21 Nov 2020

By: Mariyam Yasma

ދަނީއޭ ބުނެ ލުއި ހިނިތުންވުމެއް ވެރިކޮށްލާފައި އަނަސް ގޮސް ގެއްލޭންދެން އޭނަ ކަޅިޖަހާނުލާ ބަލަން ހުއްޓެވެ.

***

ހިތް އަވަސްވެ އުފާވެރިހުރިވަރުން މިރްހާއަށް ނާސްތާކުރެވުނީ ކުޑަކޮށެވެ. ތެދުވެ ކޮނޑުގައި އަޅުވައިލި ބޮޑު ކެންވާސް ދަބަސް ހުޅުވާލައިފައި ހަސަންއަށް ގެންދަންވެގެން ގަތް އެއްޗިއްސަށް ނަޒަރެއްދިނެވެ. ނިކުމެ ނިކުމެ ހުއްޓާ އުލާ ދުވަމުން ނިކުތީ އޭނަ ފޯނު ހިފައިގެންނެވެ. އުލާ ފޯނު ދިނުމުން އޭނަ ހެވިލާފައި ޝުކުރުއަދާކުރި އެވެ. ނިކުމެ އަނަސްއާއި ދަރިފުޅު އުޅޭ ގެއަށް ދިޔަ މަގުމަތިން ބަލައިލި ކޮންމެ ދިމާއަކުން އެދުވަހު އޭނައަށް ފެނުނީ މުޅިންވެސް ހިތަށް ފިނިކަން ގެނެސްދިން މަންޒަރެކެވެ.

ސަލާމް ގޮވާލުމުން އަނަސްގެ ބަދަލުގައި ސަލާމް ބަލައިގަތީ އަންހެންކުއްޖެކެވެ. މިރްހާ ކުޑަކޮށް ހައިރާންވި އެވެ. އެވަގުތު ކުރިން އެގެއިން ފެނުނު އަންހެންކުއްޖާ ހަނދާންވި އެވެ. އެއީ އެގޭގައި އުޅޭ ކުއްޖަކަށްވެސް ވެދާނެކަމުގައި ހިތަށް ވިސްނަދީފައި ވަންއިރު އެއަންހެންކުއްޖާ ސޯފާގައި އިނީ ހަސަން އުނގަށްލައިގެންނެވެ. ހަސަންގެ އަތަށް ކުޅޭ އެއްޗެއް ދީގެން ބޮލުގައި ފުނާއަޅުވަނީ އެވެ. އެވަގުތު ހަސަންއަށް މިރްހާ ފެނުމުން ހިނިއަތުވެއްޖެ އެވެ.

"އާދޭ އިށީންނަން!" ސައިނާ މަސައްކަތް ނިންމާލައިފައި ފުނާ އެތާހުރި ވަށިގަނޑަކަށްލަމުން މިރްހާއަށް ބުނެލި އެވެ.

" އަނަސް ނެތީތަ؟" މިރްހާ ގޮސް ސޯފާގައި އިނދެގެން ހަސަންއާއި ސައިނާގެ ހަރަކާތްތަކަށް ބަލަބަލާފައި އަނަސްގެ ޚަބަރެއް ނުވެގެން އަހައިލެވުނެވެ. ސައިނާ އެވަގުތު އޭނަގެ މޫނަށް ބަލައިލި އެވެ.

"އަނަސްވީ މިހާރު މަސައްކަތު ގޮސް.." ދެވަނަ ފަހަރަށް ހަސަންއަށް ސަމާލުކަން އަނބުރާލަމުން އޭނަ ޖަވާބުދިނެވެ.

"އޯހ.." މިރްހާގެ އަނގައިން ނިކުތެވެ. ސައިނާގެ އެޖަވާބުން އޭނަ ކުޑަކޮށް މާޔޫސްވި އެވެ. މާލޭގައި ގެއާއި ބޭރުތެރޭ ލާން އާދަވެފައި ހުންނަ ހެދުންތަކާއި ތަފާތު ކަކުލާއި ހަމައަށް ނިވާވެފައިވާ ވަޅުފެހިކުލައިގެ އަތްދިގު މެކްސީލައިގެން އޭނަ އައީވެސް އަނަސް ރުހޭފާޑުގެ ހެދުމަކަށް ވާނެތީއެވެ.

