23 Nov 2020

By: Mariyam Yasma

އޭނާ ގޮސް މިރްހާ ހުރި ހިސާބުން ހުއްޓިފައި ލޮނުގަނޑު ތެރެއަށް ބަލަން ހުރެގެން އަދިވެސް މިރްހާ ބޯހިއްލައިލަފާނެ ކަމަށް ދެފަހަރަކު އެ ނަމުން ގޮވާލި އެވެ. ދެން އެދިމާއަށް ފުންމާލައިފި އެވެ.

އިރުގަނޑެއްފަހުން މޫދުން އެރީ ޚަބަރު ހުސްވެފައި އޮތް މިރްހާ އަތްދަނޑިމައްޗަށްލައިގެންނެވެ. އެ ދެ ތުންފަތް ނޫވެފަ އެވެ. ލޮނުބޮވިގެން ބަނޑުވެސް ފުފިއަރައިފަ އެވެ. ރާޅުޖަހާ ހިސާބުން ނެއްޓުމުން އޭނަ މިރްހާ ވެލިގަނޑުމަތީ ބާއްވާފައި ހޭއެރުވުމުގެ މަސައްކަތް ފެށި އެވެ. ކުރެވެމުންދިޔައީ އޭނަގެ މުޅި ދުނިޔެ ހުއްޓިފައިވާފަދަ އިހްސާސެކެވެ. ހިތް ތެޅެމުންދިޔައީ އެހާމެ ބާރަށެވެ. ހިތާއި ހިތުން ހެއްދެވިފަރާތުގައި އެދެމުން ދިޔައީ މިރްހާ ސަލާމަތް ކޮށްދިނުމަށެވެ. މިރްހާ އޭނައާ ދުރުނުކުރުމަށެވެ.

މާގިނައިރެއް ނުވެ އެވެ. ކެއްސާލައިފައި މިރްހާ ލޯ ހުޅުވާލައިފި އެވެ.

އަނަސްއަށް ހީވީ އަލުން ފުރާނައެޅުނުހެންނެވެ. މިރްހާގެ ކޮނޑުގައި ހިފާލައިފައި ނަގައި އެ މޭގައި ޖައްސައި ދެއަތުން ބާރަށް ވަށައިލެވުނީ އަމިއްލަ އިޚުތިޔާރަކާނުލަ އެވެ. ތަކުރާރުކޮށް އޭނަ ހެއްދެވި ފަރާތަށް ހަމްދުކުރި އެވެ. މިރްހާ ރޮނީކަން އަނަސްއަށް ރޭކައިލީ މަޑުތުރުތުރަކާއެކު އެ ދެކޮނޑުމަޑުމަޑުން މައްޗަށްއަރާފައި ތިރިވާންފެށިމަ އެވެ. އެވަގުތު އޭނަގގެ ހިތުގައި ރިހުމެއް އުފެދުނެވެ.

"ހުއްޓާލާ މިރްހާ! ﷲގެ އިރާދަފުޅާއެކު މިރްހާ ތިހުރީ ސަލާމަތުން.." ހިތްވަރު ދިނުމުގެ ގޮތުން މިރްހާގެ ބުރަކަށީގައި ފިރުމާލައިފައި އަނަސް ވާހަކަދެއްކި އެވެ. މިރްހާ އެވަގުތު ބޯޖަހައިލިކަން އެނގުނެވެ. ދެން އިރުކޮޅަކުން ދުރަށް ޖެހިލާފައި ކޮޅަށްތެދުވެއްޖެ އެވެ. އަނަސް އެމޫނުގެ ކުލަ ދެކިލަން އުޅެނިކޮށް މިރްހާ ދިނީ ފުރަގަހެވެ. އޭނައަށް އެ މޫނު ފޮރުވަން ބޭނުންވެގެން ފުރަގަސްދިން ކަހަލަ އެވެ.

