19 Apr 2018

ޖަމްޝީދާ: ރާއްޖޭގެ ޓޮޕް މޮޑެލް

މުބާރާތުގެ ރަނަރަޕަކަށް ބުނާނަތު ޔޫސުފް ހޮވުނު އިރު ދެވަނަ ރަނަރަޕަކަށް ހޮވާފައިވަނީ ހައްވާ އިނާޝާ

މުބާރާތުގެ ރަނަރަޕަކަށް ބުނާނަތު ޔޫސުފް ހޮވުނު އިރު ދެވަނަ ރަނަރަޕަކަށް ހޮވާފައިވަނީ ހައްވާ އިނާޝާ

By: Aishath Maahaa

ހީ އެންޑް ޝީ އިން ރާއްޖޭގައި ބޭއްވި "އަދާރަން މޯލްޑިވްސް ޓޮޕް މޮޑެލް 2018" އަކަށް ފާތުމަތު ޖަމްޝީދާ ޖަމްޝާދު ހޮވައިފި އެވެ.

ޕައިލެޓަކަށް ވުމުގެ އުންމީދުގައި ހުރި، އުމުރުން 19 އަހަރުގެ ޖަމްޝީދާ މަގާމު ހާސިލްކުރީ ބޮޑު ތަފާތަކުންނެވެ. ޖަމްޝީދާގެ ހޮބީއަކީ ލަވަކިޔުމާއި ނެށުމެވެ.

ޓޮޕް މޮޑެލް ހޮވާފައިވަނީ ޖަޖުންގެ 50 ޕަސަންޓު އަދި އާންމުންގެ 50 ޕަސަންޓު ވޯޓާ އެކުގަ އެވެ. މުބާރާތުގެ ރަނަރަޕަކަށް ބުނާނަތު ޔޫސުފް ހޮވުނު އިރު ދެވަނަ ރަނަރަޕަކަށް ހޮވާފައިވަނީ ހައްވާ އިނާޝާ އެވެ.

ޓޮޕް މޮޑެލް މޯލްޑިވްސް ޓޮޕް 10

ރޭ އަދާރަން ހުދުރަންފުށި ގައި މުބާރާތުގެ ގަދަ 10 ބައިވެރިންނާ އެކު ކުރިއަށް ދިޔަ ފިނާލޭގައި އެ ބައިވެރިން ވަނީ ބީޗްވެއާ، އަތްތެރި ގަހަނާ އަދި އިވްނިންގް ޑްރެސްތަކެއް ދައްކާލައިފަ އެވެ. ޑިޒައިނަރު ވިބްލާ އަދި އަޒޫގެ ހެދުންތައް މުބާރާތުގެ ބައިވެރިން ވަނީ ހުށަހަޅައިދީފަ އެވެ. އަދި ޔުމްނާ ރުޝްދީގެ "ވައި އައި ކަލެކްޝަން"ގެ ގަހަނާތައް ވަނީ ދައްކާލާފަ އެވެ.

ރޭގެ ޝޯގެ ޖަޖުންގެ ތެރޭގައި ވޯލްޑް ޓޮޕް މޮޑެލް 2017 ގެ ފުރަތަމަ ރަނަރަޕް މާރިއާ ކެމީލާ މެޑްރާނޯ، އަހްމަދު ނާސިރު އަދި ނޫރާ ރަޝީދު ހިމެނެ އެވެ.

އަދާރަން ޓޮޕް މޮޑެލް މޯލްޑިވްސް 2018 އަށް ހޮވުނު ޖަމްޝީދާއަށް، ސެޕްޓެމްބަރު މަހު ގްރަނާޑާގައި އޮންނަ ވޯލްޑް ޓޮޕް މޮޑެލް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދާރަން ޓޮޕް މޮޑެލްސް މޯލްޑިވްސް 2018 ގެ އޮޕަރޭޝަން ޑައިރެކްޓަރު އަބްދުﷲ ނިހާދު ވިދާޅުވީ ޓޮޕް މޮޑެލްގެ ބައިވެރިންނަށް އަންނަ މަހުން ފެށިގެން ޓްރެއިނިން ކުރިއަށް ގެންދާނެ ކަމަށެވެ.

އަދާރަން ޓޮޕް މޮޑެލް މޯލްޑިވްސް 2018 ގެ އެއް ވަނަ ޖަމްޝީދާ (ވ-2) އަދި ދެ ވަނަ އާއި ތިން ވަނަ (ދެފަރާތުގައި)

ހީ އެންޑް ޝީ އިން ބުނި ގޮތުގައި، ގަދަ 10ގެ ތެރެއިން އެއްވަނަ އަށް ދާ ބައިވެރިޔާއަށް ހަ މަސް ދުވަހުގެ ޓްރެއިނިން ޕްރޮގްރާމަކާ އެކު އެކި ކަހަލަ ބްރޭންޑުތައް ތަމްސީލުކޮށްދޭ އެމްބެސެޑަރުންގެ ގޮތުގައި ހަމަޖެހިގެން ދާނެ އެވެ. އަދާރަން ޓޮޕް މޮޑެލް މޯލްޑިވްސް 2018 ގެ ގަދަ 10 ގައި ހިމެނުނު އެހެން ބައިވެރިންނަކީ ދީނާ އަބޫބަކުރު، ނަދުހާ އާމިރު، މަރިޔަމް މަލްސާ ހަސަން، ހަނާން މުހައްމަދު ރަޝީދު، ފާތުމަތު މިރުޝާ، އައިމިނަތު ސައިނާ އަހްމަދު އަދި ހަދީޖަތު ޝަފީގާ އެވެ.

"ޓޮޕް މޮޑެލް މޯލްޑިވްސް 2018"ގެ ނަމުގައި ހީ އެންޑް ޝީ މޯލްޑިވްސް އިން ރާއްޖެ ގެނައި މި ފްރެންޗައިސް ބްރޭންޑަކީ 1993 ފެށިގެން "ޓޮޕް މޮޑެލް އޮފް ދަ ވޯލްޑް"ގެ ނަމުގައި ހިންގާ މުބާރާތެކެވެ.

ފެޝަން

Popular