7 Apr 2021

މި އަހަރުގެ އެހެން އެވޯޑް ހަފްލާތަކެކޭ އެއްފަދައިން 2021 ސްކްރީން އެކްޓާސް ގިލްޑް އެވޯޑް ކުރިއަށް ގެންދިޔައީ ވާޗުއަލްކޮށެވެ. އެހެންނަމަވެސް ތަރިން ހެދުން އެޅުމުގައި އެންމެ ކަމަކަށް ވެސް އުނިކަމެއް ނާދެއެވެ. މި ހަފްލާގައި އެންމެ ރީތިކޮށް ހެދުން އެޅި ތަރިންނަށް ބަލާލަމާ ހިނގާށެވެ.

ވަޔޯލާ ޑޭވިސް

މަޝްހޫރު އެކްޓްރަސް އަދި "ހައު ޓު ގެޓް އަވޭ ވިތް މާޑާ"ގެ ބޮޑު ރޯލެއް ކުޅެފައިވާ ވަޔޯލާ ޑޭވިސް މިފަހަރު ލައިގެން ހުރީ ލުއީވިޓޯން ބްރޭންޑުގެ ނިއޯން ފެހި ކުލައިން ދިއްލާލާފައި ހުރި ދިގު ހެދުމެކެވެ. ވީނެކް ކަރެއް ލާފައިވާ މި ކޮލަމް ގައުންގައި 10،000 ވުރެއް ގިނަ މިނާފުށްތައް ހަރުކުރަން 140 ގަޑިއިރު ހޭދަވި އެވެ.

އާނިޔާ ޓެއިލާ ޖޯއި

އެންމެންގެ ހިތުގެ "ކުއީން" އަދި "ކުއީންސް ގެމްބިޓް"ގެ ތަރި ލައިގެން ހުރީ ކަސްޓަމް ކޮށް އޭނަޔަސް ޑިޒައިންކޮށްދީފައިވާ ވީރާ ވޭންގް ބްރޭންޑުގެ ސިލްކް ހެދުމެކެވެ. މަަޑު ކުލައެއްގައި ހެދުން ހުރި އިރު ކަޅުކުލައިގެން ލޭސް ފޮތިން ހެދުމުގެ ކަރު އަދި ތީރީބައިގައި ހުއްޓެވެ. ކަރުގައި އަޅާފައި ހުރި ޓިފަނީ އެންޑް ކޯ ބްރޭންޑުގެ 26 ކެރެޓް ފަށުގައި 60 ޓިފަނީ ޑައިމަންޑު އިނެވެ. އޭގެ އިތުރުން ކަންފަތުގަ އާއި އިނގިލީގައި އަޅާފައި ހުރި އަނގޮޓިޔަކީ ވެސް ހަމަ ޓިފަނީ ބްރޭންޑުގެ އެއްޗެއްސެވެ.

ލެސްލީ އޯޑަމް ޖޫނިއާ

ފިރިހެނުންގެ ހެދުންތަކުގެ ތެރޭގައި އެންމެ ވަރުގަދަކޮށް ހެދުން އަޅާފައި ވަނީ ލެސްލީ އޯޑަމް ޖޫނިއާ ކަމަށް ގިނަ ބަޔަކު ވޯޓުކުރި އެވެ. ބާލުޓި ބްރޭންޑުގެ އޮމްބްރޭ އިފެކްޓެއް ދައްކުވައިދޭ މި ސޫޓަކީ އެ މީހުންގެ ފޯލް 2021 ކަލެކްޝަންގެ ޑިޒައިނެކެވެ.

ކެއިލީ ކުއޯކޮ

ޕަރަބަލް ގުރުންގް ބްރޭންޑުގެ "ތްރީ ރޯސާސް" ގެ ނަމުން ނަންދެވިފައިވާ ފިޔާތޮށި ކުލައިގެ މި ހެދުން ވެގެން ގޮސްފައި ވަނީ ވަރަށް ވަރުގަދަ ސްޓޭންޓްމަންޓް ހެދުމަކަށެވެ. ހެދުމާ ގުޅޭގޮތަށް ލިޕްސްޓިކް ޖައްސާފައި ހުރި އިރު އަޅައިގެން ހުރީ މެސިކާ ބްރޭންޑުގެ ފަށެކެވެ.

ލިލީ ކޮލިންސް

ލިލީ ކޮލިންސް މިފަހަރު ލައިގެން ހުރީ މަޑު ފިޔާތޮށި ކުލައަކަށް ދާ ޖޯޖަސް ހޯބިކާ ބްރޭންޑުގެ ކުރު ހެދުމެކެވެ. އޭ ލައިން ކަޓަކަސް ހުރި މި ހެދުމުގައި އެކިކަހަލަ އެމްބްރޮއިޑަރީގެ މަސަތްކަތް ފެންނަން ހުއްޓެވެ. ގުޅުވާލާފައި ހުރީ އާދައިގެ މޭކަޕަކާ އެކު ހޮލޯގްރަފިކް ހުސް ފައިވާނެކެވެ.

Popular