26 Mar 2020

މަންޒިލް ތީއޭ

By: Mariyam Yasma

އޭނައަށް ވިސްނާނެ މާބޮޑު ފުރުސަތެއް އަދީލް ނުދެ އެވެ. އެއަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ގެންގޮސް ކޮޓަރިއަށް ވައްދައިފި އެވެ. އެނދުގައި އޭނަ ބައިންދާފައި ދެން ގެނެސް އަތަށް ލައިދިނީ ޕާރސަލެކެވެ. އަދީލް އެދުނީ އެކެނޑުމަށެވެ.

ސާއިރާ މަޑުމަޑުން އިނދެގެން އެ ކަނޑާލައިފި އެވެ. އެތެރެއިން ފެންނަން އޮތް މަހުމާ ފޮށި ހުޅުވާލިއިރު ފޮށިތެރޭގައި އޮތީ ރީތި ފަށެކެވެ. ފުލުގައި އަލިމަހުގެ ހިތެކެވެ. ބުނާނެ އެއްޗެއް ނޭނގިފައި ސާއިރާއަށް އެއަށް ބަލަން އިނދެވުނީ އެވެ. އުފާވާން ބޭނުންވި ނަމަވެސް ހިނިތުންވެލާކަށް އެދެތުންފަތް މަސައްކަތެއް ނުކުރި އެވެ.

"ޑޫ ޔޫ ލައިކް އިޓް؟" ސާއިރާގެ ހިމޭންކަން ފެނިގެން އަދީލް ސުވާލުކުރި އެވެ.

"ބިއުޓިފުލް...." ސާއިރާގެ އިނގިލިތަކުން ފަށުގެ މަތީގައި ހިންގައިލަމުން ބުނެލި އެވެ.

އަދީލް ބޭނުންވި ޖަވާބު ލިބުމުން ފުޅާ ހިނިތުންވުމެއް އެތުންފަތަށް ވެރިވި އެވެ. ސާއިރާގެ އަތުން ފޮށި އަތުލާފައި އަނެއް އަތުން ސާއިރާގެ އަތުގައި ހިފާ ނަގައިގެން ގެންގޮސް ބެހެއްޓީ ލޯގަނޑު ކުރިމަތީގަ އެވެ. ނަގަންތޯ ވެސް ނާހައި ބުރުގާ ނަގައި ތިރިއަށް ދޫކޮށްލުމުން ސާއިރާއަށް ލިބުނީ ކުއްލި ނުތަނަވަސްކަމެކެވެ. އެނުތަނަވަސްކަން ހިތުން ފިލީ އަދީލް ފަށް ނަގާފައި އޭނަގެ ކަރުގައި އަޅުވައިދޭން އުޅުނުވަގުތު ލޯގަނޑުން އެމޫނަށް ނަޒަރު ހުއްޓިފަ އެވެ.

އެއީ އަދިވެސް އޭނަގެ ހިތް އަތުލި ރީތި މޫނެވެ. އުމުރަށް އިތުރުވެފައިވާ އަހަރުތަކެއްގެ ތަފާތު ނޫނީ މިއަދު ވެސް އެމޫނަކުން ނުފެނެ އެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެތަކެއް އުފާވެރި ހަނދާންތައް ސާއިރާގެ ހިތުގެ ލޯގަނޑަށް އަރައިފައިބައިގެން ދިޔަ އެވެ.

"އަދީލް...!" ސާއިރާ ގޮވާލި އެވެ.

"ހޫމް..." އަދީލްގެ ސަމާލުކަން ހުރީ އޭނަ އަޅުވަން މަސައްކަތްކުރަމުންދިޔަ ބުޅިކޮޅަށެވެ.

އެކަން ކާމިޔާބުވުމުން ލޯގަނޑުން ސާއިރާގެ ކަރަށް ބަލައިލާފައި ފަޚުރުވެރި ހިނިތުންވުމެއް ވެރިކޮށްލި އެވެ.

"މިހާރު އަދި މީގެ ރީތިކަން ދެގުނައަށް އަރައިފި.." އަދީލް ތައުރީފްކޮށްލުމުން ސާއިރާއަށް ހެވުމާއެކު އިސްއޮބައިލެވުނެވެ.

ދެވަނަ ސިކުންތުގައި އޭނަ ސިއްސުވައިލީ އޭނަގެ ކަނދުރާގައި ބީހެންފެށި އަދީލް ތުންފަތުގެ ހޫނުކަމެވެ.

