13 Sep 2020

By: Ahmed Nadym

އިއްޔެ އަކީ އަހަންނަށް ވަރަށް ހާއްސަ، ވަރަށް އުފާވެރި ދުވަހެކެވެ. ނުވެސް ދަންނަ މީހަކު ފެނިގެން، އެމީހަކަށް ހަމަ ކުއްލިއަކަށް ޝައުގުވެރިވެވި، އަހަރެންގެ ހިތާއި ނަފުސު މާ ކުރީގެ ހަނދާންތަކެއްގެ ތެރެއަށް ދަމައިގެން ގެންދިޔަ ދުވަހެކެވެ. އެ ހިޔާލުތަކުގައި ބަނދެވި، އެމީހަކާ ދިމާއަށް ބަލަން ބަހުގައި އިނދެވުނު އިރެއް ވެސް އަހަންނަކަށް ނޭނގެއެވެ. ހުޅުމާލެ އިން ފުރައިގެން ބުރިޖު ހުރަސްކޮށް މަންޒިލަށް ދެވުނުއިރު ވެސް އަހަންނަށް އިނދެވުނީ ފައިބަން ނޭނގިފައެވެ. އޭނާގެ ކޮންމެ ހަރަކާތަކަށް ފާރަލަމުން ދިޔައިރު ހިތަށް އެރި އެއްޗެހިތައް ކިޔައިދޭން މިހާރު ލަދު ވެސް އެބަގަނެއެވެ. ކުރެވުނީ ކިހާ ގޯސްކަމެއްކަން އަހަންނަށް ވެސް އެނގޭތީ އެވެ. އަދި މީހެއްގެ ފިރިއަކަށް އޭނަ ވެއްޖެ ނަމަ އަހަންނަށް އެ ކުރެވުނީ މާފުނުކުރެވޭ ވަރުގެ ބޮޑު ފާފައެކެވެ. އޭނާގެ އިނގިލީގައި އޮތް ރިހިކުލައިގެ އަނގޮޓި ފެނުނު ހިސާބުން ނުބަލަން ވަރަށް މަސައްކަތްކުރީމެވެ. އެކަމަކު ދެން ވެސް މާ ދުރުގައިވީ ހަނދާންތަކެއް ހެމުން ހެމުން އެނބުރި އައިސް އަހަރެންގެ ހިތް ޖަހައިގަނެގެން ސަމާސާކުރަމުން ގެން ގޮސް އެ މީހެއްގެ އުނގަށް އެއްލައިލީ އެވެ. އެއީ ހަޔާތުގެ ކޮން ހިސާބަކުން، ކޮން ޒަމާނަކުން ނިއުޅެމުން ދިޔަ ހަނދާންތަކެއްކަން ނޭނގުނަސް އަހަންނަށް ހީވީ އަހަރެމެން ދެ މީހުން ވެސް އެކަކު އަނެކަކު ވަރަށް ރަނގަޅަށް ދަންނަ ހެންނެވެ. އެެންމެފަހުން ދެ މީހުންގެ ނަޒަރު ބައްދަލުވި ވަގުތު ހީވީ އެއީ ކޮންމެ ދުވަހަކުވެސް އަހަންނާ މެދު ވިސްނައި ފިކުރުކޮށް، އަހަރެންގެ މަތިން ހަނދާންކޮށް އަހަންނަށް ހެޔޮ އެދޭ މީހެއް ކަމެވެ.

ޖެހިގެން އައި ދުވަހުވެސް މާލެ ދާން އަހަރެން ގޮސް އެ ޝައުގުވެރިކަމުގައި ބަހަށް އެރީ އެ ޝަހުސާއި ބެލުމާއި ހިނިތުންވުމުގެ ދަހިވެތިކަމުގައެވެ. އިއްޔެ އަހަރެން ބަހަށް އެރުވީ ހަލާކުވީ ވެސްޕާ ސައިކަލެވެ. އެ ސައިކަލު ގަރާޖަކަށް ގެންގޮސް މެކޭނިކަކާ ހަވާލުކުރި ގޮތަށް އޭތި ބަލާ ދާން އަހަރެން ހަނދާން ނެތުނީކީއެއް ނޫނެވެ. ސައިކަލް ނެތް ނެތުން އުޒުރަކަށް ހަދާފައި ގޮސް ބަހަށް އަރައި އިންނަން ހިތަށް މާ ފަސޭހަވާނެތީއެވެ. އަމިއްލަ ހިތުގައިވީ އެދުންވެރިކަން ކުށްވެރިކުރަން ބޭނުންނުވީ އެވެ. އެކަމަކު އެ ހިތް އެ އޮތީ މިހާރު ވެސް ހަވާނަފުސުގައި ގަޑުބަޑުވެ ތަޣައްޔަރުވެފައެވެ. ތަނަކުން ފެނުނު ނުވެސް ދަންނަ މުސާފިރެއްގެ އަވާގައި ޖެހި އަހަރެން މަގުއޮޅުވައިފި އެވެ. ނުވަތަ މިއީ ހުސް ތަގުދީރުގެ ސަމާސާއެވެ.

