16 Jan 2021

By: Mariyam Yasma

"ބައްޕާ ހަސަން އެއްވަނަ..." ހަސަން އުފާވެފައި ކިޔައިދިނެވެ.

އަނަސް ހިނިތުންވެފައި ބަލައިލީ މިރްހާއަށެވެ. މިރްހާގެ ތުންފަތުގައިވި ހިނިތުންވުމަކަށް ބަދަލެއް ނާދެއެވެ. އެ ހިނިތުންވުން ވީ އިތުރަށް ފުނެވެ.

އެނބުރި ގެއަށް ދިޔަމަގުމަތީ ރޭސްޖެހީ އަނަސް އާއި މިރްހާއެވެ. ހަސަން އޮތީ އަނަސްގެ ކޮނޑުމަތީގައެވެ. އަނަސް ދުވިވަރަކަށް ހަސަންއަށް މަޖާވެގެން ހެނީއެވެ. ފަހަތުގައި ހުރި މިރްހާވެސް ހެނީއެވެ. އެކަމަކު އޭނަ ދެފަޔަށް ލެވުނުހާ ބާރެއް ލައިފައި ކުރިއެރޭތޯ ބެލިއެވެ. ނިމުނުއިރު ނަތީޖާ ބަދަލެއްނުވެއެވެ. އެގޮތަށް ރޭސްޖަހާ ކޮންމެފަހަރަކު ފަދދައިން ނިމުނީ އަނަސް މޮޅުވެގެންނެވެ. ގޯތިތެރެއަށް ވަދެފައި މިރްހާ ވަރުބަލިވެގެން ގުދުވެ އޮތީ ދެކަކުލުގައި ހިފަހައްޓާލައިގެންނެވެ. އޭނަ ތެދުވެ ހިންދެމިލިއިރު އަނަސް ހަސަން ތިރީގައި ބަހައްޓާފައި އެނބުރި އަންނަނީ އެވެ.

މެދުގައި ހިނގެން ފުޅާ ގާތައް އަތުރާފައި ދެފަރާތުގައި ފެހި ފެހި ޓޮމާޓޯ ގަސްތައް ފުރިފައިވާ މަގުގެ މެދާއި ހިސާބުން މިރްހާ އަނަސްއާ ބައްދަލުކުރި އެވެ. އަނަސް އޭނަގެ ދެކޮނޑަށް އަތް ވައްޓާލައިފައި ކަނދުރާއާ ހިސާބުން އެދެއަތްތިލަ ގުޅުވައިލި އެވެ. މިރްހާ އޭނަގެ ދެއަތްތިލަ ބާއްވައިލީ އަނަސްގެ މޭމަތީގައެވެ. ލޮލާއި ލޯ ސީދާވެފައިވާއިރު ކޮންމެ ތުންފަތެއްގައި ރީތި ހިނިތުންވުމެކެވެ.

"ސޯ! މޮޅުވީއެއްނު އަނެއްކާވެސް. ބުނޭ އަވަހަށް އަހަރެންފަރާތުން ބޭނުންވާކަމެއް..." މިރްހާ ހުށައެޅިއެވެ.

ރޭހުން މޮޅުވާ މީހަކަށް އަބަދުވެސް ކޮންމެވެސް އިނާމެއް އިންނާނެއެވެ. އެކިފަހަރު އަނަސް ބުނަނީ އެކި ކަންކަމެވެ. އެއްފަހަރަކު އަނަސް އެދުނީ މިރްހާ ބުރުގާ އެޅުމަށެވެ. ވަގުތުން މިރްހާ އެއްބަސްވިއެވެ. އެރަށަށް އަލުން އައީއްސުރެ އޭނަ ލައި އުޅުނީވެސް މުޅިން ނިވާވާ ހެދުންތަކެވެ. ހަމައެކަނި ބުރުގާ ނާޅާކަމެވެ. އަނަސްގެ އެދުމާއެކު އުފަލުން އެކަން ކުރި އެވެ. އެނޫނީ ދެން ބުނެފައި ހުރީ ތަންކޮޅެއް ކުދި ކުދި ކަންކަމެވެ. ފަޅު ރަށެއްގައި އަނަސްއާއެކު އެއްދުވަހާއި އެއްރޭ ހޭދަކުރުމެވެ. ބައެއްފަހަރު މިރްހާގެ ކޮންމެވެސް އަމިއްލަ ހިޔާލަކުން އޭނަ ސަޕްރައިޒްކޮށްލަން ބުނެއެވެ. އެއްރެއަކު އޭނަ އަނަސް ބޭރުން އަންނަންވާއިރަށް އޭނަ ހުރީ "ކެންޑެލް ޑިނަރ" އެއް ތައްޔާރުކޮށްފަ އެވެ.

