28 Nov 2020

By: Mariyam Yasma

މިރްހާ ކައިރީ ކޮޓަރިއަށް ދާން ބުނެފައި ގޭގެ ހުރިހާ ދޮރެއް ލައްޕާ ތަޅުލައިފައި ދިޔައިރު މިރްހާ ހެދުން ބަދަލުކޮށްގެން ނިދަންއަރައި އޮތެވެ. އަނަސް ގޮސް ޓީޝާޓް ދަމައިގެންފައި ގާތުގައި އޮށޯވެލުމުން މިރްހާ ބުނެލީ ހީނުކުރާ ފަދަ ވާހަކައެކެވެ.

"އަހަރުމެން ބޭބީއެއް ހޯދަނިކޮށް އެމީހުންގެ ރުހުން ލިބޭނެތަ؟" މިރްހާ އަހައިލީ ނިކަން މައުސޫމުކޮށެވެ. އެކަމަކު އަނަސްއަށް ޖަވާބުދޭކަށް ފަސޭހައެއްނުވި އެވެ.

"މިރްހާ!..." އަނަސް މަޑުމަޑުން ގޮވާލިއެވެ.

"ކިހިނެއްވީ؟ ކީއްވެ ޖަވާބު ނުދިނީ؟" މިރްހާ ތެދުވެ އިށީނދެއްޖެއެވެ.

"މިރްހާ!" އަނަސް ވެސް އޭނަގެ ފަހަތުން ތެދުވި އެވެ.

"އަނަސް ބުނަން ތިއުޅެނީ އަހަރެން މިދައްކަނީ އެއްވެސް އޮށްޓަރެއްނެތް މޮޔަ ވާހަކައެކޭތަ؟ ކީއްވެ؟ އަހަންނަށް ފެނިފަ އެބަހުރި ބޮޑެތިމީހުންނަށް ހައްލުނުވެ ހުރި ކަންކަން ކުޑަކުދިންގެ ސަބަބުން ހައްލުވެފަ ހުއްޓާ. ނިކަން ވިސްނަބަލަ! ކުޑަކުދިންދެކެ ލޯބިނުވާނީ ކާކު؟ އަހަރެންނަށް ކިޑެއް ލިބިއްޖެއްޔާ ދޭ ވިލް އެޑޯރ ހާ..." މިރްހާ އަނަސްއަށް ވިސްނަދޭން މަސައްކަތްކުރިއިރު އޭނަގެ ރާގުހުރީ އާދަޔާ ޚިލާފަށް ހަރުކަށިކޮށެވެ. ކުރިން ދުވަހަކު ވާހަކަނުދައްކާވަރަށް އަޑުގަދަވި އެވެ.

"ހިނގާ ތިކަމާ ވިސްނަން ދޯ..." އަނަސް ވިސްނާލައިފައި އެންމެފަހުން ބުނެލިއެވެ. މިރްހާގެ އެހިޔާލާއި އޭނަ ދެކޮޅު ނޫންކަން އަންގައިދިނުމާއެކު އޭނަގެ މިޒާޖަށްވެސް ކުއްލިއަކަށް ބަދަލުއައިތަން ފެނުނެވެ. ބޯޖަހާލައިފައި ކުރިން އޮތްތަނުގައި އޮށޯވެލައިފި އެވެ.

އަނަސްގެ ފޯނު ރިންގްވާ އަޑު އިވިގެން އޭނަ ތެދުވެގެން ގޮސް ހުއްޓުނީ ޑްރެސިންޓޭބަލް ކައިރިއަށެވެ. އޭނަ ފުރަގަސްދީގެންހުރެ ފޯނު ނަގާފައި ވާހަކަދެއްކިއިރު މިރްހާ ބަލަން އޮތެވެ. ދެކެވުނު ވާހަކައާ ދޭތެރޭ ރަނގަޅަށް ވިސްނައިލެވުމުން އޭނަގެ އަތްފައި ފިނިވެލައިފި އެވެ. އަނަސް ފޯނު ނިންމާފައި އެނބުރިލަންވާއިރަށް ރަޖާނަގައި މޫނުގައި އެޅިއެވެ.