އަހަރެމެން ދެ މީހުން އެކަކު އަނެކެއްގެ މޫނަށް ބަލަމުން އާތްވަމުން ގޮސް އެންމެފަހުން ވާހަކަ ދައްކަން ފެށީ ވެސް އެ ބަސް ތެރެއިންނެވެ. އޭނާގެ ކޮންމެ ހަރަކާތެއް އަދި ވާހަކައެއް އަހަރެންނަށް ހަނދާންކޮށްދެމުން ދިޔައީ ހަނދާނާއި ހިޔާލުގެ މާ ދުރުގައިވީ އެހެން މީހެކެވެ. އެކަމަކު އެ ފުސްކަން ފަހަނަޅައި ގޮސް އެ މީހެއްގެ މޫނު ފެންނަ ހިސާބަކަށް ދެވޭ ގޮތެއް ނުވެއެވެ. އަހަރެން ގޮސް ޖެހުނީ ކާކުގެ ޖާދޫއެއްގައިކަން ނޭނގުނަސް އެކަމުގެ ހަގީގަތް ހޯދައި ބަލަން ވަރަށް ބޮޑު ޝައުގުވެރިކަމެއް އެހިސާބުން އުފެދުނެވެ.

ހީ ސަމާސާކޮށް ކޮންމެ ކަހަލަ ވާހަކައެއް ވެސް ދެއްކޭހާ ގާތް ރަހުމަތްތެރިކަމެއް އުފެދުނު ހިސާބުން ފެށިގެން އަހަރެން އޭނާގެ ވަރަށް ބައިވަރު މައުލޫމާތު ހޯދީމެވެ. އެންމެ ރީތި ކުލަ އާއި މިއުޒިކާއި ލަވައިން ފަށައިގެން ގޮސް ކެއުމާއި ބުއިމާއި އުޅުމުގެ ތެރެއިން ގޮސް އަލިފުން ޔާ އަށެވެ. އެންމެ ދެރަވީ އިނގިލީގައި އޮތް އަނގޮޓި އަކީ މީގެ ދެ އަހަރު ކުރިން ނިޔާވެފައިވީ އަނބިމީހާގެ ހަނދާނެއް ކަމަށް ބުނި ދުވަހެވެ. އަންބެއް، ލޯބިވެރިއެއް ހުރިތޯ ބެލުމުގެ ބޭނުމުގައި ސުވާލުތަކެއް ހިފައިގެން ގޮސް އޭނާގެ ހަޔާތުގެ އެ ސަފުހާތަކަށް ނުވަދެވުނު ނަމައޭ ފަހުން ހިތަށް އެރިއެވެ. އެކަމަކު ވެސް އަހަންނަށްޓަކައި އޭނާވީ ހުޅުވާލެވިފައިވީ ފޮތަކަށެވެ. ގަނޑަކަށް ފަހު ގަނޑެއް، ހިތަކަށް އުކަމުން ގެންދިޔައިރު ވެސް އަހަރެން ހުއްޓުވަން އޭނާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަހަރެން ބޭނުންވި ހުރިހާ އެއްޗެއް ކިޔައިދިނެވެ. އަހަރެން ނާހާ އެތައް ވާހަކައެއް ވެސް އޭނާ އަމިއްލަ އަށް ކިޔައިދިނެވެ.

އަންހެނުންގެ ފުރާނަ ޖަހައިގަތް ނުރައްކާތެރި އެކްސިޑެންޓަށް ފަހު ސައިކަލާއި ކާރަކަށް އޭނާ ނާރައެވެ. ކިތަންމެ ތަނަވަސް ދިރިއުޅުމެއްގައި އުޅެމުން ދިޔަ ނަމަވެސް ކޮންމެ ދުވަހަކުވެސް މަސައްކަތަށް ދާން އޭނާ ނަގަނީ އާދައިގެ މީހާ ވެސް ދަތުރުކުރާ އެމްޕީއެލްގެ ބަހެކެވެ. މާލެ އާއި ހުޅުމާލޭގައި އޭނާގެ ވިޔަފާރި އަކީ ރެއަލް އެސްޓޭޓެވެ. އޭނާގެ މިލްކިއްޔާތުގައި ބިމާއި ފްލެޓާއި ލަގްޒަރީ އެޕާޓްމަންޓްތައް އެބަހުއްޓެވެ. ކާރާއި ސައިކަލާއި ސަފާރީތައްވެއެވެ. ނަމަވެސް އެ ހިތުގައިވީ ހުސްކަމާއި އެކަނިވެރިކަން އޭނާއާ އެކު މި ބަހުގައި ދަތުރުކުރާ ހަމަ ކޮންމެ މީހަކަށް ވެސް ފެންނަހާ ބޮޑެވެ. އެ އެކަނިވެރިކަމާއި ހަޔާތުގައިވީ ފޫހިކަން ކޮންމެ ދުވަހަކުވެސް އޭނާއާ އެކު ހިޔަންޏެއް ފަދައިން ދަތުރުކުރެއެވެ. ސަލާމަތްވާނެ ގޮތެއް ނޭނގި އެއަށް އޭނާ އަޅުދާސްތުވެފައިވާ ކަހަލައެވެ.

އެ ހަޔާތުގައި މަދީ ލޯބި އެކަންޏެވެ. ސާފު ތެދުވެރި ލޯތްބެކެވެ. އެ ހަޔާތަށް ބޭނުންވެފައި އެ ވަނީ ކޮންމެ ދުވަހަކުވެސް ބޯ އަޅައި އަރާމުކުރާނެ ކޮނޑަކާއި އުނގަކާއި ދުވަހުގެ އުދާހާއި ވަރުބަލިކަން ފޮޅައިލަދޭނެ ހަންހާރަވެތި ފިރުމުންތަކެކެވެ. އެ މަގާމު ފުރަން އަހަރެންގެ ހިތް ކިތަންމެ ބޭނުންވިޔަސް ފަސްޖެހެނީ އޭނާގެ މި ދިރިއުޅުމުގައިވީ ސިފަތައް ގޮސް އަހަރެންގެ މާޒީގައިވީ ހަނދާންތަކަކާ ފުށު އަރައިގަންނަ ހިސާބުންނެވެ. އެ ހަނދާންތައް ކުލަކޮށްލަދޭ ފުސްމަންޒަރެއްގެ ތެރެއިން އަހަންނަށް ފެންނަ ޒުވާނާ އަކީ އަނެއްކާ ބަހުގައި ކޮންމެ ދުވަހަކު އަހަންނާ އެކު ދަތުރުކުރާ މީހާ ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ.

