12 Oct 2020

By: Mariyam Yasma

މިރްހާ ހީކުރީ ފުރުސަތުގެ ބޭނުން ކޮށްފައި އަނަސް އޭނަ ނަގަން މަސައްކަތް ކުރާނެ ކަމަށެވެ. އެކަން ނުކުރިއްޔާ ތެދުވަންވެގެން އޭނަ ހިފަން އަނަސްގެ އަތްދިއްކުރާނެ ކަމަށެވެ. އޭނަ ހައިރާންވީ އަނަސް އެއިން އެއްވެސް ކަމެއް ނުކޮށް ހަމައެކަނި ސުވާލެއް ކޮށްލީމަ އެވެ. "ތަނަކަށް ތަދުވިތަ؟"

"އައިމް އޯކޭ..." މިރްހާ ދެފަރާތަށް ބޯ ހޫރައިލުމަށްފަހު ތެދުވެ ވެލިފޮޅައިލި އެވެ.

އަނަސް ވަކި އެއްޗެއް ނުބުނެ މަޑުކޮށްލައިގެން ހުރިގޮތުން ހީވީ އެއްޗެއް ބުނަން އުޅުނުހެންނެވެ. އެކަމަކު ފަހު ވަގުތު ނިންމީ އޭގެ އިދިކޮޅަށެވެ. އަނެއްކާވެސް އެނބުރުނީ މަސައްކަތަށެވެ. މިރްހާ ރަކިވެގެން އެތަނުން ދާން އުޅެފައިވެސް އަސްލު މަޤްސަދު ހަނދާންނައްތައިލެވެން ނެތުމުން އިސްވެ ވާހަކަދައްކަން ގަސްތުކުރި އެވެ.

"އަހަރެންދެކެ ރުޅިއެއް ނާދޭތަ؟" މިރްހާ ގޮސް ކުޑަތަންކޮޅެއް ދުރުގައި އަނަސްއާ އެއްހަމައެއްގައި ހުއްޓިފައި ކައިރީހުރި ގަހުގައި ރިއްސަން ފަށާފައިވާ ޓޮމާޓޯއެއްގައި އަތްޖައްސައިލި އެވެ.

އެވަގުތު އަނަސް އެމޫނަށް ބަލައިލިކަން އިހްސާސްވި އެވެ. އޭނަވެސް އެދިމާއަށް ބަލައިލީ އަނަސްގެ ޖަވާބެއް ނައިސް ލަސްވީމަ އެވެ. އޭނަ ހަމަ ބަލައިލިހާއިރުން އަނަސް އަނެއްފަރާތަށް މޫނު އަނބުރާލައިފި އެވެ.

"ކީއްވެ ރުޅި އަންނަންވީ؟" އަނަސްގެ އަޑުގައި ހައިރާންކަމެއްވި އެވެ.

"އެދުވަހު އަނގައިން ނުބުނެދިޔައީމަ..." މިރްހާ އަދިވެސް ހުރީ އަނަސްއަށް ބަލާށެވެ.

"އެއީ ރުޅިއަންނަވަރު ކަމެއްތަ؟" އަނަސް ކޮށްލީ އަނެއްކާވެސް ސުވާލެކެވެ.

"...އޯކޭ. ސޯ ތީގެ މާނައަކީ ރުޅިއެއް ނާދެއޭދޯ.." މިރްހާ ވިސްނާލައިފައި އެހި އެވެ. އޭނަ ބޭނުންވީ ޔަޤީންކުރާށެވެ އަނަސްގެ ބަހުރުވަ އެހުރީ ފަސޭހައިން އެއްޗެއް އޮޅުންފިލާފަދަ ގޮތަކަށް ނޫނެވެ. އަކަމަކު އޭނައަށް އެނގޭނީ ސާފުބަހުން ބުނީމަ އެވެ. އަނަސް އެވަގުތު އަނެއްކާވެސް ހަތަރުކަޅި ހަމަކޮށްލާފައި ބޯޖަހައިލި އެވެ.