"އެކަމަކު އުއްބައްތި ދިއްލާފަ ހުއްޓަސް ކާން ހުރީ ސޭންޑްވިޗް. ކައްކަން އުޅުނުއެތި އެދީމަ މީރުކޮށްހަދަން އެނގޭ އެއްޗަކަށް ބަދަލުކޮށްލީ. އެހެންވީމަ ބްރޭކްފާސްޓް އެޓް ޑިނާ މިފަހަރު..." މިރްހާ އަނަސް އިށީނުމުން ތަށިތަކުގެ މަތި ނަގަމުން ކިޔައިދިނެވެ. އެއަޑު އަހާފައި އަނަސްއަށް ހިނިގަނޑު ހިފަހައްޓައެއްނުލެވުނެވެ.

މިރްހާއަށް އަނަސް ހޭތަން ބަލަން ހިނިތުންވެފައި އިނދެވުނީ އެވެ.

"އޯކޭތަ އަހަރެން ވިސްނާލައިފައި ފަހުން ބޭނުންވާކަމެއް ބުންޏަސް..." އެހެން ހުރިހާ ފަހަރަކާއި ތަފާތު ޖަވާބެއް އަނަސް ދިނުމުން މިރްހާ އިތުރަށް ޝައުޤުވެރިވިއެވެ.

"އޯކޭ..." މިރްހާ އެއްބަސްވިއެވެ.

އަނަސް އޭނަގެ ނޭފަތުގައި ބޮސްދީފައި ދެއަތް ތިރިކޮށްލިވަގުތު މިރްހާވެސް އަނަސްގެ މޭމަތިން ދެއަތްނެގިއެވެ. އެކުއެކީގައި އެނބުރި ގޮސް ގެއަށް ވަންއިރު ހަސަން ފެންނާކަށް ނެތެވެ. މިރްހާ ހަސަންއަށް ގޮވާލައިފައި ދިޔައީ ހުޅުވާފައިވާ ގޭގެ ވަލު ދޮރާއި ދިމާއަށެވެ. އޭނަ ނިކުތްއިރު ތުއްތު ހަސަން އުޑަފައިން އިނީ ފައިދަށުގައި ބަނޑުޖަހައިގެން އޮތް ހުދދު ބުޅަލެއްގެ ބުރަކަށިމަތީގައި ފިރުމާށެވެ. ކައިރީގައި އިތުރު ބުޅާތައްވެސް އުޅެއެވެ. މުށި ކުލައާއި ކަޅުކުލަ އެވެ. އަދި ދެކުލައިން މަސްހުނިވެފައިވާ ބުޅަލެވެ.

އެރޭ ހަސަން ނިންދަވާފައި ހަސަންގެ ކޮޓަރިން މިރްހާ ނިކުތްއިރު ވާރޭ ވެހެއެވެ. އޭނަ ގޮސް ސިޓިންރޫމު ކުޑަދޮރުތައް ކައިރީ ދަމާފައިވާ ފޮތިގަނޑު ކަހާލައިފައި އިރުކޮޅަކު ބަލަން ހުރުމަށްފަހު ކޮފީ ތަށްޓެއް ތައްޔާރުކުރަން ބަދިގެއަށް ވަނެވެ. އަނަސްގެ މަސައްކަތުން ހަދާފައިވާ ލަކުނޑި އަށްޓެއްގެ މަތީ އުނދުނެއް ބަހައްޓައިގެން ކެއްކޭގޮތަށް ހުރި ބަދިގެއިން މާ ޒަމާނީ ކުލަވަރެއް ނުފެނެއެވެ. ކުޑަކުޑަ ވަށް މޭޒާއި އޭގެ ވަށައިގެން ބެހެއްޓިފައިވާ 3 ގޮނޑިއަކީވެސް ރަތްޓެއްސަކު ބޭނުންކޮށްފައި އެއްލައިލަން އުޅެނިކޮށް އަނަސް ގެނެސް ވައްދާފައި ހުރި ތަކެއްޗެވެ. ކުޑަދޮރުގެ ދާރަމަތީ އަތުރާފައިވާ ކުދިކުދި ޖޯޑުތަކަކީ ތަންކޮޅުކޮޅު ތެޅިގެން ބޭނުން ނުކުރެވޭވަރު ވެގެން ގަސްއިންދުމަށް ބަހައްޓާފައި ހުރި ތަކެއްޗެވެ. އަދި އެއިން ކޮންމެ ޖޯޑެއްގައި ކޮންމެވެސް ބާވަތެއްގެ ފަތެއް ފެހިއާރޯކަމާއެކު ހެދިފައިވެ އެވެ. މިންޓްފަތާއި ރޯޒްމޭރީ އެވެ. ތައިމް އާއި އޮރިގާނޯއެވެ. އަނަސްގެ އެހީތެރިކަމާއެކު ގަސްހައްދަމުން ގޮސް އޭނަވެސް އެކަމަށް ލޯބިޖެހުނީ އެވެ.

