23 Mar 2020

މަންޒިލް ތީއޭ

By: Mariyam Yasma

ނޫރީ ނިދާފައި އޮތުމުން ފެންވަރަން ވެގެން އަވަހަށް ގޮސް ފާޚާނާއަށް ވަނެވެ.

***

ޖަންނައަށް ނިދިން ހޭލެވުނީ ކޮންމެވެސް އެއްޗެއް ވެއްޓި ޖެހުނު އަޑުފަދަ އަޑަކަށެވެ. ސިހިފައި ލޯ ހުޅުވާލެވުނު ވަގުތު ދުރުގައި ހުރި ސާރިމްގެ ލޮލާއި ލޯ ބައްދަލުވި އެވެ.

"ހޭލައްވައިލެވުނީމަ ސޮރީ. ގަސްތަކު ނޫން..." ސާރިމް ގުދުވެލާފައި ތިރިން ނެގި ބޮޑީ ސްޕްރޭފުޅި ދައއްކާލަމުން މާފަށް އެދުނެވެ.

"ގަޑިން ކިހާ އިރެއް...؟" ނިދި އަޑަކުން ޖަންނަ އެހި އެވެ.

"ހައެއް ޖެހީ.." ސާރިމް އެނބުރުނީ ރީތިވާ މޭޒާއި ދިމާއަށެވެ.

ލޯމަރައިލަމުން ޖަންނަ ބެލީ ކަންނޭލުގައި އަދިވެސް ބޮޑަށް ބައްދައިލަމުން ނިދާލެވޭތޯ އެވެ. ދެން އިވުނީ ސާރިމް ކޮޓަރިން ނިކުމެގެން ދިޔަ އަޑެވެ. ޖަންނަ އެވަގުތު ކުއްލިއަކަށް ލޯ ހުޅުވައިލީ ހިތަށްއެރި އެއްޗަކުންނެވެ. ތެދުވެ އިށީނދެފައި ވަށައިގެން ހޯދައިލީ ފުރަތަމަ ފޯނު ފެނޭތޯ އެވެ. ހިއްލައިލި ބާލީސް ދޮށުން ފެނުނު ފޯނު އަތަށް ނަގާފައި ކެމެރާ ހުޅުވައިލި އެވެ. ސެލްފީ ކެމެރާއިން އަމިއްލަ ސޫރަ ފެނުމާއެކު އަނެއް އަތުން އަނގަމަތީ އަތް އެޅުނެވެ. ކޮންމެ ދުވަހަކު އޭނަ އެހެން ކުނިމޫނާ ނިދާފަ އޮތްވާ ސާރިމްއަށް އޭނަ ފެންނާނެ ކަމާއިމެދު ކުރިން ވިސްނައެއްނުލެވެ އެވެ.

"ވެއިޓް އެ ސެކެންޑް.. ކީއްތަ ވާނީ އޭނައަށް މަގޭ ކުނިމޫނު ފެނުނިއްޔާ. ބޮޑުވަރަކަށްވެސް އޭނަ ހައްތަހާ ބޮޑަށް މަގޭ ފްލާ ތައް ފެނިގެން ފޫއްސެއްނު. އެން ދެޓްސް ވަޓް އައި ވޯންޓް..." ޖަންނަ އަމިއްލަ ނަފްސާ ވާހަކަދެއްކި އެވެ. އަމިއްލަ ހިތްހަމަޖެއްސުމުގައި ކާމިޔާބު ވީ ނަމަވެސް ކާމިޔާބު ނުވީ އަލުން ނިދަން ކުރި މަސައްކަތެވެ.

ފެންވަރާ ތައްޔާރުވެލައިގެން ޖަންނަ ނިކުތީ އާދައިގެ އެހެން ދުވަސްތަކެކޭ އެއްފަދައިން ބޭރަށް ނައްޓައިލަން ގަސްތުކޮށްގެންނެވެ. ކޮޓަރިން ނިކުމެވުމާއެކު އޭނަގެ ފިޔަވަޅުތައް ހުއްޓުނީ ދަބަސްތެރެއިން ފޯނު ވައިބްރޭޓް ވާން ފެށީމަ އެވެ. ޖަންނަ އަވަސް އަވަސްއަވަހަށް ދަބަސް ހާވާލައިފައި ނެގިއިރު ބައްޕަގެ ފޯނެކެވެ. ބުމަ ކައިރިކޮށްލެވުމާއެކު ފޯނު ނަގައި ކަންފަތުގައި ޖަހައިލެވުނެވެ.

