް ހަދަން، އަހަރެންގެ ބައްޕަ އާއި އިނުމަކީ ޝެޒާއަށް ހެދޭނެ އެންމެ ބޮޑު ގޯސް، ތިއުޅެނީ މިގެއާއި ބައްޕަގެ މުދާތައް ފެނިގެންނު،" އަރްޝީ އާއި ދިމާލަށް ބަލައިލަން ނުކެރިފައި ޝެޒާ ހުއްޓެވެ.

"އަހަރެން ޝެޒާ މުޅި ދުނިޔެއަށް ފަޟީހަކޮށްލާނަން، ހީ ނުކުރައްޗެ ކައިވެނިކޮށްލާފައި ސިއްރު ކުރެވިދާނެއޭ." އަރްޝީގެ މޫނަށް ޝެޒާ ބަލައިލީ ސިހިފައެވެ. އޭނާގެ މޫނާއި ހަމަޔަށް އުފުލާފައި ހުރި އަރްޝީގެ އިނގިއްޔަށް ޝެޒާ ބަލައިލިއެވެ. އޭނާ ހިންދިރުވައިލީ ގަދަކަމުންނެވެ.

"ކައިވެނި ކުރަން ބޭނުންވީ އަކްރަމް،" އަރްޝީ އަށް ހީވީ ބޮލުގައި ބާރު އެތިފަހަރެއްޖެހިހެންނެވެ. ޝެޒާ އަޑުގައިވީ ދުވަހަކުވެސް ނުވާވަރުގެ މޮޅިކަމެކެވެ. އަރްޝީ އާއި ހަތަރުކަޅި ހަމަކޮށްލިއިރު ޝެޒާގެ ދެލޮލަށްގިނަވެފައިވާ ކަރުނަތައް ހުރީ ބަންޑުންނުވެ ކިރިޔާއެވެ.

"ސޯ ވަޓް؟ ޝެޒާ ޕްރެގްކަންވެސް އެނގޭތަ؟" އަޑަށް ބާރުލަމުން އަރްޝީ އަހާލިއެވެ. ޝެޒާ އިސްޖަހާލިއެވެ. އޭނާގެ ކަޅި ހަރަކާތްކޮށްލުމާއި އެކު ކޯތާފަތްމައްޗަށް ކަރުނަތައް ބަންޑުންވެގެން ދިޔައެވެ. ޝެޒާގެ ހިމޭންކަން ފެނި އަރްޝީ އެތެރެ ހަށި ރުޅި ކެކިގަތެވެ.

"އެނގޭ." ފަހަތުން އިވިގެން ދިޔަ އަކްރަމްގެ އަޑާއި އެކު އަރްޝީ އެނބުރުނެވެ. އަކްރަމް ބަލަހައްޓައިގެން ހުރި ހަރުކަށި ގޮތުން އަރްޝީ ހީބިހި ނަގައިގަތެވެ. ގުޑިލަން ނުކެރިފައި ހުއްޓާ އޭނާއަށް ފުރަގަސްދީފައި ޝެޒާ ދިޔައީ ނިކުމެގެންނެވެ. ގަދަކަމުން ނޭވާ ލާފައި އަރްޝީ އަކްރަމްގެ މޫނަށް ބަލާލިއިރު ކުރިންވެސް ހުރިގޮތަށް އަކްރަމް ހުއްޓެވެ.

"އަހަރެން ކުރާ ކަމަކަށް މިގޭގެ އެއްވެސް މީހެއްގެ ޚިޔާލެއް އަދި ލަފައެއް ބޭނުމެއް ނުވޭ، މި ކައިވެނި ކުރެވޭނެ،" އަކްރަމްގެ ކުރިމަތީ އިތުރު އެއްވެސް ލަފްޒެއް އަރްޝީއަކަށް ނުބުނެވުނެވެ. ޔުމާން ބުނި ފަދައިން އަކްރަމް ހުއްޓުވުމަކީ އެމީހުންގެ އަތްމަތީ އޮތްކަމެއް ނޫނެވެ.