"ކިހިނެއްވީ މިރްހާ؟ ކީއްވެ ގެނބުނީ؟ މިރްހާއަށް ފަތަން އެނގެއެއްނު..އަކުނިވައަށް ދަމައިގަތީތަ؟" މިރްހާ ހިނގައިގަތްވަގުތު އަނަސް ސުވާލުކުރި އެވެ.

މިރްހާ އެވަގުތު ހުއްޓުނުގޮތުން އަނަސްއަށް ހީވީ ޖަވާބުދޭން އުޅެނީ ހެންނެވެ. އެކަމަކު އެއީ ހަމައެކަނި އޭނަގެ ކުށްހީއެކެވެ.

"އައިމް ސޮރީ..." އަނަސްއަށް އިތުރު އެއްވެސް ފުރުސަތެއް ނުދީ މިރްހާ ދުރަށްދާން ދުއްވައިގަތެވެ. އަވަހަށް އެތަނުން ފިލައި ރައްކައިނުވެވިފައި ހުރި މީހަކުފަދަ އެވެ.

އަނަސްއަށް ބަލަހައްޓައިގެން އިނދެވުނެވެ. އޭނަގެ ސިކުނޑީގައި އެތައް ބައިވަރު ސުވާލެކެވެ. މިރްހާ މޫދަށް އެހާ ފަރިތައިރު އެހާ ފަސޭހައިން ގެނބެންވީ ކީއްވެ ހެއްޔެވެ؟ މައްސަލައެއްދިމާވި ކަމަށްވާނަމަވެސް އެވާހަކަ ނުބުނެ އެދިޔައީ ކީއްވެ ހެއްޔެވެ؟ މިރްހާ އޭނައަށް ކަމެއް ސިއްރުކުރަނީ ހެއްޔެވެ؟ އޭނައަށް ނޭނގި މިރްހާއަށް ކަމެއް ދިމާވީ ހެއްޔެވެ؟

ގެއަށް ގޮސް ފެންވަރާލައިގެން އަނަސް ނިކުތްއިރު ސައިނާ އައިސް އުޅެއެވެ. އޭނަ ސައިނާއާ ބައްދަލުކޮށްފައި ސައިނާގެ ކޮއްކޮ ފާތުން ކުރި ކަންތަކުގެ ވާހަކަ ކިޔައިދިނެވެ. ފާތުންއަކީ ސައިނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެކެވެ. މޮޔަކުއްޖެކެވެ. އަދި ފާތުންގެ ޒާތެއްގެ ސިފައެއް ހުންނާނެއެވެ. މީހަކު އޭނައާ ދިމާއަށް ކިރިޔާވެސް އިރުކޮޅެއް ވަންދެން ބަލަން ހުރެފިއްޔާ ރުޅިއަންނާނެ އެވެ. އޭނަ ކުރާ ކަންކަމަށް ފާޑުކިޔަނީކަމަށް ހިތައި އެމީހަކާއި ޖައްސައިލާނެ އެވެ. ދެން އެމީހަކު މަގެއްގެ މަތިން ހިނގާފައި ދާތަން ފެނުނަސް ހަމަ ހުރެފައި ބޮލަށް ވެލިވެސްއުކައިފާނެ އެވެ. ސައިނާ އާއި އަނަސްއަށްވެސް ވިސްނުނީ މިރްހާއާ ފާތުން ކޮންމެވެސް ތަނަކުން ދިމާވެގެން ފާތުން، މިރްހާއާ ނުރުހެން ދިމާވާފަދަ ކަމެއް ދިމާވީ ކަމަށެވެ.

"ކޮއްކޮގެ ފަރާތުން އަހަރެން މާފަށް އެދެން. އަދި މިރްހާކައިރިންވެސް އެދެން ބޭނުން. އަނަސްވާނެ އޭނަ ކައިރީ ބުނަން ފާތުންއަށް ވިސްނައިގެން އުޅެން..." ސައިނާ ތަކުރާރުކޮށް މާފަށްއެދިފައި ވާހަކަދެއްކި އެވެ.

