1 Aug 2020

މަނީ ހައިސްޓް؛ ފަހު ފޭރުމަށް ތައްޔާރުވަނީ

މި މަހު ޕްރޮޑަކްޝަން މަސައްކަތްތައް ފަށާނެ، ފަހު ސީޒަންގައި 10 އެޕިސޯޑް ހިމެނޭ

މި މަހު ޕްރޮޑަކްޝަން މަސައްކަތްތައް ފަށާނެ، ފަހު ސީޒަންގައި 10 އެޕިސޯޑް ހިމެނޭ

By: Ifraz Ali

ނެޓްފްލިކްސްގެ އެންމެ ހިޓު ސްޕެނިޝް ކްރައިމް ޑްރާމާ "މަނީ ހައިސްޓް" އެއްކޮށް ނިންމާލަން ތައްޔާރުވިކަން އިއުލާންކޮށް، މި މަހު އެންމެ ފަހު ނުވަތަ ފަސް ވަނަ ސީޒަންގެ ޕްރޮޑަކްޝަން މަސައްކަތްތައް ފަށާނެކަމުގެ ސިގްނަލް ދީފި އެވެ. ފަހު ބައިގެ ގޮތުގައި އާ ސީޒަނެއް ގެނެސްދޭކަން މި އިއުލާންކުރީ، ފޭނުންގެ ހިތް ކިރިޔާ ހުއްޓޭ ކަހަލަ މަންޒަރަކުން، މިދިޔަ އޭޕްރީލް މަހު ގެނެސްދިން، 8 އެޕިސޯޑްގެ މި ޑްރާމާގެ ހަތަރު ވަނަ ސީޒަނަށް ފަހު އެވެ.

ނެޓްފްލިކްސް އިން އަންގަނީ "މަނީ ހައިސްޓް" އޮތީ އެމީހުންގެ "އެންމެ ފަހު ފޭރުމަށް" ތައްޔާރަށް ކަމަށެވެ.

އެލެކްސް ޕީނާ އުފައްދާ އަދި ވެންކޯވާ މީޑިއާއިން ޕްރޮޑިއުސްކުރާ މި ޑްރާމާގެ ފަހު ސީޒަން 10 އެޕިސޯޑް ގެނެސްދޭނެ އެވެ. އަދި މި ފެށުނު އޯގަސްޓް މަހުގެ ތިން ވަނަ ދުވަހު، ފަހު ސީޒަންގެ ޕްރޮޑަކްޝަން މަސައްކަތްތައް ފަށަން މިހާރު އޮތީ ފުރިހަމަ އަށް ތައްޔާރުވެފަ އެވެ. ސްޓްރީމް ކުރަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ލޯބި ހޯދި މި ޑްރާމާ ވަނީ ނެޓްފްލިކްސްގެ ބައެއް ރިކޯޑްތައް ވެސް މުގުރާލައިފަ އެވެ.

ފަހު ސީޒަނަށް އާ ދެ ކެރެކްޓާއެއް

"މަނީ ހައިސްޓް" ގެ ކޮންމެ ސީޒަނެއްގައި ވެސް އާ ކެރެކްޓާތަކެއް ތައާރަފުކުރެ އެވެ. އެންމެ ފަހުން ގެނެސްދިން ސީޒަންގައި އާ ކެރެކްޓާއެއްގެ ގޮތުގައި ތައާރަފު ކުރި، ނަޖްވާ ނިމްރީ ނުވަތަ ސީރީޒްގެ ނަމުން ނަމަ އިންސްޕެކްޓާ ސިއޭރާ އަކީ އެންމެ ކަމުދިޔަ އެކަކެވެ. އެންމެ ފަހު ސީޒަން ނިންމާލި ގޮތުން، ކުރިއަށް އޮތް ސީޒަންގައި އޭނާގެ ރޯލު އަދި ވަރަށް ބޮޑުވާނެކަން ޔަގީނެވެ.

ފަހު ސީޒަންގައި އަލަށް ތައާރަފުވާ އެކްޓަރުންނަކީ ނެޓްފްލިކްސްގެ ސައިކޮލޮޖިކަލް ތުރިލާގައި އުޅުނު ސްޕެނިޝް އެކްޓަރު "ސެންސެސް8" ގައި އުޅުނު މިގުއެލް އެންޖެލް ސިލްވެސްޓާ އަދި ސްޕެނިޝް އެކްޓަރު ޕެޓްރިކް ކްރިއާޑޯ އެވެ. މި ދެ ތަރިންގެ ރޯލާއި ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.

ފަހު ސީޒަން ބަލައިލަން ލިބޭނެ ދުވަހެއް އަދި އިއުލާންނުކުރެ އެވެ.

ސްޕެއިން ޓީވީ ސިލްސިލާ

Popular