" ބަދޫ ބުނާނެތަ؟ އޭނަވެސް ހީކުރާނީ އަހަރެން ދެމީހުން ދިން ހަދިޔާއެއް ކަމަށްދޯ ! އެހެން ކިޔާފަ ދިނީމަ " ނަޖްމާ ހިނިތުންވެލިއެވެ.
" ބަދޫގެ އެހެރަ އަނގަގަދަ މަންޖެ ބުނީ...އޭނަ ނުބުނި ނަމަ އަހަރެންނަށްވެސް ނޭގޭނެ " ނަޖްމާ ބަލާލީ އަންވަރުގެ މޫނަށެވެ. އަންވަރުގެ ނުތަނަވަސްކަން ފިލައިގެން ދާ ގޮތެއް ނުވިއެވެ.
" އަޅެ ކީއްވާނީ އަހަރެން ކައިރީ ބުނެލަން " ނަޖްމާ ޝަކުވާ ކުރުމުގެ ގޮތުން ބުނެލިއެވެ.
" އަހަރެން ދެކެނީ ބަދޫރާއަކީވެސް ހަމަ ނަޖްމާގެ އެއްބަނޑު އެއްބަފައި ކުއްޖެއް ގޮތަށް .. " ނަޖްމާގެ ބޮލުގައި އަންވަރު ފިރުމާލީ ނިކަން ލޯބިންނެވެ. އަންވަރުގެ މޭގެތެރޭގައި ނަޖްމާ ބޮނޑިވެލީ އެބީހުމަށް އިންތިހާ ބޭނުންވެފައިވާ މީހަކު ފަދައިންނެވެ. ނަޖްމާގެ ދޫ ބަންދުކޮއްލަން އަންވަރު އިސްކުރީ ލޯތްބެވެ. އަންވަރުގެ ކޮންމެ ހަރަކާތަކުން ނަޖްމާ ހިތް ލެނބެމުންދިޔައީ އިޙްތިޔާރުން ބޭރުގައެވެ. އަންވަރުގެ ކުޅަދާނަކަމާއި އެކު އޭނާ ބަދޫރާގެ ބާބު ލައްޕާލީ މާބޮޑު ފިކުރެއް ހިޔާލެއް ނެތިއެވެ.
* * * * * *
ރޭގަނޑުގެ އަނދިރިކަން ދުނިޔެމައްޗަށް އަތް ގަދަ ކޮއްފައިވެއެވެ. އުޑުމަތީގައި އެތުރިފައިވާ އެތައްހާސް ތަރިއެއް ވިދާ ބަބުޅަމުންދިޔައިރު އަލިމަހުގެ ޖަވާހިރުތަކެއް ފަދައެވެ. ހެޕީގާޑަން ޓެރަހުގައި އަންވަރުގެ އާއިލާ އިތުރުން އެތަނުގައި ހުރީ ޒަކްވާނެވެ. އެލީޝާ ފުރުމުގެ ކުރިން " ޕިއްޒާ ޕާޓީ " އެއް ބާއްވާލީއެވެ. އެންމެންގެ ހީ ހީފައި އުޅުނު އިރު ޒަކްވާން ފެންނަނީ ހިމޭންވެފައި ހުއްޓައެވެ. އެހެންޏާ އެންމެ ފޯރީގައި އުޅޭ ޒަކްވާން އެހެން ދުވަސްދުވަހު އެހުންނަ ފޯރިއެއް ނެތެވެ.
ހާޖަރު އެލީޝާ ކައިރީގައި ބައިންދާގެން އެކިއެކި ވާހަކަދެއްކިއެވެ. ހީވަނީ ގިނަ ދުވަސްތަކަށް އެލީޝާ ހާޖަރު އާ ވަކިވެގެން ދާހެންނެވެ. އެމާމަގެ ލޮލުން ވިދަވިދާ ހުރީ ކަރުނައެވެ. އެކުއްޖާ އާ އެންމެ ހިނދުކޮޅަކަށް ވެސް ވަކިވާން ހާޖަރު ބޭނުން ނުވާކަން އެނގެއެވެ.