"އަދީލް!!" ސާއިރާ ދުރަށް ޖެހިލަން މަސައްކަތްކުރި އެވެ.

އެކަމަކު އޭގެ ކުރިން އަދީލް އޭނަގެ ދެއަތުގެ އުޅަބޮށްޓާއި ހިސާބުން ފަހަތަށް ލަނބާލައިފައި ދުރަށް ނުދެވޭނެހެން ހިފެހެއްޓި އެވެ.

" އަދީލް ސްޓޮޕް އިޓް. ނޫރީ ހޯދަފާނެ..." ސާއިރާ ގަދަދައްކަން ފެށުމުން އަދީލް އިރުކޮޅަކަށް އެދެއަތުން ދުރުކޮށްލި އެވެ. ސާއިރާ ވަގުތުން ބުރުގާ ތިރިން ނަގާފައި އަޅަން ފެށި އެވެ.

"އިހަށް މަޑުކޮށްބަލަ ސާއިރާ! ނޫރީ ހޯދަންޏާ އައިސް ޓަކި ޖަހާނެއެއްނު..." އަދީލް ސާއިރާ މަގަތަށް އެނބުރުމާއެކު ދޮރާއި ދިމާއަށް ދިޔަނުދޭން ކުރިމަތީ ހުއްޓުނެވެ.

"އަދީލް...ޕްލީޒް!!" ސާއިރާ އަކުރުތަކަށް ދަމާލާއިފައި އާދޭސްކުރި އެވެ.

"އެންމެރަނގަޅު އަހަރެން ނުހުއްޓުވާނަން. އެކަމަކު ދިއުމުގެ ކުރިން ދެންމެ ބުނަން އުޅުނު ވާހަކަ އިއއްވާފަ ދާންވީނު.." އަދީލް ހަނދާންކޮށްދިނެވެ.

އެކަން ހަނދާންވުމުން ސާއިރާ ދުރުބަލައިލީ އެކަމާއި ވިސްނައިލާފަދަ ގޮތަކަށެވެ. ބުނަންވީކަމެއް ނުވަތަ ނޫންކަމެއް ވިސްނައިލިފަދަ އެވެ. ދެން ބުރުގާ ބޮލަށް މަހާލައިފައި ނިތްގަނޑު ރީތިކޮށްލަންވެގެން އަނެއްކާވެސް ލޯގަނޑޑާއި ދިމާއަށް އެނބުރުނެވެ. ހިތްހަމަޖެހޭވަރު ވުމުން އަތް ތިރިކޮށްލާފައި މިފަހަރު އައިސް އަދީލް ކުރިމައްޗަށް ހުއްޓި އެމޭމަތީން ގޮށަކާއި ކުޅެންފެށި އެވެ. ސާއިރާގެ މިގާތްކަމުން އަދީލް އުންމީދުކުރީ ބުނަން އުޅެނީ އޭނަ އަހަން ބޭނުންވާފަދަ ވާހަކައެއް ކަމުގަ އެވެ.

"އަދީލް ތީ ނޫރީގެ ބައްޕަ. އެހައްޤު އެކަކަށްވެސް އަދީލްގެ ކިބައަކުން ނިގުޅައެއްނުގަނެވޭނެ. އެކަމަކު އަހަންނާއި އަދީލް ދެވަނަ ފަހަރަށް ގުޅޭކަށް އަހަރެންގެ އާއިލާއިން ދުވަހަކުވެސް ޤަބޫލެއް ނުވާނެ..." ސާއިރާ ދެވަނަ ޖުމްލަ ބުނަމުން އިސްއުފުލައިލި ވަގުތު އަދީލްގެ ކުލަވަރު ބަދަލުވެގެން ދިޔަގޮތް އެންމެ ގާތުން ފެނުނެވެ. "އެހެންވީމަ އަހަރެން ގަސްތުކޮށްފިން ހަމައެކަނި ނޫރީގެ ބައްޕަގެ މަޤާމުގައި އަދީލް ބަހައްޓަން. އެނޫން ގުޅުމަކަށް އަހަރެންމެންނަކަށް ޗާންސެއް ނެތް..."

"ސާއިރާ އާއިލާ މީހުންނަށްތަ އެނގެނީ ސާއިރާ އުޅޭނެ ގޮތް؟" އަދީލް ގާތަށް އައި ރުޅިން ސާއިރާގެ އަތުގައި ހިފެހެއްޓީ ތަދުވާހާ ބާރަށެވެ.