"އޯކޭ..." ވީއުފަލަކުން ރާގު އަޅުވާލައިފައި މިރްހާ އެހެންބުނެލީ ނުހަނު ޖޯޝާއެކުގަ އެވެ. ބޮލުން ހީވީ ބަރެއް ނެގުނުހެންނެވެ. އޭނަ ޖެހިލުންވެގެން މިއުޅުނީ މިވަރު ކަމަކާއެވެ. އަނަސްއަކީ ކުޑައިރުވެސް ރުޅިއައިސްފައި ހުއްޓާ ފެންނަ ކުއްޖެއް ނޫނެވެ. މިހާރު އަދި އަހަރުތަކެއްފަހުން ކުޑަދުވަސްކޮޅެއްގެ މެހުމާނެއްގެ ގޮތުގައި އޭނަ އައިސް އުޅޭއިރު ރުޅިދައްކަންވީ ވަކި ކީއްވެ ހެއްޔެވެ؟

"ސީ ޔޫ އެރައުންޑް..." ބޭނުން ކަންތައް ވުމުން މިރްހާ މާގިނައިރު އެތާ މަޑުކުރާކަށް ގަސްތެއް ނުކުރެ އެވެ.

ދަމުން އޭނަ ދިޔައީ ގަހުގައި ހުރި ޓޮމާޓޯ ބިނދެލައިގެންނެވެ. އެވަގުތު އަނަސް ކޮންމެވެސް އެއްޗެކޭ ބުނިކަން އެނގުނެވެ. އެކަމަކު އޭނަ ފުރަގަސްދިނުމުން ބުނި އެއްޗެއް ރަނގަޅަށް އަޑެއް ނީވުނެވެ. ކީކޭ ހިތަށްއަރައިގެން ކަމެއް ނޭނގެ އެވެ. ތަންކޮޅަކަށް ގޮއްސައި މިރްހާ ހުއްޓިއްޖެ އެވެ.

"އެއްޗެކޭ ބުނިންތަ؟" މިރްހާ އެނބުރިފައި އެހި އެވެ.

"އިން ޝާ ﷲ! އެހެން އަހަރެން ބުނީ..." އަނަސް ޖަވާބުދިނެވެ.

"އޯހ އޯކޭ. އިން ޝާ ﷲ.." މިރްހާ އަނަސްގެ ވާހަކަ ރިޕީޓްކޮށްލިވަގުތު އަނަސްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިހެން ހީވި އެވެ. އެކަމަކު މާ އަވަހަށް އަނެއްފަރާތަށް މޫނު އަނބުރައިލުމުން ޔަޤީނެއް ނުވި އެވެ.

"ވެއިޓް! އަނެއްކާ ބޭސްޖަހާފަތަ؟" މިރްހާ ހަނދާންވެގެން އަތުގައި އޮތް ޓޮމާޓޯ ދައްކައިލި އެވެ.

އަނަސް ބޯހޫރާލިތަން ފެނިގެން އަވަހަށް އަނެއްކާވެސް ހިނގައިގެންފި އެވެ.

***

ރަށުގެ ދެކުނުފަރާތު ފުށްޓަރުމައްޗަށް ދަތުރުދާން ރޭވިމީހުން އެނދުން ހިއްލާލިއިރު ހެނދުނު ނުވައެއްގެ ފަސްވެއްޖެ އެވެ. އެއިރު އަދި ހުރީ ގެންދަންޖެހޭ އެއްޗެހި ތައްޔާރުނުކޮށެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ދޭއް ތިނެއް ޖަހާއިރު ނިދަން އޮށޯވެވޭކަމަކަށް ނުވެއެވެ. ވަކި ހާއްސަކަމެއް ނެތަސް ކޮންމެވެސް ސަކަރާތެއްގައި ތިބެގެން ނިދުން ލަސްކުރރާނެ އެވެ. ފަތިސްނަމާދަކަށް ހޭލާ ބައެއް ނޫނެވެ. މެންދުރުވަންދެން ވެސް ނިދަން އޮވެވިދާނެ ނޫން ހެއްޔެވެ؟

