އިސްމާއިލް ވަޖީހް
ފިލްމުގެ ޕްރިމިއާ ފެށުމުގެ ރަސްމިއްޔާތު ކުލަ ގަދަކޮށްދިނީ ފިލްމީ ދާއިރާއިން އެއްކޮށް ނުގެއްލި އަބަދުވެސް ސަމާލުކަން ހޯދަމުން އަންނަ އިސްމާއިލް ވަޖީހެވެ. ރެެޑްކާޕެޓުމަތިން ދިވެހި ވަންތަކަން ރަމްޒުކޮށްދޭ ގޮތަށް އެކި އެލެމަންޓުތައް ފެންނަން ހުރީ ވަޖީހުގެ ހެދުމުން އެކަންޏެވެ. ފޭލި ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައި ހުރި ދިގު ޖެކެޓެއް ލައިގެން ރެޑްކާޕެޓުން ފެނުނީ މާ ތަފާތުކޮށެވެ. މިއީ ރަޒީނާ ތައުފީގް (ރަޒީ) ގެ ފަރުމާއެކެވެ.
މަރިޔަމް މަޖުދާ ( މަޖޫ )
ފިލްމުގެ މަައިގަނޑު ބަތަލާގެ ބައި ކުޅެދީފައިވާ މަރިޔަމް މަޖުދާ (މަޖޫ) އަޅައިގެން ހުރީ މަތިން ތިރިއަށް ޖަރީކޮށްލާފައި ހުރި ޖަމްޕްސޫޓެެކެވެ. ކުދި ލޯގަނޑުތަކެއް ޖަހާލާފައި ހުރި މި ޖަމްޕްސޫޓުގެ ފަހަތުގައި ދިގުކޮށް "ޓްރެއިން" ފޮތިގަނޑެއް ވެސް ގުޅުވާލާފައި ހުއްޓެވެ. އައުޓްފިޓުގެ ރީތިކަމަށް ބުރުއަރާގޮތަށް އެސެސަރީތައް ގެންގުޅެފައި ހުރި ނަމަވެސް މަޖޫގެ ވިދުންގަނޑު ހަފްލާގައި ކުޑައެއް ނޫނެވެ.
ތަނޫޝާ އަދި ތަރީޝް އިސްމާއިލް
ފިލްމީތަރި ވަޖީހުގެ ދެ ދަރިން ކަމަށްވާ މި ދެބެއިން ފިލްމުގައި ފެންނަނީ ކުޑަ އެކަމަކު މުހިންމު ރޯލަކުންނެވެ. ތަރީޝް އިސްމާއިލް ހުރީ އާންމުކޮށް ރާއްޖޭގެ ފިލްމުތަކުގެ ރެޑްކާޕެޓްތަކުގައި ވަރަށް މަދުން ދިވެހި އެކްޓަރުން ފެންނަ ގޮތަކަށެވެ. ގަޔަށް ފިޓުކޮށް އަދި ނިކަން ސްމާޓްކޮށް ހުރި ސޫޓެއް ލައިގެން ހުރި އިރު ޖެހިގެން ހުރި ތަނޫޝާ ހުރީ އޭނާގެ މަންމަ ނިސްބަތްވާ އިންޑިއާގެ ސަގާފީ ހެދުމުގެ ސްޓައިލަކަށް ހުރި ރީތި އައުޓްފިޓަކާ އެކީ އެވެ.
އައިޝަތު ޝިރާނީ
ހިތުގެ ދޮރުފަތްތައް ހުޅުވާލަދިން މަޝްހޫރު ބަތަލާ އައިޝަތު ޝިރާނީ ވެސް މި ރެޑްކާޕެޓުން ފެނުނެވެ. ނަލަ ބުރުގާއަކާ އެކު އަޅައިގެން ހުރި "އެމްޕަޔާ ވެއިސްޓް" ހެދުން ހުރީ ނޫ ކުލައިން ގުޅުވާލައިފަ އެވެ.