އިރުކޮޅަކުން ސައިނާ ތެދުވެފައި ހަސަން ދިއްކޮށްލި އެވެ. އިޚުތިޔާރެއްނެތި ދިއްކޮށްލެވުނު ދެއަތަށް މިރްހާގެ ނަޒަރު ހުއްޓުމާއެކު ފަނޑު ހަނދާނެއް އައިސް ސިކުނޑީގައި ކޮށްޓާލުމުން ފަސްޖެހޭގޮތްވި އެވެ. އެކަމަކު ދެވަނަ ސިކުންތުގައި އޭނަ އެހިޔާލު ހިތުންނެރެ އެއްލާލައިފައި ކުރިއަށްވުރެ ބޮޑަށް އަތްދިއްކޮށްލައިފި އެވެ. ސައިނާ ހަސަން ދޫކޮށްލުމާއެކު އެތުއްތު ދަރިފުޅުގެ ބަރުއޭނަގެ ދެއަތަށް އިހްސާސްވެފައި މެއަށް ބާރުވެގެން އައެވެ. ވަގުތުން ފެންކަޅިވި އެވެ. ހަސަން ގެނެސް އުނގުގައި ބައިންދާލައިފައި އެމޭގައި ލައްކޮށްލެވުމުން ވަށައިގެންވި ހުރިހާއެއްޗެއް އޭނައަށްޓަކައި ގެއްލުނުކަހަލަ އެވެ.

"މިހާ ލޯބި އިހްސާސަކާއި ދުރުގައި އޭނަ މިހާދުވަހު ކެތްކުރީ ކިހިނެއް ހެއްޔެވެ؟ މިއުފާވެރިކަން ފަހަތުން ދުވަމުން މިއަށްވުރެ އަވަހަށް ނައީ ކީއްވެ ހެއްޔެވެ؟ އޭނަގެ ހިތް އެ ނަފްސާމެދު ޝަކުވާއިން ފުރުނެވެ. އޭނަގެ ހަށިގަނޑުން އެއްބަޔާއި ނުލާ އޭނަ ދިރިއުޅުނީ ކިހިނަކުން ހެއްޔެވެ؟

"ދެންމެ ކާންދީފަ ތިހުރީ. އިތުރުކަމެއް ބޭނުންވަންޏާ ގޮވާލާ. އަހަރެން މިދަނީ ހަސަންގެ ހެދުންތައް ދޮވެލަން ." ސައިނާ ވާހަކަދެއްކިއަޑަށް މިރްހާއަށް ހޭވެރިކަންވި އެވެ. އޭނަ ބޯޖަހައިލާފައި ހަސަންގެ މޫނަށް ބަލައިލި އެވެ. ހަސަން ދެފަރާތަށް އެނބުރި އެނބުރިފައި ބަލަނީ އަތުން ވެއްޓިފައި އޮތް މަޑު ބޯޅައަކަށެވެ.

މިރްހާ ދަރިފުޅަށް ގެނެސްދިން ކުޅޭއެއްޗެހިތައް ހަނދާންވެފައި އަތްފޯރާ ފަށުގައި ހުރި ދަބަސް ހުޅުވައިލި އެވެ. ދަބަސްތެރެއިން ކުދި ކުދި ކާރުތައް ފެނުމުން ހަސަން އެންމެ ގަޔާވީ ރަތްކުލައިގެ ކާރަކަށެވެ. އެކަމަކު ނަގައި ފުރަތަމަވެސް ލީ އަނގައަށެވެ. މިރްހާ ގާތަށް ހިނިއައެވެ.

"ހޯހޯ މަންމިގެ ދޫންޏާ މީ އަނގައަށްނުލާނެ. މި ކާރު. ދަރިފުޅު ބޭނުންތަ ދުއްވާލަން؟." މިރްހާ ދަރިފުޅާއި ވާހަކަދައްކަމުން ސޯފާތަކުގެ އެއްފަރާތުގައި ވާ ހުސްތަނުގައި ހަސަން ގޮވައިގެން އިށީނދެއްޖެ އެވެ. އޭނަ ކާރު ދުއްވައިލުމުން ހަސަން ފޯރިއަރައިގެން ތެޅިގަތީ ތިރީގައި ނުއިށީނދެވިގެންނެވެ. ބޭންދިހާއިރުން ކާރު ނަގަން ދިޔައީ ބުޅަލެއްހެން ފިރުކިލައިފައެވެ. ހިނގެން ފެށުމަށްފަހުވެސް އެހާ ފަރިތަ ނުވާއިރު ތަންތަނަށް ބާރަށްދާން ގިނަ ކުދިން ފިރުކިލާފައިދެ އެވެ.