ޖަންނަ ހައިރާންކޮށްލީ އެކޮޅުން ބައްޕަގެ ބަދަލުގައި ނޯކަރެއްގެ އަޑު ޖެހުނީމަ އެވެ. އެހައިރާން ދާދި އަވަހަކަށް ކަންބޮޑުވުމަކަށް ބަދަލުވި އެވެ.

"ކިހިނެތްވީ؟ ބައްޕަ ކޮބާ؟ އިޒް ހީ އޯކޭ؟" އެކޮޅުން ބައްޕައޭ ކިޔާ ފެށި ވާހަކަ ފުރިހަމަ ނުވަނީސް ޖަންނަ ސުވާލުތައް އަމުނައިލި އެވެ.

ޖަވާބުގައި ނޯކަރުމީހާ ބައްޕަ އަނެއްކާވެސް ބަލި ބޮޑުވެގެން ހޮސްޕިޓަލަށް ގެންދިޔަ ވާހަކަ ބުނުމާއެކކު ޖަންނައަށް ނިތުގައި ހިފަހައްޓައިލެވިއްޖެ އެވެ. ލޮލަށް ގިނަވި ކަރުނަތަކާއެކު އެކޮޅުން ދައްކަމުންދިޔަ ވާހަކަތައް ނިމެންދެން އަޑު އަހަން އިނެވެ. ތަންކޮޅެއް ދުރުގައި ސާރިމް އައިސް ހުއްޓި ހުރިކަން އޭނައަށް އެނގުނީ ފޯނު ބާއްވާފައި މީހަކު ހުރިހެން ހީވވެގެން އިސްއުފުލައިލިތަނާ އެވެ.

"ބައްޕައަށް ކިހިނެތްވީ؟" ސާރިމް އެހި އެވެ.

"ބައްޕަ ހޮސްޕިޓަލުގަ.." ޖަންނައަށް އިތުރަށް ބުނެދޭކަށް ނުޖެހުނެވެ. އޭނަގެ ޖުމްލައިގެ އެހިސާބުން ސާރިމް އޭނަ ކައިރީ މަޑުކޮށްލަން އެދިފައި ކޮޓަރިއަށް ވަންގޮތަށް ނިކުތީ ސައިކަލު ތަޅުދަނޑި ހިފައިގެންނެވެ.

ޖަންނަ ދެފަޔަށް ލެވުނުހާ ބާރެއް ލައިފައި ސާރިމްގެ ކުރީގައި ހުރެގެން ގެއިން ނިކުތެވެ. ސައިކަލުގައި ސާރިމްގެ ފަހަތުގައި އިންއިރު ނުބައި ހިޔާލުތައް އައިސް ޖަންނަގެ ސިކުނޑިއަށް ބާރުގަދަ ކުރި އެވެ. ލޮލަށް ގިނަވި ކަރުނަތައް އެތެރެއަށް ހިންދާލައިގެން އޭނަ އިނީ ބައްޕަ ފެންނާނެ އިރެއްގެ އިންތިޒާރުގަ އެވެ. އެމަޖެންސީ ވޯޑުގައި ބައްޕަ އޮތް ހާލު ފެނުމުން ކަރުނަތައް އިތުރަށް ހިފަހައްޓައެއްނުލެވުނެވެ. ނޭވާ ލާން ދަތިވެގެން އުޅުނުއިރު ހީވީ ދެންމެދެންމެ ފުރާނަ އެހަށިގަނޑާއި ވަކިވެދާނެ ހެންނެވެ.

