31 Mar 2020

އެކޮޓަރިއަށް ވަން މީހުންގެ ތެރެއިން އަރްޝީ ދުރުކުރީ ކާކުކަމެއް ނޭނގެއެވެ. ޝެޒާ ތިރިކުރަން އަކްރަމް އާއި ޔުމާން މަސައްކަތްކުރިއެވެ، ޚާލިދާގެ ރުއިމުގެ އަޑާއި އެކު މިޒްނާގެ އަޑުވެސް އިވެއެވެ. އަރްޝީއަށް ހުރިހާ މަންޒަރެއް ފެނުނީ ފުސްކޮށެވެ. އަޑުތައް އެއްވަމުން ގޮސް އެތަނުގައި އެތައް ހާސްބަޔަކު އުޅޭހެން ހީވެއެވެ. އެންމެފަހުން އޭނާގެ ހޭ ހުސްވަމުން ދިޔައިރު ހަށިގަނޑުގައި ކޮޅަށްހުންނާނެ ހިތްވަރު މުޅިން ހުސްވެގެން ދިޔައެވެ.

** **

މޫނުގައި ތެތް އެއްޗެއް އުނގުޅައިދިން އިހްސާސާއި އެކު އޭނާއަށް ލޯ ހުޅުވައިލެވުނެވެ. އެންމެ މަގަތުގައި އިން މިޒްނާގެ މޫނު ފެނުނީ ފުސްކޮށެވެ.

"އަލްހަމްދުލިއްﷲ" މިޒްނާގެ ދުލުން ޝުކުރުގެ ބަސްތައް ވެރި އިލާހަށް އަރިސްކުރަމުން އަރްޝީގެ ބޮލުގައި ފިރުމައިލިއެވެ. ދެލޮލަށް ގިނަވި ކަރުނަތަކާއި އެކުވެސް އަރްޝީއަށްޓަކައި މިޒްނާ ހިނިތުންވިއެވެ. ވަށައިގެން ބަލާލުމުން އަރްޝީ އޮތީ އޭނާގެ ކޮޓަރީގައިކަން އެނގެއެވެ.

"މަންމާ! ޝެޒާ ކިހިނެއްތަ؟" އަރްޝީ ހިފީ މިޒްނާގެ އަތުގައެވެ. އެސުވާލާއި އެކު މިޒްނާގެ މޫނުމަތި އަނެއްކާވެސް މިލައިގެން ދިޔައެވެ.

"ހޮސްޕިޓަލުގައި. އެކަމަކު އިރާދަފުޅުން ހާލު ރަނގަޅު." މިޒްނާ މަސައްކަތްކުރީ އަރްޝީ ހިތްހަމަޖައްސައިދޭންހެން އޭނާއަށް ހީވިއެވެ. މިޒްނާގެ އަތަށް ފިއްތާލަމުން ހުރިހާ ކަމެއްވެސް ރަނގަޅުހޭ އަރްޝީ އަހާލިއެވެ.

"ބައްޕަ ވީ އެކޮޅުގައި. ދެން ޚަބަރެއް އެނގޭނީ އަކްރަމް ގެއަށް އައިސްގެން، އެންމެ ފަހު ވަގުތު ޝެޒާ ކަންތައްކުރިގޮތުން އެންމެން ތިބީ ސިހުމެއްގައި، ކައިވެންޏަކީ އެއްވެސް މީހެއްގެ ނުފޫޒަކާއި ނުލައި ޝެޒާ އަމިއްލައަށް އެދުނު ކަމެއް، ވީއިރު އެހެން ކަންތައްކުރީމައި ބަދުނާމްވީ ދެއާއިލާއިން، ހޮސްޕިޓަލަށް ގެންދިޔަފަހުން ފުލުހުންވެސް ނުކުރާ ސުވާލެއް ނެތް، އެންމެ ބޮޑަށް ސިއްރު ކުރަން އުޅުނު ކަންތައްވެސް ހާމަވެއްޖެ." މިޒްނާ ނޫން އެހެން މީހަކު އެވާހަކަ ބުނި ނަމަ އަރްޝީ ޤަބޫލެއް ނުކުރީހެވެ. އިއްޔެ ޝެޒާ ދެއްކީ ހަޤީޤަތް އޮޅުވާލައި އޭގެތެރެއަށް އޭނާއަށް އެއްކުރެވުނު ހުރިހާ އެއްޗެއް ލައިގެންނެވެ.

