14 Jan 2021

By: Mariyam Yasma

އޭނައަށް ވާހަކަދެއްކޭވަރު ވުމުން ފުރަތަމަވެސް ދުރަށް ޖެހިލާފައި ކޮށްލީ ސުވާލެކެވެ.

"ކީއްވެ އަހަރެން ފޮނުވައިނުލީ؟" މިރްހާ އަހައިލި އެވެ.

އޭނައަށް އަނަސްގެ ނިންމުން ބަލައިނުގަނެވިގެން އުޅޭކަހަލަ އެވެ. އަދިވެސް އަނަސްގެ ޓީޝާޓުން އަތްދޫކޮށްނުލާ ހުރެގެން އެ ދެލޮލަށް ބަލަންފެށީ ޖަވާބަކަށް އެދިގެންނެވެ. އަނަސް އޭނަގެ މޫނުމައްޗަށް އެޅިފައިވާ އިސްތަށިތައް ނުހަނު ލޯބިން އެއްފަރާތްކޮށްލާފައި ދަތްދޮޅީގައި ހިފައިލި އެވެ.

"މިރްހާއަށް ކީއްވެ ހީވަނީ އަހަރެން މިރްހާ ދޫކޮށްލަފާނެއޭ؟ އަހަރެން އަބަދުވެސް ބުނަމެއްނު އަހަރެން ކުރާނެ ކަމެއް ނޫނޭ އެއީ..." އަނަސް ޔަޤީންކޮށްދޭން މަސައްކަތްކުރާ ރާގެއްގައި ޖަވާބުދިނެވެ.

"އެން ޔެޓް އައި އޯލްވޭސް ރަން އަވޭ...." މިރްހާއަށް އެވާހަކައާ ގުޅުވާލައިގެން ބުނެވުނެވެ.

އޭނައަށް އަނަސްގެ މޫނަށް ބަލަން އުދަނގޫވެގެން އެސްފިޔަތައް ތިރިކޮށްލެވުނެވެ. އަނަސްފަދަ ހިތެއްގެ ވެރިއަކަށް ނޫނީ އޭނަފަދަ އަންހެންކުއްޖަކަށް މާފެއްނުކުރެވޭނެ އެވެ. އޭނަ އާއި އަނަސްގެ ކިތަންމެ ތަފާތުތަކެއް ހުއްޓަސް ދެމީހުން އެކަކު އަނެކަކަށް އެހާ ރަނގަޅަށް ފިޓްވަނީ އެހެންވެ އެވެ.

"އިނގޭތަ އެއީ ކީއްވެކަން؟ އިންސާނުން އެއްޗެއް މާބޮޑަށް ބޭނުންވެއްޖެނަމަ އެ އެއްޗެއް ގެއްލުމުގެ ބިރު މުޅި ސިކުނޑި ފުރާލާ. އަދި އިންސާނުން އަބަދުވެސް ފުރަތަމަ ހިޔާރުކުރާނީ ފަސޭހަ މަގު. ފުރަތަމަ ދުވާނީ ދުރަށް. ކުރިމަތތިލާނީ ސަލާމަތްނުވާ ހިސާބަށް ދިޔައީމަ.." އަނަސް ހިނިތުންވެލީއިރު އެހިނިތުންވުން ލޮލާއި ހަމައަށްފޯރި އެވެ. މިރްހާ އަނެއްކާވެސް އެސްފިޔަތައް އުފުލައިލިވަގުތު އެރީތި ހިނިތުންވުން ފެނުމުގެ ނަސީބު ލިބުނެވެ. މިރްހާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

"ހަސަން! ކޮބާ ހަސަން؟" މިރްހާ ހަނދާންވެގެން އަނަސްގެ އަތް ދުރުކޮށްލާފައި އަވަހަށް އެތެރެއަށް ދުއްވައިގަތެވެ.

