14 Oct 2020

By: Ifraz Ali

ރައްޓެއްސަކާ އެކު ކޮފީއަކަށް އެރިތަނާހެން އޭނާ ބުނީ، "އެމޯންގް އަސް" ގަނޑަކަށް އަރަންވީނުން ހެއްޔޭ އެވެ. އެއީ ވަރަށް މަޖާ ގޭމެކެވެ. އޮންލައިކޮށް ކުޅެވޭ މި ގޭމް ފޯނަށް އިންސްޓޯލްކޮށްދިނުމަށް ފަހު އަދި ކުޅޭނެ ގޮތް ވެސް ކިޔައިދިނެވެ. އޭނާ އާއި އެ ގޭމް ކުޅޭ އެހެން ވެސް ބަޔަކާ އެކު ގަނޑަކަށް ވެސް އެރީމެވެ. މޯބައިލް ގޭމްތަކުގެ ފޯރި ދިވެހިންގެ މެދުގައި ބޮޑުވާއިރަށް، ކޮފީ މޭޒުތަކުގައި މިއީ ހަމަ ވަރަށް އާންމު ކަމެކެވެ. މިހާރު އެންމެ ހިނގަނީ މި ގޭމެވެ.

ރާއްޖެ އާއި އެހެން ބައެއް ގައުމުތަކުގައި ވެސް މި ގޭމް ކުޅޭ މީހުން މިހާރު ވަރަށް ގިނަ އެވެ. އެމެރިކާގެ ގޭމް ސްޓޫޑިއޯއެއް ކަމަށްވާ "އިނާސްލޮތު" އިން 2018 ވަނަ އަހަރު ނެރުނު މި ގޭމަށް މާ ބޮޑު ސަމާލުކަމެއް ހުއްޓި، ވައިރަލްވީ މި ލޮކްޑައުންގެ ތެރޭގަ އެވެ. އަދި ސޯޝަލް މީޑިއާގައި މި ގޭމަށް ހަދާފައިވާ މީމްސްތައް ވެސް ބައިވަރެވެ.

ސްމާޓްފޯނާއި ޓެބްލެޓުން އަދި ކޮމްޕިއުޓަރުން ވެސް މި ގޭމު ކުޅެވެ އެވެ. އެންމެ ސަޅި ވާނީ ކޮމްޕިއުޓަރުން ކުޅޭށެވެ.

މިއީ ކިހިނެއްވާ ގޭމެއް؟

ސްޕޭސް ތީމްޑް މި ގޭމްގައި އުޅެނީ ސްޕޭސްޝިޕެއްގައި މަސައްކަތް ކުރާ ކްރޫމޭޓްސްތަކެކެވެ. އެއީ އެކި ޕްލޭޔާސް އެވެ. އެންމެ ގިނަވެގެން 10 މީހުންނަށް ގަނޑަކަށް އެރޭނެ އެވެ. އެ ސްޕޭސްޝިޕްގައި އެމީހުންނަށް ހަވާލުކުރާ ކުދިކުދި ޓާސްކުތައް ފުރިހަމަ ކުރަންޖެހެ އެވެ. އެކަމަކު މި ކްރޫމޭޓްސްތަކުގެ ތެރެއިން ކޮންމެސް އެއް ބަޔަކީ "އިމްޕޯސްޓާސް" ނުވަތަ ގައްދާރުވާ މީހުންނެވެ. -- އެއީ "ވަފާތެރިކެހިވެރިންނޭ" ވެސް ބުނެވިދާނެ އެވެ. 😜

މި އިމްޕޯސްޓާސް ކުރާ ކަމަކީ ކްރޫމޭޓްސް މެރުމެވެ. އެ ގަނޑަށް އަރާ މީހުންގެ ޒިންމާއަކަށް ދެންވާނީ އެމީހުންގެ މެދުގައި ހުރި މި ގައްދާރުވެރިޔާ ހޯދާއި އޭނާ އެ ޝިޕުން ބޭރު ކުރުމެވެ. މިކަން ކުރުމަށް ޖެހޭނީ ހުރިހާ ކްރޫމޭޓްސް އިން ވޯޓަކަށް ދާށެވެ. ގައްދާރުވާ ކަމަށް އެމީހަކަށް ހީވާ މީހަކަށް ވޯޓުދީ، އެންމެ ގިނަ މީހުންގެ ވޯޓު ލިބޭ މީހަކު އެ ސްޕޭސްޝިޕުން ބޭރުކުރާނެ އެވެ.

މިހެން ވޯޓުލައިގެން ބައެއް ފަހަރު ރަނގަޅު މީހަކު ބޭރުކޮށްލެވޭތަން ވެސް އާދެ އެވެ. ވޯޓުލާން ވާނީ ވަރަށް ވިސްނައިގެންނެވެ. އަދި މި ގޭމުން މޮޅު ވާނީ، އިމްޕޯސްޓާސްތަކުގެ ކިބައިން ސަލާމަތްވެ، ސްޕޭސްޝިޕްގައި ކްރޫމޭޓްސްއާ އެ ހަވާލުކުރާ ހުރިހާ ޓާސްކުތަކެއް ފުރިހަމަ ކުރުމުންނެވެ.

ވީޑިއޯ ގޭމް ގޭމިން

Popular