"ޝިޓް ޝިޓް.. ވާހަކަދެއްކުމުގެ ކުރިން ވިސްނައިލާނަމަ. ސެކަންޑް ބޭސްއަށް ނުދެވިގެން އުޅެނިކޮށް ތާޑްބޭސްގެ ރިޒަލްޓްގެ ވާހަކަ މިދެއްކެނީ..." މިރްހާ ހިތާއި ހިތުން އެ ނަފްސަށް އެތިވަރުގޮވި އެވެ. އޭނަ ނޭވާ ހިފަހައްޓައިލީ އަނަސް އެނބުރި އަންނައަޑު އިވުނީމަ އެވެ. އިރުކޮޅަކުން އެނދަށް އެރިކަން އިހްސާސްވި އެވެ.

"މިހާރު ކީއްވެ ފިލާ ތިއޮންނަނީ؟ ހިޔާލުބަދަލުވީތަ؟..." އަނަސް މިރްހާގެ ރަޖާ ދަމައިގަންނަމުން ސުވާލުކޮށްލިއެވެ.

އަނަސްގެ މޫނު ފެނުމުން ވެސް މިރްހާގެ މޫނު އިތުރަށް ރަތްވި އެވެ. އަނަސްއަށް އޭނަގެ އިހްސާސްތައް އެނގުމުން އަދި އެއަށްވުރެ ލަދުގަތެވެ. އޭނަ ހީގެންފައި ދެވަނަފަހަރު ރަޖާއަޅަން އުޅުމުން ހުއްޓުވީ އަނަސް އެވެ. އެމޫނުގައިވި ލާނެތްކަން އެހެން ކުލައަކަށް ބަދަލުވިތަން ފެނުމުން މިރްހާގެ ހިތަށް ވެސް އެނގުންވެލައިފި އެވެ. އަނަސްގެ ނަޒަރު އޭނނަގެ ލޮލުން ތުންފަތަށް ހުއްޓިލާފައި އަނެއްކާވެސް ލޮލަށް ހުއްޓުނެވެ. މިރްހާ އެވަގުތު އަނަސްގެ ކަނދުރާގައި ދެއަތް އަޅުވާލައިފައި ކައިރިއަށް ގެނައެވެ.

***

"ހާދަ މީރުވަސްދުވައޭ. ކޯއްޗެއްތި ތައްޔާރުކުރަނީ؟" ފަހަތުން އަނަސްގެ އަޑު އިވުމުން މިރްހާ ކުޑަކޮށް ސިހުނެވެ.

"އަމް... ނަތިން.." ސިންކުކައިރީ ހުރެފައި އަތަށް މަހާފައިވާ ރަބަރު ދެއަންގި ބޭލުމަށްފަހު އަވަހަށް ގޮސް އަނަސް ކުރިމައްޗަށް ހުއްޓުނެވެ. އެ މޭގައި އަތް އަޅާހުއްޓުވީ އިތުރަށް ކުރިއަށްދިޔަ ނުދޭންވެގެން އުޅޭހެންނެވެ. "ތިހެންކިޔާ އެއްޗެހިވެސް ހުރޭތަ؟" އަނަސް ސަމާސަކޮށްލި އެވެ.

"ދެން ނޫން އަނަސް..." އޭނަ ސިންކާއި ދިމާއަށް ބަލަން ބޯދިއްކުރަން ފެށުމުން މިރްހާ އޭނަގެ ލޯމަތީވެސް އަތްއެޅި އެވެ.

"އޯކޭ އޯކޭ..." އަނަސް ހަތިޔާރުބެހެއްޓި އެވެ.

"ދޭ އިހަށް މިތަނުން. އަހަރެން ބުނީމަ ނޫނީ ނާންނާތި!" މިރްހާ އާދޭހާއެކު އެދުނެވެ. އަނަސް އެވަގުތު އޭނަގެ ކަނދުރާމަތީ ހިފާލައިފައި ލުއިލުއިކޮށް ތުންފަތުގައި ބޮސްދީފައި މޫނު ދުރުކޮށްލި އެވެ. ނުވިސްނާ ހުއްޓާ އޭނަ މިކުރި ކަމަކުން މިރްހާ ހުރީ ހުއްޓުންއަރާފަ އެވެ. މިރްހާގެ މިކުލަވަރު ދެކެފައި އަނަސްގާތަށް އައީ ލާނެތް ހިންޏެކެވެ. އޭނަ އެމޫނުގެ އެއްފަރާތުން ކޯތާފަތުގައި މަޑުމަޑުން ޖަހާލައިފައި ނިކުމެގެންދިޔަ އެވެ.