"އަހަރެން ހާލެއްގަ ޖެހުނަސް އަޅައިލަންވެސް ތިބީ އެމީހުން..." ކުރެވެމުންދިޔަ ތަދުގެ އިހްސާއިއެކު ސާއިރާ ޖަވާބުދިނެވެ.

އަދީލް ވަގުތުން އޭނަގެ އަތުން ދޫކޮށްލާފައި ދުރަށް ޖެހުނެވެ. ހޫނު އެއްޗެއްގައި ހިފައިގެން ހުރެފައި އެކަން އިހްސާސްވެގެން ދޫކޮށްލިފަދަ އެވެ. ސާއިރާގެ ހިތަށް ތަދުވި ނަމަވެސް ހިންދިރުވާލައިފައި އަމިއްލަ ނަފްސަށް ހިތްވަރުދިނެވެ. އަދީލް އެއް އަތުގެ އިނގިލިތައް އިސްތަށިގަނޑުތެރެއަށް މަހާލައިފައި ތިރިކޮށްލަމުން އަނެއް އަތުން ކަނދުރާމަތީ އުނގުޅާލީ އެލިބުނު އާޚަބަރު ސިކުނޑިއަށް ނަގައިގަންނަމުންދިޔަފަދަ ގޮތަކަށެވެ. ސާއިރާ ހުރީ ރައްދު އަންނާނެ ގޮތަކަށް އިންތިޒާރުކޮށްގެންނެވެ.

"ކުއްލިއަކަށް ތިވަރު ނިންމުމެއް ނިންމިއިރު އަހަރެން ކައިރީ އަހައިލުމެއް ވެސް ނެތްތަ؟" އަދީލްގެ އެސުވާލުކުރިއިރު ސާއިރާ ކުށްވެރިކުރާކަން އަޑުންވެސް އަންގައިދިނެވެ.

"ޔޫ އާ ނޮޓް މައި ހަޒްބެންޑް..." ސާއިރާގެ ޖަވާބު ލިބުމާއެކު އަދީލް "އޯހ" އޭ ބުނެލައިފައި ހިނިގަނޑެއް ޖަހައިލި އެވެ.

"އެކަމަކު އަހަރެން މީ ނޫރީގެ ބައްޕައެއްނު. އަހަރެމެން ދެމީހުން ދެމިސްރާބަކުން ހިނގަން ފެށީމަ ނޫރީއަށް ވާނެ ގޮތް އިނގޭތަ؟" އަދީލް ވާހަކަދެއްކީ ވިސްނޭ ހަރުމީހަކު ފަދައިންނެވެ.

"އަދީލް ތިކަހަލަ ވާހަކަދެއްކީމަކަ އަދީލްއަކާ ނުގުޅޭ..." ސާއިރާ އެހެން ބުނެލާފައި ދާން ހިނގައިގަތެވެ.

"ވެއިޓް ސާއިރާ! ހޫޒް ދި ގާއި؟" ތަޅުގައި ހިފާލައިފައި ސާއިރާ ހުއްޓުނީ އަދީލް ބުނި ވާހަކައަކުންނެވެ.

"ވަޓް؟" އޭނައަށް ތެޅިގެންފައި އެނބުރި ބަލައިލެވުނެވެ. އެކަމަކު އޭރުވެސް ތަޅުން ދޫކޮށެއްނުލަ އެވެ.

"އަދީލް ހީކުރީ އަހަރެން އެހެންމީހަކާއި އިންނަންވެގެން ކަމަށްތަ އަދީލްއާ ދުރަށް ދާން ބޭނުންވަނީ؟" ސާއިރާ ގާތަށް ރުޅި އައެވެ.

"އެހެނެއް ނޫންތަ؟" އަދީލްގެ މޫނުން ކުޑަހިނދުކޮޅަކަށް ނަމަވެސް ނުތަނަވަސްކަން ފެނިލި އެވެ.

"ނޯ. ދެއާޒް ނޯ ގާއި....އެއީއެއް ނޫން މިވެގެން އުޅޭ ގޮތަކީ.." ސާއިރާގެ ޖުމްލަ ނިމުނުހެނެއް ހިއެއްނުވެ އަދީލް އައިސް އޭނަގެ ކުރިމައްޗަށް ހުއްޓުނެވެ.