ކޮންމެއަކަސް، ބަސް ދަތުރަކުން ފަށައިގެން އެކުވެރިވެ މަޑުމަޑުން ރޯވި އަހަރެމެން ދެ މީހުންގެ ގުޅުން އެ ބަހުން ބޭރަށް އޭނާ ގެންދާނެ ދުވަހަކަށް އަހަރެން ވަރަށް އިންތިޒާރުކުރީމެވެ. އެކަމަކު ބަހުން ފޭބުމަށް ފަހު އަހަންނަށް ފެންނަން އޭނާ ބޭނުންނުވާ ކަހަލައެވެ. އޭނާގެ އެކަނިވެރި ހަޔާތަށް އަހަރެން ގެންދަން ބޭނުންނުވާ ކަހަލައެވެ. އެންމެފަހުން އެ އިންތިޒާރެއް ދިގުލައިގެން ގޮސް އަހަރެންގެ ހިތަކަށް މަޑަކުން ނޯވެވުނެވެ. މުށު ތެރެއިން އޭނާ ބީވެގެން ހިނގައިދާނެ ކަމުގެ ބިރަށް އެންމެފަހުން އެ ދައުވަތު ދިން މީހަކީ އަހަންނެވެ. އެއީ އަހަރެންގެ ހިތުން އޭނާ އަށް ކޮން ޖާގައެއް ދެވިގެން ކުރެވުނު ކަމެއްބާވައޭ ފަހުން ހިތަށް އެރިއެވެ. އެކަމަކު އެ ދައުވަތު ގަބޫލުކޮށް އަހަންނާ އެކު ބޭރަށް ދާން އެއްބަސްވިއިރަކު އޭނާ އެކަހަލަ އެއްވެސް ސުވާލެއް ނުކުރެއެވެ. އަދި އެ ރެއަށް ފަހު، ދެ މީހުންގެ ދެމެދުގައި ލެވިފައިވީ ހުރިހާ ހުރަހެއް ގިރާކުރެވިގެންދިޔައީއެވެ.

އަހަރެމެން ދިޔައީ ކްރޮސް ރޯޑަށެވެ. އެއަށް ފަހު ޖެހިގެން އައި ރޭ ދައުވަތު ލިބުނީ އޭނާގެ ލަގްޒަރީ އެޕާޓްމަންޓްތަކުގެ ތެރެއިން އެޕާޓްމަންޓަކަށެވެ. އަހަރެންގެ ހިތަށް ވެރިވީ ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމަކާއި ހިތްހަމަޖެހުމެކެވެ. ހިތް އެދި ގޮވަމުން ދިޔަ ކަންތައް އެންމެފަހުން ހާސިލުވަނީއެވެ. މޫނުބަލާ ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރެ ފަރިބަލަމުން ދިޔައިރު އަހަރެންގެ ހިތަށް އަރައި ފައިބަމުން ދިޔަ ހިޔާލަކީ އެއީ އެވެ. ވެސްޕާ ސައިކަލުގައި ގޮޮސް އަހަރެން މަޑުކޮށްލިއިރު އިންތިޒާރުގައި އޭނާ ހުއްޓެވެ.

އަހަރެން ގޮވައިގެން އޭނާ އެތެރެއަށް ވަނީ އިރުގަނޑެއް ވަންދެން ވާހަކަ ދައްކަން ބޭރުގައި ތިބުމަށް ފަހު އެވެ. އޭނާގެ ފިޔަވަޅުތަކަށް ބަލަމުން އޭނާގެ ހަރަކާތްތަކުން ފުލުފުލުގައި ކަތިލެވެމުން ދިޔައިރު ހިތް މޭގައި އޮބިނޯވެގެން ތެޅިފޮޅެނީ އެވެ. އެ ހިތް ބުނަން އުޅެނީ ކޮން ވާހަކައެއް ކަމެއް ނުވިސްނެއެވެ. އިންޒާރަކަށް ވިޔަސް ފަރުވާލެއް ނުބެހެއްޓުނެވެ. ނަމަވެސް ބިއްލޫރިން ޖަރީކޮށްފައިވާ ލިފްޓަކުން އަރައިގެން ގޮސް އޭނާގެ ޕެންތުހައުސް އަށް ވަން ވަގުތު އަހަންނަށް ހީވީ އެ ވަގުތާއި ތަނާއި ފިޔަވަޅުތަކުގެ އަޑު އެހެން ޒަމާނެއް ތަޅައި ކުނޑިކޮށްލުމަށް ފަހު ލޯކުރިމަތީގައި ތަކުރާރުވެގެން ދިޔަހެންނެވެ. އެ މާހައުލުގައިވީ ވަހާއި އަޑާއި އެ ފިނިކަމުގައި މާކުރިން ވެސް މި ޖިސްމެއް ޖެހި، ބެދި، ބަނދެވިފައިވީ ކަމުގެ އިހުސާސް ކުރެވުނު ވަގުތު މުޅި ގައިން ދިޔައީ ހީބިހިނަގައިގެންނެވެ. އަހަރެންގެ ހިތް ދަމައިގެން ގޮސް ލެނބެމުން ދިޔައީ ކޮންމެހެން އަހަރެންގެ ހަޔާތަށް ބޭނުންވާ މީހަކަށް ނޫންކަން ކުއްލިއަކަށް އިހުސާސުވެ ހިތަށް ފާޑެއްގެ ބިރުވެރިކަމެއް ވަދެ ހަތަރެސްފައި ފިނިކޮށްލި އެވެ. ހިތް ކުރިއަށް ވުރެ ބާރަށް ތެޅިގަތެވެ. މީހަކު އަހަންނަށް ގެއްލުން ދޭން ރާވާ ކަމުގެ އިހުސާސާއެކު އެތަން ދޫކޮށް ދުއްވައިގަނެވިއްޖެއެވެ.