އިތުރަށް އެމަންޒަރު ބަލަން ކެތްނުވެގެން ފަސްދިންގޮތަށް ހިފައިގަނެވުނީ އެންމެ ކައިރީހުރި ސާރިމްގެ ގައިގަ އެވެ. އެއީ ސާރިމްކަން ވެސް އޭނައަށް ރޭކައިލީ އަދި ފަހުންނެވެ. ދެއަތުން ސާރިމް ލައިގެން ހުރި ކުރުތާގައި ހިފާ ބޮނޑިކޮށްލައިގެން އެމޭގައި މޫނު ޖައްސާ ބާރުކޮށްލައިގެން ހުރެ އޭނަ މަސައްކަތް ކުރީ ޅަކުއްޖެއްހެން އަޑުން އަޑުނަގާ ނުރޮއިވވޭތޯ އެވެ. އެގޮތުގައި ޖަންނައަށް ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެ އެވެ. ވަށައިގެންވި މާހައުލުން އިވެމުންދިޔަ ހުރިހާ އަޑެއްވެސް އޭނަގެ ހިމޭން ގިސްލުމުގެ އަޑާއެކު ކަންފަތަށް އިވުން ހުއްޓުނެވެ.

އޭނައަށް ހޭވެރިކަން ވީ ސާރިމް އޭނަގެ ކޮނޑުގައި އަތް ޖައްސާލައިފައި ޖަންނައޭ ގޮވާލުމުންނެވެ. ދިރޭ ސުއިއްޕެއް ކަށި ޖެހުމުން ތެޅިގަންނަހެން އޭނައަށް ދުރަށް ޖެހެވުނެވެ. ސާރިމްގެ މޫނަށް ބަލައިލލެވުނު ގޮތުން ހީވީ ކުށްވެރިއަކީ ސާރިމްހެންނެވެ.

"ބައްޕައަށް މިހާރު ކުރިއަށްވުރެ ފަސޭހަވެއްޖެހެން ހީވަނީ..." ސާރިމް ވާހަކަދެއްކިއިރު ނަޒަރު ހުރީ ޖަންނަގެ ފަހަތަށެވެ.

ވަގުތުން ޖަންނައަށް އެދިމާއަށް އެނބުރެވުނެވެ. އޮކްސިޖަން ގުޅާފައި އޮތްއިރު ސާރިމް ބުނިހެން ބައްޕަ ކުރިއަށްވުރެ ރަނގަޅު ކަމަށް ފެނުނެވެ. ޖަންނަ އަވަހަށް ގޮސް ބައްޕަގެ މަގަތުގައި ހުރި ގޮނޑީގައި އިށީނދެ ބައްޕަގެ އަތްތިލައިގައި އެދެއަތުން ހިފާލި އެވެ. ކެނިއުލާ ގުޅާފައި އޮތުމުން ތަންކޮޅެއް ބަލައިގެންނެވެ. ބައްޕަ ލޯ ހުޅުވައިލީ ދެނެވެ.

ޑޮކްޓަރު އެވަގުތު އައިސް ހުއްޓުނީ ސާރިމް ކައިރިއަށެވެ. އެނބުރި އަނީސްއަށް ބަލައިލާފައި ހާމަކުރީ ދައްކަން އޮތީ ކުރިން ގެނަ ދުވަހުވެސް ދެއްކި ވާހަކަތައް ކަމުގަ އެވެ. އެއީ ވަގުތީ ލުޔެއް އަދި ލިބުނަސް އެއީ ދާއިމީ ހައްލެއް ނޫންކަމުގަ އެވެ. އެކަން ޚުދު ސާރިމްއަށްވެސް ޤަބޫލުކުރެވުނެވެ.

"ބައްޕާ...." ޖަންނަގެ ލޮލުން އަނެއްކާވެސް ކަރުނަތައް ފޭދިގަތެވެ.

ބައްޕަ މަޑުމަޑުން ބޯ ހޫރުވައިލި އެވެ. އެކަމަކު އެހަރަކާތާއެކު ޖަންނަގެ ކަރުނަތައް ވީ އިތުރެވެ. އޭނަ އަނެއް އަތް ލޯމަތީ އަޅައި ނިވާކުރި އެވެ. އެއަތް ދުރުކޮށްލީ ކުޑައިރުކޮޅެއް ފަހުންނެވެ. ބައްޕަ ލޯމަރާލައިގެން އޮތްތަން ފެނުމުން ކޯތާފަތް ފުހެލާފައި ހިންދިރުވައިލި އެވެ. ފެންނަ ހިސާބުގައި ހުރި ނޯކަރުކުއްޖާ އައިސް ކައިރިވެލީ އިތުރު ކަމެއް ބބޭނުންތޯ އަހަމުންނެވެ. ޖަންނަ ދެފަރާތަށް ބޯ ހޫރުވައިލި އެވެ. ސާރިމް މަތިން އަނެއްކާވެސް ހަނދާންވީ އައިސް ކައިރިއަށް ހުއްޓުނީމަ އެވެ. ސާރިމް ގެނެސް ބެހެއްޓި ކޮތަޅުން ފެންފުޅިއެއް ނަގާފައި ޖަންނަ އަތަށް ދިއްކޮށްލި އެވެ. ޖަންނަ އޭގައި ހިފިއިރު ތޭންކްސްއޭ ބުނެލި އެވެ.