މިރްހާ އަވަހަށް އެނބުރުނީ އަނެއްކާވެސް ސިންކާ ދިމާއަށެވެ. އަނދައި ކަޅުވެފައިވާ ކާއެއްޗެހިތައް ޑަސްބިނަށް އަޅާލައިފައި ހަޑިވެފައިހުރި ދެތަވާ ދޮވެ ނިންމާލުމަށްފަހު އަތް ފުހެލައިގެން ގޮސް އަނަސް ހޯދަން ބޭރަށް ނިކުތެވެ. ތުނިތުނިކޮށް ވާރޭވެހޭތަން ފެށުމުން ވާރެއާ ތެމޭހިތްވި އެވެ. ދެން ވިސްނައިލެވުނީ ލައިގެން ހުރި އަންނައުނާމެދުގަ އެވެ. ކުރުކުރު ސޯޓެއްލައިގެން ގޯތިތެރޭ އުޅެނިކޮށް އަނަސް ބައްޕަ ވެސް އަތުވެދާނެއެވެ. އެއީ އާންމުކޮށް އަނަސް ބައްޕަ ނާސްތާކުރަން އަންނަގަޑި އެވެ. ހެދުން ބަދަލުކުރާނަމޭ ހިތާ ދުވެފައި ސިޑިން އެރިއިރު ފޯނު ރިންގް ވާއަޑު އިވެއެވެ. މިރްހާ ގޮސް ފޯނު ނެގިވަގުތުވީ ކެނޑުނުވަގުތަށެވެ.

އޭނަ ނޫރާއަށް ގުޅައިލަމުން އެނދުގައި އިށީނދެލިއެވެ. ކައިވެނީގެ ފަހުން ނޫރާއާ ވާހަކަދައްކައިލެވުނީ މަދުފަހަރެއްގަ އެވެ. ނޫރާ މަޑުމަޑުން ދުރުވަމުން ދާކަން އެއީ އޭނައަށް އެކަނި ކުރެވެމުންދިޔަ އިހްސާސެއްކަމެއް ނޭނގެއެވެ. ނޫނީ މާބޮޑަށް އަވަދިނެތި އުޅެނީ އެވެ. އޭނައަށް ނޭނގުނީ ނޫރާއާ ފަހު ފަހަރު ވާހަކަދައްކައިލަން ލިބުނު ފުރުސަތު އެދުވަހު އަތުންބީވެގެން ދިޔަކަމެވެ.

ހެދުން ބަދަލުކޮށްގެން ނިކުތްއިރު އަނަސް އައިސް ގެއަށް ވަންނަނީ އެވެ.

"އިތުރު އެއްވެސް ސުވާލެއްނުކޮށް ވަރަށް މީރު މީރުކޮށް ނާސްތާ ހަދައިދޭންވީނު!" މިރްހާ އައިސް އަނަސްއާ އަރައި ހަމަވެފައި އޭނަގެ ކޮނޑުގައި އެލިގަނެގެން ހުރެ ވާހަކަދެއްކި އެވެ.

އަނަސް ބޯޖަހައިލުމުން ފޮނިވެގެން ކުރިއަށްވުރެ ބޮޑަށް އެލިގަތްވަގުތު ދެމީހުން އެއްކޮށް ނުވެއްޓުނީ ކިރިޔާ އެވެ. މިރްހާ ހަޅޭތްލަވައިގަތް ވަގުތު އަނަސް އޭނަ ހިފެހެއްޓި އެވެ. ދަނޑަށް މަސައްކަތްކުރަންދާން ބޭނުންވާކަން މިރްހާ ފާހަގަކުރީ އަނަސް މަސައްކަތުގައި މަޝްއޫލުވެފައި ހުއްޓަ އެވެ. އަނަސް އެވަގުތު އުނދުން ކައިރީ ހުރެފައި އެނބުރި ބަލައިލި އެވެ. މިރްހާ ގޮނޑިއަށް ދެފައި ނަގައިގެން އިނީ އޭނައަށް ބަލަހައްޓައިގެންނެވެ.

"ޔަޤީންތަ؟ މާބޮޑަށް ފޫހިވަނީ ދޯ ގޭގަ..." އަނަސް ކުޑަކޮށް ބުމަ ކައިރިކޮށްލާފައި ފުރަގަސްދެމުން ވާހަކަދެއްކި އެވެ.