** **

ކޮޓަރިއަށް ވަދެ ދޮރު ޖަހައިލެވުނުލެއް ބާރުކަމުން އަރްޝީއަށްވެސް އުދަނގޫވިއެވެ. އެކަމަކު އޭނާގެ ރުޅި ހުރީ ކޮންޓްރޯލް ކުރެވޭ ދަރަޖައަކު ނޫނެވެ. ރުޅި އައިސް ދެކޮޅަށް ކޮޓަރި ތެރޭ ހިނގަމުން އޭނާ ކުދި ކިޔަން ފެށީ ޝެޒާއަށެވެ. ޝެޒާ ބުނި ކަމުގައި ވިއަސް އެއީ ތެދެއްކަން އޭނާގެ ހިތެއް އެއްބަހެއް ނުވެއެވެ. އަކްރަމް އިސްވެ ކައިވެންޏަށް އަހަންވީ ސަބަބެއް ވާނެކަމަށް އަރްޝީ ޤަބޫލެއް ނުކުރެއެވެ.

އޭނާ ގަސްތުކުރީ މިރޭ އެކޮޓަރިން ނުނިކުތުމަށެވެ. ޝެޒާ އާއި އަކްރަމް ރަންކިޔަން އޮތީ އެގެތެރޭގައެވެ. ހަތާވީސް އަހަރުވީ ކައިވެންޏެއްގައި މިޒްނާ އަދާކޮށްދިން އެއްވެސް ހައްޤެއްގެ އަގުވަޒަން ނުކުރާކަން ޔަޤީނެވެ. އެހެންނަމަ މިޒްނާގެ އިހްސާސްތަކެއްވާކަން އަކްރަމް ޤަބޫލުކުރީހެވެ.

ދެލޯ ފޮހެލާފައި އަރްޝީ ގުޅީ ޒައިދަންއަށެވެ. އޭނާ ބޭނުންވީ އެގެއިން ނިކުމެގެން ދާށެވެ. ބަޔަކު އުފާފާޅުކުރާ އިރު އެ ފުރާޅުދޮށުގައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އަރްޝީ ގުޅިހާ އަވަހަށް ޒައިދަން ހުރީ ބަލާ އައިހެވެ. ޒައިދަންގެ އަމިއްލަ ސައިކަލުގައެވެ.

"ކޮންތާކަށް ދާންވި؟" ޒައިދަންއަށް އަރްޝީގެ މޫނަށް ބަލާލެވުނީ އެހެން އަހާލާފައެވެ. ދެލޯ ރަތްވެފައިވާކަން އޭނާއަށް ފާހަގަވިއެވެ. މިއީ އަރްޝީ އަމިއްލައަށް އިސްނަގައިގެން އޭނާއަށް ގުޅި ފުރަތަމަ ފަހަރެވެ. އަދި ބޭރަށް ދާ އެދުނު ފުރަތަމަ ފަހަރެވެ.

"ޒައިދަން ބޭނުން ތަނަކަށް." އަރްޝީ ސައިކަލުގެ ފަހަތަށް އެރިއެވެ. އޭނާ މޫނު އަނބުރައިލީ ސައިކަލުގެ ލޯގަނޑަށްވެސް އޭނާގެ މޫނު ނާރާނެހެންނެވެ. ޒައިދަން މަޑުދުވެލީގައި ދުއްވަންފެށިއެވެ. ކޮންމެވެސް ކަމެއް ދިމާވެއްޖެކަން އޭނާގެ ޟަމީރު ވިސްނައިދިނެވެ. އޭނާ އިސްވެ އަހައިފިނަމަ އަރްޝީ ކިޔައިދޭނެބާއޭ ހިތަށް އެރިއެވެ. ނޫނީ އޭނާ މަޑުކުރަންވީ އަރްޝީ އަމިއްލައަށް ބުނަންދެންބާވައޭ ހިތަށް އެރިއެވެ.