***

ހެނދުނު ދިމާވި ހާދިސާއަށްފަހު މިރްހާގެ ޚަބަރު ބަލައިނުލައި އަނަސްގެ ލޮލަކަށް އެރޭ ނިންޖެއް ނައެވެ. ދުވާލު ހަތަރުދަމު ބުރަ މަސައްކަތުގައި އުޅުނުއިރުވެސް އޭނަގެ ސިކުނޑިން މިރްހާގެ ހިޔާލު ފުހެވިގެން ދިޔަ ވަގުތެއްނާދެ އެވެ. އަދި ރޭގަނޑު އެކަނިވުމުން ކިހާ ވިސްނޭނެ ހެއްޔެވެ؟ ޑައިލްކޮށްލާފައި ފޯނަށް ނަޒަރު ހުއްޓާލައިގެން އޭނަ އޮތީ އެނދުގަ އެވެ. ރިންގް ވޭވޭ ގޮސް ކެނޑިދާނެހެން ހީވިފަހުން ފޯނު ނެގިތަން ފެނުނެވެ. އަނަސް އަވަހަށް ފޯނު ގެނެސް ކަންފަތުގައި ޖައްސައިފި އެވެ.

"ނިދަނީތަ؟" މިރްހާގެ އަޑުގައި ނިދީގެ އަސަރު ހުރިހެން ހީވެގެން އަނަސްއަށް އަހައިލެވުނެވެ.

"އުހު. އަދި ނުނިދަން. ހަމަ އޮތީ..." މިރްހާ ޖަވާބުދިނެވެ.

އެޖަވާބު އަހާފައި އޭނަ ކުއްލިއަކަށް ހިމޭންވެއްޖެ އެވެ. ދައްކަން ބޭނުންވާ ވާހަކަ އޭނައަށް އެނގެއެވެ. އެކަމަކު ފަށްޓާނެ ގޮތެއް ނޭނގުނެވެ. މިރްހާ ހިތްހަމަނުޖެހޭ އެއްޗެއް ބުނެވިދާނެތީ ވެސް ކަންބޮޑުވި އެވެ.

"ހަސަން ނިދީތަ؟" އަނަސް ވިސްނަން އޮތްވާ މިރްހާ އެހި އެވެ.

"ހޫމ.. ނިދާފަ. އެކަމަކު އަދި ފުޅިބޯން ހޭލާނެ.." ހަސަންގެ ވާހަކަދައްކަން ފެށުމުން އަނަސްގެ ތުންފަތަށް ހިނިތުންވުމެއްވެރިވި އެވެ.

"ވަރަށް ގިނައިން ހޭލާތަ؟" އެމައުޟޫއާ މިރްހާ ގަޔާވި އެވެ.

"އާންމުކޮށް ދެފަހަރު ހޭލާނީ... ދެން ތެދުވާނީ ފަތިހު." އަނަސް އޮޅުންފިލުވައިދިނެވެ.

މިރްހާ އެއަޑު އަހާފައި ފުން ނޭވައެއް ދޫކޮށްލިއަޑު އަނަސްއަށް އިވުނެވެ.

"ނާހާނަންތަ އަހަރެން މިގުޅީ ކީއްވެކަމެއް؟" އަނަސް ތެދުވެ ބާލީސްތަކަށް ލެނގިލަމުން ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

މިރްހާގެ ކޮޅުން ފުރަތަމަ ޖަވާބަކަށްވީ ހިމޭންކަމެވެ. ދެން މަޑުމަޑުން ކީއްވެހޭ އަހައިލީ ޖެހިލުންވެފައިވާ ކުއްޖަކު ފަދައިންނެވެ. އަނަސްގާތަށް ހިނި އަންނަން އުޅުމުން އަނެއް އަތް މުށްކަވާލައިފައި ގެނެސް އަނގަމަތީ އަޅާލައިގެން ކޮންޓްރޯލް ހޯދި އެވެ. މިރްހާގެ ބައެއް އާދަތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ވާހަކައެއް ބުނަންވެފަ އޮތޭ ބުނެފިއްޔާ ބިރުން މިރްހާ ހުންނާނީ ބަނޑުގައި ދެއަތް އަޅައިގެންނެވެ. އެވަގުތުވެސް އަނަސްގެ ހިޔާލަށް މިރްހާ ފެނުނީ އެފަދައިންނެވެ.