ކޮންމެއަކަސް ދަތުރުތައްޔާރުކޮށްގެން ދެވުނުއިރު ދިހަގަޑިބައި ވެއްޖެ އެވެ. އަދި އެވަރުންވެސް ބައެއް އެއްޗެހި މަދެވެ. އެއްޗެއް ނުގެނެވޭކަން އެނގެނީ އެ އެއްޗެއްގެ ބޭނުން ޖެހުނީމަ އެވެ. އެކަމަކު އަނބުރާ ބަލައިދާން ކެރުނު މީހަކު ހުރި ކަމަކަށްނުވި އެވެ. ހަލީލު ގުޅައިގެން އަނަސް މިހާރު ދެތިންބުރު ޖަހައިފި އެވެ. އަތިރިމައްޗަށް ދެވުނީއްސުރެ މެހެވިޝް ކަމަކީ ސަންލޯޝަން ލައިގެން ވެލިގަނޑުމަތީ ގޮތްގޮތަށް ސެލްފީ ނެގުމެވެ. ނާޒްލީންއާއެކު ކައްކަން އުޅެނީ އަވަށްޓެރި ގެއެއްގެ އަންހެންކުއްޖެކެވެ. ނޫރާ އާއި މިރްހާވެސް ކުދި ކުދި ކަންތައްކޮށްދިނެވެ. އެ އެންމެންނަށްވުރެ ފޯރީގައި ދަތުރާ ވެގެން އުޅެނީ ޒައިދު އެވެ. ކައްކަން އުނދުން ރޯކުރީވެސް ޒައިދު އެވެ. އެތަންވެސް ފޮޓޯ ނަގަން މެހެވިޝް އައެވެ. "އައިލެންޑްލައިފް" ގެ ޓެގާއެކު ފަހަރަކު ފޮޓޯއެއް ސޯޝަލް މީޑިއާ ދޫކުރަމުންދިޔަ އެވެ. މެހެވިޝް ގޮވަން ފެށުމުން މިރްހާއާ ނޫރާވެސް ސެލްފީ ނެގުމުގައި ބައިވެރިވާން ދިޔަ އެވެ. ގޭގައި އުޅޭއިރު ދެމީހުން ކިތަންމެ ވަރަށް ދެބަސްވިއަސް ސޯޝަލް މީޑިއާއަށް ފެންނާނީ ލޯބިން އުޅޭ ދެބެންނެވެ.

މަސްބަތްގަނޑެއް އަދި ކެއްކިއެއް ކަމަކު އެމީހުން ގެނެސްފައި ހުރި ތައްޔާރީ ކާނާގެ ބާވަތްތައް މަދެއް ނޫނެވެ. ހުރިހާއެއްޗެއް އަތުރާ ނިމުމުން އެކަކުވެސް ކެޔަނުދީ މެހެވިޝް ފޮޓޯނަގަން އެންމެން ދުރުގައި ހިފެހެއްޓި އެވެ.

"މެހެވިޝް ދެން ކިހާދެރަކަމެއް މީ؟ މިހާރު ހިހޫވަނީއޭ. މަ ހައިވެގެން މަރުވާން ކައިރިވެއްޖެ..." މިރްހާގެ ކެތްތެރިކަން ކޮޅުންލައިގެން އެންމެފަހުން މެހެވިޝް ފޮޓޯ ނަގަނަގާ ހުއްޓާ ކާން ޖައްސާލައިފި އެވެ.

"ތެދެއް މެހެވިޝް މިހާރު ވެދާނެއެއްނު.." ހަލީލު މިރްހާއާ އެއްބައިވެގެން އަނެއްކޮޅުގައި ޖައްސާލައިފި އެވެ. މިރްހާ ވީ އުފަލުން ހިނިތުންވެލާފައި އަވަހަށް އިޝާރާތްކޮށްލީ ނޫރާއަށެވެ.