ތަންކޮޅަކަށް ދިޔަފަހުން ހަސަން އޭނައަށް ފެނުނީ ސޯފާގެ ފުރަގަހުގައި ބޯޅައެއް ނަގައި އޭގައި ޖަހައިގެން އިންދައެވެ. އޭނަ ފެނުމާއެކު ހިނި އައިސްފައި ބޯޅަ ދޫކޮށްލުމަށްފަހު މިރްހާ ގާތަށް ދާން ތެދުވިއެވެ. މިރްހާ އަވަހަށް ހަސަނން ނަގައި މޭގައި ޖައްސާލައިގެން ގޮސް ސޯފާގައި އިށީނެވެ.

***

"ކީއްވެ އަހަންނަށް މި ހީވަނީ އަހަރެންގެ ޑިޕްރެޝަންގެ ވާހަކަ އަނަސްއަށް އެނގުނީ އަލަކަށް ނޫނޭ. ހިއެއްނުވޭ އެހާ ސަޕްރައިޒްވީހެނެއް..." އެރޭ ހަސަން ނިންދާފައި އައިސް އަނަސް ކޮޓަރިއަށް ވަނުމާއެކު މިރްހާ ބުނެލިއެވެ.

އޭނަ ފާޚާނާއިން ނިކުމެ ރީތިވާ މޭޒުކައިރީ އިށީނދެ އިނީ އަތުގައި ކްރީމް ހޭކުމުގައެވެ. އަނަސް މިރްހާއަށް ބަލައިލާފައި އައިސް ޓީޝާޓް ދަމައިގަތުމަށްފަހު އެނދުގެ ފައިލާކޮޅަށް ދޫކޮށްލާފައި ގޮސް ފާޚާނާއަށް ވަންނަން ދިޔައެވެ. މިރްހާއަށް އެނބުރި އެދިމާއަށް ބަލައިލެވުނެވެ. އަނަސް އެދިޔައީ ހަމަ އޭނަގެ ވާހަކަ އަޑުނީވޭކަމަށް ހަދާލައިފައި ޖަވާބުނުދީ ހެއްޔެވެ؟

ކުޑައިރުކޮޅެއް ފަހުން އޭނަ ގޮސް އެނދުގެ އެއްފަރާތުން އަރައި ބާލީސްތަކުގައި ލެނގިލައިގެން އިށީނދެލިއެވެ. ގިނައިރެއްނުވެ އަނަސް ދޮރު ހުޅުވާލައިފައި ނިކުތެވެ.

"މިރްހާއަށް ހީވީ ރަނގަޅަށް. އަހަންނަށް މިރްހާގެ ޑިޕްރެޝަންގެ ވާހަކަ އެނގުނީ މިއަދު އަލަކަށް ނޫނން. އެހެންވެ ހައިރާން ނުވީ..." އަނަސް އަނެއްފަރާތުން އަރައި އިށީނދެލަމުން ދިން ޖަވާބުން މިރްހާ ހައިރާންކޮށްލިއެވެ. އަޖައިބުވެފައި އެމޫނަށް ބަލަން ފެށުނެވެ.

"ދުވަސްކޮޅެއްވެއްޖެ އަހަންނަށް ޝައްކުވެފަ ހުންނަތާ. މިރްހާގެ އުޅުމާއި މިކޮޅަށް އައިފަހުން ލޮލަށް ފެނުނު ކަންތައްތަކަށް ބަލާފަ ހިތަށް އެރި ކަމެއް ސިއްރުކުރަނީއޭ. އެހެންވެ އަހަރެން އުލާގެ އެހީ ހޯދީ. މިރްހާ މިކޮޅުގަ ހަސަންއާ ހަވާލުވެގެން ހުރި ދުވަހަކު ގޮސް ރޫމުތެރެ ބެލި ބެލުމުގައި މިރްހާ ކާންގެންގުޅޭ ބޭސްތައް ފެނުނީ. އެ ބޭސްތަކުގެ މައުލޫމާތު ހޯދައިގެން ފުރަތަމަ އެނގުނީ. ޑިޕްރެޝަންގެ އަލާމާތްތައް ބެލިއިރު ހަނދާންވީ ބަނޑުބޮޑުއިރު އެކޮޅުގައި މިރްހާގެ ފުށުން އެ ހުރިހާ އަލާމާތެއް ފެނުނުކަން. އަދި ފަހުންވެސް... އަހަރެންގެ އެކުވެރިއަކު އުޅޭނެ ތެރަޕިސްޓެއް. އޭނައަށް ގުޅާލީމަ އިތުރަށްވެސް ކިތަންމެ ވާހަކައެއް ކިޔައިދިން. އެހިސާބުން އަހަންނަށް ކުރިން އޮޅުންއަރާފައި އޮތް ހުރިހާކަމެއް ސާފުވެ މަންޒަރު ފުރިހަމަވެއްޖެ..." އަނަސްގެ ވާހަކަތައް އަޑުއަހަން އުދަނގޫވެގެން މިރްހާއަށް އިސްޖަހައިލެވުނެވެ.