"ޔަޤީން. އަނަސް ބުނީމެއްނު އަހަރެން ފޫހިފިލުވަން ޝައުޤުވެރިވާ ކޮންމެވެސް ކަމެއް ކުރާށޭ. އަހަރެން ޝައުޤުވެރިވާހެން ހީވާ އެތައްކަމެއް ކޮށްފިން. އެކަމަކު ވަކި ހިސާބަކުން ފޫހިވަނީ ހަމަ. އަހަންނަށް ހީވަނީ ދަނޑަށް ގޮސް އަނަސްއަށް ބަލަން ހުއްޓަސް އަހަރެން މާ ފޫހިފިލާނެހެން..." މިރްހާ ނިކަން ލޯބިން އަނަސްއަށް ބަލައިލަމުން ވާހަކަ ނިންމައިލި އެވެ.

"މިރްހާ ބޭނުންގޮތެއް..." އަނަސް އައިސް މިރްހާ ކުރިމަތީ އެއްތަށި ބަހައްޓާފައި އަނެއްތަށި ހިފައިގެން ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން އެއްބަސްވި އެވެ.

ކެތްމަދުވެފައިވާ މީހަކުފަދައިން މިރްހާއަވަހަށް އުލުން އެތިކޮޅެއް ރަހަބަލައިލި އެވެ. ދެން ދެލޯ ބޮޑުކޮށްލާފައި އުފަލުން ކާންފަށައިފި އެވެ. އަނަސް ވަކި އެއްޗެއް ނުބުނެ އިނދެގެން މިރްހާގެ ހަރަކާތްތަކަށް ބަލަމުންދިޔައިރު ސިކުނޑީގައި ތަފާތު ހިޔާލުތައްވި އެވެ. ކިތަންމެ އުފާވެރިކޮށް އުޅުނަސް މިރްހާ ބައެއްފަހަރު އޭނަ ގެއަށް އަންނައިރު ނެގިމަޑުވެފައި ކޮންމެވެސް ފިކުރެއްގައި އިންދާ ފެންނަލެއް ގިނައެވެ. އަދި މިރްހާގެ ވިސްނުމާއި ގުޅިފައިވަނީ އޭނަގެ އާއިލާކަން އެނގެއެވެ. އެއްޗެއްގެ އަގު އެނގޭނީ އެ އެއްޗެއް ގެއްލުނީމައޭ ބުނާހެން އާއިލާގެ ލޯއްބާއި ނުލާ ނޫޅެވޭނެކަން މިރްހާއަށްވެސް އަދި ކިރިޔާ އިހްސާސްވީ ކަހަލައެވެ. އެކަމަކު ކައިވެނިކުރަން ފައިވިއްދާލައިފައި ހުރިއިރު އޭނަ ހުރީ ދުވަހަކު އެމީހުން އޭނައާ ގުޅުން ނުބޭއްވިއަސް ހެޔޮކަމަށް ނިންމައިގެންނެވެ.

ދަނޑަށް ދާން ފެށުމާއެކު މިރްހާގެ ކިބައިން ހެޔޮބަދަލުތަކެއް ފެންނަން ފެށިއެވެ. މަސައްކަތުގެ ބައިވެރިންނާއި އެކުވެރިކަން އުފައްދައި އެގޭގޭގައި އުޅޭ އަންހެންވެރިންނާއިވެސް އެކުވެރިވެއްޖެ އެވެ. ކުޑަ ދުވަސްކޮޅެއް ވަންދެން މަންމަ އާއި އާއިލާގެ އެހެންމީހުންގެ ވާހަކަ ދެއްކުން ހުއްޓުނެވެ. ދެން އެންމެ ޝައުޤުވެރިވެފައި ކުރަން ފެށި ކަމަކީ އެތަނުން ގުޅުން ބަދަހިވި މީހެއްގެ އެހީއާއެކު ތަފާތު އެއްޗެހި ކައްކަން ދަސްކުރުމެވެ. އަނަސްއަށް އޭނަގެ އަތުން މީރު އެއްޗެހި ކައްކާފައި ކާންދިނުމަކީ ހުވަފެނެއްކަމުގައި ބުނާނެ އެވެ.