ފުރަތަމަ އަނަސް އޭނައަށް ގަސްހައްދަން ހިތްވަރު ދިނީ ނީޒާ ދިން ލަފާގެ މަތިންނެވެ. ތެރަޕީ ސެޝަންތައް ކުރިއަށް ދިޔައިރު ނީޒާގެ އެދުމާއެކު އަނަސްވެސް ބައެއް ސެޝަންތަކުގައި އޭނައާއެކު ބައިވެރިވި އެވެ. ކުރާނެކަމެއް ނެތިފައި ނުހުރެ ސިކުނޑި އަބަދުވެސް، ގަޔާވާކަމެއް ހޯދައިގެން އެކަމެއްގައި މަޝްއޫލުކުރަން ލަފާދިނީ އެގޮތުން ނީޒާއެވެ. ﷲގެ ވާގިފުޅާއެކު މިހާރު އެބަލިންވެސް އަރައިގަނެވިއްޖެ އެވެ.

ކޮފީތަށި ހިފައިގެން ނިކުމެ މިރްހާ މަޑުކޮށްލީ ކުޑަދޮރު ކައިރީ ހުރި ގޮނޑިއެއްގަ އެވެ. ބޭރުގައި އަނަސް ހައްދާފައިވާ ޓޮމާޓޯ ގަސްތަކުގައި ޓޮމާޓޯތައް ދޮންވަނީ އެވެ. އޭނަ ފަހަރަކު ކޯވަރެއް ރަހަ ބަލަމުން އެރީތި މަންޒަރަށް ބަލަން އިންދާ އަނަސް ބޭރުން އައީ ތެމިގެންނެވެ. މިރްހާއަށް އަނަސް އަންނަތަން ފެނިގެން އަވަހަށް ތެދުވެވުނެވެ. ޖޯޑު ބަހައްޓާފފައި އޭނަ ދުވީ ތުވާއްޔެއް ބަލައެވެ.

"ކީއްވެ ތެމިގެން ތިއައީ މިއޮތްފަދަ ރޭގަނޑު..." އަނަސް ދޮރުން ވަންތަނާހެން މިރްހާ ތުވާލިހިފައިގެން ގޮސް ކުރިމައްޗަށް ހުއްޓުނެވެ.

"އަވަހަށް ހުއްޓާނެހެން ހީނުވާތީ ލަސްނުވަނީސް އައީ.." އަނަސް ޖަވާބުދިނެވެ.

މިރްހާ އަނަސްގެ ބޮލުގައި ތުވާލި ބާއްވާފައި ފެންހިއްކަން ފެށުމުން އޭނައަށް ފަސޭހަވާނެހެން އަނަސް ކުޑަކޮށް ބޯގުދުކޮށްލިއެވެ. މިރްހާ ހިތްހަމަޖެހޭވަރު ވުމުން އަނަސްގެ ޓީޝާޓު ކަރުވަޅުގައި ހިފާލައިގެން ގެންގޮސް ކޮޓަރިއަށް ވެއްދިއެވެ. އަނަސް ފާޚާނާއަށް ވަދެފައި ނިކުންނަން ވާއިރަށް އޭނަ ލާނެއެއްޗެއް ހޯދިއެވެ. ތުވާލި އަނދެގެން ނިކުތުމާއެކު ގޭގެ ދޮރު ތަޅުލަންކަމަށް ބުނެފައި އަނެއްކާ ނިކުތެވެ. ދެން އަލުން އެނބުރި އައީ ބޭރުގައި ބެހެއްޓި ކޮފީތަށި ހިފައިގެންނެވެ.