މިއީ ތަގުދީރުގައި ލިޔެވިފައިވާ ކެއްސެއް ހެއްޔެވެ؟ ނުވަތަ މީހެއްގެ ނުބައި ރޭވުމެއް ހެއްޔެވެ؟ އަހަންނަށް މި ވަނީ ކީއް ހެއްޔެވެ؟ އަހަންނަށް އެ ފެންނަ ފުސް ހިޔާލާއި ހުވަފެނީ މަންޒަރުތަކުގައި އެ އުޅެނީ ކޮން ޒުވާނެއް ހެއްޔެވެ؟ އަހަރެންގެ ހަޔާތަކަށް ދުވަހަކުވެސް ލޯބިވެރިޔަކު ނާދެ އެވެ. ނުގެންނަމެވެ. މީހަކަށް ހިތް ދޫވެގެން މި އުޅެނީ ވެސް އަލަށެވެ. އެކަމަކު މިވެސް އަހަރެންގެ ހަޔާތަށް ބޭނުންވާ މީހެއް ނޫނެވެ. އަހަރެންގެ ބޮލުގައި ވަނީ އެހެން ހިޔާލުތަކެކެވެ. އަހަރެންގެ ހިތާއި ސިކުނޑި މިކަމުގައި އެކައްޗެއް ނުކިޔަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ހިތުގައި މި ވަނީ އެހެން މީހެއްގެ އެދުމެއް ހެއްޔެވެ؟ މިއިން އެއްވެސް ސުވާލަކަށް އަހަރެންގެ އަތުގައި ޖަވާބެއް ނެތެވެ. ބަހުން ދިމާވެ، ހިތް ބަންޑުންވި ޒުވާނާއާ ހަމައިން އަނެއްކާވެސް ފަށަން މި ޖެހެނީ އެހެންވެގެންނެވެ. އަހަރެންގެ ސިކުނޑި ގަބޫލުނުކުރާ މީހަކަށް އަހަރެންގެ ހިތް ލެނބެން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަހަރެންގެ އަމިއްލަ ނަފުސާއި އިހުތިޔާރުގައިވީ ބާރު ކޮބައި ހެއްޔެވެ؟ އޭނާ ފެންނަ ކޮންމެ ފަހަރަކު ސިކުނޑި މި ދޭ އިންޒާރުގެ ހަގީގަތަކީ ކޮބައި ހެއްޔެވެ؟

އެ ރެއަށް ފަހު އަހަރެންގެ ހިތުގައި ޗޭނުޖަހައި ބޮލުގައި ބަންދުކުރަން ނިންމީމެވެ. އަހަރެންގެ ހިޔާލުތަކަށް ޒިޔާރަތްކުރާ ޒުވާނާ އާއި ބަހުން ބައްދަލުވެ ހިތް ޖަހައިގަތް ޒުވާނާއާ ދެމެދުގައިވީ ގުޅުމާއި ހަގީގަތް ހޯދުމަށް އަޒުމުކަނޑައެޅީމެވެ. މުއްސަނދި ތަނަވަސް ދިރިއުޅުމެއްގައި އެކަނިވެރިވެފައިވީ ޒުވާން އެ ވިޔަފާރިވެރިޔާ ކިޔައިދިން ވާހަކަތަކުގެ ދެކޮޅުބަލައި ޝައްކާއި ވަސްވާސްތައް ފޮޅައިލުމަށް އަތުކުރިއޮޅައިލީމެވެ. ޖަވާބު ނުލިބޭ އެއްވެސް ސުވާލަކާ އެކު އަދި ޝައްކުއުފެދޭ އެއްވެސް ހިޔާލަކާ އެކު އޭނާގެ ގާތަށް އެނބުރި ދާން ބޭނުންނުވާތީ އެވެ. އެ ހިތަށް ވަދެ ގެއްލެން ކިތަންމެ ހިތްއެދުނަސް އޭނާގެ ހުރިހާ ކަމެއް ރަނގަޅަށް ބަލައި ހޯދުން ނޫން އެހެން ގޮތެއް ދެން ނެތެވެ. ޝައްކުލާރައްދެއްނެތެވެ.