"ހާލު ބަލައިލަން ބޭނުންވީ..." އަނަސް ހާމަކުރި އެވެ.

"ހާލު ރަނގަޅު..." މިރްހާ އެންމެފަހުން ޖަވާބުދިނެވެ.

"އަލްހަމްދުލިﷲ..!!" އަނަސް މަޑުމަޑުން ބުނެލިއަޑު އިވުނެވެ.

އެވަގުތު އަނެއްކާވެސް އެދެމެދަށް ވެރިވީ ހިމޭންކަމެވެ. އެކަކު އަނެކަކުގެ ނޭވާގެ އަޑު އަހަން ދެމީހުންވެސް ތިބީ ހިމޭންވެފަ އެވެ.

"ދެން ނިދާލާ! ފޯނު ބާއްވަނީ.." އަނަސް އެންމެފަހުން ނިންމީ އޭނަ އެންމެ ބޭނުންވި ވާހަކަ މިރްހާއާ ބައްދަލުކޮށްފައި ދެއްކުމަށެވެ.

"އަނަސް ވެއިޓް... އަހަރެން މާދަންވެސް ހަސަން ކައިރިއަށް ދިއުމުގެ ހުއްދަ ދެވިދާނެތަ؟" މިރްހާ އަވަސްއަވަހަށް ވާހަކަދެއްކި އެވެ.

"އެންމެރަނގަޅު.." އަނަސް އުފަލާއެކު އެއްބަސްވި އެވެ.

***

އާދުވަހަކަށް އިރު ފެނުން ތޮޅެލީ މުޅިން އާ ކުލަތަކާއިގެންނެވެ. ބިންގަނޑު އަލިވެގެން އައިއިރު މިރްހާ ނިކުމެ ލޯވްންގައި ހިނގަމުން ދިޔައީ ހުސްފަޔާ އެވެ. އެއް އަތުގައި ކޮފީ ތަށްޓެއް ހުއްޓެވެ. ރޭ ފޭބި ފިނީގެ އަސަރު ވިނަގަނޑު ހަރުލާފައިވި އެވެ. ކުދިކުދި އަލިމަސްތަކެއްފަދައިން ވިނަގަނޑުތެރޭ ވިދަމުންދިޔަ ކުދިކުދި ފެންތިކިތައް އޭނަ އަޅާ ކޮންމެ ފިޔަވަޅާއެކު ފައިތިލައިގައި ބޮސްދެއެވެ. ލުއި ވައިރޯޅިތައް އައިސް ބީހިލަނީ އޭނަގެ ހިނިތުންވެފައިވާ މޫނާއި ވިހުރާލެވިފައިވާ ފަން އިސްތަށިގަނޑުގަ އެވެ.

އިރުކޮޅެއްނުވެ އެވެ. ކޮންމެވެސް މީހަކު އައިސް މިރްހާގެ ފަހަތުގައި ހުއްޓިއްޖެ އެވެ. އެނބުރި ބަލައިލަންވެސް ނުޖެހި އެއީ ކާކުކަން މިރްހާއަށް އަންގައިދިނީ ވައިރޯޅި ގެނެސްދިން އޭނަ ދަންނަ ސެންޓްގެ ހިތްގައިމު ލުއިވަހެވެ. އިސްލާމްދީނުގެ މަތިވެރި ސަލާމުން ސަލާމް ކޮށްލުމުގެ ކުރިން އަނަސް އޭނަގެ އުނަގަނޑުގައި ދެއަތް އަޅުވާލައިފައި އެ މޭގައި އޭނަ ލައްކޮށްލި އެވެ.