ޒައިދަން ގެނައީ އޭނާގެ ގެއަށެވެ. އޭނާގެ ބައްޕަ އަކީ އަރްޝީގެ ބޮޑުބޭބެއެވެ. އެގެއަށް އަރްޝީ ގެނައުމަކުން އަރްޝީއަށް އެއްޗެއް ބުނާނެ މީހަކު ނުހުންނާނެއެވެ. އަދި އަމުދުން އަރްޝީ އާއި އޭނަ އާއި ގުޅުވައިގެން އެހެން ދޫތަކަށް ކިޔޭނެ އެއްޗެއްވެސް ނޯންނާނެއެވެ.

"އަރްޝީ ގޮވައިގެންތަ ތިއައީ، ޒައިދަން ނުވެސް ބުނަމެއްނު" އެގޭގެ ދޮރުން ވަނުމާއި އެކު އެމީހުންނަށް ގޮވައިލީ ޝިމްލާއެވެ. ޝިމްލާ އާއި ދިމާލަށް ކުޑަކޮށް ހީލާފައި އަރްޝީ ހުއްޓުނީ ޒައިދަން އާއި އެއްވަރަށެވެ. ކޮޓަރިން ނިކުން ޒާރާ ދުވެފައި އައިސް އަރްޝީގެ އަތުގައި ހިފިއެވެ. އެގެއަށް އަރްޝީ އައުމުން އެމީހުންގެ މޫނުމަތިން އުފާވެރިކަން ފެންނަން ހުއްޓެވެ. އޭނާގެ ހިތަށް ކުޑަ ލުޔެއް ލިބުނީ އެމީހުންގެ ސަބަބުންނެވެ. ޝުކުރުވެރިކަމާއި އެކު އަރްޝީ އިސްއުފުލާ ބަލައިލީ ޒައިދަންއަށެވެ.

"މިރޭ ކައިގެން ދާން މަޑުކުރާތި އިނގޭ." ޝިމްލާ ހިތްހެޔޮކަމާއި އެކު ބުނެލިއެވެ. އަރްޝީ ބޯޖަހައިލިއެވެ. އޭނާއަށް މިރޭގެ އަލިވިލެންދެން އެގޭގައި ހުންނަންޖެހުނަސް ހެވެވެ. ޒައިދަން އަރްޝީ ކައިރީ އެތެރެއަށް އަންނާށޭ ބުނެލިއެވެ.

"މަންމަ އެހުރީ އުފަލުން އިނގޭ، އަރްޝީ ގެންނަން ކިޔާތާ ދެދުވަހެއްވެއްޖެ." ޒައިދަން ހިނގައިގަންނަމުން ބުނެލީ ޝިމްލާއަށް ނީވޭހާ މަޑުންނެވެ. އަރްޝީ އަށް ޒައިދަންއަށް ބަލާލެވުނީ ހައިރާންވެފައެވެ.

"މަންމައަށް އެނގޭތަ؟" އަރްޝީ ގެ އަޑުނުކުތީ އޭނާ ބޭނުންވި ވަރަށްވުރެ މަޑުންނެވެ. އޭނާގެ އަރުތެރެ ބެދިގެން ދިޔައީ ޒައިދަން ބުމަ އަރުވައިލިގޮތުންނެވެ. ޒައިދަންގެ ފަހަތުން ދެން ނެގި ކޮންމެ ފިޔަވަޅަކާއި އެކު އަރްޝީގެ ހިތް ވަށައިލީ ލަދުވެތިކަމުންނެވެ. މިގޭގެ ކޮންމެ މީހަކާއިކުރިމަތިލާންޖެހުނަސް މިރޭ އޭނާގެ ހައިސިއްޔަތު ތަފާތުވާނެއެވެ. ޒައިދަން އާއިލާއަށް އެކަން އެންގިއިރު އަރްޝީގެ ފަރާތުން އެކަން އޮތީ ސިއްރުވެފައެވެ. އޭނާ އެއްވެސް މީހަކާއި ޒައިދަން އާއި އޮތް ގުޅުން ހިއްސާއެއް ނުކުރެއެވެ.