** **

އަރްޝީގެ ޚަބަރު ބަލައިލަން ޒައިދަން އައީ މެންދުރުގެ ވަގުތެއްގައެވެ. ޔުމާންގެ ފަރާތުން އެނގުމާއި އެކު ޒައިދަންގެ މަސައްކަތަށްވުރެ އަރްޝީ މުހިއްމުވިއެވެ. އޭނާ ހުރީ އަރްޝީ ފެންނަލެއް ލަސްވެފައެވެ. ދޮރުގައި ޓަކި ދީފައި އަރްޝީ ގެ ހުއްދަ އާއި އެކު ޒައިދަން އެތެރެއަށް ވަނެވެ. އޭނާގެ އަތުގައި އޮތް ފިނިފެންމާ ބޮނޑި ދިއްކޮށްލިއެވެ. އޭގެ ވަހާއި އެކު އަރްޝީގެ ހިތަށް ޝިފާ ލިބުނު ކަހަލައެވެ.

"މަންމަ އެބަ އާދޭ އަރްޝީއަށް ގޮވާލަން." އަރްޝީގެ މަގަތުގައި އިށީންނަމުން ޒައިދަން ބުނެލިއެވެ. މާބޮނޑި ތިރިކޮށްލާފައި އަރްޝީއަށް ނޫނެކޭ ބުނެވުނެވެ. އޭނާގެ މޫނު ރަތްވެގެން ދިޔަކަން އަމިއްލައަށްވެސް އިހްސާސްވިއެވެ. ޝިމްލާ އެގެއަށް އަންނަނީ މަދު ފަހަރަކުއެވެ. އެވެސް ޚާއްސަ ކަމެއް އޮވެއްޖެނަމައެވެ. ބޮޑުދައިތައަކަށްވުރެ މިހާރު އެއީ ގާތް މީހެކެވެ. ޒައިދަން އާއި ރައްޓެހިވިފަހުން ޝިމްލާ އާއި ވާހަކަ ދައްކަން އަރްޝީ ލަދުގަންނަގޮތްވެއެވެ.

"އެވްރިތިން އިޒް އޯކޭ ނައު." އޭނާގެ ބޮލުގެ ރިހުންވެސް ލުއިވެއްޖެއެވެ. ޒައިދަން އަކީ އަރްޝީއަށް ލެއްވި ފަރުވާއެވެ. ޝިމްލާ ނައިކަމުގައިވިއަސް އެންމެ ރަނގަޅޭ އަރްޝީ ބުނެލިއެވެ. ޒައިދަން އަރްޝީގެ އަތުގައި ހިފާލިއެވެ.

"އަބަދުވެސް މިއީ އެއް ފެމެލީ އެކޭ މަންމަ ބުނޭ، އަދި އަމުދުން މިހާރު ވަރަށް ގާތް، އަހަރެމެންގެ ގުޅުމަށް މަންމަ ވަރަށް ރުހޭ، މިޒްނައްތަގެ ކައިރިއަށް ނާދެވިފައި އެހުންނަނީ، މިގޭތެރޭގައި އެތައް ކަމެއް ހިނގާއިރު މިޒްނައްތަ އަށް އެހީތެރިކަންވެސް ބޭނުންވާނެއެއްނު، މިއަދު ހިނގައިދިޔަ ކަންތައް ޔުމާން ކިޔައިދީފި، ބޮޑު ރާޅެއް އައިސް ބޯމަތިވެދާނެހެން ހީވަނީ." ޒައިދަން އެބުނި އެއްޗަކާއި މެދު އަރްޝީއަށް ވިސްނާލެވުނެވެ.