"ކޮފީ؟" ސަލާމުގެ ޖަވާބުދީފައި މިރްހާގެ އަތުގައި ހުރި ކޮފީތަށި ހިއްލައިލަމުން ބުނެލިއެވެ.

"އުހު.. މިލްކް ތައްޓެއް ބޮއިގެން މިއައީ." އަނަސް އެވަގުތު އޭނަގެ ކޮނޑުގައި ދަތްދޮޅި އަޅުވައިލުމުން ތުނބުޅީގެ އިސްތަށިތަކުން ބީހިފައި މިރްހާ ހީލިކަރުވައިގަނެގެން ތެޅިގަނެވުނެވެ.

އޭނަ ހީގަތުމުން އަނަސް އަދި ކުރިއަށްވުރެ ބޮޑަށް ކާއްތައިލި އެވެ. ކައިވެންޏަށް ދެހަފްތާވީއިރު މަޑުމަޑުން އެދެމެދުގައި އޮތް ދުރުކަން އަންނަނީ ގާތްވަމުންނެވެ. މިރްހާއަށް އަދި ފުރަތަމަ ފަހަރަށް އަނަސްގެ ސަމާސާކުރުމާއި ލާނެތްބައި ފެންނަން ފެށީއެވެ.

"ދެން އަނަސް ހީލިކަރުވައޭ. ދޫކޮށްލާ! މަރުވެދާނެ..." މިރްހާ ހެމުން ހެމުން ހަޅޭތްލެވި އެވެ.

"ދޫކޮށްލީ!" އަނަސް ކުއްލިއަކަށް ދުރަށް ޖެހުނެވެ.

އަނަސް ދުރަށް ޖެހުމުން މިރްހާ އަވަހަށް އަނަސް ހޯދަން އެނބުރުނުއިރު ގެއިން ނިކުމެގެން އަންނަނީ އަލާ އެވެ. މިރްހާއަށް ހޭވެރިކަންވީ ދެނެވެ. އަނެއްފަރާތަށް އެނބުރިފައި އޭނަ ގޮސް އެތާހުރި ޖޯލިފަތިން ޖޯއެއްޔެއްގައި އިށީނދެއްޖެ އެވެ. މަދު ސިކުންތުކޮޅެއްކުރިން އެމޫނުން ފެންނަމުންދިޔަ ހިނިތުންވުން އުދާސްކަމަށް ބަދަލުވެފައިވި އެވެ. އަލާ ކައިރިވުމުން އޭނަ އެކުލަވަރު ފޮރުވާލަންވެގެން ކޮފީ ކޯވަރެއް ބޯލައިފި އެވެ.

ދާން ތައްޔާރުވި ވަގުތަށްވުރެވެސް ކުރިން ގެއިން ނިކުމެގެން މިރްހާ ނައްޓާލިއިރު ހިތުގައި އޮތީ އަނަސް އެވެ. އޭނަ ވިސްނަމުންދިޔައީ އެދެމެދުގައި އޮތް ލޯބި ލޯބި ގުޅުމުގައި ފުރަތަމަ ރެނދުލާން ހެދި ދުވަސްވަރާއިމެދުގަ އެވެ. ކުރިއަށް އޮތް ތެރަޕީ ސެޝަނުގައި ވެސް އޭނަ ފަށަން އޮތީ އެހިސާބެވެ. އަލުން އެމާޒީގެ ތެރެއަށް ގޮސް އެންމެ ކުދި ކަންކަމުން ފެށިގެން އެންމެ ބޮޑެތި ކަންކަމާއި ހަމައަށް އަލުން ވިސްނުން ހިންގައި ބަލައި އޮޅުންފިލުވަން އޭނަ މިހާރު އެހުރީ އެދިގެންނެވެ. އޭނައަށް ގޯސް ހެދުނީ ކޮން ހިސާބަކުންކަން ދެނެގަނެ އެކަމެއް އިސްލާހުކުރަން ބޭނުމެވެ.