"އަދިވެސް ނުވިސްނޭތަ ބޭނުންވާކަމެއް...؟" ހެދުން ބަދަލުކޮށް ނިދަން ތައްޔާރުވެގެން އަރައި އަނަސްގެ އަތްމަތީ އޮށޯވެލަމުން މިރްހާ ހަނދާންކޮށްދިނެވެ.

"ވިސްނައިފިން..." އަނަސް ބުނެލީ ތަންކޮޅެއް ސީރިއަސް އަޑަކުންނެވެ. މިރްހާގެ ހިތް ތެޅިލިއެވެ. އެކކަމަކު އޭނަ ދެވަނަ ފަހަރަށް ސުވާލެއް ނުކުރެ އެވެ. އަނަސް ބުނަންދެން މަޑުން އޮތީ އެވެ.

"އަހަރެން އެދުމަކީ މިރްހާގެ ބައްޕައަށް މާފުކޮށްފަ އަލުން އާއިލާއާ ގުޅުން އުފައްދަން..." އަނަސް އިއްވައިލި އެވެ.

ވަގުތުން މިރްހާ ހިމޭންވި އެވެ.

ދޮޅު އަހަރެއްހާ ދުވަސްކުރިން ބައްޕަގެ ސިއްޙީހާލަތު ތަންނުދިނުމުގެ ސަބަބުން ވިޔަފާރީއާ ދުރަށް ދިޔައިރު މާކުރިއްސުރެ ދަށްވަމުން އައިސް ލިބޭ ފައިދާއަށްވުރެ ގެއްލުން އޮތީ މަތީގައެވެ. އެންމެފަހުން އެއަށްވުރެ ބޮޑު އަޑޑިގަނޑަކަށް ނުވެއްޓެނީސް ނުއަގުގައި ކޮމްޕެނީ ވިއްކާލައިގެން ސަލާމަތްވީ ކިރިޔާއެވެ. ދަރަނި އަދާކުރަން ގޭގައި ހުރި ހިފާ ގެންގުޅޭ ތަކެއްޗަށް ދާންދެން ވިއްކަން ޖެހުނެވެ. މިރްހާއަށް ތުންތުންމަތިން އިވުނު ވާހަކަތަކުން ވިއްޔާ ފުރަތަމަ ވިޔަފާރީގައި ކުނި ޖެހުނު ހިސާބަކީ އަނަސް ދަނޑުތައް ބެލެހެއްޓުމާއި ދުރުކުރި ހިސާބެވެ. އަދި ބައްޕަގެ ސިއްހީމައްސަލަތައް ޖެހުމުގެ އަސްލަކީވެސް ސްޓްރެސް އެވެ. ބަލިވެ ގޭގައި ހުންނަން ފެށިތާ ދުވަސްގަނޑެއްފަހުން ސްޓްރޯކެއް ޖެހިގެން އެއްފަޅިން ވާގިނެތުނެވެ.

"މިރްހާ މަންމަމެން ބޭނުންވަނީ ރަށަށް ބަދަލުވާން. މިކޮޅުގަ އަހަރެމެން މިހާރު މިތިބެނީ ކޮޓަރިއަކާއި ސިޓިންރޫމެއްގެ ކުޑަ އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެން. މިތާގައި މިހެން ތިބެގެން ބާކީހުރި ފައިސާކޮޅުވެސް ހުސްވެދާނެ. އަބަދު ކިހިނެތް މެހެވިޝް ފިރިމީހާ އަތުން ފައިސާ ނަގާނީ. އެމީހުންވެސް މިހާރު ރާއްޖެއަކު ނޫން އުޅެނީ..." މިރްހާގެ ފޯނަށް ގުޅައިގެން ނާޒްލީންގެ ވާހަކަ ހުރީ މިގޮތަށެވެ. މިރްހާ އެވާހަކަތައް އަހާފައި ހިމޭނުން ހުރުމަށްފަހު ފޯނު ބޭއްވީ އެއްވެސް ޖަވާބެއް ނުދީ އެވެ.