"އަހަރެންވެސް ބިރުގަނޭ، ޒައިދަން، އަހަންނަކަށްވެސް ނޭނގެ ކަންތައް ދެން ވާނީ ކިހިނެއްކަމެއް؟ ބައްޕައަށް ލަނޑެއް ދޭންބާ އެ އުޅެނީ؟ " ޒައިދަންގެ އަތްތިލައަށް ފިއްތާލަމުން އަރްޝީ އަހާލިއެވެ. އޭނާ ތެދުވެ ޒައިދަންގެ ކަރުގައި ބައްދާލިއެވެ.

"އައި އެމް ވިތު ޔޫ" އަރްޝީގެ އިސްތަށިގަނޑުގައި ފިރުމާލަމުން ޒައިދަން ބުނެލިއެވެ. ޒައިދަން ހުރުމަކީ އަރްޝީއަށް ލިބުނު ހިތްވަރެކެވެ. ކަންތައްވާނީ ކިހިނެއްކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ.

** **

ކޮޓަރި ތެރޭ އެކަނި އޮވެ ވިސްނުމަށްވުރެ ޔުމާން ކައިރީ އަހާލަން އަރްޝީ ހިތަށް އެރިއެވެ. އޭނާ ނިކުން ދެފަހަރަކުވެސް މިޒްނާ ފެނުނީ ފިކުރުބޮޑުވެފައި އިންދައެވެ. އިތުރަށް މިޒްނާ ކައިރިއަކު އަހާކަށް ނުކެރުނެވެ. ޔުމާން ގެއަށް އައިސް ވަންތަން ފެނި އިޝާރާތްކޮށްލުމުން ޔުމާން ބުނީ ޓެރަސްއަށް އައުމަށެވެ. އަރްޝީ އެރިއިރު ޔުމާން ހުރެ ސިނގިރެޓެއް ބޮނީއެވެ. އަރްޝީ ހުއްޓުމުން ދުންގަނޑު ބުރުވާލާފައި ޔުމާން ހުސްނުވެ އޮތް ސިނގިރެޓްބުރި އެއްލައިލީ އޭނާއަށް ހޫރާލެވޭ އެންމެ ދުރަށެވެ.

"އެނގޭތަ ބައްޕަ ކުރި ކަމެއް؟" ޔުމާން ބަލައިލިއެވެ. އެދެލޮލުގައިވި ރުޅި އަރްޝީއަށް ފެނުނެވެ. އަރްޝީ ހުރީ ޖަވާބު ދޭން ނޭނގިފައެވެ. މިގޭތެރޭގައި ކަމެއް ހިނގައި އެކަމެއް ފާއިތުވާފަހުން ނޫނީ އޭނާއަށް ދުވަހަކުވެސް އެނގިފައެއް ނެތެވެ.

"ހީ އިޒް އެބައުޓް ޓު ގިވް ދިން ހައުސް ޓު ދެޓް ބި*" ޔުމާންގެ ދެލޯ ވިދައިގަތީ ކަރުނަތަކާއި އެކުވެސް ރުޅިވެރިކަން ފެންނަންހުއްޓެވެ. އޭނާ ދަތްޕިލަ ޖައްސާލީ ޝެޒާގެ ނަން ނުކިޔަންވެގެންނެވެ. އަރްޝީއަށް ދެލޯ ބޮޑުކޮށްލާފައި އެގޮތުގައި ހުރެވުނެވެ.

"ކައިވެނީގެ ރަނެއްގެ ގޮތުގައި ދޭން އުޅެނީ މިގެ." ނިތްކުރިމަތި ޔުމާން ފޮހެލިއެވެ. އެރޭ ރަންކީ ވަގުތު އަރްޝީ ހުރީ ޒައިދަން އާއި އެކުއެވެ. ޔުމާންވެސް ހުރީ ބޭރުގައެވެ.