އެއްރެއަކު އަނަސްއަށް ހޭލެވުނުއިރު މިރްހާ އެނދަކު ނެތެވެ. އޭނަ ފާޚާނާއާ ދިމާއަށް ބަލައިލާފައި އިރުކޮޅެއް ވަންދެން މިރްހާ އެނބުރި އާދޭތޯ އިންތިޒާރުކުރި އެވެ. ދެން ތެދުވެގެން ގޮސް ފާޚާނާ ދޮރުގައި އަތްޖައްސައިލިހާއިރުން ދޮރު ހުޅުވިއްޖެ އެވެ. އަނަސް އެނބުރި ކޮޓަރި ދޮރާ ދިމާއަށް ބަލައިލާފައި އެ ދިމާއަށް ހިނގައިގަތެވެ. ސިޑިން ފޭބިއިރު އަޑެއް ބަޑެއްނީވެ އެވެ. މުޅި ގެވެސް ހިމޭންވެފައިވާ ކަހަލަ އެވެ. އެކަމަކު އެހިމޭންކަން ދެމިއޮތީ ބަދިގެއާ ހަމައަށް ދެވޭންދެނެވެ. އަނަސްގެ ދެފައި ބިމުގައި ހަރުލީ މިރްހާގެ ރުއިމުގެ އަޑު އަހާފަ އެވެ. އޭނައަށް އެވަގުތު ކުރެވުނީ ހިތް ވިރެމުން އައިފަދަ އިހްސާސެކެވެ. ތޫނުތަދެއް މޭގައި އުފެދި މުޅި ހަށިގަނޑަށް ފެތުރެން ފެށިހެންހީވި އެވެ. ނެތް ހިތްވަރާއެކުވެސް ދެފިޔަވަޅެއްވަރު އަޅާފައި ބަދިގެ ދޮރުމައްޗަށް ހުއްޓުނެވެ.

ފުރަގަސްދީގެން މިރްހާ އިނީ މޭޒުދޮށުގައި ހުރި ގޮނޑިއަކަށް ދެފައި ނަގައި މޭގައި ޖައްސާލައިގެންނެވެ. ކައިރިއަށް ދާން ހީކޮށްލައިފައި ވެސް ފަސްޖެހެވުނެވެ. މިރްހާ އެތަނަށް އައިސް އިނދެގެން ރޯނީ އޭނައަށް އެކަން ސިއްރުކުރަން ބޭނުންވެގެންނެވެ. އަދި އެހާލަތުގައި ވަނިކޮށް ފެނިއްޖެނަމަ ލަދުގަނެ އިތުރަށް ދެރަވެދާނެ އެވެ. ހިތާ ދެކޮޅަށް ވިއަސް އޭނަ އަމިއްލަ ނަފްސް ހުއްޓުވި އެވެ. ދުރަށް ޖެހިލާފައި ބޭރުގައި، ފާރުގައި ލެނގިލައިގެން ހުރީ މިރްހާ އެކަނިކޮށްލާފައި ނުދާންވެގެންނެވެ.

ރުއިމުގެ އަޑު ކެނޑި އިރުކޮޅެއް ވީފަހުން ފްރިޖް ހުޅުވި އަޑާއި ލެއްޕި އަޑު އިވުނެވެ. މިރްހާ އެނބުރި ދާން އުޅޭކަން ވިސްނުމުން އަނަސް ކުރީގައި ގޮސް ކޮޓަރިއަށްވަދެ އޭނަ އޮންނަ ފަރާތުން އެނދުގައި ޖައްސައިލި އެވެ. އޭނައަށް ހީވީ ރަނގަޅަށެވެ. މާގިނައިރެއް ނުވެ މިރްހާ އައިސް ސިއްރު ސިއްރުން ދޮރު ހުޅުވިއަޑު އައެވެ. ދެން އަނެއްފަރާތުން އެނދަށް އަރައި އޮށޯވެއްޖެ އެވެ. އަނަސް ލޯ ހުޅުވައިލީ މިރްހާއަށް ނިދޭހާއިރުކޮށްފަ އެވެ. ފަނޑުއަލީގައި ވެސް އެސްފިޔަތައް ތެމިފައިވާކަން ހުރީ ފާހަގަވާށެވެ. ނޭފަތުކުރިއަށްވެސް ރަތްކުލަ އަރާލައިފަ އެވެ. އޭނައަށް އަދި އެ ދެވުނީ މިރްހާ އެހެން ރޯންއިންނަތާ ކިހާ އިރެއްފަހުންކަމެއް ވެސް ނޭނގެއެވެ.