ހިޔާލުގައި ގެއްލިފައި ހުރިވަރުން ހިލްހައުސްގެ ދޮރާށިން ވަދެވުނުކަމެއްވެސް ރޭކައެއްނުލި އެވެ. ހޭވެރިކަންވީ އެގެއަށް ވަންނަން ދަނިކޮށް އަނަސްގެ ބޮޑުދައިތަ ގެއިން ނިކުތީމަ އެވެ. މިރްހާ ކުއްލިއަކަށް ހުއްޓުނު ވަގުތު ބޮޑުދައިތަވެސް ހުއްޓުނެވެ. ދެން މާ ގަޔާނުވާ ރާގެއްގައި އޭނައަށް ގޮވާލައިފައި އަލުން ހިނގައިގެންފައި އޭނަ ފަސްދީ ގޮސް ދޮރާށިން ނިކުމެއްޖެ އެވެ. ގޭގައި އުޅޭނީ ސައިނާ ކަމުގައި ޔަޤީންކޮށްގެން ހުރެ ގޮސް އެތެރެއަށް ވަންއިރު ސޯފާގައި އިނީ އަނަސް އެވެ. މިރްހާ ފެނުމުން ހިނިތުންވެލައިފި އެވެ. އޭގެ އަސަރުގައި ޖެހިގެން މިރްހާއަށްވެސް ހިނިތުންވެލެވުނެވެ.

"އަދި ނުދަނީތަ؟" މިރްހާ ވަދެގެން އައިސް އަރިމަތީ ހުރި ވަކި ސޯފާގޮނޑީގައި އިށީނދެލި އެވެ.

"މިއަދު އޮފްދުވަހެއް..." އަނަސްގެ ޖަވާބުން މިރްހާގެ ހިތަށް އުފާވެރިކަން ގެނެސްދިނެވެ. ހިނިތުންވުން ފުޅާވެގެން ދިއުމާއެކު އެކަން އިހްސާސްވެގެން އަވަހަށް އިސްޖަހައިލީ އަނަސްއަށް ފެނިގެން ހިތަށްއަރައިފާނެ އެއްޗަކާއިމެދު ކަންބޮޑުވެފަ އެވެ.

"ހަސަން ފަތިހު ހޭލައިގެން އުޅެފަ ނިދިފަހުން މިއަދު އަދި ނުތެދުވޭ. މިރްހާ ސައިބޮއިގެންތަ ތިއައީ؟" އަނަސް ސުވާލުކޮށްލި އެވެ.

"ކޮފީ ބޮއިގެން އައީ.." މިރްހާ ޖަވާބުދިނެވެ.

އަނަސް މަޑުމަޑުން ބޯޖަހާލައިފައި އިރުކޮޅަކުން އޭނައާ ވީފަރާތަށް މުޅިހަށިގަނޑު އަނބުރާލައިފި އެވެ. އޭނަ ވާހަކައެއް ދައްކަން ތައްޔާރުވީކަން އެނގުމުން މިރްހާގެ ހިތް ތެޅެން ފެށި އެވެ. ނޭވާ ނުލައި އިނދެވުނުކަން އިހްސާސްވީ އަނނަސް އެކަން ފާހަގަކުރީމަ އެވެ. އަނަސް އޮޅުންފިލުވަން އެއުޅެނީ އިއްޔެ ހެނދުނު ހެނދުނާ ދިމާވި ހާދިސާގެ ވާހަކަ ހެއްޔެވެ؟ އެވާހަކަ އަހައިފިނަމަ އޭނަ ބުނާނީ ކީކޭ ހެއްޔެވެ؟ އޭގެ ޖަވާބެއް ޚުދު އޭނައަކަށްވެސް ނޭނގެއެވެ. ސަލާމަތް ވެވެން އޮތްވާވެސް އަތްފައި ހަލުވާނުލާ އޭނަ އޮތީ ކީއްވެކަން ބުނެދޭނީ ކޮން ލަފްޒުތަކަކުން ހެއްޔެވެ؟ އެޖަވާބު އެހުމަށްފަހު އޭނަގެ އަތްމައްޗަށް ހަސަން ދޫކޮށްލަން އަނަސް ޖެހިލުންނުވާނެ ހެއްޔެވެ؟ އޭނައާ ހަސަންގެ ގުޅުމަށް ހުރަސް އަޅަން މަސައްކަތް ނުކުރާނެ ހެއްޔެވެ؟