އަހަރެން ފަށައިގަތީ އޭނާ ދިން ބިޒްނަސް ކާޑުންނެވެ. ދަބަސް ތެރެއަށް ލީ ގޮތަށް ލިޕްސްޓިކް ހޭކި ހަޑިވެފައި އޮތް ކާޑުގައި އޭނާ އަކީ ބްލޫ ރީފް ޕްރޮޕަޓީސް ނަމަކަށް ކިޔާ ރެއަލް އެސްޓޭޓް ކުންފުންޏެއްގެ ޗެއާމަނެވެ. ފުރިހަމަ ނަމަކީ ފަހުދު މަޒާއިން އެވެ. އެ ކާޑުގައި ދީފައިވާ މޮބައިލް ނަމްބަރާއި އޭނާ އާންމުކޮށް އަހަންނާ ވާހަކަ ދައްކަން ބޭނުންކުރާ ނަމްބަރު ތަފާތުކަން ފާހަގަކުރެވުނީ އަލަށެވެ. އެހެން ވެދާނެ އެވެ. މާ ފޮޅުވަން ގެންގުޅޭނީ ޕާސަނަލް، ސިއްރު ނަމްބަރެކެވެ. އޭނާ ދިން ކާޑުގައި އޮތް ނަމްބަރަށް ގުޅުމުން ފޯނު ނަގަނީ ޕާސަނަލް ސެކްރެކްޓަރީއެއް ކަމަށް ބުނާ އަންހެނެކެވެ. އަދި ޗެއާމަންއާ ބައްދަލުކުރަން އެޕޮއިންޓްމަންޓް ބޭނުންވާ ނަމަ ހަފުތާއެއްހާ ފަހުން އެކަން ހަމަޖެހިދާނެ ކަމަށް ބުނެ އެވެ.

ބްލޫ ރީފް ޕްރޮޕަޓީސް އަކީ ހުޅުމާލޭގެ ހަ ވަނަ ފިޔަވައްސާއި ގުޅިފަޅުގައި ފުޅާދާއިރާއެއްގައި ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގަމުންދާ ކުންފުންޏެވެ. މާލޭގައި ހުންނަ އެމީހުންގެ މައި އޮފީސް ކައިރިއަށް އަހަރެން ދިޔައީ ހަފުތާއަކަށް ކެތްނުކުރެވިގެންނެވެ. ނަމަވެސް އޮފީހަށް ގޮސް ވަދެގަންނާކަށް ނުކެރުނެވެ. ގަޑި ދެ ގަޑިއިރު ވަންދެން، އެތަނުގެ ބޭރުގައި ހުރި ކޮފީ ޝޮޕަކުން މެރާކީ ކޮފީ ބޯން އިންދައި ބައްދަލުވި މާ ކުރީގެ ރައްޓެއްސަކާ ޖެހިގެން ގޮސް އަހަރެންގެ ބޮލަށް ދެން ވަނީ އެހެން ހިޔާލުތަކެކެވެ. އޭނާ އަކީ ކުރިން އަހަންނާ އެކު އެއް މީޑިއާއެއްގައި މަސައްކަތްކުރި ރަހުމަތްތެރިއެކެވެ. ޒަމާންގަނޑެއް ފަހުން ބައްދަލުވިއިރު ޕޮލިހެކެވެ. އެހެންކަމުން އޭނާ އަށް ލިބިފައިވީ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން އަހަންނަށް ބައިވަރު ކަންކަން ހޯދިދާނެކަން ޔަގީންވި އެވެ. ފަހުދު މަޒާއިންގެ އަންހެނުން މަރުވި އެކްސިޑެންޓުގެ ތަފްސީލު ހޯދަން އަހަރެން އެދުނީ މިހާރު މަސައްކަތްކުރާ ނޫހަށް ލިޔަމުންދާ ރިޕޯޓަކާ ގުޅިގެން ކަމަށް ބުނެއެވެ. އެކަމަކު އަހަރެން މީޑިއާއެއްގައި މަސައްކަތް ނުކުރާތާ މިހާރު ތިން ހަތަރު އަހަރު ވަނީ އެވެ. އެކަން ބަލަން އަހަރެންގެ އެކުވެރިޔާ މަސައްކަތެއް ނުކުރެއެވެ. އޭނާ މަސައްކަތްކުރީ އަހަރެން ބޭނުންވި މައުލޫމާތު ހޯދައިދޭށެވެ.

ނަމަވެސް އަހަރެން ދިން ތަފުސީލުތަކާ ގޮސް ދިމާވާ އެކްސިޑެންޓެއް މާލެ އާއި ހުޅުމާލޭގައި މިދިޔަ ތިން އަހަރު ތެރޭގައި ވެސް ހިނގާފައެއް ނެތެވެ. އެ ވާހަކައެއް ގަބޫލުކުރަން ދަތިވެގެން އިތުރަށް ބަލައިދިނުމަށް އެދުމުން އެކުވެރިޔާ ދެން ގެނެސްދިނީ ފިތްކަނޑައިގެންދާ ވަރުގެ މައުލޫމާތެކެވެ. ފަހުދު މަޒާއިންގެ އަންހެނުން ދިރި ދުނިޔޭގައި ހުރި ވާހަކައެވެ. އެމީހަކީ މަޒާއިންގެ ބްލޫ ރީފް ޕްރޮޕަޓީސްގެ މެނޭޖިން ޑައިރެކްޓަރު ކަމަށް ބުނުމުން ހީވީ ފައިދަށުން ބިންގަނޑު ދަމައިގެން ގެންދިޔަހެންނެވެ. އެއަށް ފަހު އަހަރެންގެ އެކުވެރިޔާ ދައްކާލީ ފަހުދު މަޒާއިން އާއި އޭނާގެ އަންހެނުންގެ ފޮޓޯގަނޑެކެވެ. ފެނުނު ހަގީގަތް ގަބޫލުނުކުރެވި ފުންމައިގެން ތެދުވެ އެކުވެރިޔާ ދޫކޮށްލާފައި ކޮފީޝޮޕުން ނުކުމެގެން އަހަންނަށް ހިނގައިގަނެވުނީ ދެވޭނުދެވޭ ތަނެއް ވެސް ވަކިނުވާ ހާލެއްގައި ހުރެގެންނެވެ.