" މަންމާ! އެލީ އެދަނީ އެންމެ ދެމަސްދުވަހަށޭ " އަންވަރަށް ދުރުގައި ނުހުރެވިގެން އައިސް ހާޖަރުގެ ބޮލުގައި ފިރުމާލިއެވެ. އޭރު އަންވަރުގެ އެއް އަތުން ހިފަހައްޓާލައިގެން ހުރީ ތާޒާމޭވާގެ ޖޫސްތައްޓެކެވެ. އަންވަރު ވާހަކަދެއްކުމާއި އެކު ހާޖަރުގެ ކަރުނަތައް ހިފަހައްޓާ ނުލެވުނެވެ. ދުރުގައި ބަލަން ނުހުރެވިގެން އައިލީން އައިސް އިށިއިނީ ހާޖަރުގެ ވާތްފަރާތުގައި ހުސްކޮން އޮތް ޖާގައިގައެވެ. އައިލީން މާމަގެ ގައިގާ ބައްދާލިއެވެ.
" މާމާ! އަހަރެން ހުންނާނު . އަހަރެން ހުއްޓާ މާމަ އެކަންޏެއް ނުވާނެޔޭ " އައިލީންގެ މޫނުގައި ހާޖަރު ފިރުމާލަމުން ހިނިތުންވެލިއެވެ. ޒަކްވާން ކުރިއަށް ޖެހިލާފައި ކެމެރާ ފޯކަސްކޮއްލިއެވެ. އެއާ އެކު އެލީޝާ ވަކިން ބޮޑަށް ހާޖަރުގެ ގައިގާ ބޮނޑިވެގަތެވެ. އެތަންފެނިފައި ނަޖްމާ އާއި އަންވަރުގެ ހުނުމުގެ އަޑުން މާހައުލަށް އިތުރު އުފާވެރިކަމެއް ގެނުވިއެވެ.
އެންމެން ގޮސް އެލީޝާ އާއި ޒަކްވާން ޓެރަހުގައި އެކަނިވިއެވެ. އެލީޝާ ހުއްޓާ ނުލާ ވާހަކަދައްކަމުން ދިޔައީ ސެލޫނާއި ބެހޭގޮތުންނެވެ. ތަނަށް ބޭނުންވާނެ އެއްޗެއްސާއި ބެހޭ ގޮތުންނެވެ. އެހެން ނަމަވެސް ޒަކްވާން ބަސްމަދުވެފައި ހުރީ އެލީޝާގެ ވާހަކަތައް އަޑުއަހާށެވެ. އެކުއްޖާ ހުއްޓާނުލާ ވާހަކަދެއްކަމުން ދިޔައީ މުސްތަޤްބަލާއި މެދު ކުރެވޭ އުއްމީދުތައް ކިޔައި ދެމުންނެވެ. އެންމެފަހުން ޒަކްވާނަށް ދުރުގައި ނުހުރެވިގެން އައިސް އެލީޝާ އަތުގައި ހިފާ އޭނާ އާ ދިމާލަށް އަނބުރާލިއެވެ. އަދި އެލީޝާގެ މޫނުގައި ޒަކްވާން ދެއަތުން ހިފަހައްޓާލިއެވެ. ނޭގިހުއްޓާ ޒަކްވާން ބޮސްދިނީ އެލީޝާގެ ތުންފަތުގައެވެ. އެލީޝާގެ ހަށިގަނޑުގައި ކަރަންޓުގެ ރާޅެއް ދަތުރުކޮއްލިފަދައެވެ. ދެލޯ މަރާލެވުނީ ޒަކްވާންގެ އެހަރަކާތަށް އެދިއެދި ހުރި މީހަކު ފަދައިންނެވެ.