ޖަންނަ ނުކައި އައިކަން ހަނދާންކޮށްދީފައި އެއްޗެއް ގެނެސްދެންތޯ އެހުމުން ޖަންނަ ބޯ ހޫރައިލި އެވެ. ކެއުމުގެ މޫޑެއް އޭނަގެ ކުޑަކޮށްވެސް ނެތެވެ. ސާރިމް ބޯޖަހާލައިފައި އިތުރު ގޮނޑިއެއް ކައިރިކޮށްލައިގެން އިށީނދެލީ ބައްޕަގެ ފައއިލާކޮޅުގަ އެވެ.

"ޔޫ ޑޯން ހޭވް ޓު ސްޓޭ ހިއާ... އަހަރެން އިންނާނަން ބައްޕަ ކައިރީ..." ކުޑައިރުކޮޅެއް ފަހުން ސާރިމްއަށް ބަލައިލާފައި ޖަންނަ ބުނެލި އެވެ.

ސާރިމް ބޯ ޖަހާލައިފައި ތެދުވި އެވެ. އޭނަ އަދި އެހެން ބުންޏަސް އެހާ ފަސޭހައިން އެއްބަސްވެދާނެ ކަމަކަށް ޖަންނަ ހިއެއްނުކުރެ އެވެ. ބައްޕަ ކުރިމަތީ ޑިގު އަރުވަން ވެސް ސާރިމް އެކަމާއި ހަދާނީ ދެކޮޅުކަމުގައި ޤަބޫލުކުރެވުނެވެ. އެކަމަކު އެކަން އެވީ އޭނަ ހީކުރި ގޮތަކަށް ނޫނެވެ.

ސާރިމް ދިޔަތާ ބައިގަޑިއެއްހާއިރު ފަހުން ވަހީދާއާއި ސާއިރާ އައެވެ. ސާއިރާ ފެނުމާއެކު ޖަންނަގެ ހިޔާލުތައް ފުރަތަމަވެސް ދަތުރުކޮށްފައި ދިޔައީ ރޭ އޭނަ ދުށް މަންޒަރަށެވެ. ސާރިމްއާ ދޭތެރޭވެސް ކަންތައް ކުރި ފަދައިން ޖަންނަ ވަހީދާ އާއި ސާއިރާވެސް އެތާ ގިނައިރު ނުބައިތިއްބާ ފޮނުވައިލި އެވެ. ސާއިރާ ހުރީވެސް ނުދެވިފައި ކަހަލަ އެވެ. އެކަމަކު ވަހީދާ ހުރީ ބައްޕަ ދޫކޮށްފައި ދާން ބޭނުންވެފައެއް ނޫނެވެ. އެލޮލުން ޖަންނައަށް ކަރުނަ ފެނުނެވެ. އަދި ބައްޕަވެސް ވަހީދާ އައުމުން އުފާވެރި ހިނިތުންވުމަކާއެކު ބަލަން އޮތެވެ. ސާރިމް އަލުން އައީ ބައްޕަ ގެއަށް ދޫކޮށްލަން ކައިރިވެފައި ވަނިކޮށެވެ. އެކަން އެނގިގެން އައީ ކަމަށްވެސް ވެދާނެ އެވެ. ޖަންނަ އައިސް ބައްޕަ ކައިރީ އިންއިރު ސާރިމްއާއި ޑޮކްޓަރާއި ދެމެދު ވާހަކަ ދެކެވުނުތަން އޭނަ ދުށްޓެވެ.