ހަސަން ގޮސް ކާރު ނަގާފައި އަނެއްކާވެސް އަނގައަށްލާން އުޅުމުން މިރްހާ އެދަރިފުޅުގެ ނަމުން ގޮވައިލި އެވެ. އެވަގުތު ހަސަން ބަލައިލުމުން ތިރިއަށް އިޝާރާތްކޮށްލާފައި ދުއްވައިލަން އޭނަ ބުނެލި އެވެ. ހަސަން މުށިގަނޑަށް ބަލާލައިފައި ކާރަށް ބަލައިލީ އެކަމާއި ވިސްނަމުން ކަހަލަ އެވެ. އެކަމަކު ދެން އަނެއްކާވެސް ލީ އަނގައަށެވެ. މިރްހާއަށް ތެދުވެގެން އަވަހަށް އެދިމާއަށް ދެވުނެވެ. އޭނަ ކާރު އަތުލުމުން ހަސަން ރޯން ފަށައިފި އެވެ.

ތަކުރާރުކޮށް ސޮރީއޭ ބުނެ ދަރިފުޅު އުރާލައިގެން ރުއްސަން މަސައްކަތްކުރަމުން މިރްހާ ގޯތިތެރެއަށް ނިކުމެލި އެވެ. ދުރުގައިވާ ހިރުނދުގަހެއްގައި އެލުވާފައި ހުރި އުދޯނލި އޭނަގެ ލޮލުގައި އަޅައިގަތުމުން އެދިމާއަށް ދިޔައެވެ. އުނދޯލި ހެއްލަން ފެށުމުން ހަސަން މިރްހާގެ އުނގުގައި އޮށޯވެލައިފި އެވެ. ހެއްލާއިރު އައިސް މޫނުގައި ބީހިލާ ވައިރޯޅިއާއެކު ހަސަން އިރުއިރުކޮޅާ ހީގަނެ އެވެ. މިރްހާ ފުރަތަމަ ހީކުރީ އެހެންނެވެ. ހެއްލާއިރު ބަނޑުހީލި ކަރުވަނީބާއޭ ހިތަށްއެރީ ފަހުންނެވެ.

އޭނަ އުނދޯލިން ތެދުވެގެން ހަސަންއާ ވާހަކަދައްކަމުން ހަސަންއަށް އެކި އެއްޗެހި ދައްކަމުން ގޯތިތެރޭ އުޅުނީ ފޫހިކަމެއް ނެތިއެވެ. އިރުގަނޑެއް ފަހުން ސައިނާވެސް ވަށިގަނޑަކަށް ހަސަންގެ އަންނައުނުތައް އަޅައިގެން ބޭރުގައި ހިއއްކަން އަޅަން އަތުވެއްޖެ އެވެ. ސައިނާ ހަސަން ބަލާތާ ކިހާ ދުވަހެއްވެއްޖެތޯ މިރްހާ އެހުމުން ލިބުނު ޖަވާބުން ސިހުމެއް ލިބުނެވެ. ސައިނާއަކީ ހަސަންގެ ފުރަތަމަ ނެނީ އެވެ. އަނަސް އެރަށަށް ބަދަލުވީއްސުރެ ހަސަން ބެލުމާއި ހަވާލުވެ ހުރި ފަރާތެވެ.

"ތެންކިއު. މިހާ ދުވަސްވީއިރުވެސް އެހާ ރަނގަޅަށް އަހަރެންގެ ދަރިފުޅު ބަލައިދިނީމަ..." މިރްހާ ޝުކުރުވެރިލޮލަކުން ސައިނާއަށް ބަލަމުން ވާހަކަދެއްކި އެވެ.

"ހަސަންއަކީ ވަރަށް ލޯބިކުއްޖެއް. އަހަރެން އޭނަ ބަލަނީ ވަޒީފާއެއްގެ ގޮތުގައި ދެކިގެނެއް ނޫން. އުފަލެއްކަމުގައި ދެކިގެން..." ސައިނާ ދުރުބަލަން ހުރެގެން ޖަވާބުދީފައި ހިނިތުންވެލި އެވެ. ދެން އެނބުރި މިރްހާއަށް ބަލައިލި އެވެ. އެވަގުތު މިރްހާވެސް ހިނިތުންވެލި އެވެ.