" އެލީ ! އެލީ ! " ޒަކްވާންގެ އަޑުއިވިފައި އެލީޝާއަށް ހަމަ ބިމަށް ފޭބުނެވެ. އޭރު ދުރުގައި ޒަކްވާން ހުރީ ކުޑަކޮން ގުދުވެލައިގެންނެވެ. އެލީޝާގެ ފޮޓޯއެއް ނަގަން އޭނާ މަސައްކަތްކުރަނީއެވެ. މީ ހޭލައި ހުއްޓާ ފެނުނު ހުވަފެނެއްކަން އެނގިފައި އެލީޝާ ލަދުން އިސްޖަހާލިއެވެ. އޭރު އޭނާގެ ކޯތާފަތްމައްޗަށް ޖަންބުކުލަ އަރައިފިއެވެ.
" ކިހިނެއްތަ ތިހަދަނީ ؟ ދެލޯ މަރާފާނެ . ތުންފަތް އޫކޮއްލަފާނެ .އަހަރެން ހީކުރީ ނުފެންނަ މީހަކާ އެލީ ކިސްކުރަނީ ކަމަށް " ޒަކްވާން އެހެން ބުނުމުން އެލީޝާ ވަކިން ބޮޑަށް ރަކިވިއެވެ. ހޭލައި ހުއްޓާ ހުވަފެން ފެންނަ ވާހަކަ އޭނާ މިހާރު ކިޔަމުން ގެންދާ ވާހަކަފޮތުގައިވެސް އޮތެވެ. އެކަހަލަކަމެއް ތަޖްރިބާ މިކުރެވުނީ މުޅިން އަލަށެވެ.
" އަހަރެން ވަރަށް މިސްވާނެ " އެލީޝާ އައިސް ހުއްޓުނީ ޒަކްވާން ޖަހާފައި ހުރި ސެންޓުގެ ވަސް ފޯރާފަށުގައެވެ. ޒަކްވާން ހުރީ އެލީޝާގެ މޫނަށް ބަލަހައްޓައިގެންނެވެ. ދުލާ ހަމައަށް ގެންނާނެ ލަފްޒެއް ޒަކުވާނަކަށް ނޭގުނެވެ. އެލީޝާ ނެތުމުގެ ފަޅުކަން އޭނާއަށް މިވަގުތުވެސް އިހްސާސްވާން ފަށައިފިއެވެ. އަސުރާއި ހަމައަށް ޒަކްވާން އުޅެނީ ގަރާޖްގައެވެ. ހަވީރާއި ރޭގަނޑުގެ ބޮޑުބައި އޭނާ ހޭދަކުރަނީ އެލީޝާ އެކުއެވެ.
" ޒެކް! އެލީ މަތިން މިސްއެއް ނުވާނެދޯ! " ހިމޭންކަމުގެ ވަގުތުތައް ދިގު ދެމިގެންދާން ފެށުމުން އެލީޝާއަށް އުނދަގޫވިއެވެ. އޭނާއަށް ޒަކްވާނާއި ދުރަށްދާން ޖެހޭތީ އިންތިހާއަށް އެވަނީ އުނދަގޫވެފައެވެ. އެލީޝާގެ ހިތުގައި އެހިނގާ އިހްސާސް ޒަކްވާންގެ ހިތުގައި ހިނގާނެކަމަށް އުއްމީދުކުރެވެނީ އިޙްތިޔާރުން ބޭރުގައެވެ.
" މިސްވާނެބާ ؟ އައި ޑޯންޓް ތިންކް.." އެއްވެސް ފަރުވާލެއް ނެތް ފަދައިން ޒަކްވާން އެހެން ބުނެލީ އެލީޝާ ދެރަކޮއްލުމުގެ ގޮތުންނެވެ. ޒަކްވާނާއި ކުރިމަތިލާން އުނދަގޫވެގެން އެލީޝާ އިސްޖަހާލީ ތުންފަތުގައި ދަތްއަޅާލަމުންނެވެ.
