24 Feb 2021

މި އަހަރަށް އެންމެ ހިނގާނެ ބައެއް ޓްރެންޑުތަކުގެ ލިސްޓެއް މިިދިޔަ ހަފުތާގައި ވާނީ ގެނެސްދީފަ އެވެ. މިފަހަރު މިއުޅެނީ އޭގައި ހުރި ސްޓައިލްތައް އިތުރަށް ކިޔައިދޭށެވެ. ތަފްސީލްކޮށްލާށެވެ.

އެ ލިސްޓުގައި އެންމެ ފުރަތަމަ ހިމަނާލާފައި ވާނީ ފަހަކަށް އައިސް ނެޓްފްލިކްސްގައި މަޝްހޫރުވި ބްރިޖަޓަން ސީރީޒްގައި ލާ ކަހަލަ ޕްރިންޓުތަކަށެވެ. ރީޖެންސީ ޒަމާނަށް ބިނާކޮށް، މި ސީރީޒްގައި ލާ ހެދުންތައް ތައްޔާރު ކުރެވިފައި ވާއިރު އެންމެ ފަހުގެ ޓްރެންޑުތެރެއިން ވެސް މިތަނުން ބައެއް ސްޓައިލްތައް ވަނީ ޖާގަ ހޯދައިފައެވެ. އޭގެ އެންމެ ކުރީގައި އުޅެނީ މި ސީރީޒްގައި ލާކަހަލަ ކުދި މާ ޖެހި ޕްރިންޓުގެ ހެދުންތަކެވެ. ސީރީޒްގައި ދައްކާ ގޮތަށް ހެދުން ނޭޅިއަސް ޒަމާނާ ގުޅުވާލާފައި މި ޕްރިންޓުތައް ބޭނުންކޮށްލެވިދާނެކަން ފަހުގެ ފެޝަން ޝޯތަކުން ވަނީ ސާބިތުކޮށްދީފައެވެ.

ވަކި ބަޔަކަށް ހާއްސައެއް ނޫން

އަހަރުމެން ދިވެހިންގެ ތެރޭގައި ވެސް ފޮތި ފިހާރަތަކަށް ގޮސް މާ ޖެހި ފޮތި ގަންނަ މީހުން މަދެއް ނޫނެވެ. އެކަމަކު މި ކަހަލަ ކުދި މާޖެހި ޕެޓާންތަކަކީ ވަކި އުމުރަކަށް ހާއްސަ ނުވަތަ "މަންމަމެން ލާކަހަލަ މާޖެހި ފޮތި" ކަމަށް ހީކުރާ މީހުން އުޅެއެވެ. މިހެން ބުންޏަސް، މި ޓްރެންޑު ޒަމާނަށް ފައްތާލަން ވިސްނާލަން ޖެހޭ މަދު ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ފޮތީގައި ހުންނަ ކުލަތަކެވެ. ކުލަތަކަށް ބަލާލާއިރު ބްރިޖަޓަން ސީރީޒްގައި، އޭގައި އުޅޭ މައި ބަތަލާ އެންމެ ގިނައިން ލަނީ މަޑު ނޫ ކުލައިގެ ހެދުންތަކެވެ. އެކަމަކު އަހަރުމެން ސީރީޒްތަކުގައި އެކްޓު ނުކޮށް އަމިއްލަ ދިރިއުޅުމުގައި މި ޕްރިންޓުލާން ވީހާ ވެސް ބޮޑަށް އަންހެންވަންތަ އަދި ކޮންޓްރާސްޓެއް ހުންނަ ދެ ކުލައަކަކުން ފޮތި ހޯދުން ރަނގަޅުވާނެއެވެ. އިތުރަށް ހާއްސަ ކޮށްލަން ބޭނުންނަމަ މާތަކު މަތީ މިނާ ފުށް ނުވަތަ ކުޑަ ވިދުމެއް ގެނެސްދޭނެ އެއްޗެއް ހަރުކޮށްލާށެވެ.

ގޮތްބޮޑެތި ޑިޒައިންތައް ބަހައްޓާލާ

ބްރިޖަޓަން ސީރީޒްގައި ކޮންމެ މީހަކު ބޮޑު ހެދުމެއް ލައިގެން އުޅޭތަން ފެނެއެވެ. ނަމަވެސް އޭގައި އެންމެ ގިނައިން ދައްކާ ކަހަލަ އެންޕަޔާ ވެއިސްޓްލައިން (އުނަގަނޑުން މަތީގައި އިންނަ ފައްޗަކަށް ކިޔާ ނަމެއް) ލާފައި ޓޮޕު ފެހިދާނެއެވެ. މި ކަހަލަ ޓޮޕަކީ އަލުން އަނބުރާ ގެންނަން ރަނގަޅު ސްޓައިލެކެވެ. އަދިި މީގެ އިތުރުން ޕީޓާޕޭން ސްޓައިލްގެ ގިރުވާން ނުވަތަ ނެޓްފޮތީގެ ލޭސް އަތްކުރިއެއް ލެވިދާނެއެވެ. އަދި މާ ބޮޑު ގޮތްތަކެއް ނަހަދަ ސެޓިން ފޮތީގެ އަތްްދަބަސް ނުވަތަ މިނަލުން ޖަރީކޮށްލާފައި ހުންނަ ސްޓައިލްގެ ބޭންޑެއް ބޮލުގައި އަޅާލުމުންވެސް ފުދޭނެއެވެ.

ފެޝަން

Popular