ނުވަގަޑި ޖެހުމުން ހަސަންގެ މޭވާ ތަށި ހިފައިގެން ސައިނާ އައިސް ދިނީ މިރްހާ އަތަށެވެ. މިރްހާ އެވަގުތު ސައިނާގެ މޫނަށް ބަލައިލީ ޔަޤީންނުވާ ގޮތަކަށެވެ. އަމިއްލަ ނަފްސަށް ޔަޤީންކަމެއްނެތް މީހަކު ފަދައިންނެވެ.

"މާބޮޑު ކަމެއް ކުރާކަށް ނުޖެހޭނެ. އޭނަ ހައިޗެއާއަށް ލައިފަ ފަހަރަކު އެތިކޮޅެއް ލެވީމަ ވަރަށް ފަސޭހައިން ކާނެ..." މިރްހާގެ ނުތަނަވަސްކަން ފާހަގަވެގެން ސައިނާ ބުނެލި އެވެ. މިރްހާ އެވަގުތު ބޯޖަހައިލި އެވެ.

މެންދުރަށް ކައްކަން އަނަސްގެ ބޮޑުދައިތަ ގެއަށް އައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އަނަސްވެސް މެންދުރު ނަމާދަށް ނިންމާލައިފައި އަތުވެއްޖެ އެވެ. ފެންތަށްޓެއް ބޯން ބަދިގެއަށް ވަންއިރު ބޮޑުދައިތައާއި ސައިނާ ވާހަކަދައްކަން ހުރެފައި އޭނަ ފެނުމުން ކުއްލިއަކަށް ހުއްޓައިލި އެވެ. އަނަސް ފެންތަށްޓަކަށް އެދުމުން ސައިނާ އަމިއްލައަކަށް ފެންފުޅި ނަގައިގެން ތަށްޓަކަށް އަޅާފައި ހިފައިގެން އައެވެ. ބޮޑުދައިތަ އެނބުރި އެދެމީހުންނަށް ބަލާލައިފައި ހުވަފެނީ ގޮތަކަށް ހިނިތުންވެލުމަށްފަހު އަނެއްކާ އެނބުރުނެވެ.

"ކޮބާ ހަސަން؟" އަނަސް އެހިއެވެ.

"މިރްހާ ވެއްޖެ އޭނަ ނިންދަން ވަދެ.." މިރްހާގެ ނަން ކިޔަން ޖެހުމުން ސައިނާ ހިތްހަމަނުޖެހުނެވެ.

އަނަސް އިރުކޮޅަކުން ފެންތަށި ހުސްކޮށްލާފައި އަނބުރާދިނުމަށްފަހު އޭނަގެ ކޮޓަރިއާ ދިމާއަށް ހިނގައިގެންފި އެވެ. އޭނަގެ ސިކުނޑީގައި ސުވާލުތައް ވިއެވެ. ހަސަން އާއި މިރްހާގެ ގުޅުން ބަދަހިކުރުމުގެ ބައި ކުރިއަށްދާ ގޮތާއި ބެހޭގގޮތުން ކުރަން ބޭނުންވާ ސުވާލުތަކެވެ. އެކަމަކު އެސުވާލުތައް ކުރަން އެކަށޭނައީ ސައިނާއަށްވުރެ މިރްހާއާ އެވެ. އެހެންވެ ފަސްކޮށްލާފައި ވަނީ ފުރަތަމަ ފެންވަރާށެވެ.

ބަންގިގޮވަން ފަސްވަރަކަށް މިނިޓަށްވެފައި ހުއްޓާ ފެންވަރާ ތައްޔާރުވެލައިގެން ކޮޓަރިން ނިކުތްއިރު ސިޓިންރޫމް އޮތީ ހުހަށެވެ. އަނަސް ގޮސް ދަރިފުޅުގެ ކޮޓަރި ކައިރިއަށް ހުއްޓިފައި ޓަކި ނުދޭންވެގެން މިރްހާގެ ނަމުން މަޑުމަޑުން ގޮވައިލި އެވެ. ޖަވާބެއް ނައުމުން އިރުކޮޅަކު މަޑުކޮށްލާފައި ދޮރު ހުޅުވާލީ ކުޑަކޮށެވެ. އެތެރެ ބަލައިލުމުން އޭނައަށް ފެނުނީ ހަސަންގެ ކުޑަ އެނދުގެ އެއްފަރާތެއްގައި އޭނަ ބައެއްފަހަރު އައިސް އިންނަން ބަހައްޓާފައި ހުންނަ އެނދަކަށް ބަދަލުކުރެވޭ ސޯފާގައއި މިރްހާ އާއި ހަސަން ނިދިފައި އޮތްވަ އެވެ.