" ސީރިޔަސްވީތަ؟ އެ އަހަރެން މަޖަލަކަށް ބުނި އެއްޗެއް..." ޒަކްވާން އެލީޝާގެ ދަތްދޮޅީގައި ހިފާ އުފުލާލިއެވެ. ދެމީހުންގެ ލޮލާއި ލޯ ސީދާވި ވަގުތު ދައްކާނެ ވާހަކައެއް ނެތި ހަމަހިމޭންކަމުގެ އެތައް ވަގުތުތަކެއް ދިގުލައިގެން ދިޔައެވެ. އެލީޝާގެ ދެލޯ ފުރިގެން އައީ ކަރުނުންނެވެ. ޒަކްވާންގެ ގައިގާ އެލީޝާއަށް ބައްދާލެވުނީ ހިތައްކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ޒަކްވާންގެ ދެއަތްވެސް އެލީޝާގެ ހަށިގަނޑުގައި ވަށާލިއެވެ.
" އަހަރެން އެލީ މަތިން ވަރަށް މިސްވާނެ! އަހަންނަކަށް ނޭގެ އެލީ ނެތީމަ ދުވަސްތައް ހޭދަކުރާނެ ގޮތެއްވެސް " ޒަކްވާންގެ މޭގެތެރޭގައި އެލީޝާ ވަކިންބޮޑަށް ބޮނޑިވެލިއެވެ. އޭރު އޭނާގެ ގިސްލުމުގެ އަޑު ޒަކްވާނަށް އިވިއިވި ހުއްޓެވެ.
" އައްދެ ރޮނީތަ ؟ އެހާ ފިނޑިވާކަށް ނުވާނެ. ފިނޑިންނަކަށް ކަންކަން ހާސިލެއް ނުވާނެ! އެލީ ތިއުޅެނީ އެލީގެ ހުވަފެން ހަގީގަތަކަށް ހަދަން ނިކަން ހިތްވަރު ހުރެގެންނު އެކަންވާނީ " އެލީޝާ ދުރުކޮށްލަމުން ޒަކްވާން ވާހަކަދެއްކިއެވެ. ޒަކްވާންގެ ދެއަތުން ހިފަހައްޓައިގެން ހުރީ އެލީޝާގެ ކޮނޑުގައެވެ. އެހާ ކުޑަކުޑަ ވަގުތުކޮޅަކަށް ޒަކްވާނާއި ގާތް ވުމުންވެސް އެލީޝާ ހުރީ ދުރައްދާން ބޭނުން ނުވެފައެވެ.
" އެންމެ ދެމަސްދުވަސް " އެލީޝާގެ އަތުގެ އިނގިލިތަކާއި ޒަކްވާންގެ އިނގިލިތައް މަހާލަމުން އެއަތް އުފުލާލިއެވެ.
" ކަމެއް ބަދަލުވާން ދެމަސްދުވަހަކީ ވެސް ވަރަށް ކުޑަދުވަސްކޮޅެއް .. ވަރަށް ކުޑަދުވަސްކޮޅެއް ތެރޭގައިވެސް ހީނުކުރާ ކިތަންމެ ގޮތަކަށް ކަންކަން ބަދަލުވެދާނެ " އެލީޝާ ނޭފަތްދަމާލަމުން ދެލޯ ފޮހެލިއެވެ. އެންމެ ފަޅި ސިކުންތަކަށްވެސް އެލީޝާ ޒަކްވާނާއި ދުރުވާން ބޭނުން ނުވާ ކަހަލައެވެ.
" މިހާރު ހާދަ ބޮޑެތި ވާހަކަވެސް ދައްކައޭދޯ " އެލީޝާގެ ނޭފަތުގައި ހިފާލަމުން ޒަކްވާން ބުނެލިއެވެ. ދެމީހުންނަށް ހެވުނީ އެކުއެކީއެވެ. އެތައް ގަޑިއެއް ފާއިތުވެގެން ދިޔައިރުވެސް ދެމީހުން ދެމެދުގައި ދައްކަން ހުރި ވާހަކަތައް ހުސްނުވެއެވެ. އެހެންނަމަވެސް ކޮންމެ ކަމަކަށް ނިމުން އަންނާނޭ ފަދައިން ޒަކްވާނާއި އެލީޝާއަށްވެސް ޖެހުނީ ވަކިވާށެވެ. އެތައްހާސް އިހްސާސްތަކެއް ދެމީހުންވެސް ކަފުން ކުރަމުންނެވެ.