އެވާހަކަތައް އިވުމުން އަދިވެސް ލަދުގަނެއެވެ. އޭނައަކީ ފެއިލްވެފައިވާ މީހަކުކަން ހަނދާންވިއެވެ. އަންބެއްގެ ގޮތުންނާއި މައެއްގެ ގޮތުންނެވެ. ނުވިތާކަށް ދަރިއެއްގެ ގޮތުގައިވެސް މެއެވެ. އެއިހްސާސްތައް އެއީ ބައްޔެއްކަން އެނގުނަސް ކުށްވެރިކަން އިހްސާސްވެއެވެ. ސިކުނޑީގެ ބަލިތަކަކީ ތިމާގެ ބަލިކަށިކަމުން ޖެހޭ އެއްޗެއްކަމަށް އޮންނަނީވެފަ އެވެ. މުޖުތަމަޢުން ބާކީކޮށްލަ އެވެ. ބަލާގޮތް ތަފާތުވެ އެވެ. މޮޔައަކަށް ހަދައެވެ. ނޫނީ ބައެއްފަހަރު ނުލަފާކަމުން އުޅޭގޮތް ކަމުގައި ބުނެ ނަފްރަތު ކުރެއެވެ. އުޅެން ފަސޭހައަކަށް މޮޔައަކަށް ހެދިގެން އުޅެނީކަމުގައި ކިޔައެވެ. ދަރިން ނުބަލަން ވެގެން އެކްޓްކުރަނީ ކަމުގައި ކިޔައެވެ. އިންސާނިއްޔަތުކަމެއް ނެތް ޖަނަވާރުންގެ ދަރަޖައިގައި ހިމަނައެވެ.

"މިރްހާ!" އަނަސް ގޮވާލިގޮތުން ހީވީ މޭގައި ފިރުމާލިހެންނެވެ.

މިރްހާއަށް ހިންދިރުވައިލެވުނީ އުދަނގުލުންނެވެ. އަނަސް އެވަގުތު އޭނަގެ ދަތްދޮޅީގައި ހިފާލައިފައި ކުޑަކޮށް އުފުލައިލި އެވެ.

"އަހަންނަށް މާފުކުރޭ މިރްހާގެ ހާލަތު އަހަންނަށް ދެނެނުގަނެވުނީމަ..... އަދި އަހަންނަށް ވަޢުދުވޭ މިރްހާގެ އަތަށް މަދިރިއެއް ކަށިޖެހުންފަދަ ކުޑަކުޑަ ކަމެއްވިއަސް އަހަންނަށް ސިއްރުނުކުރާނެކަމަށް...އަދި ދުވަހަކު އަހަރެން ފޫހިވާފފަދަ ކަމެއް މިރްހާއަކަށް ނުކުރެވޭނެ...." އަނަސް ބުނަމުންދިޔަ އެވެ. ކޮންމެ ޖުމްލައަކާއެކު އެއަޑު ބަރުވެގެން އައީ ޖަޒުބާތުންނެވެ.

މިރްހާއަށް އިތުރަށް ކަރުނަތައް ހިފަހައްޓައެއްނުލެވުނެވެ. އެވަގުތު އެކަރުނަތައްވެސް އަނަސްގެ އޯގާތެރި އަތުން ފުހެލާދިނެވެ. އެދެއަތުގެ ހިމަޔާތަކާއި ނުލައި އޭނަ މިއޮތްހާދުވަހު ކެތްކުރީ ކިހިނެތް ހެއްޔެވެ؟ އެލޯއްބާއި ނުލާ އޭނަ ދިރިހުރީ ކިހިނެތް ހެއްޔެވެ؟ އެފިރުމުންތަކާއި ނުލާ އޭނަގެ ރޫޚުގެ އާރޯކަންވަނީ ނެތިގޮސްފަ އެވެ. މިރްހާ އަރިވެލާފައި އަނަސްގެ ކޮނޑުގައި ބޯއަޅައިލި އެވެ.