"ސަތޭކަ ގަނޑު ނެގިއަސް މީނައަށް ކަމުދާނީ އެތަނުން އެންމެގަނޑެއް. އަދި އެވެސް ގިނަފަހަރު އެންމެ ފުރަތަމަ ގަނޑު. ދެން ކޮންހާ ބޭކާރުވަގުތެއް.." ކާއެއްޗެހި އަޅައިގެން ދެމީހުން އެއްފަރާތުގައި ތިބެފައި މިރްހާ އަދިވެސް މެހެވިޝްއަށް އެތިވަރު ގޮވި އެވެ. އަނގައިގައި ހުރި ކާއެއްޗިއްސާއެކު ވާހަކަނުދެއްކިގެން ނޫރާ ކުރި ކަމަކީ ބޯޖެހުމެވެ. އެހުރިހާ އެއްޗެއް ގެނައިރު އަދި ފެން ނޫނީ ލުއި ބުއިމެއް ގެނެވިފައި ނެތްކަން ރޭކައިލީ އެހިސާބުންނެވެ. ގިރާފައި ހުރި ޖޫސްފުޅިތައް ބެހެއްޓާފައި އާދެވުނީ ފްރިޖްގަ އެވެ. ހަލީލު ބޯހޫރަމުން އަނެއްކާވެސް ފޯނު ނަގައި އަނަސްއަށް ގުޅައިފި އެވެ.

މާގިނައިރެއް ނުވެއެވެ. އަނަސް ޖޫސްފުޅިތައް ހިފައިގެން އަތުވެއްޖެ އެވެ. ހަލީލު އިޝާރާތްކޮށްލުމުން ރަށުޕިކަޕުން ނަގައިގެން ގެނެސް އެއްފަރާތެއްގައި ބެހެއްޓި އެވެ.

"އަނަސް އާދޭ ދެން އެތިކޮޅެއް ކާލައިގެން ދާން!" ހަލީލު އަނަސްއަށް ދައުވަތުދިނެވެ.

ބައްޕަ އަނަސް ހުއްޓުވާފައި ގޮސް ޕިކަޕު ކައިރީ ތިބެ ދެމީހުން ވާހަކަދައްކަން ފެށުމުން މިރްހާއަށްވެސް އެނބުރި އެދިމާއަށް ބަލައިލެވުނެވެ.

"ވަޓް އިޒް ހީ ޑުއިން؟ ކާން ދައުވަތުދޭއިރު އެހުރީ އެފިރިހެނާ ހުރި ވައްތަރު؟ ނޭނގެ ކޮންތާކަށް ވަދެފަ ކަމެއް ނޫނީ ކޮން ނަޖިސްގަނޑެއްގައި ހިނާފައި އައިސްކަމެއް. މުޅިމީހާ އެހުރީ ހިރަފުސް ތަތްލައި ދަލުން ފެންވެރިފަ. އިއޫ....ގްރޮސް.. ދެންމެ ފެންފުޅި ބަހައްޓަން މިހެންލާފަ ދިޔަ ކަމަށްޓަކާ މި މިހިރީ ހޮޑުލަވާފަ. އޭނަ މިތަނަށް ކާން އަތުވެއްޖެއްޔާ މަ ނީންނާނަން މިތާކު...." މެހެވިޝް ރުޅި އައިސްއައިސްފައި ވާހަކަދެއްކީ ކައިރީ ތިބި ނޫރާމެނަށް އަޑުއިވޭ ވަރަށެވެ.

ޒައިދު ފާޑަކަށް ބަލާލިނަމަވެސް ބަހަކުން ބަހެއްނުބުނެ އެވެ. އެވަގުތު ނޫރާގެ ނަޒަރުގެ އިހްސާސްވެގެން މިރްހާއަށް އެމޫނަށް ބަލައިލެވުނެވެ. ދެން އިސްޖަހާލައިފި އެވެ.