"ޝެޒާ ރަންކީ މިގެއަށްތަ؟" އަރްޝީ އަށް އަހާލެވުނެވެ. ދިހަބުރީގެ މި އިމާރާތަކީ ބޮޑު ލޯނެއް ނަގައިގެން ބައްޕަ ކުރި މަސައްކަތެވެ. މިންޖުވީ މިދިޔަ އަހަރެވެ. އެހެން އެޕާރޓްމެންޓްތަކުގެ ކުލިން އެކަނިވެސް މަހަކު ދެލައްކަ ހަމަވެއެވެ. ލައްކައެއްހާ ރުފިޔާއަށް ޝެޒާ ރަންކިޔަސް އެއީ ބޮޑު އެއްޗަކަށް އަކްރަމްއަކަށް ނުވީހެވެ. ޝެޒާގެ ހިތް ދަހިވެތިކަމަށް އެދި ގޮވާވަރު އަރްޝީއަށް ފެނުނެވެ. މުއްސަނދި ދިރިއުޅުމަށް އެންމެންވެސް ލޯބިކުރާނެއެވެ. އެކަމަކު އެމީހެއްގެ ނަޞީބުގައި ނެތް އެއްޗެއް އެހެން މީހުންގެ ބޮލަށް އެރިގެން ހޯދުމަކީ ހުތުރުކަމެކެވެ.

"އަހަރެން އަޖައިބުވެއްޖެ އޭނަ މިއަދު އެ ޖެއްސި ޑްރާމާއިން، އޭނަ ކައިވެންޏާއި ފިލަންވެގެން ކުރިކަމެއްވެސް ނޫނޭ އެއީ،" ޔުމާން ކިޔއިދެމުން ދިޔައެވެ. ޝެޒާ ތިރިކުރަން އޭނަ މައްޗަށް އެރިއިރު ވާގަނޑު ހުރީ ކަރަށް ވާން ނުވާވަރަށް ދޫކޮށެވެ. ނުލާހިކު ފަސޭހައިން ނެއްޓުނެވެ. ޝެޒާގެ ކަރުގައި މާބޮޑު ރަތްކަމެއް ނެތެވެ. އަރްޝީ ހޭނެތުމާއި އެކު ގޭތެރެ މާބޮޑަށް ހަލަބޮލިވިއެވެ. އަކްރަމް ބޭނުންވީ މިގޭ ހަތަރު ފާރުން އެތެރޭގައި ހުރިހާކަމެއް ބާއްވާށެވެ. އަކްރަމް ރައްޓެހި ޑޮކްޓަރެއް ގެނުވީ އެހެންވެއެވެ.

ނޭވާ ހާސްވެގެން ޝެޒާ ތެޅިފޮޅެންފެށީ ޑޮކްޓަރު އައިސް ވަނުމާއި އެކުގައެވެ. އޭނާއަށް ގެއްލުނު ސަމާލުކަން އަލުން ހޯދުމުގައި ޝެޒާ ކާމިޔާބުވިއެވެ. ގޭގައި ނޭވާ ހަމައަކަށް އަޅުވަންކުރެވޭނެ ކަމެއް ނެތުމާއި ޚާލިދާގެ އެދުމާއި އެކު ޝެޒާ ހޮސްޕިޓަލަށް ފޮނުވަން ޖެހުނެވެ. އަރްޝީ ބަލާފައި ޑޮކްޓަރު ނުކުންނަންދެން ޔުމާންއަށް ހުންނަންޖެހުނެވެ. އެއީ އަކްރަމް ބުނި ގޮތެވެ.