"އަހަރެން ކުރާ ސުވާލަކަށް ތެދުތެދަށް ޖަވާބު ދީފާނަންތަ؟ " ކުޑައިރުކޮޅަކު ހިމޭނުން އިނދެފައި އަނަސް އެސުވާލުކޮށްލީ ކުޑަކޮށް ފަސްޖެހިފައިވާ ރާގެއްގަ އެވެ. ހިމޭނުން އިނީވެސް އެކަމާއި ވިސްނުމުގަ އެވެ. މިރްހާގެ ހިތް ތެޅިގަތް ނަމަވެސް ބޯޖަހައިލި އެވެ.

"އެދުވަހު މޫދަށް ފުންމާލީ ކޮން މަޤްސަދެއްގަ؟ ފަތަން އެނގޭއިރު މައްޗަށް ނޭރީ ކީއްވެ؟" އަނަސްގެ އަޑަށް ތުރުތުރެއް ވެރިވިއެވެ.

މިރްހާ ޖަވާބު ނުދިނަސް އެޖަވާބާއިމެދު އޭނަ ބިރުގަތެވެ. ހަޤީޤަތް އެނގިގެން އަޑުއަހަން ޖެހިލުންވިއެވެ. އެކަމަކު ޖަވާބު އޭނަ އަޑުއަހަން ބޭނުމެވެ. މިރްހާގެ ދުލުން އެހެން ބުނާއަޑު އެހުން ކޮންމެހެން މުހިންމެވެ.

"އަމިއްލައަށް މަރުވާން..." މިރްހާގެ އަޑު ނިކުތީ ނިކަން ހިމަހިމަކޮށެވެ.

އެހާ ކައިރީގައި ނޫންނަމަ އަނަސްއަށްވެސް އަޑެއް ނީވުނީހެވެ. އެވަގުތު އަނަސް ލައިލައި ހުރި ނޭވާ ކަރުތެރޭ ތާށިވިއެވެ. އޭނަ ހަމަޖެހިލަން އިރުކޮޅެއް ނެގިއެވެ. މިރްހާ އިންތިޒާރުކުރީ އަނަސް އެވާހަކައަށް ރައްދު ދޭނެ ގޮތަކަށެވެ.

"އެއީ ފުރަތަމަ ފަހަރުތަ؟" އަނަސް ކޮށްލީ އިތުރު ސުވާލެކެވެ.

"އޭގެ ކުރިން އެއްފަހަރު މާލޭގައި އުޅުނުއިރު..." މިރްހާ ތެދަށް ބުނެދިނެވެ.

"ކީކޭ ހިތަށްއެރީ އެވަގުތު؟ ކީއްވެ މަރުވާން ބޭނުންވީ؟..." އަނަސް ސުވާލުކުރީ ވަރަށް ވިސްނައިގެންނެވެ.

މިރްހާ އެވަގުތު ލޯބޮޑުކޮށްފައި ބަލައިލީ އެކަމަށް އުންމީދުނުކޮށްއިން ކުއްޖަކުފަދައިންނެވެ. އަނަސް އެކަމުގެ ތެރެއަށް ވަދެ އިތުރަށް އޮޅުންފިލުވަން މަސައްކަތްކޮށްފާނެ ކަމަށް ހިއެއްނުކުރެ އެވެ. އޭނަ ހިތުން އަނަސް ބޭނުންވާނީ އޭނނަ އެހިޔާލުތަކާއިވެސް ދުރަށް ދިއުމެވެ.

"މިރްހާ!..." މިރްހާ އަނގައިން ނުބުނުމުން އަނަސް ގޮވައިލީ ހިތްވަރުދޭފަދަ ރާގަކަށެވެ.