"ތޭންކް ގޯޑް..." އަދީލްއަށް ލިބުނު އުފާވެރިކަން ފައުޅުކުރީ ސާއިރާގެ މޫނުގެ ދެފަރާތުން ހިފާލުމަށްފަހު އެތުންފަތަށް ދިން ލުއި ހަދިޔާއަކުންނެވެ.

ނުވިސްނާހުއްޓާ އަދީލް މިކުރިކަމަކުން ސާއިރާއަށްވެސް ރެކޭކަށް ނޭނގުނެވެ. އެއީ ސާއިރާގެ ފުރަތަމަ ކުށެވެ. އަދީލް އެވަގުތު އޭނަގެ ލޮލަށް ބަލައިލާފައި ދެވަނަ ފަހަރަށް ކައިރިވެލި އެވެ. ތަޅުން ދޫކޮށްލެވުމާއެކު ދެއަތް މުށްކަވާލައިފައި އަދީލްގެ މޭމަތީ ވިއްދާ ދުރުކުރަން އުޅެއުޅެ ދުރުވިއިރު އަދީލްގެ އެދުން ހާސިލްކޮށްފި އެވެ. އަދި ދުރުވީ ވެސް އަދީލް ބޭނުންވި އިރަކުން ދޫކޮށްލީމަ އެވެ.

"އަދީލް!....." ސާއިރާ ގާތަށް ރުޅި އައިސްގެން އަދީލްގެ މޭމަތީ ޖަހާފައި ދޮރު ހުޅުވާލުމަށްފަހު ނިކުތެވެ.

ސާއިރާ ގޮސް ނޫރީއާ އަރާ ހަމަވަންދެން އަދީލް ހުރީ ކާމިޔާބުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެންނެވެ.

***

އިރުއެރިފަހުން ސާރިމް އައިސް ގެއަށް ވަންއިރު ވެސް އެތަން އޮތީ ނިކުމެގެން ދިޔައިރު އޮތްފަދަ ފަޅުކަމެއްގެ ތެރޭގަ އެވެ. އޭނަ އެތަނުން ސޯފާއެއްގައި އިށީނދެ އެހުސްވަގުތުކޮޅު ވެސް ބޭކާރުކަންމަތީ ދިޔަ ނުދޭންވެގެން ޒިކުރު ކުރަން އިންދާ ދޮރެއް ހުޅުވުނު އަޑު އިވުނެވެ. ގޭގައި އުޅޭ ނޯކަރުންގެ ތެރެއިން މީހަކު އައިސް ސާރިމް ފެނިގެން ބަލައިލި ވަގުތު އޭނަ ސަލާމް ގޮވާލި އެވެ. ޚާލިދާ ސަލާމުގެ ޖަވާބުދީފައި ހިނިތުންވެލި އެވެ. ދެން ގޮސް ވަނީ ބަދިގެއަށެވެ.

ކުޑައިރުކޮޅެއް ފަހުން އަނީސް މަޑުމަޑުން ފަހަރަކު ހަރުފަތެއް ގިރާކުރަމުން ފައިބައިގެން އައެވެ. ސާރިމް ފެނިގެން އެނަމުން ގޮވާލުމާއެކު ސާރިމް ހައިރާންކަމާއެކު އެނބުރި ބަލައިލާފައި އަވަހަށް ކޮޅަށް ތެދުވިގޮތަށް ސަލާމް ގޮވި އެވެ. ސާރިމްގެ މިއާދައަކީ އަނީސްއަށް އެންމެ ކަމުދާ އެއް އާދަ އެވެ. ތުންފަތަށް ފެތުރު ހިނިތުންވުމާއެކު އަނީސް އައިސް ސާރިމްގެ ކޮނޑުގައި މަޑުމަޑުން ޖަހައިލި އެވެ.

"ބައްޕަ ކީއްކުރަން ތިރިއަށް އައީ؟ ބުނެލީމަ ނޯކަރުން ބައްޕަ އިންތާކަށް ބޭނުން އެއްޗެއް ގެންގޮސްދޭނެއެއްނު..." ސާރިމް ކަންބޮޑުވުން ފައުޅުކުރި އެވެ.

އަނީސް ޖަހައިލީ ހިނިގަނޑެކެވެ.