މަންމަ އެހެން އެހީ މިރްހާގެ ހުއްދައަށް އެދިކަން އެނގުނަސް އެއީ އޭނަ ވަންނަން ޖެހޭ މައްސަލައެއް ކަމުގައެއް ނުދެކުނެވެ. ދުވަސްކޮޅެއް ފަހުން އެމީހުން ރަށަށް ބަދަލުވި އެވެ. ޖެހިގެން ހުރި ގޭގައި އުޅުނަސް މިރްހާ އުޅުނީ އެގެއަށށް ވަދެވެސްނުލަ އެވެ. ބައްޕަ ގޮނޑިއަށް އަރުވައިގެން ހެނދުނާއި ހަވީރު މޫދަށް ގެންގޮސް ވެލިމޮޑެދީފައި ގެއަށް ގެންނަތަން ފެނެއެވެ. ތަންކޮޅެއް ރަނގަޅުވީފަހުން ބައްޕަގެ އަތުގައި ހިފައިގެން މަގުމަތީ ހިނގުވާތަންވެސް ފެނެއެވެ. އެކަމަކު އެއްފަހަރުވެސް މިރްހާ ކައިރިއަކަށް ނުދެއެވެ. އަދި އެމީހުން ރަށަށް އައީއްސުރެ އަނަސް އެމީހުންނަށް އެހީވަމުންދާކަން މިރްހާ ދަނނެއެވެ. އެކިފަހަރު މަތިން ކައްކާއިރު އިތުރަށް ކައްކާފައި މިރްހާއަށް ސިއްރުން އެމީހުންނަށް ކާއެއްޗެހި ގެންގޮސްދޭކަން ދަނެއެވެ. ކިރިޔާވެސް މީރު އެއްޗެއް ކަންޏާ އެމީހުންނަށް ބައިއަޅައެވެ. އަނަސް އަކީ ފެށުނީއްސުރެ ރަނގަޅު އެއްޗެއް ކަންޏާ އަވަށްޓެރިންނަށް ގެންގޮސްދޭ މީހަކަށްވާތީ މިރްހާވެސް ސުވާލެއް ނުކުރެއެވެ. އަނަސް ހިތުން މިރްހާއަކަށް ނޭނގެ އެވެ. އެހެންވެ މިރްހާވެސް ހުންނަނީ ނޭނގޭކަމަށް ހަދާލައިގެންނެވެ.

ހަސަންއަށް މަގުމަތީން އެމީހުން ފެނިއްޖެނަމަ ނިކަން ޝައުޤުވެރިވެފައި ބަލަން ހުންނާނެ އެވެ. ދެން ހަމަ އެމީހުން ގެއަށް ވަންނައިރަށް އައިސް މިރްހާއާ ސުވާލުކުރާނެ އެވެ. އެއީ ކޮންބައެއްތޯ އަހައެވެ.

"ނުދަންނަ މީހުން ކައިރިއަށް ދާކަށް ނުވާނެ..." ހަސަންގެ ސުވާލުތައް ހުއްޓުވަން މިރްހާ އެއްދުވަހަކު ބުނެލިއެވެ. އޭނަގެ މަޤްސަދު ކާމިޔާބުވިއެވެ. އޭގެ ފަހުން އެމީހުން ފެނުނަސް ހަސަން ދާނީ މިރްހާގެ ފަސްބައިގައި ހިފައިގެން އއޭނަގެ ފުރަގަހުގައި ފިލާހުރެ އެވެ.

ނިދި އަންނަ ބަހަނާ ދައްކާފައި މިރްހާ ޖަވާބެއް ނުދީ އެވަގުތަށް ސަލާމަތްވި އެވެ. އޭނަ އަނަސްގެ މޭގައި މޫނު ފޮރުވާލައިގެން އޮވެ ލޯމަރައިލުމުން އަނަސް ނުހަނު ލޯބިން އެއިސްތަށިގަނޑުގައި ފިރުމަން ފެށިއެވެ. އަނެއްކޮޅުން ފުރާޅުގައި ވާރޭތިކި ބީހޭއަޑު އެހާމެ ހިތްގައިމެވެ. މިރްހާއަށް ނިދޭކަށް ގިނައިރެއް ނުނެގިއެވެ.