މިރްހާއަށް ހަޤީޤަތުގައިވެސް ހިތްވަރުލިބުނެވެ. އޭނަ ބަލާލުމާއެކު އަނަސް ލުއި ހިނިތުންވުމަކކާއެކު ބޯޖަހައިލީ ކުރިއަށް ގެންދަން ބާރުއަޅަމުންނެވެ.

"ބޭނުންވީ އަހަރެން ކުރަމުންދިޔަ އިހްސާސްތައް ހުއްޓުވަން. ކުރެވުނު ކަންތައްތަކާއި ލަދުގަނެ އެއްވެސް މީހަކަށް ނުފެންނަ ހިސާބަކަށް ދާން ހިތަށްއެރީ. ފެއިލްވެފައިވާ އިހްސާސެއް ކުރެވުނީ. އެން ވޯތްލެސް..." އެހާ ގިނަ ވާހަކަތަކެއް ދުލާއި ހަމައަށް ގެންނާނެ ގޮތެއް ވިސްނަމުންދިޔަ މިރްހާއަށް ކިޔައިދެވުނީ ކުޑަމިންވަރަކަށެވެ. ވީހާވެސް ކުރުކޮށެވެ. ހަމައއެކަނި އެވާހަކަތަކުންވެސް އަނަސްއަށް އޭނަގެ ހިތުގެ ހާލު ބުނެދެވިއްޖެކަމުގައި އިހްސާސްކުރެވުނެވެ.

ހިމޭންވެފައި އިން އަނަސް މިރްހާގެ ދެއަތްތިލައިގައި ހިފާ ކުރިއަށް ގެނެސް އިނދެ އެނަމުން ގޮވާ ސަމާލުކަން އަތުލިއެވެ.

"އަހަރެން މިދައްކާ ވާހަކަ ރަނގަޅަށް އަޑު އަހައްޗޭ! ދުވަހެއްގެ ކޮޅުންވެސް ވޯތުލެސްއޭ ހިތަށް އަރައިފިއްޔާ ހާއްސަކޮށް މިވާހަކަ ހަނދާންކުރާތި! މިރްހާއަށް އިނގޭތަ ތަންކޮޅެއް ކުޑައިރު މީހުން މަލާމާތްކުރަން ދަށްކޮށްލަން ކިޔާ އެއްޗެހިން އަހަންނަށްވެސް އަސަރުކުރި. އޭރު ޝަކުވާ ހިފައިގެން ބައްޕަ ކައިރިއަށް ދިޔައީމަ ބުނި ވާހަކައެއް އަހަރެން މިބުނަނީ. އެއީ އެންމެ ފުރަތަމަ އިންސާނުން އުފައްދާފައި އެހެން ހުރިހާ މަޚުލޫޤުންގެ މައްޗަށް މާތްކުރައްވާފައިވަނީ އަހަރރުމެން ހެއްދެވިފަރާތުން. އަދި އެމަތިވެރިކަމާއި ގުޅިފައިވަނީ އަހަރުމެންގެ ބޭރު ފުށުމުގެ ސިފައަކާ ނޫން ނުވިތާކަށް އަހަރުމެން އަތުގައި ހުރި މުދަލާއި ލައިއުޅޭ ރީތި އަންނައުނަކާއިވެސް ނޫން. އެމަތިވެރިކަން ގުޅިފައިވަނީ އަހަރުމެންގެ ރޫޚާއި. އަދި އިންސާނުން އެކަކު އަނެކަކަށްވުރެ މަތިވާނެ އޮތީ އެންމެ ގޮތެއް އެއީ ތަޤްވާވެރިކަން. އެމީހަކު ތަޤްވާވެރި ވީވަރަކަށް އެމީހެއްގެ ދަރަޖަ އުފުއްލަވާނެ. އެހެންވެ އެދުވަހުން ފެށިގެން އަހަރެން އަބަދުވެސް ހަނދާން ބަހައްޓަން އެހެން މީހަކު ބުނާ އެއްޗަކުން ނޫނީ ދެކޭގޮތަކުން އަހަރެންގެ އަގު ޒައްރެއްގެ މިންވަރަށްވެސް ކުޑަވެގެން ނުދާނެކަން. މިރްހާވެސް ދުވަހެއްގެ ކޮޅުންވެސް އަމިއްލަ ނަފްސާއިމެދު އަގެއްނެތް އެއްޗެއްގެ ގޮތުގައި ހިތަށްއަރާ ވަގުތެއް އަތުވެއްޖެނަމަ އަހަރެން މިބުނި ވާހަކަތައް ހަނދާންކުރާތި!" އަނަސްގެ ވާހަކަތަކުން މިރްހާގެ ދެއަތުގައި ހުރި ލޯލިތައް ކޮޅަށް ޖެހުނެވެ. އަނަސް އެކިޔައިދިންފަދަ ވާހަކައެއް އޭނަގެ މައިންބަފައިންވެސް ބުނެދީފައެއް ނުވެއެވެ. އެވަގުތު އޭނަ ބޯޖަހައިލުމުން އަނަސް އެދެއަތްތިލަ އުފުލާލައިފައި ގެންގޮސް ބޮސްދިނެވެ.