ހިތަށް ތަދުވަން ދެން އެ ދުވަހު އަހަރެން ރުއީމެއެވެ. އެކަމަކު އެންމެފަހުން އަހަރެން ބޭނުންވީ އެ މަކަރުވެރިޔާއާ ކުރިމަތިލާށެވެ. ސައިކަލުގައި އަހަރެން ދިޔައީ އޭނާގެ ލަގްޒަރީ އެޕާޓްމަންޓަށެވެ. ސެކިއުރިޓީ އަކަށް ހުރި މީހާ އަށް އާދޭސްކޮށްގެން ވެސް އެތެރެއަށް ވަދެވޭ ގޮތެއް ނުވުމުން އެންމެފަހުން އޭނާގެ ޑިއުޓީ ބަދަލުވި ދަނޑިވަޅު ބަލައި އެތެރެއަށް ދެމިގަނެގެން ގޮސް ޕެންތުހައުސް އަށް އަރައި ދޮރުގައި ތަޅައިގަތީމެވެ. ދޮރު ހުޅުވާލާފައި ބޯ ދިއްކޮށްލީ ފުރާވަރުގެ އަންހެން ކުއްޖެކެވެ. އެ އަންހެން ކުއްޖާ ހައިރާންވެ އަހަންނާ ދިމާލަށް ބަލަން ހުއްޓައި އޭނާގެ ފަހަތުން އައިސް ބޯދިއްކޮށްލީ ދެބައިއުމުރުގެ ފިރިހެނެކެވެ. އަހަރެން ފެނުމުން ނުވަތަ އަހަރެން ގޮސް އެގޮތަށް އެމީހުންގެ ދޮރުގައި ތަޅައިގަތުމުން އެ މީހުން ތިބީ ހައިރާންވެ ހިސާބަކަށް ބިރުވެސް ގަނެފައެވެ. އިރުކޮޅެއް ނުވެ ލިފްޓް ތެރެއިން ނުކުމެގެން އައި ސެކިއުރިޓީ ގާޑަކު އަހަރެންގެ މުލައްދަނޑީގައި ހިފައި ލަކިޖަހަމުން ގެންގޮސް ލިފްޓަށް އަރުވައިގެން ތިރިއަށް ގެންގޮސް ބޭރުކޮށްލައިފިއެވެ. ލަދުގަނެ އިސްދަށަށް ޖަހައި އަހަންނަށް ރޮއިގަނެވިއްޖެއެވެ.

އަހަރެންގެ ހިތް ޖަހައިގަނެގެން ގެންދިޔަ ޒުވާނާ ގެއްލުނީ އެވެ. އޭނާ އާންމުކޮށް އަހަންނަށް ގުޅާ ނަމްބަރު މިހާރު އޮންނަނީ ނިއްވާލައިފައެވެ. ކުރިން އޭނާއާ ކޮންމެ ދުވަހަކު ބައްދަލުވި ބަހަކުން ވެސް މިހާރު އޭނާ ނުފެނެއެވެ. އެކަމަކު އަހަރެންގެ ހިތް ދެން ވެސް ފުރޭ ގޮތެއް ނުވި އެވެ. ހަމަޖެހޭ ގޮތެއް ނުވި އެވެ. އޭނާ މަތިން ހަނދާން ނައްތާލަން ސިކުނޑި ކިތަންމެ މަސައްކަތްކުރިޔަސް، ހިތް ބޭނުންވަނީ މުޅިން އެހެން ގޮތެކެވެ. އެންމެފަހުން އަހަރެންގެ ހުރިހާ ވަގުތެއްހެން ބަސް ސްޓޮޕްތަކުގައި ހޭދަވާން ފެށީ އެވެ. މީހުންގެ ކުރިމަތީގައި އަހަރެން މޮޔައަކަށް ބަދަލުވީ އެވެ.

މި އިންތިޒާރެއްގައި މާޔޫސްވެފައި ވަނިކޮށް އަހަންނަށް ގުޅަނީ ބްލޫ ރީފް ޕްރޮޕަޓީސް އިންނެވެ. އެތަނުގެ ޗެއާމަން ފަހުދު މަޒާއިންގެ އިންޓަވިއުއަކަށް އެދިފައިވުމުން އެކަން ހަމަޖެހުނު ވާހަކަ އަންގާށެވެ. އެ އިންޓަވިއު އަށް އަހަރެން ދިޔައީ އާވި އެތައް އުއްމީދެއްގައި ހިފަހައްޓައިގެންނެވެ. އަދި އޮޅުވާލުމަކުން ފަށައިނުގަނެ އަހަރެން ބޭނުންވީ ހިތް އޮތް ގޮތް ކިޔައިދޭށެވެ. އެކަމަކު އަހަރެން އެއްވެސް ވާހަކައެއް ކިޔައިދޭކަށް ނުޖެހުނެވެ. އަހަރެން މިއީ ނޫސްވެރިއެއް ނޫން ކަމާއި އަމިއްލަ ޒާތީ މައްސަލަގަނޑެއްގެ ތެރޭގައި ބަންދުވެ ހަސްނެތެމުންދާ މީހެއްކަން ފަހުދު މަޒާއިން ވަނީ މާ ކުރިން ހޯދައިފައެވެ. އެހެންވީއިރު އޭނާ އަހަންނަށް މި ފުރުސަތެއް ދިނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ހިތުގައި އަނދަމުން ދިޔަ ހުރިހާ ސުވާލަކަށް ޖަވާބު ހޯދައިދޭން ހެއްޔެވެ؟