"އަހަރެން ބޭނުމެއް ނޫން ބައްޕަ ތިހާލުގައި ވަނިކޮށް ދެން އެގެއަށް ދާކަށް. އަހަންނަށް ނުވެސް ނިދޭނެ ބައްޕަ ދޫކޮށްފަ ގޮހެއް. ޕްލީޒް ލެޓް މީ ސްޓޭ ހިއަ ވިތް ޔޫ.. ޕްލީޒް ބައްޕާ..." ގެއަށް ދެވުމުން ޖަންނަ އާދޭސްކުރަން ފެށި އެވެ.

"ބައްޕަ މިހާރު ރަނގަޅޭ ދަރިފުޅާ. އަނެއްކާވެސް ގޯސްވީމަ ދަރިފުޅަށް ގުޅާނީ..." އަނީސް ހިނިތުންވެފައި ޖަންނަގެ މޫނަށް ބަލަހައްޓައިގެން އިނެވެ. އެކުލަވަރުން ޖަންނައަށް އެނގުނީ ބައްޕަގެ ވިސްނުން ބަދަލު ނުވާނެ ކަމެވެ. ޖެހޭނީ އޭނަ އެހެން އުކުޅެއްގެ ބޭނުން ހިފަން ކަމެވެ.

ފަސް އެނބުރި ބަލައިލިއިރު ސާރިމް އާދެ އެވެ. އޭނަ ބަލާކަށް ނުހުރެ ދިޔަ ގޮތަށް ގޮސް ސާރިމްގެ އަތުގައި ހިފެހެއްޓުމުން ސާރިމް ސިހިފައި އެމޫނަށް ބަލައިލި އެވެ. ޖަންނަ ސާރިމްގެ މޫނަށް ބަލައިލީ ކަމަށް އެދި އާދޭސްކުރަމުންދާ ކުޑަ ކުއްޖަކުވެސް ބަލައިލާނެފަދަ ނަޒަރަކުންނެވެ.

" ކިހިނެތްވީ؟" ދާދި ގާތުގައި ބަފައިބެ ބަލަން އިންކަން އިހްސާސްވެ ހުރެ ސާރިމް އެހި އެވެ.

"ބައްޕަ ތަންކޮޅެއް ރަނގަޅުވެލަންދެން އަހަންނާއެކު މިގޭގަ މަޑުކޮށްދޭންވީނު... ޕްލީޒް!" ޖަންނަ އަނެއް އަތުން ސާރިމްގެ ދަތްދޮޅީގައި ހިފާލައިފައި ބުނެލި އެވެ.

އެއީ އެދެމެދުގައި އެއްވެސް ގުޅުމެއް ނެތް ދެބީރަތްޓެހިންކަމުގައި ބަލާމީހަކަށް ހީވެސްނުވާނެ އެވެ. ޖަންނަ އެހެން ބުނުމާއެކު ސާރިމްއަށް ޖަންނަގެ މައްސަލަ ދޭހަވި އެވެ. ޖަންނަ އެގޮތަށް އެ އެދުނީ ބައްޕަ ކައިރީ މަޑުކުރަން އުޅެ އެހުއްދަ ނުލިބިގެންކަން ލަފާކުރެވުނެވެ.

"އޯކޭ..." ސާރިމް އެއްބަސްވި އެވެ.

ޖަންނަގެ ތުންފަތަށް ފެތުރުނު ފުޅާ ހިނިތުންވުމާއެކު އޭނަގެ އަތް އުފުލާލައިފައި އެއަތްތިލައިގައި ބޮސްދިނެވެ. އެއީ މިއަދު ޖަންނަ ކުރި އެފަދަ ދެވަނަ ހަރަކާތެވެ. ކުރިން ހޮސްޕިޓަލުތެރޭ ހުރެފައި ފުރަތަމަ ފަހަރަށް އައިސް އޭނަގެ ގައިގައި ބައްދާލި އެވެ. ޖަންނަ އެއަތުން ދޫކޮށްލިކަން ވެސް ސާރިމްއަށް އެނގުނީ ދުވެފައި ގޮސް ބައްޕަ ކައިރީ ވާހަކަދައްކަން ފެށި ފަހުންނެވެ. ސާރިމް ހުރީ ޖަންނަގެ މިއަދުގެ ގާތް ކަމުން ކުޑަކޮށް އުދަނގޫވެފަ އެވެ. އެއިން ކޮންމެ އަމަލަކީ ވެސް ޖަންނަގެ ހިތުގައިވި އިހްސާސަކާއި ގުޅިގެން ފެނުނު އަމަލެއް ނޫންކަން އެނގޭތީ ކަންނޭނގެ އެވެ.