"އަހަން ތިއުޅެނީ އިއްޔެގެ ވާހަކަވިއްޔާ އަހަރެން ބުނަން އޮތީ އަނަސްއަށް ހީވީ ރަނގަޅަށޭ. އަހަރެން އަކުނިވައަށް ދަމައިގަތީމަ މައްޗަށް ނޭރުނީ.." މިރްހާ އަނަސް ނުވެސް އަހަނީސް ބިރުން ޖަވާބުދިނެވެ. މިރްހާގެ މޫނުން އޭނަ ހެދި ދޮގު ހުރީ ސާފުކޮށް ފެންނާށެވެ. އެކަމަކު އަނަސް އެވާހަކައެއް ނުބުނެއެވެ. އޭނަ އިރުކޮޅަކު ބަލަން ހުރެލާފައި މަޑުމަޑުން ބޯޖަހައިލި އެވެ. މިރްހާ ސިއްރުކޮށްގެން އުޅޭ ކަންތައް އޮޅުން ފިލުވަން އަޒުމް ކަނނޑައަޅަމުންނެވެ.

ހަސަން ހޭލައިގެން ރޯން ފެށި އަޑާއެކު މިރްހާ ތެދުވެފައި ހަސަން ނަގަން އޭނަ ދަންތޯ އެހި އެވެ. އަނަސްއަށް ޖަވާބުދެވުނީ ބޯޖަހައިލުމަކުންނެވެ. މިރްހާ އުފާވެގެން ހިނިތުންވެލާފައި ވަދެގެން ދާތަން ބަލަން ހުރެވުނީ ފާޑަކަށް ހުއއްޓިފަ އެވެ. މިރްހާގެ ހަރަކާތްތަކަށް ބެލި ވަރަކަށް އޭނަގެ ހިތަށް ތަފާތު އެއްޗެހި އަރާ ފައިބަމުންދިޔަ އެވެ. މީގެ ކުރިން އޭނައަށް އެކަންކަން ފާހަގަ ނުވީ ކީއްވެ ހެއްޔެވެ މީގެ ކުރިން ފަރުވާވެ މިރްހާގެ އިހްސާސްތައް ދެނެގަންނަން މަސައްކަތް ނުކުރީ ކީއްވެ ހެއްޔެވެ؟ އަދި އެބަދަލުތައް ފުރަތަމަ އަންނަން ފެށީ ކައިވެނީގެ ކުރީކޮޅުން ފެށިގެން ހެއްޔެވެ؟ ފިކުރު ބޮޑުވެގެން ތުނބުޅީގެ އިސްތަށިތަކަށް ދަމާލައިފައި އޭނަ އިށީނދެލީ ކުރިންވެސް އިންތަނުގަ އެވެ. އަނެއްކޮޅުން ބޮޑުދައިތަ ދަމުން މިރްހާއާ ދައްކާށޭ ބުނެ ބާރުއަޅާފައި ދިޔަ ވާހަކަތައްވެސް ކުރިއަށް އޮތީއެވެ.

ނުނިމޭ

ދިގު ވާހަކަ

Popular