18 Jan 2020

By: Ifraz Ali

އިންސްޓަގްރާމަށް މީހުން އަޅާ ބައެއް ފޮޓޯތަކަކީ އަސްލު ކަމާ މެދު ޝައްކުވާ ކިތަންމެ ފަހަރެއް އާދެ އެވެ. މި ބަހުސް ބޮޑުވެފައި ވަނިކޮށް، މިދިޔަ މަހު އިންސްޓްރާމުން ވަނީ އެ ޕްލެޓްފޯމަށް މީހުން އަޕްލޯޑްކުރާ ފޭކް ފޮޓޯތައް ދެނެގަތުމަށް ތާޑް ޕާޓީ ފެކްޓް ޗެކާސްއާ އެކު ހާއްސަ ވޯނިން ފީޗާއެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އިންސްޓަގްރާމުން މިހާރު މި ފީޗާ ބޭނުންކުރަން ފަށައިފި ކަމަށްވެ އެވެ.

ފޮޓޯޝޮޕްކޮށްގެން ދޮގު މައުލޫމާތު ފަތުރާ ފޮޓޯތަކާއި ބައެއް ޑިޖިޓަލް އާޓިސްޓުންގެ ފޮޓޯތައް ވެސް ދަނީ އިންޒާރުގެ މެސެޖަކާ އެކު މި ފީޗާ ބޭނުންކޮށްގެން ފޮރުވަމުންނެވެ. ފޮޓޯ ފެންނަނީ އެ މެސެޖަށް ފިތާލުމުންނެވެ. ފޮޓޯ ފޮރުވި ސަބަބު ވެސް އިންސްޓަގްރާމުން ބުނެ އެވެ. އަދި މި ފޮޓޯތައް އިންސްޓަގްރާމްގެ އެކްސްޕްލޯ އަދި ހޭޝްޓެގް ޕޭޖުތަކުން ނުފެންނަ ގޮތް ވެސް ދަނީ ހަދަމުންނެވެ.

އެމެރިކާގެ މަޝްހޫރު ފޮޓޯގްރެފާއެއް ކަމަށްވާ ޓޮބީ ހެރިމަން ވަނީ މި ފީޗާ ތަޖުރިބާކޮށްފައި، މި ކަމާއި ބެހޭގޮތުން ފޮޓޯގްރެފީގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ ޕިޓަ ޕިކްލެސްގައި މިކަމާ ގުޅޭ ގޮތުން ލިޔެފަ އެވެ.

ހެރިމަން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއް.

"އަހަންނަށް މި ފީޗާ ވަރަށް ކަމުދޭ. އަސްލު ފޮޓޯއާއި ފޮޓޯޝޮޕް ފޮޓޯތަކުގެ ހަގީގަތް ބުނެދޭ. އެކަމަކު ޑިޖިޓަލް އާޓަށް އަހަރެން ވަރަށް އިހުތިރާމްކުރަން. އެހެންވީމަ އެ މީހުންގެ މަސައްކަތް ބަލަން އިންޒާރުގެ މެސެޖަކަށް ކްލިކްކުރަން ޖެހިގެން ނުވާނެ،" ހެރިމަން ބުންޏެވެ.

މީގައި އާޓިސްޓުންނާއި ފޮޓޯގްރެފާސް އަށް އެއްވެސް ބިރެއް ނެތެވެ. އެއީ މި ފީޗާ ޓާގެޓްކުރަނީ ހަމައެކަނި ފޮޓޯޝޮޕްކޮށްފައި ހުންނަ ފޮޓޯތަކަށް ވީމަ އެވެ. ފޮޓޯޝޮޕްކޮށްފައި ހުންނަ ފޮޓޯތަކުގެ ތެރެއިން ވެސް މި ފީޗާ މަސައްކަތް ކުރަނީ ދޮގު މައުލޫމާތު ފަތުރާ ފޮޓޯތައް ފޮރުވުމަށް އެކަނި ކަމަށް އިންސްޓަގްރާމުން ބުނެ އެވެ. އެކަމަކު މި ފީޗާގެ ސަބަބުން ޑިޖިޓަލް އާޓިސްޓުންނަށް ގެއްލުވާނެ ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ.

ފޮޓޯގްރަފީ ސޯޝަލް މީޑިއާ

Popular