"އަހަރެން ކައިރީ ޑޮކްޓަރު ބުނި އެއީ މިގޭ ކުއްޖެއްހެއްޔޭ؟" ޔުމާން އަށްވެސް ޝެޒާ އަކީ ކާކުކަން ބުނަން އުދަނގޫވިއެވެ. އޭނާއަށް ބުނެވުނީ އެއީ އަރްޝީގެ ރައްޓެއްސެއްކަމެވެ. އެ ހިނދު ޑޮކްޓަރު ހީލާފައި ޝެޒާ ނޭވާ ހާސްވާވަރުގެ ކަމެއްވެސް ނެތޭ ބުނެލިއެވެ. ޝެޒާގެ ވިންދާއި ލޭގެ ޕްރެޝަރު ބަލާފައި ނޭވާ ހާސްވެގެން އުޅޭހެން ހީނުވާކަމަށް އޭނާ ބުންޏެވެ. އެކަމަކު ޝެޒާގެ މަންމަ ކިޔާވަރުން ހޮސްޕިޓަލަށް ގެންދިއުން ރަނގަޅުވާނެއޭ އޭނާވެސް ބުނީއެވެ.

ހަޤީޤަތް ޑޮކްޓަރަކަށް ނޭނގެއެވެ. ފަހަރެއްގައިވެސް އަކްރަމް ކަމެއްގައި ފެތެން އުޅޭކަމެއް ނޭނގެއެވެ. ޝެޒާ އަކީ އަކްރަމްގެ ވާން އުޅޭ އަންހެނުންކަމެއް ނޭނގެއެވެ. ކަން ހިނގައިދިޔަގޮތުން އެއްވެސް އެއްޗެއް ކިޔައިދެވޭވަރު އަކްރަމްއަކަށްވެސް ނުވިއެވެ.

"ޝެޒާ ބޭނުންވަނީ ކޮންކަމެއް؟" ޝެޒާގެ ހިތް ފުރޭނީ އިތުރަށް ކޮންކަމެއްވީމައި ބާއޭ އަރްޝީ ހިތަށް އެރިއެވެ. އޭނާ ޔުމާންއަށް ބަލައިލީ އެކަން އޭނާއަށް އޮޅުންފިލުވައިދޭތޯއެވެ.

"އޭނަ ރަށަށް ދާން ބޭނުން ނުވަނީ." ޔުމާން ފުންނޭވާއެއް ދޫކޮށްލިއެވެ. އަކްރަމް ބޭނުންވިއަސް ޝެޒާ އާއި އޭނާގެ މައިންބަފައިން ރަށަށް ދާން ބޭނުމެއް ނޫނެވެ. އެމީހުންގެ ބޭނުންތައް ފުދި އިތުރުވާރަށް ފައިސާ ފޮނުވާނަމޭ ބުނި ކަމުގައިވިއަސް މާލޭގައި އުޅެން ބޭނުންވަނީއެވެ. މިގެ ލިބުމަށްފަހު ރަށުގެ ޖިފުޑިއަށް ގޮސް ވަންނަން އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. ކުރިން ޝެޒާ އެއްބަސްވީ އަކްރަމްއަށް ދެއްކުމަށެވެ. އޭނާގެ މަޅީގައި ޖެއްސުމަށެވެ. ހަމްދަރުދީ ހޯދަން ބޭނުންވިއެވެ.

** **

ޖަލްވާގެ އެހީގައި ރަފްހާން އާއި ބައްދަލުކުރެވޭގޮތް ހަމަޖެއްސިއެވެ. ފުރަތަމަ ޖަލްވާއަތަށް ދީފައި ބޭސްސިޓީ ހަވާލުކުރަން އަރްޝީ ހިތަށް އެރިއަސް ފަހުން އޭނާ ބޭނުންވީ އަމިއްލައަށް ހަވާލުކުރާށެވެ. ރަފްހާން އާއި ވާހަކަ ދައްކާލަން ބޭނުންވިއެވެ.