ހާސްކަން އިތުރުނުވާ ދަނޑިވަޅެއްނަމަ ޒައިދަން އާއި މެދު ވިސްނަން އޭނާއަށްވެސް ވަގުތު ވީހެވެ. ޒައިދަން އާއި މެދު އޭނާގެ ހިތުގައި އިތުބާރު އެބައޮތެވެ. ޒައިދަންގެ ފަހތުން އެކޮޓަރިއަށް ވަނުމުން އޭނާއަށް ލިބުނީ ހައިރާންކަމެވެ. ދޮރުމަތީ ހުރެވުނީ ކޮޓަރި ތެރެއަށް ބަލާށެވެ. އެތަނުގައިވާ ފަރުނީޗަރުގެ މޮޅުކަމަކުން ނޫނެވެ. ދޮރުން ވަންނައިރަށް ފެންނަންހުރީ ބޮޑު ކެންވަސްއަކަށް ޕްރިންޓްކޮށްފައިހުރި އޭނާގެ ފޮޓޯއެވެ. އޭނާގެ ކޮނޑުގައި ހިފަހައްޓާލައިގެން ޒައިދަން ހުރީ ހެވިފައެވެ. ދެމީހުންގެ އުމުރުން އެންމެ ސަތާރަ އަހަރުގައި ނަގާފައިވާ އެ ފޮޓޯއަކީ އޭނާގެ އުފަންދުވަހުގައި ނެގި ފޮޓޯއެކެވެ.

"މި ފޮޓޯ ބަހައްޓާފައިހުންނަތާ ކިހާ ދުވަހެއް؟" އަރްޝީ ދެކެ ޒައިދަން ލޯބިވާކަން އާއިލާއަށް ހާމަވާނީ ފަހަރެއްގައި މި ފޮޓޯގެ ސަބަބުންކަމުގައި އޭނާއަށް ހީވިއެވެ.

"ހަތަރު އަހަރު" ޒައިދަންގެ މޫނަށް އަރްޝީ ބަލައިލީ ސިހިފައެވެ. އޭނާގެ ކަންފަތަށް އިވުނީ ރަނގަޅަށްކަން އެނގުނީ ޒައިދަން އެއް އަތުގެ ހަތަރު އިނގިލި އުފުލައިގެން ހުރީތީއެވެ. ފަނޑުނުވާ ހިތްގައިމު ހިނިތުންވުމެއް ޒައިދަންގެ ހުންނަކަން އޭނާއަށް ފާހަގަވިއެވެ. އެދެލޮލުގައިވި އުފާވެރިކަން ގުޅިފައިވަނީ އަރްޝީ އާއި އެވެ.

"ސިސް ދެން އައި ވޯޒް އިން ލަވް" ޒައިދަން އަރްޝީގެ އަތުގައި ހިފާ އެތެރެއަށް ވަންނަމުން ދޮރު ބެހެއްޓީ ހުޅުވާފައެވެ. އަރްޝީ އެނދުގައި ބައިންދާފައި އޭނާ ގޮސް އިށީނީ މޭޒުކައިރީ ހުރި ވަކި ގޮނޑީގައެވެ. މިހާރު އަރްޝީގ އުމުރަކީ ފަންސަވީސް އަހަރެވެ. ޒައިދަން އޭނާ ދެކެ ލޯބިވާކަން ހާމަކުރީ މީގެ ދެ އަހަރުކުރިންނެވެ. ހަ އަހަރުވަންދެން ޖަޒްބާތުތައް ހިތުގައި ރައްކާކުރުމަކީ ކުޑަކަމެއް ނޫނެވެ. އަދި އެ އިހްސާސް ބަދަލުނުވެ ދެމިހުރުމަކީ ޒައިދަންގެ ވަފާތެރިކަމެވެ.