އަނަސްއަށް އެރޭ ދެން ނިދޭގޮތެއްނުވި އެވެ. ފަތިސް ވަންދެން އޭނަ އޮތީ މިރްހާއަށް ބަލާށެވެ. ދެން ތެދުވެ ނަމާދަށް ދާން ތައްޔާރުވެގެން ނިކުތީ މިރްހާއަށް ނުގޮވައެވެ. ނަމާދު ޗުއްޓީ ދުވަސްކޮޅެއް ކަމުން ގިނައިރު ނިދަން ބޭއްވީއެވެ. އެނބުރި އައިސް އާދައިގެ މަތިން ޒިކުރުކުރަން އިނދެލާފައި މަސައްކަތް ފަށައިގަތެވެ. ރޭ އެރި ވައިގައި ކުނި އެޅި ހަޑިވެފައި އޮތް ފަތާފެންގަނޑު ސާފުކޮށް ނިމިގެން ގަސްތަކަށް ފެންދޭން ހޮޅި ދޫކޮށްލައިގެން އުޅެނިކޮށް މިރްހާ ގޭގެ ދޮރު ހުޅުވާލިއަޑު އިވުނެވެ. އަނަސް އެނބުރި ބަލާލިއިރު މިރްހާ ހުރީ އަނަސްގެ އަތްދިގު ހޫޑީއެއްލައިގެންނެވެ. އެއޮމާން ދެފައި ހާމައަށެވެ. އިސްތަށިގަނޑު ތަރުތީބެއްނެތި ދޫކޮށްލައިފަ އެވެ. ހީވަނީ ދެންމެ ހޭލައިގެން ނިކުތް ހެންނެވެ. އަތުގައި ކޮފީ ތަށްޓެކެވެ.

"އަނަސްދެން މި ހޫޑީ މަތިން ހަނދާންނައްތައިލާ! އިޓްސް މައިން ނައު." މިރްހާ ކައިރިއަށް އަންނަމުން ވާހަކަދެއްކިއެވެ.

"އަހަންނާއި އަހަރެންގެ މިލްކުގައިވާ ހުރިހާއެއްޗަކީ މިރްހާގެ އަމިއްލަ އެއްޗެހި." އަނަސް ހިނިތުންވުމަކާއެކު ޖަވާބުދިނެވެ.

"އައްދެ. ހާދަ ބަސްއަހައޭ ދޯ..." މިރްހާ ކައިރިވެފައި ކޮފީތަށި ދިއްކޮށްލުމުން އަނަސް އެއިން ކޯވަރެއް ރަހަ ބަލައިލި އެވެ. އޭނަ މަސައްކަތަށް އެނބުރުމުން މިރްހާ ބަލަހައްޓައިގެން ކައިރީގައި ހުރެލާފައި ގޮސް ޕޫލް ކައިރީ ހުރި ގޮނޑިއެއްގައި އިށީނދެލައިފި އެވެ. ހޫޑީގެ ކުރިމަތީ ހަރުކޮށްފައިވާ ޖީބުގައި އޮތް މިރްހާގެ ފޯނު ރިންގްވާން ފެށީ އޭނަ އެތާ އިންދަ އެވެ. އޭނަ ފޯނު ނަގައިގެން ވާހަކަދައްކަން އިންއިރު އަނަސް އިރުއިރުކޮޅާ ނަޒަރެއްދެ އެވެ.

ފޯނު ނިންމާލައިފައި ހުސްނުވެ ހުރި ކޮފީތަށި ގޮނޑީގައި ބަހައްޓާފައި މިރްހާ އަނަސްއަށް ގޮވަމުން ދުވެފައި އައިގޮތަށް އައިސް އޭނަގެ ގައިގައި އޮޅުލައިގެންފި އެވެ. ފެން ހޮޅި ދޫކޮށްލައިފައި އަނަސް އޭނަގެ ކޮނޑުގައި ހިފާ ދުރުކޮށްލީ ވީގޮތެއް އޮޅުންފިލުވަން ވެގެންނެވެ. އޭނަގެ ހިތާއި ކުޅެލީ މިރްހާގެ ތުންފަތުގައިވި އުފާވެރި ހިނިތުންވުމެވެ.

"އަނަސްއަށް އިނގޭތަ މެހެވިޝް އެ ގުޅީ. މެހެވިޝް އެދުނީ އަންނަމަހު މަންމަ އާއި ބައްޕަގެ އެނިވާސަރީކުލަގަދަކޮށް ފާހަގަކުރާއިރު ބައިވެރިވާން އަހަރުމެން ދެމީހުން މާލެދާން..." ލޮލަށް ޖަމާވަމުންއައި އުފާވެރިކަމުގެ މުތީތަކާއެކު މިރްހާ އޮޅުންފިލުވައިދިނެވެ.

ނުނިމޭ

ދިގު ވާހަކަ

Popular