އަނަސް ވަދެ މަޑުމަޑުން ދޮރު ލައްޕާލައިފައި ގޮސް ކައިރިއަށް ހުއްޓުނެވެ. މިރްހާގެ މޭމަތީ ހަސަން ނނިދާލައިފައި އޮތްއިރު އެއީ ފުރަތަމަ ފަހަރު ހެނެއް ހިއެއްނުވެ އެވެ. ހަނދާނުގެ ތެރޭ އެމަންޒަރު ރައްކާކޮށްލައިފައި އޭނަ އެތަނުން ނިކުމެގެން ދިޔައީ ހިތާއި ދެކޮޅަށެވެ.

***

މިރްހާއަށް ހޭލެވުނީ ފޯނު ރިންގް ވަނިކޮށެވެ. ލޯ ހުޅުވައިލެވުމުން އޮވެވުނު ތަނަކާއިމެދު ޝައްކުވި އެވެ. އެވަގުތު ހަސަންގެ މޫނު ފެނިފައި ހަނދާންވި އެވެ. އެހަނދެއްފަދަ މޫނުގައި ބޮސްދީފައި ނިކަން ވިސްނައިގެން ނަގައިގެން ގެންގޮސް އެނދުގައި ބާއްވާފައި އޭނަ ފޯނު ނެގި އެވެ. އުލާ ގުޅީ ކާން ނުގޮސްގެންނެވެ. މިރްހާއަށް ގަޑި ބަލައިލެވުނެވެ. ހެނދުނު ނާސްތާކުރި ފަހުން އޭނަ އެހުންނަނީ ބަނޑަށް އެއްޗެއްނުލަ އެވެ. ފެންފޮދެއް ފިޔަވައެވެ.

ނިދާ ހޭލެވުމުން އޭނަ ބޭރަށް ނިކުތީ ފެންފޮދަކުން މޫނު ދޮވެލައިގެން ޓިޝޫއަކުން ހިއްކަމުންނެވެ.

"މިރްހާ އާދޭ ކާން!" ކާގެ ދޮރުމަތިން ސައިނާ ގޮވާލި އެވެ.

"އާދެބަލަ! އަނަސް ބުނެފައޭ ދިޔައީ ހަސަން މަންމައަށް ކާންދޭށޭ. އޭނަ އައިސް އެހީމަ އޭނަ އަހަން ބޭނުންނުވާ ޖަވާބެއް ދޭކަށް އަހަރެންވެސް ބޭނުމެއް ނޫން.." މިރްހާ ގުޑިނުލާ ހުރުމުން ސައިނާ އިތުރަށް ބާރުއެޅުމުގެ ގޮތުން ވާހަކަދެއްކި އެވެ. އަނަސްގެ ވާހަކަ ބުނުމުން މިރްހާ ހިނގައިގަތެވެ.

"ވަރަށް ބޭނުންވޭ ދޯ އަނަސް ހިތްހަމަޖެހޭގޮތަށް ހުރިހާ ކަމެއް ކޮށްދޭން.." މިރްހާ ވަދެ މޭޒުދޮށުގައި އިށީންނަމުން އެސުވާލުކޮށްލީ ކަމެއް ޔަޤީންކޮށްލަންވެގެންނެވެ.

"ޖޮބްގަ އުޅެވޭނީ ބޮސް ހިތްހަމަޖައްސައިދީގެނެއްނު..." ސައިނާ ފަރުވާތެރިކަމާއެކު ޖަވާބުދިނެވެ.