އަރްޝީ އާއި ޖަލްވާ ތިބީ ރަސްފަންނުގައެވެ. ހަވީރުގެ ވަގުތުކަމުން މީހުން ވަރަށް ގިނައެވެ. ރަފްހާން އަންނަތަން ފެނުމުން ޖަލްވާ ކައިރީ މަޑުކުރަން ބުނެފައި އަރްޝީ ހިނގައިގަތެވެ. ރަފްހާން ހުއްޓުނީ އަރްޝީ އަންނަތަން ފެނިފައެވެ. އަރްޝީގެ ދަބަހުން ސިޓީއުރައެއް ނަގައި ރަފްހާންއަށް ދިއްކުރިއެވެ. އަދި އެއީ ރަފްހާންގެ ބޭސްސިޓީކަމުގައި ބުނެލިއެވެ. ރަފްހާން ހިފީ ހައިރާންވެފައެވެ. އޭނާގެ ބޭސްސިޓީ ނުނެގި އޮތްކަން އޭނާއަށް ފާހގަވެފައި ނެތެވެ.

"އައި ކެން ހެލްޕު ޔޫ." އަރްޝީ ގެ މޫނަށް ރަފްހާން ބަލައިލީ ހައިރާންވެފައެވެ. އޭނާއަށް އެހީވާން އަރްޝީ ބޭނުންވެދާނެކަމަށް އުއްމީދު ކުރެވިފައި ނެތެވެ.

"ނޫނޭ، އެއީ އަރްޝީ ޒިންމާވާންޖެހޭ ވަރުގެ ކަމެއް ނޫން. އަހަންނަށް އެހީވާން އަރްޝީގެ އޮތީ ކޮން ހައިސިއްޔަތެއް؟" ރަފްހާން ސިޓީއުރަ ޖީބަށް ލާފައި އަރްޝީ އާއި ދެކޮޅު ހެދީ ހިތާއި ދެކޮޅަށެވެ. އަރްޝީ އާއި ދިމާލަށް ކިޔުނު އެއްޗެހި އޭނާގެ ކަންފަތުގައި ގުގުމައިގަތެވެ.

"ރަފްހާންއަށް ނޭނގުނަސް އަހަރެން ކުރާ ދުޢާގައި ރަފްހާން ޝާމިލްކުރަން، މި ބޭސްސިޓީ ފެނުނު ދުވަހުން ފެށިގެން އަހަރެން މިހުރީ ރަފްހާން އާއި މެދު ކަންބޮޑުވެފައި،. އަހަރެމެންގެ ދެމެދުގައި އެއްވެސް ގުޅުމެއް ނެތް، އެކަމަކު ދެ އިންސާނަކު މެދުގައި އިންސާނިޔަތުގެ ގުޅުން އޮންނާނެއެއްނު، " އަރްޝީގެ ނިޔަތުގައި އެއްވެސް ކިލަނބުކަމެއް ނެތްކަން އެނގުމުން ރަފްހާން ހިތުގައި ޖެހުނެވެ. އެންމެ އިހާނެތިކޮށް ހިތާ މީހާގެ ފަރާތުން އެހީތެރިކަމަށް އެދި ދާންޖެހިދާނެއޭ ބުނެއެވެ. އެކަން އޭނާއަށް ދެއްކެވީ އިބްރަތަކަށްކަމުގައި ވެދާނެއެވެ. ހިންދިރުވާލަން އުދަނގޫވެފައި ރަފްހާންއަށް ހުރެވުނެވެ.

"އަހަންނަށްޓަކައި ކުރާ ޖިހާދަކަށްވުރެ ހެޔޮ ނިޔަތެއްގައި ކުރާ ދުޢާގެ މާތްކަން ބޮޑު، އިތުރަށް އަހަންނަށް މިވަގުތު އެއްވެސް އެއްޗެއް ބޭނުމެއް ނުވޭ، " ރަފްހާން ހުރީ އަރްޝީގެ ކުރިމަތިން ދާން ބޭނުންވެފައެވެ. އޭނާ ކެއްކުރަމުން ދިޔައީ ވަރަށް މަސައްކަތުންނެވެ. އެއްވެސް މީހެއްގެ ކުރިމަތީ ކަރުނަ އެޅުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. މިބަލި އެންމެންނަށް ސިއްރުކުރަން އޭނާ ބޭނުމެވެ. އޭނަ އާއި މެދު އެއްވެސް މީހަކު ކަންބޮޑުވާން ނޭދޭތިއެވެ.