ހަލީލު އެނބުރި އަންނަންފެށީ އެކަންޏެވެ. ދެން ފެނުނީ އަނަސް ޕިކަޕަށް އަރައިގެން ނައްޓާލިތަނެވެ. ހަލީލު އައިސްބުނީ އަނަސް ކައިގެން ހުރިކަމަށް ބުނެ މަނާވެގެން ވާހަކައެވެ. އެކަމާއި އެންމެ އުފާވީ މެހެވިޝް އެވެ. މިރްހާއަށްވެސް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. ދައްތަ އެބުނީ މުޅިއަކުން ދޮގެއް ނޫނެވެ. އަނަސް ހުރީ ނިކަން ހަޑިވެފަ އެވެ. އަނނެއްކޮޅުން މެހެވިޝްއަކީ ހިތުގައި އޮންނަ ވާހަކަ ދުލާއި ހަމައަށް ގެނައުމުގެ ކުރިން ވިސްނައިލާ މީހެއް ނޫނެވެ. ހިތަށށް އަރާއިރު އޮންނާނީ ބުނެފަ އެވެ. އެހެންމީހުންގެ އިހްސާސްތަކަކަށް ނުވިސްނާނެ އެވެ. ކަމަކާނުލާ މެހެވިޝްގެ ވިހަ ބަސްތަކާއި ކުރިމަތިލާން ޖެހުމަށްވުރެ އަނަސްއަށްވެސް ރަނގަޅުވާނީ އެމީހުންނާއި ދުރުގައި ހުރުމެވެ.

އަންނަންވީއިރު ގިނަވެފައި ހުރި ކާއެއްޗެހިތަކަށް ހަދާނެ ގޮތަކާއިމެދު މަޝްވަރާ ކުރެވުނެވެ. އުކައިލލުމަށްވުރެ ދަނޑުތަކުގައި މަސައްކަތުގައި އުޅޭ މީހުންނަށް ބަހައިލުން ރަނގަޅުވާނެ ކަމުގައި ހަލީލު ބުންޏެވެ. މެހެވިޝްވެސް އެހިސާބުން ދެން އެއެއްޗެހި ދަނޑުތަކުގެ އަހުލުވެރިންނަށް ދިނުމާއިމެދު ދެކޮޅެއްނުވި އެވެ. އުކާލާބަޔަށްވުމުން ދެން އެކަމާއި ދެބަސްވުމެއް ނެތެވެ.

އައިމަގުމަތީ ބާކީ ހުރި ބަތާއެކު ތެލި ބޭލީ ދަނޑުތަކާއި ހަމައިންނެވެ. މިރްހާ ބައިސްކަލު ލަސްލަހުން ދުއްވަދުއްވާ ހުރީ އެހެންމީހުން ގޮސް އޮބާލަންދެނެވެ. މެހެވިޝްގެ ވާހަކަތަކުން ހިތަށް އަސަރުކޮށްގެން ނޫންކަމެއް ނޭނގެ އެވެ. އޭނަ އަނަސް އުޅޭގޮތް ދެކިލާހިތްވި އެވެ. އެނިޔަތުގައި ބައިސްކަލު އެއްފަރާތެއް ބަހައްޓާފައި ގަސްތަކުތެރެއިން ވަދެގެން ދިޔަ އެވެ. އެއްތަނަކުން ތަންކޮޅެއް ގިނަމީހުން އެއްފަހަރާ ވާހަކަދައްކާ އަޑު އިވިގެން ބެލިއިރު މަސައްކަތުގެ އަހުލުވެރީން އެއްވެގެން ކަނީ އެވެ. ކައިރީގައި ތެލި ހުރިއިރު ކޮންމެ މީހަކުމެ ކަމުން ދިޔައީ ބޮޑު ފަތަކަށް އަޅައިގެން ދަނޑުގެ އެއްފަރާތުގައި ހުސްތަނުގައި ހަދާފައި ހުންނަ އަށިތަކުގައި ތިބެގެންނެވެ.