"ވީވަރަކުން ހިނގާބިގާވެ ނޫޅެންޏާ ބަލި ބޮޑުވާނެ. އެނދުގައި އޮތުމަކީ ބައްޕަ ބޭނުންވާ ގޮތެއް ނޫން. ނުތެދުވެވޭ ދުވަސް އައީމަ އެނދުގައި އޮންނާނީ..." އަނީސް އައިސް އެހެން ގޮނޑިއެއްގައި އިށީނުމުން ސާރިމްވެސް އަލުން އިށީނެވެ.

"ކޮބާ ޖަންނަ؟ ތެދުވެއްޖެތަ؟" އަނީސް ކުރި ސުވާލުން ސާރިމް ޖަވާބު ދޭން ފަސްޖެހުނެވެ.

ޖަންނަ ނުހޭލާ ވާހަކަ ޖަންނަގެ ބައްޕަ ކައިރީ ބުނާކަށް ބޭނުމެއް ނުވި އެވެ. އެކަމަކު އެހާ ކުޑަ ކަމަކާއި ދޮގު ހެދުމަކީވެސް އޭނައަށް ފަސޭހަ ކަމެއް ނޫނެވެ. ސާރިމްގެ މިފަސްޖެހުން ފެނިގެން އަނީސްއަށް ވިސްނުނެވެ. ހިތާއި ހިތުން އޭނަ އަދިވެސް އެއްފަހަރު އަމިއްލަ ނިންމުމާއިމެދު ފަޚުރުވެރިވި އެވެ. ޖަންނައަށްޓަކައި އޭނައަށް ހޯދައިދެވިފައި ހުރީ ޖަންނަގެ އަބުރު ރައްކާތެރިކުރާނެ ފިރިއެކެވެ.

އެވަގުތު ނޯކަރު މީހާ އައުމުން ސާރިމް ހީކުރީ އަނީސް ސުވާލުގެ ޖަވާބު ހޯދަން ހަނދާން ނެތިގެން ދޫކޮށްލީ ކަމަށެވެ. އޭނަ ހިތާއި ހިތުން އެކަމަށް ޝުކުރުވެރިވި އެވެ. ނޯކަރު އެއްޗެއް ގެނެސްދެންތޯ އެހުމުން ނުބުނަން ހުރެފައި އަނީސް ބާރު އެޅުމުން ކޮފީ ތަށްޓަކަށް އެދިފައި އެމީހާއަށް އެދިމާއަށް ހިނގައިނުގަނެވެނީސް ޝުކުރު އަދާކުރި އެވެ. ސާރިމްގެ މިފަދަ ކޮންމެ އަމަލަކުން އަނީސްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެ އެވެ.

ޖަންނައަށް ހޭލެވިގެން ނިދި ފިލައިގެން ނިދަން ލީ އަންނައުނާއެކު ތިރިއަށް ދާން މިސްރާބު ޖެހިއިރު އޭނައަށް ހީވެފައި ވީ ކައިވެނީގެ ކުރީގެ ދުވަހެއް ކަމުގަ އެވެ. ހޭވިފައިވާ އިސްތަށިގަނޑަށް ވިސްނުމެއް ނެތި އާފުރެމުން ސިޑިން ފައިބައިގެން އައިއިރު އަޑުގެ ކޮޅަށް ޚާލިދާއަށް ގޮވަން ފެށި އެވެ. ދެފަހަރު ގޮވާލައިފައި ތިންވަނަފަހަރު ގޮވަން އުޅެނނިކޮށް ޚާލިދާގެ ނަން ކަރުތެރޭގައި ތާށިވި އެވެ. ސޯފާގައިން ލޯ ބޮޑުކޮށްލައިގެން އިން ބައްޕަ އާއި ޖެހިގެން ހުރި ސޯފާގައި އިސްޖަހައިގެން އިން ސާރިމް ފެނިފައި ތަކުރާރުކޮށް އެސްފިޔަ ޖަހައިލެވުނެވެ.