* * * * * *
ހެނދުނުންސުރެން އުޑުމައްޗަށް ދިޔައީ ވިއްސާރަ ވިލާ ޖަމާވަމުންނެވެ. ދުނިޔެމަތި އަނދިރިވެފައި ހިނދެއް ހިނދަކަށް ވައިގަދަކޮއްލާއިރު ހީވަނީ ދެންމެ ދެންމެ ވާރޭ ވެހިގަނެދާނެހެންނެވެ. ޗެކިންގ ފެށުމުގެ މާކުރިން އަންވަރުގެ އާއިލާ އެއަރޕޯޓަށް ދިޔައެވެ. އެތަނުގައި އެންމެން ސެލްފީނަގާ ހެދިއިރު އެލީޝާއަށް އިނީ ހިމޭންވެފައެވެ. ޒަކްވާން ނެތް ކަމުގެ ފަޅުކަން އެލީޝާ ހިތަށް އުނދަގޫކުރަމުން ދިޔައެވެ. ޒަކްވާންގެ ފޯނަށް ގުޅޭތޯ ކުރި މަސައްކަތްވެސް ވީ ބޭކާރެވެ. މީ ޒަކްވާން ވޯކްޝޮޕްގައި އުޅޭ ގަޑިއަށްވެފައި އަންނަން އުނދަގޫވާނޭކަން ހިތައް އެރުމުން އެލީޝާގެ ދެލޯ ފެންކަޅިވިއެވެ. އިސްޖަހާލައިގެން ފޯނާއި ކުޅެން އިންދާ އެލީޝާ އާއި ބައްދަލުކުރަން ކުއްޖަކު އައިސް ހުރިކަމަށް ބުނީ ނަޖްމާއެވެ. އެވަގުތު އެލީޝާގެ ހިތްތެޅިލިއެވެ. ނިކަން ފުޅާ ހިނިތުންވުމަކާއި އެކު ކޮޅަށްތެދުވެ ހިނގައިގަތް އިރު ފެންނަން ހުރީ އަންހެންކުއްޖެކެވެ. ފުރަގަހުން އެއީ ކޮންކުއްޖެއްކަން އެލީޝާއަކަށް ނޭގުނެވެ. އެހެން ނަމަވެސް ކައިރިއަށް ނުދެވެނީސް ފިޒާކަން އެނގުނީ އޭނާ އެނބުރިލުމުންނެވެ.
" ބެސްޓް އޮފް ލަކް " ފިޒާ ބައްދާލީ އެލީޝާ އާއި ކޮނޑާއި ކޮނޑު ޖެހޭހެންނެވެ. އެވަގުތުވެސް އެލީޝާގެ ދެލޯ ހޯދާލީ ޒަކްވާންނެވެ. ފިޒާ ފެނުމުން އެލީޝާ ހައިރާންވީ އޭނާއަށް އެނގުނު ގޮތަކާއި މެދުއެވެ.
" ޒެކް އަހަރެން ކައިރީ ބުނީ އެލީ ފުރާ ވާހަކަ " ފިޒާގެ އެޖުމްލައިން އެލީޝާ ތުންފަތްމަތީގައި ހުރި އުފާވެރިކަން ގެއްލުނެވެ. އެލީޝާއަށް ނޭގި އެދެމީހުން ވާހަކަ ދައްކާކަން ޔަގީންވިއެވެ. ހިތުގައި އުފެދުނީ ވޭނީ ރިހުމެކެވެ. އެލީޝާއަށް އައި ބަދަލު ފެނިފައި ފިޒާ ހިނިތުންވެލީ ލިބުނު ކާމިޔާބީއެއްކަމަށް ދެކިގެންނެވެ.