އޭނަ ތަށްޓަށް ކާއެއްޗެހި އަޅަން އިންއިރު މިރްހާއަށް ފަރުވާވެ އެމޫނަށް ބަލައިލެވުނެވެ. ސައިނާ ކުރިން ބުނީ އަނަސް ބެލުމަކީ އޭނަގެ ނަޒަރުގައި ޖޮބެއް ނޫންކަމުގަ އެވެ. އެކަމަކު މިފަހަރު އެބުނީ އެހެން ވާހަކައެކެވެ. ފުރަތަމަ ދުވަހހު އެއަންހެންކުއްޖާ ފެނުނީއްސުރެ މިރްހާގެ ހިތުގައި އޭނައާ ގުޅުވައިގެން ހިތަށް އުދަނގޫކުރާފަދަ ހިޔާލެއްވެ އެވެ. އަދި މިއަދު ސައިނާ އެގޭގައި ހޭދަކުރި ދުވަސްތަކުގެ މުއްދަތު ބުނެދިނުމުން އެއުދަނގޫކަން އިތުރުވެފައިވެ އެވެ. އަނަސްގެ ކައިރީގައި އުޅެން ވެއްޖެނަމަ އަމިއްލަ ހިތް އަމިއްލަ އެއްޗެއްގެ ގޮތުގައި ބޭއްވޭނީ އެހިތް މާކުރިން އެހެން މީހަކަށް ދީފައިވާ ނަމައެވެ. އަދި ސައިނާއަކީ ނުލާހިކު ޅަ ކުއްޖެކެވެ. ދިރިއުޅުމުގެ ތަޖުރިބާއެއް ނެތް ޅަކުދިންގެ ހިތް އެންމެ ފަސޭހައިން ލެނބޭނީ ބޭރުފުށުގެ ރީތި ސިފައަށެވެ. އަނަސްގެ ކިބައިގައި ބޭރުފުށުގެ ރީތިކަންވެ އެވެ. ހަމަ އެއާއެކު އޭނަގެ އުޅުމާއި އަޚްލާޤާއި މިޒާޖަކީ ކޮންމެ ހިތެއް އަތުލައިގަތުމުގެ ބާރު ލިބިފައިވާ ސިފަތަކެވެ. އަނަސް އަމިއްލައަށް އެފަދަ ކަމަކަށް މަސައްކަތެއް ނުކުރާނެއެވެ. އެކަމަކު އޭނަގެ މަސައްކަތަކާއި ނުލާ އެތައް ބައެއް އޭނައަށް ހެއްލޭނެއެވެ. މިރްހާގެ ހިތުގައި އުފެދުނު އަނެއް ސުވާލަކީ އަނަސްއާއިމެދު އުފެދުނު ސުވާލެކެވެ. އަނަސްގެ ހިތުގައި މިއަންހެންކުއްޖާއާމެދު އެއްވެސް ހާއްސަކަމެއް ވޭ ހެއްޔެވެ؟

ހަވީރު ފިނިލީފަހުން އަނަސް އެނބުރި އަތުވެއްޖެ އެވެ. މިރްހާ އޭރު އިނީ އޭނަ ގެނަ ފޮތްތަކު ތެރެއިން ފޮޓޯ ހުރި ފޮތެއް ހުޅުވައިގެން އަނަސްއަށް އޭގައިވާ ފޮޓޯތައް ދައްކާށެވެ. އަނަސް ޝައުޤުވެރިވެފައި އޭނަގެ އުނގުގައި އިނދެގެން ކޮންމެ ގަނޑެއް އެއްލާއިރަށް އޭގައި އިނގިލި ޖައްސަ އެވެ. އަނަސް ދޮރާށި ހުޅުވި އަޑަށް ސައިނާ އެދިމާއަށް ދާތަން ފެނުމުން މިރްހާއަށްވެސް ތެދުވެވުނެވެ.

އޭނަ ހަސަން ގޮވައިގެން ދިޔައިރު އަނަސްއާއި ސައިނާ ކޮންމެވެސް ވާހަކައެއް ދައްކަނީ އެވެ. މިރްހާއަށް ފާހަގަވީ ސައިނާގެ ހަރަކާތްތަކަށް އައިސްފައިވާ ބަދަލެވެ. އަނަސްއާ ވާހަކަދައްކާއިރު އޭނައަށް ގިނައިރު އެމޫނަށް ބަލަން ނުކެރިގެން އިރުއިރުކޮޅާ އިސްޖަހައިލާ ގޮތެވެ. އެދެކޯތާފަތަށް އަރައިފައިވާ ފިޔާތޮށި ކުލަ އެވެ. ރޯމާ ދުވާލުފަދައިން އެދެލޮލުން އަނަސްއަށްޓަކައި ފައުޅުވާން ހުރި ލޯއްބެވެ. އަނަސްއަށް އެކަމުގެ އެއްވެސް ޚަބަރެއް ވެފައި ވޭ ހެއްޔެވެ؟

"ހަސަން ބަލާބަ ބައްޕަ އެއޮތް އައީ..." މިރްހާއަށް އެދެމީހުން ވާހަކަދައްކާތަން ބަލަން ހުންނާކަށް ކެތެއްނުވި އެވެ.