ޝީލާ ނަޖީބް އަދި މުހައްމަދު ވިޝާލް (ރޯމަން)
ދިވެހި ސީރީޒް "އެހެނަސް" ގައި މަންމަ އާއި ދަރިފުޅުގެ ބައި ކުޅެދިން ޝީލާ އަދި ރޯމަން ހުރީ އެހެން ހަފްލާތަކާއި ހިލާފަށް ނިކަން ސިމްޕަލް ކޮށެވެ. ޝީލާޔާ ގުޅޭ އަންހެންވަންތަ ހަރުވާޅު ހެދުމެއްގައި އޭނާ ހުރި އިރު ރޯމަން ހުރީ ވަރަށް ސްމާޓްކޮށެވެ.
ރަޒީނާ ތައުފީގު
ގިނަ ތަރިންގެ ރެޑްކާޕެޓް ހެދުންތަކުގެ ފަހަތުގައި އަބަދުވެސް މަސަތްކަތްކުރަމުން އަންނަ ރަޒީ ހުރީ ދިގު އަދި ގޮތްބޮޑު ނޫން ކަޅުކުލައިގެ ހެދުމެއްގަ އެވެ.
ތާތި އާދަމް
މިއީ ފަހުން ފިލްމުތަކާއި ސީރިޒްތަކުން ފެންނަމުން އަންނަ އެއް މޫނެވެ. ތާތިގެ މި ރީތި ގަދަ ފެހިކުލައިގެ އައުޓްފިޓާ އެކު ފެނިގެން ދިޔައީ އޭނާގެ އިސްތަށިގަނޑުގެ ސްޓައިލް ވެސް ބަދަލު ކޮށްލާފައި ހުރިތަނެވެ.
ހުސެއިން ޝަދްޔާން (ސޭންޑީ) އަދި އިސްމާއިލް ޖުމައިހް
ފިލްމުގައި ފެންނަ ސޭންޑީގެ ހެދުން ފަރުމާކޮށްދީފައި ވަނީ ރަޒީ އެވެ. އަދި ސްޓައިލް ކޮށްދީފައި ހުރީ އަސަދުﷲ ތައުފީގެވެ. ޑެނިމް ޖެކެޓަކާ އެކީ ގަމީހަކާއި ޓައިއެއް އަޅައިގެން ޖުމައިހް ފެނިގެން ދިޔައީ އިސްތަށިގަނޑު ޑްރެޑްލޮކް ޖައްސާލާފައި ހުރިތަނެވެ.
ނަތާޝާ ޖަލީލް، ރަޒާން ރާމިޒް އަދި މަލީހާ ވަހީދު (މަލް)
މީ އަލަށް ތައާރަފްވި ތަރިންގެ ތެރެއިން ފާހަގަ ކޮށްލެވޭ އަންހެން ތިން ފަންނާނުންނެވެ. މަލް އަދި ނަތާގެ ހެދުމުގެ ކުލަ ގުޅުވާލާފައި ހުރި ނަމަވެސް މިއީ ދެ ޑިޒައިނަރެއްގެ މަސަތްކަތެވެ. މަލްގެ ހެދުން ފަރުމާ ކޮށްދީފައި ވަނީ ރަޒީ އެވެ. "ފަންކީ" އައިނަކާއި ރީތި އަތްދަބަހުން ސްޓައިލް ކޮށްލަދީފައި ހުރީ އަސަދުﷲ ތައުފީގެވެ. ހެދުމާއި ފައިވާނުގައި އިން ޓައި ގުޅުވާލާފައި ހުރި އިރު ސުނީލް ފަރުމާކުރި ހެދުމެއްގައި ހުރި ނަތާގެ "ލޫކް" އިން އެންމެ ފާހަގަވީ އޭނާގެ ހެއާ ސްޓައިލެވެ. "ސްޕޭސް ބަން" ސްޓައިލަށް އިސްތަށިގަނޑު ހަދާދީފައި ވަނީ ޝައިން އެވެ. ރެކްސްގެ ކަޅު ކުލައިގެ އައުޓްފިޓް ތައްޔާރުކޮށްދިނީ ސޭންޑީ އެވެ.