އަނަސް ނުފެނިގެން ހޯދަމުން މިރްހާ ގޮސް އެތާހުންނަ ގެގަނޑުގެ އެއްފަރާތުން ނިކުމެވުނީ ކުކުޅުތަކެއްގެ ކައިރިއަށެވެ. އަދި އަނަސްވެސް ހުރީ އެތާގަ އެވެ. ބިންމަތީ އޮތް ރުއްބުޑެއްގެ މަތީ އިނދެ އަތުގައި އޮތް ފަތުގައިވާ ބަތުން ފަހަރަކު ސުވަލެއް ކަމުން ދިޔައިރު އިރުއިރުކޮޅާ ބިންމައްޗަށް ބަށްމުށެއް އަޅައިލަ އެވެ. ކުކުޅުތައް ފޯރީގައި ކައި ހުސްކޮށްލލާއިރަށް އަނެއްކާ އަނެއް މުށް އަޅައެވެ. ހުއްޓުން އަރާފައި މިރްހާއަށް ބަލަން ހުރެވުނީ އެވެ. އެއީ ހަމަ އޭނަ ކުޑައިރު އެކުގައި އުޅުނު އަނަސް އެވެ. އެތައް އަހަރެއް ފަހުންވެސް އާދަތައް އެހުރީ އެގޮތުގަ އެވެ. އަނަސް އޯގާތެރިކަން ބަހައްޓަނީ ހަމައެކަނި ކުޑަކުދިންނާއި މުސްކުޅިންނަކަށް ނޫނެވެ. އޭރުވެސް ދިރޭ ތަކެއްޗަށްވެސް އެހާމެ އަޅައިލަ އެވެ.

"ކޮންއިރަކު އައީ؟" އަނަސް ކައި ނިންމާލައިފައި ތެދުވިތަނާ މިރްހާ ފެނުމުން ކުޑަކޮށް ސިހުނުކަން އެނގުނެވެ.

"ދެންމެ އައީ." މިރްހާ ހިނިތުންވެލި އެވެ.

އަނަސް އޭނައަށް ހާއްސަ ނަޒަރަކުން ބަލާލައިފައި އައިސް ގެގަނޑު ތެރެއިން ފެންފުޅިއެއް ނެރެގެން އަތތްދޮވުނެވެ. ދެން ފެންކޯވަރަކުން ކަރު ތެންމާލައިފައި އެ ހިފައިގެން ގޮސް ކުކުޅުތައް ކައިރީ ކިލާވެފައި ހުރި ތަށިގަނޑަކަށް ފެންއަޅާފުރާލައިފައި ހިންދެމިލައިފި އެވެ.

"ކޮންއިރަކުން ބްރޭކް ނަގަނީ ދެން؟" މިރްހާއަށް ދައްކާނެ ވާހަކައެއް ނޭނގިގެން ސުވާލުކޮށްލި އެވެ.

"އަޞުރު ވަގުތާއި ކައިރިކޮށްފަ..." އަނަސް ގަޑިއަށް ނަޒަރެއްދީފައި އޮޅުންފިލުވައިދިނެވެ.

މިރްހާ ދަނީއޭ ކިޔާފައި ހަނާއަޅާލުމަށްފަހު ހިނގައިގެންފި އެވެ. އޭނަ ތަންކޮޅަކަށް ގޮސްގޮސްފައި އެނބުރި ބަލާލިއިރު އަނަސް ފެންނަންވެސް ނެތެވެ. އެވަގުތުވެސް އޭނައަށް ފާހަގަވީ އަނަސްގެ ތަފާތުކަމެވެ. އެހެންމީހަކު ނަމަ ފުރުސަތުގެ ބޭނުން ހިފައިގެން ވަނާތަކަށް ކަޅިއަޅަން ހުންނާނެ އެވެ.

***

ޖެހިގެން އައި ދުވަސްތަކުގައި މިރްހާ އަނަސްއާ ބައްދަލުކުރަން ދާން ފެށީ އަނެއްކާވެސް ފަތިހު އެންމެން ނުތެދުވާ ގަޑީގަ އެވެ. ދަނޑުތަކުތެރެއިން އޭނަ ހިނގާފައިދާއިރު ކޮންމެ މީހަކުވެސް ބަލައިލާނެ އެވެ. އެކަމަކު އަނަސް ބައްޕަ ނޫން މީހަކު އޭނަ ފެނިގެން ގޮވައެއްނުލަ އެވެ. އަދި ފަހުން ފަހުން އެކަން އާންމުކަމަކަށް ވުމުން އެކަކުވެސް ކުރިން ހައިރާންވެގެން ބެލުން ހުއްޓާލައިފި އެވެ.