ދެމަސް ފަހުން އަނަސް އާއި މިރްހާ އަނަސްގެ ރަށަށް ބަދަލުވި އެވެ. ފުރައިގެން ފުރަތަމަ އައިސް ގެ ހުންނަ މަގަށް ވަދެވުމާއެކު ޖެހި ޖެހިގެން ހުރި ދެގެއަށް ބަލަން މިރްހާއަށް ހުރެވުނީ މަސްހުނި އިހްސާސްތަކަކާއިއެކުގަ އެވެ. އެއްގެއަކީ އޭނަ އުޅެ ބޮޑުވި ގެއެވެ. އެތަކެއް ހަނދާނެއް އެގެއާއި ގުޅިފައިވާ ގެއެވެ. އުފާވެރި ހަނދާންތަކާއި ހިތްދަތި ހަނނދާންތަކެވެ. އަނެއް ގެއަކީ އޭނަ އެންމެ ލޯބިވާ އަނަސް އުޅެ ބޮޑުވިގެ އެވެ. އަނަސްފަދަ ޒުވާނަކު ތަރުބިއްޔަތު ވެގެން އައިގެއެވެ. ހުރިހާ ޝުކުރެއް އަނަސްގެ ބައްޕައަށެވެ. އަދި މިރްހާއަށް އެދުވަހު ފުރަތަމަ ފަހަރަށް އެދެ ގޭގެ ތަފާތު ހުރީ ބޭރު ފުށުގައިކަން އެނގުނެވެ. އުފާވެރިކަން އޮތީ އެގެއެއްގެ އެތެރޭގައި އުފަންވާ ވަގުތުތަކުންނެވެ. އަޅާއިލުމާއި ލޯބިންނެވެ. ކުލުނާއި އޯގާތެރިކަމުންނެވެ. ތެދުވެރިކަމާއި އިތުބާރުންނެވެ.

ތިން އަހަރު ފަސް:

ދުރުދުރަށް އެތައް މޭލަކަށް ފެތުރިފައިވާ ފެހި ދަނޑުތަކުގައި ކަރަ އާއި ކޮފީފަތެވެ. ޓޮމާޓޯ އާއި ބަށްޓާއި ރޯ މިރުހެވެ. ރޭ ވެހުނު ވާރެއަށްފަހު ބިންގަނޑު އޮތީ ތެމިފަ އެވެ. ނުވެހި ދުވަސްތަކެއް ދިއުމަށްފަހު އައި ފުރަތަމަ ވާރެއިން ބިންގަނޑު ތެމުމުން މުޅި ސަރަހައްދުގައި ފެތުރިފައިވީ ބިންގަނޑުގެ މީރުވަހެވެ. ދަނޑުތަކާއި ދިމާއަށް ދެވެން އޮންނަ ހިމަ މަގުން ދުވެފައި ދިޔަ ކުޑަ ފިރިހެންކުއްޖެކެވެ. ހަތަރު ވަރަކަށް އަހަރުގެ ފިރިހެންކުއްޖާގެ އިސްތަށިގަނޑު ދިގުކޮށްލާފައި އޮތްއިރު ބޮޑުބައެއް ރަންވެފައެވެ. ގިނައިރު ލޮނާއި އަވީގައި އުޅޭކަމުގެ ހެކިތަކެވެ. ލޯބި ލޯބި ވަށް މޫނެކެވެ. ބޯ ރީތި ބުމަ އާއި ޖަވާހިރެއްފަދައިން ބަބުޅަމުންދިޔަ މުށިކުލައިގެ ދެލޮލެވެ. ކަކުލަށްވުރެ މައްޗަށް ހުރި ފެހި ސޯޓަކާއި ކަޅުކުލައިގެ ތުނިތުނި ކޮނޑުކެނޑިއެއްގައި ހުރިއިރު އަތާއި ފައި އަދި ހާމައަށް ހުރިތަންކޮޅެއް ވިއްޔާ ރަތްއަރާލައިފަ އެވެ.