އޭނަ ވާހަކަދެއްކި އަޑަށް ސައިނާ އެނބުރި ބަލައިލާފައި އެއްފަރާތް ވެއްޖެ އެވެ. ހަސަން ބައްޕާއޭ ކިޔަމުން ދެއަތް ދިއްކުރަން ފެށުމުން އަނަސް ހިނިތުންވެފައި އައީ މިރްހާ ގާތަށެވެ. އަނަސް އައިސް ދަރިފުޅު ކައިރިއަށް ހުއްޓިފައި ހަޑިވެފައިވާ ދެއަތް ދައްކައިލީ ބަހަނާއެއްގެ ގޮތުގަ އެވެ.

"ބޭބީ ބައްޕަ އައްޗިވެފަ އެހުރީ..." މިރްހާ އަނގައަށް ގޮތެއް ހަދާލައިފައި ހަސަންއަށް ބުނެދިނެވެ.

އެވަގުތު ހަސަންވެސް އޭނަ ނަކަލު ކޮށްގެން އެވައްތަރު މޫނަށް ޖައްސާލައިފި އެވެ. މިރްހާ އާއި އަނަސްއަށް ހީގަނެވުނީ އެއްއަޑުންނެވެ. ފަހަތުގައި ހުރި ސައިނާ ހިތްހަމަ ނުޖެހިގެން ތުން އަނބުރާލައިފައި ދޮރާށިން ނިކުތެވެ.

"ގެނޭ އަނަސް ފެންވަރައިގެން އަންނަންދެން އަހަރެން ތިސޮރު އުރައިފާނަން. މިރްހާ ދެން ދޭ. މިހާރު ވަރުބަލިވެފައެއްނު ހުންނާނީ މުޅިދުވަހު ކުއްޖަކު ބަލަން ޖެހުނީމަ..." އަނަސް ވަދެ ގެއްލުނުފަހުން މިރްހާ ސޯފާގައި އިންދާ ބޮޑުދައިތަ އައިސް ވާހަކަދެއްކި އެވެ. މިރްހާ ސިހުނީ ބޮޑުދައިތަގެ ރާގުގައި ވި ނުރުހުން ފާހަގަވެފަ އެވެ. އޭނައަށް ޖަވާބެއް ނުވެސް ދެވެނީސް އޭނަ އަތުތެރެއިން ހަސަން ނަގައި އުރާލައިގެން ބަދިގެއާ ދިމާއަށް މިސްރާބު ޖަހައިފި އެވެ.

ފާޑަކަށް ހުއްޓިފައި އިން މިރްހާގެ ސިކުނޑި މަސައްކަތް ކުރަން ފެށުމުން ތެދުވެ ދަބަސް ނަގައިގެން އެގެއިން ނިކުތެވެ.

***

ގެއަށް ގޮސް ބޮޑުދައިތަ ކަންތައްކުރި ގޮތާއި ދޭތެރޭ ފިކުރުކުރަން ޖޯލީގައި އިންދާ އަނަސް ގުޅާތަން ފެނުނެވެ. މިރްހާ އެފޯނަށް ޖަވާބު ދޭނީއެއްކަމެއް ނުވަތަ ނޫންކަމެއް ނުނިންމިގެން އުޅެނިކޮށް ކެނޑުނީ އެވެ. ފޯނު އެތާހުރި ގޮނޑީގައި ބަންޑުން ބާއްވާފައި އޭނަ ޖޯލީގައި އޮށޯވެލި އެވެ. ބޮޑުދައިތަގެ އަޑުގައިވި ނުރުހުމާއި އަމަލުގައި ވި ހަރުކަށި ކަމަކީ އޭނައަށް ހައްޤު ކަންކަމެވެ. އެކަމަކު އެކަން ބަލައިގަންނަން އޭނައަށް މިހާ އުދަނގޫވެގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ އެކަމާއިހެދި މިހާ ދެރަ މިވަނީ ކީއްވެ ހެއްޔެވެ؟

ލޮލުން ކަރުނަ ތިއްކެއް ވެއްޓުމުން ފުހެލާފައި އޭނަ ގެއަށް ވަނީ ތެރަޕީ ސެޝަން ވެސް ކައިރިވެއްޖެކަން ހަނދާންވެގެންނެވެ. ނީޒާ އެރޭ ބުރަކޮށް އުޅެން ޖެހޭނެތީ ސެޝަން އޮތީ ހަވީރަށް ބަދަލުކޮށްފަ އެވެ.