އެދާ ކޮންމެ ދުވަހަކު މިރްހާ އަބަދުވެސް ހޯދަނީ އެންމެ މީހެކެވެ. އޭނަ ގޮސް ހުއްޓޭނީ އަނަސް ފެންނަ ހިސާބުގަ އެވެ. އަނަސް އަބަދުވެސް އުޅޭނީ މަސައްކަތުގަ އެވެ. މިރްހާ ބުނާނީ ޖޮގިންއަށް ނިކުމެ ދަނޑު ބަލައިލަން ދަނީ ކަމުގަ އެވެ. އެހެން އުޅޭއިރު އެދެމެދުގައި ވަކި ހާއްސަ ވާހަކަތަކެއްވެސް ނުދެކެވެ އެވެ. މިރްހާ ބައެއްފަހަރު ސުވާލުކުރުމުން މަސައްކަތާއި ގުޅޭ ސުވާލުތަކަށް އަނަސް ޖަވާބުދޭނެ އެވެ. އިތުރަށްވެސް ކިޔައިދޭނެ އެވެ. މިރްހާއަށް ފާހަގަވީ އަނަސް ދަނޑު ހައްދަނީ ނިކަން ހައްދާހިތުން ކަމެވެ. ގަސްތަކަށް ބަލަނީވެސް އަތްލާ ހަދަނީވެސް މީހަކު އޭނަގެ ފުރަތަމަ ލޯބިވެރިޔާއާ މެދު ކަންތައްކުރާހާ ލޯބިންނެވެ. ގަސްހައްދާ ބޮޑުކުރުމުގެ ވާހަކަ ފަށައިފިނަމަ އަނަސްގެ އަޑަށް ވެރިވާ ޖޯޝާއެކު އޭނަ ނުހުއްޓުވައިފިނަމަ ހުއްޓާނުލާ ކުރިއަށް ހިނގައިދާނެ އެވެ. މިރްހާއަށް ގިނަފަހަރު އަނަސްގެ ވާހަކަތައް ފުންކަމުން މާނަ މުޅިން ދޭހަނުވެ ހިނގައިދެ އެވެ. ކިރިޔާވެސް އެކަށީގެންވާ ވަރަކަށް އަނަސް ވާހަކަދައްކާ އުޅެނީ އެފަދަ ވަގުތުތަކުގަ އެވެ. އެނޫން ވަގުތެއްގައި ކޮންމެހެން ނުބުނެ ނުވާ ބަހެއް ނޫނީ ދުލަކުން ބޭރެއް ނުކުރާނެ އެވެ.

"ދެން ހަމަ އެހެން ކަހަލަ މަސައްކަތެއް ކުރާކަށް ނުވެސް ވިންނަންތަ؟ މިރަށުގަތަ ހަމަ އެއްކޮށްވެސް އުޅެން ގަސްތުކުރަނީ؟" މިރްހާ އެއްދުވަހަކު ސުވާލެއް ކުރި އެވެ.

"ތީ އަހަރެން އޭލެވެލް ނިންމިތަނާ ބައްޕަވެސް ކުރި ސުވާލެއް. އަހަރެން ދޭނީ ބައްޕައަށްވެސް އަހަރެން ދިން ޖަވާބު. މީ އަހަރެން ވަރަށް ގަޔާވެގެން ކުރާކަމެއް. ހިއެއްނުވޭ މިހާ ގަޔާވެގެން ކުރެވޭނެ އިތުރު މަސައްކަތެއް އޮންނާނެ ހެނެއް. ކޮންމެދުވަހަކު އެތައް އަޖާއިބެއް ދެކެން ލިބުމަކީ ނަސީބެއް..." އަނަސްގެ ދިގު ޖަވާބުތަކުން ޖަވާބެއް އެސުވާލުގެ ޖަވާބުގައި ލިބުނެވެ.