***

ސާރިމް ގުޅީ މަންމަ އާއި ސާއިރާ ބަދިގެތެރޭ މަސައްކަތުގައި އުޅެނިކޮށެވެ. ފޯނު ބޭއްވިހާއިރުން ދެއްކކި ވާހަކައާ ބެހޭގޮތުން އޭނަ ސުވާލުކުރި އެވެ. މަންމަ ދިނީ އޭނަ އުންމީދުކުރިފަދަ ޚަބަރެއް ނޫނެވެ. ސާއިރާ އެއްޗެކޭ ނުބުނެ އެވެ. ބުނަން އޮތީ މަންމަ އަހަން ހިތްހަމަޖެހޭނެ ވާހަކަތަކެއް ނޫނެވެ. އެއީ ޖަންނަ އެގޭގައި ދަތިކަމުގައި ނޫޅޭނެކަން އޭނައަށށް ކުރިންވެސް ލަފާކުރެވިފައި އޮތް ވާހަކަ އެވެ. ކޮންމެވެސް ބަހަނާއެއް ހޯދައިގެން ގޭގެ ތަނަވަސް ދިރިއުޅުމަށް އެނބުރި ދާނެ ކަމުގަ އެވެ. ޖަންނަދެކެ އޭނަ ފޫހިވާން ފެށީ ޖަންނަގެ އެހުންނަ ބޮޑާކަމުގެ ސަބަބުންނެވެ. އޭނަގެ ފެންވަރަށް އުނިކަމެއް އައިސްދާނެތީ އެއާއިލާގެ މީހަކާއި އަނގައިން ބުނުމެއް ނޯވެ އެވެ.

މޭޒުމަތީ އޮތް ފޯނު ވައިބްރޭޓް ވާން ފެށުމުން ސާއިރާ ބަލައިލިއިރު ސްކްރީނުގައި އޮތް ނަންބަރު ފެނިފައި މެއަށް ހީވީ ފެން އެއްޗެއް އަޅައިލެވުނު ހެންނެވެ. ފުރަތަމަވެސް ބަލައިލެވުނީ މަންމަ އަށެވެ. މަންމަ އިސްޖަހައިގެން އިނީ މަސައްކަތުގަ އެވެ. އެބަ އަންނަމޭ ކިޔާފައި ފޯނު ނަގައިގެން އޭނަ އެތަނުން ނިކުތެވެ.

"އަދީލް..." ސާއިރާ ވާހަކަދެއްކީ ކޮޓަރީގެ ހިމާޔަތް ލިބުނީމަ އެވެ.

"ކީއްކުރަން ތި ގުޅީ؟" އެކޮޅުން އަދީލްއަށް އެއްޗެއް ނުބުނެވެނީސް ސާއިރާ އެހި އެވެ.

"ކޮބާ ނޫރީ. އަހަރެން ބޭނުން ނޫރީއާ ބައްދަލުކުރަން..." އަދީލް ޖޯޝާއެކު ވާހަކަދެއްކި އެވެ.

"އަންނަންވީނު މިގޭ ކައިރިއަށް. އަހަރެން އެމަންޖެ ރެޑީކޮށްފަ ހަވާލުކުރާނަން...އިނގެއެއްނު މިގެއަށް އަތުވެއްޖެއްޔާ ވާނެ ގޮތް." ސާއިރާ ޖަވާބުދިނެވެ.

"އުހު ސާއިރާވެސް އަންނަން ވާނެ..." އަދީލް ވަގުތުން އޭނަ ބޭނުންވާ ގޮތް ހާމަކުރި އެވެ.

ސާއިރާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އަދީލްގެ މަޤްސަދު އޭނައަށް ވަރަށް ރަނގަޅަށް އެނގެ އެވެ. އަދީލް އޭނަގެ ނަމުން ގޮވާލީ ވާހަކަނުދައްކާ ގިނައިރު ވެގެންނެވެ.