އޭނާ ފަށައިގަތީ، ބްލޫ ރީފް ޕްރޮޕަޓީސްގެ ޗެއާމަންގެ ނަމުގައި އަހަރެންގެ ހިތަށް ވެރިވެގަތް ޒުވާނާގެ ނަމުންނެވެ. އޭނާގެ ނަމަކީ ވިޝަލް އެވެ. ބްލޫ ރީފް ޕްރޮޕަޓީސްގައި މީގެ ފަސް އަހަރު ކުރިން ސައިޓް މެނޭޖަރަކަށް އުޅުނު މީހެކެވެ. ވަޒީފާ އިން ކަނޑައި ބޭރުކޮށްލީ ފަހުދު މަޒާއިންގެ ހުރި ހަމައެކަނި ދަރިފުޅާ ހިތާވެ ހިންގި ލޯބީގެ ކުޅިގަނޑަކާ ގުޅިގެންނެވެ. އެ ދެ މީހުންގެ ލޯތްބަށް ރުހުން ނުދީ ގަދަކަމުން ދެ މީހުން ދުރުކުރުމުން އެ އަންހެން ކުއްޖާ އަމިއްލަ އަށް މަރުވީ އެވެ. ބްލޫ ރީފް ޕްރޮޕަޓީސް އިން ހަދަމުން ދިޔަ އިމާރާތެއްގެ މަތިން މަރަށް ފުންމާލި ކަމަށް ތަހުގީގު ކަރުދާހުގައި ލިޔެފައިވިޔަސް ފަހުދު މަޒާއިން ގަބޫލުކުރަނީ އެހެން ގޮތެކެވެ. އޭނާގެ ދަރިފުޅު ވަފާގެ ގާތިލަކީ ވިޝަލް ކަމަށެވެ.

އިމާރާތުގެ ހަ ވަނަ ބުރިން ފުންމާލައިގެން ގޮސް ވަފާ ވެއްޓުނީ ކޯމާއަކަށެވެ. އޭނާ އަކީ ރެޖިސްޓާޑް އޯގަން ޑޯނާއެއްކަން އާއިލާގެ މީހުންނަށް އެނގުނީ ހުރިހާ އުއްމީދެއް ކަނޑާލި ފަހުންނެވެ.

ފަހުދު މަޒާއިންގެ ވާހަކަ އެ ހިސާބަށް ދިއުމުން ހީވީ މީހަކު ފުންމައިގެން އައިސް އަހަރެންގެ ހިތުގައި ހިފައި ދަމައިގަތް ހެންނެވެ. މޭގައި ފިރުމާލެވުނީ ބޭއިހުތިޔާރުގައެވެ. އަނެއްކާ އަހަރެންގެ މޭގައި މި އޮތީ ވަފާގެ ހިތް ހެއްޔެވެ؟ ހިތާހިތުން ކޮށްލެވުނު ސުވާލަކީ އެއީ އެވެ.

ފަހުދު މަޒާއިންގެ ކުރިމަތީގައި ވިޝަލް އަކީ އޭނާގެ ދަރިފުޅު މަރާލި ގާތިލެކެވެ. އޮޅުވާލުމާއި މަކަރާއި ހީލަތުގެ ދިރިއުޅުމަކަށް ނިދައި ހޭލާ ލާޗާރުބިޗާރެކެވެ. އަދި އޭނާ އަށް ވިސްނައި ފަރުވާތެރި ނުވެވިއްޖެ ނަމަ ކިތަންމެ ފަދަ ބޮޑު ގެއްލުމެއް ވެސް ދީފާނެ ފަދަ ޒުވާނެކެވެ. ނަމަވެސް އަހަރެން އެ ބައްދަލުވުމުން ތެދުވެގެން ދިޔައީ ވިޝަލް އުޅޭ ތަނަކާއި އޭނާއާ ދިމާވާނެ ގޮތްތަކެއް ވެސް ހޯދައިގެންނެވެ. އަދި އަހަރެން ހިތަށް އެރީ ވިޝަލް އާއި ވަފާގެ ލޯބީގެ އަސްލު ގާތިލަކީ ފަހުދު މަޒާއިން ކަމަށެވެ. ނުވަތަ އެއީ އަހަރެންގެ މޭގައި ވިންދު ޖަހަމުން މިދާ ވަފާގެ ހިތް އިއްވާ ނިޔާ އެވެ.

** ** **

ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރެ އަހަރެން ބަލަމުން ދިޔައީ މޭމަތީގައި ހެދިފައިވީ ދިގު، ބޮޑު ލަކުނަށެވެ. ތަންތަންގަނޑުން ފުފިގެން މައްޗަށް އަރާފައިވާ އެ ލަކުނަކީ އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިން ހާޓް ޓްރާންސްޕްލާންޓަށް ފަޅާލި ތަނެވެ. އުފަންވި ދުވަހުން ފެށިގެން ވެސް އަހަރެންގެ އޮތީ ބަލި ހިތެކެވެ. އުމުރުން ސައްބީސް އަހަރުގައި އެ ހިތް އަހަރެން ގޮވައިގެން އޭގެ އެންމެ ފަހު ދަތުރަށް ކަމަރު ބަނދެ މަރަށް ތެޅެން ފެށި އެވެ. އެކަމަކު އަހަރެންގެ ނަސީބަކަށްވީ އެހެން މީހެއްގެ މަރެވެ. ފުރާނައެއް ސަލާމަތްކުރަން ކޮން ފަދަ އަމިއްލަ އެދުން ބޮޑު ގޮތެއް ހެއްޔެވެ؟ އެންމެފަހުން މިއަދު އަހަންނަށް އުޅެން ޖެހިފައި މި ވަނީ އެހެން މީހެއްގެ އެދުމާއި ހުވަފެންތަކެއް ހަގީގަތަކަށް ހެދުމަށެވެ. މި ހިޔާލުތަކެއްގެ ތެރެއަށް ގެއްލި، މޭމަތީގައިވީ ލަކުނުގައި ޝަހާދަތް އިނގިލި މަޑުމަޑުން ދުއްވަމުން ދަނިކޮށް އަހަރެން ސިއްސުވާލީ އަހަރެން ހުރި އެޕާޓްމަންޓްގެ ދޮރުގެ ތަޅުގައި މީހަކު ހިފި އަޑެވެ.