" ޒެކް ނާދޭދޯ އެލީ ފުރުވަންވެސް " ފިޒާ އެތަނުގެ ތެރެއަށް ނަޒަރު ހިންގާލީ ޖެއްސުމަށެވެ. އެލީޝާ އިތުރަށް ހިތް ދަތިކޮށްލަން ފިޒާ ބޭނުންވާ ކަހަލައެވެ.
" ޒެކް ނާންނާނެ..." ފިޒާގެ އަޑުގައިވީ ޔަގީންކަމެވެ. އެލީޝާ ފިޒާގެ މޫނަށް ބަލަން ހުރިއިރު އެހިތުގައި ފުނިޖެހިފައިވާ އެތައް ހާސް ސުވާލެއްވިއެވެ. ފިޒާ ހިނިތުންވެލީ އެލީޝާގެ މާޔޫސީ މޫނަށް ބަލަންހުރެފައެވެ.
" ޔޫ ޖަސްޓް ފޮގެޓް ހިމް. " ތޫނު ހަންޖަރެއް އެލީޝާގެ މެޔަށް ހަރާލި ނަމަވެސް އެހާ ތަދުނުވާނޭކަން ޔަގީނެވެ. ދެލޯ ފުރެމުން އައިކަން ނޭގި ކޯތާފަތް ހުރަސްކޮއް ވެއްޓުނީ ހޫނު ކަރުނަ ތިއްކެކެވެ. މޫނުގައި އަތް ޖައްސާލާފައި އަނގަމަތީ އަތް އަޅާލެވުނީ ގިސްލުމުގެ އަޑު ބޭރުވެދާނެތިންނެވެ.
ފިޒާ އެލީޝާގެ ކުރިމައްޗަށް އައިސް އެހުރީ ހެޔޮ އެދޭ އެކުވެރިއެއްގެ ހައިސިއްޔަތުން ނޫންކަން ކިތަންމެ ރަނގަޅަކަށްވެސް އެލީޝާއަށް އެނގިއްޖެއެވެ. ނޭގެނީ ފިޒާގެ އަސްލު މަގްސަދަކީ ކޮބައިކަމެވެ. ދެމީހުންގެ ދެމެދު ހާއްސަ ގުޅުމެއް އޮތް ނަމަވެސް ބެސްޓުފުރެންޑުގެ ހައިސިއްޔަތުން އެލީޝާ ޒަކްވާންގެ އެކުވެރިކަން ބޭނުންވެއެވެ.
އައިލީން އައިސް ވަގުތު ކުޑަތަންވާކަމަށް ބުނެލިއެވެ. އެއާ އެކު އެލީޝާ އިސްޖަހާލަމުން ހިނގައިގަތީ މަންމަމެން ކައިރިއަށް ދާށެވެ. އެލީޝާ ކުރިއަށް ހިނގައިގަތީ ފިޒާ ފެންނަ ހިސާބުގައި ވެސް މަޑުކުރަން ބޭނުން ނުވެގެންނެވެ. ފިޒާ ފެނުމުން އައިލީންވެސް ހިނިތުންވެފައި ވާހަކަދެއްކިއެވެ. ފިޒާގެ ފަރާތުން އެކި މީހުންނަށް ދައްކަމުންދަނީ އެކިކުލައެވެ. އައިލީން އަތުގައި ހިފާލަމުން ޅަވެލި ގޮތުން އެއީ ފިޒާގެ މައުސޫމް ކަމޭ ހީވެއެވެ.
" އެލީ! އެލީ " ޒަކްވާންގެ އަޑު ކަންފަތުގައި ޖެހުމުން އެލީޝާގެ ރޫހަށް ދިރުން ލިބުނު ފަދައެވެ.
ޒަކްވާން ހުރީ ގަދަ ނޫކުލައިގެ ބޮއިލަރސޫޓްގައެވެ. ގަރާޖުން ނިމުން ގޮތަށް އޭނާ އެ އައީ ގެއަށްވެސް ވަދެނުލައިކަން އެ އެއްޗެހީގައި ހުރުމުން އެނގެއެވެ. ޒަކްވާން އަތުގައި އޮތީ ސަންފުލަވަރ މަލެކެވެ. ޒަކްވާން ފެނިފައި ފިޒާއަށް ދަތްކުނޑިވިކާލެވުނީ ބޭއިޙްތިޔާރުގައެވެ. ޒަކްވާން އަތުގައި އޮތް މަލުން އެލީޝާގެ މޫނުގައި ޖަހާލިއެވެ.