"އެންމެ ރަނގަޅު. ދެން އިހަށް ބާއްވަނީ.." ސާއިރާ ފޯން ކަނޑައިލި އެވެ. ދެން އޭނަ އިށީނދެލީ އެނދުގަ އެވެ.

ފޯނު އެއްފަރާތެއްގައި ބޭއްވުމަށްފަހު ނިއްކުރީގައި އަތް އުނގުޅައިލެވުނެވެ. އަދީލް އާއިލާ މީހަކު ބަލިވެގެން ބޭރުގައި ގޮސް ހުންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެދުވަސްކޮޅު އޭނަ އަމިއްލަ ނަފްސަށް ވަޢުދުވީ އަދީލްއާ އޮތް ގުޅުން ވަކި ހުދޫދެއްގައި ބޭއްވުމަށެވެ. އެއީ ހަމައެކަނި ދަރިފުޅުގެ ބައްޕަގެ ގޮތުގައި ބެހެއްޓުމަށެވެ. އެކަމަކު އަދީލް އައިސް އެނންމެ ފަހަރަކު ގުޅައިގެން އާދޭސްކޮށްލުމުން އޭނަ އަމިއްލަ ނަފްސަށް ވީ ވަޢުދު އެވަނީ އުވާލެވިފަ އެވެ. މަންމައާއި ސާރިމްއަށް ފަޅާއަރާ ދުވަހަކީ އޭނަ ދެކެން ބޭނުންވާ ދުވަހެއް ނޫނެވެ. އެނގޭ އެއްޗަކީ ކިތަންމެ ގިނަ އަހަރެއް ފާއިތުވެދިޔަސް އޭނަ އަލުން އަދީލް އާ ގުޅެން އެމީހުން ޤަބޫލު ނުވާނެ ކަމެވެ. އަދި އެމީހުންގެ ބަސްތަކުގައި ކޮޅުފައިން ޖަހާފައި ދެވޭކަށް ވެސް ނެތެވެ.. ހާލުގައި ޖެހުމުން އަނެއްކާވެސް އެހީވެދޭން ތިބީ ހަމަ އެދެމީހުންނެވެ.

މަންމަ ހިތްހަމަނުޖެހޭނެތީ ސާއިރާ މަންމަ ކައިރީ ބުނީ ނޫރީ ގޮވައިގެން އެކުވެރިއެއްގެ ދަރިއެއް ކައިރިއަށް "ޕްލޭ ޑޭޓް" އަކަށް ގެންދާ ވާހަކަ އެވެ. އަދި އަންނާނީ ލަހުން ކަމުގަ އެވެ.

***

"ޔޫ ލުކް އަންކޮމްފޮޓެބްލް..." ޖަންނަ އައިސް ވަންއިރު ސާރިމް އެނދުގެ ކޮޅުގައި އިށީނދެ ކަކޫމަތީ ދެއަތް އަޅާލައިގެން ދުރުބަލަން އިންގޮތް ފެނިގެން ބުނެލި އެވެ.

"އެކްޗުއަލީ އައި އޭމް... އަމިއްލަ ގެ ނޫން ތަނެއްގަ ވާނެ ދޯ އެހެން..." ސާރިމް ހަށިގަނޑު ތެދުކޮށްލާފައި ޖަވާބުދިނީ ތެދަށެވެ.

ޖަންނަ ހޫމ އަޅުވާލައިފައި ގޮސް ފާޚާނާއަށް ވަންނަން އުޅުނުވަގުތު ދުޢާ ކިޔަން ހަނދާންވި އެވެ. އެވަގުތު އޭނައަށް އެނބުރިފައި ބަލައިލެވުނީ ސާރިމްއަށެވެ. ނަސީބަކުން ސާރިމް އިނީ ފޯނަށް ބަލާށެވެ. ޖަންނަ އަވަހަށް އެތެރެއަށް ދެމިގަތެވެ. އެގޮތަށް ފާޚާނާއަށް ވަންނަމުން ދުޢާ ކިޔަނީ ލޮލަށް ނުފެންނަ ޖިންނި ޝައިތޯނުންގެ ކިބައިން ސަލާމަތްވާން ކަމުގައި އޭނަވެސް ވަނީ އަހާފައެވެ. އަދި ފާޚާނާފަދަ ތަންތަނުގައި އެފަދަ އެއްޗެހި އުޅޭނެ ކަމުގައި ރަތްޓެހިންގެ ފުށުން އިވިފައި ހުއްޓެވެ. އެކަންކަން ހަނދާންނަށް އައީ ސާރިމް އޭނައަށް އެކަން އާދަކޮށްދޭން ކުރި ކަމަކުންނެވެ. އަދި އެއީ ހަމައެކަނި އޭނައަށް އޭގެ ބޭނުން ހިފޭނެ ގޮތެއް ސާރިމް ކުރި ކަމެއްކަންވެސް ޖަންނައަށް ޔަޤީންވި އެވެ.