އެއީ ވިޝަލް އެވެ. އަހަރެން ވަދެ މިހިރީ އޭނާ ދިރިއުޅޭ އެޕާޓްމަންޓަށެވެ. މި އެޕާޓްމަންޓްގެ ދޮރު ހުޅުވައިދިނީ އަހަރެންގެ ހިތެވެ. ވިޝަލްގެ ހުރިހާ ސިއްރެއް ކުއްލިއަކަށް ހުޅުވި އަހަރެންގެ ހިތުން އުނގަށް ބަންޑުންވި ކަހަލައެވެ. އަހަރެން އައިސް މިހިރީ ބަދަލުހިފާށެވެ. އޭނާ އަކީ ލޯބިވާން އެނގޭ މީހެއް ނޫނެވެ. އޭނާގެ މި ސިއްރު އެޕާޓްމަންޓްގެ ކޮޓަރި ތެރޭގައި ފޮރުވާފައިވާ، އަންހެން ކުދިންގެ މުޑުދާރު ފޮޓޯތަކާއި ހަނދާންތައް އެ ނުބައިނުލަފާ ކަމަށް ހެކިވެއެވެ. ވަފާ އަކީ ވެސް އޭނާގެ މަޅީގައި ޖެހުނު އަންހެން ކުއްޖެކެވެ. އަހަންނާ ބައްދަލުވުމަކީ ވެސް އިއްތިފާގެއް ނޫނެވެ. އޭނާގެ ނުބައި ރޭވުމެކެވެ. އަހަރެންގެ އަތުގައި އޮތީ ކާކުގެ ހިތެއްކަން އެނގޭތީ ރޭވި މަކަރުވެރި ރޭވުމެކެވެ. ނުވަތަ އަހަރެން މިއީ އޭނާގެ އުދާސްތައް ބޭރުކޮށްލަން ހޮވި "ރެންޑަމް ވިކްޓިމް" އެކެވެ. އަހަންނަށް ފާރަލައި އަހަރެންގެ ސައިކަލް ހަލާކުކޮށްލި މީހަކީ ވެސް ވިޝަލް އެވެ. މި ހުރިހާ ސިއްރެއް އޭނާގެ "ޓްރޮފީ ފޮށިގަނޑު" ގެ ތެރޭގައި ފޮޓޯތަކެއްގެ ސިފައިގައި މިހިރީ ފެންނާށެވެ.

ދޮރު ހުޅުވާލާފައި ވިޝަލް އެތެރެއަށް ވަނުމުގެ ކުރިން ބޮކި ނިއްވައި ބަދިގެ ތެރެއިން ހަ އިންޗީގެ ވަޅިއެއް ނަގައި އަތަށް ހެޔޮވަރުކުރަމުން ގޮސް އަހަރެން ވަނީ އޭނާގެ ހުރިހާ ސިއްރެއް ފޮރުވާފައިވީ އަލަމާރީގެ ތެރެއަށެވެ. އެއަށް ފަހު ދެ ލޯ މަރައި، އެކަކުން ފަށައިގެން ހިތުން ގުނަން ފެށީމެވެ. ފަންސާސް ފަހެކާ ހަމަ އަށް ދެވުނުއިރު މީހަކު އައިސް އަލަމާރީގެ ދޮރުގައި ހިފާލިހެން ހީވެ ކުއްލިއަކަށް ލޯ ހުޅުވާލީމެވެ. އަލަމާރީގެ ކުރިމަތީގައި ހުއްޓި ހުރި ވިޝަލް އޭރު ފެންނަނީ ދެ ދޮރުފަތް ދޭތެރެއިންނެވެ.

ވަޅީގައި ދެ އަތުން ހިފައި އަހަރެން ބާރުކޮށްގަތީމެވެ. އެވަގުތު ކޮޓަރި ތެރެއިން ދެން އިވުނީ އަންހެނެއްގެ އަޑެވެ. ވިޝަލް އަނެއްކާވެސް ޝިކާރައަކަށް ތައްޔާރުވަނީ އެވެ. މިހެން ހިތަށް އަރައި އަލަމާރި ތެރެއަށް ރަނގަޅަށް ނަޒަރު ހިންގާލެވުނުއިރު ބޯމަތީގައި އަޅާފައި އޮތް ފިލާގަނޑެއްގައި ހަރުކޮށްފައިވީ އެކި ސައިޒުގެ ވަޅިތަކާއި ތޫނު އާލާތްތައް ފެނި އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. ވިޝަލް އަލަމާރީގެ ދޮރު ހުޅުވަން ހިފާލި އެވެ. (ނިމުނީ)

Popular