ހުރިހާ ނުތަނަވަސްކަމެއް އެއްފަރާތްވި ކަހަލައެވެ. ޒައިދަންގެ މޫނަށް އޭނާއަށް ބަލައިލެވުނުއިރު ހިތަށް ވީގޮތަކީ މީގެކުރިން އޭނާ ކުރި އިހްސާސެއް ނޫނެވެ. އޭނާގެ ދެލޮލުގައި ކަރުނައިގެ ތެތްކަން އުފެދުނެވެ. ގިނއިރުތަކެއް ނުވެ އެ ކަރުނަތައް ކެތްނުވެގެން ބަންޑުންވިއެވެ.

ޒައިދަން ތެދުވެގެން އައިސް އަރްޝީގެ މޫނުގައި ހިފަހައްޓާލިއެވެ. ކަރުނަތައް ފޮހެދިނެވެ. ޒައިދަންގެ ދެބުމަ ކައިރިވެފައިވަނީ ކަންބޮޑުވިވަރުންނެވެ. އަރްޝީއަށް ރޮވުނީ ކީއްވެކަން އޭނާއަކަށް ނޭނގެއެވެ.

"ފީލް ފްރީ ޓު ޝެއަރ ވިތު މީ." ޒައިދަންގެ އަޑުގައި ކުރިން ނީވޭ ބަރުކަމެއް ހުއްޓެވެ. އަރްޝީ ކައިރީ އެ ހިތް ހުޅުވާލަން ޒައިދަން އެދުނެވެ. އެކަން އެގޮތަށް ކުރަން އަރްޝީއަށް އުދަނގޫވިއެވެ. އޭނާގެ ދޫ ޒައިދން ދެކެ ލޯބިވާކަމަށް އެއްބަސްވާން ދެކޮޅު ހަދަނީ ކީއްވެކަމެއް ނޭނގެއެވެ.

"މިގެއަށް އައުމުގެކުރިންވެސް އަހަރެން ދުށިން އަރްޝީ ކަންބޮޑުވެފައިވާވަރު، އެއީ ކީއްވެގެންކަން އަހަރެން އެނގެން ބޭނުން، މޭބީ އައި ކެން ހެލްޕު" ޒައިދަން ދެކަކޫ ޖެހީ އޭނާގެ ކުރިމަތީގައެވެ. އެކަމަކު އަރްޝީގެ އަތްތިލައިން ދޫކޮށެއް ނުލައެވެ. އަރްޝީއަށް އުދަނގޫވީ އަމިއްލަ ގޭ މަތިން ހަނދާންވުމުންނެވެ. އޭނާގެ ހިތް ފޮތިފޮތިވާން އުޅޭ ކަހަލައެވެ.

ޒައިދަންގެ އަތްތިލައިން އޭނާގެ އަތް ވަކިކޮށްލެވުނެވެ. މޫނުގައި އަތް އަޅައި ފޮރުވައިލީ އޭނާ އޮހޮރާ ކަރުނަތައް ނުދެއްކުމަށެވެ. އެކަމަކު ޒައިދަން އޭނާގެ އަތް ތިރިކޮށްލަދިނެވެ. އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އަރްޝީ ގެނެސް މޭގައި ޖައްސާލިއެވެ. އެއަތުގެ ހިމާޔަތަށްވުރެ މިރޭ އޭނާއަށް ލިބޭނެ ފިނިކަމެއް ނުވެއެވެ. ކުރިމަތީގައި ހުރީ އޭނާއަށްޓަކައި މުޅި ދުނިޔެވެސް އޭނާގެ މުށުތެރެއަށް ލައިދޭނެކަމަށް ވައުދުވި ހަމައެކަނި ޒުވާނާއެވެ. ކުރިން ޒައިދަންގެ ފަރާތުން ފެންނަ ނުރަނގަޅު އެތައް ސިފައެއް އެއްފަރާތްކޮށްލީ އަރްޝީއަށްޓަކަ އެވެ.

(ނުނިމޭ)

ދިގު ވާހަކަ ވާހަކަ: ހުރީމޭ އިންތިޒާރުގައި

Popular