ޖެހިގެން އައި ދުވަހު އިރު އަރައިގެން އައިއިރު މިރްހާ ނިކުމެ މަގުމަތި ކުނިކަހަން އުޅުނީ ކުޑަ ކުޑަ ހަސަންވެސް ގޮވައިގެންނެވެ. ހަސަންވެސް ކުޑަ އިލޮށިފައްޗެއް ހިފައިގެން މިރްހާ އެއްބައިގައި ކުނިކަހަ އެވެ. އެމަގުން ދިޔަ އަންހެނަކަށް އެތަން ފެނިގެން ހުއްޓިފައި "އަންހެންދުޅާ" ވެދާނެއޭ ބުނުމުން މިރްހާ ހިންދެމިލާފައި ތެދުވެ ރައްދުދިނެވެ. ކުނިކަހާ ސާފުކުރުމަކީ އަދި އެނޫންވެސް އަންހެނުން ކުރާ ކަންކަމަކީ އަންހެންދުޅާ ވާ ކަންކަން ނޫންކަމެވެ. އޭނަ ބޭނުމީ އޭނަގެ ދަރިފުޅުވެސް ބޮޑުވެގެން އަނަސްފަދަ ފިރިހެނަކަށް ވުމަށްކަމުގަ އެވެ.

"މަންމާ ބަލާބަ ނުދަންނަމީހާ..." މިރްހާ ދެވަނަ ފަހަރަށް ކުނިކަހަން ފެށިތަނާ ހަސަން އައިސް ހެދުމަށް ދަމާލައިފައި ބުނެލިއެވެ.

މިރްހާ ބަލާލިއިރު ބައްޕަ ނިކުމެ ހުރީ ދަނޑިގަނޑެއްގެ އެހީގަ އެވެ. މިރްހާގެ މޫނުން ހަސަންއަށް ބަލައިލާފައި ބައްޕަ ހިނިތުންވެލި އެވެ. މިރްހާ އިރުކޮޅަކު ބަލަން ހުއްޓެވެ. ރޭގައި އޭނަ ނިދަ ނިދާފައި ތެދުވެ އަނަސް ދެއްކި ވާހަކައާމެދު ފުންކޮށް ވިސްނިއެވެ. ބައްޕަ އެދެމީހުން ދުރުކުރަން ބޭނުންވިކަމާއި އެގޮތަށް އަމަލުތައް ބެހެއްޓިކަންވެސް މިރްހާއަށް އެނގުނީ މެހެވިޝް އެންމެފަހުން އޭނައާ ބައްދަލުކުރިއިރު ރުޅިއައިސްގެން އެވާހަކަތައް ގޮވީމައެވެ. ދުވަހެއްގެ ކޮޅުންވެސް އެއއާއިލާގެ އެކަކުވެސް އަނަސްއާ އޭނަގެ ގުޅުން ބަލައިނުގަންނާނެކަމަށް ބުނީ ހިތުން އޭނަ މާޔޫސްކުރާށެވެ. އެކަމަކު މެހެވިޝްއަށް ނޭނގުނީ އޭނަ ހުރީ އަލުން ނުގުޑާފަދަ ސާބިތުކަމާއިއެކުގައި ކަމެވެ.

މަންމަ އާއި މެހެވިޝް ފާޅުގައި އެދެމީހުންނާއި ދެކޮޅަށް އުޅުނަސް ބައްޕަ އެގޮތަށް ކަންތައްކުރިކަމަށް މިރްހާ ކުރިއަކުން ހިއެއްނުކުރެއެވެ. އެންމެ އަސަރު ކުރީ އެހެންވެ އެވެ. އަދި އެއިހްސާސްތަކާއި ދުރަށްދާން އޭނަ ހިޔާރުކުރީ ރުޅިއެވެ. ނަފްރަތެވެ. ނިންމީ ދުވަހަކު ބައްޕައާ އަނގައިން ނުބުނުމަށެވެ. ބައްޕައަކީ އަނަސްގެ ބައްޕަގެ އެކުވެރިޔާ އެވެ. އެހެން އެންމެން އަނަސްއާ ދޭތެރޭ އިހާނެތިކޮށް ކަންތައް ކުރިއަސް ، މަންމަގެ ނުފޫޒުގައި ޖެހިގެންވިއަސް ބައްޕަ އެގޮތަށް ކކަންތައްކުރީ ކިހިނެތް ހެއްޔެވެ؟

މިރްހާ ބަލަން ހުރެލާފައި ކައިރިއަށް ދާން ހިނގައިގަތުމުން ހަލީލު ހައިރާންވިކަން މޫނުން ފައުޅުވި އެވެ. "ބައްޕާ!" މިރްހާ މަޑުމަޑުން ގޮވާލިއެވެ.