ބިންފަޅާފައި އަޑިއަށްދާނެ ނަމައޭ ހިތަށް އެރި އެވެ. ނޫނީ ވުސް އަޅާފައި މައްޗަށް އަރައިގެން ގޮސް އެމީހުންގެ ލޯމަތިން ގެއްލޭނެ ނަމައެވެ. އަނބުރާލައިފައި ދާކަށް ވެސް ނުކެރުނެވެ. ސާރިމްގެ ކުރިމަތީ އޭނަ މިއުޅުނު ގޮތުން ބައްޕަ ލަދުގަނެ ހިތްހަމަނުޖެހިފަ އެވެ. ގޭގައި އޭނަ އުޅެނީ މިހެންނޭ ސާރިމް ހިތަށް އަރާނެކަން ވިސްނިގެން އޭނަވެސް ލަދުގަންނަގޮތްވި އެވެ. އެންމެފަހުން ޤަބޫލުކުރެވުނީ ރަނގަޅު ގޮތަކީ ކަމާއި ކުރިމަތިލުން ކަމުގަ އެވެ.

"ގުޑް މޯނިން..." އަތުން އިސްތަށިގަނޑު ރީތިކުރަމުން ޖަންނަ ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލި އެވެ.

ބައްޕަ ތަންކޮޅެއް ބަރު އަޑަކުން ހިތްހަމަނުޖެހިފައިވާ ގޮތަކަށް ހޫމ އަޅުވާލައިފައި ފުރިހަމަ ރައްދެއްވެސް ނުދިނެވެ. ޖަންނަ ހައްތަހާ ބޮޑަށް ރަކިވި އެވެ. ސާރިމް ވެސް އިނީ އެތަނުން ތެދުވެގެން ދާން ބޭނުންވެފަ އެވެ. ޚާލިދާ ދުވަމުން ކަހަލަ ގޮތަކަށް އައިސް ޖަންނައަށް ގެންނަންވީ ކޮފީ ތޯ ނޫނީ ޖޫސްތޯ އެހުމުން ކުށްވެރިއަކު ފަދައިން ޖަންނައަށް އަނެއްކާވެސް ބަލައިލެވުނީ އެދެމީހުންނަށެވެ. އަމިއްލަ ގޭގައި ނޯކަރަކު ލައްވާ ކަމެއް ކުރުވަންވުމުން މިހާ ލަދުގަނެ ކުށްވެރިކަން އިހްސާސްވި ދުވަހެއް ނާދެ އެވެ.

އެއީ މިހާރު އަމިއްލަ ގެއެއް ނޫނެވެ. ޖަންނަގެ ޒަމީރު ހަނދާންކޮށްލަދިނެވެ.

"ޝަޓް އަޕް...." ޖަންނައަށް އެހެން ބުނެވުނީ އަޑުއިވޭ ވަރަށްކަން އެނގުނީ ޚާލިދާ މޮޅިވެފައި ސޮރީއޭ ބުނީމަ އެވެ.

"އެއީ އަހަރެން ޚާލިދާއަށް ބުނި އެއްޗެއް ނޫނޭ. ދެން ދޭ ތިކުރާކަމެއް ކުރަން..." ޖަންނަ އަތުގެ އިޝާރާތަކާއެކު ޚާލިދާ ފޮނުވައިލަން ވެގެން ބުންޏެވެ.

ޚާލިދާ ވަގުތުން ބޯޖަހާލައިފައި ދާންވެގެން އެނބުރުނެވެ. އޭނަގެ ފަހަތުން ޖަންނަ ހިނގައިގަތުމާއެކު ބައްޕަ އޭނަގެ ނަމުން ގޮވާލި އެވެ.

"ޖަންނަތު!!"

"ނޮޓް މައި ފުލް ނޭމް އަގެއިން ޑޭޑް..." ޖަންނަ ދެދަތްޕިލަ ކައިރިކޮށްލައިގެން ހުރެ ހަމައެކަނި އަމިއްލަ ނަފްސަށް އިވޭވަރަށް ބުނެލި އެވެ.

އޭނަ މިއަންނަނީއޭ ބުނެފައި އަވަހަށް ގޮސް ދެމިގަތީ ފުރަތަމަ ބަދިގެއަށެވެ. ޚާލިދާ ކައިރީ ކޮފީއެއް ހަދަން ބުނުމުން ކޮންމެވެސް އެއްޗެކޭ ބުނަން އުޅެފައި ފެނުނީ ބޯޖަހައިލިތަނެވެ. ޖަންނަ މޭޒުކައިރީ ހުރީ ބޭރުން މީހަކު ވަދޭތޯ ބަލާށެވެ. ޚާލިދާ ކޮފީ ދިނުމުން އެހިފައިގެން ވަގަކު ނިކުންނަހެން ބޯދިއްކޮށްލާފައި ނިކުތެވެ. ސާރިމް ފޯނު ކަންފަތުގައި ޖަހައިގެން ދޮރާއި ދިމާއަށް ހިނގަމުން ދިޔަތަން ފެނިފައި ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

"މިއައީ އޭ ބައްޕާ....އައި ނީޑެޑް ލިކުއިޑް ކަރޭޖް.." ޖަންނަ ފަހު ޖުމްލަ ބުނެލީ އަނެއްކާވެސް އަމިއްލަ ނަފްސަށެވެ.