" އައި ގޯނަ މިސް ޔޫ " ޒަކްވާން ހިނިއައިސް އެހެން ބުނި ނަމަވެސް އޭނާގެ ހިތް އެދި ގޮވަނީ ވަކިވެގެން ނުދިއުމަށެވެ.
" އެލީގެ ފޭވަރިޓް " ސަންފުލަވަރ ދިމާކޮއްލަމުން ޒަކްވާން ބުނެލީ އޯގާތެރި ރާގަކަށެވެ. އެލީޝާ އާއި ޒަކްވާންގެ މަޑުމަޑު ހުނުމުގެ އަޑު އެކުވެގެން ދިޔައީ ރީތި މިއުޒިކެއް ފަދައިންނެވެ. ދުރުގައި ބަލަން ނުހުރެވިގެން ފިޒާ އައިސް ހުއްޓުނީ ޒަކްވާންގެ ފުރަގަހުގައެވެ. ފިޒާގެ މޫނަށް ބަލާލާފައި އެލީޝާ ހިނިތުންވާން މަސައްކަތް ކުރި ނަމަވެސް ފިޒާގެ ބަސްތައް އޭނާގެ ހިތުގައި ވަކި ހިއްޕާލާފައިވަނީ އަލުން ފިޒާއާ ގުޅުން ބަދަހި ނުކުރެވޭނޭ ފަދައިންނެވެ.
އަންވަރު ގޮވާލުމާއި އެކު އެލީޝާއަށް ވަދާއުގެ ސަލާން ކޮއްފައިދާން މަޖްބޫރުވިއެވެ. އެންމެންނާއި ސަލާންކުރި އިރު ފިޒާ އާ ސަލާން ނުކޮއްދާކަށް އެލީޝާވެސް ބޭނުމެއްނުވިއެވެ. އެލީޝާގެ އަތައް ފިޒާ ފިއްތާލީ ތަދުވާވަރަށެވެ. އަތް ދަމައިގަންނަމުން "އަތްދޯއި" އޭ އެލީޝާ ބުނުމުން އައިލީން އާއި ޒަކްވާން ފެށީ ހޭށެވެ.
" އަހަރެން މަތިން އެންމެ ހިނދުކޮޅަކުވެސް އެލީ ހަނދާން ނުނެތޭނެ އިނގޭ " އެއީ އެލީޝާއަށް ފިޒާ ދިން އިންޒާރެއް ހެއްޔެވެ؟ ނޫނީ ސިގްނަލެއް ހެއްޔެވެ؟
ފުރާމީހުންނަށް ހާއްސަ ދޮރުން އެތެރެއަށް ވަންނަމުން އެލީޝާ ފުރުވަން އައިސް ތިބި މީހުންނަށް ހަނާ އަޅާލިއެވެ. ޒަކްވާންގެ އަތުގެ މުލައްދަނޑީގައި ފިޒާ ދެއަތުން އޮޅުލައި ގަނެގެން ހުރުމުން އެލީޝާއަށް އިންތިހާއަށް އުނދަގޫވިއެވެ. އެހެނަސް ނަޖްމާގެ އަތުގައި ހިފައިގެން އެތެރެއަށް ވަދެގެން ދިޔައީ މަޖްބޫރުވެފައިވާ މީހަކު ފަދައިންނެވެ. އަމިއްލަ ހިތްމަތީ ހިލަގަނޑެއް ބާއްވާފައެވެ. މިއަދު އެލީޝާއަށް ކުރެވެނީ ޒަކްވާނާއި ވަރަށް ވަރަށް ދުރަށް ދާ ކަމުގެ އިޙްސާސެވެ.
(ނުނިމޭ)