"ގަސްހައްދާ ބޮޑުކުރުމަކީ ތިހާ އަޖައިބުވާ ކަމަކީ ކޮބައިތަ؟ ދޭ ޖަސްޓް ގްރޯ އަޅާނުލާ ހުއްޓަސް. ބަލާބަ ވައިލްޑް ފްލާވާރސް..." މިރްހާ ހަށަން މޮހާލައިފައި ވައިގެތެރޭ އަތް ހޫރާލަމުން އިޝާރާތްކޮށްލީ ދަނޑުތަކުގެ ބިތްދޮށުގައިވާ ގަސްތަކާއި ދިމާއަށެވެ. އެތަނުގައި މީހެއްގެ އަޅައިލުމެއްނެތި ހެދިފައި ހުންނަ ހަންޑިމަލާއި އެކިކަހަލަ ގަސްތައް ހުރެއެވެ. އެއީ ދެން އެހާ އަޖައިބުކުރުވާ ކަމެއް ހެއްޔެވެ؟

"އަޖައިބެއް ފެނުނިއްޔާ އެނގޭނެތަ؟" އަނަސް އެސުވާލުކޮށްލިއިރު އޭނަގެ މޫނަށް ބަލައިލި އެވެ.

"އައިމް ނޮޓް ޑަމް..." މިރްހާ ފާޑަކަށް ހިތްހަމަނުޖެހުނެވެ. އޭނަ ހީކުރީ އަނަސް އޭނައާ ނުބައި ސަމާސައެއްކުރަނީ ކަމަށެވެ.

"ކުޑަކުޑަ ކިރިޔާ ލޮލަށް ފެންނަވަރުގެ އޮށަކުން ގަހެއް ފަޅައި، ބޮޑުވެ އޭގައި މޭވާ އެޅުމަކީ އަހަރުމެން ހެއްދެވިފަރާތުގެ ކުޅަދުންވަންތަކަން ދައްކުވައިދޭ އަޖައިބެއް... އެއީ އަހަރެން މިބުނާ ވާހަކައަކީ." މިރްހާ ރުޅިއައިހެން ހީވުމުން އަނަސް ތަންކޮޅެއް ކުރުގޮތަކަށް ހާމަކުރި އެވެ.

މިރްހާ ވަކި އެއްޗެއް ނުބުނެ ހުރެލާފައި އެތަނުން ދާންވެގެން އަނބުރާލައިފި އެވެ. އޭނަ އަބަދުވެސް ބައިސްކަލު ބަހައްޓާތަނުން ބައިސްކަލު ނަގައިގެން ދުއްވާލައިފައި ގޮސް ދޮރާށިން ވަންއިރު ގޯތިތެރެ ފެނުނީ އަމާންކޮށެވެ. ބައިސްކަލު ބަހައްޓާފައި ދޮރާއި ހަމައަށް ދިޔަތަނާ ފައިގައި އައިސް އޮޅިގަތީ ނޫރާ ގެނެސްގެން ގެންގުޅޭ ބުޅާގަނޑެކެވެ. މިރްހާ ގުދުވެ އޭތީގެ ބުރަކަށީ ފިރުމާލައިފައި ނިކަން ލޯބިން ދެތިން ވާހަކައެއް ބުނެލި އެވެ. ދެން އައިސް ގެއަށް ވަންއިރު ސިޓިންރޫމްގައި މެހެވިޝް ހޭލާ އިންދާ ފެނުމުން ކުޑަކޮށް ސިހިފައި ހުއްޓެވިއްޖެ އެވެ.

"މީރާއަށް އިނގޭތަ މީރާ ތިއުޅޭ ގޮތް މަންމަމެނަށް އެނގިއްޖެއްޔާ ވާނެގޮތް؟" މެހެވިޝް ތެދުވެ ސުވާލުކޮށްލިއިރު އެމޫނުގައި ސީރިއަސްކަމެވެ.

މިރްހާގެ ހިތް ތެޅިގަތީ އަމަށަކު ވަރަކަށް ނޫނެވެ. މޭ ފޫއަޅުވާލައިފައި ނިކުންނަން އުޅޭ ކަހަލަ އެވެ. ވައްކަން ކުރަން އުޅެނިކޮށް ވަގުހިފައިގެން އުޅޭމީހަކު ފަދައިން އޭނައަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. އެވަގުތު މެހެވިޝް އައިސް ކައިރިއަށް ހުއްޓިއްޖެ އެވެ.

ނުނިމޭ

ދިގު ވާހަކަ

Popular