ޖަންނަ ކޮފީތަށިން ކޯވަރެއް ދަމާލައިފައި ބަހައްޓަންދެން ބައްޕަ މަޑުކުރި އެވެ.

"ކިހިނެތް ދަރިފުޅާއި ސާރިމްގެ ގުޅުން މިހާރު؟" ބައްޕަ ކުރި ސުވާލާއެކު ޖަންނައަށް ކުއްލިއަކަށް އެމޫނަށް ބަލައިލެވުނެވެ. ކޮފީތަށި މޭޒުމަތީ ބެހެއްޓިފަހުން އެހެން އެހިކަން ނަސީބެވެ. ނޫނީ އުނގަށް ބަންޑުން ވާނީ ހޫނު ކޮފީ ކަންނޭނގެ އެވެ. އަނގައަށް ކޮފީފޮދު އެޅިގަޑީ އެހެން ބުނިނަމަ ޔަޤީނުން ވެސް ކޮށިއެރީހެވެ. ބައްޕަ އެވަރަކުން މަޑުކުރީވެސް އެހެންވެ ކަން ޔަޤީނެވެ.

"ތީ ކޮންކަހަލަ ސުވާލެއް؟" ބުނާނެ އެއްޗެއް ނޭނގިގެން ޖަންނަ ވެސް ކޮށްލީ ސުވާލެކެވެ.

ބައްޕަގެ މިހާރުގެ ހާލަތަށް ބަލާފައި ހިތްހަމަނުޖެހޭ ޖަވާބެއް ދޭކަށް އޭނަ ބޭނުމެއް ނޫނެވެ.

"ބައްޕަވެސް ޤަބޫލުކުރަން ކައިވެނި ފުރަތަމަ ކުރިއިރު ދަރިފުޅުގެ ހިތްހަމަނުޖެހުން ހުރިކަން. އަދި ބައްޕައަށް މިހީކުރެވެނީ ތެދަށް ކަމަށް ވަންޏާ ސާރިމް ވެސް އޭނަގެ މަންމަގެ އެދުމަށް އެއްބަސްވީ. އެކަމަކު މިހާރު ދުވަސްކޮޅެއްވީމަ ދަރިފުޅަށްވެސް އޭނަ ކޮންމެވެސް ވަރަކަށް ދަސްވެފަ ކަންނޭނގެ ހުންނާނީ. ބައްޕަ ބުނަންތަ ބައްޕައަށް ސާރިމް އެންމެ ކަމުދިޔަ އެއް ސަބަބު. އެއީ އޭނަ ހެއްދެވި ފަރާތަށް އޭނަ ބަހައްޓާ ކިޔަމަންތެރިކަން. އަހަރުމެން ދުނިޔެއަށް ފޮނުވުމުގެ މަޤްސަދަކީވެސް ﷲއަށް އަޅުކަން ކުރުން. ބައްޕައަށް އެނގޭ އެފަރާތަށް ފުރިހަމައަށް ކިޔަމަންތެރިވާ އަޅަކު ތިމާގެ ހަލާލު އަންބަކަށް ދެރަގޮތެއް ނުހަދާނެކަން..." ބައްޕަގެ ވާހަކަތައް ދިޔަ މިސްރާބާއެކު ޖަންނައަށް ސާރިމް ގޮސް ނިކުތްދިމާއަށް ބަލައިލެވުނެވެ.

"އަދި ބައްޕަ ބުނަންތަ ދަރިފުޅަށް ނޭނގޭ ވާހަކައެއް...." ޖަންނަގެ ނަޒަރު ދޮރާއި ދިމާއިން އަނބުރާ ބައްޕަގެ މޫނަށް ބަދަލުކޮށްލި އެވެ.

އެވަގުތު ބައްޕަ އިތުރަށް ބުނި އެއްޗަކުން މެއަށް ފިނިގަނޑު ވަދެގެން ދިޔަ އެވެ. -- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: މަންޒިލް ތީއޭ

Popular