ހެމުން ދިޔަ ފިރިހެންކުއްޖާ ގޮސް ދަނޑުތައް ފެށޭ މަގާއި ހަމައަށް ހުއްޓިފައި ދެއަތް ވައިގެތެރެއަށް ހޫރައިލަމުން ފުމެން ފެށިއެވެ. ބޮޑު ކާމިޔާބެއް ލިބިގެން ފާހަގަކުރަމުންދިޔަ ކަހަލަ އެވެ. އޭގެ މަދު މިނިޓްކޮޅެއް ފަހުން ފިރިހެންކުއްޖާގެ ފަހަތުން އައިސް ހަމަ އެތަނަށް މަޑުކޮށްލި ޒުވާން އަންހެނެކެވެ. ކުޑަކުއްޖާގެ ހުނުމުގައި ބައިވެރިވަމުން އޭނަ އުކުޅުގައި އަތް ވިދެލާފައި ދަނޑާއި ދިމާއަށް ނަޒަރު ހިންގައިލި އެވެ. އެންމެ ބަލައިލުމަކުން އެދެލޯ އެދޭ ސޫރައާ ނަޒަރު ބައްދަލުވެއްޖެ އެވެ.

ގަސްތަކެއްގެ ކައިރީ އުޑަފައިން އިނދެފައި އަނަސް ތެދުވެގެން އެދިމާއަށް އައީ އަތުގައި އޮތް އަންގި ބާލާފައި ތިރިއަށް ދޫކޮށްލައިފަ އެވެ. ތިން އަހަރުތެރޭގައި މާބޮޑު ބަދަލުތަކެއް އަނަސްއަށް އައިސްފައެއް ނެތެވެ. އަދިވެސް އެރީތިކަން އެގޮތުގައެވެ. ތެދަށް ބުނަންޏާ ދުވަސްވީ ވަރަކަށް ހައްތަހާ ފުރިހަމަވަމުން އަންނަކަހަލަ އެވެ. ފިރިހެންވަންތަކަން އިތުރުވެފައިވެ އެވެ. އޭނަގެ ހައްގެއްކަން އެނގޭއިރުވެސް ބައެއްފަހަރު އެކީގައި ތަންތަނަށް ދާއިރު އަންހެންކުދިންގެ ނަޒަރު ހުއްޓޭތަން ފެނުމުން މިރްހާގެ ހިތް ހަސަދައިން އަނދައިގަނެއެވެ. ލޯ ކޮނެލަން ބޭނުންވެ އެވެ. ދުވަހަކު އެއިހްސާސް ކުރުން ހުއްޓޭނެކަމެއް ނޭނގެއެވެ. އަނަސް އައިސް ކައިރިވުމާއެކު ހަސަން ދުވެފައި ގޮސް ބައްޕަގެ ދެފައިގައި އޮޅުލައިގަތެވެ.

"ބައްޕާ ހަސަން އެއްވަނަ..." ހަސަން އުފާވެފައި ކިޔައިދިނެވެ.

އަނަސް ހިނިތުންވެފައި ބަލައިލީ މިރްހާއަށެވެ. މިރްހާގެ ތުންފަތުގައިވި ހިނިތުންވުމަކަށް ބަދަލެއް ނާދެއެވެ. އެހިނިތުންވުން ވީ އިތުރަށް ފުނެވެ.

ނުނިމޭ

ދިގު ވާހަކަ

Popular