"އަހަރެން ވާހަކައެއް އަހައިލަންތަ؟" ފާޚާނާއިން ނިކުމެފައި ޖަންނަ ސުވާލުކުރި އެވެ.

"ސާއިރާ ޑިވޯސްވެފަތަ ހުންނަނީ؟ ކޮބާ ނޫރީގެ ބައްޕަ؟" ސާރިމްގެ ހުއްދަ ލިބުމުން ޖަންނަ އެހި އެވެ.

އޭނަގެ ވާހަކަ އަހާފައި ސާރިމްގެ މޫނަށް ވެރިވީ މާ ހިތްހަމަޖެހޭ ކުލަވަރެއް ނޫނެވެ. އެއީ ސާރިމް އެހާ ގަޔާވާ މައުޟޫއެއް ނޫންކަން ޖަންނައަށް އިހްސާސްވި އެވެ.

"ވަރިކޮށްފަ ހުންނަނީ.." ސާރިމް ބުނީ އެވަރަށެވެ. އިތުރު ތަފްޞީލެއް ނުދެ އެވެ. ޖަންނައަށް އަހާކަށްވެސް ނުކެރުނެވެ. އެކަމަކު އެޖަވާބުން އޭނައަށް ވަރަށް ބޮޑު އެއްޗެއް އެނގުނެވެ. އެއީ ސާއިރާ ރޭ ދަންވަރު ކުރި ކަންތައް އެނނގިއްޖެ ނަމަ އެގެއަށް ތޫފާނެއް އަންނާނެ ކަމެވެ.

އަދީލް އެދެމައިން ފުރަތަމަ ގެންދިޔައީ އައިސްކްރީމް ބޯށެވެ. އެއަށްފަހު ގެއަށް ގެންގޮސް ނޫރީއަށް ހަދިޔާއެއް ދިނެވެ. ބައްޕަ ފެނުނީއްސުރެ ނޫރީގެ ހިނިތުންވުން ފިލާ ނުދެއެވެ. ކުޅޭ އެއްޗެހިތައް ފެނުމުން އެކަނިމާއެކަނި ކުޅެން ފަށައިފި އެވެ. އަދީލް ހިފީ އެފުރުސަތުގެ ބޭނުމެވެ. ސާއިރާގެ އަތުގައި ހިފާ ލައިފައި އިޝާރާތުން ބުނީ އޭނައާއެކު ދިއުމަށެވެ.

ސާއިރާގެ ބޮލުގައި ރިއްސައިލި އެވެ. ހަމައެއާއެކު އަޖައިބެއްފަދަ ކެތްމަދުކަމެއްވެސް އިހްސާސްވި އެވެ. އެޕާޓްމެންޓް ތަޅުލާފައި ހުރުމުން ދަރިފުޅު ނިކުމެގެން ނުދާނެކަން ސާއިރާއަށް އެނގެ އެވެ. އޭނައަށް ވިސްނާނެ މާބޮޑު ފުރުސަތެއް އަދީލް ނުދެ އެވެ. އެއަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ގެންގޮސް ކޮޓަރިއަށް ވައްދައިފި އެވެ. އެނދުގައި އޭނަ ބައިންދާފައި ދެން ގެނެސް އަތަށް ލައިދިނީ ޕާރސަލެކެވެ. އަދީލް އެދުނީ އެކެނޑުމަށެވެ. ނުނިމޭ

ދިގު ވާހަކަ ވާހަކަ: މަންޒިލް ތީއޭ

Popular