"ކޮންމެ ބައްޔަކަށްވެސް ޝިފާ ދެއްވަނީ މާތްﷲ، އެކަމަކު އަހަރެމެންގެ އިންސާނުންނަށް އޮތީ ގަދަ އަޅައި މަސައްކަތްކުރުން، ބަލިވީމައި ފަރުވާކުރުންވެސް އޮވޭ، ރަފްހާން އުއްމީދު ކަނޑާލީތަ؟ ރަފްހާން އަކީ ތި އާއިލާގެ އުއްމީދު، އަހަރެން މިބުނީނުން އެހީވާނަމޭ، މިއީ އަހަރެން ވިސްނާފައި ބުނި އެއްޗެއް، ބަދަލުގައި އެއްވެސް އެއްޗެއް ބޭނުމެއް ނޫން.." އަރްޝީ ބޭނުންވީ ހިތްވަރުދޭށެވެ. އަރްޝީއަށް ފުރަގަސް ދެމުން ރަފްހާން ތިރިވީ ކަކޫމައްޗަށެވެ. އޭނާއަށް ރޮވުނީކަން ޔަޤީނެވެ. އެތަނުގައި ތިބި މީހުންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. ދުރުގައި ނުހުރެވިގެން ޖަލްވާ ދުވެފައި އައެވެ. އަރްޝީ އަށް ރަފްހާންގެ ނަމުން ގޮވާލެވުނެވެ. ރަފްހާންގެ ކޮނޑުގައި އަތް ޖައްސާލެވުނީ ދެފަހަރަކު އަތް ނަގައި ތިރިކޮށްލާފައެވެ.

** **

ފުރަތަމަ ފަހަރަށް ރަފްހާންގެ ހިތުގައި އުއްމީދު އާވީ މިއަދެވެ. އޭނާއަށް އުދަނގޫތަކެއްވާތީ އުޅޭތާ ދެމަހެއްހާ ދުވަސްވެއްޖެއެވެ. ފުރަތަމަ އިންތިހާއަށް ވަރުބަލިވީއެވެ. އޭނާ ހީކުރީ އުޅޭލެއް ބުރަކަމުންކަމުގައެވެ. ފަތިހު ހޭލައި ޔުނިވާރސިޓީއަށް ދަނީ ދެތަނަކަށް މަންމަ ހަދާ ހެދިކާ ގންގޮސްދީފައެވެ. ޔުނިވާރސިޓީން އެނބުރި އައިސް ދަނީ އޭނާ މަސައްކަތްކުރާ އޮފީހަށެވެ. ނިންމާފައި އައިސް ބައެއް ގޭގެއަށް ބާޒާރުކޮށްދެއެވެ. ރޭގަނޑު ނިދަނީ ފިލާވަޅުތައް ދަސްކޮށްފައެވެ. ބައެއް ދުވަސްދުވަހު ނިދެނީ ހަތަރު ގަޑިއިރެވެ. މަދު ދުވަހަކު ހަ ގަޑިއިރު ނިދި ހަމަވެއެވެ.