ޖެހިގެން އައި ދުވަހު އަނަސް ދުވަން ނިކުމެފައި މޫދަށް އެރި ފަތައިލަން ގަސްތުކޮށްގެން އެދިމާއަށް މިސްރާބު ޖެހި އެވެ. އާންމުކޮށް ރަށުތެރެ ހުސްކޮށް އޮންނަ އެގަޑީގައި މިރްހާ އެއިން ހިސާބަކުން ފެންނާނެ ކަމަށް ކުޑަކޮށްވެސް އުންމީދު ނުކޮށް ހުއްޓާ ފެނުނީ ފާލަން މަތީ ހުއްޓަ އެވެ. މޫދާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު ފުން ހިޔާލަކަށް ގެއްލިފައިވާ ކަހަލަ އެވެ. ބިންގަނޑު އަލިވެފައި ވީ ނަމަވެސް ޖެހެމުންދިޔަ ވައިގައި ތެތް ފިނިކަމެއްވި އެވެ. މިރްހާ ހިއެއްނުކަރުވާ ބާވައޭ ހިތަށްއެރި އެވެ. އިއްޔެ އޭނަ ނުވެސް ނިކުންނަނީސް އެހާ އަވަހަށް ދިޔައީ ކީއްވެތޯ އަހައިލާނެމޭ ހިތާ އޭނަ އެދިމާއަށް މިސްރާބު ޖެހިއެވެ. ގެއަށް ދިޔަފަހުން ފޯނުކޮށްގެން ބައްދަލުވާގޮތްވަނީ ނުވެފަ އެވެ.

އޭނަ ތަންކޮޅެއް ދުރުގައި ހުއްޓާ ފާލަން މައްޗަށް އެރި ޒުވާން އަންހެންކުއްޖަކު މިރްހާ ހުރި ހިސާބަށްވުރެ ތަންކޮޅެއް ދުރުގައި ހުރެލާފައި އެނބުރި އަންނަމުން ނޫންކަމަށް ހެދިފައި ޖެހިގަތްގަތީނުން މިރްހާ މޫދަށް ވައްޓާލައިފި އެވެ.

އަނަސްވެސް ދިޔައީ ސިއްސައިގެންނެވެ. އެއަންހެންކުއްޖާ ހުއްޓިވެސް ނުލާ ދުވަމުން ފާލަމުން ފައިބައިގެން ދިޔައިރު އަނަސްގެ ފިޔަވަޅުތައް ހުރީ އެދިމާއަށެވެ. އެކަމަކު މިރްހާއަކީ މޫދުގައި މަހެއްފަދައިން ފަތާލައިފައި އުޅޭ ކުއްޖެއްކަން އެނގޭތީ އޭނަ ކުޑަކޮށްވެސް ހާހެއް ނުވެއެވެ.

ފާލަމުން ފޭބި ކުއްޖާއަށް އަނަސް ފެނުނީ ދާދި ކައިރިވެފައި ހުއްޓަ އެވެ. އެވަގުތު އޭނަ ހާސްވެގެން ތެޅިގެންފައި އަނެއްކާވެސް އަޅައިއިތިކޮށް ދުއްވައިގެންފި އެވެ. މިރްހާ އަޑިއަށް ދިޔަގޮތަށް މައްޗަށް ނޭރުމުން އަނަސްއަށްވެސް ފާލަމާއި ދިމާއަށް ދުއްވައިގަނެވިއްޖެ އެވެ. އޭނަ ގޮސް މިރްހާ ހުރި ހިސާބުން ހުއްޓިފައި ލޮނުގަނޑު ތެރެއަށް ބަލަން ހުރެގެން އަދިވެސް މިރްހާ ބޯހިއްލައިލަފާނެ ކަމަށް ދެފަހަރަކު އެނަމުން ގޮވާލި އެވެ. ދެން އެދިމާއަށް ފުންމާލައިފި އެވެ.

ނުނިމޭ

ދިގު ވާހަކަ

Popular