ހަލީލުގެ ހައިރާންކަން އިތުރުވިއެވެ. އެދެލޯ އިތުރަށް ބޮޑުކޮށްލެވުނެވެ. ދެން އިރުކޮޅަކުން ބޯޖަހާލިއިރު ލޮލުގައި ކަރުނައިގެ ކުލަވަރު ހުއްޓެވެ. ދެބަފައިން އެކަކު އަނެކަކަށް ބަލަން ތިއްބާ ނާޒްލީން ނިކުތެވެ. މިރްހާ ފެނުމުން ސިހިފައި ހުއްޓުނެވެ. މިރްހާ އެނބުރިލަން އުޅެނިކޮށް ހަސަން އޭނަގެ އަތުގައި ހިފައިލި އެވެ. ހަސަން ކައިރިއަށް އައިކަން ވެސް އެނގުނީ އެވަގުތުއެވެ. ހަސަން ބީރަތްޓެއްސަކަށް ބަލާހެން މާމައާއި ކާފައަށް ބަލަނީ އެވެ.

"މީ ހަސަންގެ މާމަ އާއި ކާފަ..." މިރްހާ ލޯ ފުހެލާފައި ހަސަންއަށް ބުނެލިއެވެ.

ހަސަން އެއްފަހަރު އެދެމީހުންނަށް ބަލާލައިފައި އަނެއްފަހަރު މިރްހާއަށް ބަލައިލި އެވެ. އެދެލޯ ހުރީ ބޮޑުކޮށްލެވިފަ އެވެ. މިރްހާ އެވަގުތު ތިރިވެލާފައި ހަސަންގެ މޫނުގެ ދެފަރާތުން ހިފާލުމަށްފަހު ބޮސްދިނެވެ. އޭނަ އެނބުރުނުއިރު ނާޒްލީން ހަސަންއަށް ބަލަން ހުރީ ހިނިތުންވެފަ އެވެ. ހުއްދައަށް އެދޭފަދައިން މިރްހާއަށް ބަލާލައިފައި އައިސް ހަސަންގެ އަތުގައއި ހިފާލި އެވެ. ދެން ގެންގޮސް ބެހެއްޓީ ހަލީލު ކައިރީގައެވެ. ހަލީލު ހުހަށް އޮތް އަތް ތުރުތުރަކާއެކު އުފުލާލައިފައި ހަސަންގެ ބޯމަތީ ބޭއްވިއެވެ. އޭރު ތަންކޮޅެއް ދުރުގައި އަނަސް އެމަންޒަރުތައް ބަލަން ހުއްޓެވެ.

މިރްހާ އާއި އޭނަގެ މައިންބަފައިންގެ ގުޅުން ރަނގަޅުވާން ދުވަސްކޮޅެއް ނެގިއެވެ. ދުލުން ސީދާ އެލަފްޒު ނުބުންޏެއްކަމަކު މިރްހާ އެދެމީހުންނަށް މާފުކުރިކަން އަމަލުން ދެއްކިއެވެ. މެހެވިޝްވެސް ދަތުރުވަރެއްގައި އެރަށަށް އައެވެ. އެކަމަކު ކުރި ކަންތައްތަކާއި އަދިވެސް ދެރަވާފަދަ ކުލަވަރެއް ނުދައްކައެވެ. މާފަކަށްވެސް ނޭދެއެވެ. އެކަމަކު މިރްހާ އާއި އަނަސްގެ ދިރިއުޅުމާއި ކުޅެން މަސައްކަތް ނުކުރާނެކަމުގެ ޔަޤީންކަން ދިނެވެ. މިރްހާއަށް ޔަޤީންވި އެއްކަމަކީ ވެދިޔަ ކަންތައްތައްތަކުން މެހެވިޝްއަށްވެސް އަސަރު ކޮށްފައިވާކަމެވެ.