ކެއުމުގެ މިންގަނޑުހުރީ އެއްވަރެއްގައި ހިފެހެއްޓިފައެއް ނޫނެވެ. ލިބޭ މަދު ފައިސާކޮޅުން ރަނގަޅު އެއްޗެއް ކެއުމުގެ ނަޞީބެއް ނެތެވެ. ކާން ވަގުތު ނުވެގެން ދަޅެއް ގަނެލައިގެންވެސް ބޮވެއެވެ. ޑޮކްޓަރު ކިޔައިދިން ގޮތުންނަމަ ކިޑްނީ ފެއިލްވީ އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރިގޮތުންނެވެ. ނިދުމާއި ކެއުމުގައި އެއްވެސް އުސޫލެއް ނެތީމއެވެ. ހަށިގަނޑު ބަލިކަށިވަނީ އުމުރުން ދުވަސްވީމައިކަމުގައި އޭނާއަށް ހީކުރެވުނެވެ. އެކަމަކު އެކަން ޑޮކްޓަރު އޮޅުންފިލުވައިދިނެވެ. ވީހާވެސް އަވަހަކަށް ކިޑްނީއެއް ހޯދަން އެންގިއެވެ. އެކަމަކު އެވަރުގެ ތަނަވަސްކަމަކީ އޭނާގެ ނަޞީބުގައި އޮތްކަމެއް ނޫނެވެ.

މިއަދު އަރްޝީ ދިން ޔަޤީންކަމަކީ އެކަމުގެ ޚަރަދު ހޯދައިދިނުމެވެ. ރަފްހާން މަސައްކަތްކުރަންވީ ކިޑްނީއެއް ހޯދާށެވެ. ޖަލްވާ އާއި ތިންމީހުން ވެގެން އެކަމަށް ވާހަކަ ދެއްކިއެވެ. މިޒަމާނުގައި މީސްމީޑިޔާގައި ލިޔެގެން އެހީތެރިކަން ލިބިދާނެކަމުގައި ޖަލްވާ ބުންޏެވެ. ރަފްހާން ކަންބޮޑުވީ އެކަން މަންމަ އާއި ހަމަޔަށް ގެންދާނެ ގޮތެއް ނޭނގިގެންނެވެ.

ރަފްހާން އަރްޝީގެ ކިބައިން މަޢާފަށް އެދުނެވެ. އޭނަ އާއި މެދު ހިތްބަރުނުކުރަން އެދުނެވެ. ރަފްހާން ރުއިން ހުއްޓާލީ ތަކުރާރުކޮށް އަރްޝީގެ ހިތުގައި އެއްވެސް ބުރަކަމެއް ނެތްކަމުގައި ބުނިފަހުންނެވެ. އެދެމީހުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުމަކީ ޝެޒާގެ ފަރާތުން އުފެދުނު ކަމެކެވެ.

އަރްޝީ އާއި ޖަލްވާ ދިއުމުން ރަފްހާން އެތަނުގައި ވަރަށް ގިނައިރު އިނެވެ. އޭނާ ދާން ހިނގައިގަތީ މޫނު އަނދިރިވީފަހުންނެވެ. ހަނދުގެ އަލިކަން ނުވާ މިރެއަކީ ބަނަ ރެކެވެ. ރަފްހާންގެ ދިރިއުޅުން ފަދައިންނެވެ. މަގުމަތިން ހިނގާފައި އަންނަނިކޮށް ފަހަތުން ސައިކަލެއްގެ ބަރުގޮނު އަޑަށް ރަފްހާން ބަލައިލިއެވެ. ސައިކަލުގެ ލައިޓާއި ހެދި އޭގައި އިނީ ކާކުކަމެއް ނޭނގުނެވެ. ރަފްހާންގެ ނަމުން ގޮވާލުމުން އޭނާ ބަލަން ހުއްޓެވެ. އެއީ ދަންނަ އަޑެއް ނޫންކަން އެނގެއެވެ. އެމީހަކު ސައިކަލުގެ ލައިޓް ނިއްވާލާކަށް ނޫޅުނެވެ. އެކަމަކު އަތުގެ އިޝާރާތުން އަންނާށޭ ބުނެލިއެވެ.

(ނުނިމޭ)

ދިގު ވާހަކަ ވާހަކަ: ހުރީމޭ އިންތިޒާރުގައި

Popular