އާދައިގެ މަތިން ހެނދުނު އަނަސް ދަނޑުގައި އުޅެނިކޮށް މިރްހާ ދިޔައީ ހަސަން ގޮވައިގެންނެވެ. ބައްޕަގެ ދަނޑުތައް އެހެން ބައެއްގެ މިލްކަކަށް ވީފަހުން އަނަސް މިހާރު އުޅެނީ އެހިސާބުން ދަނޑުހައްދާ މީހުންނަށް ކައުންސިލުން ހިލޭދޫކޮށްފައިވާ ސަރަހައްދުން ދަނޑެއް ނަގައިގެންނެވެ. އެކަމަކު އަދި އެވަރުން ނިމުނީއެއް ނޫނެވެ. ގޭގައިވެސް ހުސްތަންކޮޅެއް އޮތިއްޔާ އެކި ކަހަލަ ގަސްތައް ހައްދާ ހުންނަނީ ފެހިކޮށްލާފަ އެވެ. ފެށުނީއްސުރެ އެންމެ ލޯބިވާ މަސައްކަތަށްވުމުން މިރްހާވެސް ހުރަސްއަޅާކަށް ބޭނުމެއް ނުވެއެވެ. ނުވިތާކަށް ބޮޑުދައިތަ ރަށުގައި ހުރި ދުވަސްކޮޅު ވަޑާމުގެ މަސައްކަތް ކުޑަކޮށް ދަސްވެފައި ހުރުމުން އޭގެ ބޭނުންވެސް ހިފައެވެ. އަމިއްލައަށް، ގެއަށް ބޭނުންވާ ކުދިކުދި ސާމާނު ހަދައެވެ.

އައި މަގުމަތީ ރޭސްޖެހިއިރު މިރްހާ އެއްގޮތަކަށްވެސް ދުވާކަށް ނޫޅެއެވެ. ދިޔައީ ހިނގާފަ އެވެ. ގެއަށް ވަދެފައި އޭނަ ނިކުތީ ކޮންމެވެސް އެއްޗެއް އަތަށް ލައިގެންނެވެ. އަނަސް އޭރު ގޯތިތެރޭގައި މަޑުކޮށްލައިގެން ހުރީ ފޯނެއްގަ އެވެ. މިރްހާ ގޮސް ކައިރިވެފައި އިރުކޮޅަކުން ފޯނު ކުރުކޮށްލާފައި ބާއްވައިފި އެވެ.

"ކޯއްޗެއް ބޭނުމީ މިފަހަރު..." މިރްހާ އަތް ފުރަގަހަށްލައިގެން ހުރެ ބުނެލިއެވެ.

"ސަޕްރައިޒް މީ!" އަނަސް ވިސްނާލައިފައި ބުނެލީ މިރްހާ އަހަން އެންމެ ބޭނުންވި ޖަވާބެވެ.

ފުޅާ ހިނިތުންވުމެއް ވެރިކޮށްލާފައި އޭނަގެ އަތުގައި ފޮރުވާފައި އޮތް އެތި ގެނެސް އަނަސްގެ އަތްތިލލަ ހުޅުވާފައި އެއަތްތިލަމަތީ ބޭއްވިއެވެ. އަނަސް ބަލާލިއިރު ޕްރެގްނެންސީ ކިޓެކެވެ. އަދި އޭގައި ސާފު،ކޮށް ފައުޅުވާން ހުރި ދެ ރަތް ރޮނގެވެ.

"އަހަރެން ބަނޑުބޮޑު..." މިރްހާ އިތުރަށް ޔަޤީންކޮށްދޭން ބުނެލިއެވެ.

އަނަސް އެކިޓު މުށުތެރެއަށްލައިފައި މިރްހާ ގެނެސް މޭގައި ޖައްސައިލި އެވެ. ތަކުރާރުކޮށް މިރްހާދެކެ ލޯބިވާ ވާހަކަ ބުނެލާފައި ދުރަށް ޖެހުނުއިރު އެލޮލުގައި އުފާވެރިކަމުގެ މުތީތަކެވެ. މިރްހާ އެވަގުތު އަނަސްގެ މޫނުގެ ދެފަރާތުން ހިފާލައިފައި ތިރިކޮށްލުމަށްފަހު ކޮންމެ ލޮލެއްގައި ވަކިވަކިން ބޮސްދިނެވެ. ދެން އަނެއްކާވެސް ގާތްވެލަމުން އަނަސްގެ މޭގައި މޫނު ފޮރުވައިލި އެވެ.

ނިމުނީ

ދިގު ވާހަކަ

Popular